ސުވާލު: ޤުރުއާން ހިތުދަސްކުރުމުގައި ބޭނުންކުރެވިދާނެ ޓެކްނިކުތަކާއި އުކުޅުތަކުގެ ތެރެއިން ބައެއް އުކުޅުތައް އަޅުގަނޑަށް ކިޔައިދެވިދާނެތޯ؟
އަލްޙަމްދުލިއްލާހް.
ކީރިތި ޤުރުއާން ހިތުދަސްކުރުމަށް މުހިންމު ޤަވާޢިދުތައް:
- 1. އިޚްލާޞްތެރިވުން. ސާފު އަދި އިޚްލާޞްތެރި ނިޔަތެއް އަދި ރަނގަޅު މަޤްޞަދެއް އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. މީހަކު ޤުރުއާން ދަސްކޮށް އެއަށް ސަމާލުކަން ދޭންވާނީ ހަމައެކަނި ﷲ އަށްޓަކައި އަދި ސުވަރުގެ ހޯދުމަށާއި ﷲގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ﷲ ވަޙީކުރައްވާފައިވެއެވެ (މާނައިގެ ތަރުޖަމާ): “ފަހެ، ﷲ އަށް އަޅުކަން ކުރާށެވެ! (އެކަނި) އެކަލާނގެއަށް ދީން ޚާލިޞްކުރާ ޙާލު، ދަންނާށެވެ! ޚާލިޞް ދީނަކީ ހަމައެކަނި ﷲ އަށް ޓަކައެވެ.” [އައްޒުމަރު 39:2-3] ޙަދީޘް ޤުދުސީއެއްގައި ވާގޮތުން، ﷲ ވަޙީކުރައްވާފައިވެއެވެ: “ތިމަން އިލާހީ ފުދުންތެރިކަން ގަދަފަދަ އިލާހެވެ. ތިމަން އިލާހަށް ބައިވެރިއަކު ބޭނުމެއް ނުވެއެވެ. އެހެންކަމުން، މީހަކު ތިމަން އިލާހަށް އަޅުކަންކުރުމުގައި އެހެން ފަރާތަކާ ބައިވެރިކޮށްފިނަމަ، އެ ޢަމަލު ތިމަން އިލާހު ބަލައެއް ނުގަންނަހުށީމެވެ. އަދި އެ ޢަމަލު އޭނާ ބައިވެރިކުރި ފަރާތަކަށް ދޫކޮށްލައްވާހުށީމެވެ.” އެހެންކަމުން، ދެއްކުމަށް ނުވަތަ ރީތި ނަމެއް ހޯދުމަށްޓަކައި ޤުރުއާން ކިޔައި ހިތުދަސްކުރާ މީހަކަށް އެއްވެސް ޘަވާބެއް ނުލިބޭނެއެވެ
2. ރަނގަޅަށް ކިޔެވުމާއި ކިޔުން. މިކަން ދަސްކުރެވޭނީ ހަމައެކަނި ރަނގަޅަށް ކިޔަވާ ނުވަތަ ރަނގަޅަށް ހިތުދަސްކޮށްފައިވާ މީހަކު ކިޔަވާ އަޑުއެހުމުންނެވެ. ޤުރުއާން ދަސްކުރެވޭނީ ހަމައެކަނި އުސްތާޛެއްގެ އަރިހުންނެވެ. ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޤުރުއާން ދަސްކުރެއްވީ ޖިބްރީލްގެފާނުގެ އަރިހުން އަނގަބަހުންނެވެ. އަދި ޞަޙާބީން ދަސްކުރެއްވީ ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)ގެ އަރިހުން އަނގަބަހުންނެވެ. ދެން އެއަށްފަހު އުއްމަތުގެ ޖީލުތަކަށް ފޯރުކޮށްދެވުނީ ޞަޙާބީންގެ ފަރާތުން އަނގަބަހުންނެވެ
3. ކޮންމެ ފަހަރަކު ހިތުދަސްކުރާނެ މިންވަރު ކަނޑައެޅުން. ޤުރުއާން ދަސްކުރަން ބޭނުންވާ މީހާ ކޮންމެ ފަހަރަކު ކިހާވަރެއް ހިތުދަސްކުރަން ބޭނުންވާކަން ނިންމަންވާނެއެވެ. އޭނާ މަޤްޞަދު ކަނޑައަޅައި، ރަނގަޅު ގޮތަށް ކިޔަން ދަސްކުރުމަށްފަހު، އެ ތަކުރާރުކޮށް ކިޔަވަމުން ގެންދަންވާނެއެވެ. މި ތަކުރާރުކުރުން ވާންވާނީ ރަނގަޅު ލަޙުނަކާއެކުގައެވެ. އެއީ ފޫހިވިޔަ ނުދިނުމަށާއި ރަނގަޅަށް ހިތުދަސްކުރުމަށްޓަކައެވެ. ލަޙުނުގެ ސަބަބުން އަޑުއަހާ މީހާއަށް އުފާވެރިކަން ލިބި، ހިތުދަސްކުރަން ފަސޭހަވެ، ދޫ އެ ލަޙުނަށް އާދަވެއެވެ. އޭރުން ކުށެއް ހެދިއްޖެނަމަ ވަގުތުން އެނގޭނެއެވެ. އެއީ ރިދަމް މެދުކެނޑޭނެތީއެވެ. މީގެ އިތުރުން، ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ: “ޤުރުއާން ލަޙުނާއެކު ނުކިޔަވާ މީހަކީ އަހަރެމެންގެ ތެރެއިން މީހެއް ނޫނެވެ.” (ބުޚާރީ ރިވާކުރެއްވި ޙަދީޘެކެވެ.)
4. އެއްދުވަހެއްގައި ހިތުދަސްކުރަން ނިންމާފައިވާ މިންވަރު ފުރިހަމައަށް ހިތުދަސްނުވަނީސް އިތުރު މިންވަރަކަށް ކުރިއަށް ނުދިއުން. ޙާފިޡުވާން މަސައްކަތްކުރާ މީހާ ކުރިން ހިތުދަސްކުރި ބައި ފުރިހަމައަށް ހިތުދަސްނުވަނީސް އައު ބަޔަކަށް ކުރިއަށް ނުދާންވާނެއެވެ. އެއީ އެ ބައި ހަނދާނުގައި ހިފެހެއްޓުމަށްޓަކައެވެ. ދަރިވަރަށް ހިތުދަސްކުރުމަށް އެހީތެރިވެދޭނެ އެއްކަމަކީ ރެޔާއި ދުވާލުާއި ދުވާލު އެކަމުގައި އުޅުމެވެ. އެގޮތުން ސިއްރުން ކިޔަވާ ނަމާދުތަކުގައި އެ ބައި ކިޔެވިދާނެއެވެ. އަދި އިމާމުވެ ނަމާދުކުރާނަމަ، އަޑުހަރުކޮށް ކިޔެވިދާނެއެވެ. އޭގެ އިތުރުން ނަފިލު ނަމާދުތަކުގައާއި (ޖަމާޢަތުގެ) ނަމާދަށް އިންތިޒާރުކުރާ ވަގުތުތަކުގައިވެސް އެ ބައި ކިޔެވިދާނެއެވެ. މިގޮތަށް ޢަމަލުކުރުމުން ޤުރުއާން ހިތުދަސްކުރުން ފަސޭހަވެގެންދާނެއެވެ. އެހެން ކަންކަމުގައި މަޝްޣޫލުވެފައިވާ މީހުންނަށްވެސް މިގޮތަށް ޢަމަލުކުރެވިދާނެއެވެ
5. ހިތުދަސްކުރުމަށް ބޭނުންކުރާ މުޞްޙަފުގެ އެއް ސްޓައިލަކަށް ތަބާވުން. ޤުރުއާން ހިތުދަސްކުރުމަށް އެހީތެރިވެދޭނެ އެއްކަމަކީ އަމިއްލަ މުޞްޙަފެއް (އެބަހީ ވަކި ޚާއްޞަ އެޑިޝަނެއް) އިޚްތިޔާރުކޮށް، އެ މުޞްޙަފު ނުބަދަލުކުރުމެވެ. މިއީ މީސްތަކުން އަޑުއެހުމުން ދަސްވާ މިންވަރަށް ބެލުމުންވެސް ދަސްވާތީއެވެ. އެހެންކަމުން މުޞްޙަފު ކިޔަވައި ބަލަމުންދާއިރު، އާޔަތްތަކުގެ ތަރުތީބާއި އެ އާޔަތްތައް ޞަފްޙާގައި ހުންނަ ގޮތް ހަނދާނުގައި ހިފެހެއްޓިގެންދެއެވެ. އެހެންކަމުން މީހަކު ދަސްކުރަމުންދާ މުޞްޙަފު ބަދަލުކޮށްފިނަމަ، ނުވަތަ އެކި މުޞްޙަފުތަކުން ދަސްކުރަން ފަށައިފިނަމަ، އާޔަތްތަކުގެ ތަރުތީބު ތަފާތުވެދާނެތީ، އޭނާއަށް އޮޅުން އަރައި، ހިތުދަސްކުރުން އުނދަގޫވެގެންދާނެއެވެ
6. ދަސްކުރުމުގެ މައިގަނޑު ތަޅުދަނޑިއަކީ ފަހުމުވުމެވެ. ދަސްކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ އެމީހަކު ދަސްކުރަމުންދާ އާޔަތްތައް ފަހުމުވެ، އަދި އެ އާޔަތްތައް އެކަތި އަނެކައްޗާ ގުޅިފައިވާ ގޮތް އެނގުމެވެ. މިއިން ދޭހަވަނީ ޙާފިޡުވާން މަސައްކަތްކުރާ މީހާ އޭނާ ދަސްކުރަމުންދާ ބައެއް އާޔަތްތަކާއި ސޫރަތްތަކުގެ ތަފްސީރު ކިޔަންޖެހޭނެ ކަމާއި، އަދި ކިޔާއިރު ވިސްނުން ބަހައްޓަންޖެހޭނެ ކަމެވެ. މިކަމުން އޭނާއަށް އާޔަތްތައް ހަނދާންކުރުމަށް އެހީތެރިވެދޭނެއެވެ. ނަމަވެސް އާޔަތްތައް ހިތުދަސްކުރާއިރު، އޭނާ ބަރޯސާވާންވާނީ ފަހުމުވުމަކަށް ނޫނެވެ. އޭނާ ކުރަންޖެހޭނީ ތަކުރާރުކުރުމަށް ބަރޯސާވުމެވެ. އެއީ އާޔަތްތައް ދަސްކުރުމަށް ފަސޭހަވާނެތީއެވެ
7. ސޫރަތެއް ރަނގަޅަށް ދަސްނުވަނީސް ކުރިއަށް ނުދިއުން. އެއް ސޫރަތެއް ހިތުދަސްކުރުމަށްފަހު، ޙާފިޡުވާން މަސައްކަތްކުރާ މީހާ އެހެން ސޫރަތަކަށް ދާންވާނީ ފުރަތަމަ ސޫރަތް ފެށުނީއްސުރެ ނިމެންދެން ފުރިހަމައަށް ދަސްވެ، މާ ބޮޑަށް ވިސްނާލަން ނުޖެހި ތަރުތީބުން ކިޔަން އެނގޭ ހިސާބަށް ދިޔުމަށްފަހުގައެވެ. އެ ސޫރަތް ހަނދާންކުރުން ފަސޭހަވާންވާނެއެވެ. އަދި ފުރަތަމަ ސޫރަތް ދަސްވެއްޖެކަން ޔަޤީންވުމުގެ ކުރިން އެހެން ސޫރަތަކަށް ދާންވާނެއެވެ
8. “އަބަދުވެސް އެހެން މީހަކަށް ކިޔައިދިނުން. ޙާފިޡު އަމިއްލައަށް ދަސްކުރުމަށް ބަރޯސާވެގެން ނުވާނެއެވެ؛ އޭނާ ހިތުދަސްކޮށްފައިވާ ތަކެތި އެހެން ޙާފިޡަކަށް، ނުވަތަ މުޞްޙަފުން އޭނާގެ ކިޔެވުން ފޮލޯކުރެވޭ އެހެން މީހަކަށް ކިޔައިދޭންޖެހެއެވެ. މި އެހެން މީހާއަކީ ޤުރުއާން ރަނގަޅަށް ކިޔަވަން އެނގޭ މީހަކަށް ވާންޖެހެއެވެ، އެއީ އޭނާއަށް މަޚްރަޖުތަކުގައި ނުވަތަ ކިޔެވުމުގައި ހުރި އެއްވެސް ކުށެއް ނުވަތަ އުނިކަމެއް ފާހަގަކުރެވޭނެ ގޮތަށެވެ. ގިނަފަހަރަށް ވާގޮތަކީ މީހަކު އަމިއްލައަށް ސޫރަތެއް ނުބައިކޮށް ހިތުދަސްކުރުމެވެ، އަދި މުޞްޙަފަށް ބަލާއިރުވެސް އެކަން އޭނާއަކަށް ނޭނގެއެވެ. އެހެންކަމުން، ސޫރަތެއް ހިތުދަސްކުރަން ބޭނުންވާ މީހާ މުޞްޙަފަށް ބަލާއިރު، އޭނާގެ ކިޔެވުމުގައި ހުރި ކުށްތައް ނުފެނެއެވެ. އެހެންކަމުން އެހެން މީހަކަށް ކިޔައިދިނުމަކީ މީހާގެ ކުށްތައް އިޞްލާޙުކުރުމަށް ވަރަށް ރަނގަޅު ވަސީލަތެކެވެ
9. އަބަދުވެސް ފޮލޯއަޕް ކުރަމުން ދިއުން. ހިތުދަސްކުރުމުގެ ގޮތުން ބަލާއިރު، ޤުރުއާނަކީ ޝިޢުރު ނުވަތަ ނަޘުރު ފަދަ އެހެން އެއްވެސް އެއްޗަކާ ތަފާތު އެއްޗެކެވެ. އެއީ އެ އަވަހަށް ހަނދާން ނެތިގެން ދެވިދާނެތީއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: “ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދީ ހުވާކުރައްވަމެވެ. ހަމަކަށަވަރުން އެ (ޤުރުއާން) ފިލައިގެން ދިއުމަށް މަސައްކަތްކުރާ މިންވަރު، ކަނބަލެއްގެ ފައިގައި އަޅުވާފައިވާ ކަސްތޮޅު ނެއްޓިގެން ދިއުމަށްވުރެ ބޮޑެވެ.” (އެއްބަސްވެވަޑައިގެންފައިވާ ޙަދީޘެކެވެ) މީހަކު އެ (ޤުރުއާން) ކުޑަ ވަގުތުކޮޅަކަށް ދޫކޮށްލިޔަސް، އެ މީހެއްގެ ހިތުން ފިލައިގެންގޮސް އަވަހަށް ހަނދާން ނެތިގެންދެއެވެ. އެހެންކަމުން، މީހަކު ޤުރުއާނުން ހިތުދަސްކޮށްފައިވާ މިންވަރު ހިފެހެއްޓުމަށްޓަކައި އަބަދުވެސް މުރާޖަޢާކޮށް، ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. މިކަމާ ގުޅޭގޮތުން ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: “ޤުރުއާން ހިތުދަސްކޮށްފައިވާ މީހާއަކީ ކަނބަލެއްގެ ވެރިޔާއާ އެއްފަދައެވެ. އޭނާ އެ ކަނބަލަށް ސަމާލުކަން ދީ، އަޅާލައިފިނަމަ އެ ހިފެހެއްޓޭނެއެވެ. އެހެންނަމަވެސް އޭނާ އެ ދޫކޮށްލައިފިނަމަ، އެ ގެއްލިގެންދާނެއެވެ.” (އެއްބަސްވެވަޑައިގެންފައިވާ ޙަދީޘެކެވެ) މީގެ މާނައަކީ ޤުރުއާން ހިތުދަސްކޮށްފައިވާ މީހާ، އޭނާގެ ވިރުދުގެ (ޒިކުރުގެ) ބައެއްގެ ގޮތުގައި އެ ގަވާއިދުން ކިޔަވަންޖެހޭ ކަމެވެ. މަދުވެގެން އޭނާ ދުވާލަކު އެއް ޖުޒްއު ކިޔަވަންވާނެއެވެ. އަދި ގިނަވެގެން ދުވާލަކު 10 ޖުޒްއު ކިޔަވަންވާނެއެވެ. އެއީ ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާތީއެވެ: “ތިން ދުވަހަށްވުރެ މަދު ދުވަހެއްގެ ތެރޭގައި މުޅި ޤުރުއާން ކިޔަވައި ނިންމާ މީހާއަށް އެ (ޤުރުއާން) ނުވިސްނެއެވެ.” (އެއްބަސްވެވަޑައިގެންފައިވާ ޙަދީޘެކެވެ) މިގޮތަށް އަބަދުވެސް ކިޔަވަމުން ދިއުމުން، އޭނާއަށް ހިތުދަސްކޮށްފައިވާ މިންވަރު ހިފެހެއްޓޭނެއެވެ
10. ޤުރުއާނުގެ އެއްގޮތް ބައިތަކަށް ސަމާލުކަން ދިނުން. ޤުރުއާނުގެ ބައިތައް އޭގެ މާނައިގައާއި ބަހުރުވައިގައި އެއްގޮތްވެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ: (މާނައިގެ ތަރުޖަމާ): ﷲ ވަނީ އެންމެ ރަނގަޅު ބަސްފުޅު ބާވައިލައްވާފައެވެ. (އެއީ) ފޮތެކެވެ (މި ޤުރުއާނެވެ). އޭގެ ބައިތައް (ހެޔޮކަމާއި ތެދުވެރިކަމުގައި) އެއްގޮތްވެގެންވާ، އަދި ތަކުރާރުކޮށް ކިޔެވޭ (ފޮތެކެވެ). އެ (ފޮތް ކިޔަވާ އަޑު އަހާ) އިރު، އެބައިމީހުންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާ މީހުންގެ ހަންގަނޑުތައް (ބިރުވެރިކަމުން) ފޮޅެއެވެ. ދެން އެބައިމީހުންގެ ހަންގަނޑުތަކާއި ހިތްތައް ﷲގެ ޒިކުރަށް މަޑުމޮޅިވެއެވެ. [އައްޒުމަރު 39:23] އެހެންކަމުން، ޤުރުއާން ރަނގަޅަށް ކިޔަވާ މީހާ އެއްގޮތް ބައިތަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. އެބަހީ، ބަސްތައް އެއްގޮތްވާ ބައިތަކަށެވެ. މިއީ އޭނާއަށް ރަނގަޅަށް ހިތުދަސްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ
11. އެންމެ ރަނގަޅު އަހަރުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން. ޙަޤީޤަތުގައި އެންމެ ނަސީބުވެރިވެގެންވަނީ އަށްޑިހަފަސް އަހަރާއި ތޭވީސް އަހަރާ ދެމެދުގެ އުމުރުގައި ހިތުދަސްކުރުމަށް އެންމެ ރަނގަޅު އަހަރުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމުގެ ތައުފީޤު هللا ދެއްވާ މީހާއެވެ. މި އަހަރުތަކުގައި މީހަކަށް ވަރަށް ފަސޭހައިން ކަންކަން ހިތުދަސްކުރެވެއެވެ. ފަސް އަހަރުން ދަށުގެ އުމުރުގައި އެކަން ނުކުރެވެއެވެ. އަދި ތޭވީސް އަހަރުން މަތީގެ އުމުރުގައި ހިތުދަސްކުރުމުގެ ޤާބިލުކަން ދަށްވާއިރު، ވިސްނައި ދެނެގަތުމުގެ ޤާބިލުކަން އިތުރުވެއެވެ. އެހެންކަމުން މި އުމުރުފުރައިގެ ޒުވާނުން މީގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، هللاގެ ފޮތް ހިތުދަސްކުރަން ޖެހެއެވެ. އެއީ އެމީހުންނަށް އަވަހަށް ދަސްވެ، ނުވިސްނި ދިއުން ލަސްވާނެ އުމުރުގައި ކަމަށްވާތީއެވެ. މުސްކުޅިވުމަށްފަހު އެހެނެއް ނޫނެވެ. “ޅަފަތުގައި ހިތުދަސްކުރުމަކީ ހިލައެއްގައި ކަނޑައިގެން ލިޔުން ފަދައެވެ. މުސްކުޅިވުމަށްފަހު ދަސްކުރުމަކީ ފެނުގައި ކަނޑައިގެން ލިޔުން ފަދައެވެ” މިހެން ބުނި މީހާ ތެދުބަހެއް ބުނެފައިވެއެވެ
“އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އަﷲގެ ފޮތް ރަނގަޅަށް ހިތުދަސްކޮށް، އޭގެ ހިދާޔަތް ޤަބޫލުކޮށް އެއަށް ތަބާވެ، އަދި އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޤާނޫނު އަސާސީ އަކަށް ހަދައި، އަޅުގަނޑުމެންގެ ހިތްތަކުގެ ނޫރަކަށާއި، އަޅުގަނޑުމެންގެ ނަފްސުތަކުގެ ހިތްހަމަޖެހުމަކަށް ހެދުމެވެ. އިޚްލާޞްތެރިކަމާއެކު އަﷲގެ ފޮތް ރަނގަޅަށް ހިތުދަސްކުރަން ބޭނުންވާ މީހުންނަށް މި ޤަވާޢިދުތަކަކީ ރަނގަޅު އަސާސެއް ކަމުގައި ވެކަމުގައި ވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ
އަދި ﷲ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ
ރިފަރެންސް: އިސްލާމްޤާ

