ދުނިޔެއީ ދައުރުވާ އެއްޗެއްމެ..4
ނީލަމް އެނބުރި ފަހަތް ބަލައިލީ ކާކުކަން ހޯދުމުގެ ޝައުޤުޤައެވެ.
“ރާކިން. ބަލާ އަންނާކަށް ނުބުނަމޭނު” ނީލަމް ކުޑަކޮށް ޙައިރާންވެފައި ބުންޏެވެ.
“މި މަގުން ދަމުން ނީލަމް ފެނިގެންމި މަޑުކޮށްލީ. ދެމީހުންވެސް އެއްތަނަކަށް ދާއިރު ފަސޭހަވާނު. ދެން އަރާބަލަ އަވަހަށް” ރާކިން އެހެން ބުނުމުން އިރުކޮޅަކު ހިމޭނުން ހުރެފައި ނީލަމް ސައިކަލުގެ ފަހަތަށްއަރާ ހަމަޖެހިލިއެވެ. ރާކިން ސައިކަލު ދުއްވާލީ ގޯމޭއަށް ދިއުމަށެވެ.
ގޯމޭގެ ހިތްގައިމު މަންޒިލެވެ. ހުކުރުދުވަސް ވީމަވެސް ކަންނޭނގެއެވެ. ފުދޭވަރަކަށް މީހުން ތިއްބެވެ. ރާކިން އާއި ނީލަމް މޭޒެއްގެ ދޮށުގައި އިށީނދެ ހަމަޖެހިލިއެވެ. ވޭޓަރ މެނިއު ގެނެސްދިނުމުން ދެމީހުންވެސް ތިބީ އެއަށް ބަލާށެވެ.
“އެންމެ އަގުބޮޑު އެއްޗަކަށްތަ އޯޑަރ ދޭންވީ؟” ރާކިން މަޖާގޮތަކަށް ހީލިއެވެ.
“މައްސަލައެއް ނެތް ހަމަ. ބޭނުން އެއްޗަކަށް އޯޑަރުދީ” ނީލަމްވެސް ހަމަ އެރާގުގައި ޖަވާބުދިނެވެ. ދެމީހުންވެސް އޯޑަރު ދިނުމަށްފަހުގައި ހަމަހިމޭނުން ތިބީއެވެ.
“ދެން ހަމަ ވާހަކައެއްވެސް ނުދައްކާ މިހެން ތިބެނީތަ” ދެމެދުގައިއޮތް ހިމޭންކަން ނަގައިލީ ރާކިންގެ އެ ޖުމުލައެވެ.
“ކޮން ވާހަކައެއްތަ ދައްކަންވީ؟” ނީލަމް ސުވާލުކޮށްލިއެވެ.
“ކިޔާދީބަލަ ނީލަމްގެ ވާހަކަ..އެނގެން ބޭނުމޭ ނީލަމްގެ ހުރިހާ ކަމެއް” ރާކިންގެ ވާހަކަ ވަރަށް ސީދަލެވެ. އިތުރު ބޭކާރު ވާހަކައަކާ ނުލައި ބުންޏެވެ.
“އަހަރެން މިއީ ވަރަށް އާދައިގެ އާއިލާއެއްގެ ތިންވަނަ ކުއްޖާ. ލައިފްގަ މާބޮޑު ކަމެއްނުވޭ، ކިޔެވުމާ ޖޮބްއަށް ދިއުމާ އޮންނަނީ، ދެން މަންމައާ ވަކިން މިގޮތަށް ކުދިން ބަހައްޓާ ގެއެއްގަ ހުންނަން ޖެހުނީމަ ހުރޭ އުނދަގޫތަކެއް. އެކަމުވެސް އޯކޭ” ނީލަމް ކުރުގޮތަކަށް ކިޔާލަދިނެވެ.
“އަސްލު ނުވާނެ އޯކޭއެއް. ނީލަމް ވަރަށް ހިތްވަރުގަދަ” ރާކިން ނީލަމްގެ ދެލޮލަށް ނަޒަރު ހުއްޓާލިއެވެ. ފޮރުވިފައިވާ ސިއްރެއް ހޯދަންއުޅޭ ފަދައަކުންނެވެ.
ނީލަމްގެ ބަސް ހުއްޓުނީ ރާކިންގެ އެ ޢަމަލުންނެވެ. އެވަގުތު ވޭޓަރ އައިސް މޭޒުގައި ކާތަކެތި އަތުރާލިއެވެ. އެހެންކަމުން ދެމީހުންވެސް މަޑުމަޑުން ކާންފެށިއެވެ.
“ސަޕްރައިޒިން. އަލަށް މިފެނުނީ އަންހެން ކުއްޖަކު ސްނެޕެއް ނުކޮށް ކާންފެށިތަން” ރާކިންގެ އަޑު އިވުމުން ނީލަމް އިސްއުފުލާލިއެވެ.
“އެހެން އަންހެން ކުދިންނާ އަހަންނާ ވަރަށް ތަފާތުވާނެ” ނީލަމްގެ އަޑުގައި ވަނީ ޔަޤީންކަމެވެ.
“ތިކަން އެނގޭ. އެހެން ކުދިންހެން މޫނަކު ނެތް ފައުންޑޭޝަނެއް މޭކަޕެއް. ހެދުން އެޅުންވެސް ވަރަށް ތަފާތު ގަޔަށް ދޫކޮށް ދިގުކޮށް. އަހަންނަށް އެންމެ ފުރަތަމަވެސް އެކަންކަމާ ގަޔާވެވުން..” ރާކިން ވާހަކަދެއްކީ ހިޔާލީ ގޮތަކަށެވެ.
އަލަށް ޒުވާނަކު ނީލަމްގެ އެ ތަފާތުތަކަށް ތަޢުރީފުކުރުމުން ހިތުގެ ހިމަ ނާރަށްވެސް ހިލަމެއް ވެލައިފިއެވެ.
“ތޭންކްސް” ނީލަމްއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ.
“އަހަންނަކީ މަންމައާ ބައްޕަގެ ހުރި ހަމައެކަނި ދަރި. މަންމަމެން އުޅެނީ ރަށުގަ. އަހަރެން މިހާރު ކިޔަވާނިމިގެން މިއުޅެނީ މިކޮޅު ޖޮބްއެއްގަ. އާންޓެއް ގާތުގަ މިވަގުތު މި އުޅެނީ. އެއީވެސް ކުދިން ބަހައްޓާ ގެއެއް.” ރާކިން އަމިއްލަ މީހާއާ ބެހޭގޮތުން ކިޔާދޭން ފެށިއެވެ.
“ކުއްޖަކާ ރައްޓެހިވެ މެރީ ކުރަން ހުރިހާ ކަމެއް ނިންމިފަހުން ފަޅާ އެރީ ޗީޓު ކުރާކަން. އެހެންވެ އެކަމުން އަރާގަންނަން މި މަސައްކަތްކުރަނީ. މިހާރު 3 ވަރަކަށް މަސް ވެދާނެ އެކަން އެނގުން ފަހުންވެސް. ނީލަމް ނުވިސްނަންތަ މީހަކާ އިންނާކަށް؟” ވާހަކާގެ ތެރެއިން ރާކިން ކޮށްލީ އެސުވާލެވެ.
“އާން..އަދި އަލަށްވެސް އެކަހަލަ ހިޔާލެއްވެސް ނުކުރަން” ނީލަމް މަޑުމަޑުން ބުންޏެވެ.
“އަސްލުވެސް ނީލަމް ހަމަ ތަފާތީއޭ” ރާކިންއަށް ބުނެވުނެވެ.
އެގޮތަށް އެކަކު އަނެކަކާ ބެހޭގޮތުން ތަފާތު ވާހަކަތައް ހިއްސާކުރެވި، އެރޭ ވެގެންދިޔައީ ދެމީހުންނަށްވެސް ވަރަށް ޚާއްސަ ރެއަކަށެވެ. ކައި ނިމިގެންވެސް އެތައް އިރަކު ވާހަކަދައްކަން ތިއްބެވެ. ދިހައެއް ޖެހުމުން ނީލަމް އެދިގެން ގެއަށް ދިއުމަށްޓަކައި ނުކުތެވެ.
“ކިހިނެއް ތިދަނީ.. ގެ ހުރީ އެކޮޅުގައޭ” ނީލަމްއަށް ރާކިން ދުއްވާ މަގުތައް ފެނުމުން އަހާލިއެވެ.
“ވީހާވެސް ދުރުން ދާންވެގެން” ރާކިން ތެދަށް ބުންޏެވެ.
ނީލަމްގެ ގެ ކައިރިން ލާފައިވެސް ރާކިން ނުހުއްޓާ ދެބުރު ޖަހައިފިއެވެ. ނީލަމް އިނީ އެކަން މަޖާކަމަކަށް ވެފައެވެ. އެންމެފަހުން ރާކިން އައިސް ގޭދޮށަށް ސައިކަލު ހުއްޓާލިއެވެ.
“ވާނެ ދިމާވާން އަދިވެސް. މިދެން ފްރެންޑް ވެވުނީނު” ނީލަމް ފޭބުމުން ރާކިން ވާހަކަދެއްކިއެވެ.
“އާން މައްސަލައެއް ނެތް” ނީލަމް ތިން ލަފުޒުން ނިންމާލިއެވެ.
ތިން ލަފުޒަކުން ނީލަމްގެ ހިތް ކުދިވާނެކަން އެނގިހުރެއެއް ނޫނެވެ.
6 Comments!
Comments are closed.



Mi part ves reethi apart from the “I’m not like other girls” which got me
Ahah thank you so much❤️
Raakin really wants to be picked huh
Yes yes
MI PART VES V REETHI MASHA ALLAH
CURIOUSLY WAITING FOR NEXT PART
KEEP IT UP
RAAKIN KHINEHBAA DHEN HADHAANI
YOUR MY FAV AUTHOR
I APPRECIATE YOUR HARD WORK
Alheyyy that means world to me❤️🥹🥹
Rakin hadhaa gotheh balamaa dhw. In sha Allah next part coming soon