ތަޤުދީރު
އަހަރެންނަށް ފެނުނީ އެމީހާ އަހަރެންނާއި ދިމާއަށް ހިނގަމުން އަންނަ ތަނެވެ.އެންބިއުލާންސްގެ ސައިރެންގެ އަޑު އަހަރެންނަށް އިވުނީ ވަރަށް ފަނޑުކޮނެވެ.އޭރު އަހަރެން ވަށައިގެން މީހުންތައް އެއްވަމުން ދިޔަ މަންޒަރު ވަރަށް ފުސްކޮން ފެނުނެވެ.
ހޭވެރިކަމެއް ވީ އިރު އަހަރެންނަށް އޮއެވުނީ ހޮސްޕިޓަލުގެ އެނދުމަތީގައެވެ.މުޅި ގައިގެ އެތައް މިތަނުގައި ބެންޑޭޖް އޮޅާފައިވީއިރު ގުޅާފައި ހުރި މެޝިންތަކުގެ އަޑު މުޅި ކޮޓަރި ތެރޭގައި ހިފާލާފައި ހުއްޓެވެ. އެނދުގެ އެއްފަޅީގައި އަހަރެންގެ މަންމަ އިން އިރު މަންމަގެ ދެލޯ ހުރީ ދުޅަވެފައެވެ.
އެނދުގެ އަނެއްފަޅީގައި ހުރީ އަހަރެންގެ ފުރާނަފަދައިން ލޯބިވީ އަނބިމީހާ މައިރާއެވެ.އޭނާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔައިރު ތަންކޮޅެއް ދުރުގައި ހުރި ދޮންބެ ކައިރީ ޑޮކްޓަރު ބުނި ވާހަކައަކުން އަހަރެންގެ މުޅި ދުނިޔެ އެނބުރުނު ކަހަލަ އިޙްސާސް އެއް ކުރެވުނު އިރު އެ އަޑު އިވުމުގެ ކުރިން އަހަރެންގެ ކަންފަތް ބައްވީ ނަމަވެސް ރަނގަޅޭ އަހަރެންގެ ހިތަށް އެރިއެވެ.
**********
އޮފީހުގެ ޑިއުޓީ ނިންމާލުމަށް ފަހު އަހަރެން ގެއަށް އައީ މިރެއަކީ ޚާއްސަ ރެއަކަށް ވާތީ ކުޑަކޮށް ތައްޔާރު ވެލުމުގެ ނިޔަތުގައެވެ.އޭރު ގަޑިން ހަވީރު ހަަތަރެއް ޖަހައި ބޮޑުވެއްޖެއެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް މާ އަވަހަށް ގެއަށް އައުމުން މައިރާ އަހަރެންނާއި ސުވާލު ކުރީ ހައިރާންވެ ހުރެއެވެ.އެހެންޏާ އަހަރެން ގެއަށް އަންނަނީ އޮފީސް ނިންމާ ރައްޓެހި ކުދިންނާއި އެކީ ނަމަވެސް ކޮފީ އަށް ގޮސްލާފައެވެ. މައިރާ ކައިރީގައި މިއަދު ކުޑަކޮށް ބޮލުގަ ރިއްސަނީ އައި ކަމަށް ބުނެ އަހަރެން ގޮސް ވަނީ ކޮޓަރިއަށެވެ.ހަޤީގަތުގައި ވެސް އޭރު އަހަރެންގެ ބޮލުގައި މަޑު ރިހުމެއް ހުއްޓެވެ.
ނިދިފައި އޮތް އަހަރެންނަށް ހޭލެވުނީ މައިރާ އައިސް ކާންދާން ގޮވުމުންނެވެ.އަހަރެން މިރޭ ކާހިތް ނުވާ ކަމަށް ބުނެ ފެންވަރައިގެން ނުކުމެ ނަމާދު ކޮށްލުމަށް ފަހު ބަދިގެއަށް ވަދެލީ ފެންބޯންށެވެ.އޭރު ކާމޭޒު މަތީގައި އަތުރާފައި ހުރި ކާއެއްޗެހީގެ ވަހުން މުޅި ގޭތެރެ ވަނީ އެއްވަސް ކުރުވާފައެވެ.
އެހާ ބައިވަރު އެއްޗެހި ކެއްކުމަށް ފަހު ކާން އަންނަން ގޮވީމަ ވެސް އަހަރެން މިދިނީ ކޮން ފަދަ ޖަވާބެއް ހެއްޔެވެ؟ އަހަރެންނަށް މިރޭ ހާއްސަވާ އުޞޫލުން އޭނާ އަށް ވެސް މިރޭއަކީ ހާއްސަ ރެއަކަށް ވާނެ ނޫން ހެއްޔެވެ؟ އަހަރެންނާއި މައިރާގެ ކައިވެންޏަށް އެއް އަހަރު ފުރޭ ކަން ޚުދު މައިރާއަށް ވެސް އިނގޭނެ ނޫން ހެއްޔެވެ. މިރެއަށްޓަކައި ފޮނި ހުވަފެން ތަކެއް އޭނާވެސް ދެކޭނެ ކަން ގައިމެވެ.
އަހަރެން ގޮސް ސިންކު ކައިރީ ތަށި ދޮންނަން ހުރި މައިރާ ގައިގައި ބައްދާލީމެވެ.އަދި މިއައީ ކާން ކަމުގައި ބުނީމެވެ. އެވަގުތު އޭނާގެ މޫނުމަތީގައިވި ހިނިތުންފެނި އަހަރެންގެ ހިތް ވެސް އުފަލުން ނަށާލިއެވެ. މައިރާއަށް ލިބޭ ކޮންމެ އުފަލަކީ އަހަރެންގެ ވެސް އުފަލެވެ.އޭނާއަށް ލިބޭ ކޮންމެ ހިތާމަ އަކީ އަހަރެންނަށް ވެސް ލިބޭ ހިތާމައެކެވެ.
އޭރު އަހަރެންގެ މަންމައާއި ދޮންބެވެސް ކާމޭޒު ކައިރީގައި އައިސް އިށީނދެއްޖެއެވެ. ކައިވެންޏަށް ފަހު ވެސް އަހަރެން ދިރިއުޅެމުން އައީ މަންމަމެންނާއި އެއް ފުރާޅެއްގެ ދަށުގައެވެ. އަހަރެންނަށް އެންމެ ދެއަހަރުގައި ބައްޕަ ނިޔާވުމަށް ފަހު އަހަރެމެން ދެމީހުންނަށް ރަނގަޅު ތަރުބިއްޔަތެއް ދީ ހަރުދަނާ ރަނގަޅު ބަޔަކަށް ހަދާދިނީ އެމަންމަ އެކަނިމާ އެކަނިން ކުރި ބުރަ މަސައްކަތުންނެވެ. ވީއިރު އަހަރެމެންގެ އަތްފައިގައި ބާރު ޖެހުނު ދުވަހު މަންމަ ދޫކޮށް ވަކިން އުޅެން ދާނެހާ ހިތްވަރެއް ހަމަގައިމުވެސް އަހަރެންގެ ކިބަޔަކު ނެތެވެ.
އާއިލާގެ އެންމެންނާއި އެކު އެއްސުފުރާ މަތިން ކައިގެން އަހަރެން ދިޔައީ ބޭރަށެވެ. މިރެއަށް އަހަރެން އޯޑަރު ކުރި ކޭކާއި މާބޮޑި ބަލައެވެ. މާލޭގެ ސޯސަން މަގު އެ ގަޑީގައިވެސް އޮތީ ފުރި ބާރުވެފައެވެ.
މާލޭގައި އުޅެން އަހަރެން އެންމެ ފޫހިވާ ސަބަބަކީވެސް މިއީއެވެ. ނަމަވެސް އަހަރެންނަށް ދިރިއުޅެން މިނޫންތަނެއް ނެތެވެ. މަންމައާއި ބައްޕައަކީ ވެސް މާލޭ ދެމީހުންނެވެ. ބައްޕަ ދުނިޔޭގައި ހުރި އިރު ބައްޕަގެ މައިން ބަފައިންގެ ގޯތި ބަހައި ލިބުނު ބައި ބައްޕަވަނީ އަހަރެމެންނަށް އުޅެވޭނެ ވަރަށް ހަދާދީފައެވެ.
މާބޮނޑި ހިފައިގެން ދަ ބޭކާސް ބޭކަރީ އޮތް ގޯޅިއަށް އަހަރެން އަޅާއިލީ ފޮނި ޚިޔާލުތަކެއްގައި އިނދެއެވެ. ކުއްލިއަކަށް ކުރިމަތިން އައި ބާރު އުޅަނދެއް ކޮންޓްރޯލު ނުވެ އަހަރެންގެ ސައިކަލުގައި އައިސް ޖެހުމާއިއެކު އަހަރެން ވިއްސާއިގެން ގޮސް އެތާ ހުރި ފާރެއްގައި ބޯ ޖެހުނު ކަން އިނގެއެވެ. އަތުގައި އޮތް މާބޮނޑި މާ ދުރަށް ވިއްސައިގެން ދިޔައިރު މުޅި އެ ހިސާބު ގަނޑުގައި ލޭގެ ކޯރެއް ދެމިގެން ދިޔަތަން ފެނުނެވެ.އޭރު އަހަރެން ވަށައިގެން މީހުންތައް އެއްވާން ފަށައިފިއެވެ.
***********
ސިއްސައިގެން ގޮސް ޚިޔާލުތަކުން ނުކުމެވުނީ މައިރާއައިސް އަހަރެންގެ ގައިގައި ބައްދާލަފައި ރޮއެގެން އަޑަށެވެ. އޭރު އަހަރެންގެ ކައިރީގައި އިން މަންމަވެސް އަޑުން އަޑު ނަގާ ރޮމުން ދިޔައިރު ދުރުގައި ހުރި ދޮންބެގެ ލޯ ފެންކަޅިވެފައިވާ މަންޒަރު އަހަރެންނަށް ފެނުނެވެ.
ކިތަންމެ ދެރަވީ ނަމަވެސް މިއަދު ކުރެވޭނެ ކަމެއް ނެތެވެ.މިލާފައިވާ މޫނުތައް ފެނި އެ އެންމެންގެ ތަސައްލީއަށް ޓަކައި ކޮންމެ މީހެއް ގައިގައި ބައްދާލަން އަހަރެން ބޭނުންވިއެވެ. އެކަމަކު މިއަދު އަހަރެން މިވަނީ އެކަމަށް ނުކުޅެދިފައެވެ. ލޮލުން ކުރެވޭ އިޝާރާތެއް ފިޔަވައި އިތުރު ހަރަކާތެއް ގެންނާނެހައި ބާރެއް އަހަރެންގެ ހަށިގަނޑުގައި މިވަގުތަކު ނެތެވެ.
އަހަރެންގެ އުނަގަނޑުން ތިރި އެއްކޮން ވާގި ނެތިފައިވާ އިރު އަހަރެންނަށް ދެން ދުވަހަކުވެސް ހިނގާ ބިނގާވެ އުޅެވޭނޭ ކަމުގެ އެއްވެސް އުއްމީދެއް ޑޮކްޓަރު ނުދިނެވެ.
މިކަމުގައި ދެން ކުރެވޭނެ ކަމެއް އެބަ އޮތް ހެއްޔެވެ؟ މިއީ ތަޤުދީރެވެ. ތަޤުދީރުގައިވާ އެއްވެސް ކަމެއް ބަދަލު ކުރުމުގެ ޙައްޤެއް އަހަރެމެން އިންސާނުންނަކަށް ލިބިގެނެއް ނުވެއެވެ.ވީއިރު އަހަރެމެންނަށް އޮތީ ތަޤުދީރާއި މެދު ރުހިގެން ހެޔޮގޮތުގައި ދިރިއުޅުމެވެ.
– ނިމުނީ –
ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ ދަރުމައާއި ޘަވާބު އަޅުގަނޑުމެން އެންމެންނަށް ވެސް މިންވަރު ކުރައްވާށި. ހުރިހާ ކިޔުންތެރިންނަށް ވެސް އަޅުގަނޑުގެ ފަރާތުން رمضان مبارك…
2 Comments!
Comments are closed.



Aysherr i have read the same story in my dhivehi exam and i don’t know how this got published…
but try to make your own verses taking ideas from others stories…
but its nice…
keep it up dear ❤️
lyssm 💋
Thank you Fai_herrr 😊🤍
Aslu tha. Miee aysherr dhivehi exam eh ga liyunu story eh.. maybe you’ve read another story with a similar plot as this story!! This whole story is my own idea! 😄
Once again thankyou for the lovely comment darling!!
Love you moreee!! 💗