މަލްސާ ނިދި އަންނަނީކަމަށް ބުނެ ގޭތެރެއަށް ވަނެވެ. ރީހާވެސް ޖޯލި އެތެރެއަށް ލުމަށް ފަހު ގެއަށް ވަނެވެ.
”ކޮބާ؟ ރީތި ދޯ މެދަށް އެހުރި ކުއްޖާ؟“ ރީހާ އުފަލުން ހުރެ އަހާލިއެވެ.
”ކާކު؟“ މަލްސާ އެހިއެވެ.
”މާޒުއޭ އެއީ … ރޭގަ މަށާ ދިމާމި… އެއްކަލަ އަހަރެމެން ކުރިމަތިން ހިނގާފަދިޔަ އެއްނުން ފިރިހެނުން ތަކެއް؟“ ރީހާ ކިޔައިދިނެވެ.
”ރީހޫ ކޮންބައެއް؟ އެއްވެސް ބައެއް ނާދޭ އަހަރެމެން ތިބިތާކަށް!“
”ނޫނެކޭ… އަހަރެމެން ކުރިމަތިން ދިޔައީ ވެސް“ ރީހާ ކުޑަޮ ބިރުގަންނަ ގޮތް ވިއެވެ.
”ނޫން ރިހޫ. އެއްވެސް މީހަކު ނާދޭ. الله ގަންދީ ހުވާކުރަން!“ މަލްސާވެސް ބިރުގަަންނަ ގޮތް ވިއެވެ.
———————————————————————————————- ބާބް 2
އެރޭ ދެކުދިން ކުރެ އެކަކަށްވެސް ނުނިދުވެ. ދެކުދިންވެސް ތިބީ އިންތިހާއަށް ބިރުންނެވެ. ރީހާ ހުރީ މަލްސާދެކެ ރުޅިވެސް އައިސްފައެވެ. މަލްސާ އެފަދަ ގޮތަކަށް ރީހާ ބިރުގެންނުވީ ކީއްވެތޯ ރީހާ އޭނާގެ އަމިއްލަ ނަފުސާއި ސުވާލުކުރިއެވެ. މަލްސާއަށް ރީހާއަކީ އެފަދަ ވާހަކަތަކާ ކަންތައްތަކާ ބިރުގަންނަ ކުއްޖެއްކަން އިނގޭނެއެވެ. މަލްސާވެސް އޮތީ ހަމަ އެހާލުގައެވެ. ކޮންއެކަސް ދެމީހުންކުރެ މީހަކަށް ފަތިސް ވީއިރުވެސް ނިދޭގޮތެއް ނުވިއެވެ.
އާދުވަހަކަށް އިރުރައިފިއެވެ. ރީހާއަށް ހޭލެވުނީ މަލްސާގެ ފޯނަށެވެ. އޭރުގަޑިން ދިހައެއްޖަހަނީއެވެ. މަލްސާ މަސައްކަތަށް ނުކުތީ ސައިހަދާފައި ކަމަށް ބުންޏެވެ. އަދި ކާރު ހަދަންދޭން ހަނދާން ކުރުމަށް ބުންޏެވެ. ރޭވީ ކަންކަން މަތިން މިހާރު ރީހާގެ ސިކުނޑިއަކު ނެތެވެ. އަވަހަށް ރީތިވެލަން ގިފިއްޔަށް ވަނެވެ. އިހުޒަމާނު ވައްތަރު ގެއެއް ކަމުން ގޭގައި ހުންނާނީ އެންމެ ގިފިއްޔެކެވެ. ފާހާނައެއް ނުހުރެއެވެ.
ފާރުތައް ހުރި ރެނދުތައް ފޮރުވުމަށް ރީހާމެން ވީވަރަކުން ސިމެންތި ޖަހާފައި ހުރެއެވެ. ގެ ރީތިކުރުމަށް ދެ ކުދިންވެސް ސަމާލުކަން ދެއެވެ. ކުޑަދޮރުތަކާއި ފަންކާތައް ކޮންމެ ހަފްތާއަކުހެން ސާފުކުރާނެއެވެ. ރީހާގެ ކޮޓަރިވެސް އަދި މަލްސާގެ ކޮޓަރިވެސް ހުންނާނީ ވަރަށް ލޯބިކޮށް ޑެކަރޭޓް ކޮށްފައެވެ. އަދި ސިޓިންރޫމްގައި ރީތި ގަސްތަކާއި މަލްސާގެ މޮޅު ކުރެހުންތައް ފްރޭމްކޮށްފައި ހުރެެއެވެ. ކޮންމެކަސް ވަރަށް ހިތްމަޖެހޭފަދަ މާޙަލެއް ލިބޭ ގެއެކެވެ.
ނަމާދުކޮށްލައި އަވަދިވެގެން ރީހާ ކެއްކުމައިގެން އުޅެގަތެވެ. އަލަމާރި ހުޅުވާލުމަށް ފަހު ކައްކާނީ ކޯއްޗެއްތޯ ވިސްނާލިއެވެ. ބަތްކައްކަން އުދިއެވެ. އަބަދުވެސް ރީހާމެން ބަތްކައްކަނީ އަޅި އުނދުނުގައެވެ. ހަރަދު ކުޑަކުރަން ކުރާކަމެކެވެ. ދެން އަލުވި މަޑުކުރަންވެސް އެތެއްޔަށް އަޅާލިއެވެ. އަދި ކުކުޅު މަސްކޮޅެއް ނަގައި ހަނާކޮށްލިއެވެ. މިއަދު ރީހާ ރިހަ ކާހިއްނުވީއެވެ. މަލްސާ އެންމެ ކާހިއްވާ ގްރިލް ޗިކަން އަދި މޭޝްޑް އަލުވި އަދި ލޮނުމެދު ބަތްކޮޅެކެވެ. އަދި މިޔާއެކީ ބޯން ޖޫސް ވެސް ތައްޔާރު ކުރިއެވެ. މަލްސާ އެއަރޕޯރޓުން އަންނަގޮތަށް ހުންނާނީ ވަރަށް ބަނޑުހައިވެސް ވެފައެވެ. އޭނާ ވަރަށް އުފާވާނެއެވެ. މިކަން ރީހާ ވަރަށް ދަނެއެވެ.
”ރީތި ވަންވީ. އަދި ކާރުވެސް ގެންދަން އެބަޖެހޭ“ ރީހާ ހިތަށްއެރިއެވެ. އަވަސް އަރުވާލަމުން އަވަހަށް ގިފިއްޔަށް ގޮސް ފެނވާރާލިއެވެ. ދެން އަވަހަށް ރީތިވެލިއެވެ. ރަތް ޓޮޕަކާއި ދޫ ހަރުވާޅެކެވެ.
ގޭގެ އެއްފަރާތުގައި ޕާރކުކޮށްފައި އޮތް ރަތް ކުލައިގެ ކާރަށް އޭނާ ބަލާލިއެވެ. ”ކޮންފަދަ ބޮޑު ކަމެއް“ ރީހާއަށް ބުނެލެވުނެވެ. ދޮގެއްވެސް ނޫނެވެ. ފެންސުގައި ޖެހުނުތަނުން ކާރުގެ ކަވަރު އެއޮތީ އެކީހެން އެތެރެއަށް ވަދެފައެވެ. ވާތު ހެޑް ލައިޓާއި ސައިޑްލައިޓް އެޔޮތީ އެކީހެން ތެޅިފައެވެ. ރީހާ ދެލޯ ބޮޑުކޮށްގެން ބަލަން ހުރީ މިފަހަރު ރީހާ އަތުން ދާނެ ހަރަދާ މެދުވިސްނަމުން ނެވެ. ކުރާނެ ކަމެއް ނެތެވެ. އެހީއެއް ވެދޭން ހުންނާނީ ހަމަ މަލްސާއެވެ. އެކަމަކު ރީހާ މަލްސާއަށް އޭނާ ފަރާތުން ވިކަމަށް ވުމުން ލާރި އަށް އެދުން ވީ ވަރަށްވެސް ހުތުރު ކަމަކަށެެވެ.
ގަރާޖު ހުންނަނީ ފުދޭވަރަކަށް ދުރުގައެވެ. ގަރާޖު މީހާއާއި ވާހަކަ ދެއްކުމުން އެމީހާ ބުނީ ކަވަރު ޖެހޭނީ ބަދަކު ކުރަން ކަމަށާއި މިވަގުތު ރީހާގެ ކާރުގެ މޮޑެލް ނެތްކަމަށެވެ. އެކަމު ތެޅިފައި ވާ ހެޑްލައިޓް އާއި ސައިޑްލައިޓް ބަދަކުކޮށްދޭން އެއްބަސް ވިއެވެ. އެތާ ނިމެންދެން މަޑުކޮށްލަން ކަމަށް ގަރާޖު އެއްފަރާތުގައި ހުރި ގޮނޑިއެއް ގައި ރީހާ އިށީނދެލިއެވެ. އެތާހުރި ޒުވާން ފިރިހެން ކުއްޖަކު ސައިކަލެއްގެ މަސައްކަތް ކުރަނުން ދެއެވެ. ބޯދިގުކޮށް އިސްތަށިގަނޑު އައްސާލާފައި ހުރި އިރު ސިނގެރޭޓް އެއް ބޮމުން އޭނާދެއެވެ. އިރުއިރު ކޮޅާ އޭނާ ރީހާއަށް ކަޅި އެއްލާލައެވެ. ތެދެކެވެ. ރީހާއަކީ ބަންޓަަން ފުރިހަމަ ކުއްޖެކެވެ. އެޔާއެކު މިފަދަ ބެލުންތައް އޭނާއަށް އަމާޒުވުމަކީ ރީހާއަށް އާކަމެއް ނޫނެވެ. މާގިނައިން ބަލަންޏާ އޭނާއަށް އުނދަގޫވެއެވެ. މިހެންވެސް ވީހާ ދޫކޮށް އެކަމު ހަޑިނުވާވަރަށް އޭނާ ހެދުން ހޯދައެވެ.
ރީހާގެ މޭމައްޗަށާއި ފައިގެ ފަލަމަސްގަނޑާއި ދިމާލަށް އެމީހާ ބާލާވަރުން އުނދަގޫވިއެވެ. އަދި ސިނގެރޭޓްގެ ދުންތައްވެސް ރީހާއަށް އުނދަގޫކުރަމުން ދިއެވެ. މަޤްރިބް ނަމާދު ބަންގި ގޮވައިފިއެވެ. ރީހާގެ ކާރު މަސައްކަތް ކުރަންހުރި ގަރާޖުމީހާ ނަމާދުކޮށްލައިގެން މިއަންނަނީ އޭ ބުނެފައި ދިޔައެވެ. އިކުކޮޅެއްނުވެ ރީހާއާ ދިމާލަށް ބަލަން ހުރި މިހާ، ރީހާއާއި ދިމާލަށް މަޑުމަޑުން ހިނގަންފެށިއެވެ. ރީހާ ނުފެންނަކަމަށް ހަދާފައި މަގާ ވީދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
”މަންޖޭ… ހާދަ ނަލައޭ“ ރިހާއާއި ދާދި ގާތުން ފަހަތުން އެމީހާގެ އަޑުއައެެވެ. ރީހާ ބިރުގަތެވެ. އިންތިހާއަށެވެ. މިވަގުތު ކައިރީގާ މީހަކުވެސް ނެތެވެ.
” އަހަރެންނާ ވާހަކަ ނުދައްކަންތަ ތިހުރީ؟ ބާލާބަލަ މިކޮޅު… އޭތް! ބީރުތަ؟ ބަލާށޭ!“ އޭނާ ހަޅޭލަވައި ގަނެފައި ރީހާގެ ކޮނޑުގައި ހިފިއެވެ. އަދި ގޮނޑިއާއެކު ފަހަތަށް ރީހާ އަނބުރާލިއެވެ. ބިރުން ހުރި ރީހާ އޭނާގެ ލޮލުން ހޯސްލައިފާ ކަރުނަތައް އޮހި ގަތެވެ. ވާން އުޅޭ ގޮތް އޭނާއަށް މާ ރަނގަޅަށްވެސް އިނގެއެވެ.
” މަންޖެ މަ ބުނާ ގޮތް ހަދާނީ. ބުނާ ކަމެއް ކުރާނީ.“ އެމީހާގެ މޫނު ރީހާގެ މޫނާ ގާތް ކުރަމުން ބުންޏެވެ. ސިގެރޭޓްގެ ވަސްގަނޑު ރީހާގެ ނޯށަށް އެރިއެވެ. ރީހާ އޭނަ ލޯ ބާރުލައިފާ މަރާލިއެވެ. اللهއަށް ވަކީލުކުރިއެވެ. މިކަމުން ސަލާމަތް ކުރައްވާތޯ ދުއާކުރިއެވެ.
ބެލްޓުގެ ކަމަރު ނެއްޓޭ އަޑު ރީހާއަށް އިވުނެވެ. ރީހާ ހިންދުރިވާލިއެވެ. އެމީހާގެ ހުނުމުގެ މަޑު އަޑު ހުއްޓެވެ. ކުއްލިކަށް އިންޖީނުގެ އަޑާއެކު ބަރު އެއްޗެއެއް ވެއްޓޭއަޑު އިވުނެވެ. އަދި ކުރިމަތީ ހުރި މީހާ އަލޭ ލަވައި ގަތް އަޑު އިވުނެވެ. ބަން.. ބަން …. ބަން… ޖަހާ އަޑާއި އަނިޔާކުރާ އަޑު ހިފިއެވެ. ދެން އިސާހިތަކު ހިމޭން ވެއްޖެއެވެ.
މީހެއްގެ އަތް ރީހާގެ މޫނުގައި ފިރުމާލިއެވެ. މަޑުންނެވެ. ރިހާ އަދިވެސް ހުރީ ލޯމަރައިގެނެވެ. ބިރުން ގޮސް ރިހާ ހަޅޭލަވަން ހުޅުވި އަނގައިން އަޑެއް ނައެވެ. ތުރުތުރު އަޅައަޅާ ހުއްޓެވެ.
”ރިހާ… އޭތް ލޯ ހުޅުވާލާ ….“ ރީހާ މަޑުމަޑުން ލޯ ހުޅިވާލިއެވެ. ކުރިމަތީގައި ހުރީ އޭނާގެ ރޭގައި މާ ރަނގަޅަށް ވެސް ބިރުގަންނަވާލީ މާޒެވެ.
” ނު ރޮއެ އެނިމުނީ… ނެތެއްނުން އެމީހާ….“ މާޒް ރީހާ މައްސަލާ ކުރެވޭތޯ އުޅުނެވެ. ރިހާ ބަލާކަށް ނުހުރެ މާޒްގެގައިގާ ބާރަށް ބައްދާލިއެވެ. އަދި އަޑުން އަޑު ނަގައި ރޯން ފެށިއެވެ. މާޒުގެ އަތުން ރީހާގެ ބޮލުގައި ފިރުމަމުން ދިޔައެވެ.
”އިޓްސް އޯކޭ…“ މިހެން މަޑުމަޑުން ކިޔާލަ ކިޔާލާ ހުއްޓެވެ. މިހެން އިރުކޮޅެއް ވަންދެން ރީހާ މާޒުގައިން ދޫނުކޮށްލާ ހުއްޓެއެވެ. އިސާހިތަކު މަޑުމަޑުން ރީހާގެ ގިސްލުން މަޑުވިއެވެ.
މާޒުގެ ކޮނޑުން ބޯހިއްލާ ބަލާލިއިރު އެއްކަލަ މީހާ ހަބަރު ހުސްވެގެން ވެއްޓިފައި އޮތެވެ.
ގަރާޖުމީހާ އައުމުން މާޒް އޭނާއަށް ހުރިހާ ކަމެއް ވީގޮތް ކިޔައިދިނެވެ. ގަރާޖު ބަންދުކޮށްފާނެތީ އޭނާ އެދުނީ ޕޮލިހުންނަށް ނުގުޅުމަށެވެ. އަދި އާއިލާ ކުއްޖެއްކަމުން އޭނާ ކުރި ކަންކަމުގެ ޒިންމާނަގާނެކަމުގެ ޔަޤީންކަންވެސް ދިނެއެވެ. ރީހާގެ ވެސް އެދުމާއެކީ އެގޮތަށް އެކަން ކުރަން ނިންމިއެވެ. ރީހާއަށް ޝުކުރު އަދާކުރަމުން ކާރުގެ ހުރިހާ މަސައްކަތެއް ހިލޭ ކޮށްދޭ ގޮތަށްް ނިންމިއެވެ.
މާޒް އެދުނީ ބޭރަށް ނުކުމެލުމަށެވެ. ދެމީހުން އެކީ އަތިރިމަތީ އިން ޖޯއްޔެގައި އިށީނެވެ. ރީހާ އިނީ އެއްޗެއް ބުނަންވެސް ލަދުން ނެވެ. ނުދަންނަ މީހެއްގެ ގައިގާ ބައްދާ ރޮއެ ހެދުނީއެވެ. އަމިއްލާ ދިފާއުގައި އެއްކަމެއްވެސް ނުވިއެވެ. ރީހާގެ ސިކުނޑި ބުނަމުން ދިޔައެވެ.
”އަމިއްލައަށް ނަފްސު ކަޑަކަން ދޯ ތިކިޔަނީ؟“ މާޒް ބުންޏެވެ.
”ކިހިނެއް…“
”އިޓްސް އޯކޭ… ހަމަ ނޯރމަލް ކަމެއް ތިއީ. ތިހެން ވިސްނުން.“ މަޑުމޮޅި އަޑަކުން މާޒް ވާހަކަ ދެއްކިއެވެ.
”މާޒް…“ ރިހާ މާޒްއާއި ދިމާލަށް ބަލާލިއެވެ. އޭނާ ނެތްނަމަ ކޮންފަދަ ހެއްޔެވެ؟ ރީހާ އަނެއްކާވެސް ހިތުގައި ޖެހުނެވެ. ދެލޯ ކަރުނުން ބަރާވިއެވެ. މޫދާ ދިމާލަށް ބަލާލިއެވެ.
”އަހަރެންވެސް ހިނގާލަން ނުކުންނަނި ކޮށް އަޑެއް އިވުުނުހެން ހީވީމަ ދިޔައީ. ދެން… ނުވިސްނާތި އެކަމާ. އޭނާއަކަށް ނުކެރޭނެ ރީހާ ފެންނަ ފަށަށްވެސް އަރާކަށް.“ ހިނިތުންވެލަމުން މާޒު ބުންޏެވެ. މާޒުގެ ލޯ ރަތްވިލާގެ އަލިން ރަތް ވެފައިވާ ފަދައެވެ. އެހާވެސް ރަތްކަން ގަދައެވެ.
”ރޭގަ ކީއްވެ އެއްޗެއް ނުބުނެ ދިޔައީ“ ރީހާ ސުވާލު ކުރިއެވެ.
”ރީހާ އެހެން ކުއްޖަކާއެކު އިނީމަ ނުކެރުނީ“ މާޒް ބުންޏެވެ.
”އެއީ މަލް! މައި ސިސް، ބެސްޓް ފްރެންޑް… އިނގޭތާ އެނާ ބުނި މީހަކު ނުދެޔޯ ހިނގާފަ، ދެން އަހަރެންނަށް ހީވީ މަށަށް އެކަންޏޭ މާޒްމެން ފެނުނީ“ ރީހާ ބުންޏެވެ.
”ސޯ… މަގޭ ޖިންނިއަކަށް ހެދީ ދޯ؟“ މާޒް ވަރުގަދަ ހިނިގަނޑެއް ޖެހިއެވެ. ރީހާއަށްވެސް ހެވުނެވެ.
”ޖިންނިންނަށް މިހެން ހެދޭނެތަ؟“ މާޒް އެއްމިޔަކަނުން ހީލުމަށް ފަހު މަޑުމަޑުން ރީހާގެ ތަތްތިލަ ނެގިއެވެ. އަދި ވަރަށް މަޑުމަޑުން ރީހާގެ އަތްތިލަމަތީ ފިރުމާލިއެވެ. ރިހާއަށް ލޯމަރާލެވުނެވެ. އެވަގުތު މާޒް ރީހާއާ ގާތް ވެލުމަށް ފަހު ރީހާގެ ކަންފަތު ކައިރީގައި ސިއްރުން އެހިއެވެ.
”އަހަރެން މިއީ އިންސާނެއް ނޫންނަމަ…“
———————————އަދި ނުނިމޭ————————————————
ނޯޓް: ވާހަކައިގެ ދެވަނަ ބާބް ލިޔަން ލަސްވުމުން ކިޔުތެރިންގެ ކިބައިން މަޢާފަށް އެދެން. ކުރިއަށް ހުރި ބާބުތައް މިޔަށް ވުރެ އަވަހަށް ނެރެވޭނެ ކަމަށް އުންމީދު ކުރަން. ވާހަކަ ކަމުދާ ނަމަ ނުވަތަ ރަނގަޅު ކޮށްލަން ކަމެއް ބޭނުންވާ ނަމަވެސް ކޮމެންޓް ކޮށްލުން އެދެން. ޝުކުރިއްޔާ
– ކަށިކެޔޮ
2 Comments!
Comments are closed.

Hama bunelan beynumee kashikeyolekey thee
Ekam mistakes madhun namaves ebahuri kan faahaga kohlan
Suvaaleh kohlan beynun furathama vhk liyan engey thr?
Kudha kudha improvement eh hama beynun vany eyrun you
Will be a successful author thank you
Shukuru varah ves! Yes will try improve on those mistakes IA. Asslu liyaane nameh neygigen kashikeyo jehee hahaha kashikeylakah veethaa dho!