އިޝްޤް 6
ޒާރާ ހޮސްޕިޓަލުގައި މަސައްކަތްކުރަމުން ދިޔައިރު، ހުރެވެނީ ހިތްނުތަނަވަސްވެފައެވެ. ކައިލް އަތުވެދާނެތީ ހާސްކަމެއްގެ ތެރޭގައެވެ. އެހެނަސް މާބޮޑަށް ނުވިސްނާ މަސައްކަތައިގެން ކުރިޔަށްދެވޭތޯ ބެލިއެވެ.
މެންދުރުގެ ހޫނުގަދަ ވަގުތެވެ. ކައިލް ޕެލެސްގެ ގޯތިތެރެއިން ހިނގަމުން ދިޔައީ މައި ދޮރާއްޓާދިމާއަށެވެ.
“ދަރިފުޅާ..އަވަހަށް އާދޭ. މީހާރު ދެން މާމަދުމަދުންނޭ ތި އަންނަނީ..” ނަސީމާއަށް ކައިލް ފެނުމުން އަވަހަށް ބުނެވުނެވެ. އޭރު ނަސީމާގެ މަންމަ އާދެ! ޒާރާމެންގެ މާމަ މަރިޔަމް ވެސް ކައިލްއަށް ބަލައިލިއެވެ. އެދެލޮލުން ފެނިގެންދިޔައީ މައިވަންތަ ކުލުނެވެ.
“ދަރިފުޅާ..މާމައާ ރުޅީތަ މިހާރު” ކައިލް އައިސް މަރިޔަމްގެ ގާތުގައި އިށީންދެލިއެވެ. މަރިޔަމް ކައިލްގެ ބޮލުގައާއި، އަތުގައި ފިރުމަންފެށިއެވެ.
“މާމައަކާ ރުޅިއެއް ނުވާނެއްނު.. އަސްލު މިހާރު ތަންކޮޅެއް ބިޒީކަމުން ނާދެވެނީ..ދައްތަވެސް މާމަވެސް ހިތްބުރަ ނުކުރަށްޗޭ..” ކައިލް އަދަބުވެރިކަމާއިއެކުގައި ބުންޏެވެ.
“މާމަގެ ހިތްހަމަޖެހޭނީ ދަރިފުޅު މާމަ ކައިރީ މިގެއަށް އައީމަ.. ދަރިފުޅު އައިސްބަލަ އަނެއްކާވެސް ދުވަސްކޮޅަކު މިގޭގަ ހުރެލަން..” މަރިޔަމް ވާހަކަދެއްކީ އުންމީދާއެކުގައެވެ.
“އެއީ ތެދެއް..މިގެއަށް އެކީގަ ބަދަލުވާން އެއްބަސް ވީކީ ނޫން..އެހެންވެއްޖާ ބުނީމެއްނު ދޭތެރެއަކުން މިގޭގަ އައިސް ހުރެލަންވާނޭ.. މިއަދު އަންނަންވީނު؟” ނަސީމާވެސް މަރިޔަމްގެ ވާހަކައަށް ތާއީދުކުރިއެވެ.
ކާމިޔާބީގެ ހިނިތުންވުމެއް ކައިލްގެ ތުންފަތްމައްޗަށް ވެރިވެލީ ނުހަނު ސިއްރިއްޔާތުގައެވެ.
“ދެން އަންނާނީ ދޯ..ހަވީރު އަންނާނަން އިނގޭ .. ދަބަސްވެސް ރެޑީ ކޮށްލަން ޖެހޭނެއޭނު..” ކައިލް އެއްބަސްވީ އުފަލާއިއެކުގައެވެ. އެކަމާ މަރިޔަމާއި ނަސީމާ ނުހަނު ހިތްހަމަޖެހުނެވެ. ނަސީމާގެ އެދުމުގެ މަތިން ކައިލްއަށް ދެވުނީ މެންދުރުގެ ކެއުމަށް އިންސާފުކޮށްފައެވެ.
ކައިލްގެ އެއްވެސް ހިލަމެއްނެތި މާ ހަމަޖެހިގެން ދުވަސް ނިމޭތީ، ޒާރާ ހުރީ ހައިރާންވެފައެވެ. ކައިލް ޒާރާދެކެ ފޫހިވީ ކަންނޭނގެއެވެ. ނޫނީ ރޭގެ ހާދިސާއަށްފަހު ނުރުހުންވެސް ވެދާނެއެވެ. ޒާރާގެ ހިތަށް އެކަމުގެ ސަބަބުން ނުތަނަވަސްކަންވެރިވީ ކީއްވެކަމެއް އަދި ޒާރާއަކަށް ނޭނގުނެވެ. ނޫނީ ނޭނގޭކަމަށް ހަދަނީއެވެ.
ޒާރާ ހޮސްޕިޓަލުން ނިމުމުން ބަލައި ދިޔައީ ޒާވިންއެވެ. އެވާހަކަތައް އަޑުއެހުމަށްފަހުގައި ޒާވިންވެސް ހުންނަނީ ހިތްބިރުގަނެފައެވެ. ޒާވިންއާ އެވާހަކަތައް ހިއްސާކުރެވުމުން ޒާރާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ.
ގެޔަށް ދިޔަގޮތަށް އެއްވެސް ވަރަކަށް މަޑުކޮށްލުމެއްނެތި ޒާރާ ވަނީ ކޮޓަރިއަށެވެ. ބޭނުންވީ ނިދާލާށެވެ. ނަސީމާއަށް ޒާރާގެ އެބަދަލުތައް ފާހަގަވާންފެށިއެވެ.
“އެމަންޖެއަށް ކަމެއް ވީތަ؟ އަހަރެން ވަރަށް ހިތްބިރުގަނޭ އެބަ..” ނަސީމާގެ މޭގައި ރިއްސާލިއެވެ.
“ތިހާ ހާސްނުވެބަލަ..އެވާނީ އަލަށް މަސައްކަތަށް ނިކުމެ އުޅެންފެށީމަ ވަރުބަލިވަނީކަމަށް. ދުވަސްކޮޅެއް ވެލީމަ ރަނގަޅުވެދާނެ..” އަފީފު ނަސީމާގެ އަތުގައި ހިފާލިއެވެ.
“އެކަމަކު އެއީ ޒާރާ އުޅޭ ގޮތެއް ނޫން.. މިތާގަ އަހަރެމެން ތިއްބަ އެހެން ބަލައިވެސް ނުލާ ނުދާނެ..” ނަސީމާގެ ޝައްކެއް ނުފިލިއެވެ.
“ދެން ނަސީ… ޒާވިން ގާތުގަ ބުނާނެއްނު ކަމެއްވިޔަސް..ދޯ ދަރިފުޅާ..” އަފީފު ޒާވިންއަށް ބަލައިލިއެވެ. ނޫންފާޑަކަށް ޒާވިން ހިނިތުންވެލީ ގަދަކަމުންނެވެ.
“އަދި ނުބުނެވެޔޭދޯ..ކައިލް އަތުވެއްޖެ އިނގޭ ދުވަސްކޮޅަކަށް. މާމަ ވަރަށް ކިޔައިގެން އެއްބަސްވީ ..” ކޮޓަރިއާ ދިމާއަށް ހިނގަހިނގައި ހުރި ޒާވިންގެ ފިޔަވަޅު ހުއްޓުނެވެ. ބޮލުގައި ރިއްސާލީ ދެންވާނެގޮތެއް ނޭނގިފައެވެ.
ދަންވަރުގެ ވަގުތެވެ. އިރާކޮޅުގައި ނިދިފައި އޮތް ޒާރާ މިހާރުއޮތީ ނިދި ގެއްލިފައެވެ. ކުއްލިއަކަށް ފޯނު ރިންގުވާންފެށުމުން ޒާރާ ސިހުނެވެ. ގުޅަނީ ކާކުކަން އެނގޭތީ ހާސްވިއެވެ. ހިތްވަރުކޮށްލާފައި ޒާރާ ފޯނުނަގައި ކަންފަތުގައި ޖައްސައިލިއެވެ.
“ހާއި ބޭބީ…ލައްކަ ދުވަހު ފިލައިގެން އުޅެފީމެއްނު…ދެން ކިހިނެއް ހަދާނީ..” ނުލަފާގޮތަކަށް އެމީހާ ވާހަކަދެއްކިއެވެ. ޒާރާ ހާސްކަމުގެ ތެރޭގައި އޮވެ ބެލްކަންޏަށް ނިކުމެލީ ކުޑަކޮށް ހަމައަކަށް އެޅޭތޯއެވެ.
“ކޮންކަމެއްތަ ކަލޭ ބޭނުމީ؟” ޒާރާ ނުރުހުންވެފައި އެއްސެވެ.
“ބޭނުމީ ޒާރާ… މިހާރު ހާދަ ގަދަވާން ތިއުޅެނީ..ހަނދާންނެތުނީތަ އަހަރެންގެ ނުބައިކަން!” އިންޒާރެއް ދެމުން އޭނާ އަޑަށް ބާރުލިއެވެ. ޒާރާ ހިމޭންވިއެވެ.
“އެބައޮތް ގޮތެއް..މިހުރިހާ ކަމަކަށް ނިމުން އަންނާނެ..” އެޖުމުލައިން ޒާރާގެ ސަމާލުކަން ލިބުނެވެ.
“އެއީ ކޮން ގޮތެއް؟” ޒާރާ އަވަސް އަވަހަށް އަހާލިއެވެ.
“އަހަންނާ މެރީ ކުރޭ!” ޒާރާގެ ދެލޯ ބޮޑުވިއެވެ. ކަރުނައިން ދެލޯ ތެމިލިއެވެ.
“މެރީކުރާށޭ؟..” ޒާރާއަށް އިޙުތިޔާރަކާނުލާ ފޯނު އެއްލާލެވުނެވެ. ފޯނު ހަލާކުވި އަޑުފައްގަނޑާއި އެކުގައި ކޮޓަރިތެރެ ގުގުމާލިއެވެ. މީހަކު ހޭލާ ނޫޅޭކަން ނަޞީބެވެ. ބެލްކަނީގެ ރެއިލިންގައި ދެއަތުން ބާރަށް ހިފަހައްޓައިގެން ހުރި ޒާރާގެ ދެލޯ މަރާ، ބާރުކޮށްލިއެވެ.
ޖެހިގެން ހުރި ބެލްކަނީގައި ފިލާހުރި ކައިލް މަޑުމަޑުން، ޒާރާހުރި ބެލްކަންޏަށް ފުންމާލިއެވެ. ކައިލް އެކަން ކުރިލެއް ފަސޭހަކަމުން ހީވަނީ ހަމަ ޢާއްމުކޮށް ކޮށްއުޅޭ ކަމެއް ހެނެވެ. ޒާރާ ހުރި ޙާލަތުން އެކަން ރެޔަކާވެސް ނުލިއެވެ. ކައިލް ޒާރާއާ ގާތަށް ޖެހިލިއެވެ. އެވަގުތު މީހެއްގެ ހިލަންވިހެން ހީވެގެން ޒާރާއަށް ފަހަތަށް ބަލައިލެވުނެވެ. ހަޅޭއްލަވައިގަންނަން ހުޅުވި ޒާރާގެ އަނގަމަތީގައި ކައިލް ހުޝިޔާރުކަމާއިއެކު އަތް އެޅިއެވެ.
“ޝްޝް..އަހަންނޭ..” ކައިލް ވައި އަޑުން ބުންޏެވެ. ކައިލްކަން އެނގުމުން ޒާރާ ހަމަޖެހިލިއެވެ. ހަމަ އެހިނދުގައި ހާސްވެއްޖެއެވެ. ދެންމެ ކަންތައް ވީގޮތް ހަނދާންވެފައެވެ.
“ޒާ… ވީގޮތް ކިޔައިދީބަލަ..އަހަންނަށް އެނގޭ ކަމެއް އެބަ ވޭކަން..ޒާއަށް އިނގޭނެ އަހަރެން ހޯދަން ބޭނުމިއްޔާ ހޯދާނެކަން..” ކައިލް ޒާރާއަށް ދުރަށްދެވެން އޮތް ހަނި ޖާގަވެސް ބަންދުކޮށްލިއެވެ. ޒާރާ އެއްވެސް ވާހަކައެއް ނުދައްކައި އިސްޖަހައިގެން ހުރީއެވެ. ކައިލް ކުއްލިއަކަށް ޒާރާގެ އުނަގަނޑުގައި ދެއަތުން ހިފައި އުފުލައިލިއެވެ. ފަސޭހަކަމާއި އެކުގައި ޒާރާ ރެއިލިންގެ މަތީގައި ބައިންދާލިއެވެ. ކައިލްގެ އަތް ޒާރާގެ ގައިން ވަކިނުކޮށްހުރެ ކައިރިވެލިއެވެ.
“ޒާ!” ކައިލްގެ އަޑު މިފަހަރު ތަންކޮޅެއް ބާރެވެ. ޒާރާ ކުޑަކޮށް ސިހިފައި ކައިލްއަށް ބަލައިލިއެވެ. އޭރު ކައިލްގެ ނަޒަރުވަނީ ސީދާ ޒާރާގެ މޫނަށް ހުއްޓިފައެވެ.
“އުހްމް..ކަމެއް ނުވެ. ކައިލް މިތާގަ މިގަޑީ ކީއްތި ކުރަނީ؟ ކިހިނެއްތަ މިތަނަށް އައީ؟” ޒާރާ މަޢުލޫ ބަދަލުކޮށްލަމުން އަހާލީ އަސްލުގަވެސް ހިތުގައި ހުރި ސުވާލުތަކެވެ.
“ޒާ ކޮންމެތާކު ފިލިޔަސް އަހަރެން ޒާ ހޯދާނަން”
ކައިލް އެއްމިޔަކަނުން ހީލިއެވެ. އެހެނަސް އެމޫނުމަތީގައިހުރި ސީރިއަސްކުލަވަރު ފިލައިގެން ނުދެއެވެ. ކައިލް ކުރި ސުވާލުގެ ޖަވާބަށް އިންތިޒާރުކުރާފަދައެވެ. ޒާރާ ޖެހިލުންވާންފެށީދެނެވެ. ކައިލް ކޮންމެ ކަމެއްވެސް ކޮށްފާނެކަން ޒާރާއަށް އެނގެއެވެ.
” ދެން ދޫކޮށްބަ ކައިލް..ޕްލީޒް މީހަކަށް ފެނިދާނޭ..” ކައިލްގެ އަތުތެރޭން މިންޖުވޭތޯ ޒާރާ މަސައްކަތްކުރިއެވެ. އެހެނަސް ކާމިޔާބެއް ނުވިއެވެ. ޒާރާގެ ދެފައިގައި ހިފައި،ކައިލްގެ އުނަގަނޑުގައި ވަށާލަމުން ކައިލް ޒާރާ ތިރިކޮށްލީ ރެއިލިންގައި ކިރިޔާ ޖެހޭ ނުޖެހޭ ވަރަށެވެ. ގަތް ބިރަކުން، ތިރިއަށް ވެއްޓިދަނެތީ ޒާރާއަށް އޮޅުލައި ގަނެވުނީ ކައިލްގެ ކަރުގައެވެ.
“ނޫން…ކައިލް ދެން..” ޒާރާ ތެޅިގަތުމުން ކައިލް ޒާރާ އުފުލާލިއެވެ. އޭރު ޒާރާގެ ހަށިގަނޑުއޮތީ ކައިލްގެ އަތުތެރޭގައި ގައިދުވެފައެވެ. އުނަގަނޑުގައި ވަށާލެވިފައިވާ ދެފައިވެސް އިތުރަށް ބާރުކޮށްލައިގެންނެވެ. ކައިލް އެގޮތަށް ޒާރާގެ ގައިގައި ބަށްދާލައިގެންހުރެ ހިނގާގަތީ ކޮޓަރީގެ ތެރެއަށް ވަނުމަށެވެ.
ކޮޓަރިއަށްވަނުމަށްފަހުގައި ޒާރާގެ ހަށިގަނޑު އެނދަށް ތިރިކޮށްލިއެވެ. އެހެނަސް ކައިލް ޒާރާގެ ގައިން ދުލެއް ނުކުރެއެވެ. ދިމާކުރިމަތިން ހަމަ އެ އޮތްގޮތަށް އޮވެ ޒާރާއަށް ބަލަމުން ދިޔައެވެ. އެފަނޑު އަލީގައި ކައިލް އެހާ ގާތުގައި އެގޮތަށް އޮތުމުން ޒާރާގެ އިޙުސާސްތަކަށް ބުރޫއެރިއެވެ. ކައިލްވެސް ކެތްމަދުވެފައިވާ ޙާލުގައި ކެތްކުރަމުން ދިޔައެވެ.
“ޒާ…ޕްލީޒް..ޖަސްޓް ޓެލް މީ.. ކޮބާ މައްސަލައަކީ؟” ކައިލްގެ އަޑު ހިމޭންވިއެވެ.
“އައި ކާންޓް…” ޒާރާގެ ލޯބި ކޯތާފަތް ފޯވީ ކަރުނައިންނެވެ. އެމަންޒަރު ކައިލްގެ ހިތްކޮށާލިއެވެ.
“ނުރޮއެ ޕްލީޒް..ޒާގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް އަންނާކަށް އަހަރެން ބޭނުމެއް ނޫން..ޕްލީޒް…ލެޓް މީ ހޭވް ޔޫ..” ކައިލް ޒާރާގެ ކަރުނަތައް ފޮހެލާދެމުން އެމޫނުގައި ބޮސްދިނެވެ.
ދެހިތުގެ ޖަޒުބާތުތައް އުތުރިގަތެވެ. ކައިލްއަށް އިތުރަކަށް ކެތެއް ނުވިއެވެ. އެދިއެދި ހުރި ފޮނިމީރުކަމަށް ފެންބޮވައިގަތެވެ. ކެތްމަދުވެފައިހުރެ ޒާރާގެ ގައިމަތީގައި އޮވެ ކައިލްގެ ހިޔަނިން އެމޫނު ފޮރުވާލިއެވެ. ނޭވާކޮޅަށް ދާންފެށުމުން ޒާރާ ކައިލްގެ މޭގައި މަޑުމަޑުން އަތް ވިއްދާލިއެވެ. ކައިލްގެ ތުންފަތް ޒާރާއާ ވަކިކޮށްލީ އެހެންވެއެވެ. ކައިލް މީރު އެއްޗެއް ކައި ނިމުނުފަދައިން ތުންފަތުގައި ދޫ ހިންގައިލިއެވެ. އަދިވެސް އިތުރަށް އެކަމަށް އެދިއެދިހުރި ކައިލް ޒާރާއާ ގާތްވެލިއެވެ.
“ދެން..ދޭބަލަ… ކިހިނެއްތަ އެހެންނޫނަސް މިތަނަށް އައީ؟” ޒާރާ ގައިމަތީގައި އޮތް ކައިލްގެ އަތްދަށުން ދެމިގަންނަމުން އެނދުގައި ހަމަޖެހިލިއެވެ.
“ފަހުން ތިވާހަކަ..ލެޓް މީ ޓޭސްޓް ދޯސް ލިޕްސް އަގެއިން..” ކައިލް ޒާރާ ގެނެސް އުނގުމަތީގައި ބެއިންދިއެވެ.
“ދެން…” ޒާރާ ލަދުން އިސްޖަހައިލިއެވެ.
“މި ރޫމްއާ ޖެހިގެން ހުރި ރޫމްގަ ހުރީ..ދުވަސްކޮޅަކަށް އައިސްލީ މާމަ ބުނެގެން…” ކައިލް ޒާރާގެ ކޮލުގައި ހިފާލިއެވެ.
“މާމަ ބުނެގެންތަ ހަމަ؟” ޒާރާ ޝައްކުވެގެން އަހާލިއެވެ.
“އަސްލު އިނގޭނުން ކީއްވެކަން…” ކައިލްގެ މޭގައި ޒާރާ ބޮނޑިކޮށްލަމުން ބުންޏެވެ.


