Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެން

އުންމީދުގެ ވާފަށް

Aysherr Level 1100 Login10 Stories
July 13, 2025 4 Mins Read
0 Comments

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މަގުތައްމަތިން ފެންނަނީ ނާމާން ކަމެވެ. އެހެން ރޭރެއާއި ޚިލާފަށް މިރޭ ވައިބާރެވެ. ރަފީގުގޮވާ އަޑު ނޫން އަޑެއް މަގެއްގެ މަތިން އިވި ނުލައެވެ. މަގުމަތިން މީހަކު ނުފެނުނަސް މި ގަޑިއަކީ އެންމެން ނިދާފަ ތިބޭނޭ ގަޑިއެއް ނޫންކަން ގައިމެވެ. ނިދާ މީހުން ތިބޭނީ ނިދާފައެވެ. އެހެން ނަމަވެސް އެންމެނެއް ނުނިދާނެއެވެ. އަހަރެން ވެސް މީ ނުނިދާ މީހުންގެ ލިސްޓުގައި ނަން ހިމެނޭނެ މީހެކެވެ.

މެންދަމު ދޭއް ޖެހި އިރު ވެސް އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި ލޮލަށް ނިދި ނައުމުން ތެދުވީމެވެ. ލާފައި ހުރި އަތްދިގު ޓީޝާޓުގެ މަތިން ބުރުގާ އަޅަމުން ގޮސް ކޮޓަރިން ބެލްކަންޏަށް ނުކުމެވެން ހުންނަ ދޮރު ހުޅުވާލާ އެތަނަށް ނުކުމެލީމެވެ. މިއީ  މިފަހަކަށް އައިސް ގިނަރޭރޭ އަހަރެން އުޅެން ޖެހޭ ހާލެވެ.

ރެއަކީ މުޙައްރަމް މަހުގެ ފަނަރަ ވިލޭރޭ ނަމަވެސް އުޑުމަތީގައި ގިނަވަމުން ދިޔަ ކަޅު ބޯ ވިލާތަކުގެ ސަބަބުން މިރޭގެ ރާނީގެ ވަސްވެސް ފެންނާކަށް ނެތެވެ. ޖެހޭ ވަޔަށް އަހަރެން އަޅައިގެން ހުރި ބުރުގާ ވިހުރެމުން ދިޔައިރު ދޭތެރެ ދޭތެރެއިން ވިދާލާ ވިދުވަރާއި އެކު އަހަރެންނަށް އެމަންޒަރު ސިފަވީ ބިރުވެރި މަންޒަރެއްގެ ގޮތުގައެވެ. އިސާހިތަކު އަހަރެންގެ ސިކުނޑީގެ ތެރެއަށް މާޒީގެ ހަނދާންތައް ގަދަ ކުރަން ފަށައިފިއެވެ.

އަހަރެންގެ އުމުރުން ބާރައަހަރުގައި މަންމައާއި ބައްޕަގެ ކައިވެނި ރޫޅުނެވެ. ކޮންމެހެން ބޮޑު މައްސަލަ އެއް ޖެހިގެނެއް ނޫނެވެ. މަންމައަށް އެހެން ފިރިހެނަކު ފެނިގެން ބައްޕައާއި އެކު އުޅެން ބޭނުން ނުވާތީ ބައްޕަ، މަންމަ މިނިވަން ކޮއްދިނީއެވެ. އާނދެން އުޅެން ބޭނުން ނުވާ މީހަކު އެންމެ ރަނގަޅުވާނީ ދާން ދޫކޮއްލިއްޔާތާއެވެ.

އުމުރުން ބާރައަހަރުން ފެށިގެން އަހަރެން އުޅުނީ ބައްޕައާއި އެކުއެވެ. މަންމަ ނުކުމެގެން ދަމުން ދެން ދަނީއޭ ބުންޏެވެ. ރަނގަޅަށް ބައްޕަގެ ބަސް އަހައިގެން އުޅޭށޭ ބުނެ، އަހަރެން ގައިގައި ބައްދާލިއެވެ. އެހާ ޅައުމުރެއްގައި މަންމައާއި ވަކިން ދިރިއުޅުން ކުރިއަށް ގެންދަން އަހަރެންނަށް ވަރަށް އުނދަގޫ ވިއެވެ. އެހެން ނަމަވެސް މަންމަ އަހަރެން ދޫކޮއްފައި ދާނީ މަންމައަށް އެވަރު އިޙްސާސް ނުވާތީތާއެވެ.

ބައްޕަ އަހަރެންގެ މުސްތަޤުބަލު އުޖާލާ ކޮއްދިނުމަށްޓަކައި ލައްކަ މަސައްކަތް ކުރިއެވެ. ހެނދުނު ހޭލާ ގޮތަށް މަހަށް ދާން ފުރާނެއެވެ. ކަނޑުގަދަ ދުވަހެއް ނަމަ މަހަށް ނުދެވިއްޖެއްޔާ ރުކު އަޅަން ނަމަވެސް ދާނެއެވެ. ފަހުން ފަހުން އައިސް ބައްޕަ ދަތުރު ކުރަން ފެށީ ރަށު ބޯއްޓުގައެވެ. މަހަށް ގޮސްގެން ލިބޭ ލާރިއަށް ވުރެ އިތުރަށް އެމަސައްކަތް ކޮށްގެން ލާރި ލިބޭތީއެވެ. ޒަމާނަކީ ލާރިއާއި ނުލާ ހިނިތުންވުމެއް ވެސް ލިބޭ ޒަމާނެއް ނޫންކަމުން ލާރި ހޯދުމަކީ ކޮންމެހެން ވެސް މަޖުބޫރުކަމެކެވެ.

ސްކޫލުގައި ވެސް މުއްސަނދި މީހާގެ ދަރިއަށް މޮޅަށް ކިޔަވާދެއެވެ. ކިޔަވަން ދަށް ނަމަ އިތުރަށް މަސައްކަތް ކޮއްދެނީ ވެސް މުއްސަނދިންގެ ދަރިންނަށެވެ. ފަޤީރު މީހާގެ ދަރިއަށް ކިޔަވާދެނީ ކޮންމެހެން ވެސް ކިޔަވާ ދޭން ޖެހޭތީ ތޯއްޗެކެވެ. އެހެން ކުދިންނާއި ޚިލާފަށް އަހަރެންނަކީ ކިޔަވަން މޮޅު ކުއްޖެކެވެ. ކުލާހުގައި ނަގާ ޓެސްޓު ތަކުން އެއްވަނަ ގެންނަމެވެ. އެހެން ނަމަވެސް އަހަރެންނަކަށް ޓީޗަރުންގެ ލޯތްބެއް ނުލިބުނެވެ. ކުދިންގެ ފަރާތުން ވެސް ފެނުނީ ދުރުކަމެވެ. ކުލާހުގައި ކިތަންމެ ގިނައިރެއް ވަންދެން އިނަސް އަނގައިން ވެސް ބުނެލާނީ މަދު ކުއްޖެކެވެ.

ގުރޭޑު ދިހައެއް ނިމުމާއިއެކު އަހަރެންނަށް އިތުރަށް ކިޔަވާދިނުމަށްޓަކައި ބައްޕަ އަހަރެން މާލެ ފޮނުވިއެވެ. ބައްޕަގެ ރައްޓެއްސެއްގެ ގޭގައި ހުންނަ ގޮތަށެވެ. އަހަރެންގެ މަސައްކަތަކަށް ވެފައި އޮންނަނީ އެގޭގައި ދިރިއުޅޭ ހަތްމީހުންގެ އަންނައުނުތައް ދޮއުމާއި ތިން އިރަށް ކެއްކުމެވެ. އޭރުން އެގޭގައި އެއްވެސް އަގެއްނުދީ ހުރެވެއެވެ. ގިނަ ދުވަސް ދުވަހު އެހުރިހާ މަސައްކަތެއް ކޮށް ނިންމާ އަށެއް ޖަހާއިރަށް ކޮލެޖަށް ދެވޭވަރު ވަނީ ކިރިޔާއެވެ.

އެންމެންގެ އަންނައުނުތައް ދޮވެ ހެނދުނުގެ ސައި ތައްޔާރުކޮށް ނިންމާފައި ނޫނީ ކިޔަވާކަށް ނުދަމެވެ. އަނެއްކާ އިންޓަވަލް ގަޑިއަށް ގެއަށް އައިސް މެންދުރަށް ކައްކާ ނަމާދުކުރަމެވެ. ދެން ގޮސް ނިންމާފައި ގެއަށް އާދެވޭއިރު ހުންނާނީ ހަތަރެއް ޖަހާފައެވެ. ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް ބައްޕައާއި ވާހަކަ ދައްކާލަން ދުވަހުގެ ކޮންމެސް ވަގުތެއް އަހަރެން ހުސްކުރަމެވެ. ބައްޕަ މާލެ އަންނަ ދަތުރުތަކުގައި އެއް ފަހަރު ނަމަވެސް އަހަރެންނާއި ބައްދަލު ކުރަން އާދެއެވެ. އެކަމާއި ވެސް އަހަރެން ޝުކުރުވެރިވަމެވެ.

ދުވަސްތައް އޭގެ އެންމެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައެވެ. އަހަރެންގެ ކިޔެވުން ވެސް ކުރިއަށް ދިޔައީ އަމާން ކަމާއިއެކުގައެވެ. ކިޔެވުމުގެ އެންމެ ފަހު އަހަރު ހިނގަމުން ދިޔައިރު އަހަރެންނަށް ލިބުނީ ދުވަހަކު ވެސް އަހަރެން އަހަން ބޭނުންވީ ޚަބަރެއް ނޫނެވެ. ހަވީރު ކުލާސް ނިންމުމަށްފަހު ގެއަށް ވައިން އަހަރެންނަށް އެގޭ ދައްތަ ދިއްކޮށްލީ ރަށުގައި ހުރި ބޮޑުދައިތަގެ ފޯނު ކޯލެކެވެ.

އެހާ ސާފުކޮށް އޮތް އުޑުމައި ބަނަކޮއްލީ ހަމަ ކުއްލިއަކަށެވެ. ބައްޕަމެން ދަތުރުކުރަމުން ދިޔަ އޮޑި ބަންޑުން ޖަހާލައި އޭގައި ތިބި މީހުންތައް ގެއްލުނީއެވެ. އެއްބަޔަކު ފެނުން ނަމަވެސް އެމީހުންގެ ހަށީގައި ފުރާނައެއް ނެތެވެ. އަހަރެންގެ ބައްޕަ ހިމެނުނީ ގެއްލުނު މީހުންގެ ތެރޭގައެވެ. ހިތްދަތި ކަމުގެ އޮއެވަރުގައި ޖެހުނު އަހަރެންނަށް ހީވީ އަހަރެންގެ ދުނިޔެ ވެސް މަރުވީ ހެނެވެ. ބައްޕަ ނެތި އަހަރެންނަށް ދުނިޔޭގައި ދިރިއުޅުން ވެސް ވާނީ އިމްތިޙާނަކަށެވެ. އެއިމްތިޙާނުން ފާސްވާން ގަދައަޅާއި މަސައްކަތް ކުރަން ޖެހޭނެއެވެ.

ހަފްތާއެއް ވެގެން ދިޔައިރު ވެސް ގެއްލުނު މީހުން ހޯދަން ކުރެވުނު އެއްވެސް މަސައްކަތަކަށް ކުރިއެރުމެއް ނުލިބުނެވެ. އެމަސައްކަތް ވެސްވީ ކަނޑަށް ވެއްޓުނު ތިނޯސް ހޯދުން ފަދަ ކަމަކަށެވެ. އެހާހިސާބުން އެމީހުން ވެސް މަސައްކަތް ހުއްޓާލިއެވެ. އެހެން ނަމަވެސް އަހަރެންގެ މަސައްކަތް ދިޔައީ ހުއްޓުމެއް ނެތި ކުރިޔަށެވެ. ބައްޕަ ހެޔޮހާލުގައި ލައްވާތޯ ﷲ ގެ ޙަޟްރަތުގައި މެދުކެނޑުމެއް ނެތި ދުޢާ ދެންނެވީމެވެ.

ކިޔެވުން އެހިސާބުން މެދުކަނޑާލައި އަހަރެން ރަށަށް ބަދަލުވީމެވެ. މާލޭގައި އުޅުނު އިރު އަހަރެން ކިޔެވީ ޤުރްޢާން ޓީޗިން ކަމުން އަހަރެން ހީކުރީ ރަށު ސުކޫލުން ވަޒީފާ ގަނޑެއް ނަމަވެސް ލިބޭނޭ ކަމަށެވެ. އެހެން ނަމަވެސް ހީކުރި ގޮތާއި ޚިލާފަށް ވަޒީފާ ހަމަޖެހުނީ އެކަމުގެ ޤާބީލުކަން ވެސް ނެތް ތާކުންތާކުން ނުޖެހޭ މީހަކަށެވެ. އެހެން ނަމަވެސް އަހަރެންނަށް ގޮތެއް ހުހެއް ނުވިއެވެ. ހިތުގައި އޮތް އުންމީދުގެ ހުޅުކޮޅާއި އެކު ކުރިއަށް ދެވޭތޯ އަނެއްކާ ވެސް އަހަރެން މަސައްކަތް ފެށީމެވެ.

ބައްޕަ ރަށު ބޯޓުގައި މާލެ ދަތުރު ކުރިއިރު ލިބުނު ލާރިން ގޭ ހުރީ ފެންވަރުގައި ހަދާފައެވެ. ދެބުރިއަށް ނަގާފައެވެ. ގޭގެ އެއްބައި ކުއްޔަށް ދީގެން ލިބުނު ލާރިން ފޫޓުން ބައެއްގައި ޤުރުޢާން ކުލާހެއް އެޅީމެވެ. ކިޔަވާދޭން ފެށި ފުރަތަމަ ދުވަސް ކޮޅު އަހަރެން ކައިރިއަށް ކިޔަވަން އައީ އެންމެ ދެތިން ކުދިންނެވެ. އެވަރުވީތީ ވެސް އަހަރެން މާތް ﷲ އަށް ޙަމްދު ކުރީމެވެ. އެހެން ގޮސް ދެމަސް ފާއިތުވެގެން ދިޔައިރު އަހަރެން ހިންގާ ޤުރުޢާން ކުލާހަކީ ރަށުގައި ހުރި އެންމެ ފެންވަރު ރަނގަޅު ކުލާހަށް ވެގެން ދިޔައެވެ.

ޖަހާލި ބާރު ގުގުރީގެ އަޑުފަށް ގަނޑާއި އެކު ޚިޔާލުގެ ފުން ކަނޑުން އަހަރެންނަށް ނުކުމެވުނެވެ. މިހާރު އަހަރެންނަކީ ކުދިންގެ އެންމެ ފޭވަރިޓު މިސްކަމަށް ގިނަކުދިން ބުނެއެވެ. ސްކޫލް ދައުރުގައި އަހަރެންނަށް ނުލިބުނު ލޯބި އޭގެ އެންމެ ފުރިހަމަ ގޮތުގައި އެކުދިންނަށް އަހަރެންގެ ފަރާތުން ދޭން ޢަޒުމް ކަނޑައެޅީމެވެ. ކޮންމެ ކަމެއްކުރިއަސް އަހަރެންގެ ފަހަތުގައި އަބަދުވެސް ހިތްވަރުގެ ބަސްތައް އަމުނާދޭން ހުންނަ ބައްޕަ މަތިން އަބަދުވެސް ހަނދާންވެއެވެ. ދުނިޔޭގެ ލޯތަކަށް ބައްޕަ ގެއްލިފައިވީ ނަމަވެސް އަހަރެންގެ ލޮލަކަށް ބައްޕައެއް ނުގެއްލެއެވެ. އުންމީދަކީ ބައްޕަ ހެޔޮ ހާލުގައި ލައްވާ ބައްޕައާއި އަވަސް މުސްތަޤުބަލެއްގައި ބައްދަލުވުމެވެ. އުއްމީދުގެ ވާފަށް އޮތީ ކެނޑުނަނުދީ އަަހަރެންގެ ހިތުގައި ބާރަށް އައްސާފައެވެ.

ބައްޕަގެ ޚިޔާލުތަކާއި ހުރެ ގިނަރޭރޭ އަހަރެންގެ ނިދި އަހަރެންނާއި އެތައް މޭލު ދުރަކަށް ދަތުރުކުރެއެވެ. އެކަހަލަ ރޭރޭގެ މެންދަމުގެ އެކުވެރިޔަކަށް އަހަރެން ތަޙައްޖުދު ނަމާދު ހެދީމެވެ. ކޮންމެ ނަމާދެއްގެ ފަހަތުގައި އަހަރެންގެ ބައްޕައާއި މަންމައަށް ހެޔޮ ދުޢާ ކުރުން ގިނަކުރީމެވެ. ކޮންމެ މަޔަކާއި ބަފަޔަކު ވެސް އެމީހުންގެ ދަރިންނަކީ ޞޯލިޙު ދަރިންތަކެއްކަމުގައި ވުމަށް އެދޭނެކަން ގައިމެވެ. މަންމައާއި ބައްޕަ އަހަރެން ގާތުގައި ނެތަސް އަހަރެންނަކީ އެ މައިންބަފައިން އެދޭފަދަ ކުއްޖަކަށް ވެވޭތޯ ގަދައަޅައި މަސައްކަތް ކުރާނަމެވެ.

~ ނިމުނީ ~

Share Article

Follow Me Written By

Aysherr

Level 1100 Login10 Stories

Other Articles

Previous

އެކުގައިވާނަން-6

ލޯބީގެ ކުރި ދަތުރު 15
Next

ލޯބީގެ ކުރި ދަތުރު 15

Next
ލޯބީގެ ކުރި ދަތުރު 15
July 13, 2025

ލޯބީގެ ކުރި ދަތުރު 15

Previews
July 13, 2025

އެކުގައިވާނަން-6



All Right Reserved!