ނީލަމްގެ ހިތަށް ކޮށްފައިވަނީ ބަޔާންކުރަން ދަތި ވޭނީ އިޙުސާސެކެވެ. ކެނޑިނޭޅި ފޯނު ރިންގުވަމުން ދިޔަ ނަމަވެސް އެއަށް ޖަވާބު ދިނުމުގެ ޝައުޤެއް ނެތެވެ. ގުޅަނީ ރާކިންކަން އެނގެއެވެ. އެހެނަސް ކުށްވެރިޔަކީވެސް ރާކިންއެވެ.
މެންދަމު ދޭއް ޖަހަން ތިން ވަރަކަށް މިނިޓަށްވެފައި ހުއްޓާ އަނެއްކާވެސް ފޯނު ރިންގުވާތީ ނީލަމް ބަލާލިއެވެ. ގުޅަނީ މަންމައެވެ.
“މަންމަ މިގަޑީގަ ކިހިނެއްވީ؟” ނީލަމް މަޑުމަޑުން ސުވާލުކޮށްލިއެވެ.
“ދަރިފުޅާ…ރާކިން މަންމައަށް ގުޅާފަ ހުރިހާ ވާހަކައެއް ކިޔާދީފި” މަންމަ ވާހަކަދެއްކިއެވެ.
“އާން މަންމާ، އެމީހުން ކިހާ ގޯސް..ދެން ދުވަހަކުވެސް ރާކިންއާ ވާހަކަ ދައްކާކަށްވެސް ބޭނުމެއް ނޫން” ނީލަމްގެ އަޑުގައިވަނީ ހިތްދަތިކަމެވެ.
“ނޫން ދަރިފުޅާ. ކުށްކުރީ އާއިލާ އެކަމުގެ އަދަބު ރާކިންއަށް ދީގެން ނުވާނެ..ދަރިފުޅަކީ ހިތްތިރި އޯގާތެރި ކުއްޖެއް. މަންމަ ދިން ތަރުބިއްޔަތުގައި ކޮޅުފައިން ނުޖަހާ ދަރިފުޅާ..މަންމައަށްޓަކައި އޭނަ ދައްކާ ވާހަކަތައް އަޑުއަހާލާ. މަންމައަކަަށް ހިއެއްނުވޭ އެއީ ގޯސް ކުއްޖެއް ހެނެއް. ރާކިންއާ ގުޅޭ..އިރާދުކުރެއްވިއްޔާ ދަރިފުޅަަަށް އުފާވެރި ދިރިއުޅުމެއް ލިބޭނެ. ދެން ފޯނު ނަގާބަލަ… ރާކިން މަންމަ ގާތުގައި ވަރަށް ރޮއެ އާދޭސްކުރި..” ނީލަމް މަންމަގެ އެތައް އާދޭހަކަށްފަހު ފޯނު ބޭއްވިއެވެ. ވަރުބަލިވެފައި އޮތް ނީލަމްއަށް ނިދުނު އިރެއްވެސް ނޭނގެއެވެ.
ހެނދުނު އޮފީހުގައި އިންދާ ރާކިން އަނެއްކާވެސް ނީލަމްއަށް ގުޅިއެވެ. އެއީ ދުވާލުވީފަހުންވެސް ރާކިން ގުޅި ކިތައްވަނަ ފަހަރުކަމެއް ނޭނގެއެވެ. ނީލަމް ފުން ނޭވާއެއް ލުމަށްފަހުގައި ފޯނު ނެގިއެވެ. އެހެނަސް އެއްވެސް ވާހަކައެއް ނުދައްކައެވެ.
“ނީލަމް..އާދޭސްކޮށްފަ…އެންމެ ފަހަރަކުވެސް ބައްދަލުވެދީ..ޕްލީޒް” ރާކިންގެ އަޑުގައިވަނީ އާދޭހެވެ. އެކަމަށް އިންކާރުނުކޮށް ނީލަމް އެންމެފަހުން ޑިއުޓީ ނިމޭގަޑީގައި ދިމާވުމަށް ބުންޏެވެ.
ދެމީހުން ވާހަކަދައްކާލުމަށް ރާކިން ޚިޔާލުކުރި މަންޒިލަކީ ރަސްފަންނެވެ. އެހާ ހިސާބަށް އައި އިރުވެސް ނީލަމް ވާހަކައެއް ނުދައްކައެވެ.
“ނީލަމް.. އަހަރެން ޤަބޫލުކުރަން އަހަންނަށް ކުރެވުނު ކަންތައް. ނީލަމް ވަރަށް ހިތުގަ ޖެއްސިއްޖެ. އެކަމު އިންސާނަކަށްވީތީ އަހަންނަކީވެސް ފުރިހަމަ މީހެއް ނޫން.. އަހަންނަށް އެއްފަހަރެއް ކަމަށް މަޢާފުކޮށްދީ..ޕްލީޒް އަހަންނާ މެރީ ކުރޭ..ދެން ދުވަހަކުވެސް ނީލަމް ނުރުހޭގޮތައް އެއްވެސް ކަމެއް ވިއަކަ ނުދޭނަން” ރާކިން އާދޭސްކުރަން ފެށިއެވެ. ހިނދުކޮޅަކު ހިމޭނުން ހުރެފައި ނީލަމް ވިސްނުންތެރިކަމާއިއެކުގައި ވާހަކަފެށިއެވެ.
“އެންމެ ރަނގަޅު އެއްފަހަރެއް ކަމަށް ..އަދި އަހަރެންގެ މަންމައަށްޓަކާ..ރާކިންއަށް މަޢާފުކޮށްފިން. އެކަމަކު އަހަރެން ރާކިންއާ ކައިވެނި ކުރާނީ..ދެން މިކަހަލަ އެއްވެސް ކަމެއް ނުވާނެ ކަމުގެ ޔަޤީންކަން ލިބުނީމަ..އަހަރެންގެ އިޙުސާސްތަކަށް ކަމޭނުހިތާ..އަހަރެން ހިތުގަޖެހޭނެ ދިރިއުޅުމަކަށް އެނގިހުރެ ދާކަށް ނެތިން. މީގެ ފަހުން ދެމީހުން ވާހަކަދެކެވި އެއްބަސްވެވިފަ އޮތްގޮތަށްނޫނީ ކަމެއް ވަންޏާ އަހަރެން މުޅި ޢުމުރަށް ރާކިންއާ ވަކިވާނަން… އަހަރެންގެ އަލަތު ކައިވެނީގެ މާތް ޙަޔާތަކީ ބައެއްގެ އަތްދަށުލާ ބޮލިރަވައެއް ނޫން..އެކަހަލަ ނާތަހުޒީބީ..އެއްވެސް ގޮތެއްނެތް ދިރިއުޅުމެއް ބޭނުމެއް ނޫން” ނީލަމް ހުރިހާ އެއްޗެއް ހާމަކޮށްލީ ކެރިހުރެއެވެ.
“ފުރިހަމަ ޔަޤީންކަންދޭން ނީލަމްއަށް. އަހަރެމެންގެ ދިރިއުޅުމަކީ އަހަރެމެންގެ އެއްޗެއް. ކަންކަން ނިންމާނީވެސް ދެމީހުން ބޭނުންވާ ގޮތަށް. ވަރަށް ބޮޑަށް ސޮރީ މިހެން ދިމާވީމަ” ރާކިން ނީލަމްގެ އަތުގައި ހިފާލިއެވެ. ނީލަމް ހިނިތުންވެލިއެވެ. އެހެނަސް ބިރުން އިނދެއެވެ.
ރާކިންގެ މަންމަމެން ރަށަށް ފުރުމުގެ ކުރިން އެމީހުން ބޭނުންވީ ހެދުން ފަހާނެ ފޮތި ގަނެގެން ދާށެވެ. ނީލަމް އެއްވެސް ވަރަކަށް ދާހިތެއް ނުވިއެވެ. އެހެނަސް ރާކިން އެދުމުން އެމީހުންނާއެކު ފިހާރައަށްދިޔައެވެ. އެތާވެސް އެމީހުން ކަންތައް ކުރީ ރަނގަޅަކަށް ނޫނެވެ. ފުރަތަމަ ކަމަކަށް ނީލަމްމެން ބޭނުންވާ ކުލަ އެމީހުންނަށް ކަމުދާކަމަކަށް ނުވިއެވެ. އެޔަށްވުރެ ރީތި ކުލައަކަށް ބަދަލުކުރާށޭ ކިއެވެ. އެކަމަކު އެމީހުންގެ ކޮންމެ ވާހަކައަކަށް ރާކިން ރައްދުދެއެވެ. ނީލަމް ދިފާޢު ކުރިއެވެ. އެކަމާ ނީލަމް ނުހަނު އުފާކުރިއެވެ. ރާކިންއަކީ ރަނގަަޅު ބައިވެރިއަކަށް ވާނެކަމަށް ޤަބޫލުވެސް ކުރެވުނެވެ.
2 Comments!
Comments are closed.



Alhey, it’s been 2 months 😭 when are you gonna upload the next episode
Really sorry for being late😭😭😭😭😭
In sha Allah soon