އިޝްޤް 2
އިރުގެ ރަން ދޯދިތައް މޫނަށް އެޅެންފެށުމުން ޒާރާއަށް ފުރޮޅިލެވުނެވެ. ކަންނެތްވެފައި އޮތްވަރުން، މަޑު ތަންމަތީގެ އަރާމުކަން ގެއްލޭކަށް ބޭނުމެއް ނުވިއެވެ. އެހެނަސް އެގޮތުގައި ވޭތުވީ އިރުކޮޅެކެވެ. ނަސީމާ އައިސް ޓަކި ޖަހަން ފެށިއެވެ. ވާނީވެސް އެހެންތާއެވެ. މިއަދަކީ ޒާރާ ހޮސްޕިޓަލަށް ނިކުންނަ ފުރަތަމަ ދުވަހެވެ. ގަޑި ޖެހިގެން ކަމަކުނުދާނެއެވެ.
ނަސީމާ މާވަރަކަށް ގޮވަން ފެށުމުން، ޒާރާއަށް މަޖުބޫރުވީ ތެދުވާށެވެ. އެހެންކަމުން ތެދުވެ ފެންވަރާ ތައްޔާރުވެލިއެވެ. ޒާރާ ނިމިގެން ތިރިއަށް ދިޔަ އިރު ޒާވިން ނޫން އެންމެ ތިބީ ޒާރާގެ އިންތިޒާރުގައި ސައި ނުބޮއެވެ.
“އަހަންނަކަށް ނީނދެވޭނެ ކަމަނާފާނު އަންނަންދެން ސައި ނުބޮއެެއް..އެކަކަށްޓަކައިވެސް ކެއުމެއް ނުހުއްޓޭނެ..” ޒާވިން އަނގައަށް ރޮށިފަޅި ލަމުން ބުނެލިއެވެ. ޒާރާ ޒާވިންގެ ބޮލުގައި ޖަހާލުމަށްފަހު، ޖެހިގެންހުރި ގޮނޑީގައި އިށީނެވެ. ސަޔަށް އިންސާފުކުރުމަށްފަހުގައި ޒާރާ ދެން ދިޔައީ ޒާވިންއާއިއެކުގައި ހޮސްޕިޓަލަށެވެ.
“ނިމިގެން ގުޅާ” އެހެން ބުނުމަށްފަހުގައި ޒާވިން ހިނގައްޖެއެވެ. އޭރު ޒާރާގެ އިންތިޔާރުގައި މީހަކު ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ.
“ޑރ.ޒާރާ ދެއްތޯ؟ މިއީ އަލީޝިޔާ. ނައިސްޓު މީޓް ޔޫ. ދުރުވޭ” ވަރަށް ހިތްހެޔޮ ކުއްޖެކެވެ.
އަލީޝިޔާ ޒާރާއަށް މުޅި ހޮސްޕިޓަލު ދައްކައިލިއެވެ. އަދި ހުރިހާ އެންމެން ތަޢާރަފުކޮށްދީ ހެދިއެވެ. އެންމެ ފަހުން “ބޮސް” އާ ބައްދަލުކުރުމަށް ގެންދިޔައެވެ.
ދޮރުގައި ޓަކި ޖަހާލުމަށްފަހު ވަރަށް މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އަދި ޒާރާއަށް އެތެރެއަށް ވަނުމަށް އިޝާރާތްކޮށްލިއެވެ. ޒާރާ ވަނުމުން އަލީޝިޔާ ނިކުމެއްޖެއެވެ.
ކައިލް އިށީންދެ އިން ގޮނޑިން ތެދުވެ ޖީބަށް އަތް ޖަހާލިއެވެ. އެ ފިނި ނަޒަރު ސީދާ ޒާރާގެ ލޮލަށް އަމާޒުކޮށްލަމުން އިޝާރާތުން، ކުރިމަތީގައި ހުރި ސޯފާގައި އިށީނުމަށް އެންގިއެވެ. އަމުރުވެރި ހަރަކާތްތަކެކެވެ. އެހާމެ ސީރިއަސް އަދާއެކެވެ. ޒާރާ މަޑުމަޑުން ސޯފާގައި އިށީންދެލިއެވެ. ކޯޓު ފަޓުލޯނުގައި ހުރި ކައިލް ނުހަނު ހިތްގައިމެވެ. އެހެނަސް އިސްއުފުލާ ބަލާލާކަށް ނުކެރުނެވެ. ކައިލް މޭޒުގައި ލެނގިލައިގެން ހުއްޓެވެ.
“ޒާރާ” އެ ފިރިހެންވަންތަ އަޑު ޒާރާގެ ހުރިހާ ޙިއްސަކާ ކުޅެލިފަދައެވެ.
“ލައްބަ” ޒާރާ ވަރަށް މަޑުމަޑުން ޖަވާބުދިނެވެ.
“މިތަނަކީ ޒާރާގެވެސް އަމިއްލަ ތަނެއްކަމުގައި ދެކިގެން މަސައްކަތްކުރޭ..އެއްވެސް ކަމަކަށް ބޭނުންވަންޏާ އަހަރެން ގާތުގަ ބުނީމަ ހަމަޖެހޭނެ.” ކައިލްގެ އަޑުގައިވަނީ ބިރުގަންނަފަދަ ޔަޤީންކަމެކެވެ.
“ތެންކިޔޫ. އަޅުގަނޑު މަސައްކަތް ކުރާނަން..” ޒާރާގެ ޖުމުލަ ފުރިހަމައެއް ނުވިއެވެ.
“ތިހާ ފޯމަލް ނުވޭ.” ކައިލް ބުނެލީ ޒާރާގެ ވާހަކަ މެދުކަނޑާލަމުންނެވެ.
“އެކަމަކު ތީ އަޅުގަނޑުގެ ބޮސްވީމަ” ޒާރާ ބުންޏެވެ. ކައިލް ނިއް އަރުވާލިއެވެ.
“އެގޮތަށް ނުދެކޭ. މިއީ ޒާރާގެ ދާއިރާ.. އަހަންނަށްވުރެ އިސްވާނީ ޒާރާގެ ނިންމުން..” ކައިލް ބުނެދިނެވެ.
” ތީވެސް ޑރ އެއް ނޫންތޯ؟” ޙައިރާންވެފައި ޒާރާއަށް އަހާލެވުނެވެ.
“ތިހީކުރާކަަހަލަ ޑރ އެެއް ނޫން. ޕީ.އެޗް.ޑީ ހޯލްޑަރއެއް. ކިޔެވީ ބިޒްނަސް” ކައިލް ސާފުކޮށްލަދިނެވެ.
“އެހެންދެއްތޯ..” ޒާރާ ހިނިތުންވެލިއެވެ. އެ ހިނިތުންވުމަށް ބަލަހައްޓައިގެން ކައިލް ހުއްޓެވެ.
“ހިނގާ މީޓިންއަށް” ކައިލް ކޯޓު ރީތިކޮށްލަމުން ބުނެލިއެެވެ. ކޮން މީޓިންއެއްބާއޭ ޒާރާގެ ހިތަށް އެރިއެވެ.
މީޓިންގައި ހޮސްޕިޓަލުގެ އިސްވެރިންނާއި ބައެއް އިސް ސްޓާފުންވެސް ތިއްބެވިއެވެ. ޒާރާއަށް ކަންކަން އޮޅުންފިލުވާދީ ކިޔާދިނެވެ.
“މިއަދު ދެން ދާންވީނު ގެއަށް. މާދަން ރަސްމީކޮށް ނިކުންނާނީ” މީޓިން ނިމިގެން ނިކުމެފައި ކައިލް ބުންޏެވެ. އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލައިފައި ޒާރާ ހިނގައިގަތެވެ. ފަހަތުން ކައިލް އައި ކަމެއް ނޭނގެއެވެ. ޒާރާ ޒާވިންއަށް ދެފަހަރު ގުޅިއިރުވެސް ފޯނު ނުނަގާތީ ހޮސްޕިޓަލުގެ ގޯތިތެރޭގައި ހުރި ބެންޗެއްގައި އިށީންދެލައިގެން އިނީއެވެ. އަޙުމަދުބެއަށް ގުޅަން ފޯނު ނެގިތަނާ ކުރިމަތީގައި މީހަކު ހުރިހެން ހީވެ ބަލައިލެވުނެވެ.
ކައިލް ކީއްވީތޯ ސުވާލުކުރުމުން، ޒާރާ ބުނެދިނެވެ.
“ހިނގާ..” ކައިލް ބުނެލީ އެހެންނެވެ.
“ނޫން..އިޓްސް އޯކޭ..” ޒާރާ އެހެން ބުނިއިރު ކައިލް ހުރީ ސީދާ ޒާރާއަށް ބަލާށެވެ.
” އަހަންނާ އެކީ ޒާރާ ދާނި” ޢަމުރެއްހެން ހީވާ އެޖުމުލާގައި އެހެން މާނައެއްވެސް ވާހެން ޒާރާއަށް ހީވިއެވެ. އިތުރަށް ދެކޮޅު ނުހަދަންވެގެން ޒާރާ ކައިލްގެ ފަހަތުން ދިޔައެވެ. މިއީ ހަމަ އަޖައިބެއްކަހަލަ ޒުވާނެކެވެ. ކުޑައިރުވެސް ޒާރާ ކައިލް ފެނި ޖެހިލުންވެއެވެ.
ކާރާ އަރާ ހަމަވުމުން ކައިލް ޒާރާ އެރުމަށްޓަކައި ދޮރު ހުޅުވާލަ ދިނެވެ. ޒާރާ އެރުމުން ދޮރު ލައްޕާލުމަށްފަހުގައި ކައިލް އެރީ ޑްރައިވަރު ސީޓަށެވެ. ޒާރާ ކައިލްގެ ހަރަކާތްތަކަށް ސިއްރުން ބަލަމުން ދިޔައެވެ. ކައިލްއަށް އެކަން ފާހަގަވިއެވެ.
“ހިތުގަ ސުވާލެއް އޮތީތަ؟” ކައިލް ސީދަލަށް އަހާލިއެވެ.
“ކައިލް ކިހިނެއް؟” އެހުނު ސުވާލުގެ މޮޔަކަން ވިސްނުން އިރު މާ ލަސްވެއްޖެއެެވެ. ޒާރާއަށް ތުންފަތުގައި ދަތް އަޅައިލެވުނީ އެހެންވެއެވެ.
“ޒާރާ ޑޯންޓް!” ސީދާ ޒާރާގެ ތުންފަތަށް ބަލައިލަމުން ކައިލް ދިނީ އިންޒާރެކެވެ. ޒާރާ ޙައިރާންވެފައި ބަލައިލިއެވެ. ކައިލް މަނާކުރި ކަންތައް ނުވިސްނިގެންނެވެ.
“ޑޯންޓް ބައިޓް ޔުއަރ ލިޕްސް” ކައިލް ދިމާލަށް ބުނެލިއެވެ. ޒާރާގެ ޙައިރާންކަންވީ އިތުރެވެ.
އޭގެ ފަހުގައި ގެއަށް ދެވެންދެންވެސް ދެމީހުން ވާހަކައެއް ނުދައްކައެވެ. ޒާރާ ގެއަށް ގެންގޮސް، ގޭގެ ދޮރާއި ހަމައަށްވެސް ކައިލް ދިޔައެވެ. ހީވަނީ ޒާރާގެ ބޮޑީގާޑު ހެންނެވެ. ޝުކުރު އަދާކުރުމަށްފަހުގައި ޒާރާ އެތެރެއަށް ވަދެގެން ދިޔައެވެ.
“އަހަން ދަރިފުޅާ ކައިލް. ކީއްވެ ބޭރުގަ ތިހުރީ؟” އަފީފަށް ގެއަށް އާދެވުނީ އެވަގުތުއެވެ.
“އަޅުގަނޑު ޒާރާ ގެއަށް ލާދޭން އައީ” ކައިލް ނުހަނު އިޙުތިރާމާއިއެކުގައި ބުންޏެވެ. އަފީފުގެ އެންމެ ގާތް އެކުވެރިޔާ ފައިސަލް ދުނިޔެ ދޫކުރަމުން ކުރި ވަޞިއްޔަތަކީ ކައިލްއަށް ބަލައި ދިނުމެވެ. އަފީފު ކައިލް ދެކެނީ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. ކައިލްގެ މަންމަ ކައިލް އުފަންވިތަނާހެން އެދެބަފައިން ދޫކޮށް ދިޔައީއެވެ. މިހާރު އުޅެނީ އިންޑިޔާ މީހަކާ އިނދެގެންނޭ ބުނާތީއިވެއެވެ.
“ހިނގާ އެއްޗެއް ކާލަން. ދަރިފުޅު މާ މަދުމަދުން އަންނާތީ ދައްތަ އަބަދު އެޝަކުވާ ކުރާނެ” އަފީފު ކައިލްގެ ކޮނޑުގައި ހިފާލަމުން އެތެރެއަށް ހިނގައިގަތެވެ.
ކުރު ސޯޓަކާއި ޓީޝާޓެއް ލައިގެން ނިކުތް ޒާރާ ސިޓިންރޫމުގައި ތިބި މީހުންނަކަށް ނުވިސްނައެވެ. ފުރިޖުން މެގްނަމެއް ހިފައިގެން އައިސް ޓީވީގެ ކުރިމަތީގައި އިށީންދެލިއެވެ. މެގްނަމް ބޮމުން ދިޔަ އިރު މީހަކު މާވަރަކަށް ބަލާހެން ހީވެގެން އެނބުރިލިއެވެ. ލަދުންގޮސް އަތުގަ ނެތް އެއްޗެހި ފޮރުވާވަރަށް ޒާރާ ލަދު ގަތެވެ.
ކައިލް މިތާ އެކުރަނީ ކީއްހެއްޔެވެ؟ އިންޒާރުދޭފަދަ ނަޒަރަކުން ކައިލް ޒާރާއަށް ބަލަން އިނެވެ.
“ދަރިފުޅު ކީއްވެ ކައިލް ބޭރުގަ ބެހެއްޓީ..” ނަސީމާ ކައިލްއަށް ޖޫސްތަށި ދިއްކޮށްލަމުން ޒާރާގާތުން އެއްސެވެ. ޒާރާ ހަމަ ޙައިރާންވެފައި އިނީއެވެ.
ކައިލްގެ ނަޒަރު އަދިވެސް ޒާރާއަށް އަމާޒުވެފައިވާތީ، ޒާރާ އަވަހަށް ތެދުވީ ކޮޓަރިއަށް ދާށެވެ. އަވަސްއަރުވާލާފައި ދިޔަ ޒާރާ ލައިގަތީ ޒާވިންގެ ގައިގައެވެ. ޒާވިން ވަގުތުން ހިފާގަނެއްޖެއެވެ. ޒާރާގެ އަތުގައި ހިފައިގެން ގޯތިތެރެއަށް ދުއްވާގަތެވެ.
“ދެން ޒާވިން ދޫކޮށްބަލަ…” ޒާވިން ޕޫލާއި ދިމާއަށް ދާންފެށުމުން ޒާރާ ތެޅިގަތެވެ. އޭރު ކައިލް ޒާވިންއަށް ލޯ އަޅަމުން އާދެއެވެ.
“މިފަހަރު ސަލާމަތެއް ނުވެވޭނެ..” ޒާވިން އެހެން ބުނަމުން ޒާރާ ކޮއްޕާލީ ޕޫލަށް ވަށްޓައިލުމަށެވެ. މަތަނުވެގެން ގޮސް ޒާރާ ފެންގަނޑުގެ ތެރެއަށް ވެއްޓުނެވެ. ހަމައެވަގުތު ކައިލް އައިސް ޒާވިންގެ ފައިގައި ޖަހާ ޕޫލަށް ވަށްޓައިލިއެވެ. ނުވިސްނާހުރި ޒާވިންއަށް ލިބުނީ ސިހުމެކެވެ. ޒާރާ ޕޫލުން އަރާފައި ކައިލްއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ދެވަނަ ސިކުންތުގައި ދުވެފައި ގެޔަށް ވަންނަން ދިޔައެވެ. އެތަން ފަހަނައަޅާ ކުޑަ ތަންކޮޅަކަށް ދެވުނުތަނާ، ކައިލް ޒާރާގެ އަތުގައި ވަރަށް ބާރަށް ހިފެހެއްޓިއެވެ. އަދި ގާތަށް ދަމާލަމުން ޒާރާގެ އުނަގަނޑުގައި ހިފަހައްޓައިލިއެވެ. ކައިލްގެ ދެލޮލުން ފާޅުވަމުންދިޔައީ ބުނެދޭން ނޭނގޭ ރުޅިއެކެވެ. ޒާރާ ޖެހިލުންވެ ފަހަތަށް ފިޔަވަޅެއް އަޅާލަން އުޅުމުން، ކައިލް އިތުރަށް ޒާރާ ގަޔާ ގާތްކޮށްލިއެވެ.
“ކީއް..ތަ.. ވީ؟” ވަރަށް އުނދަގުލުން ޒާރާ ސުވާލުކޮށްލިއެވެ. ކައިލްގެ ހޫނު ނޭވާތަކުން ޒާރާގެ ހިތް އަވަސްވަމުން ދިޔައެވެ.
“ނޭނގޭތަ ވީ ގޮތެއް؟” ރުންކުރުކޮށް ކައިލްވެސް ކޮށްލީ ސުވާލެކެވެ. ކޮންމެ ކަމެއް ނަމަވެސް ކައިލް ވަރަށް ރުޅި އައީކަން އެނގުމުން ޒާރާ ދެރަވިއެވެ.
ޒާވިންގެ ހިލަންވުމުން ކައިލް ޒާރާ ދޫކޮށްލިއެވެ. ޒާރާ އަވަހަށް ދުއްވާގަތެވެ.
“އަދިވެސްތަ ކައިލް؟” ޒާވިން ބޯހޫރުވާލަމުން ކައިލްގެ ކޮނޑުގައި ޖަހާލިއެވެ.
“ދެން އަތް ނުލައްޗޭ..” ކައިލް ދިނީ އިންޒާރެކެވެ. ޒާވިންއަށް މަޖާވިއެވެ. ކައިލް ހަމަޖައްސާލުމަށް އެކި ވާހަކަ ދައްކަމުން ހިނގައިގަތެވެ. ޒާވިންއަށް ހުރިހާ އެއްޗެއްވެސް އިނގެއެވެ.
ޒާރާއަކަށް ކުޑަކޮށްވެސް ވާނުވާ އޮޅުމެއް ނުފިލިއެވެ. ކައިލްގެ އެ ޢަމަލުތަކުގެ މާނައެއް ނުވިސްނުނެވެ. ކައިލް އެހާ ރުޅި އައީ ކީއްވެބާއެވެ؟ މުޅި ދުވަހު ކައިލްއާމެދުގައި ވިސްނުނެވެ.
ރޭގަނޑުގެ ކެއުމަށްފަހުގައި ޒާރާގެ ގާތް އެކުވެރިންނާ ބައްދަލުކޮށްލުމަށް ދިޔައެވެ. ޒާވިންވެސް މަލާކް ގޮވައިގެން ދިޔައެވެ.
“މިއަދު ކީއްވެތަ ކައިލް ރުޅި އައީ؟” ޒާރާގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ސުވާލުކޮށްލިއެވެ.
“ވެދާނެ އަންހެނުންނާ މައްސަލައެއް ޖެހުނީ ކަމަށް” ދެމާނަ އެކުލެވިގެންވާ ޖަވާބަކުން ޒާވިން ނިންމާލިއެވެ. ޒާރާ ކުއްލިއަކަށް ހަނދާންވިއެވެ. ތެދެކެވެ. އެއީ މީހެއްގެ ފިރިއެކެވެ.
އެކުވެރިންނާއި އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހުގައި ޒާރާ ގެޔަށް ދިޔައިރު ތަންކޮޅެއް ލަސްވެއްޖެއެވެ. ނިދި އައިސްފައި ހުރިވަރުން ޒާރާއަށް ވަރަށް ފަސޭހައިން ނިދިއްޖެއެވެ. ކުއްލިއަކަށް ސިހިފައި ހޭލެވުނީ ހުވަފެނެއް ފެނިގެންނެވެ. އެވަގުތު ބަނޑަށް ތޫނު ތަދެއް އިޙުސާސްވެގެން ދިއުމުން ތިރިއަށް ބަލައިލެވުނެވެ. ހީވީ ރަނގަޅަށެވެ. އަވަހަށް ފާޚަނައަށް ގޮސް ލޭތައް ސާފުކޮށްލިއެވެ. ތިރިން ލައިގެންހުރި ސޯޓު ބަދަލުކޮށް އެނދުގައި ހަމަޖެހިލިއެވެ. ދެންމެ ފެނުނު ހުވަފެނާއިމެދުގައި ވިސްނެންފެށިއެވެ. ފެނުނީ ކައިލްއެވެ. ޒާރާ ކައިލްގެ އަތުތެރޭގައި ވާތަނެވެ. އެއީ ކީއްވެގެން ފެނުނު ހުވަފެނެއް ބާއެވެ. އަނެއްކާ ކައިލް ދެކެ… ނޫނެކެވެެ. އެއީ މީހެއްގެ ފިރިއެކެވެ.


