ފިނޮޅު ދަތުރު
އީޝާ އާއި ރީމާއަކީ ވަރަށް ގާތް ދެއެކުވެރިންނެވެ. އީޝާ ކިޔަވަނީ ގްރޭޑް 3 ގައެވެ. ރީމާ އަކީ ގްރޭޑް 4 ގެ ކުއްޖެކެވެ. މިދެކުދިންނަކީ އެންމެ ކުޑައިރުން ފެށިގެންވެސް ވަރަށް އެއްކޮށް އުޅޭ ދެކުދިންނެވެ.
ދެކުދިން އެކުގައި އުޅޭއިރު މިކުދިންގެ މަންމަމެން މިދެކުދިންނަށް ހަދިޔާ ގަނެދީހަދައެވެ. ރީމާ މަންމަ ރީމާއަށް ހަދިޔާ ގަންނައިރު އީޝާއަށްވެސް ހަދިޔާއެއް ގެނެސްދެއެވެ. ހަމަ އެގޮތަށް އީޝާ މަންމަ ހަދިޔާ ގެންނައިރު ރީމާއަށްވެސް ހަދިޔާ ގެނެސްދެއެވެ. އެހެންވެ މިދެކުދިންނަށް ވަރަށް ގިނައިން އެކި ވައްތަރުގެ ހަދިޔާ ލިބެއެވެ. މިހެންވެ ދެކުދިންނަށް ވެސް ދަސްވަމުން ދިޔައީ އެހެން ކުދިންނަށް ހަދިޔާ ދިނުމަކީ ވަރަށް ރީތި އާދައެއްކަމެވެ. އޭރުން ކުދިން އުފާވާނެކަންވެސް އެކުދިންނަށް އެނގެއެވެ.
ރީީމާ އާއި އީޝާ ގިނަވަގިތު އެއްކޮށް އުޅުނަސް ބައެއް ފަހަރަށް ވަރަށް ދެރަކަންކަން ދިމާވެއެވެ. ބައެއް ފަހަރަށް ދެކުދިންނަށް ތޮޅެވެނީއެވެ. ނޫނީ ބައެއްފަހަރަށް ރުޅިއާދެވުނީމަ މާބާރަށް ވާހަކަ ދައްކާފަ އެއްކުއްޖަކު ބާކީކޮށްލެވެނީއެވެ. އެގޮތަށް ކަންތައް ދިމާވާ ދުވަހެއްވިއްޔާ އަބަދުވެސް ކޮންމެސް އެއް ކުއްޖަކު ހުންނަނީ މާބޮޑަށް ރޮވިފައެވެ. ނޫނީ ދެރަވެފައެވެ. އެހެންވެ ރީމާގެ މަންމަ އާއި އީޝާގެ މަންމަވެސް އެކުދިންނަށް ނަސޭހަތްތެރިވަނީ އަބަދުވެސް އެކުވެރިވެ އުޅުމަށެވެ. އެއީ އެހެން ނޫނީ މާދެރަގޮތެއް ދިމާވެދާނެތީއެވެ.
އެއްދުވަހަކު އީޝާގެ ގެއަށް ރީމާ އައިސްފައި ބުނެލި. “ރީމާ!.. މިއުޅެނީ ދޮންބެ ދައްތަ އާއި ދޮންބެއާ އެކީ މޫދަށް އެރިލަން ފިނޮޅަކަށް ދާން. އީޝާ ބޭނުމިއްޔާ ގެންދާނަން. އެކަމު އީޝާ މަންމަމެން ގަބޫލިއްޔާ ގެންދެވޭނީ.”
“މަންމާ! ރީމާ އާއެކު މޫދަށް އެރެން އަޅުގަނޑަށް ދެވޭނެތަ؟” އީޝާ އޭނާގެ މަންމަ ގާތު އަހާލިއެވެ.
އީޝާގެ މަންމަ ބުނީ ރީމާގެ އާއިލާއާއެކު މޫދަށް އެރެން ދިޔަސް އެންމެ ރަނގަޅުކަމުގައެވެ. އެހެންވެ ރީމާ އާއީ އީޝާވެސް މޫދަށްދާ ދުވަސް ޖެހެންދެން ކެތްކޮށްލައިގެން ތިބީއެވެ. ބައެއް ފަހަރަށް ބައެއް ކަންކަން ކުރެވޭނީ ކެތްތެރިވެލައިގެން ކަން އީޝާގެ މަންމަ އާއި ރީމާގެ މަންމަވެސް ބުނެދެއެވެ. ކެތްކުރަން ޖެހޭ ވަގުތު ބައެއްފަހަރަށް ހުރިހާ ކުދިންވެސް ހިތްވަރުކޮށްލަން ވާނެކަން މިހާރު ރީމާއަށާ އީޝާއަށް ވެސް އެނގެއެވެ.
މޫދަށް ދިޔުމުގެ އެއްދުވަސް ކުރިން ރީމާ އައިސް އީޝާގެ ގެއަށް ވަނެވެ. އޭރު އީޝާ އިނީ އޭނާގެ ކޮށްކޮއާއެކީ ކުޅެންނެވެ. ފޮށި ގަނޑަކާ ކުލަތަކެއް އީޝާގެ ކައިރީގައި ހުރިއިރު ކޮށްކޮ ކައިރީގައި ކުޑަކުޑަ ބޯޅައެއް އޮތެވެ. ރީމާ އައިސް އީޝާގެ ހުއްދަ ނުހޯދާ ކުލައެއް ނަގާ ފޮށިގަނޑުގައި ޖައްސާލިއެވެ.
“ނޫން… ރީމާ! ތިހަޑިކޮށްލީ އީޝާގެ ކުރެހުން.. ކުލަޖައްސަން ބޭނުމިއްޔާ ބުނެލިނަމަ.” ރީމާދެކެ ހިތްހަމަ ނުޖެހުނަސް އީޝާ ބުނެލީ މަޑުމަޑުންނެވެ.
“ނޫޅެން އެހެންވިއްޔާ މާދަމާ ފިނޮޅަށް ދާއިރު އީޝާ ގެންދާކަށް. ދޮންބެ ކައިރި ބުނާނަން އީޝާ ނުލައޭ ފިނޮޅަށް ދާނީ.” ރީމާ ރުޅިއައިސްގެން ގެއަށް ދާން އުޅުނެވެ.
“އަޅެ ރުޅެއް ނާންނަމޭ.. އެކަމު ކުދިންގެ އެއްޗިހި ނަގަންވާނީ ބުނެފައެެއްނު. އެހެންވެ އެހެން ބުނެލީ. އީޝާ މަންމަވެސް ބުނެފަ އޮންނަނީ އެހެން ކުދިންގެ އެއްޗެއް ނަގަންޏާ އެކުދިންގާތު އަހާލަން ވާނެއޭ.” ރީމާދެކެ ރުޅި ނާންނަކަން ބުނެދޭން އީޝާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ރީމާ ރުޅިއައިސްގެން ގެއަށް ދިޔައީއެވެ.
ރީމާ ގެއަށް ގޮސް އީޝާ މަންމަގެ ފޯނަށް ގުޅިއެވެ. އަނެއްކާވެސް ރީމާ ބުނީ އީޝާ ފިނޮޅަށް ނުގެންދާނެ ވާހަކައެވެ. އަދި ދެން ދުވަހަކުވެސް އީޝާ އާއި ރައްޓެހި ނުވާނަން ކަމަށް ރީމާ ބުންޏެވެ. އެވަގުތު ރީމާ ފޯނު ބޭއްވީ އީޝާ ވަރަށް ދެރަކޮށްލާފައެވެ.
އީޝާއަށް ވަރަށް ގިނައިން ރޮވުނެވެ. މެންދުރުވެސް އީޝާއަށް ރޮވުނެވެ. އީޝާވެސް ފިނޮޅަށް ދާހިތްވާތީއެވެ. ހަވީރުވެސް އީޝާއަށް ރޮވުނެވެ. އެހާ ރައްޓެހި ކުއްޖެއް ރުޅިވީމައެވެ. އެރޭ ރޭގަނޑު ކާން އިން ގަޑީގަވެސް އީޝާއަށް ރޮވުނެވެ. ރީމާ ހަޑިކޮށް ވާހަކަދެއްކީމައެވެ. ނިދާ ގަޑީގަވެސް ރީމާ މަތިން ހަނދާންވާތީ އީޝާ އަށް ރޮވެނީއެވެ.
“ދަރިފުޅާ.. އީޝާ! ދެން ހުއްޓާލާ. ދަރިފުޅު ރީމާގާތު ބުނީ ރަނގަޅު ވާހަކަތަކެއްނު. ކުދިންގެ އެއްޗެތި ނަގަންވާނީ އެކުދިންގާތު ބުނެފަ. މަންމަ ވަރަށް އުފާވި މިއަދު ދަރިފުޅު ވަރަށް ރީތިކޮށް ރީމާއާ ވާހަކާ ދެއްކީމަ.. އެކަމު މަންމަ ވަރަަށް ދެރަވި ރީމާ އެހާ އަވަހަށް ރުޅިއައީމަ. ހުރިހާ ކުދިންވެސް ވާނެ ރަނގަޅު ވާހަކަތައް ގަބޫލުކުރަން. ދެން މާދަމާ ދަރިފުޅު ރީމާގާތަށް ގޮސް ސަލާމް ކޮށްލާފަ ރައްޓެހިވެލާނީ.” އީޝާގެ މަންމަ ނަސޭހަތް ދިނެވެ.
މަންމަ އެހެން ބުނީމަ އީޝާ ބޭނުންވީ ހަމަ އެވަގުތު ރީމާއަށް ގުޅާފަ ރައްޓެހިވާށެވެ. އެކަމަކު ކަންތައްވީ އަނެއްކާވެސް އީޝާ ވަރަށް ދެރަވާ ގޮތަށެވެ. ފޯނުން ވާހަކަ ދައްކަމުން ރީމާގެ މަންމަ ނަސޭހަތް ދިނީމަވެސް ރީމާ ރައްޓެހި ވާން ބޭނުމެއް ނުވިއެވެ. ގޮތްދޫނުކޮށް ރީމާ ބޭނުންވީ އީޝާ ނުލާ ފިނޮޅަށް ދާންނެވެ. އެހެންވެ ރީމާ އޭނަ މަންމަގެ ބަސްނާހާ ރުޅިއައިސްގެން އޮވެ ނިދީއެވެ.
އަނެއް ދުވަހުގެ ހެނދުނެވެ. ހޭލެވުނުއިރު ރީމާ އޮތީ ހުންއައިސްފައެވެ. ބޮލަށް ތަދުވެ ބަނޑަށް ތަދުވެ ހޮޑުވެސް ލެވެން ފެށިއެވެ. ގައިން ހަކަތަ ދޫވެގެން ހޮސްޕިޓަލުގައި އެނދުމަތިވެސް ކުރެވުނެވެ. އެހެންވެ ރީމާއަށް މިއަދު މިދިމާވީ ވަރަށް ދެރަގޮތެކެވެ. އީޝާ ދެރަކޮށްލާފަ ފިނޮޅަށް ދާން އުޅެގެން ރީމާއަށްވެސް ދިމާވީ ފިނޮޅަށް ނުދެވޭގޮތެވެ. އެއްކުއްޖަކު ދެރަކޮށްލާފަ އަނެއް ކުއްޖަކަށް އުފަލެއްވެސް މަޖަލެއްވެސް ނުކުރެވޭނެއެވެ.
ރީމާ ބަލިވެ އޮތްކަން އެނގިގެން އީޝާ އޭނާގެ މަންމައާއެކު ހަދިޔާ ހިފައިގެން ގޮވާލަން ދިޔައެވެ. އެއަށްފަހު ރީމާއާ ސަލާމްކޮށްލާފައި އީޝާ ހިނިތުންވެލީ ރައްޓެހި ވެލަމުންނެވެ. ފަހުން ރީމާވެސް ދެރަވިއެވެ. އީޝާއަކީ ރަނގަޅު ކުއްޖެއްކަން ރީމާ ގަބޫލުކުރެއެވެ. ރީމާ ބަލިވީމަ ގޮވާލަން އައީ ކިހާ ރަނގަޅު ވީމަހެއްޔެވެ؟ އީޝާ ދެރަކުރެވުނީތީ ރީމާ އެވަގުތު މާފަށް އެދުނެވެ. އެމަންޒަރު ފެނި ދެކުދިންގެ މަންމަވެސް އެކުދިން ގައިގާ އުފަލުން ފިރުމާލިއެވެ.
-ނިމުނީ-
ވާހަކައިން ހާސިލްވި ބައެއް ޢިބްރަތްތައް:-
* ދީލަތިކަމުގެ ރީތި އާދަ.
* ކެތްތެރިވުން.
* އެކުވެރިކަމުގެ ބާރު ގަދަކަން.
* ރުޅިވެރިކަމުގެ ނިކަމެތިކަން.






