ސަލާމް އަލްވަދާއު
އޭ އިންސާނާއެވެ. ދުނިޔޭގެ މި ވަގުތީ އުފަލަށް ތިބާ ތި ދަހިވެތިވަނީ ކޮން ފައިދާއެއްލިބޭނެ ކަމަށްހެއްޔެވެ. މާދަން ލޯން މަރާލުމުން ތިބާއަށް ގެންދެވޭނެ އެކައްޗެއްވެސް ނޯންނާއެވެ. ތިޔަ ހޯދި އަގުބޮޑު މުދަލާ ފައިސާ ހަމަ އެދުވަހުން ދޫކޮށްލަންޖެހޭނެއެވެ. އެދުވަހުން ތިބާގެ ނިދަމުން އައި އަރާމު އެނދު ބަދަލްވެގެންދާނީ ސަންދޯކަށްށެވެ. ތިބާގެ ގެ ބަދަލްވެގެންދާނީ ކަށްވަޅަށްށެވެ. އެކުވެރިޔެއް އާއިލާމީހަކު ނެތް އެކަނިވެރި އެތަނުގައި ތިބާއަށް ކެތްވާނެހެއްޔެވެ؟ އަދިވެސް ވަގުތު އެބައޮތެވެ. އިސްލާހުވާށެވެ.
ހުމެއިދުއަކީ ވަރަށް ގޯސްކޮށް އުޅެމުން އަންނަ ޒުވާނެކެވެ. ތަޅާފޮޅުމާ މަސްތުވާތެތި ބޭނުންކުރުމާ ވައްކަމުގެ އެތައް ރިކޯޑްއެއް އޮތް އެތައްފަހަރަކު ޖަލަށް ލެވިފައިވާ ޒުވާނެކެވެ. ޖަލުން ދޯކޮށްލާ ކޮންމެ ފަހަރަކު އެތައް ބަޔަކަށް އޭނާގެ ދުއްތުރާ ނުޖެހި ނުދެއެވެ. މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަމުން އަވަށު މީހުންނަށް ބޮޑު އުނދަގުލަކަށް ވެފައިވާ ހުމެއިދު އިސްލާހުވޭތޯ އެތައް ބަޔަކު އޭނާއަށް ނަސޭހަތްތެރިވެއެވެ. ނަމަވެސް ހުމެއިދު ދެނީ ބީރު ކަންފަތެކެވެ. އޭނާގެ ހިތްހަރުކަމާ ބޮޑާކަމާ ނުބައި ނުލަފާކަން ދައްކާލާ އޭނާއަކީ މަތަނުވާނެ މީހެއްކަން އަބަދުވެސް ބުނަމުންދެއެވެ.
އެއްދުވަހަކު ހުމެއިދު އުޅޭ ސަރަހައްދަށް ކުއްޔަށް ބަޔަކު އައެވެ. އެމީހުން ދިރިއުޅެނީ ހުމެއިދުމެންގޭ ކުރިމަތީގައެވެ. އެމީހުންގެ ތެރޭގައި ހިމެނޭ ހުމެއިދުމެންވަރުގެ ޒުވާނެއް ކޮންމެ ދުވަހަކު ވަޒީފާއަށް ގޮސް އަންނަތަން ހުމެއިދުއަށް ފާހަގަވިޔެވެ. އެ ޒުވާނާ އަތުން ފައިސާ އަތުލުމަށް ހުމެއިދުއާ އޭނާގެ ރައްޓެހިން ރާވަންފެށިޔެވެ. ޒުވާނާއާ އެތައް ގޮތަކުން ވާހަކަ އަޅުވާލަން މަސައްކަތްކުރިޔަސް އެޒުވާނާ އެމީހުންނަށް ޖަވާބުދާރީނުވެއެވެ. އެންމެ ފަހަށް ހުމެއިދު ގާތަށް ރުޅިއަތުވެއްޖެއެވެ. އެއްދުވަހަކު އެ ޒުވާނާ މަގުމަތިން ހިނގާފައި ދަނިކޮށް ގޯޅިޔަކަށް ވައްދާ އެ ޒުވާނާއާ ދިމާލަށް އެތައް ގޮތަކުން އައުގުރާނަ ގޮވާ ބިރުދައްކަންފެށިޔެވެ. ނަމަވެސް އެ ޒުވާނާ އެމީހުން ދައްކާ ބިރަކަށް ނުބަލާ ހިނިތުންވެލައިގެން ހުއްޓެވެ. މިކަން ހުމެއިދުއަށްވީ މަލާމާތަކަށްށެވެ. އެންމެ ފަހަށް އެޒުވާނާ ގައިގާ ތަޅައިގަނެގެން އެ ޒުވާނާގެ ޖީބުގައި ހުރި ފައިސާތައް ފޭރިގަތެވެ. އެއަށްފަހު ހުމެއިދުމެން ހެމުން އެމީހުންގެ ގެޔަށް ދިޔައެވެ. ޒުވާނާ ބިންމަތިން ތެދުވެ ގައި ފޮޅާލިޔެވެ. ޒުވާނާ ދިޔަ ގޮތަށް ދިޔައީ އޭނާ ދާންވެގެން ދިޔަ ތަނަށްށެވެ. އަސުރު ނަމާދުކޮށްލުމަށް މިސްކިތައްށެވެ. ޒުވާނާ މިސްކިތައް ވަނުމާއެކު މީހުންތައް އެޒުވާނާ ހުރި ހާލު ފެނިފައި އެޒުވާނާ ކައިރިޔަށް އެއްވެއްޖެއެވެ. ހަރުފުރައިގެ މީހުން ރުޅިގަދަވެގެން އަޑުގަދަކުރަންފެށިޔެވެ. މިހެން ހުއްޓާ މިސްކިތުގެ އިމާމްކަމުގައިވާ އެޒުވާނާގެ ބައްޕައަށް އާދެވިއްޖެއެވެ. ދަރިފުޅު ހުރި ހާލު ފެނިފައި ވަގުތުން ގެޔަށް ގޮސް ލާނެ އާ އެއްޗެހި ގެނެސްދިނެވެ. އެޔަށްފަހު އަސުރު ނަމާދުކޮށްލައިގެން ދަރިފުޅު ގޮވައިގެން އޭނާއަށް އަނިޔާކުރި ހުމެއިދު ހޯދަންދިޔައެވެ. ހުމެއިދުއާ ދިމާކުރުމަށްފަހު ހަތަރުކަޅި ހަމަކޮށްލިޔެވެ.
އިމާމް : އައްސަލާމް އަލައިކުމް
ހުމެއިދު : ހޫ އެންމެ ފަހަށް ބައްޕަ ގޮވާންދޯ މީނާ މި އައީ ދެން ކިހިނެއްވާންތަވީ
އިމާމް : ކަލެޔަށް އަހަރެންގެ ދަރިފުޅުދިނީ ކޮން އަނިޔާއެއް؟
ހުމެއިދު : ނުދޭ އެއްވެސް އަނިޔާއެއް
އިމާމް : ކަލޭ ފަދަ ފިނޑިޔެއް އަހަރެން ނުދެކެން. ކަލެޔަށް ހީވޭތަ ބަލާފަ މަގޭ ދަރިފުޅަކީ އާދައިގެ މީހެއްހެން؟
ހުމެއިދު : މަށަކަށް ނޭނގޭ އެހެންނޫނަސް މަ ބަލަން ޖެހޭ އެއްޗެއްނޫން
އިމާމް : މަގޭ ދަރިފުޅަކީ ކަންފަތައް އަޑުނީވޭ ކުއްެޖެއް. އަޙުލާގު ރަނގަޅު ރިވެތި އާދަތައް ގެންގުޅޭ ކުއްޖެއް. ކަލޭމެން އޭނާ މިސްކިތައް ދަނިކޮށް އޭނާގެ މުޅި ދުވަސް ޙަރާބްކޮށްލީ. ނަމަވެސް އޭނާ އައީ މިސްކިތައް. އެތަނުގައި ތިބި އެންމެންހެން މިއަދު އުޅުނީ ނަމާދުކޮށް ނިންމައިގެން ކަލޭގެ ދުވަސް ދުއްވާލަން ނުކުންނަން. އެތައް ބަޔަކު ތިބީ ޖަލަށްދާންވެސް ތައްޔާރަށް ނަމަވެސް އަހަރެން އެކަން ހުއްޓުވާފަ މިއައީ. ބުނަން ރަނގަޅު ވާހަކައެއް. ކަލޭގެ ތިޔަ ބޮޑާކަން އެބަޖެހޭ ދޫކޮށް އިސްލާހުވާން. ތިޔަ އުޅުމަކީ ބޭކާރު އުޅުމެއް އެންމެ ދުރުގައިވެސް އެންމެ ގާތުގާވެސްވަނީ މަރުކަން ހަނދާންކުރާތި.
ހުމެއިދު : (ހިނިގަނޑެއް ޖަހާލާފަ) ކަލޭވެސް މަ އިސްލާހުކުރަން ތި މަސައްކަތްކުރަނީ؟ އަޅެ ނިކަން އެންމެ މިސާލެއްވެސް ދައްކާލަބަލަ މަ އިސްލާހުކޮށްލަން.
އިމާމް : މި ފަނާވެގެންދާ ދުނިޔެއަކީ ވަގުތީތަނެއް. ކަލެޔަށްވެސް ފެނިފައި ހުންނާނެ މި ދުނިޔެ ދުރުގައިވާ ސެޓެލައިޓްއަކު ބަލާލީމަ ކުޑަކަން. ދެން ބަލާބަލަ ކައުނު. މި ކައުނު ފިޔަވާ އެތައް ކައުނަކާ އެތައް ދުނިޔެއެއްވޭ. ނަމަވެސް މި ހުރިހާއެއް މާތް ﷲ ގެ އަތްޕުޅުމަތީ ވެލިފުކަކަށްވެސްނުވާނެ. އެހާވެސް ކުޑަވާނެ. ދެން ނިކަން ވިސްނާލަބަލަ މި ދުނިޔެއާމެދު. ދެން އޭގައިވާ އިންސާނުންނާމެދު. ނިކަމެތި އާރެއް ބާރެއްވެސް ނެތްކަން އެބަ އެނގޭ ދޯ. ދެން ކަލޭ ވިސްނާލަބަލަ ނަރަކައާމެދު. އެތަނުގައި ކޮންމެ އިންސާނަކަށް ދެވިފައިވާ ޖާގައާމެދު. އަދިވެސް ފުރުސަތު އެބައޮތް އިސްލާހުވާން އެނގޭ. ދެން އުންމީދުކުރަން މިކަހަލަ ކަމެއް ކަލޭ ނުކުރާނެކަމަށް ކަލެޔަށް މައާފްދީފިން
އިމާމްގެ ބަސްތަކުން ހުމެއިދުގެ ހަރު ހިތުގައި ރެނދުތައްލާންފެށިޔެވެ. އެރޭ ހުމެއިދު އުޅެ އުޅެ ނުއެއް ނިދުނެވެ. ވިސްނެނީ އަބަދުވެސް އިމާމް ކިޔާދިން އެއްޗިއްސެވެ. އެންމެ ފަހަށް ފަތިސްވާން އުޅެނިކޮށް ހުމެދުއަށް ކުޑަކޮށްވެސް ނިދިއްޖެއެވެ. ނަމަވެސް ތެދުވީ ބިރު ތުރުތުރު އަޅާ ހާލުގައެވެ. ދުވަމުން ދުވަމުން ގެއިން ނުކުމެގެން ދިޔައީ މިސްކިތާ ދިމާލަށްށެވެ. މިސްކިތާ އަރާ ހަމަވިއިރު އިމާމް މިސްކިތު ދޮރާ އަރާ ހަމަވަނީއެވެ. ހުމެއި އަތް ހޫރުވަމުން އައިސް އިމާމް ފައި ބުޑަށް ހޭނެތިގެން ވެއްޓިއްޖެއެވެ. އިމާމް އަވަސް އަވަހަށް ބަޔެއްގެ އެހީތެރިކަމާއެކު ހުމެއިދު މިސްކިތައް ވައްދާ މޫނުގައި ފެން އުނގުޅާހެދިޔެވެ. ހުމެއިދުއަށް ހޭވެރިކަންވެ އިމާމް ފެނުމުން ރޮވެގެންފެށިޔެވެ.
އިމާމް : ދޮންކަލޯ… ހުއްޓާލާ. ކިހިނެއްވީ؟ ކިޔާދީބަލަ ބޭބެޔަށް
ހުމެއިދު : އަހަރެންނަށް މިރޭ ފެނުނީ އަހަރެން ވަށައިގެން އަލިފާންވާތަން. އަހަރެން ސަލާމަތަށް އެދި ގޮވުމުން އަޑަކުން ބުނާއަޑު އިވެއެވެ. ވަގުތު ވަރަށްވެސް ކައިރިވެއްޖެއެވެ. އަހަރެން ބޭނުން އިސްލާހްވާން އަހަރެންނަށް މައާފްކުރޭ.
ދުވަސްތައް ފާއިތުވެގެންގޮސް ހުމެއިދު ނިޔާވެއްޖެއެވެ. ނިޔާވިއިރު އެންމެވެސް ދައްކަމުންދިޔައީ ހުމެއިދުގެ އޯގާތެރިކަމުގެ ވާހަކައެވެ. އިސްލާހުގެ މަގުގައި އެތައް މަސައްކަތެއްކޮށް އެތައް ޒުވާނުންނެއް ސަލާމްތްކޮށްދިން މީހެއްގެ ގޮތުގައި ހުމެއިދުވަނީ އަވަށުގައި މަޝްހޫރުކަން ހޯދާފައެވެ. މިއަދު ހުމެއިދު މިސާލަކަށް ނަގައިގެން އެތައް ޒުވާނުނެއްވަނީ އޭނާގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ނުކުމެފައެވެ.
– ނިމުނީ –


