ހަޔާތް
އިންސާނުންނަކީ ކުއްކުރެވޭ ބަޔެކެވެ. އެކަމަށް މައާފް ދިނުމަކީ ކުރަންވާނެކަމެކެވެ. ބުރަހިތަކައިގެން ތިބާ އުޅޭނަމަ ދުވަހަކުވެސް ހަޔާތަށް ހަމަޖެހުމެއްނުލިބޭނެއެވެ. މައާފް ދިނުމަކީ ރިވެތި ސިފަޔެކެވެ. އެއީ ލަދުގަންނަންޖެހޭވަރުގެ ކަމެއްނޫނެވެ. ތިބާ ދަށް މީހަކަށްވަނީކީ ނޫނެވެ. ޝައިތާނާ މައާފްދިނުމަށް ހުރަސްއަޅާ ތިބާގެ ހިތުގައި ނަފްރަތް އުފެއްދިޔަނުދޭށެވެ.
ޒަވާޖީ ހަޔާތަކަށް އިންތިޒާރު ކުރާތާ އުމަރު އެތައް ދުވަހެއް ގުނަމުންދެއެވެ. އުމަރަކީ އާދައިގެ ނިކަމެއްޗެކެވެ. އާދާ ކުރަމުންދާ ވަޒީފާއިން ލިބެމުންދަނީ ކުޑަ އާމްދަނީއެކެވެ. އުމަރާ ކައިވެނިކުރަން އަންނަ ކޮންމެ މީހެއްގެ ޝަކުވާއަކީ އުމަރުގެ އާމްދަނީއެވެ. ނަމަވެސް އުމަރަށް އެވަރަށް ކިޔެވިފައި ނެތުމުން މޮޅު ވަޒީފާއެއް ނުލިބެއެވެ. ނަމަވެސް އުމަރު އަބަދުވެސް ﷲ އަށް ޝުކުރުވެރިވެއެވެ. ކައިވެންޏަކަށް ވާހަކަ ދައްކާލަން ލިބޭ ވަގުތުކޮޅަކީވެސް އުމަރަށް ލިބޭ ހިތްހަމަ ޖެހުމެކެވެ. މިހެން އުޅުމުގެތެރޭގައި އުމަރަށް އެންމެ ފަހަށް ކައިވެންޏެއް ކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ. ކައިވެނި ކުރެވުނީ އުމަރަށް ވުރެ އަތްމަތި ތަނަވަސް މީހަކާއެވެ. އޭނާގެ ބޮޑު ފިރިހެން ދަރިޔަކާ އަންހެން ދަރިޔަކުހުރެއެވެ. އުމަރު އެމީހާއާ ކައިވެނިކޮށްގެން އެގެޔަށް ބަދަލްވެ ދުވަސްތައް ގުނަމުންދިޔައެވެ. ކައިވެންޏަށް ތިންމަސްވީތަނުން މީހާގެ އަސްލު ސޫރަ ފެންނަންފެށިޔެވެ. އުމަރުގެ ބަސް އޭނާ ކުރިމަތީ ނުވިކެންފެށިޔެވެ. އަބަދު ކުރަނީ ޒުވާބެވެ. އޭނާގެ ފިރިހެން ދަރި މަސްތުވާތަކެތި ބޭނުކުރާކަން އެނގުނެވެ. އަދި އަންހެން ދަރި އުޅެނީ ހިތު ހުރި ގޮތަކަށް ހިލޭ ފިރިހެނުންނާއެކީގައެވެ. ބައެއް ފަހަރު ގެޔަށްވެސް ގެނެސްގެން އުމަރު ކުރިމަތީގައެވެ. ނަމަވެސް އުމަރު އޭނާގެ ގޮތުގައި ހިފަހަށްޓައި ބަހެއް ނުކިޔާ ސުލްހަޔަށް މަސައްކަތްކުރިޔެވެ. ފަހަށް ފަހަށް އައިސް އުމަރު ބަހައްޓާފައި ހުންނަ ފައިސާވެސް ގެއްލެންފެށިޔެވެ. އަދި އަނބިމީހާގެ ގަހަނާ ފަދަ ތަކެތިވެސް ގެއްލެމުންދިޔައެވެ. އަނބިމީހާ އުމަރުގެ ބޮލުގައި ވައްކަން އަޅުވާ އޭނާގެ ދަރިން ދިފާއުކުރެއެވެ. އެންމެ ފަހަށް އުމަރަށް އެ ތިން މީހުންވެގެން އަނިޔާކުރަންފެށިޔެވެ. ބިރު ދައްކާ މީހާ ނަފްސާނީގޮތުން ބަލިކޮށްލިޔެވެ. މިހާރު އުމަރަކީ ފިރިޔަކަށްވުރެ އެގޭ ނޯކަރެކޭ ބުންޏަސް ގޯހަކަށް ނުވާނެއެވެ. މިއަދު އުމަރު ބޮލުގައި އެތައް އިލްޒާމެއް އެ އަންހެންމީހާ ދަނީ އަޅުވަމުންނެވެ. އޭނާގެ އަންހެން ދަރިޔާ ބަދުއަޙުލާގީ ގުޅުން ހިންގާ ކަމުގެ އިލްޒާމުވެސް އެންމެ ފަހަށް އަޅުވާފިޔެވެ. މިހިސާބުން އުމަރަށް ކެތްނުވިޔެވެ. މާތް ﷲ އަށް ވަކީލްކޮށް އަނގަ ބަހުން އަންހެނުން ވަރިކުރުމަށްފަހު އެގެއިން ނުކުތެވެ. ނިކަމެތި ހާލުގައެވެ. ކިރިޔާ މީހާ ނިވާވެލާވަރު އަންނަނުނެއް ހިފައިގެންނެވެ. އުމަރު އަލުން އޭނާގެ ނިކަމެތި ދިރިއުޅުމަށް އަނބުރާ ދިޔައީ ލަދާ އެކުގައެވެ. މީހުން ކުރިމަތީ އޭނާގެ އަގުވަނީ ވެއްޓާލާފައެވެ. ހަމައެކަނި އޭނާގެ ވާހަކަތައް އަޑު އަހާ ގަބޫލްކޮށް ހަދާ ބަޔަކަށް ތިބީ އޭނާގެ މައިންބަފައިންނެވެ.
އަހަރުތަކެއް ފާއިތުވެއްޖެއެވެ. އުމަރު ކެތްތެރިކަމާއެކު މާތް ﷲ އަށް ވަކީލްކޮށްލައިގެން ހުއްޓާ ކައިވެންޏެއް ކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ. އުމަރު ފަދަ ނިކަމެއްޗަކާއެވެ. ބަލި ބައްޕަޔަކާ މަންމަޔަކު ގޮވައިގެން އުޅޭ ކުއްޖެކެވެ. އެކައިވެނި ކުރުމުގެ ކުރިން އުމަރާ ބައްދަލްކޮށް އެކުއްޖާގެ މައިންބަފައިން ދިނީ ހިތާމަވެރި ޙަބަރެކެވެ. އެކުއްޖާއަކީ ދަރިން ލިބޭ ކުއްޖެއްނޫންކަން ބުނެލުމުން އުމަރު އެއްވެސް ޖެހިލުމެއްނެތި އެކުއްޖާއާ ކައިވެނިކުރިޔެވެ. ދުވަސްތައް ވަރަށްވެސް އުފާވެރިޔެވެ. އުމަރު ދޭ ކޮންމެ އެއްޗަކަށް އެކުއްޖާ ޝުކުރުވެރިވެއެވެ. އުމަރުގެ ޙިދުމަތުގައި އަބަދުވެސް އިންތިޒާރުގައި އެކުއްޖާ ހުރެއެވެ. އުފާވެރި ދުވަސްތައް ކުރިޔަށްދަނިކޮށް އެކުއްޖާގެ މައިންބަފައިން ނިޔާވެއްޖެއެވެ. އަނބިމީހާއަށް އެތައް ގުނައެއް އުމަރު ހެޔޮކޮށް ހިތަންފެށިޔެވެ. އެކުއްޖާގެ ހިތާމަތައް ފިލުވާދީ ހިތްވަރުދީ ހަމަޔަށް އަޅުވާހެދިޔެއެވެ. މިހެން އުޅުމުގެތެރޭގައި މާތް ﷲ ގެ ވާގިފުޅާއެކު އުމަރުގެ އަންހެނުން ބަލިވެއިންކަމުގެ ޙަބަރު ލިބުނެއެވެ. ފުރުތަމަވެސް ދެމަފިރިން މާތް ﷲ އަށް ޝުކުރުއަދާކުރުމުގެ ގޮތުން ސަޖިދަކުރިޔެވެ. އެއަށްފަހު ދެން ފެނިގެން ދިޔައީ ރިޒްގް އޮއްސެންފެށިތަނެވެ. ހީވެސް ނުކުރާ މީހުންގެ ފަރާތުން އުމަރުގެ ދެމަފިރިންނަށް އެތައް އެހީއެއްލިބެންފެށިޔެވެ. އުމަރުގެ ފުރުތަމަ ދަރި ވިހެއުމުން އެކަމުގެ އުފަލުގައި ނިކަމެތިންނަށް ސަދަގާތްކުރިޔެވެ. މިހެން ސަދަގާތްކުރަން ނުކުމެ އުޅެނިކޮށް އުމަރުއަށް މަގުމަތީ އިށީންދެ އިން ނިކަމެތި އަންހެނަކު ފެނުނެވެ. އެމީހާ ގާތަށް ގޮސް ޕާރުސަލް ދިއްކޮލުމުން އެ އަންހެން މީހާ އިސް އުފުލާލިޔެވެ. އެއީ އުމަރުގެ ކުރީގެ އަނބިމީހާއެވެ. އުމަރު އޭނާގެ ހާލު އަހުވާލު އަހާލުމަށްފަހު އޭނާ އެ ހާލު ޖެހުނީ ކީއްވެތޯ ސުވާލުކުރިޔެވެ. އެހިސާބުން އެ އަންހެންމީހާ އުމަރަށް ކިޔާދިނީ އޭނާގެ ދެ ދަރިން އޭނާ ބޮޑު ބައްޔެއްވީ ދުވަހު ނިކަމެތިކޮށްހިތާ އޭނާ ލައްވާ ނޯކިރާނީކޮށް އެވަރުން ނުފުދިގެން އޭނާގެ ހުރިހާ އެއްޗެއް ވެރިކޮށް އޭނާ މީހުން ކުރިމަތީ ބަދުނާމުކޮށް ގެއިން ބޭރުކޮށްލި ވާހަކައެވެ. މިހިސާބުން އުމަރު އޭނާއަށް ތައުބާވުމަށް ނަސޭހަތްތެރިވިޔެވެ. އަދި އޭނާ އުމަރާ ދެތެރޭ ކުރި ކަންތަކަށް މައާފްދިންކަމަށް ބުނެލިޔެވެ. ވަގުތު އަދިވެސް އޮތްކަން ހަނދާންކޮށްދިނެވެ.
- – ނިމުނީ –
2 Comments!
Comments are closed.



Trailer v reethi masha allah
Curiously waiting for next part
Keep it up
Bro you good? There’s no pooping trailer it’s a story😐