ވަގުތު ބޭކާރު ނުކުރާށެވެ
އަލްޔާ އަކީ މާލެ ކައިރި ރަށެއްގައި އުޅޭ ކުއްޖެކެވެ. އަލްޔާގެ އާއިލާގައި އޭނާގެ އިތުރިން 3 ބޭބެ ހުރެއެވެ. އަލްޔާގެ މި ކުޑަކުޑަ އާއިލާ ވަރަށް ލޯބިން ބަލަނީ މަންމަ އާއި ބައްޕައެވެ. ބައްޕަ މަސައްކަތް ކޮށްގެން ހޯދާ ފައިސާއިން ހުރިހާ ކުދިންނަށް ކިޔަވާދީ، ކާންދީ، ކުދިން ބޭނުންވާ އެއްޗެތި ހޯދައިދީ ހަދައެވެ.
އެއްދުވަހެއްގެ ހެނދުނެވެ. އަލްޔާއަށް ހޭލެވުމާއިއެކު މަންމަ ވާހަކަ ދައްކަން ފެށިއެވެ.
“ދަރިފުޅާ އަލްޔާ!… އަވަހަށް ފާޚާނާއަށް ވަދެ ރީތިވެލައިން ނުކުމޭ. މިއަދަކީ ޢީދު ދުވަސް. ގެއަށްވެސް މިއަދު ވަރަށް ގިނަ ރައްޓެހިން ޒިޔާރަތްކުރާނެ.” އަލްޔާގެ މަންމަ ބުނެލިއެވެ.
“ހޫމމ… ދެން މަޑުކޮށްލާ.. އިރުކޮޅަކުން ރީތިވާނީ.” އެނދުގައި އޮވެގެން އަލްޔާ ބޮޑާހާކާލިއެވެ.
“ތިހެން އުޅުނީމަ ވަރަށް ގިނަ ވަގުތު ގެއްލޭނީ. މިހާރު އަލްޔާއަށް 9 އަހަރު ވެއްޖެ. އަވަހަށް ތެދުވެ މަންމަގެ ބަސްއާހާލައިން ރީތިވެގެން ސައި ބޯން އާދޭ.” އަލްޔާގެ މަންމަ އެހެން ބުނުމަށްފަހު ކާގެޔަށް ދާން ހިނގައިގަތެވެ.
“މަންމާ! އަޅެ އަދިއެއް ނޫނޭ.. އިރުކޮޅަކުން ދާނަމޭ.” އަނެއްކާވެސް ކަންނެތް ގޮތަކަށް ޢަލްޔާ ބުނެލިއެވެ.
“ޢަލްޔާ! އަދި މަންމަ ހަނދާން ނެތިގެން މިދެވެނީ އެއް ވާހަކަ ނުބުނެ. އިރުކޮޅަކުން އަންނާނެ ކުޑާއްތަ. ބުނި މިއަދު ޕޫލްއަށް އެރެންދާ ވާހަކަ. އެހާ ދުވަސްކޮށްފަ ރަށަށް އައިމަ ޢަލްޔާ ވެސް ގޮވައިންނޯ ދާނީ. އެހެން ވީމަ މިބުނީ. ދެންވެސް އަވަސްކޮއްލާ.” ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު މަންމަ ކާގެޔަށް ދިޔައެވެ.
“އައްސަލާމް ޢަލައިކުމް. ޢީދު މުބާރަކް..” ގެއަށް ވަދެގެން އައިސް ކުޑާއްތަ އަލްޔާގެ މަންމަ ގާތުގައި އިށީނެވެ.
“ޢީދު މުބާރަކް. އަވަހަށް ހިނގާ ސައިބޯން. ޢީދު ބޯކިބާ ހުންނާނެ.” ޢަލްޔާގެ މަންމަ ސައި ހަދަން އުޅުނެވެ.
“އިރުކޮޅަކުން މިގެއަށް އަންނާނެ އަހަރެންގެ ރައްޓެހި ބައެއްވެސް ސައި ބޯން. ކޮބާ ޢަލްޔާ؟ އަދި ނުހޭލާތަ؟” ކުޑާއްތަ އަހާލިއެވެ.
“ނޫން. ހޭލައިގެން އަދި ރީތި ނުވެ، ސައިވެސް ނުބޮއި ހަމަ އޮތީ. ރީތި ވާށޭ ބުނެފަ މިއައީވެސް.” ޢަލްޔަގެ މަންމަ ބުނެލިއެވެ.
ޢަލްޔާގެ ކުޑާއްތަ ގާތް ގަނޑަކަށް ގަޑިއިރެއް ވަންދެން އެގޭގައި އިނެވެ. އެހެން ނަމަވެސް ޢަލްޔާ ރީތިވާކަށް ނޫޅުނެވެ. ޢަލްޔާ ރީތި ނުވުމުން އެކަމާ ދެރަވެގެން ކުޑާއްތަ ގޮސް ޢަލްޔާގެ ކޮޓަރިއަށް ވަނެވެ.
“ޢަލްޔާ! ކުޑާއްތަ އަށް ދެން ޢަލްޔާ ރީތިވަންދެން މަޑެއް ނުކުރެވޭނެ. މިހާރު ޕޫލްއަށް އެރެން ދީފަ އިން ގަޑި ޖެހިގެން ދިޔައީ. ޢަލްޔާ ރީތި ވޭތޯ ހުރެހުރެ ކުޑާއްތަ ވަރުބަލިވެއްޖެ. ކުޑާއްތަގެ ރައްޓެހިން މިހާރު ކުޑާއްތަ ނުގޮސްގެން ވަރަށް ގުޅާއެބަ. އެހެންވީމަ ދެން ދަނީ..” ކުޑާއްތަ ދެރަވެގެން އެގެއިން ނުކުމެގެން ދިޔައެވެ.
ގިނައިރު ތަކަކަށްފަހު ރީތިވެގެން ޢަލްޔާ ސައިބޯން ދިޔައެވެ. އޭރު މަންމަ އުޅެނީ އަވަދިނެތި މެންދުރަށް ކައްކާށެވެ. ޢީދު ދުވަހުގެ މެންދުރު ކެއުމަށް ޢާއިލާގެ އެންމެ ގިނަ މީހުން ކާން އަންނާނީ އެގެއަށެވެ.
“މަންމާ! ޢަލްޔާ ބޭނުން ޕޫލަށް ދާން. ކުޑާއްތައަށް ގުޅާބަލަ.” ޢަލްޔާ ޕޫލަށް ދާހިތުން ބުނެލިއެވެ.
“އަދި ތިހުރީ ސައިވެސް ނުބޮއެ. ކުޑާއްތަ ކިހާ ގިނައިރު އިނދެފަ އެދިޔައީ. ސައި ނުބޮނީސް މަންމަ ނުގުޅާނަން.” ހިތްހަމަ ނުޖެހިފައިހުރެ މަންމަ ބުނެލިއެވެ.
“ސައި ބޯނަން އައިސްފަ. ޕްލީޒް މަންމާ! ގުޅާދީބަ…. އާނ ހެޔޮ އެހެން ވިއްޔާ. ސައި ބުއީމަ ގުޅާދެއްޗެ.” ޢަލްޔާ ޕޫލަށް ދާހިތުން އުޅެން ފެށިއެވެ.
ވަރަށް އަވަސް އަވަހަށް ޢަލްޔާ ސައިބޮއެ ނިންމާލިއެވެ. އަދި ޕޫލަށް ދާހިތުން ސްވިމިންގ ސޫޓް ލައިގެން އައިސް މަންނަ ގާތަށް ހުއްޓުނެވެ. އެވަގުތު މަންމަ ކުޑާއްތައަށް ގުޅާފައި ޢަލްޔާ ޕޫލަށް ދާން ބޭނުންވާ ވާހަކަ ބުނެ ޢަލްޔާ އަތަށް ފޯނު ދިނެވެ.
“ޢަލްޔާ! ކިހާދެރަ. މިހާރު ކުޑާއްތަ އަށް ދީފަ އިން އެއްގަޑިއިރު ހަމަވެގެން ޕޫލް ނިންމާލަފަ ފެންވަރަން މިދަނީ. އެހެން ވާނީ ބުނި ވަގުތު އަވަސް ނުކުރީމަ. ދެންވެސް ރެޑީވޭ ކުޑާއްތަ އާއިއެކު މިރޭ ހަވާ އަރުވާތަން ބަލަންދާން.” ކުޑާއްތަ އެހެން ބުނުމަށްފަހު ފޯނު ބޭއްވިއެވެ.
އެވަގުތު ޢަލްޔާއަށް ވަރަށް ރޮވުނެވެ. ޕޫލަށް އެރޭހިތުން ހުރި ޢަލްޔާ ދެރަވެގެން ރޮއި ރޮއި އޮއްވާ ނިދުނީއެވެ.
ރޭގަނޑުގެ ވަގުތެވެ. ޢަލްޔާ އިނީ ޢީދު ހަދިޔާއަކަަށް ލިބުނު ކުޅޭއެއްޗެއް ނަގައިން ކުޅޭށެވެ. ވަގުތަށް ނަމާދު ނުކުރުމުން މަޢްރިބް ނަމާދު ފާއިތުވީވެސް ކުޅެން އިންދައެވެ. ހަމަ އެގޮތަށް ޢިޝާ ނަމާދުވެސް ނުކޮށް ޢަލްޔާ ކުޅެލަކުޅެލާ އިނެވެ. މަންމަ ބުނުމުންވެސް ނަމާދެއް ނުކުރެއެވެ.
ހަވާ ބަލަން ދިއުމުގެ ކުރިން ކުޑާއްތަ އެގެއަށް ކާން އައެވެ. އަދި ޢަލްޔާ ކުޅެން އިން ކޮޓަރިއަށް ވަނެވެ.
“ޢަލްޔާ! ދޫނީ.. މިއަދުގެ ނަމާދުތައް ކުރީންތަ؟” ކުޑާއްތަ ސުވާލު ކުރިއެވެ.
“ނޫން. ކުޑާއްތަ ޕޫލަށް ނުގެންދިޔައިމަ މިއަދު އެއްވެސް ނަމާދެއް ނުކުރަން.” އަލްޔާ ނުރުހުން ވެފައި ބުނެލިއެވެ.
“ޢަލްޔާ! އަޅެ ބުނެބަލަ. ޢަލްޔާއަށް ބުނިގޮތް ނުހެދުނީމައެއްނު ޕޫލަށް ނުދެވުނީ. އެކަމާ ކުޑާއްތަ ދެކެ ރުޅިއަންނާކަށް ނުވާނެ. އަނެއްކާ އެއްވެސް ނަމާދެއް ނުކުރަމޭ ތިބުނީ. ނަމާދު ކުރަންވާނީ މީހުންނަކަށް ނޫން. މީހަކު ޢަލްޔާއަށް ކަމެއް ކޮށްދެންޏާއެއްވެސް ނޫން. ނަމާދަކީ ވަކި ވަގުތު ތަކަކަށް ކޮންމެހެން އަދާ ކުރަންޖެހޭ އަޅުކަމެއް. ދެން ކައިފިންތަ؟” ކުޑާއްތަ ނަސޭހަތް ދިނެވެ.
“ނުކަން.. އިރުކޮޅަކުން ކާން ދާނީ. މިކަހަކަ ކުޅޭއެއްޗެއް އަދި ދުވަހަކުވެސް ނުލިބެ. ކުޅެލާފަ ދާނީ.” ޢަލާޔް ބުނެލިއެވެ.
“ކުޑާއްތަ މިއައީ ހަވާ ބަލަން ދިޔުމުގެ ކުރިން ކާން. ކައިނިމޭ ގޮތަށް ކުޑާއްތަ ދާނަން. ޢަލްޔާ ނަމާދު ކޮށްގެން، ކުޅެނިމިގެން، ކައި ނިމިގެން ދާންވާއިރަށް ހަވާ އަރުވާ ނިމޭނީ ކަންނޭނގެ. ޢަލްޔާ ނުކަންޏާ އިނދޭ. ކުޑާއްތަ ދަނީ.” ކުޑާއްތަ ބުނެލިއެވެ.
ކުޑާއްތަގެ ވާހަކަތައް އަޑު ނާހާ މިފަހަރުވެސް ޢަލްޔާ އިނީ ކުޅޭށެވެ. އިރުކޮޅަކުން ޢަލްޔާއަށް އިވުނީ “ޕޮއް” ޕޮއް” ކިޔާ ހަވާއަރުވާ އަޑެވެ. ފަޔަށް ބާރުލާފައި ޢަލާޔް ދުއްވައިގަތީ އޭނާގެ މަންމަ ގާތަށެވެ.
“މަންމާ! މަންމާ! ޢަލްޔާ ބޭނުން ހަވާ ބަލަން ދާން.” ޢަލްޔާ ބޮޑާހާކާލަމުން ރޮވޭގޮތް ވިއެވެ.
“ދެން ކިހިނެއް އެހިސާބަށް ދާނީ. ދާންވާއިރަށް ނިމޭނެ. ދެން މިގޭ ދޮރުމައްޗަށް ނުކުތީމަ ކުޑަކޮށް ފެންނާނީ.” މަންމަ އެހެން ބުނަމުން ޢަލްޔާ އާއިއެކު ބޭރަށް ނުކުތެވެ.
“އަޅޭ!!! ގެތަކާ ގަސްތަކާ މިތާ ގިނަވީމަ ވަރަށް ރީއްޗަކަށް ނުފެނެ. ހަމައެކަނި އަޑު އެއިވެނީ. ދެން ހިނގާބަލަ ދާން މަންމާ!” ޢަލްޔާއަށް ރޮވެން ފެށިއެވެ.
“ޢަލްޔާ! މިޖޯލީގަ އިށީންދެބަލަ. މިއޮއް ޢީދު ދުވަހު ޢަލްޔާއަށް ތިވީ ކިހިނެއް؟ މިއަދު ޢަލްޔާއަށް އެއްވެސް ކަމެއް ނުކުރެވުނު. ޕޫލަކަށް ނުދެވުނު. އެކަމާ ރޮއެގެން ހަވީރު ވީއިރުވެސް ނިދާފަ އޮތީމަ ކުޑަ ކުދިންގެ ކުޅިވަރުތައް ކުޅޭކަށްވެސް ނުދެވުނު. ދެން މިރޭ ހަވާ ބަލަންވެސް ނުދެވުނީނު. ކިހާދެރަ. މަންމަމެން ބޮޑެތި މީހުން ބުނާ ގޮތަށް ނުހެދުނީމަ ވީގޮތްތީ.” ޢަލްޔާ ރޮމުން ދިޔައިރު ޢަލްޔާގެ މަންމަ ނަސޭހަތް ދެމުން ދިޔައެވެ.
“ޢަލްޔާއަށް އެނގޭތަ؟ ވަގުތަކީ މިދުނިޔޭގަ އެންމެ އަގު ބޮޑު އެކަތި. ވަގުތު ލިބޭއިރު ވަގުތުގެ ބޭނުން ކުރަންވާނެ. ކޮންމެ ވަގުތަކީވެސް ކޮންމެސް ބޭނުންހުރި ފައިދާވާ ކަމެއް ކުރާ ވަގުތަކަށް ހަދަންވާނެ. ވަގުތު ގެއްލުނީމަ، ދެން އަނބުރާ އެ ވަގުތެއް ނުލިބޭނެ. އަދި ބުނަންތަ؟ ކޮންމެ ކަމަކަށްވެސް އޮންނާނެ ވަކި ވަގުތުތަކެއް. މިއަދުވެސް ވަގުތު ލިބި ނަމާދުތައް ވެސް ނުކުރެވުނެއްނު. ކިތައްކަންތައް އެގެއްލުނީ؟ އެހެންވީމަ މީގެ ފަހުން ކޮންމެ ކަމެއްވެސް އެކަމެއްގެ ވަގުތުގަ ކުރެވޭތޯ ބަލަންވާނެ.” މަންމަ ބުނެލިއެވެ.
މަންމަގެ ނަސޭހަތާއި އެކު ޢަލްޔާ ބުނީ ދެން މީގެފަހުން ކޮންމެ ކަމެއްވެސް އެކަމެއްގެ ވަގުތުގައި ކުރާނެކަމަށެވެ.
-ނިމުނީ-
ވާހަކައިން ހާސިލްވި ބައެއް ޢިބްރަތް:-
* ނަމާދުތައް އޭގެ ވަގުތުގައި ކުރުން.
* ނަމާދު ކުރަންވާނީ ކަމަކަށް/މީހަކަށް ނޫން. ﷲ އަށްޓަކައެވެ.
* ބެލެބިވެރިންގެ ބަސް ނޭހުމުން ދެރަ ލިބޭނީ ކުދިންނަށް.
* ކޮންމެ ކަމަކަށް ހާއްސަ ވަގުތު ތަކުގައި އެކަމެއް ކުރުމުގެ މުހިއްމުކަން.
* ގެއްލުނު ވަގުތެއް ފަހުން އަނބުރާ ނާންނާނެކަން.
One Comment
Comments are closed.







d