ބައްޕަ ދެއްވި ހަދިޔާ
އަސަދު ﷲ އަކީ އުމުރުން 10 އަހަރުގެ ކުއްޖެކެވެ. އެއީ މަންމަ އާއި ބައްޕަގެ ހުރި އެންމެ ކުޑަ ކުއްޖާއެވެ. އާއިލާގެ ތަރުތީބުން ނަމަ 4 ވަނަ ދަރިފުޅެވެ. އަސަދު ﷲ ގެ އެންމެ ބޮޑު އުންމީދަކީ މަންމަ އާއި ބައްޕަގެ ބަސްއަހައިގެން ކިޔަވާ މޮޅު ކުއްޖަކަށް ވުމެވެ.
އެއްދުވަހަކު އަސަދު ﷲ އޭނާގެ ބައްޕަ އާއި އެކު ކާން އިށީނެވެ. ކެއުމުގެ ވަގުތެއްގައި ބައްޕަ ކަނީ މަންމަގެ އިތުރުން ހުރިހާ ކުދިންނާއި ވެސް އެކީ ގޭގައެވެ. ގިނަ ވަގުތު ތަކުގައި ބައްޕަ މިގޮތަށް ކަންތައް ކުރަނީ ހުރިހާ ކުދިން އުފާކޮށްލާ އާއިލީ ގުޅުން ބަދަހި ކުރުމުގެ ގޮތުންނެވެ. އެއީ ވަރަށް ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅަކަށް ވާނެތީއެވެ.
ކެއުން ކުރިޔަށްދިޔަ ވަގުތު ބައްޕަ ހުރިހާ ކުދިންނާ މުޚާތަބުކޮށް ވާހަކަދެއްކިއެވެ. އެކި ކަންކަމާ ގުޅުންހުރި އެކި ވާހަކަތަކެވެ. ގިނަ ނަސޭހަތްތަކާއި ކަންކަން ކުރަންވީގޮތުގެ ޢިރުޝާދުތަކެވެ.
“ދަރިފުޅުމެންނަށް އެނގެއެއްނު. ހަފްތާއެއް ފަހުން ރަމަޟާން މަސް ފެށެނީ. އެހެންވީމަ ބައްޕަ މިއަދު ބޭނުން ވަރަށް ބޮޑުކަމެއްގެ ވާހަކަ ބުނަން.” ބައްޕަ ބުނެލިއެވެ.
“އަޅުގަނޑަށް އެނގޭ ކޮންކަމެއްކަން. ބުނަން ތިއުޅެނީ މަންމައަށް ވަރަށް ގިނައިން އެހީވައްޗެއޭ ދޯ؟” އަސަދު ﷲ ގެ ތުއްތަ ބުނެލިއެވެ.
“ރަނގަޅު!.. ތިކަންވެސް ކުރަންވާނެ. އޭރުން މަންމައަށް ވަރަށް ލުއިވާނެ. ދޮންތަ އާއި ތުއްތައާ ވެގެން މަންމައަށް އެހީ ވާންވާނެ. އެކަމު އަދި އެހެން ވާހަކައެއް ބައްޕަ ބުނަން މިއުޅެނީ. އަޅެ ދޮންބެއަށް ހީވަނީ ކޮން ވާހަކައެއްހެން ބައްޕަ ބުނަން މިއުޅެނީ؟” ބައްޕަ މިފަހަރު ސުވާލު ކުރީ އަސަދު ﷲ ގެ ދޮންބެ އާއެވެ.
“ހީވަނީ ނަމާދުތައް ކޮށްފަ ހުރިހާ ރޯދައެއް ހިފާށޭ ބުނަންހެން ތިއުޅެނީ.” ދޮންބެ ކުޑަކޮށް ހިނިއައިސްފާ ބުނެލިއެވެ.
ބައްޕަ އާއި ހުރިހާ ކުދިން އިރުކޮޅަކު ވާހަކަ ނުދައްކާ ކެއުން ކުރިޔަށް ގެންދިޔައެވެ. ހުރިހާ ކުދިންވެސް އިންތިޒާރު ކުރަމުން ދިޔައީ ބައްޕަ ބުނަން އުޅޭ ވާހަކައަށެވެ.
“ބައްޕަ ބޭނުންވަނީ މުބާރާތެއް ބާއްވަން. ރަމަޟާން މަހު ހިތްވަރު ކޮށްފަ ޚަތިމް ކުރާ ކޮންމެ ކުއްޖަކަށް ބައްޕަ ދޭނަން ވަރަށް އަގުހުރި ހާދިޔާއެއް. ދޮންތަ، ތުއްތަ، ދޮންބެ ދެން އަސަދު ﷲ ވެސް ހިމެނޭހެން. ހަދިޔާ ހޯދުމުގެ ފުރުޞަތު މަންމަ އަށްވެސް ހަމަ އެބައޮތް.” ބައްޕަ ބުނެލިއެވެ.
ރަމަޟާން މަސް ފެށުމާއި އެކު އަސަދު ﷲ ގެ ޢާއިލާ އެއްކޮށް ބައްޕަ ދޭންބުނި ހަދިޔާ ހޯދަން މަސައްކަތް ފެށިއެވެ. ދޮންތަ އާއި ތުއްތަ ވެސް މަންމަ އަށް އެހީތެރި ވަމުން ޤުރްއާން ކިޔެވުމުގައި ގިނަ ވަގުތުތައް ހޭދަކުރެއެވެ. ހަމަ އެގޮތަށް ދޮންބެ އާއި އަސަދު ﷲ ވެސް ޓެބްލެޓްތައް ފޮރުވުމަށްފަހު ގިނައިން ޚަތިމް ނަގައިން ޤުރްއާން ކިޔެވުމުގައި ވަގުތު ހޭދަކުރިއެވެ.
ދުވަސްތައް ފާއިތު ވަމުންގޮސް މިއަދަކީ، ރަމަޟާން މަހުގެ އެންމެ ފަހު ދުވަހެވެ. މެންދުރު ނަމާދު ކޮށްގެން ގެއަށް އައުމަށްފަހު ބައްޕަ ހުރިހާ ކުދިންނާއި މަންމަ އެއްތަން ކުރިއެވެ.
“މިއަދަކީ މި ބަރަކާތްތެރި މަހުގެ އެންމެ ފަހު ދުވަސް. އެހެންވީމަ ބައްޕަގެ ހަދިޔާ ލިބޭވަރަށް މަސައްކަތް ކޮށް، ޚަތިމް ނިންމާފަ ދުޢާ ކުރީ ކޮން ކުދިންނެއް؟” ބައްޕަ އަހާލިއެވެ.
“ހުރިހާ ކުދިންވެސް ބައްޕަގެ ހަދިޔާ ހޯދަން ވަރަށް މަސައްކަތްކުރި. އަސަދު ﷲ އާއި ދޮންބެ ޤުރްއާން ކިޔެވީ މަންމަ މަސައްކަތް ކުރާ ވަގުތު މަންމައަށް އަޑުއިވޭ ހިސާބުގަ. ދޮންތަ އާއި ތުއްތަ ގިނައިން ކިޔެވީ ކޮއްކޮމެން ނިދީމަ މަންމަ އާއި އެކު މަންމަވެސް ކިޔެވި ގަޑީގަ. އެހެން ވީމަ ތިޔަ ހަދިޔާ އަހަރުމެން ހުރިހާ އެންމެންނަށް ވެސް ލިބޭނެތާ.” ބައްޕަ އަށް އޮޅުން ފިލުވައިދެމުން މަންމަ ބުނެލިއެވެ.
“އެހެންވީމަ 4 ކުދިންނާއި މަންމަގެ ހަދިޔާ ދޭނަން އަޞްރު ނަމާދު ފަހުން.” ބައްޕަ ބުނެލިއެވެ.
އަޞްރު ނަމާދަށްފަހު ބައްޕަ އައީ ހަދިޔާ ހިފައިގެންނެވެ. ބައްޕަ ދިނީ ކޮންމެ ކުއްޖަކަށް ކުޑަ ރުކެކެވެ. ހަމަ އެގޮތަށް މަންމަ އަށްވެސް ރުކެއް ދިނެވެ. ހުރިހާ ކުދިންނާއި އެކު މަންމަ ވެސް ހައިރާން ވީވަރުން ހެވެން ފެށިއެވެ.
“މީތަ ހަދިޔާއަކީ؟” އަސަދު ﷲ ވަރަށް ބާރަށް ހެމުން ބުނެލިއެވެ.
“ތީ ހަދިޔާ އަކީ.. މިތާ ގޯތީގެ ހުސް ބިމުގަ މާދަމާ ޢީދު ދުވަހު ތި 5 ރުއް އިންދަންވާނެ. އޭރުން ރުއްތައް ފެންނަ ކޮންމެ ފަހަރަކު ބައްޕަ މަތިން ތިކުދިންނާއި މަންމަ ހަނދާން ވާނެ. ހާއްސަކޮށް ކޮންމެ ރަމަޟާން މަހަކު…. އެކަމު، ވަރަށް ގިނަ ދުވަހުން ތިރުއްތައް ފޯދިގެން އެއްޗެއް ލިބޭނީ.. ކުރުނބާ، ގަބުޅި، ކާށި… އެކަހަލަ އެއްޗެތި..” ބައްޕަ ވާހަކަ ދައްކަމުން ދިޔައެވެ.
“ދެން އެކަމު މިހަދިޔާއިން އަޅުގަނޑު މެންނަށް ކޮން ފައިދާއެއް ކުރާނީ؟ އަޅުގަނޑު ހީކުރީ ހަދިޔާ އަކަށް ލިބޭނީ ގޭމެއް ނޫނީ ކުޅޭ އެއްޗެއް ދެން ނޫނީ ކިޔަވާ އެއްޗެއް ކަމަށް.” އަސަދު ﷲ ބުނެލިއެވެ.
“ކެތްތެރި ކަމާއެކު ބައްޕަ ބުނާގޮތަށް ރުއްތައް ބަލަހައްޓާނީ. ރުކުން ފައިދާ ވާނީ ގިނަ ދުވަހުން. ރުއް ހެދިބޮޑުވެ ކުރުނބާ، ކާށި، ގަބުޅި އެޅީމަ އެތަކެތި މީހުންނަށް ހާދިޔާއަށް ދީ.. ދެން އެތަކެތި ޞަދަޤާތް ކުރީމަ އެއިން ދުނިޔެއާއި ޢާޚިރަތުގެ ފައިދާ ތިކުދިންނަށް ލިބޭނެ. ކުރުނބާ ހަދިޔާ ކުރާއިރު އަބަދުވެސް އިސްކަން ދޭންވާނީ އެންމެ ބަލި މީހާއަށް. އެއީ ކުރުނބާ ފެނަކީ، ބަލިމީހާއަށް ވަރަށް ފައިދާ ހުރި ބުއިމެއް. ދެން ރުކުގެ ފަން ބޭނުންވާ މީހުންނަށް ފަންވެސް ދޭނީ.. އެއިން އެމީހުން އިލޮށިފަތި ހަދާ، ފަން ވިނެހަދާނެ. އަހަރުތަކަކަށްފަހު، ރުއްތަކުން ރިޒްޤު ލިބެން ފެށީމަ، ދަރިފުޅުމެން ޞަދަގާތް ކުރަން ހަނދާން ބަހައްޓައްޗެ.” ބައްޕަ ބުނެލިއެވެ.
ބައްޕަގެ ވާހަކަތައް ހުރިހާ ކުދިންނާއި މަންމަ އަޑު އެހީ ވަރަށް ޝަޢުގުވެރިކަމާ އެކީގައެވެ. ބައްޕަގެ ބުއްދިވެރިކަމުން މިލިބުނީ ކިހާ އަގުހުރި ހަދިޔާއެއް ހެއްޔެވެ؟ މިއީ އެއްވެސް ކުއްޖަކު ލިބޭނޭ ކަމަށް އުންމީދުކުރި ހަދިޔާއެއް ނޫނެވެ. މިޒަމާނުގެ ކުދިން ބޭނުންވަނީ ކުޅޭއެއްޗެއް، ޑިވައިޒްއެއް، ކާއެއްޗެއް ނޫނީ ކޮންމެސް ވަގުތީ ފައިދާއެއް ލިބޭ ހަދިޔާތަކެވެ. އެކަމަކު ބައްޕަގެ މި ހަދިޔާއަކީ އެތައް ބަޔަކަށް ހަދިޔާ ކުރެވޭ ތަފާތު ބައިވަރު ތަކެތި އެކައްޗަކުން ލިބޭ އަގުހުރި ހަދިޔާއެކެވެ. އެހެންވެ ހުރިހާ ކުދިންނާއި މަންމަވެސް ބައްޕައަށް ވަރަށް ޝުކުރު އާދާކުރިއެވެ.
-ނިނުނީ-
ވާހަކައިން ހާސިކްވި ބައެއް ޢިބްރަތްތައް:ـ
* އާއިލީ ގުޅުމުން ދެމެހެއްޓުމުގެ މުހިއްމުކަން.
* މައިންބަފައިންގެ ނަސޭހަތް އަޑުއަހާ އެގޮތަށް ޢަމަލުކުރުމުން ލިބޭ އުފާ.
* ކަމެއް ހާސިލްވުމުން އެކަމުގެ އަގު ވަޒަންކޮށް ހިތްވަރުދޭން ވާނެކަން.
* ވަޢުދެއް ވެއްޖެނަމަ އެ ވަޢުދެއް ފުއްދަންވާނެކަން.
* ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބަށް ވާސިލްވާނެކަން.
* ހަދިޔާއެއްގެ ގޮތުގައި ބޭނުން ކުރަން އެންމެ ހެޔޮކަން ބޮޑީ، ދުނިޔެ އާއި އާޚިރަތަށް ފައިދާކުރާނެ އެއްޗެކެވެ.
* ބޭނުން ޖެހިފައިވާ މީހުންނަށް އަގަކާއި ނުލާ ހަދިޔާކޮށް (ޞަދަގާތްކޮށް) އެހީތެރި ވާން ވާނެކަން.
7 Comments!
Comments are closed.







Allhamdhulillah
Hithah Vs narafadha hadhiya AE mi vahakaiga mi libuni, v thafathu, v inspired gothakah vahakaiga hadiya
Thankx mikahala vahaka thah genessdhemunn dhathi
Thikura masaikathuga Allah barakailahvaashi, Ilma river hi ahulagunn jareevefa vaa kudhiba AE kamuga alhumenge dharinn lahcashi,
Aameen
Reethi
Hehe. Thanks varah bodah.
V ufaavejje comment libuneetheeve.
Ummeedhu kuran dhen in vaahaka ves kiyaalaane kamah.
Shukuriyyaa
” Reethi ” buneleema v ufaavejje.
Thanks dear.
Nice
V reethi vaahaka eh want more like this
Varah salhi 👌.