Skip to content
އެސްފިޔަ

ލޯތްބާއިއެކު މަންމައަށް

މަންމާއެވެ. ތިއީ އަހަރެންނަށް ދުނިޔެމަތީ ލިބުނު ރަޙްމަތެކެވެ. އެންމެ އަގުބޮޑު ޖަވާހިރެވެ. އަހަރެންގެ ދިރިއުޅުމުގެ ހަޤީޤީ އަސްލެވެ. މުއްސަނދިކަމެއް ނުލިބުނަސް އަހަރެންގެ ދިރިއުޅުން ތަނަވަހެވެ.އެއީ ހަމަ ތި މަންމަ ދިން ނަސޭހަތްތަކާއި އަމަލު ކުރާނެ ގޮތް ބުނެދީ، ދިން އިރުޝާދު ތަކުންނެވެ.

މަންމާއެވެ. އަހަރެން އެންމެ ކުޑަ ދުވަހުން ފެށިގެން ތަނަވަސް ކަމާއި އެކު ދިރިއުޅެވެނީ މަންމަގެ ލޯ ބޯ ކޮށައިގެން ކުރި ބުރަ މަސައްކަތުންނެވެ. އެ ދުވަހު އަހަރެންގެ ހައްޤުގައި އެކުރި ބުރަ މަސައްކަތްތަކަށް އަހަރެންގެ ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާކުރަމެވެ. ނަމަވެސް މިހެން އަމުނާލާ ބަސް ތަކަކުން ހައްޤު ޝުކުރު އަދާނުކުރެވޭނޭ ކަން ގައިމެވެ.

މަންމާއެވެ. ތިއީ ދުނިޔެމަތީގައި އަހަރެންނަށް ފެނުނު އެންމެ ގަދަ ފަދަ ޝަޚުޞިއްޔަތެވެ. ކެތްތެރި ކަމުގެ ލާމަސީލު ނަމޫނާއެކެވެ. ކިތަންމެ ބަލި ހާލުގައި ވެސް އަހަރުމެނަށްޓަކައި އެ ބަލިކަން ނުދައްކާ ތި ދެއަތުން އެންމެ ފުރިހަމައަށް ހުރިހާ މަސައްކަތްތަކެއް ކުރީ ކިތައް ދުވަހު ހެއްޔެވެ؟ ގުނާ އަދަދު ނުކުރެވޭނެއެވެ.

މަންމާއެވެ. އަހަރެން ބަލިވެއްޖެ ނަމަ ތި މަންމަ ނުނިދާ ހޭލާ އަހަރެން ކައިރީގައި ހުރީ ކިތައް ރޭ ހެއްޔެވެ؟ ތި މަންމަގެ ލޮލަށް ނިދި ނާންނާތީ އަކީ ނޫނެވެ. އަހަރެންނަށް އިތުރު ގެއްލުމެއް ލިބިދާނެތީ އެކަމަށް ފާރަވެރި ވެ ހުރުމަށެވެ. އަހަރެންގެ ގައިގައި ހިންޏެއް ކަށި ޖަހައިލަން ވެސް ތި މަންމަ ނޭދެއެވެ.

މަންމާއެވެ. ބަލި ނިކަމެތި ހާލުގައި އަހަރެން ދުނިޔެއަށް އުފަން ކުރުމަށްޓަކައި ގައިގައި އެތައް ވޭނެއް އެޅި ނަމަވެސް އެއްވެސް ޝަކުވާ އެއް ނެތި، އަހަރެން ދެކެ އިންތިހާއަށް ލޯބިވީމު ނޫން ހެއްޔެވެ؟ އަހަރެންނަށްޓަކައި ޖާނާ މާލުން ފުރާނަ ޤުރުބާން ކުރީމު ނޫން ހެއްޔެވެ؟އަހަރެން ދުށުމަށްޓަކައި ދިގު އިންތިޒާރެއް ކުރީމު ނޫންހެއްޔެވެ؟ ތިޔަ ޚިދުމަތުގެ އަގު އަހަރެންނަށް ދުވަހަކު ވެސް އަދާ ނުކުރެވޭނެކަން ގައިމެވެ.އެއީ ކިތަންމެ ގިނަ ދުވަހަކު އުޅެ އުޅެ ވެސް ނުވާނެ ކަމެކެވެ. ނަމަވެސް އަހަރެން ތި މަންމަގެ ޚިދުމަތުގެ އަގު އަދާކުރާނަމެވެ. މިހެން ލިޔެލާ ލިޔުމަކުން އެއް ނޫނެވެ. އަހަރެންގެ އަބަދާ އަބަދުގެ ދުޢާއިންނެވެ.

މަންމާއެވެ. އަހަރެންނަށް ލިބޭ ކޮންމެ ކާމިޔާބީއެއްގެ އަސްލަކީ ތީއެވެ. މިލިބޭ ރަންވަނަ ތަކުގެ ފަހަތުގައި  ވެސް ވަނީ ހަމަ ތި ލޯބި މައި ކަމަނާއެވެ. އަހަރެންގެ އެންމެ ޅަދުވަހުގެ މަދަރުސާއަކީ ވެސް ތީއެވެ.ތި މަންމަ އަހަރެންނަށް ދިނީ ހެޔޮ ލަފާއެވެ.އަހަރެންނަށް ޓަކައި ތި މަންމަ ކުރީ ހެޔޮ ދުޢާއެވެ.

މަންމާއެވެ. މީހެއްގެ ދުލުން އަހަރެންނާ ދިމާއަށް ނުރުހުމުގެ އެންމެ ބަހެއް ވެސް ބުނެލާ އަޑު އަހާކަށް ތި މައި ލަގޮނޑިއަކަށް ކެތެއް ނުވޭނޫން ހެއްޔެވެ؟ ވީ އިރު އަހަރެންގެ ހަށިގަނޑުގައި އަލިފާން ކަންޏެއް ޖެހިލާތަން ބަލަން ތި މަންމައަކަށް ކެތެއް ނުވާނެކަން ޔަޤީނެވެ.

މަންމާއެވެ. އެންމެ ކުޑަ ދުވަހުން ފެށިގެން އަހަރެންނަށް ދީން އުނގަންނައި ދިނީ ތި މަންމައެވެ. ނަމާދު ކުރަން ޖެހޭނޭ ކަމާއި ނަމާދު ނުކޮށްފިނަމަ ލިބޭނޭ ޢަޛާބުގެ ވާހަކަ ކިޔާދީ ހެދީ މަންމަގެ ތި ދުލުންނެވެ.އިސްލާމް ދީނުގައި އަންހެނާގެ ޢައުރައަކީ ކޮބައި ކަމާއި ޢައުރަ ނިވާކުރަން ބުނެދިނީ ވެސް ހަމަ ތި މަންމައެވެ.

މަންމާއެވެ. އިއްޔެ މަންމަ ތި ދިން ތަރުބިއްޔަތާއި މެދު މިއަދު އަހަރެން އުފާކުރަމެވެ. އަހަރެންގެ އުމުރުގެ އެތައް ކުދިންނެއް އުޅޭ ގޮތް އަހަރެންގެ މި ދެލޮލަށް މިއަދު ފެނެއެވެ. އެއީ އަހަރެންނަށް ކަމުދާ ސްޓައިލެއް ނޫނެވެ.ގަޔަށް ބާރު ހެދުމާއި މޭމަތި ނިވާ ނުވާ ވަރުގެ ޝޯލްއެއީ މި ޒަމާނުގެ ފެޝަނެވެ. ނަމަވެސް އަހަންނަށް ތި މަންމަގެ އުނގުން ލިބިފައި ހުރި ތަރުބިއްޔަތު ޒަމާނަށް ފެތޭ ވަރަށް ވުރެ މާ ފުރިހަމައެވެ. ދޫކޮށް ހެދުންލާ މޭމަތި ނިވާވާނޭ ހެން ބުރުގާ އަޅަން ބުނެދިނީ ތި މަންމައެވެ.

މަންމާއެވެ. ތިޔައީ ހަމަ ހަޤީޤަތުގައި ވެސް ރާނީ އެކެވެ. ދެގޮތެއް ނުވެ، ބަދަލެއް ނުވާ، މީހަކަށް ދުނިޔޭން ބައްދަލުވީ ހަމައެކަނި ފަރާތަކީ ތި މަންމައެވެ.އަހަރެންނަށް ހެޔޮ ރަނގަޅު މަގު ދެއްކީ ހަމަ ތި މަންމައެވެ. ކޮންމެ ފަދަ ހާލަތެއް އަހަރެންނަށް މެދުވެރިވީ ނަމަވެސް، ތި މަންމަ އަބަދުވެސް ވީ އަހަރެންނާއި އެކުއެވެ.ލޯތްބާއި، އޯގާތެރިކަން ތި މަންމަގެ ކިބައިން އަހަރެންނަށް އަބަދުވެސް ދިޔައީ ފެންނަމުންނެވެ.

މަންމާއެވެ.މިއަދު އަހަރެން އަމިއްލަ ފައި މައްޗަށް ތެދުވެ މިހުރެވެނީ ތި މަންމަގެ ހިތްވަރުންނެވެ.މަންމަ އެދުވަހު ކޮށްދިން ބުރަ މަސައްކަތުންނެވެ.

މަންމާއެވެ. މަންމަ ދުނިޔޭގައި ނެތް ދުވަހަކުން ވެސް މަންމަގެ މި ދަރިފުޅުގެ ހެޔޮ ދުޢާތައް ވާނީ އަބަދުވެސް ތި މަންމައާއި އެކުއެވެ. މަންމަ ދިން ތަރުބިއްޔަތަކީ އަހަރެންނަށް މިދުނިޔޭގައި އަދި އާޚިރަތުގައި ވެސް މަންފާ ކުރާނޭ އެންމެ އަގު ބޮޑު ހުދަންބަރެވެ. މިއަދުވެސް ދެ ގޮތެއް ނުވެ އަހަރެންގެ ޚިދުމަތުގައި ހުރީ ހަމަ ތި ނިކަމެތި މަންމައެވެ.

މަންމާއެވެ. ތިފަދަ ބޮޑު ނިޢުމަތެއް އަހަރެންނަށް މިންވަރު ކުރެއްވީތީ ﷲ އަށް ޝުކުރުވެރި ވަމެވެ. މަންމަގެ ނަން މިއަދު އަހަރެން ރަން އަކުރުން ފަވާ މިލަނީ ތިޔައީ ހަމަ ހަޤީޤަތުގައި ވެސް އަހަރެންގެ ރާނީއަށް ވީތީއެވެ.

ލޯބި މަންމާއޭ އެދެނީ އުފަލުގާ،

ލެއްވެވުން އެންމެ މަތިވެރި ރަޙްމަތުގާ…

-ނިމުނީ-

Comments (2)

  1. shimmer

    this story is so beautiful…rovijje
    and thank you so much for writing this story
    i always wanted to do something special for my mamma
    but adhi e naseebu nulibigen mi ulheny
    i will surely show this to my mamma

    1. Aysherr
      shimmer

      Thank you for the lovely comment darling.!!😊🩷
      Aww that’s so sweet.. thankyou shimmer ah ves mi vaahaka kiyaalaafa comment eh kohllyma. Varah ufaa vehjje.! 🫶
      Insha’Allah adhi e naseebu ves libeyne konmes dhuvahakun.
      Tysm 💗

Comments are closed.