އުމްރާނީ ތަރައްޤީއަށްޓަކައި ރާއްޖޭގެ ރަށްތަކުގެ ބިން ހިއްކުމުން ލިބޭ ފައިދާ
އަދުގެ ސަރުކާރުން މިއަދު އެންމެ ބޮޑު އިސްކަމެއް ދީގެން ރާއްޖޭގެ ރަށްތަކުގެ ބިން ހިއްކުމަކީ އުމްރާނީ ތަރައްޤީއަށްޓަކައި ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއެވެ. މިގޮތުން މާލެ ސަރަހައްދާއި އަތޮޅުތަކުގެ އެކި ރަށްތަކުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަނީ ހަލުވިކަމާއެކު ކުރެވުމުންނެވެ. މިފަދަ ގޮތަކަށް ރަށްތައް ބާރު ދުވެއްޔެއްގައި ތަރައްޤީ ކުރެވެމުން ދިޔަ ނަމަވެސް ބިން ހިއްކުމަކީ އާއްމު ރައްޔިތުންގެ ޚިޔާލު ތަފާތުވުން ކުރިމަތިވެފައިވާ ކަމެކެވެ. ކަން މިހެން އޮތް ނަމަވެސް ބިން ހިއްކުމަކީ ގުނާ އަދަދު ނުކުރެވޭ ފަދަ ގިނަ މައްސަލަތަކެއްގެ ޙައްލު ލިބިގެންދާ ކަމެކެވެ. އެހެންކަމުން ރާއްޖޭގެ ރަށްތަކުގެ ބިން ހިއްކުމުން ގިނަ މަންފާތަކެއް ކުރާ ކަމާމެދު ޝައްކެއްނެތެވެ.
ރާއްޖޭގެ ގިނަ ރަށްތަކަށް މިއަދު ދިމާވެފައިވާ އެންމެ ހަސާސް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. މިއަދު ރަށްތަކުގެ ގިނަ ބިންތައް ވަނީ ފުރިފައެވެ. އެހެންނަމަވެސް ބިން ހިއްކުމާއެކު ރައްޔިތުންގެ މި މައްސަލައަށް އަންނަނީ ހައްލު ލިބެމުންނެވެ. އެގޮތުން ރޯހައުސްތަކާއި، ފްލެޓްތަކާއި، ގެވަޅުތައް އަންނަނީ ރައްޔިތުންނަށް ކުއްޔަށް ދޫކުރެވެމުންނެވެ. މީގެ ސަބަބުން ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާ އާއިލާތަކަށް ދިރިއުޅޭނެ ގެދޮރު ލިބިގެން އާދެއެވެ. ނަތީޖާއަކަށް ވެގެން އަންނަނީ އާއިލާތަކުގެ ތެރޭގައި އުފެދޭ އިޖްތިމާޢީ މައްސަލަތައް ހައްލުވެގެން އައުމެވެ. އުފާވެރިކަމާއެކު އާއިލާތަކަށް އުޅެވޭނެ މަގުތައް ފަހިވެގެން ދިޔުމެވެ. އެހެންކަމުން ރާއްޖޭގެ ރަށްތަކުގެ ބިން ހިއްކުމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވުމަށް ލިބިގެންދާ ފުރުސަތެކެވެ.
ދިވެހި ޤައުމުގެ ޒުވާނުންގެ ކިބައިގައި ކުޅިވަރު ކުޅުމުގެ ހުނަރު އެބަހުއްޓެވެ. ވީއިރު، ރާއްޖޭގެ ރަށްތަކުގެ ބިން ހިއްކުމުން ޒުވާނުންނަށް ކުޅިވަރު ކުޅޭނެ އިންތިޒާމްތައް ހަމަޖެހިގެން އާދެއެވެ. އެގޮތުން ހިއްކޭ ބިމުގައި ޒުވާނުންގެ މަރުކަޒުތައް ތަރައްޤީ ކުރެވިގެން އާދެއެވެ. ހަމަ މިގޮތުން ޒުވާނުންނަށް ހާއްސަކޮށް އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެހެއެވެ. އެގޮތުން ކެރަމް، ބެޑްމިންޓަން އަދި އެހެނިހެން ކުޅިވަރުތައް ކުޅޭނެ ފުރުސަތުތައް ވެސް ފަހިވެގެން އާދެއެވެ. މީގެ އިތުރުން ބިން ހިއްކުމުން ފެންވަރު ރަނގަޅު ފުޓުބޯޅަ ސްޓޭޑިއަމްތައް ތަރައްޤީކުރެވެއެވެ. ނަތީޖާއަކަށް ވެގެން ދަނީ ފުޓުބޯޅަ ކުޅުމަށް ކެތްމަދުވެފައި ތިބި އެތައް ޒުވާނުންނަކަށް މި ފުރުސަތު ފަހިވެގެން އައުމެވެ. ހަމަ މިއާއެކު ރަނގަޅު ފެންވަރުގެ ސްޓޭޑިއަމްތައް އުފެއްދުމުގެ ސަބަބުން ބައިނަލްއަޤްވާމީ މުބާރާތްތައް ކުޅުމުގެ ފުރުސަތުތައް ހުޅުވެއެވެ. ނަތީޖާއަކަށް ވެގެން އަންނަނީ ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭފަދަ ޒުވާނުން އުފެދިގެން އައުމެވެ. ވީމާ، މި ސަބަބާ ހުރެ ބިން ހިއްކުމުން ލިބެނީ ފައިދާ ކަމާމެދު ދެބަސްވެވޭކައް ނެތެވެ.
ތަޢުލީމީ ފުރުސަތުތަކަކީ އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް ލިބެންޖެހޭ އަސާސީ ޚިދުމަތެކެވެ. ވީއިރު ރާއްޖޭގެ ރަށްތަކުގެ ބިން ހިއްކުމުގެ ސަބަބުން ފެންވަރު ރަނގަޅު ސްކޫލްތައް އިމާރާތްކުރާނެ ބިން ލިބެއެވެ. މިގޮތަށް އިމާރާތް ކުރެވޭ ސްކޫލްތަކުގައި ބިމުގެ ދަތިކަމަކާއި ނުލާ ތަފާތު ޚިދުމަތްތައް ފޯރުކޮށްދެވޭނެ މަގު ތަނަވަސްވެއެވެ. އެގޮތުން ކުދިން ކުޅިވަރު ކުޅޭނެ ޕްލޭގްރައުންޑްތައް ހެދެއެވެ. ސައިންސްގެ އެކްސްޕެރިމެންޓްތައް ހަދާލުމަށް ތަފާތު ލެބްތައް އިމާރާތް ކުރެވެއެވެ. މީގެތެރޭގައި ސައިންސް ލެބްތަކާއި ކެމް ލެބް ހިމެނެއެވެ. މިގޮތަށް ލެބްތަކުގައި އެކްސްޕެރިމެންޓް ވަގުތުން ހަދާލެވޭނެ މަގު ފަހިވެފައި ހުރުމުން ދަރިވަރުން ރަނގަޅު ނަތީޖާއެއް ހޯދުމަށް މަގު ފަހިވެގެން ދެއެވެ. މީގެ އިތުރުން ފެންވަރު ރަނގަޅު ސްކޫލްއެއް ބިނާ ކުރެވުމުގެ ސަބަބުން ތަފާތު އިތުރު ހަރަކާތްތައް ހިންގާނެ ބިން ލިބެއެވެ. މިގޮތުން ކެޑޭޓް، ސްކައުޓް، ގާރލް ގައިޑް ހިމެނެއެވެ. ނަތީޖާއަކަށް ވެގެން އަންނަނީ އިތުރު ހަރަކާތްތަކުން ހޯދޭ ވަނަތައް އިތުރުވެ ދަރިވަރުންގެ ހުނަރުތައް ތަރައްޤީވެގެން އައުމެވެ. އެހެންކަމުން ރާއްޖޭގެ ރަށްތަކުގެ ބިން ހިއްކުމަކީ ތަޢުލީމީ ގޮތުން އަރުތަވެރި ކާމިޔާބީއެއް ހޯދުމަށް ލިބޭ ފުރުސަތެކެވެ.
ވިޔަފާރީ ކުރުމަކީ ކުރީގައި ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް ރާއްޖޭގެ ރަށްތަކުގެ ބިން ހިއްކުމުން ވިޔަފާރީގެ މަރުކަޒުތައް ހަދާނެ ބިން ލިބެއެވެ. ބިމެއް ހިއްކުމުގެ ސަބަބުން ވިޔަފާރި ކުރުމަށް އެތައް ބިންތަކެއް ކުއްޔަށް ދޫކުރެވިގެން އާދެއެވެ. މިގޮތަށް ދޫކުރެވޭ ބިންތަކުގައި ބޮޑެތި ވިޔަފާރީގެ މަރުކަޒުތައް ފަށައިގަނެވެއެވެ. ނަތީޖާއަކަށް ވެގެން އަންނަނީ ގިނަ މުދާތަކެއް އެއް ތަނަކުން ލިބެން ހުރުމެވެ. ފަސޭހަކަމާއެކު ދުރަށް ނުގޮސް މުދާތައް ލިބުމުގެ ސަބަބުން ވިޔަފާރީ ކުރިއަރުވާ ތަރައްޤީކުރެވިގެން އާދެއެވެ. ހަމަމިއާއެކު މިފަދަ ބޮޑެތި ވިޔަފާރީތައް ފަށާ ކުރިއަރަމުންދާ ނަމަ ޓެކްސްގެ ގޮތުގައި ނެގޭ ފައިސާއިން ސަރުކާރަށް ވެސް ބޮޑު އާމްދަނީއެއް ލިބިގެން އާދެއެވެ. އަދި މި ފައިސާ ގައުމުގެ ތަރައްގީގެ އެހެން މަޝްރޫޢުތަކަށް ބޭނުން ކުރެވެއެވެ. އެހެންކަމުން ބިން ހިއްކުމާއެކު ވިޔަފާރީތައް ކުރި އަރައިގެން ދިއުމާމެދު ދެކޮޅު ހެދޭކަށް ނެތެވެ.
ޒަމާން ފާއިތުވަމުން ދާވަރަކަށް ރާއްޖެއަށް ވެސް އަންނަނީ ތަފާތު ބަދަލުތައް އަންނަމުންނެވެ. އެގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަމާއި، ޒުވާނުންނަށް ކުޅިވަރުގެ މަރުކަޒުތަކާއި، ފެންވަރު ރަނގަޅު ސްކޫލްތަކާއި، ވިޔަފާރީގެ މަރުކަޒުތައް ފަހިވެގެންދާ ގޮތަށް ތަރައްޤީ ކުރުމަކީ މިހާރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ މަޝްރޫޢެވެ. އެހެންކަމުން މިކަންކަން ޙާޞިލުކުރުމަށްޓަކައި ރާއްޖޭގެ ރަށްތަކުގެ ބިން ހިއްކުމުން ލިބެނީ ފައިދާ ކަމާއިއެކު ސުވާލު ކުރެވޭކަށް ނެތެވެ.
2 Comments!
Comments are closed.

Emmen ves visnan jehey muhimmu kameh vrh rangalhu vaahakaeh 👍👍👍
☺️💗