އިންޓަނެޓުގެ އެހީގައި ފައިސާގެ މުޢާމަލާތް ކުރުމުން މުޖުތަމައަށް ލިބޭ ފައިދާ އާއި ގެއްލުން
އަދުގެ ބަވަނަވެފައި މިވާ ދުނިޔޭގައި އޮންލައިންކޮށް ވިޔަފާރި ކުރުމާއި ފައިސާގެ އެހެނިހެން މުޢާމަލާތްތަކުގައި ޖާލު މެދުވެރިކޮށް ފައިސާގެ މުޢާމަލާތް ކުރުމަކީ ނުހަނު ފަސޭހަ، އާދައިގެ ކަމެކެވެ. ނުހަނު ޢާންމުވެފައިވާ ކަމެއް ވެސް މެއެވެ. މިޒަމާނުގައި ފޯނާއި އެހެނިހެން ސުމޭކީ ވަސީލަތްތަކަށް ބަރޯސާވެގެން އަގުހުރި މުދަލާއި ދިރިއުޅުމަށް ބޭނުންވާ ޒަރޫރުތައް، އެވަސީލަތްތަކުގެ އަތްމައްޗަށް ދޫކޮށްލައިގެން ތިބެނީ ކިތައް މީހުން ހެއްޔެވެ؟ ލިބިދާނެ ފައިދާއަކާއި، ގެއްލުމަކާއި ވެއްޓިދާނެ އަނދަވަޅަކަށް މާބޮޑަށް ފިކުރު ހިންގައިލުމެއް ނެތިއެވެ. މިއީ އެކި މީހުންނަށް އެކި ވައްތަރުގެ ފިލާވަޅުތަކާއި އަގުހުރި ތަޖުރިބާތަކެއް ލިއްބައިދޭ ކަމެކެވެ. ކޮންމެއަކަސް، އޮންލައިންކޮށް ފައިސާގެ މުޢާމަލާތް ކުރުމުން ދިރިއުޅުމަށް ލުއިފަސޭހަކަން ލިއްބައިދީ، ވަގުތު ސަލާމަތް ވެއެވެ. އަދި މުޖުތަމައުގައި ކުށްކުރާ މިންވަރު އިތުރުވެ، ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކާއި ޢާންމުން ކުރިމަތިލާން ޖެހެއެވެ.
އިންޓަނެޓު މެދުވެރިކޮށް ފައިސާގެ މުޢާމަލާތް ކުރުމުން ދިރިއުޅުމަށް ލުއިފަސޭހަކަން ލިއްބައިދެއެވެ. މިހެން ބުނަން ޖެހެނީ ކޮންމެތާކު ހުރެގެން ކޮންމެ ވަގުތަކުވެސް އޮންލައިންކޮށް، ފަންނީ އެޕްލިކޭޝަންތަކުގެ އެހީގައި ފައިސާގެ މުޢާމަލާތް ކުރެވޭތީއެވެ. ދުނިޔޭގެ ކޮންމެ ބިތެއްގައި ހުރެވުނު ކަމުގައި ވިޔަސް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ލިބުމާއި ރައްދުކުރުމުގެ މަގު ހުޅުވާލެވިފައިވާތީއެވެ. ދުނިޔޭގެ އެކިކަންކޮޅު ތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވެ ސަދަގާތް ދީ ސަވާބު ލިބިގަނެވޭތީއެވެ. އޮންލައިންކޮށް ވިޔަފާރީގެ މައިދާނުން އަގުހެޔޮކޮށް ތަފާތު ވައްތަރުގެ ބާވަތްތަކުން ވިޔަފާރި ކުރުމުގެ އިޚްތިޔާރު ލިބި ވިޔަފާރި ކުރެވޭތީއެވެ. ދަރަނިވެރިވެފައިވާ މީހުން ދައްކަން ޖެހޭ ދަރަންޏާއި ބިލުތަކާއި ދެކޮޅު ޖައްސަން ޖެހޭ ދިރިއުޅުމުގެ އެހެނިހެން ފައިސާގެ މުޢާމަލާތްތައް ވަގުތުން ވަގުތަށް ދައްކައި ނިންމާލެވޭތީއެވެ. އޮންލައިންކޮށް ފައިސާގެ މުޢާމަލާތް ކުރުމަކީ ދިރިއުޅުމަށް ލުއިފަސޭހަކަން ލިއްބައިދޭ ކަމެކޭ ދެންނެވެނީ މިހެންވެއެވެ.
އޮންލައިން މަންސަތަކުގެ ޒަރީއާއިން ފައިސާގެ މުޢާމަލާތް ކުރުމަކީ ވަގުތު ސަލާމަތް ކޮށްދޭން މަގުފަހިކޮށްދޭ ކަމެކެވެ. އެއީ ކަމެއް ކުރުމަށް ކަނޑައެޅިފައި އޮންނަ ވަގުތުގެ ތެރޭގައި ނަގުދު ފައިސާއިން މުއާމަލާތް ނިންމާލުމުގެ ބަދަލުގައި ސުކުންތުކޮޅެއްގެ ތެރޭގައި އޮންލައިން މަންސަތަކުގެ ޒަރީއާއިން ފައިސާ ރައްދުކޮށް ހަމަޖައްސާލެވޭތީއެވެ. ރީތިވެގެން ގެއިން ނުކުމެ ހިނގާލާފައި ނުވަތަ ސައިކަލުގައި އޭޓިއެމް މެޝިންތަކުގެ މަދަދަށް އެދުމާއި ފައިސާ ދައްކަން ޖެހޭ ފަރާތްތައް އެދޭ ތަނަކަށް ގޮސް ނަގުދު ފައިސާ ހަވާލު ކުރުމުގެ ބަދަލުގައި ވަގުތުން ވަގުތަށް ފައިސާގެ މުޢާމަލާތް ކުރެވޭތީއެވެ. ކިޔުގައި ހޭދަކުރަން ޖެހޭ ވަގުތާއި ފައިސާ ހަވާލުކުރަން ކަޑައްތު ކުރާ ރާސްތާއިން ޖިސްމާނީ ގޮތުން ހަށިގަނޑަށް ލިބޭ ލޮނޑުކަމާއި އެކިއެކި ކަންކަމުގައި ބޭކާރު ގޮތުގައި އުފެއްދުންތެރިކަމެއް ނެތި ދުއްވާލެވޭ ވަގުތުތަކަށް ރައްކާތެރި ވެވޭތީއެވެ. މިގޮތަށް މިކަން އޮތުމުން ދިރިއުޅުމުގެ އެހެނިހެން މައިދާންތަކަށް ދޭން ޖެހޭ ސަމާލުކަން ދެވި، ހިތަށް ހަމަޖެހުން ގެނެސްދީ ތާކުންތާކު ނުޖެހޭ ބިރުތަކުން ސަލާމަތްވެއެވެ. އެހެންކަމުން އޮންލައިންކޮށް އިންޓަނެޓު މެދުވެރިކޮށް ފައިސާގެ މުޢާމަލާތް ކުރުމުން ވަގުތު ސަލާމަތްވެއޭ ނުބުނެވިދާނެ ހެއްޔެވެ؟
ކޮންމެ މައުޟޫއެއްގައި ވެސް ވަކި ކޮޅަކަށް ބުރަވުމުގެ ކުރިން ކަމުގެ ދެކޮޅު ބަލައިލުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެގޮތުން އޮންލައިން މަންސަތައް މެދުވެރިކޮށްގެން ފައިސާގެ މުޢާމަލާތް ކުރުމުން ލިބޭ ގެއްލުންތަކަށް ނަޒަރު ހިންގައިލަމާތޯއެވެ. އޮންލައިންކޮށް ގަނެވިއްކައި ހެދުމުން މުޖުތަމައުގައި ވަކިވަކި ފަރުދުންގެ އަތުގައި އޮންނަ ކުށުގެ ރެކޯޑު އިތުރުވުމަށް މަގުފަހިވެއެވެ. މިހެން މިދެންނެވެނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ އަދުގެ ބަވަނަވެފައިވާ ދުނިޔޭގެ ހުރިހާ ކަމެއްހެން ބަރޯސާވެފައި އޮންނަނީ ފަންނިއްޔާތާއި އޭގެ މަދަދުވެރިންނަށް ކަމަށްވެފައި އަދުގެ ޒުވާން ޖީލުގެ ބޮޑު ބަޔަކީ އެއަށް އަހުލުވެރި، ހޭލުންތެރި، ސުމޭކީ ވަސީލަތްތަކުގެ ބޭނުން، ހެޔޮގޮތާއި ނާޖާއިޒު ގޮތުގައި ހޯދަން ކެރި ކުޅަދާނަ ބަޔަކަށް ވުމެވެ. އިސްލާމްދީނާއި ދުރުހެލި، ދީނީ ކަންކަމަށް އިސްކަން ނުދޭ، ވެރި ރަސްކަލާނގެއަށް ބިރުވެތިނުވާ ބަޔަކަށް ވާތީއެވެ. ޝައިތާނުންގެ ކެހިވެރި ދަންތުރަތަކުގައި ޖެހި، މަގުއޮޅި، ހެވާއި ނުބައި ވަކިނުވާ، މުދާ ހޯދެނީ ކިހިނެއް ކަމާއި މެދު މާބޮޑު ފަރުވާލެއް ނުބަހައްޓާ ބަޔަކަށް ވާތީއެވެ. ނަތީޖާއެއްގެ ގޮތުން އެހެން މީހުންގެ މުދަލަށް ވެރިވެގަނެ، އެމުދާ މިލްކު ކުރުމަށްޓަކައި ފައިސާގެ މުޢާމަލާތް ކުރާ ވިއުގަތައް ހެކުކޮށް ވެބްސައިޓުތަކުން އަގުހުރި މައުލޫމާތު ފޭރިގަނެ އެހެންމީހުން ރެއާއި ދުވާލު ކުރާ ބުރަ މަސައްކަތްތަކުގެ އުޖޫރަ ފޭރިގަނެއެވެ. މިހެން ކަމުން މުޖުތަމައުގެ އިޖުތިމާއީ ފޭރާން ވީދި، ގައުމު ހިންގައި ކުރިއަރުވުމަށްޓަކައި ތިބި ޒުވާނުންގެ އުޅުމާއި ގުޅުން ގެއްލި މުޖުތަމައުގައި ލާޗާރު ބިޗާރަށް ތެޅޭ މީހުންގެ އަދަދު އިތުރުވެގެން ދެއެވެ. އޮންލައިންކޮށް ފައިސާގެ މުޢާމަލާތް ކުރުމުން ކުށުގެ ރެކޯޑު އިތުރުވެ، ކުށުގެ ވެށްޓަށް ހުށަހެޅޭ ޒުވާނުންގެ އަދަދު އިތުރުވެއޭ ބުނެވެނީ މިހެންވެއެވެ.
ފަންނިއްޔާތު މެދުވެރިކޮށްގެން ކުރެވޭ ފައިސާގެ މުޢަމަލާތްތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކާއި ކުރިމަތިލާން މަޖުބޫރުވެއެވެ. މިބުނެވޭ ‘ގެއްލުންތަކަކީ’ ވައްކަމާއި ފޭރުމުގެ މައްސަލަތަކާއި އޮޅުވާލުމާއި މަކަރާއި ޚިޔާނާތާއި ރިޝްވަތުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ބޮޑެތި ދަތިތަކެވެ. އެގޮތުން އޮންލައިންކޮށް ގަނެވިއްކާ ބައެއް ސައިޓުތަކުން ބޮޑެތި އަދަދުތަކުން ލައްކައިން ޚަރަދުކޮށްގެން ގަންނަ ތަކެއްޗަށް ފައިސާ ދައްކައި، އެތަކެތި ލިބެންޖެހޭ ތާރީޚަށް ނުލިބުމާއި އެފަދަ ސައިޓުތައް މެދުވެރިކޮށް ސްކޭމްގެ ގޮތުގައި ފައިސާ ފޭރިގަތުމުގެ މައްސަލަތައް ހިމެނެއެވެ. މިއީ ފައިސާގެ މުޢާމަލާތް ކުރާ ފަރާތްތަކަށް ނުހަނު ބޮޑު، ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށް ވެގެން ހިނގައިދެއެވެ. އެއާއިއެކު އާންމު ފަރާތްތަކުން ނުހަނު ރީތި ހުވަފެންތަކެއް ދެކިގެން ހިތުތެރޭގައި ބިނާކުރާ ގަނޑުވަރުތައް ބިމާހަމަވެ، ކަރުނަ އަޅައި ހިތާމަ ކުރަންޖެހޭ ހިތްދަތި ދުވަސްތަކާއި ބައްދަލު ކުރަން ޖެހޭ ތަންތަން ވެސް މަދެއް ނޫނެވެ. އޮންލައިންކޮށް ފައިސާގެ މުޢާމަލާތް ކުރާ މަންސަތަކުން ކުރާ މިފަދަ މުޢާމަލާތްތަކުގެ ސަބަބުން ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ލިބުމަށް މަގުފަހިވެއޭ ބުނެވެނީ މިހެންވެއެވެ.
ޝައްކެއްވެސް ނެތެވެ. އިންޓަނެޓު މެދުވެރިކޮށްގެން ކުރާ މިފަދަ މުޢާމަލާތްތަކުން ލިބޭ ފައިދާތަކާއި ގެއްލުންތައް ނުހަނު ގިނަވެފައި ފުޅަލެވެ. އޮންލަިއން ވިއުގަތަކުގެ އެހީގައި ކުރެވޭ މިފަދަ މުޢާމަލާތްތަކުގެ އެހީގައި ހިނދުން ހިނދަށް އެންމެ ސިކުންތުކޮޅެއް ވެސް ބޭކާރު ކޮށްނުލެވި ދުނިޔޭގެ އެއްބިތުން އަނެއް ބިތަށް ފައިސާ ޖަމާކޮށްލެވެއެވެ. މިއީ ދިރިއުޅުން ލުއިފަސޭހަ ކޮށްދީ ވަގުތު ސަލާމަތް ކޮށްދޭ ކަމެކެވެ. ހަމައެހެންމެ ކުށް ކުރުމަށް ހުޅުވާލެވިފައިވާ ފުރުސަތުތަކެއްގެ ސަބަބުން އާންމު ރައްޔިތުންގެ ފުރާނަ އާއި މުދާ ނުރައްކަލަކަށް ހުށަހެޅި، ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ލިބުމަށް މަގުފަހިވެ، ކުށުގެ ވެށްޓަށް ހުށަހެޅޭ ޒުވާނުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެއެވެ. އެހެންކަމުން އޮންލައިން މަންސަތަކުގެ އެހީގައި ފައިސާގެ މުޢާމަލާތް ކުރުމުން ލިބޭ ފައިދާތަކާއި ގެއްލުންތަކަށް އަހުލުވެރިވެ ތިބެ، އޭގެ މަދަދުވެރިކަން ލިބިގަތުމަކީ ނުހަނު މުހިންމު ކަމެކެވެ.


