Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ގަނޑުވަރު ތެރެއިން ދެ ހިތެއްގެ ނިމުން… 1

Mysterious Woman Level 310 Stories100 Comments
December 21, 2024 11 Mins Read
7 Comments

ހުދު ކަފަކޮޅުތަކެއްހެން އުޑުމަތިން ސްނޯގެ އެކިވަރުގެ ހަމަލާތައް ބިންގަނޑަށް ދެމުންދެއެވެ. ޖައްވުގައި ފިނިހިފާލާފައި ވަނީ ބޭރަށް ނިކުތުމުން ގަނޑުވާހާ ވަރަށެވެ. މިއީ އެ ޝަހަރަށް ސްނޯ ވެހޭ މޫސުމެވެ. މި ފިނި މޫސުމުގައި ވެސް ކޮޅުކޮޅު މަތިން އޭރު ވެސް މީހުން މަދެއްނޫނެވެ. އެކި ކަންކަމުގައި މަގުތައްމަތީގައި މީހުންތައް ހޭލަމޭލަވަމުންދެއެވެ. ކަންކަންމަތީގައި ގާޑިޔާ ތަކުގައި ތަފާތު ބާވަތުގެ އެއްޗެހި ވިއްކުމަށް ޓަކައި މީހުން ޙަރަކާތްތެރިވެއެވެ. ދެކެފަރިތަ މީހެއްނަމަ ގޮވާލާ ޙާލު އަހުވާލު އަހާ ހަދައެވެ.

މިއީ ނަވާރަ ސަތޭކައިގެ އަހަރުތަކުގެ ކުރިއެވެ. ދުނިޔޭގެ އެންމެ ބޮޑު ކަނޑު ކަމަށްވާ ޕެސިފިކް ކަނޑުގެ މެދުތެރެއާއި ދެކުނުގެ ވަރަށް ބޮޑު ބައެއްގައި ފެތުރިފައިވާ ބޮޑު ބިމެކެވެ. މި ބިމުގައި ތިން އަވަށެއްވެއެވެ. އެއީ އުތުރާއި ދެކުނު ސަރަހައްދާއި މި ސަރަހައްދުތަކުގެ ވެރިކަން ކުރާ ޝަހަރެވެ. މިއީ އުތުރު ޕޮލިނީޝިޔާއާއި ދެކުނު ޕޮލިނީޝިޔާއެވެ. އަދި މި ދެ އަވަށުގެ ވެރި ރަށަކީ ނުވަތަ ޝަހަރަކީ ސެންޓްރަލް ޕޮލިނީޝިޔާއެވެ. މި ތިން އަވަށަށް ވެސް ދަތުރު ކުރެވޭނީ ފައިމަގުގައި ހިނގާފައި ނުވަތަ އަސް ގާޑިޔާތަކުގައެވެ. އަދި ކައިރީ އޮންނަ އެހެން ރަށްތަކަށް ވެސް ކަނޑުމަގުގައި ބޮއްކުރާތަކުގައި ވެސް ދަތުރުކޮށް ހަދައެވެ. މި ތިން އަވަށުގެ ބޯޑަރު ސަރަހައްދު ހިމާޔަތްކުރުމުގައި އެތައް ލަޝްކަރީ ހަނގުރާމަވެރިން ތިބެއެވެ. އަތުވެދާނެ ހަމަލާއަކަށް ހުށިއާރުވެގެންނެވެ. އިސްކޮމާންޑަރުގެ ލަފާއާއި އިރުޝާދަށް ފުރިހަމައަށް އިސްކަންދެއެވެ. ކޮންމެ ކޮންމެ މީހަކަށް ބޯޑަރު ސަރަހައްދުން އެތެރެއަށް ވަދެވޭނީ ގެނައި ތަކެއްޗަށް ދަންދެން ބަލާ ފާސްކޮށްގެންނެވެ. މިއީ އެ ޝަހަރު ހިމާޔަތްކުރާ ރަސްގެފާނުގެ ކޮއްކޯފުޅުގެ ދުރުވިސްނުމުގެ ނަތީޖާއެވެ.

“އަސްކަނީ ޙަވޭލީ” ގައި ކޮޅުކޮޅު މަތިން ބާންދީންތައް ޙަރަކާތްތެރިވަމުންދެއެވެ. ވެހޭ ހުދު ކަފަކޮޅުތަކުން (ސްނޯ) ސަލާމަތްވުމަށް ނުވަތަ ފިނިން ހިމާޔަތްކަން ހޯދުމަށް ފިނި ހެދުން ލައިގެން އެބައި މީހުންގެ މަސައްކަތުގައި ޝާމިލުވެގެން އުޅެއެވެ. އަސްކަނީ ޙަވޭއްޔަކީ ބޮޑުވަޒީރު އުޘްމާނުގެ ގެއެވެ. ބޮޑުވަޒީރުގެ އާއިލާ ބޭބޭފުޅުން ޝަހަރުގެ އެކި ހިސާބުގައި ވަޒަންވެރިވެގެން އުޅެއެވެ. ނަމަވެސް އަސްކަނީ ޙަވޭއްޔަކީ ބޮޑުވަޒީރުގެ އަމިއްލަފުޅު ގެއެވެ. އޭނާގެ ދެ ކޮއްކޮ ކަމަށްވާ މަރިޔަމް އާއި ޝަރަފިއްޔާ އަދި ޝަރަފިއްޔާގެ ހުރި ހަމައެކަނި ދަރިކަނބަލުން ޢަމީރާ ނޫރީން ވެސް އުޅެނީ އަސްކަނީ ޙަވޭލީގައެވެ. އަސްކަނީ ޙަވޭއްޔަކީ މަތިވަރު އާއިލާ ބޭފުޅެއްގެ ގެކަމަށްވާތީ ހަވޭއްޔަށް ހުއްޓޭ ލޯތަކެއް މަދެއް ނޫނެވެ. އަދި ބޮޑުވަޒީރާ ބައްދަލުކުރައްވަން މަތިވަރު އާއިލާތަކުގެ ބޭބޭފުޅުން ވެސް ޒިޔާރަތްކުރެއެވެ.

ޢަމީރާ ނޫރީން އަކީ ބޮޑުވަޒީރަށް ބޮޑުބޭބެ ކިޔާ ފުރާވަރުގެ ހުރިހަމައެކަނި އަންހެން ކަނބަލެވެ. ސަކަ މިޒާޖެއްގެ ވެރި ޢަމީރާގެ މިޒާޖު ކުއްލިއަކަށް ބަދަލުވެގެންދިޔައީ ކުޑައިރު ދިމާވި ހާދިސާއެއްގެ ސަބަބުންނެވެ. އަދި އެކަމުގެ ސަބަބުން ކުއްލިއަކަށް އަނގަގަދަކޮށް އުޅުނު ޢަމީރާއަށް ވީނުވީއެއް ނޭނގި ވާހަކަދެއްކުމުން މަޙްރޫމުވީއެވެ. ޢަމީރާ ނޫރީން އަކީ ބޮޑުވަޒީރުގެ ކޮއްކޯފުޅު ޝަރަފިއްޔާ އާއި ޝަރަފިއްޔާގެ ދެބެންގެދެދަރި މުނައްވަރަށް ލިބުނު އަންހެން ކަނބަލެކެވެ. ރީތިކަން ހުސްކޮށްލައިގެން ހުރި ޕަރީޒާދެކެވެ. ޤުދުރަތީގޮތުން ވެސް ޢަމީރާއަށް ލިބިފައިވަނީ ރަތް ކުލައިގެ ދިގު ރާޅުބާނީ އިސްތަށިގަނޑެކެވެ. ޢަމީރާގެ ރީތިކަމަށް ލިބިގެންދާ އިތުރު ސިފައަކަށް މި ރަތް އިސްތަށިގަނޑު ވެގެންދެއެވެ.

މުނައްވަރަކީ ވެސް އަސްކަނީ ޙަވޭއްޔާއި ގުޅިފައިވާ ފަރާތެކެވެ. ބޮޑުވަޒީރުގެ އާއިލާ ބޭފުޅެކެވެ. ނަމަވެސް ރާނީ މަލްޝަބާއާއި ޖެހުނު މައްސަލައެއްގައި މުނައްވަރުގެ އާއިލާ އެއްކޮށް ޤަތުލުކުރުމުގެ ހުކުމް އިއްވުމުން ބޮޑުވަޒީރުގެ އެދިލެއްވުމަކަށް މުނައްވަރު ޝަރަފިއްޔާ ވަރިކުރީއެވެ. އެއީ އަސްކަނީ ޙަވޭލީގެ އާއިލާގެ ސަލާމަތާއި ރައްކަލަށްށެވެ. އެއްރެއަކު ޢަމީރާ ނޫރީން އާއި ވަދާޢީ ސަލާމްކުރުމަށް ޓަކައި ދަންވަރު ވަގުތު އަމީރާގެ ކައިރިއަށް މުނައްވަރު އައެވެ. އަދި ވަދާޢުގެ ބެލުމަކުން ބަލާލުމަށް ފަހު ލޯބިވާ ދަރިފުޅަށް އަބަދުގެ ވަދާއީ ސަލާމަށް ފަހު ނިކުތީއެވެ. އަދި ޝަރަފިއްޔާ ޢާއި ވެސް ފަހުގެ ބައްދަލުވުމަށްފަހު ވަކިވެގެން އެ ޝަހަރު ވެސް ދޫކޮށް ދިޔައީ ޢަމީރާ ނޫރީންއަށް ރަނގަޅަށް ބެލުމަށް ވަޞިއްޔަތްކޮށްފައެވެ. އޭގެ އަނެއް ދުވަހު ހުވަފެނަކުން ހޭލެވުނުހެން ޢަމީރާއަށް ހޭލެވުމުން އެންމެ ފުރަތަމަ ވެސް ދުއްވައިގަތީ ބައްޕަ މުނައްވަރު ކޮބައިތޯ ބެލުމަށެވެ. ނަމަވެސް ހޯދާ ހޯދާ ނުފެނުމުން ބޮޑުވަޒީރު ޢަމީރާގެ ބައްޕަ ޢަމީރާ ދޫކޮށް މާ ދުރަށް ހިނގައްޖެއޭ ބުނުމުން އަނބުރައިގަނެގެން ވެއްޓުނީއެވެ. އަދި ހޭލެވުމުން އެއްގޮތަކަށް ވެސް ޥާހަކައެއް ނުދެއްކުނެވެ. ހީވާ ގޮތުގައި ނުފެންނަ އަތަކުން ޢަމީރާގެ ދުލުގައި ތަޅެއް ލެވިފައިވާފަދައެވެ.

އެދުވަހަށްފަހު ޢަމީރާގެ އުޅުމަށް ބޮޑު ބަދަލުތަކެއް އައެވެ. މީހުންނާ އެކަހެރިވުމާއި މަޑުމައިތިރިކަން އިޚްތިޔާރުކުރިއެވެ. އަބަދުވެސް އިންނަނީ ޙިޔާލަކަށް ގެއްލިފައެވެ. ގެއިން ބޭރަށް ވެސް ނުނިކުމެއެވެ. އެއް ޢުމުފުރައެއްގެ ކުދިންނާއި ވާހަކަދެއްކުމެއް ވެސް ނޯވެއެވެ. މި ކަންކަމާ ބޮޑުވަޒީރާއި ޝަރަފިއްޔާ ވަރަށް ފިކުރުބޮޑުވެއެވެ. އެންމެފަހުން ނިންމީ އާއިލާ މަޝްވަރާއެއްކުރާށެވެ.

އާއިލާ މަޝްވަރާގައި ތިއްބާ ގަނޑުވަރުން ފޮނުއްވި ވަޒީރަކު އައެވެ. ގަނޑުވަރުން ބޭފުޅަކު އަންނާނީ މުހިއްމު ވާހަކައެއް ދައްކަންކަން އެނގޭތީ އެވަގުތަށް އާއިލީ ބައްދަލުވުން ކުރުކޮށްލުމަށްފަހު މެހެމާނުންގެ ކޮޓަރިއަށް ގަނޑުވަރުން ފޮނުއްވި ވަޒީރު އާއިއެކު ދިޔައެވެ. އަދި ރަނގަޅަށް ހަމަޖެހިލުމަށްފަހު ވަޒީރު އައި ބޭނުމާމެދު ސުވާލުކޮށްލިއެވެ.

“މިއީ ސާހިބާގެ ސިއްރު މެސެޖެއް…” ދެކޮޅު ބަލާލުމަށްފަހު ވަރަށް ސިއްރުން އެ ވަޒީރު ވިދާޅުވިއެވެ. އެ ބުނާ ސާހިބާއެއްގެ ސިއްކަ ޖެހި ގަނޑުކޮޅު ނެގުމަށްފަހު އޭގައިވާ ސިއްރު ކިޔާލިއެވެ. ބޮޑުވަޒީރުގެ މޫނުފުޅުމަތިން ހައިރާންކަން ފައުޅުވެގެންދެއެވެ. ކަމަކާ ކަންބޮޑުވެގެން އުޅޭފަދައަކުން ގަނޑުވަރުގެ ވަޒީރަށް ބަލާލިއެވެ. އަދި ވިދާޅުވިއެވެ. “ސާހިބާގެ ހާލުކޮޅު ކިހިނެއް ތޯ؟….ތާޖުގެ ވެރި ޢަމީރުގެ ހާލުފުޅު ރަނގަޅު ތޯ؟”. “ސާހިބާ ވިދާޅުވީ ވީ އެންމެ އަވަހަކަށް ބޮޑުވަޒީރު ގަނޑުވަރަށް ހާޒިރުވުމަށް…..އަދި ސާހިބާ އާއި ތާޖުގެ ވެރި ޢަމީރާ ބައްދުލުކުރެއްވުމަށް” ގަނޑުވަރުގެ ވަޒީރު ވިދާޅުވިއެވެ. އިރުކޮޅަކުން ވިސްނާލުމަށްފަހު ބޮޑުވަޒީރު ކުރުނީސްކޮށް ބޯޖަހާލުމަށްފަހު ގަނޑުވަރަށް މިރޭ ހާޒިރުވާނެކަމަށް ބުނެ ގަނޑުވަރުގެ ވަޒީރު ފޮނުވާލިއެވެ. ގޭގައި ގެންގުޅޭ ޙާދިމަކަށް ގޮވާލުމަށްފަހު ގަނޑުވަރަށް ހާޒިރުވުމަށް ގޮވާލައިފިކަމާއި ގަނޑުވަރު ހެދުން ތައްޔާރުކުރުމަށް ޢަމުރުކުރިއެވެ.

އުތުރު ޕޮލިނީޝިޔާ ޢާއި ދެކުނު ޕޮލިނީޝިޔާ ކައިރި ބޯޑަރުފަޅީގައި ދުޝްމަނުންގެ ބައިގަނޑެއް ހަނގުރާމަކުރަމުންދެއެވެ. ޝަހަރުގެ ސިފައިން ޝަހަރު ހިމާޔަތްކުރުމުގައި އެމީހުންގެ ދުޝްމަނުންނާ ހަނގުރާމަކުރަމުންދަނީ ޖެހިލުމެއްނެތިއެވެ. ކަމަކަށް ފިލަން ދުވާ ބަޔަކު ފަދައިން އެމީހުން ނުވެއެވެ. ކަށީގައި ހިތްވަރެއް ހުރެއްޖެ ނަމަ ކާމިޔާބުގެ މަލަމަތި ފެންނާނެކަން އެމީހުން ޤަބޫލުކުރެއެވެ. މިހާތަނަށް އެއްވެސް ދުޝްމިނަކަށް ކުރި އެރުމެއް ލިބިފައި ނެތީ ވެސް އެބައިމީހުންގެ ހިތްވަރާއި މިންނަތުންކަން ކަށަވަރެވެ.

ކަނޑިތަކުގެ ހަމަލާތަކެއް މަދެއްނުވެއެވެ. ލޭގެ ކޯރުތައް ބިންގަނޑުގައި ދެމެމުންދެއެވެ. ފުރާނަތައް ވަކިވެގެންދެއެވެ. ދުޝްމަނުންގެ ބައިގަނޑުގެ މީސްކޮޅުތައް މަދުވަމުންދެއެވެ. މިކަމުގެ ސަބަބުން ދުޝްމަނުންގެ ބައިގަނޑުގެ ބުންވަރު އެލެމުންދިޔައެވެ. ތިމާގެ ކޮޅު ބަލިވަމުންދާކަން އިހްސާސުވަމުންދެއެވެ. އެންމެފަހުން ފަހުގެ މަންތިރި ޖެހުމަށް ޓަކައި ދުޝްމަނުންގެ ބައިގަނޑުގެ އަމާޒު ދިމާކުރީ ސީދާ ޝަހަރުގެ ދިދަ ވައްޓާލުމަށެވެ. އެމީހުންނަށް ކުރި ލިބޭނީ އޭރަށްށެވެ. ނަމަވެސް އައިނައި ތަނެއް ނޭނގި އެމީހުންގެ ކަރުދޮށުގައި ކަނޑީގެ މިޔަ ފޫ އަޅުވާލާ ދުއްވާލީ ރެޔަކާ ވެސް ނުލާ ތިއްބައެވެ. އަދި ވެއްޓެމުންދިޔަ ދިދަ ހިމާޔަތްކޮށް ކަނޑި މައްޗަށް އުފުލާ ދުޝްމަނުން ބަލިވެއްޖެ ކަމަށް ގޮވާލީ ފިރިހެންވަންތަ ހަރު އަޑަކުންނެވެ. ހަނގުރާމަވެރިން ލާއުޅޭ ކަހަލަ ހެދުމުގައި ހުރި ފުރިހަމަ ޒުވާނެކެވެ. ހަނގުރާމައިގެ ހެދުމުގެ ކޮނޑުމަތިން ތިރިއަށް ވާގޮތަށް ބޮޑު ފޮތި ގަނޑެއް ދެފަރާތަށް ވިހުރިލަ ވިހުރިލާ އޮތެވެ. ކަނޑި މައްޗަށް އުފުލާ ސީދާ ދުޝްމަނުންގެ ބައިގަނޑުގެ އިސް ކޮމާންޑަރަށް ބަލަން ހުރީ ދެން ބަލި ޤަބޫލުކުރާށޭ ބުނާފަދައިންނެވެ. ޝަހަރުގެ ލަޝްކަރުގެ ހަނގުރާމަވެރިންގެ މޫނުމަތިން ހިނިތުންވުން ފެނިގެންދިޔައީ ދެ ކަކޫ މައްޗަށް ތިރިވެ އަމާންދީފިން ކަމަށް ދުޝްމަނުންގެ އިސް ކޮމާންޑަރު ބުނުމުންނެވެ. އެއާއިއެކު ވަރުބަލިވެ ހަފުސްވެފައިވާ ބައިގަނޑުގެ މީސްކޮޅު ދެ ކަކޫ މައްޗަށް ތިރިވެ އަމާންދިނެވެ.

ގަނޑުވަރު ތެރޭގައި އެއްކޮޅުން އަނެއް ކޮޅަށް ގަނޑުވަރުގެ ސިފައިން ޙަރަކާތްތެރިވެއެވެ. ގަނޑުވަރަށް ވަދެ ނިކުމެވާ ބޮޑު ގޭޓުން ފެށިގެން ގަނޑުވަރުގެ އުތުރާއި ދެކުނަށް ދަންދެން ސިފައިން ޙަރަކާތްތެރިވެއެވެ. ޙާދިމުންނާއި ބާންދީން ވެސް އެ މީހުންގެ ވާޖިބުތައް އަދާކުރުމަށް އަވަސްވެގަނެގެން އުޅެއެވެ. ރަސްގެފާނުގެ ކޮޓަރިކޮޅުމަތިން ބޮޑުވަޒީރާ ދިމާވީ ޙާދިމަކާއެވެ. އަދި ސާހިބާ އިންނެވީ ކުޑަ ޢަމީރު ގޮވައިގެން އެތެރޭގައިކަމަށް ބުނެ ބޮޑުވަޒީރު ކޮޓަރިކޮޅު އެތެރެއަށް ވެއްދެވިއެވެ. އަދި ކޮޓަރިކޮޅުގެ ދެ ފަރާތުގައި ފާރައަށް ތިބި ސިފައިންނަށް ރައްކާތެރިކަމާއިއެކު ކޮޓަރި ހިމާޔަތްކުރުމަށް ޢަމުރުކުރިއެވެ.

“ސަލާމް ސާހިބާ، ސަލާމް ތާޖުގެ ވެރި ޢަމީރު” ކޮޓަރިކޮޅުގެ އެންމެ ކޮޅުގައި އިށީނދެ އިންނެވި މެދު ޢުމުރުގެ އަންހެން ސާހިބާއާއި ސާހިބާގެ ކައިރީގައި އިންނެވި ގާތްގަނޑަކަށް ފަސް އަހަރުގެ ކުޑަ ފިރިހެން ކުއްޖާއަށް އިޚްތިރާމާއިއެކު ބޮޑުވަޒީރު އުޘްމާން ކުރުނީސްކޮށް ސަލާމް އަދާކުރިއެވެ. އަދި ރަސްގެފާނު ކޮބައި ތޯ އެއްސެވިއެވެ. އެއިރު އެ ކޮޓަރިކޮޅުގައި އިތުރު އެހެން ވަޒީރުން ވެސް ތިއްބެވިއެވެ. ސާހިބާ އިނގިލިން އިޝާރަށް ކުރި ދިމާއަށް ބޮޑުވަޒީރު ބެއްލެވިއެވެ. ދާންކޮޅުގައި ފަރުދާ ކަހާލެވިފައިވާ ދިމާއަށް ބައްލަވައިލެއްވުމަށްފަހު ރަސްގެފާނު އަވަޙާރަވުމުން އެކަމުގެ ހިތާމައިގައި ބައިވެރިވެ ވެޑައިގަތެވެ.

“ރަސްގެފާނު އަވަހާރަވެއްޖެ” ލޮލުން އައި ކަރުނަ އަތުގެ ނުފުށުން ފޮހެލަމުން ސާހިބާ މަލްޝަބާ ވިދާޅުވިއެވެ. “ރަސްގެފާނު އަވަހާރަވުމުން ކީއްވެގެން ތޯ ތަޙުތުގެ ވެރި ޢަމީރު ތަޙްތަށް އިސްވެ ވަޑައިނުގެންނެވީ؟” ބޮޑުވަޒީރު ކަންބޮޑުވުން ފައުޅުކުރެއްވިއެވެ. ވަޒީރުންގެ މެދުގައި ވެސް ޚިޔާލު ތަފާތުވުން އޮވެއެވެ. ތިމާ އެއްބާރުލުންދޭ ކޮޅަކަށް މެނުވީ ބަސްބުނުމެއް ނޯވެއެވެ. ތަޙްތަށް ޢަމީރުން އިސްކުރުމުގައި ފަހަތުގައި ބާރު އޮތް އާއިލާއަކަށް ވާންޖެހެއެވެ. ރަސްގެފާނުގެ އަނބިކަނބަލުން ރާނީގެ ބަނޑުން ޢަމީރަކު އުފަންވެއްޖެ ނަމަ އެކަމަށް ފާޑުކިޔާނެ ބަޔަކު ނުވާނެއެވެ. ނަމަވެސް ރަދުން އެއް އަތްނބަކަށްވުރެ ގިނަ އަނބިން ގެންގުޅެއެވެ. އެތަށް ބަނޑަކަށް ޢަމީރުން އުފަންވެވަޑައިގަތެވެ. ރަސްގެފާނު އަވަހާރަފުޅުވިތާ ހަތަރު ގަޑި އިރު ނުވެ ބަހުޘަކަށް ދާންޖެހުނީ ވެސް މިހެންވެއެވެ. “ތަޙްތުގެ ވެރި ރަސްގެފާނު އަވަހާރަވުމުން ވީ އެންމެ އަވަހަކަށް ޢަމީރު ތަޙްތަށް އިސްކުރަންޖެހޭނެ…….ނޫނީ އެ ތަޙްތަށް ލޯ ހުއްޓޭ ފަރާތްތަކަށް އަހަރުމެން ފުރުސަތު ދޭންވީ ތަ؟…..މިކަމަށް ރާނީގެ ޚިޔާލުފުޅެއް ބޭނުމެއްނުވޭ…………ރަސްގެފާނު ދުނިޔޭގައި ހުންނެވިއިރު ޢަމީރު ޢާލިމްއަށް ވަނީ ތާޖުގެ ވެރި ޢަމީރުގެ ލަޤަބުދީފައި……..ވީމާ އެންމެ ހިނދުކޮޅަކު ވެސް ޢަމީރު ޢާލިމް ތަޙްތަށް އިސްނުކުރެވެންވީ ސަބަބެއް ނެތް……” ބޮޑުވަޒީރު ނުރުހުންވުމާއިއެކު ޙިޔާލު ފައުޅުކުރެއްވިއެވެ. ވަޒީރުންގެ އެންމެ އިސް ބޭފުޅަކީ ބޮޑުވަޒީރެވެ. އެންމެ ގިނަ ބާރު އޮންނަނީ ވެސް ބޮޑުވަޒީރުގެ އަތްފުޅު މަތީގައެވެ. ވީމާ ބޮޑުވަޒީރު ފަހުބަސް ވިދާޅުވެއްޖެ ނަމަ އެކަމަކަށް ފާޑުކިޔާނެ ފަރާތެއް ނުހުންނާނެއެވެ.

ނަވާރަ ސަތޭކަ އެއްވަނަ އަހަރު ބޮޑުވަޒީރާއި އަދި އެހެން ވަޒީރުންގެ ކުރިފުޅުމަތީގައި ޢުމުރުން ފަސް އަހަރުފުޅުގައި ޢަމީރު ޢާލިމް ރަސްކަމުގެ ތަޙްތަށް އިސްވެ ވަޑައިގަތެވެ. އަދި ސާހިބާ މަލްޝަބާ ރަސްގެފާނުގެ މަންމާފުޅަށް ވުމުން ރާނީ މަލްޝަބާގެ ލަޤަބު ލިބުނެވެ. ރަސްގެފާނުގެ ކޮޓަރިކޮޅުގައި ރާނީ މަލްޝަބާ ޢާއި ރަސްގެފާނު ޢާލިމްއާއިއެކު ވަޒީރުން ގޮވައިގެން ސައްލާކުރަން ތިއްބެވެ. ހީވާގޮތުގައި ރާނީގެ ހިތްފުޅާ ހަމަޖެހިނުލައްވަނީއެވެ. ރަސްކަމުގެ ތަޙްތުގައި ރާނީގެ ދަރިކަލުން އިންނެވި ކަމުގައި ވިޔަސް އަދި ރަސްކަމުގެ ތަޙްތު ވާރިސުވާ އެހެން ފަރާތެއް ހުރިކަން ހަނދާނުގައިވީތީއެވެ. އަވަހަށްމެ އެދަރިކަލުންގެ ރަސްކަމުގެ މުއްދަތު ނިމިދާނެތީއެވެ. “ބޮޑުވަޒީރު….އޭނާ…..” ރާނީ މަލްޝަބާގެ އަޑުގައި ވަނީ ޖެހިލުންވުމެވެ. ހާސްކަމެވެ. “ރާނީ ތިޔަ ވިސްނަނީ ޢަމީރު އާލިކްއާ މެދު ތަ؟….” ބޮޑުވަޒީރު ބުނެލީ ރާނީ މަލްޝަބާގެ ޖެހިލުންވުމުގެ ފަހަތުގައި ވަނީ ކާކުކަން އެނގިގެންނެވެ. “ޢާލިމް ތަޙްތަށް އިސްކުރެވުނީ ކިހިނެއްކަން ސުވާލު ކޮށްފިއްޔާ ޔޯ؟….އެއީ ވެސް ރަސްކަމުގެ ތަޙްތު ވާރުތަވާ ވާރިސެއް….އަހަރެން ބިރުގަންނަނީ އޭނާގެ ފަހަތުގައި މީހުން ޖެހިލުންވާފަދަ ލަޝްކަރެއް އެބަ އޮތް….ލަޝްކަރާއިއެކު ތަޙްތުގެ ބޭނުމުގައި ގަނޑުވަރަށް އައިސިއްޔާ ދެން؟…..” ރާނީ މަލްޝަބާގެ ކަންބުޑުވުން ފައުޅުކުރިއެވެ. “ތިޔަހެންވެދާނެއެކޭ ބުނާކަށް ނޭނގޭ….ރާނީ ހަނދާން ނައްތާ ނުލާ…މަރްޙުމް ރަސްގެފާނަށް ކުރި ވަޢުދުގެ މަތިން ޢަމީރު ހަނދާން ނައްތައެއްނުލާނެ…ޝަހަރަށް ނުވަންނާނެ…އެހެންވިއްޔާ ކޮންމެހެން ވެސް ޢަމީރު ގަނޑުވަރަށް ޙާޒިރުކުރަން ޖެހޭނެ…ފުރިހަމަ ޖަވާބެއް އަހަރުމެންނަށް ލިބެން ޖެހޭނެ….” ބޮޑުވަޒީރު ބުނެލިއެވެ. “ތިޔަ ބުނީ…މަޖުބޫރު…..” ރާނީ މަލްޝަބާ ފުރިހަމަ ނުކޮށް މަޑުޖައްސާލީ ބޮޑުވަޒީރުގެ ވިސްނުންފުޅު ހުރި ގޮތް އެނގިގެންނެވެ.

“ޢަމީރު، ހަނގުރާމަވެރިން ތިބީ ލިބުނު ކާމިޔާބީ ފާހަގަކުރަން ކެތްމަދުވެފައި” ޢަމީރު ޢާލިމުގެ ފޭލިގެއަށް ވަންނަމުން ޢަމީރުގެ އެންމެ ގާތް އުޚްތެއް ކަމުގައިވާ ކޮމާންޑަރު މާރިޔަތު ބުންޏެވެ. މާރިޔަތާއިއެކު ޢަމީރުގެ ގާތް އުޚްތުކަމުގައިވާ ކޮމާންޑަރު އާދިލް ވެސް ފޭލިގެއަށް ވަނެވެ. “އެންމެ ރަނގަޅު، ރައްކާކޮށްފައި ހުރި ބަކަރިތަކުން އެބައި މީހުންނަށްވާވަރަށް ބަކަރިތައް ކަތިލާ އަދި ސަރުބަތު ބުއިންތައް ތައްޔާރުކުރޭ، އަހަރެން ދާންވާއިރަށް އަލިފާންގަނޑު ވެސް ރޯކޮށްފައި ބަހައްޓާތި…” އަތުގައި އޮތް ކަނޑި އޭގެ އޮމާންކަން ދެމެހެއްޓެންދެން ސާފުކުރަމުން ވަރަށް ހިނިއައސްފައި ހުރެ ޢަމީރު އާލިކު ކޮމާންޑަރު މާރިޔަތަށް ބަސް އިއްވިއެވެ. ދެ މީހުން ވެސް އެކަމަށް އެއްބަސްވުމަށް އާ ބަސް ބުނެ އެތަނުން ދިޔައީ އެ ޚަބަރު ހަނގުރާމަވެރިންނަށް ދިނުމަށް ޓަކައެވެ.

“އެނދުރުބޭ، ވަރަށް ވައިގަދަ ދުވަހެއްނުން މީ، ފާނޫޒު ބައްތިތަކުގެ އަލި ވަރަށް ފަނޑު، ކީއްވެ ބައްތިތަކުގެ އަލި ގަދަ ނުކޮށް އެހެރީ؟…” ފޭލިގޭގެ ވަށައިގެން ތަންތަން ބަލަމުން ކުޑަ ހައިރާންކަމެއް އެކުލެވިފައިވާ ރާގަކަށް އެވަގުތު އެތަނުގައި ހުރި ޢަމީރުގެ އެނދުރުބޭ ގާތު އަހާލިއެވެ. އެނދުރުބޭގެ މޫނުމަތިން ކަމެއް ސިއްރުކުރަން އުޅޭފަދަ އަސަރެއް ފެނުނު ކަމުގައި ވިޔަސް ޢަމީރަށް އެކަން ހާމަކުރުން ލަސްކުރެވެން ނެތުމުން އަތުގައި އޮތް ގަނޑުވަރުގެ ސިއްކަޖެހި ލިޔުންކޮޅެއް ދިނެވެ. “ގަނޑުވަރުގެ ސިއްރު ލިޔުންކޮޅެއް؟….ހެއްހެއްހެއް ބޭބެ، ރަސްގެފާނުގެ މެސެޖެއް ކަންނޭނގެ…” އެއީ ކިހާ ވަރެއްގެ ލިޔުންކޮޅެއް ކަމެއް ނޭނގި ވަރަށް އުފަލުން ޢަމީރު ބުނެލިއެވެ. ނަމަވެސް ލިޔުންކޮޅު ހުޅުވާލުމުން ފެނިގެންދިޔަ ލިޔުންތަކުން މުޅި ނަފުސުގައި ހުޅު ރޯވެގެންދިޔަ ފަދައެވެ. ފައިގެ ބާރު ދޫވި ކަހަލައެވެ. ވަށައިގެން ތަންތަން އެނބުރޭ ކަމުގެ އިހްސާސުކުރެވުނެވެ. “ޢަމީރު، ރަސްގެފާނު….ރަސްގެފާނު އަވަހާރުވެއްޖެ…” އެނދުރުބޭ ބުނެލީ ހިތްދަތިކަމާއިއެކުއެވެ. އަދި އެތަނުން ނުކުމެގެން ދިޔައީ މިވަގުތު ޢަމީރަށް އެކަނިވެލަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. އެކަނިވެރިކަމުގެ ކަޅު ދުވަސްތައް ގަނޑުވަރުން ބޭރުގައި ޢަމީރު އާލިކު ހޭދަކުރިއެވެ. ޝަހަރު ހިމާޔަތްކުރުމުގެ ޒިންމާއާ ހަވާލުވާން މަޖުބޫރުވީ ޅަ ޢުމުރުފުޅުގައެވެ. ހަނގުރާމައިގެ މައިދާނަށް ނުކުތީ އެކަމަށް ފުރިހަމަ ތައްޔާރީނުވެވި ހުއްޓައެވެ. ނަމަވެސް އެހުރިހާ ކަމަކަށް ވެސް ކެތްތެރިވެ ލޯބިވާ ބޭބެގެ ހައްގުގައި ޝަހަރުން ބޭރުގައި ދިރިއުޅެން މަޖުބޫރުވީ ވެސް ރަސްކަމުގެ ސަބަބުންނެވެ. މިއަދު ލޯބިވާ ބޭބެ އޭނާ ދޫކޮށް ދިޔައީ ކުޑަމިނުން ބައްދަލު ވެސް ނުވެއެވެ.

ފޭލިގެއިން ނިކުތް ޢަމީރަށް ހަނގުރާމަވެރިންގެ ބައިގަނޑުގެ ނަޒަރު ވަނީ ހުއްޓިފައެވެ. އެބައިމީހުންގެ މޫނުތަކުން ހައިރާންކަން ފައުޅުވީ ޢަމީރުގެ ބޮލުގައި ހުދުކުލައިގެ ފޮތިގަނޑެއް އޮޅައިފައިވާތަން ފެނުމުންނެވެ. ޔަޤީނުން ވެސް އެއީ ގަނޑުވަރުގެ ތެރެއިން ޝާހީ ބޭފުޅެއް ދުނިޔެ ދޫކުރުމުން އެކަމުގެ ހިތާމައިގައި ބޭނުންކުރާ ފޮތިކޮޅެކެވެ. “މިތުރުން ސަމާލު……ރަސްގެފާނު އަވަހާރަވެއްޖެ….” ހަރު އަޑުން ޢަމީރުގެ ބަސް އިވުމުން ހަނގުރާމަވެރިންގެ ބައިގަނޑުގެ މޫނުތަކުން ހައިރާންކަމާއި ހިތާމަވެރިކަން ފައުޅުވެއްޖެއެވެ. އަދި ރަސްގެފާނަށް ފަހުގެ ވަދާޢީ ސަލާމެއްގެ ގޮތުން ދެ ކަކޫ ޖަހާ އަދި ދެ އަތް އުފުލާ ދުޢާ ކުރިއެވެ.

“ޢަމީރު، ގަނޑުވަރަށް ދިޔުން ހަމަ އެހާ މުހިއްމު ތަ؟…” ފޭލިގެ ތެރޭގައި އެނދުރުބޭ އާއި ޢަމީރު ޢާލިކު އާއި ދެމެދު ކުޑަ ބަހުސެއް ހިނގަމުންދަނީ ޢަމީރު ގަނޑުވަރަށް ދާން އުޅޭތީއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރަސްގެފާނުގެ ޢަމުރާ ޚިލާފު ޢަމަލެއް ޢަމީރު ކުރަން އުޅޭތި އެކަނ ހުއްޓުވުމެގެ ގޮތުންނެވެ. “އެނދުރުބޭ، އެއީ އަހަރެންގެ ބޭބެ، ކޮންމެ ހާލެއްގައި ވިޔަސް އެ ބޭބެއަށް ވަދާޢު ކިޔަން ލިބޭ ފަހު ފަހަރު…..އަހަރެން އެކަނި ދާނީ ތިން ސަތޭކަ ހަނގުރާމަވެރިންނާއިއެކު…..ބޭބެއަށް ވަދާޢު ކިޔުމަށްފަހު އެނބުރި އަންނާނީ މި މަންޒިލަށް، ވީމާ އަހަރެން ދިޔަދީ……” ޢަމީރުގެ ވާހަކައަށް އެންމެ ފަހުން އެއްބަސްވާޏް ޖެހުނީ އެނދުރުބޭއަށެވެ. ތެދެކެވެ. ޢަމީރުގެ ހުރި ހަމައެކަނި ބޭބެ ރަސްގެފާނު އަވަހާރަވީއިރު ޢަމީރުވީ ލަޝްކަރުގެ ބައިގަނޑު ތެރޭގައި ހަނގުރާމަކުރާށެވެ. ގަނޑުވަރުގެ ތެރޭގައި ބޮޑު ކަމެއް ވެގެން އުޅޭކަން ވެސް ނޭނގެއެވެ. އެހެންކަމުން ޢަމީރު ހުއްޓުވުން ވާނީ ފޫނެއް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށްށެވެ. “އެންމެ ރަނގަޅު، ޢަމީރު އެކަނި ދާކަށް މި ނިކަމެތި ހިތެއް ނޭދޭ…. ޝަހަރަށް ދާން ތިއުޅެނީ، ފުރާނައަށް ފެން ބޮވައިގަނެފައި ތިބި މީހުންނަށް ފުރުސަތުދޭންވީ ތަ؟…..ޢަމީރުގެ ފަހަތުގައި ނުގުޑާނެފަދަ ލަޝްކަރެއްވާކަން ހަނދާން ނައްތާނުލާ…..ޢަމީރުގެ ކޮންމެ ބުނުމަކަށް ކުރުނީސްކޮށް ތަބައުވާން ތިބި އެތައް ނަފުސެއްވޭ…..” އެނދުރުބޭގެ ވާހަކަތަކަށް އެއްބަސްވެ ޙާދިމަކަށް ގޮވާލާފައި ދަތުރަށް ފަށަން ތައްޔާރުވާން ޢަމުރުކުރިއެވެ.

ޝަހަރުގެ ގޭޓު ކައިރީ ދެ ފަރާތުގައި ސަފުތަކުގައި އެތުރިފައި ޑިއުޓީތަކުގައި ތިބި ގަނޑުވަރުގެ ސިފައިން ހަރަކާތްތެރިވެއެވެ. ޝަހަރަށް ވަންނަން އައި ބަޔަކު ފެނި އެންމެ ގާތުގައި ހުރި އެބައި މީހުންގެ ވެރިޔާ ދުވެފައި އައިސް ހުއްޓުވިއެވެ. “ތީ ކާކު؟…..ޝަހަރަށް ވަންނަން މަސައްކަތް ކުރަނީ ތަ؟….” ހަރު އަޑުން އެމީހާ ބުނެލިއެވެ. އވަގުތު އެންމެ ކުރިއަށް ހުރި ކޮމާންޑަރު މާރިޔަތު އަތުގައި އޮތް ގަނޑުވަރުގެ ލަޝްކަރެއްކަން ރަމްޒުވާ ފިލައެއްދަކާ މިއީ ކޮން ބައެއްކަން ނޭނގެނީހޭ އެހީ ހަރުއަޑުންނެވެ. އަދި ކުރި މަތީ މި އިންނެވީ ލަޝްކަރުގެ ވެރިޔާ އަދި މަރްހޫމް ރަސްގެފާނުގެ ކޮއްކޯފުޅު ކަމެއް ނޭނގޭހޭ އެހިއެވެ. އެހިނދު ބިރެއް ފެނިގެން ފަދައިން އަވަހަށް ކުރުނީސްކޮށް އިޚްތިރާމް އަދާކުރިއެވެ. ފަހަތުގައި އެތުރިގެން ތިބި ސިފައިން ވެސް ކުރުނީސްކުރިއެވެ.

“ގަނޑުވަރަށް ގޮސް ޚަބަރުދީ….ބުނޭ ޢަމީރު އާލިކު އައިސް އެބަ ހުރި ކަމަށް…އަހަރެން ނުވަންނާނަން ޝަހަރަކަށް….މިތާ ބޭރުގައި މަޑުކުރާނީ…..ރަސްގެފާނުގެ ސަންދޯ ނެރެންދެން ބޭރުގައި މަޑުކުރާނަން…” ކުރުނީސްކޮށްގެން ހުރި ސިފައިންގެ ވެރިޔާއަށް ޢަމުރުކުރީ ގަނޑުވަރަށް ގޮސް ޢަމީރު އައިސިކަމުގެ ޚަބަރު އިއްވުމަށެވެ. ނިކަން އަވަހަށް އާއެކޭ ބުނެ އަވަސްވެގަތީ ގަނޑުވަރަށް ގޮސް އެ ޚަބަރު ފޯރުކޮށްދޭށެވެ.

ގަނޑުވަރު ތެރޭގައި ސައްލާ ކުރާ މަޖިލީހުގައި އެކި ވާހަކަތައް ދެކެވެމުންދެއެވެ. ވަޒީރުންގެ ދޫ ތަކުން އެކި ވާހަކަތައް އިވެމުންދެއެވެ. “ދެން އޭނާ ޝަހަރަށް ނުވަންނަންޏާ، އަހަރުމެން ޖެހިލުންވާންވީ ކޮން ކަމަކާތަ؟” އެތަނުން އެއް ވަޒީރަކު ބުނި އަޑު އިވުނެވެ. “ޢަމީރު އާލިކު ޝަހަރުން ބޭރުގައި ސިފައިންގެ ލަޝްކަރާއިއެކު މަޑުކޮށްގެން އެތިބީ…..ކަލޭގެ ދެ ލޮލަށް ނިދި އަންނާނެ ތަ؟….” އެހެން ވަޒީރަކު ބުންޏެވެ. “އަހަރުމެން ދެން ކިހިނެއް ހަދާނީ؟…އޭނާ ބޭރުގައި މަޑުކުރުވަންވީ ތަ؟” ރާނީ މަލްޝަބާ ކަންބޮޑުވުން ފައުޅުކުރިއެވެ. “އޭނާ ވައްދާ ޝަހަރަށް، އަދި ގަނޑުވަރަށް ހާޒިރުކުރޭ…ނޫން……އޭނާ އަށް މަޖުބޫރުކުރޭ ގަނޑުވަރަށް ހާޒިރުވެ ރަސްގެފާނަށް އިޚްތިރާމްކުރަން….މަރްޙޫމް ރަސްގެފާނު އަވަހާރަވީ ކުއްލި ގޮތަކަށް…ޝާހީ ޚާންދާނުގެ އެކި ބޭބޭފުޅުންގެ ދޫތަކުން އިވެނީ އެކި ޚަބަރު…މިކަމުގައި ޝައްކުކުރެވޭ އެތައް ކަމެއް ވާކަމަށް އެބައި މީހުން ބުނޭ…..ޢަމީރު އާލިކު ގަނޑުވަރަށް ހާޒިރުނުވާނަމަ އަހަރުމެންގެ މައްޗަށް އެބައިމީހުންކުރާ ޝައްކުތައް ވާނީ ތެދަކަށް ނޫންތަ؟..އޭނާ އައިސިއެއްނުން…އެހެންވެއްޖެނަމަ އަހަރުމެން ވަޒީރުންނާ އޭނާ ބައްދަލުކުރަން ޖެހޭނެ، އަދި ރަސްގެފާނަށް އެއްބާރުލުންދޭން ޖެހޭނެ….” ބޮޑުވަޒީރުގެ ވާހަކަފުޅަށް ގިނަ ބައެއްގެ ތާއީދު ލިބިގެންދިޔައެވެ. “ޢަމީރު ގަނޑުވަރަށް ހާޒިރުވެއްޖެނަމަ އެއީ އަހަރުމެން އެންމެންނަށް ވެސް ލިބިގެންދާނެ ހިތްހަމަޖެހުމަކަށްވެދާނެ….” ވަޒީރު މުރުޝިދު ވިދާޅުވިއެވެ. “އޭނާ ގަނޑުވަރަށް ވަންނަން ދެކޮޅު ހަދައިފިއްޔާ؟…” އެހެން ވަޒީރަކު ބުނެލިއެވެ. ” އޭނާ ގަނޑުވަރަށް ވަންނަން ދެކޮޅު ހަދައިފިއްޔާ، ޝަހަރުގެ ތެރޭގައި ފެތުރިފައި އޮތް ވާހަކަތައް ވެގެންދާނީ ތެދަކަށް، އޭރަށް ރަސްގެފާނުގެ ކަނޑިން އޭނާ ޤަތުލުކުރެވިގެންދާނެ….” ބޮޑުވަޒީރު ބުނެލިއެވެ.

މި ޚަބަރު ރަސްގެފާނުގެ އެންމެ އަރިސް ވަޒީރު ގޮސް ޢަމީރު އާލިކަށް އިއްވިއެވެ. އަދި ޢަމީރު ގަނޑުވަރަށް ވަންނަން ދެކޮޅު ހަދާކަމަށްވާނަމަ ބޮޑުވަޒީރުގެ ބަސްފުޅު ވެސް އިއްވިއެވެ. އެއިރު ދެއަތް ފުރަގަހަށް ލައިގެން ޢަމީރު ހުންނެވީ ގޭޓު ކުރިމަތީ ކޮޅަށްށެވެ. “އާދޭސްކުރަން ޢަމީރު، ރަސްގެފާނަށް މަނިކުފާނު އެއިރު ކުރެއްވި ވަޢުދު އުވާލައްވާ، އަދި މިހާރުން މިހާރަށް ގަނޑުވަރަށް ހާޒިރުވެ ރަސްގެފާނަށް މަރުޙަބާ ކިޔުއްވާ” ހަރުއަޑުން ވަޒީރު ކުރުނީސްކޮށް ޢަމީރަށް ދެންނެވީ މަރްހޫމް ރަސްގެފާނަށް ކުރެއްވި ވަޢުދު އުވާލުމަށް ފަހު ގަނޑުވަރަށް ހާޒިރުވާންށެވެ. އެއިރު ޝަހަރުގެ ރައްޔިތުން ވެސް ގޭޓު ކައިރީ ތިއްބެވެ. ސިމިސިމި ލެއްވުމުގެ އަޑު އިވެމުންދެއެވެ. ރަށު ތެރޭގައި ފެތުރިފައި އޮތް ޚަބަރުތަކުގެ އަޑު ވެސް އިވެމުންދެއެވެ. ޢަމީރު އާލިކު ވަށައިގެން އެންމެންނަށް ބަލާލިއެވެ. “މަނިކުފާނު، ނޫން، އެތެރެއަށް ނުވަންނަވާ…” ކޮމާންޑަރު މާރިޔަތު އާދޭސްކުރިއެވެ. “ތެދެއް މަނިކުފާނު، އެމީހުން އެއުޅެނީ މަނިކުފާނު ވައްދަން، އެމީހުން ރޭވުމެއް ރާވައިފިނަމަ؟…އޭއަށް އޮންނާނީ ވަގުތު ފާއިތުވެފައި….” ކޮމާންޑަރު އާދިލު ވެސް ކަންބޮޑުވުން ފައުޅުކޮށްފިއެވެ. “މަނިކުފާނު އައުމުގެ ބޭނުމަކީ މަރްހޫމް ރަސްގެފާނަށް ވަދާޢުގެ ސަލާޟް ރައްދުކުރަން، އޭގެ ބަދަލުގައި މަނިކުފާނުގެ ފުރާނައަށް ނުރައްކާ ކުރާކަށް ނޫން…” މާރިޔަތު ބުނެލިއެވެ. “މިތާ މަޑުކުރޭ….” ޢަމީރު ޢާލިކް ބުނެލިއެވެ. އަދި އަތް ދިއްކުރީ ތިމަންނަގެ ކަނޑިދޭށޭ ބުނާފަދައިންނެވެ. އަވަހަށް ކޮމާންޑަރު އާދިލް ޢަމީރުގެ ކަނޑި ދިއްކުރިއެވެ. އެއާއިއެކު ގަނޑުވަރުން އައިސްހުރި ވަޒީރަށް ދާންވީ މަގު ދައްކާށޭ ބުނެ ކުރިއަށް ހިނގައިގަތެވެ. “މި ގަނޑުވަރުގައި ރަސްގެފާނުގެ ކުރިފުޅުމަތީ ހުރެ ވަޢުދުވަން، މިއަދުން ފެށިގެން އަހަރެންގެ ޝާހީ ނަމާއި ލަޤަބު ދޫކޮށްލާ އަހަރެންގެ މުޅި ޢުމުރު ޝަހަރު ހިމާޔަތްކުރުމުގެ ޒިންމާ އުފުލަން، މިއަދުން ފެށިގެން އަހަރެންގެ ފައި ޝަހަރުގެ އެތެރޭގައި ނުބިއްސާނަން…” ޅައިރުގެ ކުރި އެ ވަޢުދުގެ މަތިން ހަނދާންކުރަމުން ޢަމީރު އާލިކު ކުރިއަށް ހިނގަމުން އައީ މަޖުބޫރުވެފައިވާ މީހެއްފަދައިންނެވެ. މޫނުމަތިން އެއްވެސް ޝުޢޫރެއް ފައުޅުނުވިޔަސް ލޮލުން އެތައް ވާހަކައެއް ބުނެދެއެވެ. “މަޢާފުކުރޭ މަނިކުފާނު، މަނިކުފާނުގެ ތިޔަ ކަނޑި ވެއްދުން މަނާ….” ވަޒީރު ބުނަން އުޅުން ވާހަކަ ވިސްނި ކަނޑި އަނބުރާ ކޮމާންޑަރު އާދިލް އަތަށް ދިނެވެ.

ރަސްގެފާނުގެ ސައްލާ މަޖިލީހުގައި ތިބި އެންމެންގެ ނަޒަރު އެއްދިމާއަކަށް ހުއްޓިއްޖެއެވެ. އެއިރު އެބައިމީހުން ދުށުމަށް ބޭނުންވެފައިވާ ފަރާތް އެ އެންމެންގެ މެދުން މަޑު ހިނގުމެއްގައި ރަސްގެފާނުގެ އިސް ވަޒީރުއާއިއެކު އަންނަ ތަން ފެނެއެވެ. އެބައިމީހުންގެ ބަލަން ތިބީ އަލަށް މީހަކު ފެނުމުން ބަލާ ބީދައިންނެވެ. ވަކި ހިސާބަކުން ހުއްޓިއްޖެއެވެ. ވަޒީރު ގޮސް ރަސްގެފާނުގެ ތަޙްތުގެ ކައިރީ ހުއްޓިއްޖެއެވެ. ޢަމީރު އާލިކް ރަސްގެފާނަށް ކުރުނީސްކުރިއެވެ. ” ސަލާމް، މަރްޙަބާ ތަޙްތުގެ ވެރިޔާ….ރަސްގެފާނާ ބައްދަލުވެއްޖައިން…” ޢަމީރު އާލިކު ބުނެލިއެވެ. އެއިރު ރާނީ މަލްޝަބާ އާއި ރަސްގެފާނު އާލިމް އިންނެވީ ރަސްގެފާނުގެ ތަޙްތުގައެވެ. ރަސްގެފާނުގެ ޢުމުރުން ހަނގުކަމުން ރަސްކަމުގެ ފުރިހަމަ ބާރު މިހާރު އޮތީ ރާނީގެ އަތްޕުޅުގައެވެ. ނަމަވެސް ރަސްގެފާނުގެ ޢުމުރުފުޅުން ސޯޅަ އަހަރު ފުރުމާ ހަމައަށްށެވެ. “ބޮޑުބޭބޭ، އަވަހަށް ތެދުވޭ….” ރަސްގެފާނު އާލިމް އުފަލުން ތަޙްތުން ތެދުވެ އާލިކަށް އަވަހަށް އެންގީ ތެދުވާށެވެ. ރަސްގެފާނުގެ މި ޢަމަލުފުޅުން ރާނީ މަލްޝަބާ މަޑު މަޑުން އަތް ޖައްސާލީ އެހަށް ހަމަޖެހޭށޭ ބުނުމަށްށެވެ. އަދި ތިޔައީ ރަސްގެފާނުކަން ވިސްނައިދެށެވެ.

“ޝުކުރިއްޔާ…” ހަމަޖެލިލަމުން ޢަމީރު އާލިކު ބުނެލިއެވެ. “އަހަރެން ގަސްދުގައެއް ނޫން، މަނިކުފާނުގެ ވަޢުދު އުވާލަން މަޖުބޫރުކުރެވުނީ، އެކަމަކު ޝަހަރުގައި ތަފާތު އެކި ޚަބަރުތައް ފެތުރިފައިވާތީ…..” ރާނީ މަލްޝަބާ ވިދާޅުވިއެވެ. ނަމަވެސް ބަސް ފުރިހަމަ ނުވަނީސް ޢަމީރު އާލިކް ވާހަކަދައްކަން ފެށިއެވެ. “އެ ޚަބަރުތަކަކީ ތެދުކަމަށް ހީކޮށް، ރާނީ އަހަންނަށް މަޖުބޫރުކުރީ ގަނޑުވަރަށް ހާޒިރުވުމަށް…ރަސްގެފާނާއި ވަޒީރުންގެ ހިތްޕުޅާޖެހިލައްވާނީ އެއިރުން ކަމަށްވާތީ….އަދި މުޅި ޝާހީ އާއިލާގެ ހަމަޖެހުން ވެސް އަންނާނީ އެފަދައިން ކަމަށްވާތީ…” ޢަމީރު އާލިކު ބުނެލިއެވެ. ރާނީ މަލްޝަބާ ތަޙްތުން ފައިބާ ޢަމީރު ކުރިމަތީ މަޑުކޮށްލިއެވެ. “ޝުކުރިއްޔާ ޢަމީރު، ޙާލަތު ވަޒަންކުރެއްވީތީ، އަހަރެންގެ މި ޝުކުރު ބަލައިގަނޭ….” ރާނީ މަލްޝަބާ މިފަދައިން ބުނުމަށްފަހު ކުރުނީސްކުރިއެވެ. “ރާނީ ޝުކުރު އަދާކުރާކަށް ނުޖެހޭނެ…ތިޔައީ ރާނީ، ރަސްގެފާނުގެ މަންމާފުޅު، އަހަންނަކީ ކަމަނާގެ ދަށުން ހުރި ޢަމީރެއް….ތިޔަފަދައިން ކުރުނީސްނުކުރޭ…” ރާނީގެ ޢަމަލު ޢަމީރު ހުއްޓުވިއެވެ. ” މި ޝަހަރަށް ޓަކައި އެންމެ ފަހަރަކު ޝުކުރު އަދާކުރުމަކުން ކޮބާ މައްސަލައަކީ؟….މަނިކުފާނުގެ ވަޢުދު އުވާލައްވައިފީމު…..ގަނޑުވަރުގައި މަނިކުފާނުގެ ދަރުބާރުގައި ރަސްގެފާނަށް ޚިދުމަތްކުރެއްވުމަށް މަޑުކުރައްވަންވީނުން….” ރާނީ ޖެހިލުންވެފައި ނަމަވެސް ބުނެފިއެވެ. “ނޫން…” ޢަމީރުގެ ދެކޮޅު ހެދުމުން މަޖިލީހުގައި ސައްލާކުރުމުގެ އަޑު ގަދަވެއްޖެއެވެ. ތަފާތު ވާހަކަތައް އެބައި މީހުންގެ މެދުގައި ދެކެވެންފެށިއެވެ.

“އަހަރެން ގަނޑުވަރާ ދުރުގައި ވަރަށް ދުވަހު އުޅެފިން، އަހަރެން ބޭނުމެއް ނޫން އެނބުރި އަންނާކަށް، ގަނޑުވަރަށްވުރެ ޝަހަރު ހިމާޔަތްކުރުމުގައި ހުރުން މާ ގުޅޭ…” ހިނިތުންވެފައި މަޑުމައިތިރި ކަމާއިއެކު ޢަމީރު ވިދާޅުވިއެވެ. ރަސްގެފާނާއި ރާނީ އަދި ވަޒީރުން އިސް ޖަހާލިތަން ފެނުމުން ކުޑަ ހިނިތުންވުމަކާއިއެކު ވާހަކައައިގެން ކުރިއަށް ދިޔައެވެ. “އެންމެ ރަނަގޅު، ރަށު ތެރޭގައި އަހަރެންގެ ވާހަކަތައް އޮތީ ފެތުރިފައި، މިއަދު އަހަރެން ބޭނުން އެކަމަށް ނިމުމެއް ގެންނަން، ފަހަރުގައި މީ މަރުޙަބާގެ ވެދުމަކަށް ވެސް ވެދާނެ….” ޢަމީރު އާލިކް ވިދާޅުވިއެވެ. “ކިހިނެއް ނިމެއް ގެންނާނީ؟…” ރާނީ މަލްޝަބާ ވިދާޅުވެއްޖެއެވެ. “އަހަރެން ވަޢުދުވަން އަހަރެންގެ މުޅި ޢުމުރު ޝަހަރުގެ ބޯޑަރު ހިމާޔަތްކުރުމުގައި ދެމިހުންނަން، އަހަރެން ވަޢުދުވަން މި ޙަޔާތުގައި އެއްވެސް މީހެއްދެކެ ލޯބި ނުވާން އަދި ކައިވެންޏެއް ނުކުރާން، ދަރިއަކު ވެސް ނުހޯދާން، ހަމައެކަނި ހުންނާނީ މި ނަފުސު، އަނތްބަކާއި ދަރިއަކު ނެތްކަމަށްވާނަމަ އެއްވެސް ސަބަބެއް ނޯންނާނެ އަހަރެންނަށް ތަޙްތު މިލްކުވާނެކަމުގެ….އޭރަށް ރަސްގެފާނާއި ކަމަނާގެ ހިތްޕުޅާ ހަމަޖެހިލައްވާނެ އަދި ވަޒީރުންގެ މެދުގައި ޚިޔާލު ތަފާތު ވުމެއް ވެސް ނޯންނާނެ، ޝާހީ އާއިލާގެ މެދުގައި ހަމަޖެހުން ދާއިމަށް އޮންނާނެ ކަމުގެ ފާލަމެއް ކަމުގައި މި ވަޢުދު ވެގެންދާނެ، އަދި އަހަރެންގެ އަމިއްލަ ނަފުސަށް ވެސް ހިތްހަމަޖެހުން ލިބިގެންދާނެ…..” ޢަމީރު އާލިކު ވިދާޅުވިއެވެ.

ޢަމީރުގެ މި ވަޢުދާ އެންމެން ވެސް އެއްބަސްވެއްޖެއެވެ. އެންމެންގެ ހިތް ހަމަޖެހުން ކަމުގައި މި ވަޢުދުވެގެން ދިޔައިރު މިއީ ކިހާ ބޮޑު ކަމެއްކަން އަންދާޒާ ވެސް ނުކުރެވެއެވެ. “މަނިކުފާނު، ޔަޤީންތަ؟…” ރާނީ މަލްޝަބާ އަދި ވެސް ޔަޤީން ކުރަން ސުވާލު ކުރިއެވެ. އެކަމަށް އެއްބަސްވެ އެ ޔަޤީންކަން ޢަމީރު އެރުވިއެވެ. “މަނިކުފާނު، ތިޔަ ވިސްނުންފުޅަށް ޝުކުރުވެރިވަން، ޙާލަތު ވަޒަންކުރެއްވިތީ ޝުކުރިއްޔާ….” ބޮޑުވަޒީރު ޝުކުރުއަދާކުރިއެވެ. ހަމައެފަދައިން ދެން ތިބި ވަޒީރުން ވެސް އެއް އަޑަކުން ކުރުނީސްކޮށް ޝުކުރުއަދާކުރިއެވެ. “ނަމަވެސް….އަހަރުމެން ޖެހިލުންވޭ މަނިކުފާނުދެކެ، މަނިކުފާނުގެ ނަމާއި ލަޤަބު މުޅި މި ޝަހަރަށްށާއި ޝަހަރުން ބޭރަށް ވަނީ ފެތުރިފައި…ތިޔައި ޖެހިލުންވާފަދަ ޢަމީރެއް…މަނިކުފާނާއި ޖަދަލުކުރަންވެއްޖެ ނަމަ އެވެވެނީ ޙިޔާނާތަކަށް….” ވަޒީރަކު ބުނެލިއެވެ. ޢަމީރު އާލިކު އެއްޗެކޭ ނުބުންޏަސް ހުންނެވީ ހިނިތުންވެފައެވެ. “މަނިކުފާނު، އަހަރެންގެ އެބައޮތް އެދުމެއް….” ބޮޑުވަޒީރު ވިދާޅުވިއެވެ. “ބޮޑުވަޒީރު ވިދާޅުވޭ….” ޢަމީރު ފުރުސަތު ދިނެވެ. “އަހަރެންގެ އެބަހުރި އަންހެން ކުއްޖެއް….ނަމަކީ ނޫރީން، ލަޤަބަކީ ޢަމީރާ، މަރްހޫމް ރަސްގެފާނު ވަނީ ޢަމީރާ ނޫރީން އާއި ތާޖުގެ ވެރި ޢަމީރާ ކައިވެނި ހަމަޖައްސަވާފައި…މަނިކުފާނު ޤަބޫލުފުޅުކަމަށްވާނަމަ މަނިކުފާނުގެ އަރިހުގައި ކަންކަން އުނގެނި ދަސްކުރުމަށް ޓަކައި މަނިކުފާނުގެ ދަރިވަރެއް ކަމަށް ޤަބޫލުކުރައްވާނަން ތޯ؟…” ބޮޑުވަޒީރު އެދިލެއްވިއެވެ.

“ހެއްހެއް، އެހެންވެއްޖެނަމަ ޝާހީ އާއިލާ އާއި ބޮޑުވަޒީރުގެ އާއިލާ އަދި ޢަމީރު އާލިކުގެ ލަޝްކަރީ ގަނޑުވަރު ޝަހަރުގެ ބާރު އޮތް ތިން ބައި ވާނީ ގުޅިފައި…އެކަކު އަނެކަކާ ދުރުވުމެއް ނެތި….” ރާނީ މަލްޝަބާ ވަރަށް ބޮޑަށް ހިނިތުންވެ ހުރެ ވިދާޅުވިއެވެ. ވަޒީރުން ވެސް އެކަކު އަނެކަކަށް ބަލާލުަމށްފަހު ބޮލުން އިޝާރަތްކޮށްލީ އެކަމަށް އެއްބަސްވާކަން އަންގައިދޭ ރަމްޒެއްގެ ގޮތުގައެވެ. “މަނިކުފާނު، މި ނިކަމެތި ނަފުސު މި ކަމަށް މި އެދެނީ ތެދުވެރި ހިތަކާއިއެކު، ކުރީގައި ވެފައި އޮތް ކަންކަން ހަނދާންނެތިދާނެ ނިޝާނެއް ކަމުގައި އަސްކަނީ ހަވޭއްޔާއި ޢަމީރު އާލިކުގެ ލަޝްކަރީ ގަނޑުވަރުގެ ގުޅުން ވެގެންދާނެ…” ބޮޑުވަޒީރު އިތުރުކޮށްލިއެވެ. ނަމަވެސް އެމީހުންގެ މަޤްޞަދު ޢަމީރަށް ވިސްނުނެވެ. ކޮންމެ ގޮތެއް ވިޔަސް ޤަބޫލުކުރުން މަޖުބޫރުކަން އެނގިއްޖެއެވެ. ނޫނީ އަނެއްކާ ވެސް ފެތުރޭނީ އަނެއް ޚަބަރެވެ. ވުމާއިއެކު، ބޮޑުވަޒީރުގެ ހުށައެޅުން ޢަމީރު ޤަބޫލުކުރިއެވެ.

*ނުނިމޭ*

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

އިންސާފު ލިބޭނެބާ – 06

Next

ހެޔޮހިތުން މަންމައަށް

Next
December 21, 2024

ހެޔޮހިތުން މަންމައަށް

Previews
December 21, 2024

އިންސާފު ލިބޭނެބާ – 06

7 Comments!

  1. Your fav bab says:
    December 21, 2024 at 2:01 pm

    Very beautiful and interesting
    Thankolheh maith bahuruvain vaahaka dhahkaafa ineema get vaan udhagoovi!
    But the story was impressive
    When next?

    1. Mysterious Woman says:
      December 21, 2024 at 3:03 pm

      the story style plan kohfa inaany thankolheh mai bahun vaahaka dhahkaa gothah since this is a historical story eh veema….hehe thanks anyways….improve kuran v kankan bunela dhehchey 🙂

  2. Your fav bab says:
    December 21, 2024 at 6:43 pm

    Hi mysterious women!!!!
    I’m gonna up a new story very soon!!!!
    Will I meet u in my comment section?

    1. Mysterious Woman says:
      December 21, 2024 at 7:54 pm

      Hii!!
      ooohh that’s cool
      Why not?? if u publish a new story insha allah i will comment.. 🙂

  3. Your fav bab says:
    December 21, 2024 at 8:00 pm

    Mysterious women!!!!!
    I have a prob.
    I can’t see nor leave a comment after I logged

  4. Naya says:
    December 22, 2024 at 11:36 pm

    Knme ves english series eh sifa vany 😅

    Can u name it if ut is?

    Anyway story is beautiful

  5. Your fav babe says:
    December 31, 2024 at 11:18 am

    Mysterious womeeeeennnnnnnnn!!!!!!
    When will u up the next part??????

Comments are closed.



All Right Reserved!