މާޒީ…
ހަނާގެ ފޮޓޯ ފެންނަ ކޮންމެ ފަހަރަކު އެ ހިތްދަތި ހާދިސާގެ ހަނދާންތައް ހިތުގައި އާވެ، އަހަރެންގެ ދެލޯ ކަރުނުން ތެމިގެންދެއެވެ. އެ ނިޔަނެތި މޫނެވެ. ޖާދޫވީ ބެލުމާއި ކަތި ނަޒަރެވެ. ހަނާގެ މަޒާޖީ މިޒާޖެވެ. އެންމެންނާއި ވެސް ގުޅިގެން އުޅޭ އެކުވެރި ގޮތެވެ. ނަމަވެސް މިއީ މިއަދު އަވާމެންދުރަކަށް ވެއްޖެއެވެ. ހޭލާ ހުންނައިރު ފެންނަ ކުލަނެތް ހުވަފެނަކަށް ވެއްޖެއެވެ. އެއްވެސް ދިރުމެއްނެތެވެ. ކިތައްމެވަރަކަށް ފިއްސަކުން ކުލަޖައްސާ ދަވާދުލިޔަސް މިއަދު އެއީ އަހަރެންގެ މާޒީއެވެ. ބުނަން ހެއްޔެވެ؟ އެއީ މީގެ ފަސް އަހަރުކުރިއެވެ.
އަހަރަކީ 2020 ވަނަ އަހަރެވެ. އެއީ އަހަރެންގެ ސާނަވީ ކިޔެވުމުގެ އެންމެ ފަހު އަހަރެވެ. އޯލެވެލް ފެށެން ބާކީ އޮތީ އެންމެ މަހެކެވެ. ސްކޫލުގައި ގުރޭޑު 10ގެ ދަރިވަރުން ނުހަނު ބިޒީ ޝެޑިއުލެއްގައި މަސައްކަތްކުރަމުންދަނީ އޯލެވެލްއިން ރަނގަޅު ނަތީޖާއެއް ހޯދުމަށްށެވެ. ސްކޫލަށް ރަން ވަނައެއް ހޯދައިދިނުމުގެ އުންމީދުގައެވެ. އަދި މައިންބަފައިންގެ ހުވަފެންތަކުގައި ކުލަޖެއްސުމަށް ޓަކައި ވެސްމެއެވެ.
އެގޮތުގެމަތީން އަހަރެން ވެސް މަސައްކަތްކުރަމުންދިޔައީމެވެ. ސްކޫލުގައި އެކްސްޓްރާ ގަޑިތަކާއި ގުރޫޕު ސްޓަޑީސް ހެދުމުގައި އެންމެން ވެސް ޝާމިލުވެގެންވެއެވެ. އެގޮތުން ގުރޫޕު ސްޓަޑީސްއެއް އޮތް ދުވަހެކެވެ. އެއީ ދިވެހީގެ ގުރޫޕު ސްޓަޑީސްއެއް އޮތް ދުވަހެކެވެ. އެދުވަހު އަހަރެންގެ ކުލާހަށް އެހެން ކުލާހެއްގެ ކުދިބަޔަކު ވެސް އައެވެ. އެއީ ބިޒްނަސް ކުލާސް ކުދިންނެވެ. އަހަރެންނަކީ ސައިންސް ކުލާހުގެ ދަރިވަރެކެވެ. އެދުވަހު އެކުދިން އައީ އެ ކުލާހުގެ ދިވެހި މުދައްރިސް ބަލިވެ ސްކޫލަށް ނުދުރުވާތީވެއެވެ.
ނަމަވެސް އަހަރެންގެ ލޯ ހުއްޓުނީކީ އެ ކުލާހަށް އިތުރު އެހެން ކުދިން އައިސްގެނެއްނޫނެވެ. އެހެނަސް އަހަރެންގެ ހިތް ގުޑުގުޑު އަރައިގެންދިޔަފަދަ އިހުސާސެއްކުރުވީތީއެވެ. އަހަރެންގެ ލޯ ކުރިމަތީގައި އެއީ ފަތްމިންޏެކެވެ. ޖާދޫގަރެކެވެ. އަހަރެންގެ ބަސްނާހާ ހިތް އެހެން ކަމަކަށްދީލާލީ ރެއަކާ ވެސް ނުލާ ހުއްޓައެވެ. އެއީ އަހަންނަށް ހަނާ އެފަދަ ނަޒަރަކުން ފެނުނު ފުރަތަމަ ފަހަރެވެ. އެންމެފަހުން އަހަންނަށް ހޭވެރިކަމެއްވީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޒަޔާންގެ އަޑުންނެވެ. އެއިރު ހަނާ ވެސް އިނީ އަހަންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. ބުނާތީ އަހަމެވެ. އެންމެ ލަދުރަކިވާނީ އަންހެންކުދިންނެވެ. ނަމަވެސް އެދުވަހު އަހަރެން ގަތް ލަދު ބުނަން ވެސް ނޭނގެއެވެ. ފިރިހެނެއްކަމަކު ލަދުގަތީ ހަނާ ބަލަން އިނުމުންނެވެ. ހަމަގައިމު ވެސް ހަތަރު ކަޅި ހަމަވިއެވެ.
އެދުވަހުގެ ފަހުން ދިވެހި އޮންނަ ކޮންމެ ދުވަހަކު ވެސް ބިޒްނަސް ކުލާސް ކުދިން އަހަރުމެން ކުލާހަށް އާދެއެވެ. އެހެންވެ އަހަރުމެންނާ އެކުދިންނާ ފުދޭ ވަރަކަށް ގާތް ގުޅުމެއް އުފެދުނެވެ. އަދި ގުރޫޕު ސްޓަޑީސްތައް ހެދުން ވެސް މިހާރު އާންމުކަމަކަށްވެއްޖެއެވެ. އަހަރެން އެންމެ އުފާވީ އަހަރުމެން ގުރޫޕަށް ހަނާ ވެސް އިތުރުވީތީއެވެ. އަހަރުމެންގެ ގުރޫޕަށް ހަނާ އިތުރުވީ ދުވަހު ހަނާގެ އެ ހުންނަ މަޑުމައިތިރިކަން އެއީ ދައްކާލި ދަޅައެއްކަން އަހަންނަށް އެނގުނެވެ. އެހެނީ މަޑުމައިތިރިކަން އެއީ ހަނާގެ މިޒާޖެއްނޫނެވެ. އެއަށްވުރެ ހަނާގެ އުޅުން މާ މަޖައެވެ. އަނގަގަދައެވެ. ވަރަށް އަވަހަށް އެކުވެރިވެއްޖެއެވެ. އަހަރެން އެންމެ އުފާވީ ހަނާގެ އެ މަޒާޖީ މިޒާޖަކީ އަހަރެންގެ ވެސް މިޒާޖުކަމަށްވީތީއެވެ.
އަހަންނާއި ހަނާގެ ގުޅުން ވެސް ވަރަށް ބޮޑަށް ގާތްވެއްޖެއެވެ. ސްކޫލު ތެރެއިންނާއި ބޭރު ތެރެއިން ވެސް އަހަރުމެން އެކަނި ބައްދަލުކުރަމެވެ. އަހަރެންގެ ހިތް ގޮވާގޮވުން އަހަންނަށް އެނގެއެވެ. ނަމަވެސް ހަނާ ދެކޭގޮތް ނޭނގޭތީ އަހަރެން ހަނާއާއިމެދު ދެކޭ ނަޒަރިއްޔާތެއް ނުބުނަމެވެ. އަދި އެއީ އަހަރުމެންގެ ފަހު އަހަރުކަމަށްވީތީއާއި ވެސްއެކު ކިޔެވުމަށް ސަމާލުކަންދިނުން ކެނޑިދާނެތީއެވެ. ނަމަވެސް ކުލާސް ކުދިންނަށް ޝައްކުވެއްޖެއެވެ. އެގޮތުން އަހަރުމެންނާ ދިމާކުރުން ވަރަށް އާންމެވެ. އަޅުވާ ކިޔުން ގިނަވެއްޖެއެވެ. އެކަމުގެ ވެސް އެންމެ ކުރީގައި އުޅެނީ އަހަރެންގެ އަނގަބޮޑު އެކުވެރިޔާ ޒަޔާންއެވެ. ނަމަވެސް އަހަރެން އަޅައެއްނުލަމެވެ. ހީލަހީލާ އިންނަނީއެވެ.
އެއްދުވަހަކު އަހަރުމެން ދަތުރުދާން ރޭވީމެވެ. އެއީ ކިޔެވުމުން ކުޑަކޮށް ނަމަވެސް އެއްކިބާވެލާ މާހައުލު ބަދަލުކޮށްލުމަށް ޓަކައެވެ. އަދި ތާރީޚީ ހަނދާންތަކެއް ވެސް ރައްކާކޮށްލުމުގެ ބޭނުމުގައެވެ. އެގޮތުން އަހަރުމެން ދަތުރުދާން ރޭވީ ކ.ހުރާއަށްށެވެ. މި ދަތުރުގައި އެއްވެސް ބެލެނިވެރިޔަކު ބައިވެރިއެއްނުވެއެވެ.
ވަރަށް ފޮނި އުންމީދުތަކެއްގައި އަހަރުމެން ހުރައަށް ދާން ފުރީ އަންނަން އުޅޭ ކޮޅިގަނޑުގެ ހިލަމެއްނެތިއެވެ. އުފާވެރި ދަތުރު ބިލާހަކަށްވެދާނެކަން ނުދަނެ ހުއްޓައެވެ. އުސްގަޑު އަޑިގަޑަކަށް ބަދަލުވާނެކަން ރެއަކާވެސް ނުލައެވެ. އަހަރުމެން ފުރި އިރު ދުނިޔެމަތި ވަރަށް ސާފެވެ. ވައި ވެސް މަޑެވެ. އަމާން އޮމާން ކަމާއިއެކު މަންޒިލާހަމައަށް އަހަރުމެންނަށް ވާޞިލުވެވުނެވެ. މާލޭގެ ހަލަބޮލިކަމުން އެއްކިބާވެ ހަމަހިމޭން މާހައުލެއްގެ ރަހަ ލިބުނުފަދައެވެ. މަޑުމަޑު ހިމުން ދޮންވެލީގެ ބީހިލުމުން ޖިސްމުގައި ހުޅުހިފިފަދައެވެ. ބުނަންވެސް ނޭނގޭ ހިތްހަމަޖެހުމެއް އަހަރުމެންނަށް އިހުސާސުކުރެވުނެވެ. ނަމަވެސް އަހަރެންގެ އަތުގައި އޮތް ކެމެރާގެ އަމާޒަކަށްވީކީ ފެންނަށް އޮތް ހިތްގައިމު ރަށެއްނޫނެވެ. އެހެނަސް އަހަރެންގެ ޕަރީޒާދެވެ. އެއްތަނުން ފުންމަމުން ގަހަކުން ފަތެއް ބިންނަމުން އުޅުނު ޚިޔާލެއް ފިކުރެއްނެތް ފަތްމިންޏަށްށެވެ. ހަނާއެކޭ ހަމަ ތުއްތު ތުއްތު ކުއްޖެކޭ ތަފާތެއް ވެސްނެތެވެ.
އަހަރުމެން އުޅެން ހަމަޖެހިފައިވާ ގެސްޓު ހައުސްއަށް ގޮސް ގެނައި އެއްޗެހިތައް ބަހައްޓާފައި އެންމެން އަވަސްވެގަތީ ސައިބޯށެވެ. އެއަށްފަހު ރަށުތެރެ ބަލާލުމަށް އަހަރުމެން ނިކުތީމެވެ. އަހަންނާއި ހަނާ ވެސް ތަފާތު އެކި ވާހަކަތަކުގައި ހިނގަމުންދިޔައީ ދެންތިބި ކުދިންގެ ފަހަތުންނެވެ. އަހަންނަށްވުރެ ގިނަ ވާހަކަތައް ދެއްކީ ހަނާއެވެ. ހަނާގެ ހުވަފެންތަކުގެ ވާހަކަތައް އަހަންނާ ހިއްސާކުރިއެވެ. މައިންބަފައިންގެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް ޓަކައި ހަނާވާން ބޭނުންވަނީ ޑަކުޓަރަކަށްށެވެ. އަދި ހަނާގެ ދިރިއުޅުމުގެ އެހެނިހެން ކަންކަން ވެސް އަހަންނާ ހިއްސާކުރީ ޖެހިލުމެއްނެތިއެވެ.
އަހަރުމެން ރަށުގެ ސްކޫލާއި ކުޅިއާއި އެނޫން ތަންތަން ވެސް ބެލީމެވެ. އަދި ތަންތަނުގެ ތަސްވީރުތައް ވެސް ނެގީމެވެ. އަދި ގުރޫޕު ފޮޓޯ އާއި ވަކި ވަކި ފޮޓޯ ވެސް އަހަރުމެން ނަގާ ރައްކާކުރީމެވެ. އަހަރެންގެ ދަތްގަނޑު ސޭލު އެޅުވިގެންދިޔައީ ޒަޔާން އަހަންނާއި ހަނާގެ ވަރަށް ރީތީ ތަސްވީރެއް ނެގީމައެވެ. ހަނާއަށް ނޭނގުނަސް ޒަޔާންއަށް އަހަރެންގެ ހިތް ފެންނަފަދައެވެ.
އެދުވަހުގެ އިރުއޮއްސުމުން އަހަރުމެން ތިބީ ލޯންޗު ތެރޭގައި އެނބުރި މާލެއަށް ދިޔުމަށްށެވެ. އަނެއްކާ ވެސް ކިޔެވުމުގެ ދުވަސްތަކާ ކުރިމަތިލުމަށްށެވެ. ދުނިޔެމަތި ވަށާލަނީ އަނދިރިކަމުގެ ސާލުންނެވެ. އަލިކަން އަނދިރިކަމަށް ބަދަލުވާން މިނެޓެއް ވެސް ނުނަގައެވެ. އަހަރުމެން އައިއިރު އޮތް އަމާންކަމެއް މިހާރަކު ނެތެވެ. ވައި ގަދަވީ ކުއްލިއަކަށްށެވެ. ގުގުރާފައި ކުއްލިއަކަށް ބޯކޮށް ވާރޭ އޮއްސާލީ އެކަމަށް ތައްޔާރު ވެސް ނުވެ ތިއްބައެވެ. ރާޅުތަކުގެ ރުޅީގެ ޝިކާރައަކަށް ނިކަމެތި ލޯންޗުވެގެންދިޔައެވެ. ހަމަ ކިރިޔަކިރިޔާ ލޯންޗު ބަނޑުން ނުޖަހާކަމެވެ. ލޯންޗު ތެރެއިން އިވެނީ ހުރިހާ ކުދިންގެ ހަޅޭކުގެ އަޑާއި ރުއިމުގެ އަޑެވެ.
ކުއްލިއަކަށް ޖެހި ރާޅާއިއެކު ލޯންޗު ވަރަށް ބޮޑަށް އަރި އަޅާލިއެވެ. އެވަގުތު ލޯންޗުގެ ކުޑަދޮރާއި އެންމެ ކައިރީގައި އިން ހަނާ ވެއްޓުނީ އަހަރެންގެ ލޯ ކުރިމަތީގައެވެ. ކަޅުފޮއި ރޭގެ ކަޅު އަނދިރި ކަމުގެ ތެރެއަށް ހަނާ ޣަރަގުވެގެންދިޔައީ އަހަރެންގެ ކުރިމަތީގައެވެ. ސިކުންތުކޮޅަކަށް އެދިމާލަށް ބަލަހައްޓައިގެން އަހަންނަށް އިނދެވުނެވެ. ހޭވެރިކަންވީ ކުލާސް އެންމެންގެ ހަޅޭކުގެ އަޑަށްށެވެ. އަހަރެން އިންތަނުން ތެދުވެގެން ދުއްވައިގަނެވުނީ ހަނާ ވެއްޓުނު ދިމާލަށްށެވެ. ނަމަވެސް އެވަގުތު އަހަރެން ހިފެހެއްޓީ ޒަޔާން އާއި އަދި އިތުރު ކުލާސް ދެ ކުއްޖެކެވެ. ހަނާ ވެއްޓުނު ވަގުތުން ފެށިގެން އަހަރެންގެ ހަމަ ބުއްދިމިވަނީ ގޯސްވެފައެވެ. ހަނާ ސަލާމަތްކުރަން އަހަރެންގެ ހިތް ގޮވާވަރު އިނގޭނީ އަހަންނަށްތާއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ކަޅު އަނދިރިކަމުގެ ތެރެއިން ހަނާ ފެންނާނީ ކިހިނެއްހެއްޔެވެ؟ އަހަންނަށް އެނގުނު އެއްޗަކީ ލޯންޗުގެ ކައްޕި އާއި ފަޅުވެރިން ވެސް ތިބީ ހާސްވެފައިކަމެވެ.
އިރުކޮޅަކުން އެމް.އެން.ޑީ.އެފްގެ ލޯންޗެއް އަހަރުމެން ސަލާމަތްކުރަން އައިކަން އެނގެއެވެ. ދެންވީ ގޮތެއް އަހަންނަކަށް ނޭނގުނެވެ. ހޭވެރިކަންވީ އަހަރެންގެ މަންމަގެ ގިސްލުމުގެ އަޑަށްށެވެ. ވަށައިގެން ބަލާލިއިރު މި އޮވެވުނީ ހަސްފަތާލުގައިކަން އެނގުނެވެ. ވީގޮތް މަޑުމަޑުން އަހަރެންގެ ހަނދާނުގައި ކުލަޖެހެމުންދިޔައެވެ. އަހަރުމެން ހުރާއަށް ދިޔަ ދަތުރެވެ. އެރަށުގައި މަޖާކުރި ކުރުންތަކެވެ. ހަނާގެ ޖާދޫވީ ފަރި ޙަރަކާތްތަކެވެ. އެއަށްފަހު އަނބުރާ މާލެއަށް އަންނަން ފުރި އިރުގެ ހާދިސާ ވެސްމެއެވެ. ކުއްލިއަކަށް ހަނާގެ މަތިން ހަނދާންވިއެވެ. ހަނާ ކޮބައި ހެއްޔެވެ؟ ކޯސްޓު ގާޑު މީހުންނަށް ހަނާގެ ހަށިގަނޑު ފެނުނު ހެއްޔެވެ؟ މިފަދަ ސުވާލުތަކުން އަހަރެންގެ ސިކުނޑި ފުރެމުންދިޔައިރު ޖަވާބުދޭނޭ އެކަކު ވެސްނުވިއެވެ.
އެ ހާދިސާ ހިނގިތާ މަހެއްވީއިރު ވެސް ހަނާގެ ޚަބަރެއްނުވިއެވެ. މިހާރު އަހަރުމެންގެ އޯލެވެލް ފެށިއްޖެއެވެ. މަޑުމަޑުން އެ ހާދިސާ ފަސްއަޅާ ވަޅުލެވިއްޖެއެވެ. އެންމެން ވެސް ނިންމީ ހަނާ މާ ސިންގާ ކަނޑު ތެރެއަށް ގެއްލުނީ ކަމަށްށެވެ. އެންމެން އެ ހާދިސާ މަތިން ހަނދާން ނެތުނު އިރު އަހަރެންގެ ފިކުރުގައި އެނޫން ކަމެއްނުވެއެވެ. އަހަރުމެންގެ އޯލެވެލް ނިމި ނަތީޖާ ވެސް ލިބިއްޖެއެވެ. އެ ހާދިސާއަށްފަހު އަހަރެންގެ މޫނުމަތިން ހިނިތުންވުމެއް ފެނުނީ ނަތީޖާ ލިބުނު ދުވަހުއެވެ. ހުރިހާ މާއްދާއަކުން އޭ ލިބުނު އިރު މުޅި ސްކޫލުން އެންމެ މޮޅު ދަރިވަރުގެ މަޤާމު ވެސް ލިބުނީ އަހަންނަށްށެވެ. އަހަރެން ބޭނުން ދާއިރާއަކުން ކިޔަވަން ސްކޮލަޝިޕެއް ވެސް ލިބުނެއެވެ.
މިއަދު އަހަންނަކީ ރާއްޖޭގައި ހުރި އެންމެ މޮޅު ކަށީގެ ޚާއްސަ ޑަކުޓަރެކެވެ. އަހަރެންގެ ހުވަފެނަކަށްވީ އާރކިޓެކްޗާރއަކަށްވުމަށްށެވެ. ނަމަވެސް ހަނާގެ ހުވަފެން ހަޤީޤަތަށް ހެދުމަށް ޓަކައި ސިއްޚީ ދާއިރާ ޚިޔާރުކުރީއެވެ. މިއަދު ހަނާ އަހަރެންގެ ލޯކުރިމަތީގައި ފެންނަން ނެތަސް ހަނާގެ ހުވަފެނުގައި ކުލަޖެއްސުނުކަމުގެ އިހުސާސު އަހަންނަށް ކުރެވެއެވެ. މީގެ ފަސް އަހަރު ކުރީގެ އެ ހިތި މާޒީ ކަފުންކުރީ އަހަރެންގެ ހިތުގައި މަލަންގަޑެއް އަޅައިގެންނެވެ. އަދިވެސް ހަނާއަކީ މި ހިތުގެ ވިންދެވެ. ގާތުގައި ނުހުރި ކަމުގައިވިޔަސްމެއެވެ.
ނިމުނީ


