އެއީ އަހަރެންގެ އުފާވެރި ހަޔާތަށް ވިހަލީ ވިހަ ގަދަ ހަރުފަ އެކެވެ. އޭނާ އަހަރެންގެ ހަޔާތަށް ނައިނަމަ އަހަރެން މިހާލުގައި އުޅޭކަށް ނުޖެހުނީހެވެ. ގަޑީގެ ކަށި ނުވަތަ އެެނބުރޭނެ ނަމައޭ އަހަރެންގެ ހިތަތް އަރައެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ.
އެއީ މީގެ ހަތް އަހަރު ކުރިއެވެ. އަހަރެން އޭރު ކިޔަވަމުން ދިޔައީ ގްރޭޑް ދިހައެއް ގައެވެ. އަހަރެންނަކީ އަހަރެންގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރިފުޅު ކަމުން އަހަރެންނަށް ފުރިހަމައަށް މަންމައާއި ބައްޕަގެ ލޯބި ލިބެއެވެ. އަހަރެންނަކީ ކިޔެވުމަށް ވެސް މޮޅު ކުއްޖެކެވެ. ސުކޫލު ދައުރުގައި އެތަކެއް މުބާރާތް ތަކުން ވަނަހޯދައިފައި ވާނެއެވެ. އަހަރެންގެ ވަރަށް ގާތް ތަށްޓެއްސެއްވެސް ހުންނާނެއެވެ. އޭނާ އަށް ކިޔަނީ މާވީ އެވެ. މާވީ އަކީ އަހަރެންނާއި ހިލާފަށް ކިޔެވުމަށް އެހާ ސަމާލުކަން ދޭ ކުއްޖެއް ނޫނެވެ. އޭނާގެ ކަމަކީ އެއް ފިރިހެން ކުއްޖަކާއި އެކީ އުޅެފައި އަނެއް ފިރިހެން ކުއްޖަކާއި އެކީ އުޅުމެވެ. ނަމަވެސް އެއިން އަހަރެންނަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. މާވީ ބުނާނެ ވެސް ބުނާނެވެ.
“މަންނު ވެސް ވީނު ކުއްޖަކު ޖައްސަން.. ތިހެން އަބަދު ކިޔެވުމަށް ފޯކަސް ކޮށްގެން އުޅުނީމަ އެއްވެސް މަޖަލެއް ނުވާނެ.. ފުރާވަރުގެ ދުވަސްކޮޅުގެ ބޭނުން ‘ރަގަނޅު’ ގޮތުގައި ހިފަންވާނެ..” އެކަމަކު އަހަރެން ގަބޫލު ކުރާގޮތުގައި ފިރިހެން ކުދިންނާއި އެއްކޮށް މަޖަލާއި ސަކަރާތުގައި އުޅުމަކީ އެއްގޮތަކަށެވެސް ރަގަނޅުކަމެއް ނޫނެވެ. އެގޮތަށް ފިރިހެން ކުދިންނާއި މާގާތްކޮށް އުޅެން ހަދައިގެން އަތުން ފައިން ގޯހެއް ހެދިދާނެއެވެ.
ނަމަވެސް އަހަރެންގެ ހިތް ބަދަލު ޓާމް ބަންދަށް ރަށަށް އައިސް އުޅުނު ކުއްޖަކު ފެނިފައެވެ. އެއީ ދުވަހަކުވެސް އަހަރެން ނުދެކޭހާ ރީތި ކުއްޖެކެވެ. އޭނާގެ ރީތިކަމާއި އެއްވަރަށް އަމަލުތަށްވެސް ވަރަށް ފުރިހަމައެވެ. ބަރާބަރަށް މިސްކިތަށް ގޮސް ހަދައެވެ. ބޮޑެތިމީހުންނަށް އިހްތިރާމް ކުރެއެވެ. އަހަރެންނަަށް އޭނާ ރީތިވިތާ މާގިނަ ދުވަހެއް ނުވަނީސް އެއީ އަހަރެންގެ ދެބެންގެ ދެދަރީގެ އެކުވެރިއެއްކަން އެނގުނެވެ. އެހެންކަމުން އެކުއްޖާ އާއި ބެހޭގޮތުން އެނގުމުގެ ޝައުގު ބޮޑުވިއެވެ. އަހަރެން ރީހާން، އަހަރެންގެ ދެބެއިންގެ ދެދަރި ކައިރީ އެކުއްޖާ އާއި ބެހޭގޮތުން އެހީމެވެ. ރީހާން ބުނީ އޭނާ އަށް ކިޔަނީ ކައިލް ކަމާއި އަހަރެންނާއި އެއްވަރު ކުއްޖެއްކަމަށްވެސް ބުންޔެވެ. އަދި އޭނާ އަކީ ށ.ޅައިމަގުން އައި ކުއްޖެއްކަމަށް ވެސް ބުންޔެވެ. ނޭންގި ނަމަވެސް އަހަރެންނަށް މަސަށްކަތް ކުރެވެން ފެށުުނީ ކައިލްގެ ޝައުގުވެރިކަން ހޯދުމަށެވެ. އަބަދުހެން އަހަރެން އުޅެނީ ރީހާން އާއި އެކީގައެވެ. ކައިލް، ފެންނަފަށުގައި ހުރެއްޖެނަމަ އަބަދުހެން ބެލެނީ އޭނާ އަށެވެ. އެއްކޮށް އުޅެން ފެށުމުން ކޮންމެވެސް ވަރަކަށް ކައިލް އަހަރެންނާއި ވާހަކަދައްކައެވެ. އެކަމާއި އަހަރެން ހުނަންނާނީ ނުލާހިކު އުފާވެފަ އެވެ.
ބައެއްފަހަރު ކައިލްވެސް އަހަރެންނާއި ޝައުގު ހުންނަހެން ހީވާ ފަހަރުވެސް ދެއެވެ. އޭނާ ވެސް އަހަރެންނާއި ގިނައިން ވާހަކަ ދައްކައި ބައެއްފަހަރު މަޑުމަޑުން އަހަރެންގެ ގަޔަށް އަތްލާ ހަދައެވެ. ފަހުން އޭނާ އަހަރެންނާއި ބައްދަލުކޮށް އޭނާ އަހަރެންދެކެ ލޯބިވާ ވާހަކަ ބުންޔެވެ. އެރެއަކި އަހަރެންގެ ހަޔާތުގައިވެސް އަހަރެން އެއްމެ އުފާވި ރެއެވެ. އެރެއިން ފެށިގެން އަހަރެންނާއި ކައިލްގެ ނަން ލޯބިވެރިންގެ ލިސްޓަށް އެރިއެވެ. ކައިލް ވަރަށް ރަގަނޅެވެ. އަބަދުވެސް އަހަރެންގެ ހާލު ބަލައި ވާހަކަ ދައްކާ ހަދައެވެ. މީހަކަށް ލިބޭނޭ އެއްމެ ރަގަނޅު ލޯބިވެރިޔާއޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ. އެހެން އުޅުމުގެ ތެރެއިން އަހަރެންނާއި ކައިލް އަށް، އަހަރެން ދުވަހަކަުވެސް ކައިވެނިން ބޭރުން ކުރަން ބޭނުން ނުވާ ކަމެއް ކުރެވުނެވެ. އެކަމާއި އަހަރެން ރުއި ހިތާމަވެސް ކުރީމެވެ. ނަމަވެސް އަހަރެންނަށް ކައިލް އެއް ކުއްވެރިއެއް ނުކުރެވޭނެއްނޫން ހެއްޔެވެ. ކުރިކަމެއް ވިއްޔާ ކުރީ ދެމީހުންވެސް ބޭނުންވެގެނެވެ. ރުހުގެންނެވެ. ކައިލް އަހަރެން ކައިރީ ބުނީ ބިރުނުގަތުމަށާއި އެއްވެސް ކަމެއް ނުވާނެ ކަމަށެވެ.
ދުވަސް ކޮޅެއް ފަހުން އަހަރެން ވަރަށް ބޮޑަށް ބަލިވިއެވެ. އެއްޗެއް ކެވޭވަރެއް ނޫނެވެ. އަބަދުވެސް ހޮޑުލެވެނީއެވެ. އެކަމާއި ހުރެ އަހަރެންނަށް ޝައްކުވިއެވެ. ނޫނެކެވެ. މިވާނީ ހަމަ އާދައިގެ ބައްޔަކަށެވެ. އަހަރެންގެ ހާލަތު އިތުރަށް ބޮޑުވުމުން މަންމަ އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. އެދުވަހު ޑަކްޓަރު ދިން ހަބަރުން އަހަރެންގެ މުޅި ދިރިއުޅުމަށް ހީވީ ކަޅު ބޯ ފުސް ވިލާގަނޑެއް އެޅުނު ހެންނެވެ. ކިތައްމެ ގަބޫލުކުރަން ބޭނުން ނޫނަސް މިއީ ހަގިގަތެވެ. ފެންނަ ހުވަފެނެއް ނޫނެވެ. އާއެކެވެ. އަހަރެން މީނީ ބަލިވެއެވެ. ހޮސްޕިޓަލުތެރޭގައި މަންމަ އަހަރެންނާއި ދިމާއަށް އެއްޗިހި ކިޔެވެ. އަހަރެންނަށް ކުރެވުނުހާވެސް ކަމަކީ ރޮވިފައި މަންމަ ކުރިމަތީ އިސްޖަހައިލައިގެން ހުރުމެވެ.
“މަނާލް ކޮންމޮޔައެއް ވެގެންތަ ތިޔަހާ ވިޔާނުދާ ކަމެއް ކުރީ.. އެއް ފަހަރުވެސް ހިތަށް އެރިންތަ މަނާލްގެ އަނބުރާ އިއްޒަތާ މެދު އެއިން..! މަ ބަލާ ބޮޑުކުރީ މިހާ ހަޔާތްކުޑަ ދަރިއެއްނޫން..! ޗީ..!! ބުނޭ ތީ ކާކުގެ ދަރިއެއް..؟” މަންމަ ހަޅޭލަވައިގަތެވެ. މަންމަ ހުރީ އަހަރެންދެކެ ވަރަށް ރުޅިއައިސް އެވެ. އެއީ ކައިލްގެ ދަރިޔެކޭ އަހަރެން ބުނާނީ ކޮންދުލަކުން ހެޔެެވެ. އެއީ ކުޑަ ދުވަސް ކޮޅަކަށް ރަށަށް އައިސް އުޅުނު މީހެކެވެ. ދެން މިހާރު އަހަރެން މީނީ އެނާގެ ދަރިޔަކަށް ބަލިވެއެވެ. މިހާރު އޭނާ ވާނުވާ ތަނެއް ނެއިންގެއެވެ. މިއީ ކިހާވަރެއްގެ ލަދެއްހެއްޔެވެ. އަހަރެން މަންމަކައިރީ އެއީ ކާކުގެ ދަރިޔެއް ކަމެއް ނެއިންގޭ ކަމަށް ބުނީމެވެ. މަންމަ އަހަރެން ހޮސްޕިޓަލުގައި އެކަނި ބައިންދައިފައި ދިޔައީއެވެ. އޭރު އަހަރެންނަށް އަޑުން އަޑުނަގައި ރޮވެނީއެވެ. އެތަކެއް މީހުންނެއް އަހަރެން ވަށައިލައިފައި ވިއެވެ. އެކަމާ އަހަރެން މާބޮޑު ފަރުވާލެއް ނުބަހައްޓަމެވެ.
މަންމަ ބުނީވެސް ދޮގެއް ނޫނެވެ. މަންމަ އާއި ބައްޕަ އަހަރެން ތަރުބިއްޔަތުކުރީ މިއަށްތުރެ ރަގަނޅަށެވެ. މަންމަމެން މިހާރު ތިބޭނީ އަހަރެންދެކެ އިންތިހާ އަށް ރުޅިއައިސް ފައެވެ. ބައްޕަ ކުރިމައްޗަށް އަރާކަށް އަހަރެންނަކަށް އަމުދުން ނުކެރޭނެއެވެ.
އަހަރެން ގެޔަށް ދިޔައީމަ މަންމަ އަހަރެން ގެޔަކަށް ނުވެއްދިއެވެ. ތިއީ ތިމަންންގެ ދަރިޔެއްނޫނޭ ބުންޔެވެ. ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތްކުރަން ކިތައްމެ މަސަށްކަތެއް ކުރިނަމަވެސް އަހަރެންނަށް ރޮވެނީއެވެ. ގޭކައިރީ އިށީންދެލައިގެން ރޯން އިންތަން ފެނުނީ އަހަރެންގެ ގާތް އެކުވެރިއެއް ކަމަށްވާ އަދްލަން އަށެވެ. އޭނާ އަހަރެން އޭނާގެ ގެޔަށް ގެންދިޔައެވެ. އަހަރެން އެކަމަށް ދެކޮޅުހަދަހަދާ އިންދައެވެ. އަހަރެން ހީއްކުރިގޮތާ ހިލާފަށް އަދްލަންގެ މައިންބަފައިން އަހަރެންނަށް ވަރަށް ހެވެއެވެ. އަދްލަން ވެސް ގިނަވަގުތު ހޭދަކުރަނީ އަހަރެންނަށް އެހީވުމުގައެވެ. މާވީ ވެސް މެއެވެ. އަދްލަން އާއި މާވި ޖީސީ ހެދީރު އަހަރެންގެ ބަޑަށް 7 މަހެވެ. ކައިލް އެދިޔައި އަހަރެންގެ ކަރުގައި ރަގަނޅަށް ބޭވަފާތެރިކަމުގެ ރަހަ ލައްވަދީފައެވެ. އޭނާގެ ދަރި އަހަރެންގެ އަތަށް ޖަހާފައި ފިލީއެވެ. އޭނާ އަކީ އަހަރެންގެ އަލި ހަޔާތަށް އެޅުނު ކަޅު ވިލާ ގަނޑެވެ. އަހަރެންގެ ހަޔާތަށް ވިހަލި ހަރުފައެވެ. އޭނަޔާ ހެދި އަހަރެންގެ ހުވަފެންތަށް ފެނަށްވެދިޔައީއެވެ. އަހަރެންގެ މައިންބަފައިން އަހަރެންނަށް ގެއްލުނީއެވެ. އަހަރެން މިދުނިޔެއަށް ގިނަކޮށްލީއެވެ.
އެގާރަ ބާރައަށް ފަހު އަދްލަން ވަޒީފާ އަށް ނިކުންނަަން ފެށިއެވެ. އެލިބޭ ލާރިން އޭނާ އަހަރެންގެ ދަރިފުޅު މިއުވާން އަށް ބޭނުންވާ އެއްޗިހި ގަނެދެއެވެ. މިހާރު ދަރިފުޅަށް 2 އަހަރެވެ. މިއުވާން ބޮޑަށް ވައްތަރީ އަހަރެންނާއެވެ. އެއީ ނަސީބެކޭ އަހަރެންގެ ހިތަށް އަރައެވެ. ދުވަސްކޮޅެއް ފަހުން އަދްލަން އަހަރެންނަށް ލޯބި ހުށައަޅައި ކައިވެނި ކުރުމަށް އެދުނެވެ. އަހަރެންވެސް އެކަމަށް އެއްބަސްވީ މިއުވާން އަށް ރަގަނޅަކަށެވެ. ހަމައެހެންމެ އަހަރެންވެސް އަދްލަން ދެކެ ލޯބިވާތީއެވެ. އަހަރެންގެ ކައިވެނި ކުރެވުނީރުވެސް މަންމަމެންގެ ހަބަރެއް ނުވެއެވެ. އަވަށްޓެރިއެއް ކައިރީ އަހައިގެން އެނގުނީ މަންމަމެން މީގެ 1 އަހަރު ކުރިން ވަނީ ބޭރުގައުމަކަށް ދިރިއުޅުން ބަދަލު ކޮށްފައިކަމަށެވެ.
އަހަރެންގެ ވިޔާނުދާ އަމަލުތަކުގެ ސަބަބުން މިއަދު އަހަރެން މިވަނީ މައިންބަފައިންގެ ލޯބިން މަހްރޫމްވެ މުޖުތަމައުގައި ނަންހަޑިވެފައެވެ. ކައިލް ކަހަލަ މީހެއްދެކެ ލޯބިވެވުނީތީވެސް މިހާރު އަހަރެން ދެރަވެ ލަދުގަނެއެވެ.
“މަންމީ..” އަހަރެން ސިއްސައިގެން ގޮސް މާޒީން ބޭރުވެވުނީ މިއުވާން ގޮވާލުމުންނެވެ. އޭރު އަދްލަން ވެސް ކައިރީ ހުއްޓެވެ.
“މަންނު ކޮންކަމަކާތަ ތިވިސްނަނީ..؟” މާވީވެސް އަހަރެންކައިރީ ހުއްޓިލަމުން އަހާލިއެވެ.
އަހަރެން ހާލުގައި ޖެހުނު ދުވަހު އެހީތެރިކަމުގެ އަތެއް ދިއްކޮށް އަހަރެންގެ ހަޔާތަށް އެޅިފައި އޮތް ކަޅު ވިލާގަނޑު ދުރުކޮށް އަލިކޮށްދީ އުފާވެރިކޮށްދިނީ މިދެމީހުންނެވެ. މާވީ އާއި އަދްލަން އެވެ. މި ދެކުދިންނަށް އަހަރެން ހިތުގެ އަޑިން ޝުކުރު އަދާކުރަމެވެ.
ކަމަކާ ނުވިސްނަމޭ ބުނެ އަހަރެން ހިގައިގަތީމެވެ. ފަހަތުން މާވީ އާއި އަދްލަންގެ އިތުރަށް މިއުވާން ވެސް އައެވެ.
*ނިމުނީ*






