Skip to content
އެސްފިޔަ

ތައުބާގެ މަގު

ތައުބާގެ މަގު

އިސްމާޢީލްޢަލީ ކަނދޮޅުދޫ

މިއީ ޒުވާނަކު އޭނާގެ ޒުވާންކަމުގެ ޖޯޝްގައި ހިންގުނުކަންކަމަށް ހިތާމަކޮށް އެކަމަށް ތައުބާވެ،ޙަޔާތް ހެޔޮމަގަށް ދީއްލާލިގޮތުގެ ވާހަކައެވެ.

ޒުވާންކަމުގެ ރީތި ދުވަސްތައް ކަމަށްވާ، އުފާވެރިކަމާއި ފޮނި ހުވަފެންތަކުން ފުރިގެންވާ ދުވަސްވަރެއް މިއަޅާވެސް ދުށީމެވެ. ފެންނަކޮންމެ އަންހެންކުއްޖަކު އަތުއަޅުވާލުމަކީ އެންމެ އުފާވާކަންތަކެވެ.އަހަރެން ގެންގުޅުނީ މާބުރުގެ އުސޫލެވެ. މާގިނަދުވަހަކު އެއްކުއްޖަކާއެކުގައި ނޫޅެމެވެ.ކުދިންގެ އިޙްސާސްތަކައި ކުޅެލުމަށްފަހު،ދޫކޮށްލަނީ އެއްވެސް އަސަރެއްނެތިއެވެ.ރޮއިހޭރި އާދޭސްކުރިއަސް އަހަންނަކަށް އަސަރެއްނުކުރެއެވެ. އެދުވަސްވަރުގެ ކަންކަން ހިތަށް ގެނައުމުން މިއަދު ލަދުގަނެއެވެ.

ކުށްތަކާއި ނުބައިކަންތައްތަކަށް އަހުލުވެރިވެ، ފަހަތް ނުބަލާ ހިންގި މަގުތަކެކެވެ. ދެކޮޅެއް ނުބަލައި، ވިސްނާ ފިކުރު ކުރުމެއް ނެތި، ޝައިޠާނާގެ މަގުތައް މިއަޅާ ކިތަންމެ ފަހަރަކު އިޚްތިޔާރު ކުރީމެވެ. އޭގެ ނަތީޖާއަކަށް ވީ، ހިތްދަތިކަމާއި ހިތްފަޅިވުމެވެ. މަގުފުރެދިފައިވާކަން އެނގުނުއިރު،ވާނޭހައެތިވެނިމިފައެވެ.

އެ ދުވަސްވަރުގެ ނަތީޖާއިން ލިބުނު ހިތްދަތިކަން ބޮޑުކަމުން، ހިތަށް އެއްވެސް ސުކޫނެއް ނުލިބުނެވެ. ދިރިއުޅުމުގެ އެއްވެސް އުފަލެއް މިއަޅާއަށް ނުފެނުނެވެ. ހިތާމައިން ފުރިގެންވާ ދުވަސްތަކެއް ގުނަމުންދިޔައީމެވެ. ފާފަތަކުގެ އަނދިރިކަމުގެ ތެރޭގައި ޖެހި، ކުރިމަގެއް ނުފެނި، ހާސްކަމާއި ބިރުވެރިކަމުގައި ދިރިއުޅުނީމެވެ. ހިތުގައި އުފެދެމުންދިޔަ ހިތާމަތަކުން ސަލާމަތްވެވޭނެ ގޮތެއް ނޭނގި، މަގުހޯދާން ވަރަށް ދަތިވިއެވެ.

ނަމަވެސް، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތްފުޅުން، ދުނިޔެއާއި އާޚިރަތުގެ ހިތާމަތަކުން މިއަޅާ ސަލާމަތް ވުމަށްޓަކައި މިއަދު އިސްލާހުވެއްޖައީމެވެ. ކުރެވުނު ފާފަތަކަށް ތައުބާވެ، ހިތުގެ އެންމެ ފުންމިނުން އިލާހަށް ދަންނަވައިފީމެވެ. ﷲގެ ޙަޟްރަތަށް ދުޢާ ދަންނަވަމުން، ކުރެވުނު ހުރިހާ ފާފަތަކެއް ފޮހެވޭތޯ އެދެމެވެ. އިލާހީ ރަޙުމަތްފުޅަށް އުންމީދުކޮށް، މާތް ﷲގެ މަޣުފިރަތަށް އެދި ހެޔޮ ޢަމަލުތައް ކުރުމުގައި ދެމިހުންނަން މިވަނީ އަޒުމު ކަނޑައަޅައިފައެވެ.