އަހަންނަކީ ލ.ގަމަށް އުފަން ކުއްޖެކެވެ. އަދި މަންމަ އާއި ބައްޕަ އަށް ލިބުނު ދެކުދިންގެ ތެރެއިން ހުރި ހަމައެކަނި އަންހެން ކުއްޖާ ވެސް މެއެވެ. ދެން ހުންނާނީ ދޮށީ ބޭބެ ޒިޔަލްއެވެ. އޭނާ އަކީ މަންމަ އާއި ބައްޕަގެ “ރަން ދަރިފުޅު”އެވެ. އޭނާ ތަޢުލީމް ޙާޞިލު ކުރަން މާލެ ދިޔަ ގޮތަށް އަދިވެސް ދިރިއުޅެނީ ހަމަ މާލޭގައެވެ. އަހަންނަކީ ކޮންމެވެސް ސަބަބަކާ ހުރެ މުޅި އާއިލާގެ ރުޅިވެރިކަމާއި ނަފްރަތު ލިބި ބޮޑުވަމުން އައި ކުއްޖާއެވެ. އެއްމެ ކުޑައިރުއްސުރެ މަންމަ އަދި ބައްޕަ ފަރާތު އާއިލާއަށް ނިސްބަތްވާ ދެބެންގެ ދެދަރި ކުދިން އަހަރެން ދެކެ ރުޅި އަންނަ ކަން އަހަންނަށް އެނގެއެވެ. ނަމަވެސް ނޭނގެނީ އެ ނަފްރަތާއި ރުޅިވެރިކަމުގެ ފަހަތުގައި ވަންހަނާ ވެފައިވާ ސިއްރެވެ. އަހަންނަކީ އާއިލާގެ “ގުއި ދަރިފުޅު” ނުވަތަ “ސްކޭޕްގޯޓް” އެވެ. ހަމައެހެންމެ މައިންބަފައިންނާ އެމީހުންގެ އެއްބަނޑު އެއްބަފާ މީހުން، އަދި މާމަމެންގެ ނަޒަރުގައި ވެސް އަހަންނަކީ ހަމަ އާއިލާގެ “ގުއި ދަރިފުޅު” އެވެ. ތަޢުލީމު ހާސިލު ކުރުމަށްޓަކައި ބައްޕަ އަހަންނާ މަންމަ ފުވައްމުލަކަށް ލާފައި ގަމަށް ގޮސް ދިރިއުޅެނީ ފެށީ މާމަ އާއި ކާފަ ރަށުގައި އެކަނިކޮށް ނުލާންވެގެނެވެ. ނަމަވެސް އަހަންނަށް ހީވާ ގޮތުގައި އެއީ ރަށް ދެކެ ލޯބިވާތީ ގަސްތުގައި ނައިސް އުޅެނީހެނެވެ. ކޮންމެ އަކަސް ފުރާވަރުގެ އުމުރުފުރާ އަށް އެޅިއިރުވެސް އަހަރެން އުޅޭނީ މަންމަ އާއި އެކު ހަމަ އެ ރަށުގައެވެ. އުޅެމުންދާ ގެއަކީ މަންމަ ފަރާތު ކާފައަށް މުނިމާމަގެ ގެއިން ބަހައިގެން ލިބުނު ބައިގައި ހަދާފައި ހުންނަ ދެ ކޮޓަރީގެ ގެއެކެވެ. އިރުއޮއްސޭ ބަންގި އަށް ގޭ ދޮރު ތަށް ހުންނާނީ ކާފަ ރަށުގައި ނޫޅެންޏާ ތަންޑުތަށް އަޅުވައި ބަންދުކޮށްފައެވެ. ސަބަބަކީ ވައްކަން ކުރާ މީހުންގެ އަދަދު އިންތިހާއަށް ގިނަ ރަށެއްގައި އެކަނި ތިބެން ޖެހުމެވެ. ގޭދޮށުގައި މުގޯލި އަޅާ މީހުންވެސް ވަކި މަދެއް ނުވާނެއެވެ. ރައްކާތެރިކަމުގެ އެއްވެސް ކަންފުޅެއްނުވާ ތަނަކަށް ދެމައިން އެއްލާލާފައި ބައްޕަ ރަށުގައި ދިރިއުޅެމުން ދަނީ މަންމަ ފަރާތު މާމަގެ ގޭގައި ނިދައިގެން، ބައްޕަގެ އެއްބަނޑު ދެ އަންހެނުންގެ ގޭގެއިން ކައިގެނެވެ. “ކޮން އުފަލެއް ލިބޭތީ ބާ އެކަނި ރަށުގައި އެ އުޅެނީ” މިހެން އަހަރެންގެ ޅަ ހިތަށް ނާރާ އެއްމެ ދުވަހެއްވެސް ނުދާނެއެވެ. ނަމަވެސް ހިއްވަރު ކޮށްފައި އަހަރެން އެ ރަށުގައި ސްކޫލަށް ދާންފެށީ އަހަންނަށް ބައްޕަ އާއި ބޭބެއާ އެކުގައި ނޫޅެވުނަސް ކިޔެވޭނެއޭ ހިތަށް އަރުވަމުންނެވެ. ކާފަގެ އާއިލާ މީހުން އެރަށުގައި އުޅުނަސް “ބޮޑޫ” އާއި “ދޮންތަ” ފިޔަވާ މަންމަ ފަރާތު ކާފަގެ އާއިލާ އަށް ނިސްބަތްވާ މީހުން އަހަރެން ދެކެ އިންތިހާއަށް ރުޅި އަންނަ ބަޔަކަށްވެ ނިމިއްޖެއެވެ. މިކަމުގެ ސަބަބަކަށް ވަނީ އަހަރެން ކިޔެވުމަށް މޮޅުވުމެވެ. އެކުގައި ކުލާހުގައި ކިޔަވަމުންދާ ދަރިވަރުންގެ ފަރާތުން އަހަރެން ދަށް ކޮށްލުމަށް ނުވަތަ “ކަޑަ” ކޮށްލުމުގެ މަގުސަދު ގައި އައިސް އެއްޗިހި ކިޔައެވެ. އެއްމެ ފުރަތަމަ ސްކޫލަށް ދިޔަ ދުވަހު އަހަރެންގެ “ލަންޗް ބޮކްސް” އަށް މަންމަ ލައިދީފައި އޮތް “ބާގާ” ކަމުނުގޮސްގެން އެކުދިން އެ ވާހަކަ ދައްކައިފިއެވެ. ޖޫސް ޕެކެޓުގެ ބަދަލުގައި ޖޫސް ގެއިން ގިރާފައި އަހަންނަށް ވަރަށް ރީތި މަޑު ފިޔާތޮށިކުލައިގެ ފުޅިއަކަށް އަޅައިދީފައި އޮވެގެން “ފަގީރު ކުއްޖާ” އަށް ގޮވައިފިއެވެ. އަޖައިބު އަންތަރީސް ވެފައިވާ ހާލުގައި ސްކޫލުގައި ދުވަސް ހޭދަ ކުރީމެވެ. ގެއަށް ގޮސް މަންމަ ގާތު ކުދިން އަހަންނަށް ގަނާކުރަނީއޭ އަހަރެން ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ މިއީ ފުރަތަމަ ސްކޫލަށް ދިޔަ ދުވަހު އަހަންނަށް ދިމާވި ގޮތެވެ. އަހަންނަކީ ސިނގު ރުޅި ދޭތެރެއަކުން އަރާ ކުއްޖެއް ނަމަވެސް އަހަންނަކީ ކަންކަމާއި ގުޅިގެން އެއްވެސް ވަރަަކަށް ރުއި ކުއްޖެއް ނޫނެވެ. އެކަމަކު އެދުވަހު އަހަރެން އެކަނި ހުރެ ގިސްލަގިސްލާފައި ރޮމުންދިޔައީ ހިތް ކުދިކުދިވެ ފައިވާ ހާލުގައެވެ. ބައްޕަ އަކީ މީހަކު ދައްކާ ވާހަކައަކުން އަސަރެއް ކޮށްގެން އަޅާލާނެ މީހެއް ނޫންކަމުން ވަރަށް އުއްމީދާ އެކު މަންމައަށް އަހަރެން ސްކޫލުގައި ދިމާވީ ކަންތައްތަކުގެ ވާހަކަ ހިއްސާ ކުރީމެވެ. ނަމަވެސް ކަންތައްތައް ވީ އެއްމެ ހީނުކުރާ ގާތަށެވެ. މަންމަގެ ޖަވާބަކަށްވީ ” އާއިލާގެ މީހުންނާ މޫނު ކެނޑޭކަށް އަހަންނެއް ބޭނުމެއް ނޫން! މިތާގެ އަހަރެމެނަށް އެހީއެއް ވާންވެސް ތިބީ އެމީހުން. އެހެންވީމާ އަހަންނެއް ތިޔަ މައްސަލައެއް ނުޖައްސާނަން!” މިއެވެ. ސުކޫލަށްދާ ކޮންމެ ދުވަހަކީ އަހަރެންގެ ޒަޚަމް ވެފައިވާ ހިތުގައި ވަޅިން އެތަކެއް ފަހަރު ޅިޔަ އެޅޭ ދުވަސްތަކެއްގެ ގޮތުގައި ފާއިތުވެ ދެއަހަރު ވެއްޖެއެވެ. އޭރު އަހަރެންގެ އުމުރުން 13 އަހަރު ފުރި 14 އަށް އަޅައިފި އެވެ. އެކި އުމުރުފުރައިގެ މީހުން އަހަންނަށް ގަނާކޮށް ފުރައްސާރަކޮށް ހަދާ ކަމަކީ ރަށުގައި ދިރިއުޅޭ އެންމެނަށް އެނގޭ “ބޮޑު ސިއްރު” ކަމަށް ވެފައިވެއެވެ. ކުޑަކުޑަ 4 އަހަރުގެ ކުއްޖާވެސް އޭރު އަހަންނަށް ގޮވާނީ “އަގްލީ ޑަކްލިންގް” ގެ ނަމުންނެވެ. އެކަމުންވެސް އެ އިނގެނީ މީހުނަށް އެހެރަ ވާހަކަތައް ދެއްކޭ ވަރެއްނޫން ހެއްޔެވެ؟ މަންމަ އާއި ބައްޕަގެ ކައިވެންޏަށް 20 އަހަރު ފުރުނު ރޭގެ 12:00 ގައި އަހަރެން އެއްވެސް ބިރެއްނެތި ލައިގެންހުރި ހުދު ހެދުމުގެ ގެ ދަށަށް ވަޅިޔެއްލައި އެއްވެސް އަޑެއް ނުލައްވައި ހުރެ ފާހާނާއަށް ވަނީ ދުނިޔެ އަޅައި ދާން ބޭނުންވެފައި ހުރެއެވެ. އަހަރެން އެއިރު އިނީ ބައްޕަގެ ދަރިޔަކަށް ބަލިވެ އެވެ. ބަނޑަށް 2 މަސްވެފައި ވިޔަސް އަހަރެންގެ ލޫޅާފަތި ހަށިގަނޑަކުން ބަލިވެއިން މީހެއްގެ ކިބައިން ފާހަގަކުރެވޭ ފަދަ އެއްވެސް ސިފައެއް ފާހަގަވާކަށް ނުހުރެއެވެ. އެއްވެސް ރަހުމެއް ބައްޕަގެ ހިތުގައި ނެތި އަހަންނާ ބެހެނީ މިފަދަ ގޮތެއް ދިމާވެދާނެކަން އެނގިހުރެއެވެ. އުފަލުގައި ދިރިއުޅުމުގެ ދުވަސްތައް ހޭދަކުރަން ހިތް އެދޭކަމަށް، އަދި އަހަންނާ މެދު އެގޮތަށް ކަންތައްތައް ނުކުރުމަށް އާދޭސްކުރުމުން ބުނި ބަސް އަދިވެސް އަހަރެންގެ ހަނދާނުގައި ހުރެއެވެ. “ކިހިނެއް އަނިޔާ ލިބި ހިތާމައިގައި ދިރިއުޅޭ މީހެއްގެ އަރުތެރެއިން އުފަލުގެ ރާގެއް ނިކުންނާނީ؟” އެއްމެ ފުރަތަމަ އަހަންނަށް އަނިޔާ ދިން މީހަކީވެސް ބައްޕައެވެ. ބަފައެއްގެ ހައިސިއްޔަތުން އަހަންނާ ވާހަކަ ދައްކާ ހެދި މީހާ އަހަންނަށް ވަނީ މަރުވެފައެވެ. ބައްޕަ ދެކެ އަހަރެން ވީ ލޯބި ޝަކުވާއާއި ހިތްދަތި ކަމުން ނަފްރަތަށް ބަދަލުވާން ނެގީ ފަޅި ސިކުންތު ކޮޅެއްހާ އިރެވެ. އެއީ ބައްޕަ ވަގަށް ގެންގުޅޭ ވަގު ލޯބިވެރިޔާގެ ވާހަކަ އަހަންނަށް ފަޅާއެރި ދުވަހެވެ. އެއީ 21 އޮގަސްޓު 2017 ވަނަ ދުވަހުގެރޭގެ 12:15 އެވެ. އެ ރެޔަކީ އަހަރެންގެ މުޅި ދިރިއުޅުން ހަލާކުވި ރެއެވެ. ނޫނެކެވެ. ހަލާކުވި އެއް ނޫނެވެ. އަހަރެންގެ ބައްޕަ އަހަރެންގެ ދުރިއުޅުން ވެއްޔާ މޮޑެލީ އެއްވެސް ރަހުމެއް ހަމަދަރުދީ އެއް ހިތުގައި ނުވާ ހާލުގައެވެ. އޭގެ ފަހުން ކޮންމެ މަހެއްގެ ވެސް 21 ވަނަ ދުވަހުގެރޭ އަހަރެންގެ ހަށިގަނޑުގެ އެތަށް މިތަނުގައި ވަކިއަޅައި ނަގަނީ ޖަނަވާރަކާ މެދުގައިވެސް އިންސާނަކު ކަންތައްތައް ނުކުރާނެހާ އިހާނެތިކޮށެވެ. ހައި ވެފައިވާ ސިންގާއެއް ފަދައިން އަހަރެންގެ ގައިމައްޗަށް ޖެހިގަންނަނީ އަހަރެން ރޮއިރޮއި އޮއްވައެވެ. ނަމަވެސް ދެން އަހަންނެއް މި ކެހިވެރި ދުނިޔޭގައި އުޅޭކަށް ބޭނުމެއްނޫނެވެ. ކޮންމެ މަހެއްގެ 21 ވަނަރޭ 12:15 ގައި އަހަރެންނަށް އަނިޔާ ދިން ނަމަވެސް މިރޭ އެފުރުސަތު ނުދީ އަހަރެން މި ނިމިދަނީ އެއްވެސް އެއްޗެއް ހިތަށް ނާރާ ހާލުގައެވެ. 21 ނޮވެމްބަރު 2018، 12:15 ގައެވެ. އަހަންނަކީ ޒޯޔާ އެވެ.
(ނިމުނީ)
6 Comments!
Comments are closed.

That was amazing🔥❤️…your talent keeps surprising me💗
Thankyou Z💗🥹
Vaahaka vrh reethi🤍✨
Mikahala gina stories thakehh kiyaalan libeyne kamah ummeedhu kuran🕊️🤍
Keep it up 👏
Tysm 🍁!! In sha allah kuriyah oihthaaga miahvure reethi vaahaka thahves kiyaalan libeyne 🫶🏼
Vaahaka vrh reethi, Masha Allah 😘💗
Mikahala reethi vhk kiyaalan libeyne kamah uhmeefhu kuran <3😘
Thank you so much bbg!! In sha allah reethi vaahaka thakeh genesdheyn masakkaih kuraanan 🫶🏼