ދެވުނީ ވޭނޭ 22
ލީވާނަށް ދެލޯ ހަނިކޮށްލެވުނީ އަނެއް ލޭނުން ދުއްވައިފައި އައި ބޮޑު ލޮރީއެއް ފެނިފައެވެ. އޭގެ ލައިސެންސް ޕްލޭޓުގައި ވަނީ ކަޅު ދަވާދުލައިފައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ލީވާނަށް އެއީ ސަހަލު ކަމެއް ނޫން ކަން ދެނެގަނެވިއްޖެއެވެ. އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނީ ދަގަނޑު ފެންސު މަތިން އެ ލޭނަށް ވަދެގަންނަން ލޮރީ މަސައްކަތް ކުރާކަން އެނގުމުންނެވެ. އޭގެ އަމާޒަކީ މި ކަޅު ލައިޓްނިން ކަން ދެނެގަނެވުމުންނެވެ.
“ރީން. ހޯލްޑް އޯން” ލީވާން ހަރު އަޑު އެހެން ބުނެފައި ކާރު އަނބުރާލިއެވެ. ދެން ފެނުނީ މަގުގެ އެއްފަރާތުގައި ހުރި ރޭންޕެއް ކަހަލަ ފިލާގަނޑެއް މަތިން އަނެއް ފަރާތުގައި ހުރި ސެންޓްރަލް ޕާކުގެ ވިނަގަނޑު މައްޗަށް ކާރު ތިރިކޮށްލި މަންޒަރެވެ. އެ ވަގުތު އައި ބޮޑު ލޮރީ ގޮސް އެރީ އެ މަގުގައި އޮތް އެހެން ކާރަކަށެވެ. ކާރުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔަ އަޑު އެ ހިސާބުގައި ގުގުމާލިއެވެ. އެސްފިޔަ ޖަހާލެވޭހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މި ހިނގައިދިޔަ ކަންތައް މަގުގައި ތިބިހާ ބައެއްގެ ސަމާލުކަން އަތުލައިގަތެވެ.
“ރީން. އަވަހަށް އެންބިއުލެންސަކަށް ގުޅާ.” ލީވާން އެ ވާހަކަ ބުނެފައި ޕާކު ތެރޭ އެ ކާރު ދުއްވާލައިފައި ބޮޑު ދޮރުން މަގަށް ކާރު ނެރުނެވެ. އޭރު ލޮލުކޮޅަށް ގޮސް އެ ލޮރީ އޮބާލައިފިއެވެ. ލީވާން ކާރުން ނުކުމެގެން ގޮސް އެކްސިޑެންޓްވި ކާރާއި ދިމާލަށް މިސްރާބު ޖެއްސެވެ. އޭރު އެ ތަން ވަނީ ވަރަށް ހަލަބޮލި ވެފައެވެ. ނަސީބު ދިމާކުރި ގޮތުން ބިއްލޫރިތައް ހެރި ކާރު ދުއްވަން އިން މީހާ އަށް ވަނީ ވަރަށް އަނިޔާވެފައެވެ. ފުރާނައެއް ވަކިވެގެން ދިޔައީ އެ އެންމެންގެ ކުރިމަތީގައެވެ.
ލީވާންމެން ނައިސް ލަސްވާން ފެށުމުން ޒިޔާދު މަސައްކަތް ކުރީ ލީވާނަށް ގުޅާށެވެ. ސުމައްޔާ ވެސް ހުއްޓުމެއްނެތި އަރީންގެ ނަންބަރަށް ގުޅަމުން ދިޔައެވެ. އެހެނަސް އެއިން އެކަކު ވެސް ފޯނު ނަގާކަށް ނޫޅުނެވެ. އެއާއެކު އެ މާލަމުގައި ތިބި މީހުން ހާސްވެގެން ތެޅިގަނެއްޖެއެވެ.
އިރުކޮޅެއް ފަހުން އެ ހިސާބުގައި ފެތުރިގެން ދިޔައީ ފުލުސް ވޭނާއި އެންބިއުލެންސްގެ ސައިރެން އަޑެވެ. ލީވާން އެތަނުން ނެއްޓިގެން ގޮސް އަނބުރާ ކާރަށް އެރީ ލަސްވާތީއެވެ. އެހެން ނޫނަސް މިހާރު ވެސް ދާން ޖެހޭ ގަޑި ފަހަނައަޅައި ގޮސްފިއެވެ. ކާރަށް އެރުމަށްފަހު ގިޔަރަށް ލައި ދުއްވާލިއެވެ. އަރީން އޭނާގެ ފޯނަށް ނުކުޅަދާނަވާ ވަރަށް ގުޅަމުން ދިޔަ ސުމައްޔާގެ ކޯލަށް ޖަވާބު ދިނީ ދެނެވެ.
“ހަލޯ. ކީއްވެތަ އެހާ ލަސްވަނީ. މިހާރު ކައިވެނި އަޤުދުކުރާ މީހުން އައިސްފި.” އަރީން ފޯނު ނެގުމާއި އެކު ސުމައްޔާގެ ހާސްވެފައިވާ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. “އެކްސިޑެންޓެއް ވެގެން. ހަމަ ރީއްޗަށް ދުއްވާފަ ދަނިކޮށް ކޮންމެވެސް ބޮޑު ލޮރީއެއް ގަސްތުގައި ލޭނު ހުރަސްކޮށްލީ. ހަމަ މި ކާރާއި ދިމާލަށް އައީ.” އަރީން އެހެން ބުނެފައި ފޯނު ކަނޑާލީ ސުމައްޔާ ވަރުގަދަ ވާނުވާ ޑޮޓްކޮމް އަކަށް ދޫކޮށްލައިފައެވެ.
“އިއްސޭ. ބަލާބަލަ މިއޮއް ކަމެއް.” އަކްމަލް އޭނާގެ ފޯނުން ދައްކާލީ ވީޑިއޯ ކޮޅެކެވެ. މިވަގުތު ފޭސްބުކުގައި ވައިރަލްވެގެން އުޅުނު އެކްސިޑެންޓެއްގެ ވީޑިއޯ ކޮޅެކެވެ. އޭނާއަށް ލީވާން ދުއްވަމުން ދިޔަ ކާރާއި ދިމާލަށް އައި ލޮރީ ފެނިފައި މޭގަނޑު އަނގަޔަށް އައި ކަހަލައެވެ. ދެވަނަ ސިކުންތުގައި ހަމަޖެހިލެވުނީ ލީވާން މަގުގެ އެއްފަރާތަށް ޔޫ ޓާނެއް ނަގައިފައި ސެންޓްރަލް ޕާކު ތެރެއަށް ކާރު ވައްދާލި މަންޒަރު ފެނުމުންނެވެ. ސިކުންތުކޮޅެއްގެ ތެރޭ ލީވާން އެހެން ނުހެދިނަމަ ލޮރީ ގޮސް އަރާނީ އެ ކާރަށެވެ. ފަހަތުން އައި ކާރަކަށް ނޫނެވެ.
ކައިވެނީގެ މާލަމަށް ލީވާނާއި އަރީނަށް ވަދެވުނު އިރު އަށްގަޑި ސާޅީސް ފަހެއް ވަނީއެވެ. އަރީން ވަނުމާއި އެކު އެންމެންގެ ލޯތައް އޭނާއަށް އަމާޒު ވިއެވެ. އެކަން ރެއަކާ ލުމުން އޭނާ ލަދުގަތެވެ. އިސްޖަހާލައިފައި ގޮސް ޒަވިއަނާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އިސްވެ ދިޔަ ކަމަކަށް ސުވާލުކުރުމެއް ނެތި އަވަހަށް އަޤުދުކުރުމުގެ މަރުޙަލާ ފެށީ ޕާޓީ ފެށެން ކުޑަ ތަންވެފައި ވާތީއެވެ.
“އަނބި ޤަބޫލުކޮށްފިންތޯ؟” އެހެން އެހުމުން ޒަވިއަނަށް ހީވީ މީހަކު އޭނާގެ ކަރުގައި ހިފާ ފިއްތާލިހެންނެވެ. ދެން ބުނެލާ އެންމެ ބަސްކޯޅިއަކުން އޭނާގެ ދުޝްމަނާއި އެކު އުމުރަށް އުޅެން ޖެހޭނީއެވެ. އެހެނަސް އޭނާ ދެން ފަހަތަށް އެނބުރޭކަށް ބޭނުމެއް ނުވިއެވެ. މި ކައިވެނި ކުރުމަށް އެއްބަސްވުމަކީ އަރީނަށް އޭނާގެ އެޅޭނެ އެންމެ ކަތި ފިޔަވަޅު ދައްކާލާ ބަދަލު ހިފާލަން އޭނާ ބޭނުންވިއެވެ.
“އަނބި ޤަބޫލުކޮށްފިން.” ޒަވިއަންގެ ދުލުން އެ ލަފުޒުތައް ބޭރުވުމާއި އެކު އަރީނަށް އިސް އުފުލާލާ ބަލައިލެވުނީ ޤަބޫލު ނުކުރެވިގެންނެވެ. އެހެނަސް ދެވަނަ ސިކުންތުގައި އިސްޖަހާލަން މަޖުބޫރުވީ ޒަވިއަންގެ ނުރައްކާތެރި ނަޒަރު އޭނާ އަށް އަމާޒުވެފައި ވާތީއެވެ. އެ ދެމީހުން ލަސްނުކޮށް ގޮނޑިން ތެދުވީ ޕާޓީއަށް މެހުމާނުން އައިސް ވަންނަން ފެށުމުންނެވެ.
ޕާޓީއަށް ޚާއްސަކޮށް އެ ތަން ރީތިކޮށް ލެވިފައިވަނީ ފެންނަ މީހަކު އާޝޯހުވާހާ ފުރިހަމައަށެވެ. ފެއަރީ ލައިޓްތަކާއި އުއްބައްތިތަކާއި ބިއްލޫރި ޗާންދަލިޔާ ތަކުން އެތަނަށް އިތުރު ދިރުމެއް ގެނެސްފައިވާ ކަހަލައެވެ. މަޑު ދަނބުކުލައިގެ މަލާއި ފޮއްޗާއި އެހެނިހެން ޑެކަރޭޝަންތަކުން އެ ތަން ފަޅުފިލުވާލެވިފައި ވެއެވެ. ކެއުމަށް ޓަކައި ވަށް މޭޒުތައް އެ ހޯލުގައި އަތުރާލެވިފައިވެއެވެ. އެ ކޮންމެ މޭޒެއްގެ މަތީގައި ހުދު ފޮތިގަނޑެއް އަޅާ މެދުގައި އުއްބައްތިތަކާއި ލެވެންޑާ މަލުގެ ގުލްދަސްތާއެއް އޮތެވެ.
އަރީންމެން ހުއްޓިފައި ހުރި ބެކްޑްރޮޕް ވެސް ހަމަ އެހާ ޖާދޫކުރަނިވިއެވެ. ދަނބުކުލައިގެ ފޮއްޗާއި މަލާއި ލައިޓް ސްޓޭންޑްތަކުން އެ ތަން ޖަރީކޮށްލެވިފައި ވިއެވެ. ފޭކް ހިނިތުންވުމެއް ދައްކައިގެން ދެ މީހުން ވެސް ޕާޓީ އަށް އަންނަމުން ދިޔަ މެހުމާނުންނަށް ސަލާމްކޮށް ފޮޓޯ ނެގުމައިގެން އުޅެއެވެ. ކޮންމެ މީހަކު ވެސް އެ ޖޯޑު ގުޅޭ ކަމުގެ ވާހަކަތައް ދައްކަމުން ދިޔައެވެ.
ހުދުކުލައިގެ ބޮޑު ވެޑިން ޑްރެސްއެއް ލައިގެން ހުރި އަރީންގެ އުޖާލާކަން އިތުރުވެފައި ވެއެވެ. ކޮށްފައިވާ ލުއި މޭކަޕާއި ސާދާ ގޮތަކަށް އަޅާލެވިފައިވާ ހުދު ޝޯލްގެ ތެރެއިން އެ ދޮން މޫނު ފެންނަނީ ސާދަ ވިލޭރޭގެ ހަނދަށް ވުރެއް މާ ފުރިހަމަ ކޮށެވެ. އެ މޫނުމަތީގައިވީ ޗާލު ހިނިތުންވުން ފެނިފައި މޮޔަ ނުވާނެ ފިރިހެނަކު މަދުވާނެއެވެ. ހީވަނީ ދުނިޔޭގައި ވީހާ ރީތިކަމެއް ހުސްކޮށްގެން ހުރި ޕަރީއެއް ހެންނެވެ.
އަރީނާއި ޖެހިގެން ހުރި ޒަވިއަން ވެސް ތައްޔާރުވެލައިފައި ވަނީ ހަމަ އެހާ ފުރިހަމައަށެވެ. ދަނބުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އިރު އޭނާގެ ސްމާޓްކަން އިންތިހާއެވެ. އިސްތަށިގަނޑު ސްޓައިލް ކޮށްލެވިފައިވަނީ ވަރަށް ފުރިހަމަ ގޮތަކަށެވެ. އެ މޫނުމަތީގައި ކުޅެލެވިފައިވީ ހިނިތުންވުން ފެނި އޭނާ އަށް ޓަކައި ފިދާނުވާނެ އަންހެން ކުއްޖަކު މި އުޑު ހިޔާ ދަށުގައެއް ނުވާނެއެވެ.
ސުމައްޔާ އެއް އަތުން ކޯކްތައްޓެއް ހިފައިގެން ހުރި އިރު އޭނާގެ ނަޒަރު އަމާޒުވެފައި ވަނީ ސްޓޭޖް މަތީގައި ޒަވިއަންގެ ގާތުގައި ހުރި އަރީނަށެވެ. އޭނާއަށް މިއީ ރޭގަނޑު ފަދައިން އަރީން ހާސްވެ ބިރުގަންނާނެ ވަރު އެނގެއެވެ. ހިތާ ހިތުން ޒަވިއަނަށް އެއްޗެހި ކިޔަމުން ދިޔައިރު އޭނާގެ ވަށައިގެންވާ މާޙައުލުގައި ހިނގަމުން ދިޔަ ކަންކަން އިޙުސާސް ނުކުރެވޭ ކަހަލައެވެ.
މަޑު ދަނބުކުލައިގެ ސެޓިން ފޮތީގެ ހެދުމެއް ލައިގެން ހުރި ސުމައްޔާގެ ރީތިކަން މިއަދު ދެގުނަ ވެފައިވެއެވެ. ލުއި މޭކަޕެއް ކޮށް ދަނބު ކުލައިގެ ޝޯލް އެއް އަޅައިފައިވީ އިރު އެ ރީތިކަމަށް އެހެން ފިރިހެނުންގެ ކަތި ނަޒަރު އޭނާ އާއި އަމާޒުވަމުން ދިޔައެވެ. އިޙުސާނަށް ވެސް ސުމައްޔާ ހުރި ގޮތް ފެނި ނުބަލައެއް ނުހުރެވުނެވެ. އެ ދިމާލަށް މިސްރާބު ޖެހިއިރު އިޙުސާނުގެ ލޮލުގައި ތަފާތު ވިދުވަރެއް ވިއެެވެ.
“ޕިސްޕިސް. މިރޭ ވެސް މި ދެމީހުންނަށް ހިމޭނަކުން ނުހުރެވޭ ދޯ.” އިޙުސާނު ދިޔަ ދިމާލަށް ބަލައިލަމުން އަކްމަލް ބުނެލިއެވެ. ޕާޓީގެ ތީމާއި އެއްގޮތް ވާނެހެން އަކްމަލް އާއި ޒައިން ހުރި ހުދު ގަމީހެއްލައި މަޑު ދަނބުކުލައިގެ ޓައި އެއް އަޅައިގެންނެވެ. އަނެއްކޮޅުން ދަނބުކުލައިގެ ޖަމްޕްސޫޓް ހެދުމަކާއި ޝޯލެއް އަޅައިގެން ހުރި އަފާފް ފެންނަލެއް ނިކަން ހިތްގައިމެވެ. މި ރީތިކަމަށް ސިއްރު ކަޅި އުކަމުން ދިޔަ ޒައިނަށް ޕާޓީއަށް ސަމާލުކަން ދޭން ވެސް ހުރީ އުނދަގޫ ވެފައެވެ. އަނެއްކޮޅުން އަފާފްގެ ނަޒަރު ވެސް ޒައިނަށް އަމާޒުވާލެއް މަދެއް ނޫނެވެ. މިއިން ކަމެއް ރެއަކާ ނުލާ ޙާލު އަކްމަލް އުޅުނީ އެކި މީހުންނާއި ވާހަކަ ދައްކާށެވެ.
ކުއްލިއަކަށް މީހަކު ސުމައްޔާގެ ކޮނޑުގައި ކޮއްޓާލައިފިއެވެ. ލިބުނު ސިހުމުގައި ސުމައްޔާ އަށް ތެޅިގަނެވުނެވެ. އެއާއި އެކު އޭނާގެ އަތުގައި ހުރި ކޯކުތަށި ވެރުނީ އެ މީހެއް ލައިގެން ހުރި ހުދު ގަމީހަށެވެ.
“އޯހް ނޯ. ސޮރީ.” ސުމައްޔާ އަނގަމަތީގައި އަތް އަޅާލަމުން އެ ފަރާތްތައް އެނބުރުނެވެ. އޭނާއަށް ތުންފަތުގައި ދައިގަނެވުނީ އަލިފާނުގެ ބެލުމެއް ހަދިޔާކޮށްގެން ހުރި އިޙުސާނު ފެނިފައެވެ. އެ ސޮރު އެ ތަނުގައި އަޑުގަދަ ކޮށްފާނެ ކަމުގެ ބިރަށް ސުމައްޔާ އިޙުސާނުގެ އަތުގައި ހިފައިގެން ގޮސް ބޭރަށް ނުކުތެވެ. “ޔޫ ވަރުނީސް ތެލި، ކުނި ބަރަބޯ، ފަތު ސަޓަނިގަނޑާ. ހަމަ މިހާރު މި ދޮވެ ސާފުކުރޭ.” އިޙުސާނު ދެލޯ އަޅާލަމުން އެއްޗެހި ކިޔައިގަތެވެ. “ހޫން! ކަލެއެއްނު ފުރަތަމަ މަ ސިއްސުވާލީ. ނޫޅެން ދޮންނާކަށް.” ސުމައްޔާ ރައްދުގައި ބުނެލިއެވެ.
“ނުދޮވުނިއްޔާ ކަލޭ ބޮލަށް ކޯކުފުޅިއެއް އޮއްްސާލާނަން. މަ އަދި މިހިރީ ފޮޓޯ ވެސް ނުނަގައޭ.” އިޙުސާނު ދިނީ އިންޒާރެކެވެ. “ހަމަޖެހިބަލަ. ހަމަޖެހިބަލަ. ދޮވެދެވޭނީ ދޮންނާނެ ތަނެއް ހުރެގެންނެއްނު. އަހަރެން އުޅެނީ މި ތަނާ އެތައް މޭލެއް ދުރުގައޭ.” ސުމައްޔާ އިޙުސާނުގެ އަނގަމަތީގައި އަތް އަޅާލަމުން ބުނެލިއެވެ. “މަ ގެއަށް ގޮސްފައި ވިޔަސް ހެޔޮ. މިރޭ މި ދޮވެދޭން ޖެހޭނެ. މިއީ ލިނެން ފޮއްޗޭ. ކަލޭ ދެލޮލުން ތަރި ބުރައިގެން ދާހާ އަގުބޮޑު ވާނެ. އާދެ މަށާ އެކު މަ އުޅޭ އެޕާޓްމަންޓަށް.” އިޙުސާނު އަމުރުކޮށްލިއެވެ. ސުމައްޔާ އެ ނޫން އެހެން ގޮތެއް ނެތުމުން އިޙުސާނު ފަހަތުން ހިނގައިގަތެވެ.
އިޙުސާނު އޭނާގެ އެޕާޓްމަންޓު ތަޅުލުމަށް ފަހު ގޮސް ކޮޓަރި އަށް ވަނެވެ. ސުމައްޔާ ހިނގައިފައި ދިޔައިރު އެތެރެއިން އެ ސޮރަށް ހެއްދި ނެހެއްދިއަށް ގޮވަމުން ދިޔައެވެ. އިޙުސާނު ކޮޓަރި ތަޅުލައިފައި ސުމައްޔާގެ ކުރިމަތީގައި ހުރެ ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ. ގަމީސް ބާލައިފައި ސުމައްޔާގެ އަތަށް ވައްޓާލީ ދެލޯ ހަނިކޮށްލަމުންނެވެ. “ރީއްޗަށް ދޮންނަން ޖެހޭނެ. އެންމެ ލައްގަނޑެއް އިނަސް ނިމުނީ.” ސުމައްޔާގެ މޫނަށް ގުދުވެލައިފައި އޭނާ ބުނެލިއެވެ.
ސުމައްޔާ ތުން އަނބުރާލައިފައި ގޮސް ފާހާނައަށް ވަދެ މޫނު ދޮންނަ ސިންކު ކައިރީ ހުއްޓިގެން ހުރެ ގަމީސް ދޮންނަން ފަށައިފިއެވެ. “ހޫން. ވަރަށް ފޮނި ބޮޑު ވެއްޖެއެއްނު. ހުވާ މި ކުރި އެ ދެލޯ ކޮނެލާފަ ކާލާހާ ރުޅިއާދޭ. ކިރިޔާ ވެސް ރީތި ސިފައެއް ލައްވައިފައި ވަނީއެއް ނޫން. އަބަދުވެސް މަ ދަށްކޮށްލައިފައި. ދެން ނިކަން އެހެން އަމުރު ކޮށްލަބަލަ. މޫނުން ދިލަ ނަގާ ވަރަށް މޫނު މަތީގައި ވީއްލާލާނަން.” ދޮވެ ނިމުމުން އެ ގަމީސް ހިއްކަން ލަމުން ސުމައްޔާ އިޙުސާނަށް ކުދިކިޔަމުން ދިޔައެވެ.
މެޝިން ޖައްސައިފައި އެނބުރެލި ސުމައްޔާ ސިހުނީ އޭނާ އާއި ޖެހޭ ނުޖެހޭހާ ގާތުގައި ހުރި އިޙުސާނު ފެނުމުންނެވެ. “އުޕްސް” ސުމައްޔާގެ ދުލުން އެ ލަފުޒު ބޭރުވީ ބޭއިޚްތިޔާރުގައެވެ. އިޙުސާނު ދެފަރާތުން މެޝިނުގައި އަތް ވިއްދާލުމުން ސުމައްޔާ ހައްޔަރުވިއެވެ. “ހޫން! ކެރެންޏާ މަގޭ ލޯ ކޮނެލަބަލަ.” އިޙުސާނު ސުމައްޔާގެ މޫނާއި ޖެހޭ ނުޖެހޭ ހިސާބަށް ގުދުވެލިއެވެ. އެންމެ ނުރައްކާތެރި ދަރަޖައަށެވެ.
ސުމައްޔާގެ ޙާލަކީތޯއެވެ. އިޙުސާނުގެ ކިބައިން މި ފެންނަމުން ދިޔަ ސިފަތަކުން ފާޑަކަށް ޖެހިލުންވެއްޖެއެވެ. މިހާ ގާތުގައި ހުރެފައި ކޮންމެ ކަހަލަ ނުލަފާ ކަމެއް ވެސް ކޮށްފާނެއެވެ. އޭނާއަށް ސަލާމަތްވެގެން ދެވޭނެ ގޮތެއް ވެސް ނެތެވެ. އޭނާއަށް މި ހުރެވެނީ އިޙުސާނުގެ ޙުދޫދުގައެވެ. މި ތަނުގައި ހިނގާނީ އޭނާގެ ބާރެވެ. މިހާރު އޭނާއަށް އާދެވުނު މޮޔަ ހިތަށް އަރަން ފަށައިފިއެވެ. އިޙުސާނުގެ ހޫނު ނޭވާ އެހާ ގާތުން އިޙުސާސް ވުމުން އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެހެނަސް ދެކޮޅަށް ހަރަކާތެއް ކޮށްލަން ވެސް ނޭނގިފައި އޭނާ އަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ގަމީސް ނުލާ ހުރުމުން އެ ކަސްރަތީ ހަށިގަނޑު ވަނީ ހާމައަށެވެ.
ސުމައްޔާގެ ރީތި ސޫރަ އެހާ ގާތުން ފެނުމުން އިޙުސާނަށް ވެސް ތަފާތު ގޮތްތަކެއް ވިއެވެ. އަޅައިގެން ހުރި ޝޯލްގެ ތެރެއިން ފެންނަމުން ދިޔަ އެ މޫނުމަތީގައި ވަނީ މައުސޫމް ކަމެވެ. ފިޔާތޮށި ކުލައިގެ ލިޕްގްލޮސް ޖައްސާލެވިފައިވީ ތުންފަތަށް އޭނާގެ ކަޅި ހުއްޓުމާއި އެކު އެ ހިތުގައި ތަފާތު ރާގެއް ކުޅެލައިފިއެވެ.
“ނުކެރުނެއްނު. އެހާ ފަސޭހައިން ފުރުސަތެއް ދިނީމަ ވެސް ވީ ވަރު.” އިޙުސާނު ފަހަތަށް ޖެހިލަމުން ސުމައްޔާ އަށް މަލާމާތް ކޮށްލީ ގޯހެއް ހެދިދާނެ ކަމުގެ ބިރު އޮތުމުންނެވެ. ސުމައްޔާ ބޯ ހޫރާލަމުން އެ ތަނުން ނުކުމެގެން ދާން އުޅުނެވެ. އެހެނަސް ކޮޓަރީގެ ދޮރު ހުޅުވަން އަތްގަނޑުގައި ހިފާލުމާއި އެކު އިޙުސާނު ސުމައްޔާގެ އަތުގައި ހިފާ ދަމައިގަތެވެ. މި ކަހަލަ ކަމަކަށް ތައްޔާރު ނުވެ ހުރި ސުމައްޔާ އެނބުރެމުން ގޮސް ތަރަވީ އިޙުސާނުގެ ތަނަވަސް މޭ މަތީގައެވެ.
“ޔޫ ޕާރވާޓް. ދޮވެދީފީމެއްނު. ދެން މަ ދިޔަޔަކަ ދީބަލަ.” އިޙުސާނު އަޅުވާލި ލޮކް ނައްޓަން މަސައްކަތް ކުރަމުން ސުމައްޔާ އެއްޗެހި ކިޔައިގަތެވެ. “އައި ޑޯންޓް ޓްރަސްޓް ޔޫ. ނޭނގޭ މަގޭ ގަމީހަށް ޖެއްސި ޙާލެއް ވެސް. މަ ދެލޮލުން އޭގެ ސާފުކަން ބަލާފަ ކަށަވަރުކޮށްފައި ދިޔަޔަކަ ދޭނީ.” ސުމައްޔާގެ ކަންފަތް ދޮށުގައި އިޙުސާނު ބުނެލިއެވެ. ސުމައްޔާ އެންމެފަހުން ހަތިޔާރު ބެހެއްޓިއެވެ.
“ހިތް ފުރިއްޖެތަ؟” ގަމީސް އިސްތިރިކޮށްފައި ދެމުން ސުމައްޔާ ދެލޯ ވަށްކޮށްލިއެވެ. އިޙުސާނު ގަމީސް އަތުލައިފައި ލިއެވެ. ހަމަ ކުރީހާ އަލެވެ. ކިރިޔާ ވެސް ލައްގަނޑެއް ނުހުންނާނެހާ ވަރުގަދައަށް ސުމައްޔާ އެ ދޮވެލައިފިއެވެ. އިޙުސާނު އަޅައިލުން ކުޑަގޮތަކަށް ކޮނޑު އަރުވާލައިފިއެވެ. ސުމައްޔާ ކަޅި އަނބުރާލައިފައި އެ ތަނުން ނުކުމެގެން ދިޔައެވެ. ފަހަތުން އިޙުސާނު އަންނާނެކަން އެނގޭތީ އޭނާ ހިނގުން އަވަސްކޮށްލިއެވެ.
ޒައިނާއި ވާހަކަ ދައްކަން ހުރި އަކްމަލްގެ ދެބުމަ ގާތްވެލީ ސުމައްޔާ އާއި އެކުހެން ވަދެގެން އައި އިޙުސާނު ފެނިފައެވެ. “ޒޮންބީ ބަލާބަލަ. އިއްސޭ އެ އައީ ސޫމޯގެ ފަހަތުން މި ހުރިހާ އިރެއް ވާންދެން ދެމީހުން ކީއް ކުރަންބާ އެ ދިޔައީ؟” އަކްމަލް ވައި އަޑުން އެހިއެވެ. “ނޭނގެތަ؟ ސޫމޯ އަތުން ކޯކްތައްޓެއް އިއްސޭގެ ގަމީހަށް އެޅުނީ. އެ ގޮލާ ހިތްހަމަޖައްސަން ގަމީހެއް ގަނެދީފައި ތޯއްވެ އެއައީ.” ޒައިން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
“އެޕަލް! ދެން ހިނގާ ގެއަށް ދާން.” އަފާފް އައިސް އަކްމަލް ގާތު ބުނެލިއެވެ. މި އަޑު ނިކަން ރީއްޗަށް ސުމައްޔާ އަށް އިވުނެވެ. އޭނާއަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. “އެފިކްސް މި ސޮރާ ރައްޓެހިގެންތަ ތި އުޅެނީ.” ސުމައްޔާ އޭނާގެ ހިތުގައިވީ ސުވާލު ކޮށްލިއެވެ. އެއާއެކު އެތަނުގައި ތިބި އެ ގުރޫޕުގެ އެހެން މީހުންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ސުމައްޔާ މި ވާނުވާ ނޭނގިފައި ހުރެވުނީއެވެ.
“ސޮރީ. ހެވޭނެއްނު. ހެހެހެ. ސޫމޯ ކައިރީ އަދި ނުބުނެވި ދޯ މިހުރީ. އެޕަލް އަކީ އެފިކްސްގެ އެއްބަނޑު އެއްބަފާ ދޮންބެ. އެއް އަހަރު ދުވަހުގެ ތަފާތު ދެމީހުންގެ ދެމެދުގައި އޮންނާނީ. އެހެންވެ އެމީހުން ކޮއްކޮ ދޮންބެ ކިޔާފަ މުޚާޠަބު ނުކުރަނީ.” ހިނިގަނޑު ހިންދާލެވޭތޯ ބަނޑުގައި އަތް އަޅާލަމުން ޒައިން ބުނެލިއެވެ. ސުމައްޔާ އަށް ރަކިވީ ވަރުން މޫނުގައި އަތް އަޅާލެވުނެވެ. އޭރު ވެސް އެހެން މީހުންގެ ހުނުން ނުހުއްޓެއެވެ.
ޕާޓީ ނިމިގެން ދެން ކުރިއަށް ދިޔައީ އާއިލާ އާއި އެންމެ ގާތް އެކުވެރިންނާއި އެކު ފޮޓޯ ނެގުމުގެ ބުރެކެވެ. އެ ފޮޓޯތަކަށް ފަހު ދެމަފިރިން އެކުގައި ފޮޓޯ ނަގަން ފެށިއެވެ. އެއާއި އެކު އަރީންގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެން ފެށިއެވެ. ޒަވިއަން ހިތްހަމަނުޖެހުނެއް ކަމަކު އެއްބާރުލުން ދޭން ނިންމީ އާއިލާ މީހުން ތިބުމުންނެވެ. ފޮޓޯގުރާފަރު އެ ދެމީހުން ގާތް ވާން ބުނާ ކޮންމެ ފަހަރަކު އަރީންގެ ހިތުގެ ތެޅުން މެކުހަށް ޖަހާލައެވެ.
“ތަންކޮޅެއް ނެޗުރަލް ގޮތަކަށް ދެމީހުން އެކަކު އަނެކަކުގެ ދެލޮލަށް ބަލާލަބަ. އަރީން އުރާލައިގެން ހުރެވެންޏާ އަދި މާ ރަނގަޅުވާނެ. އެހެން ގޮތަގޮތަށް ފޮޓޯ ނެގިއްޖެ.” ފޮޓޯގުރާފަރު އެހެން ބުނުމާއި އެކު ޒަވިއަނަށް އަނގަޔަށް ވައްތަރެއް ޖައްސާލެވުނެވެ. އެހެނަސް ސިކުންތު ކޮޅެއްގެ ތެރޭ އެ ކަން ވަންހަނާކޮށްލަމުން އަރީންގެ އުނަގަނޑުގައި ހިފާލަމުން ބިމުން މައްޗަށް އުފުއްލާލިއެވެ. އަރީން ޒަވިއަންގެ ކަނދުރާގައި އަތް އަޅުވާލަމުން އެ ތޫނު ދެލޮލަށް ނަޒަރު ހުއްޓާލީ އެ ފޮޓޯ ނަގާ މީހާގެ އެނގުމަށެވެ. ބިރާއި އެކު ލަދުގަނެފައިވާ ޙާލު އަރީން ހުރީ އެ ފޮޓޯއެއް ނަގާ ނިމޭނެ އިރަކަށް އިންތިޒާރު ކޮށްލަކޮށްލައެވެ. އަނެއްކޮޅުން ޒަވިއަންގެ ގާތަށް ރުޅި އަންނަމުން ދިޔައީ މިކަންތައް މާ ބޮޑަށް ދިގުލައިގެން ދާތީއެވެ. އެހާ ނަފުރަތު ކުރާ މީހަކަށް އޭނާގެ ހިނިތުންވުން ދައްކަން ޖެހޭތީއެވެ.
ހުރިހާ ކަމެއް ނިމުމަށްފަހު ޒަވިއަން މެންނަށް ގެއަށް އާދެވޭވަރު ވިއިރު ދަންވަރު ބާރަ ޖަހައިފާނެއެވެ. ޒަވިއަން ކާރު ގަރާޖުގައި ޕާކު ކޮށްފައި ފައިބައިގެން ދިޔައީ އަރީނަށް ބަލައިލުމެއް ނެތިއެވެ. އަރީން އެކަނިމާއެކަނި ގޮސް އެ ގޭތެރެއަށް ވަން އިރު އެ ތަނުގައި ވަނީ މަރުގެ ހަމަހިމޭންކަމެވެ. ލައިގެން ހުރި ބޮޑު ހެދުން ކޮށިކޮށްލައިފައި އޭނާ ސިޑިން އަރަން ފެށިއެވެ. އެކަންވީ ބޮޑު ތަކުލީފަކަށެވެ. އެހެނަސް ހުއްޓާ ނުލާ ގޮސް ޒަވިއަންގެ ކޮޓަރި ހުންނަ ފުލޯ އަށް އަރައިފިއެވެ. އެއީ އަޒާޔާގެ ކޮޓަރި ވެސް ހުރި ފުލޯ އެވެ. އަރީންގެ ލޮލުގައި އެ ކޮޓަރި ދޮރު އަޅައިގަތުމާއި އެކު ކަރުނަ ހިލިގެން ދިޔައެވެ. އެ މޭގައި ތޫނު ރިހުމެއް އުފެދުނެވެ.
އަރީން ދެން ގޮސް ހުއްޓުނީ ޒަވިއަންގެ ކޮޓަރި ދޮރު ކުރިމަތީގައެވެ. ލަސްލަހުން އޭނާ އެ ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. އޭރު ކޮޓަރީގައި ޒަވިއަން ފެންނާކަށް ނެތެވެ. އެ ކޮޓަރީގެ ޝާހީކަމާއި ހައިބަތު ބޮޑުކަން ފެނިފައި އަރީން އާޝޯހުވާހާ ވަރުވިއެވެ. ޖާގަ ތަނަވަސްވެފައި ފުރިހަމައެވެ. ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއި ކަޅާއި ހުދުގެ ފެންވަރު ރަނގަޅު ފަރުނީޗަރުތައް ފެންނަ މީހެއްގެ ދަތްދޮޅި ބިންމަތީގައި ޖެހޭވަރު ވާނެއެވެ.
އަރީން ހިނގައިފައި ގޮސް ވަދެލީ އެތަނުގައި ހުރި ވޯކްއިން ވޯޑްރޯބަށެވެ. އެ ތަން ވެސް އަރީން ކުރިން އުޅުނު ކޮޓަރި އަށް ވުރެ ބޮޑެވެ. އެތަނުގައި މުޅީން ހެން ހުރީ ޒަވިއަންގެ ސާމާނެވެ. ވަރަށް ތަރުތީބުވެފައި ސާފުތާހިރެވެ. ބަލާލާ ބަލާލުމުން ވެސް ޒަވިއަން އަކީ ސާފުތާހިރު ކަމަށް ލޯބިކުރާ މީހެއް ކަން އެނގެއެވެ.
އަރީން ގޮސް ނެގީ އޭނާގެ ފޮށްޓެވެ. އެ ފޮށި ހުރި ހިސާބުގައި ޖާގަ ހުސްކޮށް ކުޑަ ބައެއް ހުއްޓެވެ. އެ ތަނުގައި ހުރި ހެދުންތަކަށް ބަލައިލައިފައި ވެސް އެއީ އާފިއްޔައްތަގެ ކަމެއްކަން ދޭހަވެއެވެ. އަރީން ވަރަށް މަސައްކަތުން އޭނާގެ ޝޯލް ބާލާ ވެޑިން ގައުން ނަގައި ކޮނޑެއްގައި އަޅުވާލިއެވެ. ދޫ ޓީޝާޓެއް ބޮލަށް މަހާލައިފައި އޭނާ ވަށް ބުރުގަލެއް އަޅާލިއެވެ. ދެން ތުވާއްޔާއި އެކު ނިދާ ހެދުމެއް ހިފައިގެން އޭނާ އެތަނުން ނުކުތެވެ. އޭރު ޒަވިއަން އުޅެނީ ފާޚާނާގައި ކަން އެނގޭ ވަރު ވިއެވެ. އަރީން ގޮސް ހުއްޓުނީ ކަޅުކުލައިގެ ދޮރު ފޮތިގަނޑު ކުރިމަތީގައެވެ.
ފާޚާނައިން ނުކުތް ޒަވިއަންގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ ބެލްކަންޏަށް ނުކުންނަން ހުރި ބިއްލޫރި ދޮރު ފަރުދާކޮށްލެވިފައިވާ ދޮރު ފޮތިގަނޑުގެ ކުރިމަތީގައި ހުރި އަރީނެވެ. އެ އަންހެން ކުއްޖާ ފެނިލުމުން އެކަނި ވެސް އޭނާގެ ބޮލަށް ސަވާރުވަނީ އާދަޔާ ޚިލާފަށް ވަރުގަދަ ރުޅިގަނޑެކެވެ. ދެ އަތް މުށްކަވާލަމުން ގޮސް ޒަވިއަން ވޯޑްރޯބް ތެރެއަށް ވަދެ ދޮރު ޖެހިއެވެ. މި އަޑަށް ސިހިފައި އަރީނަށް ބަލައިލެވުނެވެ. އޭނާއަށް ޒަވިއަން ފާޚާނައިން ނުކުމެގެން ދިޔައީ ކަން އެނގުމުން ގޮސް އެތަނުގެ ތެރެއަށް ވަނެވެ. ކޮޓަރިއާއި އެއްވަރަށް ފާޚާނައިން ފެންނަމުން ދިޔައީ ޝާހީ ކުލަތަކެވެ. އަރީން އޭނާގެ ތަކެތި ބަހައްޓައިފައި ގޮސް ޝަވަރ ރޫމަށް ވަނެވެ. އޭނާ ހީޓަރުގެ ލެވެލް އެންމެ މަތިކޮށްލައިފައި ފެން މާގަނޑު ދޫކޮށްލިއެވެ. އެއިން އޮހެމުން ދިޔަ ހޫނު ފެނުން އަރީންގެ މޫނަށް ދިރުން ގެނުވިއެވެ. ފެންވަރާ ނިމިގެން ނިދާ ހެދުން ވައްޓާލައިފައި އަރީން ނުކުތެވެ. ކޮޓަރި ތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު އޭނާގެ ދެ ތުންފަތް ތުރުތުރު އަޅައިގަތީ ހީކަރުވައިގަނެގެންނެވެ. އެހެނަސް އެއްވެސް އެއްޗެކޭ ނުބުނެ ގޮސް ވޯޑްރޯބަށް އޭނާ ބޭލި އަންނައުނު ލިއެވެ.
“އަންހެނާ! ބުނަންތަ ރީތި ވާހަކައެއް. މި ތަނުގައި އުޅޭއިރު ބެހެން ނުޖެހޭ އެއްޗެހިނާ ނުބެހޭތި. މަށަށް އުނދަގޫވާނެ އެއް ކަމެއް ވެސް ނުކުރާތި. ކަލެއަށް ވަރަށް ރަނގަޅަށް އެނގޭނެ މި އިނީ ލޯބިން ނޫންކަން. މަށަށް ދުވަހަކު ވެސް ތި އަޒާޔާގެ ގާތިލާއި ދިމާލަށް ހެޔޮ ނަޒަރަކުން ނުބެލޭނެ. ޝަކުވާ ނުކޮށް އެ ސޯފާގައި ނިދާ. އަހަރެންގެ އަމުރާއި ޚިލާފުވިއްޔާ މާ ރީއްޗެއް ނުވާނެ.” އަރީންގެ ކޮލުގައި ހިފާ ފިއްތާލަމުން ޒަވިއަން އޭނާ ކޮށްޕާލިއެވެ. ބެލެންސް ކަޓައިގެން ގޮސް އަރީން ވެއްޓުނީ މުށިގަނޑު މައްޗަށެވެ. ކޮލަށް ތަދުވީ ވަރުންނާއި ފައި ޖެހުނުލެއް ބާރު ކަމުން އަރީނަށް ލުއި އާހެއް އެ ދުލުން ބޭރުކޮށްލެވުނެވެ. އެހެން ނަމަވިޔަސް ކެތްތެރިކަން އިސްކުރަމުން ގޮސް އޭނާ ބޮޑު ސޯފާގައި އިށީނެވެެ. އޭރު ޒަވިއަން އެނދަށް އަރާ އޮށޯވެއްޖެއެވެ.
އެއް ކުޝަން ނަގާ ބޯދަށަށް ލައްވާލަމުން އަރީން އަނެއް ކުޝަނުގައި ބާރަށް ބައްދާލިއެވެ. ހީކަރުވައިގަނެގެން ގޮސް އެ ފަކީރު ވަނީ ހަލާކުވެފައެވެ. ވާނީ ވެސް އެހެންތާއެވެ. ފިންޏަށް ބަލި މީހަކު އޭސީ ސޯޅައިގައި ހުރިއްޔާ ނިދަން އުނދަގޫވާނެތާއެވެ. ހީގަނެގެން އަނެއް އަތަށް އަޅައިފައި އޮތެއް ކަމަކު ގައިމަތީގައި އަޅާލާނެ ބްލެންކެޓެއްހާ ހިސާބު ވެސް އޭނާގެ އަތަކު ނެތެވެ. ޒަވިއަންގެ އެއްޗެއް ނަގާކަށް އޭނާއަށް ލާހިކެއް ނޫނެވެ. ފިނިވެފައިވީ ވަރުން އަރީނަށް އެރޭ ރަނގަޅަށް ނުވެސް ނިދުނެވެ. އެ ސޯފާ މަތީގައި އެއް ފުށަށް ޖެހި އަނެއް ފުށަށް ޖެހިލާ އޮތީ ހޫނު ދަފަތްގަނޑެއް މަތީގައި އޮންނަ ރޮއްޓެއް ފަދައިންނެވެ.
ފަތިސް ނަމާދަށް ވުޟޫކޮށްލައިގެން ނުކުތް އިރު އަރީން ހުރީ ރޯގާ ވައްތަރުވެފައެވެ. ނަމާދަށް އެރުމުގެ ކުރިން ޒަވިއަނަށް ގޮވާލުމުގެ ނިޔަތުގައި އެނދު ކައިރިއަށް ގޮސް ހުއްޓުނެވެ. ފުން ނޭވާއެއް ލައިފައި އަރީން ދެތިން ފަހަރަކު ޒަވިއަންގެ ނަމުން ގޮވާލިއެވެ. އެ ވަރުން ވެސް ނުހޭލުމުން އަރީ ޒަވިއަންގެ ގައިގައި ކޮއްޓާލައިފިއެވެ. ހަމަ ކޮއްޓާލިހެނެއް ހިޔެއް ނުވެއެވެ. ޒަވިއަން އަރީންގެ އަތުގައި ހިފަހައްޓައިފިއެވެ. ދެން ކުއްލިއެއް ޖަހައިފައި އަރީން އެ އެނދަށް ވައްޓާލައިފައި އަރީންގެ ކަނދުރާ މަތީގައި އަތް އަޅުވާލިއެވެ. ޒަވިއަންގެ ގައިދަށުވުމުން އަރީންގެ ހިތް ހީވީ މޭފަޅައިފައި ނުކުމެދާނެ ހެންނެވެ. އެ ބިރުވެރި ނަޒަރުން އެކަނި ވެސް އެ ނިކަމެތި ކުއްޖާ ކޮށާ ކުދިކުދި ކޮށްލަފާނެހެން ހީވެއެވެ. ކަނދުރާގައި އަތް އަޅުވާލައިގެން ހުރިލެއް ބާރު ކަމުން އެ ފަކީރަށް ނޭވާލާން ވެސް އުނދަގޫ ވިއެވެ.
“ބުނެފަ އޮންނާނީ އަހަރެންނަށް އުނދަގޫ ނުކުރާށޭ. މަ އަތުން އަނިޔާ އެއް ނުލިބިގެންތަ ތި އުޅެނީ؟” ދަތްކުނޑި ވިކާލަމުން ޒަވިއަން ބުނެލިއެވެ. އަރީން ފަކީރު ބިރުން ވިރެނީއެވެ. އެ ބާރުގަދަ އަތްދަށުން ސަލާމަތްވާން ޙަރަކާތެއް ކޮށްލާން ވެސް ނުކެރިފައި އޮތީއެވެ. “ކަލޭގެ ބަލިކަށިކަން ދައްކަން މިތަނުގަ ޑުރާމާ ކުޅޭނެ ކަމެއް ނެތް. އަހަރެން ރުޅި އަރުވާނަމަ މިހެން ވާނީ.” އަރީންގެ ކަންފަތް ދޮށުގައި ޒަވިއަން ބުނެލިއެވެ. އަރީންގެ ލޯލިތައް ދިޔައީ ކޮޅަށް ޖެހިގެންނެވެ. ޒަވިއަން އަރީންގެ ގައިމަތިން ތެދުވެ ދެން ދިޔައީ ފާޚާނާއަށެވެ.
އެންމެ ފުރަތަމަ ރެއިން ފެށިގެން ޒަވިއަންގެ ކިބައިން އަރީނަށް މި ފެންނަނީ ނުރުހުންތެރިކަމާއި އަނިޔާވެރިކަމެވެ. އަޅާލުން ކުޑަ ކަމާއި ރުޅިވެރިކަމެވެ. އެ ދުލުން ބުނެލާ ކޮންމެ ވިހަގަދަ ލަފުޒުތަކެއް ރުވާފައި ދޫކޮށްލައި ތީރުތަކެއް ފަދައިން ގޮސް އެ ހިތުން ލޭ އޮހޮރުވާލައެވެ. އެހެނަސް އޭނާ ޝަކުވާ ކުރާކަށް ބޭނުމެއް ނުވެއެވެ. އަމިއްލަ އިޙުސާސްތައް ފަރުދާކޮށްލުމަކީ އޭނާ އަށް ދާދި ފަސޭހަ ކަމެކެވެ.
“ކަލޭމެންނަށް އެހާ ވަރަށް ލާރި ދީގެން ވެސް ކުޑަކުޑަ އެކްސިޑެންޓެއް ނުކޮށްލެވުނުތަ. މަރާލާފަ ދޫކޮށްލަން ބުނީމަ އެންމެ ކޫރުމެއް ވެސް ނާޅުވާލަ ތި ދޫކޮށްލީ. އޭނ..”
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Masha Allah mi part ves Vrh reethi haadha dhuvas kohlaafa up kohlee thi naseebehnu reen aa leevaan salaamaiy vikan alhey zavian nuvaane dhw reen fakeerah ehen hadhaakah sumayya and ihsaan so funny he he he 😹 Curiously waiting for the next part when’s next???
Lyyy 🖤
I did submit Thursday night ga, upload vi leh lahee 😔😔
Thi bunaahen Zavian e ulheyni rangalhakah noon.
IA next Tuesday ga submit kohlaanan.
Shukran Nai_73 ✨✨
Lyt darl 💕💕
Finally mi part kiyaalan libijje. Sooooo happy☺️☺️
Ihsaan ves dhn Sumeee dheke lobi vaa Kamah ehbas vebaa
Ekamaku Xev dhn ehaa rahum kuda vaakah nuvaane dhw 😢
Whn nxt????
Adhi maa avaheh noontha ekamah ehbas vaaan 😁😁 Zev ge ulhun islaahu kuran jehey aan 😣😣
IA next Tuesday ga submit kohlaanan.
Shukran Anonymous ✨✨
Alhey zavian nuvaane eh noon reen ah ehn hadhaakah…….. Sumayya and Ihsaan 😂……….
By the way mi part ves Vrh Reethi Masha allah…….
Whn nxt..??????
Lyyy❤️🙂
Dhw, he’s been too cruel 😔😔
Sumee men hama best dhw.
IA next Tuesday ga submit kohlaanan
Shukran Alai_22 ✨
Lyt darl 💕💕
Leevan hama seedha pro max eh dhw!! Varah fahkka e truck in reki gath goth👏👏
Naseebeh reen and leevaan ah kameh nuvikan!
Maash, your obsessed with purple dhw!💜💜💜
Varah furihama wedding genes dhin goth!
Sumayya and ihsaan ah vaa saabas😹😹😹 lmao!
Now I’m afraid soomoa ah aniya eh dheefaane kamah! Naureen’s obsessed with isse ehun?💀💀
Alhe I heekuree afaaf akee guy eh kamah!😭😂😂😹😹
Zavian vejje dhw e boadhaa visnun dhookuran! But eh, maa boa haru meeheh huvaa🤦
Anyway loved this part overall 💗💗💗
When next ? N ly
Yhh, leevan’s super talented.
Hehe, purple wedding eh host kuryma Maash mathin handhaanvee dhw. Purple is one of my fav colors, but Areen’s fav is white. Wedding ge theme and everything was decided by parents, the couple didn’t do much.
Soomoa ah gotheh veythoa balamaa hingaa, stay tuned.
Really, i know Afaaf as a girl’s name.
Yea, he’s kinda stubborn, problem was the fabricated evidence.
Tuesday ah upload kureythoa balan miadhu submit kohlee, mifaharu delay nuve ebain kurin upload vefa.
Shukran Your fav bab ✨✨
Lyt darl 💕💕
Mibaa ves vrh reethi mashaa allah ❤️ keep it up …..🥀
Sumayyaa and ihusaa dayumm 😲😂
Alhey areen ennmme fahun e inee zavian aa evarun vx kaaveni kohggen dhiya rey eyoh hadhaali gotheh efakeerah dhn oi dhuvas thakuga keeh bbaa kuraanee e fakeerah 😭😭
Curious to know next part
Keehkuraany, areen ah parents kamaku buniyya noonekey bunan nukereny.
Mi anna Tuesday ga submit kohlaanan IA
Shukran Defnot_maan ✨✨