ރަން ފަޒާގެ އަލި ދޯދިތަކުން އައު ދުވަހަކަށް އިރު އަރަނީއެވެ. އެތައް ވަޢުދުތަކަކާއި އަޙުދަކަށް ނިމުން ގެނުވަމުންނެވެ. ހަމައެހެންމެ އައު ހުވާތަކަކަށް ވަޤުތު ތަންދެމުންނެވެ. ދަޢުރުވަމުންދާ މި ޙަޔާތަކީ، އިންސާނުންގެ މާބޮޑު ބާރެއް އޭގެ މައްޗަށް އޮންނަ އެއްޗެއް ނޫނެވެ. އެހެނަސް ޤުދުރަތުގެ ނިޔާއަށް ރުހި ބޯލަނބަނީވެސް ވަކި ކާކު ހެއްޔެވެ؟
ޢުމުރުން 23 އަހަރުގެ ނީލަމް ހުއްޓިލައިގެން ހުރީ ޖަސްޓިސް ބިލްޑިންގެ ކުރިމަތީގައެވެ. އެތައް ހުވަފެންތަކެއްގެ ނިމުން ކޮނޑުމައްޗަށް ލައިގެން އަނެއްކާވެސް ޙާލަތައް ތަބާވުމަށް މަޖުބޫރުވެފައެވެ. އަލަތު ކައިވެންޏެވެ. ގެއްލިގެން ދިޔައީ އަލަތު ލޯބިވެސް މެއެވެ. ހިތުން ނުފިލާނެ ވޭނާ ރިހުން ދިނުމަށްފަހުގައެވެ. އެހެނަސް މިއަދު އެގުޅުމާ ވަކިވެލަނީ ހަމަ ކެތް ނުވެގެންނެވެ. ރޯޝަނީ އައު ޙަޔާތަކަށް ދެކުނު ފޮނިމީރުކަން ނުލިބި އަރުތެރޭގައި ހިތި ޒަހަރު ހިނގަމުން، ހިތަށް އޭގެ ވިހަ އަޞަރު ފެތުރިގޮސް ހިމޭންވުމުންނެވެ.
ނީލަމްގެ ގާތުގައި ހުއްޓިލައިގެންހުރީ އަލަތު ފިރިމީހާ ރާކިން އެވެ. މިހާރު ބުނެވޭނީ ކުރީގެ ފިރިމީހާއެވެ. ދާދި ދެންމެޔަކު އެދެމަފިރިންގެ އެއް އަހަރާ 2 މަސްވީ ކައިވެނީގެ ކުރު ދަތުރު އެވަނީ ނިންމާލެވިފައެވެ. ދަތުރު ކުރަމުންދިޔަ މަންޒިލް ތަފާތުވުމުންނެވެ. އެ ދަތުރުގައި ނީލަމް އެކަނިވީމައެވެ. ރާކިން ދިން ޔަޤީންކަމާ ކައިވެނީގެ މާތް މަޤުޞަދު ހަނދާން ނައްތައިލުމުންވެސް މެއެވެ.
“ހިތް ހެޔޮ ކުރާތި. އުފާވެރި އާ ޙަޔާތަކަށް މަރުޙަބާ.” ވޭނުން ފުރިގެންވީ ނީލަމްގެ އަޑު، މަޑުމަޑުން ފޭދިއްޖެއެވެ. ރާކިންއާ ދުރަށް ނީލަމް ހިނގައިގަތީ ދެން ދުވަހަކުވެސް އެނބުރި ނުދާގޮތަށެވެ. ވަރަށް އުންމީދާއެކު ފެށި ދިރިއުޅުން ނިންމާލީ ހިތުގައި އަތްއަޅައިގެން ހުރެއެވެ.
ނީލަމް ގެއްލި ދާންދެން ރާކިން ހުރީ ބަލަހައްޓައިގެންނެވެ. މުޅި ކައިވެނީގައިވެސް ރާކިން ހުރީ ހަމަ އެހެންނެވެ. ވާނެއެއްޗެއް ވާންދެން ބަލާށެވެ. އެހެނަސް މިއަދު އެހިތުގެ ވިންދު ތަފާތެއްވެލި ފަދައެވެ. ކުރިން ހިތަށް ނާރާ އެތައް އެއްޗެއް ހިތަށްވެސް އަރަނީއެވެ. އާދޭސްކުރަން އެދެވެނީއެވެ. ލޯބީގެ ޙަޤީޤީ މާނާގައި ނޫނަސް ރާކިން ނީލަމްދެކެ ލޯބިވަނީ ކަންނޭނގެއެވެ. އެކަމަކު މިއަދު މާލަސްވެއްޖެއެވެ. އެލޯބި ފަސްދީ ބީވެގެން ދިޔައިރުވެސް، ހޯދަން މަސައްކަތެއްވެސް ނުކުރެވުނެވެ. ކުއްލިއަކަށް ރާކިންގެ ހަނދާންތައް ގޮސް ހުއްޓުނީ ކައިވެނީގެ ދުވަސްތަކާއި އޭގެ ކުރީގެ އުފާވެރި ދުވަސްތަކަށެވެ.
ނީލަމް އަކީ އަމިއްލަ ފައިމައަޗަށް ތެދުވެ ތަޢުލީމް ޙާޞިލްކުރުމަށްޓަކައި މާލެ އައިސްހުރި ކުއްޖެކެވެ. އެކަމަށްޓަކައި ރެޔާ ދުވާލު ވަރަށް ބުރަކޮށް މަސައްކަތްކުރަމުން ދިޔައީ އެހެން އެއްވެސްކަމަކަށް ފަރުވާލެއް ނެތިއެވެ. އޭރު ނީލަމްގެ ޢުމުރުން 20 އަހަރެވެ. ކޯހަށް ފައިސާ ދެއްކުމަށާއި އުޅޭތަނަށް ކުލިދެއްކުމަށްޓައި ވަޒީފާ އަދާކުރަމުން ދިޔައެވެ. ހުންނަނީ ކުދިން ބަހައްޓާ ގެއެއްގައެވެ. ކަންކަން ހުންނަ ގޮތުން އެގެއަކީވެސް ހިތްހަމަޖެހިލައިގެން އުޅެވޭ އުފާވެރި ގެއެއް ނޫންނަމަވެސް ނީލަމްގެ ކިޔެވުން ފުރިހަމަކުރުމަށްޓަކައި ނީލަމް ކެތްކުރަމުން ގެންދިޔައީއެވެ.
ދުވަސްތައް ވޭނާއި ތަކުލީފުގައި އެހެނަސް، ހިތްވަރާއި ޢަޒުމުގައި ހޭދަވަމުން ދިޔައެވެ. އެގޮތުގެ މަތިން ދުނިޔެ ހިނގަމުން ދިޔައިރު ނީލަމް އަކީ އިޝްޤީ އެއްވެސް ކަމަކަށް ޝައުޤެއް ހުރި ކުއްޖެއް ނޫނެވެ. އަމިއްލަ މަންމަ ކައިވެންޏެއްކޮށް އުޅޭ ޙާލު ކުޑައިރުންސުރެ ގާތުން ދެކެމުން އައިސް، ކައިވެނިކޮށްގެންއުޅޭ އެކުވެރިންގެ ވާހަކަތަކުންވެސް ކައިވެނި ކުރުމާ މީހުނާ ރައްޓެހިވުމުގެ ޚިޔާލު ނީލަމް ވަނީ ދޫކޮށްލާފައެވެ. ނީލަމްއާ ގުޅުމަށް އެދުނު މީހުންގެ ލިސްޓު ދިގެއް ކަމަކު ނީލަމްގެ ހިތް ލަންބާލެވޭފަދަ ފަހުލަވާނަކާ އަދި ދިމައެއް ނުވެއެވެ.
އެފަދަ ބީދައަކުން ދިރިއުޅެމުންދިޔަ ނީލަމްގެ މުޅި ޙަޔާތް ބަދަލު ކޮށްލީ ރާކިން އެވެ. ރާކިންއާ ނީލަމް ދިމާވީ، ނީލަމްގެ ރަޙުމަތްތެރިއެއްގެ ކައިވެނި ޙަފްލާއިންނެވެ.
“ސޮރީ، ބަލައިނުލައި އާދެވުނީ” ކައިވެނީގެ މައިދާނަށް ނީލަމް ވަދެގެން ދަނިކޮށް ޒުނާނެއްގެ ގައިގައި ލައިގަތެވެ. އެ ޒުވާނާ މާ އަވަސްއަރުވާލައިފައި އެދިމާލަށް އައުމުންނެވެ.
“އެވަރު ކަމެއް ނޫން” ހިނިތުމަކާއިއެކުގައި އެންމެނާވެސް އެކުވެރި ނީލަމް ބުނެލިއެވެ.
“ރާކިން” ސަލާމަށް އަތްދިއްކޮށްލަމުން ރާކިންވެސް ހިނިތުންވެލީ ތަޢާރަފުވެލަމުންނެވެ.
“ނީލަމް” ރާކިން ދިއްކޮށްލި އަތުގައި ނީލަމް ހިފީ، ފަހަރެއްގައިވެސް އެއަތުން ނީލަމްގެ ޙަޔާތް ބަރުބާދުވާނެކަން އެނގިހުރެއެއް ނޫނެވެ.
8 Comments!
Comments are closed.



Wow Masha Allah 😍 vrh reethi mi story anehka raakin kihineh baa treat kuree Neelam ah and what’s going on them curiously waiting for the next part when’s next?
In sha Allah soon. Thanks for the support. With love🥹🥹❤️❤️
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Anehkaa khineh vaani
I appreciate your hard work
Thankooo lots of love🥹❤️
hmm the starting is interesting and nice cant wait to see what happens next
Thankooo lots of love🥹❤️
Keep it up. ❤️
Thankoooo lots of love🥹❤️