އެނިވާރސަރީ
ޒަވާޖީ ޙަޔާތަކީ ދެމަފިރިން އެކުގައި ޙަޔާތުގެ ރާސްތާ ކަނޑައްތުކުރުމަށް އެޅޭ އެންމެ ފުރަތަމަ ފިޔަވަޅެވެ. އެތައް އަހުދުތަކާއި ވަޢުދުތަކެއްގެ މަތީގައި އެޅޭ ބިންގަލެވެ. ދިރިއުޅުމުގެ އެންމެ ކުރު ދަތުރުން ފެށިގެން އެންމެ ދިގު މަންޒިލާހަމައަށް ދިޔުމަށް އެތައް ހުވަފެންތަކެއް ދެކެއެވެ. ދެމަފިރިން އެކުގައި ފަށާ ދަތުރު މުޅި ޢުމުރަށް އެކުގައިވުމަށް އެދެވެއެވެ.
އަހަރެން ވެސް މި ދަތުރު ފެށީ ވަރަށް ފޮނި އުންމީދުތަކެއްގައެވެ. ޒަވާޖީ ޙަޔާތެއްގެ އަސްލު މަފްޙޫމް އަހަންނަށް އެނގުނީ މި ދަތުރުގެ ތެރެއިންނެވެ. އެއީ ކިހާ ބޮޑު ޒިންމާއެއްކަމާއި އެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެވޭތޯ އަހަރެން ވަރަށް މަސައްކަތްކުރަމެވެ. އެގޮތުން 9 ޖުލައި 2024 އެއީ އަހަރެންގެ ދިރިއުޅުން އެއްކޮށް ބަދަލުވި ދުވަހެވެ. އާދެ، ކައިވެނީގެ މަތިވެރި ގޮށުން އަހަރުމެން ދެމީހުން ބަނދެވިގެން ދިޔަ ދުވަހެވެ.
މިއަދަކީ އަހަރުމެންގެ މި ދަތުރަށް ފުރަތަމަ އަހަރު ފުރޭ ދުވަހެވެ. ވޭތުވެދިޔަ 365 ދުވަހަކީ އަހަރެންގެ ހިތުން ދުވަހަކު ވެސް ފަނޑުވެގެންދާނޭ ދުވަސްތަކެއްނޫނެވެ. އެކުގައި ހޭދަކުރެވޭ މަދު ދުވަސްތަކަކީ އުޖާލާ ދުވަސްތަކެއްގެ ގޮތުގައި ހޭދަކުރުމަށް ވަރަށް މަސައްކަތްކުރަމެވެ. ދެމީހުންނަކީ ވެސް ކިޔަވަމުންދާ ދެމީހުން ކަމުގައިވާތީ އެކުގައި ހޭދަކުރެވެނީ މަދު ދުވަސްތަކެވެ. ސަބަބަކީ ފިރިމީހާ ކިޔަވަމުންދަނީ ރާއްޖެއިން ބޭރުން ކަމުގައިވާތީއެވެ. ނަމަވެސް މިއީ ދެމީހުންގެ ވަގުތަށް ހުރަސް އެޅޭ ކަމެއްކަމުގައި އަހަރެން ނުބަލަމެވެ. ދިރިއުޅުމުގައި އިތުބާރަކީ ވަރަށް މުހިއްމު އެއްޗެކެވެ. ކަނޑިއަކަށް ވަޅިއަކަށް ފުރުސަތު ދީގެން ނުވާނެއެވެ.
އަހަރެންހާ އުފާވެރި އަތްބަނކު ހުންނާނޭ ހެއްޔެވެ؟ ކައިވެންޏަށް ފުރަތަމަ އަހަރުވީއިރު އަހަރެން މިއިނީ އަހަރުމެން ދެމީހުންގެ އަލަތު ދަރިފުޅަށް ބަލިވެއެވެ. އަހަރެންގެ ދުޢާއަކީ އަހަރުމެންގެ ކައިވެނީގައި މާތްﷲ ބަރަކާތް ލެއްވުމެވެ. އަދި ކުރިއަށް އޮތް ދުވަސްތަކަކީ އުފާވެރިކަމުގެ ގުލްޒާރުތަކުން ފުރިގެންވާ ދުވަސްތަކެއްކަމުގައި ލައްވާށިއެވެ. އާމީން.


