ސިހުރެއްގެ ބާރުގައި 2
(ފަހު ބައި)
ދުވަސްތައް މަސްތަކައް ބަދަލުވަމުން ދިޔައީ ހީވެސް ނުކުރާ އަވަހަށެވެ. ޒިލާލްގެ ފަރާތުން ލިބެމުންދާ ލޯބީގެ ބާރުގައި އަހަރެންގެ މުޅި ހިތާ ހަށިގަނޑު އޭނާއަށް ހިބަކޮށް ދެވުނީ އަހަރެންނަށްވެސް ނޭނގިއެވެ. ކުރިން ދިމާވި ކަންތައް މަތިން ހަނދާން ނެތި އަހަރެމެން އަނެއްކާވެސް ދިރިއުޅެމުން ދިއައީ ކައިވެނި ކުރަން ކުއްޔަށް ހިފާފައި ހުރި ގޭގައެވެ. މިހާރު ކައިވެންޏަށް އަހަރަކަށްވުރެ ގިނަ ދުވަސްވީއެވެ. އަހަރެންވެސް އެކަނިވެރިކަން ފިލުވަން ޒިލާލްގެ ލޯބީގެ ނިޝާނެއް ބޭނުން ވެއެވެ. ނަމަވެސް އެވާހަކަ ދައްކާ ކޮންމެ ފަހަރަކު ޒިލާލް ހިތްހަމަ ނުޖެހެނީ ކީއްވެގެން ކަން އަހަންނަކަސް ނުވިސްނުނެވެ. ޒިލާލް ކުޑަކުދިން ދެކެ ނުލާހިކު ލޯބިވާކަންވެސް އަހަރެންނަށް އެނގެއެވެ.
އާދައިގެ މަތިން ޒިލާލް އޮފީހަށް ދޮިއުމުން އަހަރެން އިށީނީ ޖޭމުގަހުގަ އެލުވާލާފަ އިން އުނދޯލީގައެވެ. ފޯނަށް ގޮސް ގެއްލިފަ އިންދާ މީހަކު އަހަންނާ ދިމާލަށް ބަލަން ހުރި ކަހަލަ އިހުސާސެއް ވުމުން ގޭ ދޮރާށްޓާ ދިމާލަށް ބަލާލީމެވެ. ހީކުރީ މިހާރު ހިސާބު މީހުނާވެސް މިހާރު އަހަރެންނާ ރައްޓެހިވީމަ އެއިން މީހަކު އެތާ ހުރީ ކަމަށެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ހީވި ގޮތް ކަމަށް ނިންމާ އަލުން ފޯނަށް ބަލަނަ ފެށީމެވެ. ފޯނުން ފެނުނު އެއްޗަކުން އިހުތިޔާރަކާ ނުލާ ހީގަނެވުނެވެ. އެވަގުތު އަހަރެންނާ އެއްވަރަށް އަންހެން ކުއްޖަކު ހީގަތް އަޑު ވަރަށް ސާފުކޮށް އަހަރެންނަށް އަޑުއިވުނެވެ. ކުއްލިއަކަށް ފަހަތަސް ބަލާލެވުމާ އެކު ހަޅޭއްލަވައިގަންނަން އަނގަ ހުޅުވުނެވެ. ނަމަވެސް އަޑެއް ނުނިކުތެވެ. އަހަރެންގެ ފަހަތުގައި ހުރީ ސްކޫލް ދައުރުން ފެށިގެންވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހަރެން ދުވަހަކުވެސް އެ މޫނު ހަނދާނެއް ނުނެތޭނެ އެވެ. އެމީހަކު ދެކެ އެންމެ ނަފްރަތުވި މޫނަކީވެސް އެއީއެވެ. އެހެނަސް ކުއްލިއަކަށް ފެނުމުން އަހަރެން ވާހަކަ ދައްކަންވެސް ބޭނުމެއްނުވިއެވެ.
ޒިލާލްއާ ރައްޓެހިވި ފަހުން މާ ގިނަ ދުވަހެއް ނުވެ އަހަރެން ޒިލާލް މެން ރަށަށް ކައިވެނި ކޮށްގެން އައީ އެވެ. މަންމައާ ބައްޕަ ވަކިވެ އާއިލީ މާ ބޮޑު ގުޅުމެއް ނޯންނާތީ އެރަށަށް ދާން ނޫނީ ގުޅާ ވާހަކަ ދައްކަންވެސް ބޭނުން ނުވާތީ މާ ބޮޑަށް ރަށުގެ ހަބަރެއްވެސް ނޭނގެއެވެ. ލާރާ އަކީ އޭރު އަހަރެންގެ ހުރިހާ ކަމެއް އެނގޭނެ ހަމަ އެކަނި މީހާއެވެ. ފޭސްބުކުން ދިމާވެ ޒިލާލްއާ ރައްޓެހިވެ އަހަރެމެން ރަށަށް ބައްދަލުކުރަން ޒިލާލް ދާކަންވެސް ހަމައެކަނި އެނގޭނެ މީހަކީ ލާރާއެވެ. އަހަރެންގެ ފަހަތުގައި ލާރާ ކުޅެމުން ދިޔަ ކުޅިގަނޑު އަހަރެންނަށް ނޭނގުނީ އޭރު އަހަރެންނަށް ޒިލާލްދެކެ ވެވުނު ލޯތްބެއްގެ ބޮޑުކަމުންނާ ކުރެވުނު އިތުބާރެއްގެ ސަބަބުންނެވެ. ފަންޑިތަ ހަދަ މީހެއްގެ އެހީއާ އެކު ލާރާ ޒިލާލް ހޯދުމަށްޓަކާ މަސައްކަތް ފެށީ އަހަރެންގެ ހިތުގެ ހުރިހާ ސިއްރެއް އެނގޭ ހާލުއެވެ.
އެދުވަސްކޮޅު ޒިލާލްވެސް ލާރާއަސް ސަމާލުކަން ދޭކަން އަހަރެންނަސް އެނގުނެވެ. އެހެނަސް ޒިލާލް އަހަރެން ދޫކޮށްލާފައި ލާރާއާ ރައްޓެހި ނުވާނެ ކަން އެނގޭތީ ލާރާއާ އޮތް އެކުވެރިކަމުގެ ގުޅުން ކަނޑާލުމަށްފަހު، ޒިލާލްއާ ކައިވެނި ކޮށްގެން ޒިލަލްމެން ރަށަށް ދާން ބޭނުން ވާކަމަށް ޒިލާލް ގާތު ބުނީމެވެ. ޒިލާލްވެސް ހުރީ އެކަމާ ވަރަށް ހިތްހަމަ ޖެހިފައެވެ. ލާރާއާ ގުޅުން ކަނޑާލިފަހުން އަހަރެމެން ގެއަސް ލާރާ އައިސް ނޫޅޭތީ އަހަރެން އަޅާ ނުލަމެވެ. އަހަރެން ހިތަށްވެސް ނޭރީ ޒިލާލް ހޯދުމަށްޓަކާ ލާރާ ފެށި ކުޅިގަނޑު އޭން ނުނިންމާ ކަމެވެ. އަހަރެން ޒިލާލްއަސް އިތުބާރު ކުރަނީ އިންސާނަކަށް އިންސާނަކު އިތުބާރު ކުރާނެ އެންމެ ބޮޑަށެވެ. އެހެންކަމުން ޒިލާލް އާ އަހަރެންގެ ކައިވެނީގެ ފަހުން ލާރާގެއެއްވެސް ވާހަކައެއް އަހަރެމެން ނުދައްކަމެވެ.
އަހަރެން އެތަނުން ތެދުވެގެން ގޮސް ގެއަސް ވަދެ ދުރުލެއްޕީމެވެ. ލާރާއާ ވާހަކަ ދައްކަން ބޭނުން ނުވާތީ އޭނަ އާ ދިމާލަަށް އިތުރަށް ބަލަންވެސް ބޭނުން ނުވީއެވެ. އަހަރެން ކޮޓަރިއަށް ވަދެ އެނދަށް ވެއްޓިގަތީމެވެ. ކުއްލިއަކަސް އަހަރެން ހިތަށް އެރީ ލާރާ އަށް އަހަރެން އުޅޭގޮތެއް އެނގުނު ގޮތަކާ މިގެއަށް އޭން އައި ގޮތަކާމެދުއެވެ. ވަރަށް ފޫހިވެފަ އޮއްވާ ލާރާ އަހަންނަށް ވަރަށް ކައިރިން ގޮވާލި އަޑު އިވުމުން ސިއްސައިގެން ދިއައެވެ. އޭރު ފާޑަކަށް ހެވިފަ އަހަރެންނާ ދިމާލަށް ބަލަން އެނދު ކައިރީ ލާރާ ހުރުމުން މީ ރަނގަޅު ކަމެއް ނޫންކަން ހިތަށްވަދެ ދެން ހަދާނެ ގޮތެއް ނޭނގުނެވެ. އަހަރެން ޒިލާލް އަށް ގޮވަން އުޅުމުން ލާރާގެ ސިފައިގައި ހުރި އެތި އަހަރެން ނަގާ ބިންމައްޗަސް އެއްލާލީ އެއްވެސް ރަހުމެއް ނެތި އެވެ. އަހަންނަސް ހެޔޯ އެއްޗެއް ކިޔަންވެސް ހަނދާނެއް ނުވިއެވެ. ގަނެފަ އޮތް ބިރަކުން ރޯންފެށުނެވެ. އޭތީ އަހަރެންނާ ދިމާލަށް ޒިލާލް ކައިރީ އަހާށޭ ލާރާ ކޮބައިހޭ ބުނެ ގެއްލުނީއެވެ.
ޒިލާލް އަށް ގުޅަން އުޅެ ނުގުޅުނެވެ. އެތަނުން ތެދުވެލަންވެސް ނުކެރުފަ އޮތީ އަނެއްކާވެސް އޭތި އައިސްފާނެ ތީއެވެ. އެތައްއިރެއްގެ ހަމަހިމޭން ކަމަށްފަހު ކުއްލިއަކަސް ކޮޓަރީ ދި=ޮރު ހުޅުވާލާފަ ޒިލާލް ވަންތަން ފެނުމުން ފުންމައިގެން ދ=ތެދުވެ ޒިލާލް ގައިގަ އޮޅުލައިގެން ރޯން ފެށިމެވެ. ވީކީއްތޯ ހާސްވެފަ ހުރެ ޒިލާލް ސުވާލް ކުރިއެވެ. އަހަރެންނަސް ކުރެވުނީވެސް ސުވާލެކެވެ. ލާރާ ކޮބައިހެއޔެވެ. އެސުވާލުން ޒިލާލް ހީވީ ގަނޑުވިހެންނެވެ. އަހަންނަށް އަނެއްކާވެސް އެ ސުވާލު ކުރެވުނެވެ. ޒިލާލް އިސްދަށަށް ޖަހައިލީ ކުއްވެރިޔަކު ފަދައިންނެވެ. ޒިލާލް އިސްޖަހައިގެން ހުރެ ކިޔައިދޭން ފެށިއެވެ.
އަހަރެންނާ ދިމާވުމުގެ ކުރިން ލާރާއަސްވެސް ޒިލާލް ފޭސްބުކުން މެސެޖުކޮށް ވާހަކަ ދެއްކިއެވެ. އަހަރެން ފެނި އަހަރެން ހޯދުމަށްޓަކާ ޒިލާލް ފަންޑިތަވެރިއެއްގެ އެހީ ހޯދިގޮތާ، އަދި އެ ސިހުރު ހަދާފަ ހުރި އެއްޗެއް އަހަރެންނަސް ދޭން ލާރާއާ ހަވާލުކުރުމުން އޭން އޭގެ ބޭނުން ކުރީކަމަށެވެ. އޭގެފަހުން ލާރާގެ ހިތުގައި ޒިލާލްއާ ދޭތެރޭއޮތް ލޯބި އެނގި އޭގް ނާޖާއިޒް ފައިދާ ނަގަމުން، އަހަރެންނާވެސް ގުޅުން ބަދަހި ކުރީ ލަދެއްގެ ކަންފުޅެއްވެސް ނެތިެއްވެ. އެދެމީހުންގެ ފާފަތަކުގެ ތެރެއިން އިތުރު ފުރާނައެއް އުފެދުމުން އެ ތުއްތު ފުރާނަ ދުއްވާލަން އެދެމީހުން މަސައްކަތްކޮށް ، އެކަން ނާކާމިޔާބު ވުމުން ޒިލާލް އަހަރެންނާ ކައިވެނި ކުރުމަށްފު އަހަރެންނަސް ނޭނގި އަހަރެމެން ރަށަށް ގޮސް ލާރާ އެމީހުންގެ ލޯބީގެ މަންޒިލް ކަމުގައިވި ފަޅުގެއަށް ގެންގޮސް ނޭވާ ހާސްކޮށް އޭނަ މަރައިލި ގޮތް ކިޔާދިން އިރު ޒިލާލް ދެކެ އައި ރުޅިން އަހަރެން މޮޔަނުވީ ކިރިޔާއެވެ. މީހަމަ އަހަރެން ލޯބިވެގެން އިން އިންސާނާތޯވެސް އެތައްފަހަރަކު ހިތަށް އެރިއެވެ. ލާރާގެ ބަނޑަސް 3 މަހުގަ މިދުނިޔެއާ ވަކިކޮށްލި ގޮތް އަދި އަދަށްވެސް ރަށުމީހުންނަށްވެސް ނޭނގޭކަން ޒިލާލް އަށް އެނގެއެވެ. އެންމެންވެސް ހީކުރީ ލާރާގެ މަރަކީ ގުދުރަތީ މަރެއް ކަމަށެވެ. ނަމަވެސް ސިހުރެއްގެ ބާރުގައި އުފެދުނު ނަހަލާލު ގުޅުމެއްގެ ނަތީޖާއިން 2 ފުރާނަ ދުނިޔެއާ ވަކިވީއެވެ.
ކުއްލިއަކަށް އެތަނުން ފާޅުވީ ލާރާގެ ސޫރައެވެ. ޒިލާލްއާ އަހަރެންވެސް ބިރުން ގުޑާލަން ވެސް ނޭނގިފަ ތިބީއެވެ. ލާރާ އަހަރެންނާ ދިމާލަށް މަޑުމަޑުން ހިނގަން ފެށިއެވެ. އަހަރެންނަށް ހަދާނެ ގޮތް ހުސްވެ މުޅިމީހާ ދާހިއްލާ ރޯން ފެށުނެވެ. ލާރާ އަހަރެން ކުރިމައްޗަށް ހުއްޓިފަ އަހަރެން ކައިރިން މާފަށް އެދެން ފެށިއެވެ. ފުރަތަމަ އަހަރެންވެސް ހުރީ ހަދާނެ ގޮތެް ނޭނގި ބިރުން ވިރޭވަރު ވެފައެވެ.
ލާރާއާ އަހަރެންނާ ކުޑައިރުއްސުރެ އުޅެ ބޮޑުވީ އެއްކޮށެވެ. އެއް ގްރޭޑެއްގައި ކިޔަވާ ސްކޫލް ނިންމީވެސް އެކުއެކީއެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަކީވެސް އެއީއެވެ. ނަމަވެސް ލާރާގެ ހިތުގައި އަބަދުވެސް އަހަރެންނާ ދޭތެރޭ ހަސަދަވެރިކަން އޮތް ވާހަކަ ލާރާގެ ސޫރަ އަހަރެން ކައިރީ ބުނުމުން އަހަންނަށް އެތައް ސުވާލެއްއުފެދި ހައިރާން ކަމާއެކު ކުރިމަތީ ހުރި އެ ސޫރައަށް ބެލުނެވެ. އަހަރެންގެ ކުސަކަށްވީ ލާރާއަށްވުރެ ކިޔެވުމަށް މޮޅުވުމެވެ. އެހެންކަމުން ލާރާއާ އޭނަގެ މަންމަ، އަހަރެންގެ ކިޔެވުން ހަލާކު ކޮށްލަން ފަންޑިތަ ހެއްދިކަމާ އަހަރެންނަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ގޮތަށް ސިހުރު ހަދާފައި ވާނެ ކަމަށް ބުންޏެވެ. އަދި ޒިލާލް އަހަރެންނާ ގުޅެން ބޭނުންވުމުން އެ ކަން ހަލާކު ކުރަންވެސް އެތައް ފަންޑިތައެއް އަހަރެންނަށް ހަދާފައިވާ ވާހަކަ ބުންޏެވެ. އަހަރެންނަށް ގަބޫލު ކުރަންވެސް ދަތިވިއެވެ. އެންމެ ގާތް އެކުވެރިޔާ އަހަރެންނަށް އެހާބޮޑު އަނިޔާއެއް ދީފާނެ ކަމާމެދު ޝައްކުވިއެވެ. އަހަރެންނަށް މިހުރިހާ ދުވަހު ކުރިމަތިވަމުން އައި ބިރުވެރި ކަންތައް ގުޅިފައިވަނީ ލާރާއާ އޭނަގެ މަންމަ އަހަރެންނަށް ހަދާފައި ހުރި ސިހުރުގެ ސަބަބުންނެވެ. އަހަރެންނަށް އެހާބޮޑު އަނިޔާއެއް ދިނީ ކީއްވެގެންތޯ އެތައްފަހަރަކު ލާރާ ގާތު ސުވާލުކުރެވުނެވެ. ލާރާ އަހަރެން ކައިރން މާފަށް އެދުނެވެ. އަހަރެން އަހަރެންގެ ކުޑައިރުގެ އެކުވެރިޔާގެ ހުރިހާ ކުށަކަށް މާފު ކުރީމެވެ.
ލާރާ ދެން އެނބުރުނީ އަހަރެންގެ ފިރިމީހާ ޒިލާލްއާ ދިމާލަށެވެ. ޒިލާލްގެ ކަރުގާ ހިފަމުން ބިރުވެރި އަޑަކުން ލާރާ ހަޅޭއްލަވަން ފެށިއެވެ. ޒިލާލް އެތައްފަހަރަކު މާފަށް އެދުނެވެ. އެހެންނަމަވެސް އަހަރެންގެ ކުރިމަތީ ޒިލާލް އެންމެ ފަހުގެ ނޭވާ ލީއިރު އަހަރެންނަށް ހުރެވުނީ ބިރުން ގޮތްހުސްވެފައެވެ. ކުއްލިއަކަށް ލާރާވެސް ގެއްލުނެވެ. އަހަރެންނަށް ދުއްވައިގަނެވުނީ ގެއިން ބޭރަށެވެ. ޖެހިގެން ހުރި ގެއަށްވަދެ ޒިލާލް މަރާލައިފިއޭ އަހަރެންނަށް ބުނެވުނުކަން އެނގުނެވެ. ހޭއެރިއިރު ޒިލާލްގެ ކަށުކަމާކެމީގެ ކަންތައްނިމި ވަޅުލައިފިއެވެ. އަހަރެންނަށް ޒިލާލްގެ މޫނުނުބެލުނަސް ދެރަވެސް ނުވެއެވެ. ޒިލާލްގެ ބޭވަފާތެރިކަމާ ނުބައިކަން އަހަރެންނަށް އެނގުނީމައެވެ.
މިއަދު އަހަރެން މިވަނީ ޝަރުޢީ ރުޤްޔާކޮށް ﷲގެ އިރާދަފުޅުން އެއްކޮށް އެކަމުން ސަލާމަތްވެފައެވެ. މިހާރު އެހެން ދިރިއުޅުމެއް ފަށާ އަހަރެންނަކީ ކުޑަ ދެދަރިންގެ މަންމައަކީމެވެ. އަހަރެންނަށް ދިމާވި ހާދިސާއިން އިބުރަތް ލިބިގަނެ ދީނީ ކަންކަމަށް ފަރުވާެތރި މީހެއްގެ ގޮތުގައި ހުރުމަކީ އަހަރެންގެ އެންމެ އިސް ވާޖިބު ކަމުގައި މިހާރު ދެކެމެވެ.
(ނިމުނީ)
