މިއަދު އަހަރެމެން ތެރޭގައި ފެތުރިފައިވާ ކުށްތަކުގެ ތެރޭގައި، އެ ކުށްތަކަށް އަރައިގަތުމުން ދީނުން ބޭރުވާފަދަ ކުށްތައްވެއެވެ. އޭގެ ތެރެއިން އެއް ކަމަކި ސިހުރެވެ. ސިހުރުގެ ސަބަބުން އާއިލާތައް ރޫޅި، ދެމަފިރިންގެ ޒަވާޖީ ހަޔާތް ބަރުބާދުވެ، ރަހުމަތްތެރިންގެ މެދުގައި ރުޅިވެރިކަމާއި، ޢަދާވާތްތެރިކަން އުފެދެއެވެ. ދަރިވަރުންގެ ތަޢުލީމަށް ހުރަސް އެޅެއެވެ. ސިއްހަތު ސަލާމަތުން ހުރި މީހާ ބަލިވެ، ހިތާމަޔާއި ވޭން ތަހައްމަލް ކުރަން ޖެހެއެވެ. އެފަދަ އަމަލެއް ކުރާމީހެއްގެ ގާތަށްގޮސް ، އޭނާގެ ބަސް ތެދުކޮށް، އޭނާގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ ، ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފިރު ވެއްޖެ ކަމުގައި ވެއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނީ ސިހުރުގެ ނުބައިކަމުން ރައްކާތެރިވެގެންވާ ބަޔަކު ކަމުގައި ލައްވާށި!
ވަށައިގެން ވި މާހައުލު ފުސްކޮށްނަމަވެސް ފެނެއެވެ. ކައިރީގައި ނިދާފައި އޮތް ފިރިމީހާވެސް ފެނެއެވެ. ނަމަވެސް ދެލޮލުން ފެން ފޭބުން ފިޔަވާ އިތުރު ހަރަކާތެއް ނުކުރެވުނެވެ. ހިތުން ހެޔޮ އެއްޗެއް ކިޔޭތޯ ވެސް އެތައް ހިތްވަރެއް ކުރީމެވެ. މުޅި މީހާ ހީވަނީ، މީހަކު ހިފަހައްޓާ ހައްޔަރު ކޮށްލާފަ އޮތްހެނެވެ. ހަޅޭއް ލެވޭތޯވެސް އެހާ މަސައްކަތް ކުރެވިއްޖެއެވެ. ކުއްލިއަކަށް ހީވީ އެ ބާރެއް ހަށިގަނޑު ދޫކޮށްލާފައި ދިޔަހެންނެވެ. ފުންމައިގެން ތެދުވެ ފިރިމީހާ އަށް ގޮވާ ހޭލެއްވީމެވެ. ރޮވެން ފެށުނީ އިޙްތިޔާރުން ބޭރުގައެވް. މިއީ ދެރެއިން އެއްރޭގެ ހާލަށް ވާތީ އެވެ. ނިދުން ދެކެ ވެސް މިހާރު ބިރުގަނެއެވެ. ނިދާއިރަށް ހިފަހައްޓާނެ ކަން އެނގޭތީއެވެ.
ޒިލާލް އަށް އަހަރެން ދައްކާ އެއްވެސް ވާހަކައެއް ގަބޫލު ކުރަން އުނދަގުލެވެ. ސަބަބަކީ “ގޫގުލް ޑޮކްޓަރެވެ”. އަހަރެންގެ ހާލަތު ކިޔައިދޭ އިރަށް ތީ “ސްލީޕް ޕެރަލައިޒް” ވާތީއޭ ބުނެ ހަމަޖައްސާލަނީއެވެ. ޒިލާލް އަށް އަހަރެންނަށް ވާގޮތާ، އިހުސާސްވާ ކަންކަން ގަބޫލުކުރާކަށް އޭނަ ބޭނުމެއް ނުވެއެވެ. އެހެންވާ ކޮންމެ ރެއަކު ނިދާ ހޭލާއިރު ގައިގައި ނޫފައިގެންފައިވާ ތަންތަނާ ނިޝާން ތައް ފެނުނަސް އެވެސް ވަނީ ނުބަލާ އުޅެނިކޮށް ތަނެއްގައި ޖެހިފަ ވާކަމަށެވެ. އެހެންވެ މިހާރު ފިރިމީހާއަކަސް ޒިލާލް ކައިރީ އެވާހަކަ ދައްކަން ބޭނުންވެސް ނުވެއެވެ.
ހެނދުނު 7 ގަޑި ބައިވުމުން ޒިލާލް އޮފީހަށް ދާން ނިކުތުމުން އަހަރެންވެސް އިލޮށިފަތި ހިފައިގެން މަގަށް ނިކުމެ ކުނިކަހަން ފެށީމެވެ. މިއީ ޒިލާލްއާ އިނދެގެން އެގެއަށް ބަދަލުވި ފަހުންވެސް އާދައެވެ.ކައިވެންޏަށް ފަހު އަހަރެން ވަކިން ދިރިއުޅެން ބޭނުން ވުމުން މީހުން ނޫޅޭ ގެއެއް ޒިލާލް ކުއްޔަށް ހިފީއެވެ. މިގެ ހުންނަނީ ރަށު ސަހަރާއާ މާ ދުރަކު ނޫނެވެ. މީހުން ދިރިއުޅޭ ގެތައް މަދުމަދުން ނަމަވެސް މި ހިސާބުގައި ހުރެއެވެ. ކައިވެންޔަށް 6 މަސް ވީއިރުވެސް ހިސާބުގަނޑު މީހުންނަށް އަހަރެން ފެންނަ އިރަށް ހީވަނީ ބީރައްޓެއްސަކު ފެނިގެން ބަލާ ހެންނެވެ. އެހެންވެ ވީހާވެސް ގެއިން ނުނިކުމެ ވޭތޯ ބަލަމެވެ. ޒިލާލް އޮފީހުން އަންނަންދެން އަހަރެން އޮންނަނީ ކޮޓަރީގައެވެ. ނޫނީ ގޭ ބޭރުގަ ޖޭމު ގަހެއްގަ އެލުވާލާފަ ހުންނަ އުނދޯއްޔެއްގައެވެ.
ގަޑިން 2 ޖެހިކަން އެނގުމާއެކު އަހަރެން ގޭ ދޮރާށި ކައިރިއަށް ދަނީ ފިރިމީހާ އެގަޑީގަ ގެއަށް އަންނާނެކަން އެނގޭތީއެވެ. ޒިލާލް ބްރޭކަށް އަންނައިރަށް ކޮންމެ ދުވަހަކުވެސް ކާން ހަދާފަ އޭނަގެ އިންތިޒާރުގައި ހުރުން އެއީ އަހަރެންގެ އުފަލެކެވެ.
މިއަދު ޒިލާލް ގެއަށް އަައީ އަހަރެންނަށް ވަރަށް ރީތި ރަތްފިނިފެންމަލެއް ހިފައިގެންނެވެ. އުފަލުން އެއްވެސް ވިސްނުމެއް ނެތި މާ ނަގާ ވަސް ބަލާލީމެވެ. އެއަށްފަހު ޒިލާލް ފަހަތުން ގޭތެރެއަށް ވަނުމަތް ހިނގައިގަތީމެވެ. އެނބުރިލި ވަގުތު ކައިރިން، ނޭނގޭ ތަފާތު އިހުސާސެއް ވިއެވެ. މަޑުހޫނު ވައިރޯޅިއެއް ގައިގައި ޖެހިލާފަ ދިޔަހެން ހީވީއެވެ. ތަފާތު ކަންތައް ދިމާވިއަސް، އެކަހަލަ އިހުސާސެއް ވި ފުރަތަމަ ފަހަރަކީއެއީ އެވެ. ހީވި ގޮތެއްކަމަށްހީކޮށްލާފަ އަޅާނުލާ އެތެރެއަށް ވަދެ ޒިލާލް އާ އެކީ ކާން ދިޔައީމެވެ. ޒިލާލް ޑިއުޓީ ނިންމާލާފައި މިއަދު ދޮންތަމެން ގެއަށް ދާނެ ވާހަކަ ބުނެފަ ކައިގެން ދިއުމުން ތަށިތައް ނެގުމަށްފަހު އަހަރެން ސިޓިންރޫމުގަ ޓިވީ ބަލަން ޖައްސާލީއެވެ.
އަހަރެންނަށް ހޭލެވުނީ މީހަކު ޤުރުޢާން ކިޔަވާ އަޑަށެވެ. ކުއްލިއަކަށް ތެދުވެ އިށީނދެފަ ވަށައިގެން ހޯދާލެވުނީ ނުވެސް ދަންނަ މީހުން ތަކެއް އެތާ ތިބީމައެވެ. ވީ ކީއްކަމެއްވެސް އަހަރެންނަކަށް ނޭނގުނެވެ. ޒިލާލް އަހަރެންގެ އަތުގަ ހިފާ ތަޅުވާލުމުން އަހަރެންނަށް ފެށުނީ ރޯށެވެ. އަހަރެންނަށް ވީ ގޮތެއް އެނގެން ބޭނުންވިއެވެ. ޒިލާލް ކިޔާދިން ގޮތުން އޭނަ އޮފީހުން އައިސް، އަހަރެން ނުފެނިގެން ހޯދަމުން ދަނިކޮށް ފެނުނީ ޖޭމު ގަސް ކައިރީ ވެއްޓިފަ އޮއްވަ ކަމަށެވެ. ޒިލާލް އަކީ އެބާވަތުގެ ކަންކަން ގަބޫލު ނުކުރާ މީހަކަށްވިޔަސް މިފަހަރު ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އެންމެން ގޮސް ގޭތެރެ ކުޑަކޮށް ހަމައަކަށް އެޅުމުން ރުގްޔާ ކުރާ މީހާ ޒިލާލް އާ ވަކިން ވާހަކަ ދެއްކިއެވެ. ޒިލާލް ނިންމީ އެރޭ އަހަރެމެން އެގޭގައި ނުތިބެ އޭނަގެ ދޮންތަމެން ގެއަށް ނިދަން ދިއުމަށެވެ. ހުރިހާ ވާހަކައެއް އަހަރެން ކައިރީ ކިޔާ ނުދިނަސް ވަރަށް ބޮޑު ކަމެއް ދިމާވެއްޖެ ކަން އަހަރެންްނަށް އެނގުނެވެ. ނޭނގުނު ކަމަކީ މީ ނިމުމެއް ނޫންކަމެވެ. މީ ފެށުމެއްކަމެވެ.
ޒިލާލް ދޮންތައަށް ގުޅާ ވެގެން އުޅޭގޮތް ކުޑަކޮށް ކިޔާދިނުމަށްފަހު މިދަނީކަމަށް ބުނެ އަހަރެމެން ދެމީހުން ދިޔައީ އެގެއަށް ދިއުމަށެވެ. ދިޔަ މަގުމަތީވެސް އަހަރެން ބިރުގެންފަ ހުރިކަން ޒިލާލް އަށް އެނގޭތީ މާބޮޑަށް މިއަދު ދިމާވި ކަންތަކުގެ ވާހަކަ ނުދައްކައެވެ. ދޮންތަމެން ގޭގަވެސް އުޅެނީ ދޮންތައާ، ދޮންތަބެއާ، ދޮންތަގެ 3 އަހަރުގެ ދަރިފުޅެވެ. އެގެއަށް ދެވުމުން އަހަރެން ބޭނުންވީ ކުޑަކޮށް ޖައްސާލާށެވެ. އަހަރެމެން ތިބެން ހަމަޖެއްސި ކޮޓަރި ހުންނަނީ ގޭގެ އެންމެ އެތެރެއަށް ވާގޮތަށެވެ.
އަހަރެން ބޭނުންވީ ނިދާލާށެވެ. އެހެން ކަމުން ޒިލާލް އޭނަގެ ދޮންތަމެން ކައިރީ ސިޓިން ރޫމަށް ދިޔައީ އަހަރެން ނިދަން ފުރުސަތު ދީފައެވެ. އެއްޗިހިި ބަދަލު ކޮށްގެން އަހަރެން އޮށޯތްތާ މަގިނަ އިރެއްނުވެ އަހަރެންނަށް ނިދުނެވެ. ހޭލެވުނީ އަނެއްދުވަހު އޮފީހަށް ދާން ތައްޔާރު ވެގެން ޒިލާލް އަހަރެންނަށް ގޮވީމައެވެ. އަހަރެންވެސް ތައްޔަރުވެގެން ދޮންތަމެން ކައިރިއަށް ދިއައީމެވެ. ދޮންތައާ މާގިނައިން ދިމާވެފަ ނެތަސް އެދުވަހު ދޮންތަ އަހަރެންނާ ވާހަކަދެއްކީ ވަރަށް ގާތް ކޮންނެވެ. އަހަރެންނަށްވެސް މަޑުމަޑުން ބީރައްޓެހި ގޮތްގަނޑު ކެނޑި ގާތްކަމެއް އުފެދުނެވެ. އެގެއަށް ބަދަލުވިފަހުން ކޮންމެ ދުވަހަކުވެސް ޒިލާލް އޮފީހަށް ދިއުމުން އަހަރެން ގިނަ ވަގުތު ހޭދަ ކުރަނީ ދޮންތަގެ ދަރިފުޅު ލިލިއަން ގޮވައިގެންނެވެ. ދޮންތައަކީ ކޭކު އަޅާ މީހަކަށްވުމުން އަހަރެންވެސް އެ މަސައްކަތަށް ޝައުގުވެރިވެ އެކަމުގަ ބައިވެރިވާންވެސް ފެށީމެވެ.
މިހާރު އަހަރެންގެ ދިރިއުޅުމަށް އުފާވެރިކަމެއް އައިސްފައިވާ ކަހަލައެވެ. ކުރިންވި އެއްވެސް ކަމެއް މިހާރު ހަނދާން ނެތުނީ ކޮންމެ ރެއަކީވެސް އަހަރެންނަށް އުނދަގުލެއްނެތި ނިދޭ ރެއަކަށް މިހާރު ވާތިއެވެ.
