ބަދަލު
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ރާޅުޖަހާ ހިސާބުގައި އިށީނދެލައިގެން އަންހެން ކުއްޖަކު އިނެވެ. އެ ކުއްޖާގެ މިލައިފައިވާ މޫނުގައި ވަނީ އިންތިހާ ދަރަޖައިގެ ވަރުބަލިކަމެވެ. ދެލޯ ރަތްވެ ދުޅަވެފައި ވަނީ ރޮއިގެން ކަން އެނގެއެވެ. މިފަދަ ވަގުތެއްގައި އެކަނިމާއެކަނި އެ ފަދަ ހިސާބެއްގައި އިންނަން ކެރޭނީ ހާދަ ވަރެއް ވެގެންނެވެ.
ސާދަވިލޭރޭގެ ހަނދުގެ ރިހިއަލިން މޫދުގެ ލޮނުގަނޑު އޮތީ ރިހި ފަތްގަނޑެއް ހެން ވިދަވިދައެވެ. ޖެހެމުން ދިޔަ ލުއި ވައިރޯޅިތައް އެ އަންހެން ކުއްޖާގެ އިސްތަށިގަނޑަށް ގޯނާ ކުރަމުން ދިޔައެވެ. ދޭތެރެއަކުން ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ އަޑުން ތަނުގެ ހަމަހިމޭންކަން ނަގާލައެވެ. މި ހިތްފަސޭހަކަމުން ވެސް އެކުއްޖާއަށް ހިތްހަމަޖެހުމެއް ނުލިބޭ ކަހަލައެވެ.
“ޒާޔާ!” ވަރުގަދަ އަތްތިލައެއް އެ އަންހެން ކުއްޖާގެ ކޮނޑުމަތީގައި ބާއްވާލިއެވެ. ސިހިފައި އެކުއްޖާ އެނބުރި ބަލައިލިއިރު ފެނުނު މީހެއްގެ ސަބަބުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. ވާނީވެސް އެހެންތާއެވެ. ދުނިޔޭގައި ވީހާ ރީތިކަމެއް ހުސްކޮށްލައިގެން ހުރި ޒުވާން ފިރިހެން ކުއްޖެކެވެ. ކަޅުކުލަ ގަދަ އިސްތަށިގަނޑު ކަންފަތާއި ހަމައަށް ދިގުކުރެވިފައިވެއެވެ. ބާމަތި ފުޅާވެފައި ދިގު އިސްކޮޅެއް ހުއްޓެވެ. ކިރުކުލައިގެ އޮމާން ހަންގަނޑެކެވެ. ދަގަތްފާނު ދަމާބާރެއް ހުރި ވިލުނޫކުލައިގެ ދެލޮލެވެ.
“ތިއީ ކާކު؟ ކިހިނެއް އަހަރެންގެ ނަން އެނގުނީ؟” ޒާޔާ އެހިއެވެ. “މިކްޔަލް. އަހަރެން ޒާޔާ އާއި ބައްދަލުކޮށްލަން ބޭނުންވެފައި ހުންނާތާ ވަރަށް ގިނަ ދުވަސް ވެއްޖެ. ދެން ތިހާ ރީތި ކުއްޖެއްގެ ގޮތް ނޭނގި ހުންނާނެތަ؟ ކީއްވެތަ ތި ރޮނީ. ނުރޮއި ހުއްޓާލަބަލަ.” ޒާޔާއާއި އެއްހަމައަކަށް ތިރިވެލައިފައި އޭނާގެ ކޯތާފަތްމަތިން ދަތުރުކޮށްލައިފައި ދިޔަ ކަރުނަ ތިއްކެއްގައި މިކްޔާލްގެ ރަތް ތުންފަތް ޖައްސާލިއެވެ.
“އަހަރެން އިންނަން އުޅުނު ކުއްޖާ އަހަރެންނަށް ބޭވަފާތެރިވީ.” މިކްޔާލްގެ ޢަމަލުން ސިހިފައި އިނދެ ޒާޔާ ބުނެލިއެވެ. “އެއްކަލަ ޖައިޝަމް ދޯ! ދެން އެކަމާ ވިސްނާނެ ކަމެއް ނެތެއްނު. އަހަރެން މި ހުރީ ވިއްޔާ! އަހަރެން ޒާ ދެކެ ލޯބިވޭ.” މިކްޔާލްގެ އެ ޖާދޫކުރަނިވި އަޑުން ޒާޔާގެ ހިތާ ކުޅެލައިފިއެވެ.
“ޒާ ބޭނުމިއްޔާ އަހަރެން ވަގުތު ދީފާނަން. އެކަމަކު ދެން ކެތްކުރެވޭނީ ވަކި މިންވަރަކަށް އިނގޭ.” މިކްޔާލް ޒާޔާގެ ތުންފަތުގައި އިނގިލި ހިންގާލަމުން ކަނދުރާގައި ވަސްގަތެވެ. މި ނުބައި ޢަމަލުތަކަށް ފުރަގަސްދޭން ޒާޔާ ނުކުޅެދުނު ކަހަލައެވެ. މިހާރު ހީވަނީ އެ ނުދަންނަ ޒުވާނާ އޭނާގެ ސިކުނޑިއަށް ބާރު ފޯރުވާ ހެންނެވެ. “ކީއްކުރަން ވަގުތު ދެނީ؟” ޒާޔާ ލަދުރަކި ގޮތަކަށް އިސްޖަހާލިއެވެ. “މި ބުނީނުން ޒާ ބޭނުމިއްޔާއޭ. އެހެންނޫނީ ހަމަ މިހާރުވެސް އަހަރެންގެ މީހަކަށް ވާންވީ. ދުވަހަކު މީހަކު ނުދޭ ވަރަށް ލޯބި ލިބޭނެ. ދެން އިޝާރާތެއް ކޮށްލަބަލަ.” މިކްޔާލްގެ ހިނިތުންވުމުން ޒާޔާގެ ހިތް ކަތިލެވިގެން ދިޔައެވެ. ކިހިނެއް ކީއްވެގެން ކަމެއް ނޭނގެއެވެ. އެހިނދުކޮޅުގެ ތެރެއިން އެކަނިވެސް ޒާޔާގެ ހިތް ލަންބުވާލައިފިއެވެ.
ޒާޔާ ލަސްލަހުން ކުރިއަށް ޖެހިލައިފައި މިކްޔާލްގެ ކޯތާފަތަށް ބޮސްދިނެވެ. މި ޢަމަލުން މިކްޔާލްގެ ދެލޯ ވިދައިގަތެވެ. މަޑުމަޑުން ޒާޔާގެ މޭގައި އަޅާ ކޮށްޕާލައި ދޮންވެލިގަނޑު މައްޗަށް ވައްޓާލިއެވެ. މިކްޔާލް އޭނާގެ ދެއަތް ދޮންވެލިގަނޑުގައި ވިއްދާލައިފައި ޒާޔާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އޭނާގެ އެ ނުބައި އެދުމަށް ޒާޔާއަށް އިޖާބަދެވުނީ ވެސް ނޭނގި ހުއްޓައެވެ. މިކްޔާލްގެ ހޫނު ނޭވާތައް ޒާޔާގެ މޫނަށް އެޅުމުން ދެލޯ މަރާލެވުނެވެ.
މިކްޔާލްގެ ޢަމަލުން ޒާޔާގެ ފިޔާތޮށިކުލައިގެ ތުންފަތް ރަތްކުލައަކަށް ބަދަލުވިއެވެ. ޒާޔާއަށް ނޭނގުނީ މިކްޔާލް އޭނާގެ ތުންފަތުގެ ފޮނިމީރުކަން ޙާޞިލުކުރަމުން ދިޔަވަރަކަށް މިކްޔާލްގެ ވިލުނޫކުލައިގެ ކަޅި ރަތްކުލައަކަށް ބަދަލުވަމުން ދިޔަ ކަމެވެ. ކިރުކުލައިގެ ހަންގަނޑު މަޑުނޫކުލައަކަށް ބަދަލުވަމުން ދިޔަކަމެވެ. އަދި ޒާޔާގެ ހަށިގަނޑުން ހަކަތަ ނެތެމުން ދާ ކަމެވެ.
ޒާޔާގެ ޢިތްފަތްތެރިކަން ފޭރިގަތުމަށްފަހު މިކްޔާލް އެ ފޭރާމެއް ނެތް ތުނި ހަށިގަނޑުމަތީގައި އިށީނދެލިއެވެ. އޭރު ޒާޔާގެ ދެލޯ ވަނީ މެރިފައެވެ. މިކްޔާލްގެ ދަތްތައް ވަނީ ތޫނުވެ، ދިގުވެފައެވެ. އިސްތަށިގަނޑުގެ ކުލަ ވަނީ ފެހިކުލައެއްގައެވެ. ”ހެހެހެ ލޯބީ! ހާދަ ފަސޭހައިން އަހަރެންގެ މަޅީގަ ޖެހިއްޖޭ. އެކަމަކު އަދި ދޭން ޖެހޭ ބަދަލު ދީފަ ދޯ ދޫކޮށްލެވޭނީ” މިކްޔާލް ދެން ޒާޔާގެ ކަނދުރާ ދޮށުން ހަންގަނޑަށް އޭނާގެ ތޫން ދަތްތައް ކޮށްޕާލިއެވެ. ހޭވެރިކަމެއް ނެތްނަމަވެސް ޒާޔާގެ އަނގައިން ވޭނީ ‘އާހް’ ތައް ބޭރުވަމުން ދިޔައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި މިކްޔާލްގެ ސޫރަ ގެއްލުނެވެ. ވަޔަށް ތަޙައްލަލު ވެގެން ދިޔައީކަމެއް ނުވަތަ ބިންގަނޑު ފަޅާލައިފައި އަޑިއަށް ވަނީކަމެއް ނޭނގެއެވެ. ދެން ފެނުނީ ޒާޔާގެ ހަށިގަނޑު އަމިއްލައަށް ކޮޅަށް ޖެހުނު ތަނެވެ. ކުރިން ހިނގައިދިޔަ އެއްވެސް ކަމެއްގެ އަސަރު ފެންނާކަށް ނެތެވެ. ލައިގެން ހުރި އަންނައުނުގައި ވެސް އެއްވެސް ތަފާތުކަމެއް ނެތެވެ.
ޒާޔާ ކުރިއަށް ހިނގައިގަތް އިރު ދެ ލޮލަށް ރަތްކުލައެއް ފާއްދާލައިފައި ވިއެވެ. ދެން އެސްފިޔަ ޖަހާލެވޭހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާ ހުރީ ކޮކާގޭގެ ދޮރުމަތީގައެވެ. އޭނާ އެ ގޭގެ ތެރެއަށް ވަނީ ދޮރުގައި އަތްނުލައި ފާރުތެރެއިންނެވެ. ފުރަތަމަ ވެސް ޒާޔާގެ ލޮލުގައި އަޅައިގަތީ ފެންޑާގެ ބޮޑު އަށިމަތީގައި ނިދައިފައި އޮތް އިސްމާޢީލެވެ. ސިކުންތެއް ވެސް ލަސް ނުކޮށްލާ އޭނާ އެދިމާލަށް ގޮސް ހުއްޓުނެވެ. އޭރު އޭނާގެ ހަށިގަނޑަށް ވަނީ ތަޞައްވުރު ކޮށްލަން އުނދަގޫވާހާ ބިރުވެރި ބަދަލުތަކެއް އައިހެވެ.
ނިޔަފަތިތައް ދިގުވިދިގުވީނުން އެއްޗެއްގައި ދެފޫޓު ހަމަވެއެވެ. އިސްތަށިގަނޑުގެ ކުލަ ވަނީ ވަޅުފެހިކުލައެއްގައެވެ. ހަންގަނޑު ކުރަކިވެފައި ހޫނެވެ. ދަތްތައް ދިގުވެފައި ތޫނެވެ. ފައިތިލައިގައި ތޫނު ކަށިތަކެއް ފަޅައިފައި ހުއްޓެވެ. ފެނިއްޖެ މީހަކަށް މިހާރު އެ ހަށީގައި ހިނގަނީ އިންސާނެއްގެ ބާރު ނޫންކަން ޝައްކެއް ނެތި އެނގޭނެއެވެ.
ޒާޔާ ގޮސް އިސްމާޢީލުގެ ކަރަށް ނިޔަފަތިތައް ހަރާލާ، ބޮލާއި ކަނދުރާ ވަކިކޮށްލީ ހަޅޭއްލަވާނެ ފުރުސަތެއް ނުދީއެވެ. އެ ވަރުން ނުވެގެން ހަށިގަނޑުގެ ބައިތައް ދަމާ ކުދިކުދިކޮށް ސިފަ ވަކިނުވާނޭ ވަރުކުރިއެވެ. ދެން އިވުނީ އެހާމެ އިންސާނިއްޔަތުކަން ނެތް ނާމާން އަޑަކުން ހިނިގަނޑެއް ޖަހާލި އަޑެވެ. އޭރު ތަޅުންގަނޑު ވަނީ ލެއިން ކަޅިވެފައެވެ.
އެއަށްފަހު ޒާޔާ ދިމާކޮށްލީ އެތެރޭގައި ހުރި ކޮޓަރިތަކަށް ވަންނާށެވެ. ފެނުނު ހާ ބަޔަކު މަރާ ހަފުސްކުރަމުން ގޮސް ޖައިޝަމްގެ މުޅި ޢާއިލާ ސުންނާފަތިކޮށްލައިފިއެވެ. “ޒާޔާ ކަލޭމެން ދެކެ ލޯބިވީ ކަމުގެ ސަޒާ މިއީ.” ޖައިޝަމްގެ ހިތްނަގާ ފިއްތާލަމުން ޒާޔާ ބުނެލިއެވެ. ދެން ނުކުންނަން ދިޔައިރު އޭނާގެ ސިފަ ވަނީ އިހު ހުރިގޮތަށް ބަދަލުވެފައެވެ.
“ދަރިފުޅާ! ކީއްވެ އެހާ ލަސްވީ؟” ޒާޔާ އައިސް ގެއަށް ވަނުމާއި އެކުހެން މަހުދީ އެހިއެވެ. އޭރު ދަންވެ ތިނެއް ޖަހައިފާނެއެވެ. “ޖައިޝަމްގެ ގާތަށް ދިޔައީ. އެކަމަކު އޭނާ އޮތީ ޖަނައްތައަށް ބޮޑުދައިތަ ކިޔާ ކުއްޖަކާ ތަތްވެގަނެގެން. ދެން އަހަރެންނާއި ކައިވެނި ނުކުރާނެ ކަމަށް ބުނެ އެތިވަރު ގޮވާލައިފަ އެ ގެއިން ނެރެލީ. ޖަނައްތަ ވެސް ވަރަށް އެއްޗެހި ކިޔާލި. އަހަރެން ހިތުގައި ޖެހިފައި ހުރި ވަރުން ގޮސް ގޮނޑުދޮށުގައި އިނީ. ދެން ރޯން އޮއްވަ ނިދިއްޖެ. ދެންމެއަކު ހޭލެވިގެން މި އައީ.” ޒާޔާ އެއްވެސް އަސަރެއް ނެތި ބުނެލިއެވެ. އޭނާ އެންމެ ފަހަރަކު ވެސް އިސް އުފުލާލާ ބަލާ ނުލައެވެ. މަހުދީ ކަންބޮޑުވެފައި ހުއްޓެއް ކަމަކު އިތުރު ސުވާލެއް ނުކޮށް ޒާޔާ ނިދަން ފޮނުވާލިއެވެ.
ޖެހިގެން އައި ދުވަހެވެ. ފަތިހުގެ ފިނިކަން ފެތުރިގަތުމާއި އެކު ވަށަފަރުގެ މަގުތަކަށް މީހުން ނުކުންނަން ފަށައިފިއެވެ. އަންހެންވެރީން ފޯރީގައި ކުނިކަހަނީއެވެ. ފިރިހެންވެރިން މަހަށްދިއުމުގެ މަގުމަތީގައެވެ. އަނެއްބަޔަކު ރާބަދި ވައްޓާލައިގެން ދެއެވެ. ރަށުތެރޭގައި ފެންނަން އޮތީ އެއްބައިވަންތަކަމާއި މުރާލިކަމެވެ.
“ހައްވާ! ޖަނާ މިއަދު ކޮބާތަ؟ ކުނި ކަހާލަން ވެސް ނުނުކުމޭ.” ސަކީނާ ހިންދެމިލަމުން އެހިއެވެ. “ނޭނގެ. ރޭގަ ދަނބިދަރިއަށް ހަދަން އުޅުނު ގޮއްޔައަށް ބަވާ އަޅާލަނިކޮށް ދުށިން. އޭގެ ފަހުން ދޮރުޖެހިގޮތަށް ހިލަން ވެސް ނުވޭ.” ހައްވަ ކުނިކަހަން އޮވެފައި ބުނެލިއެވެ. “އަންނާނަން ވަދެލާފަ. އެހެން އެހާ ފަސޭހައިން މަސައްކަތުން ބޯ ދަމައިގަނެވޭތަ؟” ސަކީނާ ގޮސް ކައިރީގައި ހުރި ކޮކާގޭގެ ދޮރުގައި ޓަކި ޖަހަން ފެށިއެވެ. އެތައް އިރެއްވީ އިރު ވެސް ހިލަމެއް ނުވުމުން ތަޅުގައި ހިފާ އަނބުރާލިއެވެ.
“ސުބުޙާނަﷲ” ސަކީނާގެ ތޫލި ހަޅޭކުގެ އަޑު މުޅި އެ ހިސާބުގަނޑުގައި ގުގުމާލިއެވެ. މަގުގައި ކުނިކަހަން ތިބި މީހުން ހާސްކަމާއި ކަންބޮޑުވުމުގެ ނަޒަރުތަކެއް ބަދަލުކޮށްލިއެވެ. ދެން ފެނުނީ ހިފައިގެން ހުރިނަމަހާ އިލޮށިފައްޗަކާއި އެހެން އެއްޗެއް ޖެހުނު ދިމާލަކަށް އެއްލާލައިފައި އެ އަންހެންވެރިން ދުވެފައި އެ ގެއަށް ވަން މަންޒަރެވެ.
އެމީހުން ވަން އިރު ފެންޑާގެ ފާރުގައި ޖެހިގަނެ، ދެލޯ ބޮޑުކޮށްލައިގެން ސަކީނާ ހުއްޓެވެ. އޭނާގެ ބިރުވެރިކަމުން ފުރިފައިވި ނަޒަރު އަމާޒުވެފައި ވަނީ ބޮޑުއަށީގެ ކައިރީގައި އޮތް މަސްގަނޑެއްގެ ބައިތަކަށެވެ. އިސްމާޢީލުގެ ސިފަގެއްލޭ ވަރަށް ކޮށާލައިފައި އޮތުމުން އެކަކަށް ވެސް އެއީ ކާކުކަން ދެނެގަންނާކަށް ނޭނގުނެވެ. މި މަންޒަރު ފެނި ހައްވަ ހޭނެތިގެން ބިމަށް ދެމިއްޖެއެވެ.
ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރަށުގެ ގިނަ ބަޔަކު އައިސް ކޮކާގޭ ވަށާލައިފިއެވެ. ރަށު ކަތީބަށް އެ މަންޒަރު ފެނިފައި ލިބުނީ ކުއްލި ސިހުމެކެވެ. އޭނާއަކީ ފަންޑިތަވެރިކަމުގެ މަސައްކަތް ދަންނަ އެ ކަހަލަ ކަންކަމުގައި އުޅޭ މީހެއް ކަމުން އެއީ އިންސާނެއްގެ ޢަމަލެއް ނޫންކަން އެނގިއްޖެއެވެ.
ކަށުކަމާކެމީގެ ކަންކަމަށް ފަހެވެ. ކޮޓަރީގައި ޒާޔާ އޮތީ ފޮތަކާއި ފަންސޫރެއް ހިފައިގެން އަށިމަތީގައެވެ. އޭނާ އޭގައި ކުރަހަމުން ދިޔައީ އިންސާނެއްގެ ޚިޔާލަށް ނުގެނެވޭވަރުގެ އެއްޗެހިނެވެ. ނުވެސް ދަންނަ ވައްތަރެއްގެ ބަހުރުވަޔަކުން ވާހަކަ ދައްކަމުން އޭގައި ލިޔުނު އެއްޗެއް ވެސް އެނގޭނީ ހަމަ އޭނާއަށެވެ.
ކަށުނަމާދުކޮށްގެން ގެއަށް އައިސް ވަނުމަށް ފަހު، މަހުދީ އެންމެ ފުރަތަމަ ވެސް ގޮސް ވަދެލީ ޒާޔާގެ ކޮޓަރިއަށެވެ. “ދަރިފުޅު ކީއްވެތަ މިއަދު އެއްވެސް ވަރަކަށް ކޮޓަރިން ނުނުކުމެ ތިއޮތީ. ޖަނާގެ ޢާއިލާ ނިޔާވެގެން މިހާރު ވަޅުވެސް ލައިފި.” މަހުދީ ހަށަންބަނދެލަމުން ބުނެލިއެވެ. “އަހަރެން ކީއްކުރަންތަ އެހާ ނުލަފާ ބައެއްގެ މޫނު ބަލަން ދާންވީ؟ އެންމެ ރަނގަޅަށް އެވީވެސް” ޒާޔާ ތެދުވެގެން އައިސް މަހުދީގެ ކުރިމަތީގައި ހުއްޓުނެވެ. ފުރަތަމަ ފަހަރަށް މަހުދީ ޖެހިލުން ވެއްޖެއެވެ.
“ތި..ތިއީ ޒާ..ޔާ އެއްނޫން. ކަލޭ ތި..އީ ކާ..ކު” މަހުދީ ފަހަތަށް ދެތިން ފިޔަވަޅު އަޅާލިއެވެ. “ކަލޭ ހަނދާން އެބަހުރިތަ މޭޒިނާ މަތިން. މަ މީ އޭނާގެ ދަރިފުޅު މިކްޔާލް.” މަހުދީގެ ގިރުވާނުގައި ހިފައިފައި ޒާޔާ ބުނެލީ ބަރުބަރު އަޑަކުންނެވެ. މަހުދީ ހީބިހިނަގައިގެން ގޮސް ބިރުން ހޭނުނެތުނީ ކިރިޔާއެވެ. އޭނާގެ ލޯ ކުރިމަތީ ސިފަވީ މީގެ ވިހި އަހަރު ކުރިން ކުރެވުނު ކުށެކެވެ. ނޭނގުމެއްގެ ތެރޭގައި ޖިންނި އަންހެނަކާއި ރޭކުރެވުމުން އޭނާ ހެދި ސިހުރެކެވެ. އެއީ ފަންޑިތަ ހަދައިގެން އެ ޖިންނި އަންހެނާ މަރާނުލެވުމުން އޭނާ ގޮތް ހުސްވެގެން ކުރި ކަމެކެވެ.
“ހަނދާންވެއްޖެ ދޯ! ކަލެއާ ހެދި މަގޭގެ ލޯބިވާ މަންމަ ހާދަ ޙާލެއްގައޭ އުޅުނީ އެނގޭތަ ކިހާ ބޮޑުވޭނާއި ކެކުޅުމެއް ތަޙައްމަލުކޮށްފައިކަން އެ ފަކީރު މިދިޔަ ހަފުތާ މަރުވެގެން ދިޔައީ. ކަލޭ ރަޙުމްކުޑަކަމުން އަހަރެންގެ މަންމައަށް އަސަރުކުރީ ހަމައެކަނީ ޖިސްމާނި ގޮތުންނެއް ނޫން. ކަލޭއަށް ކޮން ޙައްޤެއްތަ އޮތީ އެ ނިކަމެތި މަންމަ ބޭނުން ކޮށްލާފަ އެއްލާލަން. މަންމަ މަރުވުމުން ކަލޭ ހެދި ސިހުރުގެ ބާރު ކަނޑުވާލީ މަ. މަ މި ދުނިޔެއަށް އައީ ހަމައެކަނި އެންމެ ކަމަކު. ކަލޭގެ ކިބައިން ބަދަލު ހިފަން. ހައްހައްހާ!” ޒާޔާ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް އޭނާގެ ސިފަ ބަދަލުވަމުން ދިޔައެވެ. އޭނާގެ ހުނުމާއި އެކު ގުގުރާ ވިދާ އަޑުއިވެން ފެށިއެވެ.
“ދޫ…ކޮ…ށްލާ! އާދޭ…ސްކޮށްފަ މި…ބުނީ. ޒާޔާ އަށް ގޮ…ގޮތެއް ނުހަދާ. ކުރާ ކަމެއް އަ…އަހަރެންނަށް ކުރޭ.” މަހުދީގެ ދެލޮލުން ކަރުނަ ތިކިތިކި ވިދަން ފެށިއެވެ. “މި ކުއްޖާ މަރާލާކަށް ނޫޅެން. ހަމަ ކަލޭ ހެދިގޮތަށް މީނާ ވެސް ބޭނުންކޮށްލައިފިން. ކަލޭ މަރާލާފަ މި އަންހެން ކުއްޖާ މޮޔަކޮށްލާފަ ދޫކޮށްލާނީ!” މިކްޔާލްގެ އަޑު މިފަހަރުވެސް ޒާޔާގެ އަނގައިން އައީ ނުހަނު ބިރުވެރި ގޮތަކަށެވެ. ދެން ފެނުނީ މަހުދީގެ ފުރާނަ ދުއްވާލި މަންޒަރެވެ. މަރާލައިފައި ދޫކޮށްލީއެއް ނޫނެވެ. ބައިބައިތައް ނަގައި ރޮލާ ކައި ހުސް ކުރީއެވެ. އެންމެ ލޭތިއްކެއް ކީއްކުރަން، އެންމެ ކައްޓެއް ވެސް ނުބާއްވައެވެ.
“ތައްހާނުބޭ! އަހަރެންނަށް ކަމެއް ކޮށްދީބަލަ. މިއަދު މިރަށުގައި އާދަޔާ ޚިލާފު ހާދިސާއެއް ހިނގައިގެން އެބައުޅޭ. ކޮކާގޭގައި އުޅުނުހާ ބަޔަކު މަރާލާފަ އޮށްވާ ފެނިގެން މި އުޅެނީ. އަހަރެން ބެލިބެލުމުން އެނގުނު ގޮތުގައި އެއީ ފިރިހެން ޖިންނިއެއްގެ ޢަމަލެއް. ވަރަށް ބާރުގަދަ އެއްޗެއް ކަމަށް ފެންނަނީ.” ރަށު ކަތީބު ގޮނޑީގައި އިނދެ ވާހަކަ ދައްކަމުން ދިޔައީ ދުވަސްވީ ފިރެހެނަކާއިއެވެ. “މައްސަލައެއް ނެތް. އެއިން މީހެއްގެ ކަށިކޮޅަކާއި ލޭކޮޅެއް ބޭނުންވާނެ. ނަސީބު ދިމާކުރިގޮތުން މާދަން މި ދިމާވަނީ ހަނދުމަހުން ފަންސަވީސްވަނަ ދުވަހާ. މި ތަކެއްޗާއި މީހުން ކޮޅެއް ހޯދާލަދީ” ތައްހާނު ބުނެލިއެވެ.
ރޭގަނޑުގެ ވަގުތެވެ. ވަށަފަރުގެ އަތިރިމަތީގައި ފޭލިގެއެއް ފާޑުގެ އެއްޗެއް ޖަހައިގެން ތައްހާނާއި ރަށުކަތީބު ކޮންމެވެސް ބަނދިވަރެއް ކިޔަމުން ދިޔައެވެ. އެމީހުންގެ ބުނުމަށް އެފަދަ އެހެން ކިޔެވެލިގަނޑެއް ކިޔަވަން ދިހަ ފިރިހެނުން ތިއްބެވެ. ކިޔަވަކިޔަވައިފައި ތައްހާނުބޭ އިންސާނެއްގެ އަތުގެ ކަށިގަނޑެއްގައި ލޭ ހާކާލަމުން އަލިފާންގަނޑަކަށް ވައްޓާލިއެވެ. އެއާއި އެކު ހީވީ ފޭލިގެއަށް ހޮނުއެޅި ހެންނެވެ. އެ ތަނުގައި ތިބި މީހުންގެ ހިތުގައި ބިރުގެ އޮއިވަރެއް އުފެދުނެވެ.
ތިންވަނަ ފަހަރަށް ކިޔާވާލަމުން ނާއްޓެއްގެ ފެން އަލިފާންގަނޑަށް އޮއްސާލިއިރަށް އެ ތަނުން ޒާޔާގެ ސޫރަ ފައުޅުވިއެވެ. “އޭތް މިހިރަ ޖިންނިއާ. ކަލޭ މި އިންސާނާ ދޫކޮށްލާފަ ދޭ. އެހެންނޫނީ…” ތައްހާނު ހިތްވަރާއި އެކު އަޑަށްބާރުލަމުން ވާހަކަ ދެއްކިއެވެ. “އެހެންނޫނީ… އަންދާލާނީތަ؟ އަވަހަށް ކުރާކަމެއް ކުރޭ. މަގޭ ބޭނުން ޙާސިލުކޮށްފިން. ތި ކުރާ ކަމެއް ކޮށްގެން މަރުވި އެކެއްގެ ފުރާނަ އެޅުވޭނެކަމަށްތަ ހީކުރީ؟ ހަހަހަ” މިކްޔާލް އޭނާގެ އަމިއްލަ ސޫރަ ޒާޔާގެ ހަށިން ދައްކާލިއެވެ. ކިޔަވަން ތިބި މީހުން ބިރުން ތުރުތުރު އަޅައިގަތެވެ.
ތައްހާނުބޭ އިތުރު ނާށިގަނޑެއްގައި ހުރި ފެނެއް ނަގައިފައި މިކްޔާލްގެ މޫނަށް ޖެއްސެވެ. ވަގުތުން ޒާޔާގެ ހަށިގަނޑުން ވަކިވެގެން، މިކްޔާލް ވިއްސައިގެންގޮސް އަލިފާންގަނޑަށް ޖެހުނެވެ. ފުރުސަތަށް ބަލަބަލާ ހުރި ރަށު ކަތީބު އެހެން ނާއްޓެއް ފުރާ އަޅިކުނޑި އެއްޗެއް އަލިފާންގަނޑަށް އަޅާލިއެވެ. އެތަނުގައި ތިބި މީހުން އަޑުހަރުކޮށް ކިޔަވަން ފެށިއެވެ. މިކްޔާލަށް ލިބެމުން ދިޔަ ވޭނަށް ކެތްނުވެގެން ހަޅޭއްލަވައިގަތެވެ. ދެން ފެނުނީ މިކްޔާލްގެ ހަށިގަނޑު ފުށްކުނޑިތަކަކަށް ވެގެން ދިޔަ މަންޒަރެވެ.
ތައްހާނުބޭގެ މަސައްކަތުން ޒާޔާ ހޭ އެރުވުނީ އަނެއް ދުވަހެވެ. އޭނާގެ ހަނދާނުގައި އެއްވެސް ކަމެއް ނެތެވެ. ރަށު މީހުން އޭނާއަށް ހިނގައިދިޔަ ކަންކަން ސިއްރުކުރީ ޒާޔާ ހިތާމައިގެ ކަނޑަކަށް ވައްޓާލަން ބޭނުން ނުވާތީއެވެ. މި ހިނގައިދިޔަ ހިތާމަވެރި ހާދިސާގެ ވާހަކަތައް ރަށު މީހުންގެ ހިތުގައި ބިންވަޅުނެގިފައި ވެއެވެ. އެހެނަސް އެކަކަށް ވެސް ކަމުގެ އަސްލު ޙަޤީޤަތެއް ނޭނގެއެވެ.
– ނިމުނީ –
14 Comments!
Comments are closed.







Maashaa allah mi vaahaka vx varah varah reethi.
.white rose ge aa vaahaka akah ummeedhu kuran ☺️☺️
Shukran Vampire girl ✨✨
Varah reethi mi story maasha allah💜🦋
Shukran Butterflyyyyy
Oh ma God
Thank you whity!! Hoodh ge Nick name dhw??
Hehheheheh..
Your horror stories are very frightening I love it your description as well💗💗💗💗💗💗
Lysssm❤❤❤
Hope to read new stories from ya✨✨✨✨
Tc
Shukran Your fav bab ✨✨
It’s actually something I wrote for ur request. Happy u enjoyed it 😊😊
Yeah it’s hoodh’s nickname.
Lyt darl 💕💕
Tc
Maashaa Allah
Vvv happy white rose ge story eh anehkaa kiyaalan libunyma
V nice keep ur hard work ur a v talented author
Im a v big fan of u ✨
Shukran ^-^ ✨✨
Seriously admire ur unwavering support ☺️☺️
Masha Allah mi story ves varah reethi 😍
Sooo happy I finally got another beautiful story to read from you ❤️
Lots of love and support ❤️ 💕
Shukran No one 007.
v furihama vaahaka eh keep going …
just waiting another part
Shukran mr eddie 💕💕
Wow unexpected… I really like the ‘sifakurun and ibaaraaiy kurun of yours 😊😊😊 varah salhi. Love your stories, those are the best ones 🤍🤍🤍 Heenukuran mihaa avahah story eh kiyaalan libeyne kamah aslu. Ekam komme dhuvahakuves page ah vadhelanee hama white rose ge vaahaka eh kiyaalan libeyne kamuge ummeedhuga. Thank you soooooooo much white rose my girl 🌸🌸🌸 Love you and your amazing work 🤍🤍🤍
Shukran Berrycake!
mi ee aslu kurin liyefa in 2 kuru vhk in eh vhk. ehenve mi dhuvaskolhu ehaa faseyhain genevunii.
Vrh ufaavejje thikahala constructive comment eh kohleema