ތިނެސްކަން ލޯބި (1)
ފުރަތަމަ ބައި
ކަޅު ބަނަ ވިލާތައް ފޮރުވާލާ އިރުގެ ރަން ދޯދީގެ ކުލަތަކުން އާ ދުވަހަކަށް މަރުހަބާ ކިޔައިފިއެވެ. ގަދަ ވިއްސާރައިގެ ތޫފާނެއްގެ ނިވަލުން އިރުގެ ރޯޝަނީ އަލިކަމުން ދުނިޔެ ފިއްސާލައިފިއެވެ. މަގުތަކުގައި ހެދިފައިވާ ފެންގަނޑުތަކުގެ ވަސް ވެސް ފެންނާކަށްނެތެވެ. މިފަދަ ދުވަހެއްގެ ފެށުމަކަށް އިންތިޒާރުކުރަމުންދާކަން އިނގެނީ އެހާ ހެނދުނާ ވެސް މަގުތައްމަތިން ދުއްވާ އެއްޗިސްސާއި ހިނގާ މީހުން ގިނަކަމެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. މިއަދަކީ ހަފުތާ ބަންދު ދުވަސްތަކަށްފަހު ސްކޫލުތަކަށްދާ ކުދިންނާއި އޮފީސްތަކަށްދާ މީހުންގެ ދުވަހުގެ ފެށުމަށް މަރުހަބާ ކިޔާ ދުވަހެވެ. އަދި ގަޑިން ހެނދުނުގެ 7:30 ވިޔަސް ރަސްމީ ހެދުމުގައި އޮފީސްތަކާއިދިމާލަށް އެދަނީ އަވަހަށް ގަޑިނުޖެހި މަންޒިލާހަމަށް ވާޞިލްވެވޭތޯއެވެ. ނަމަވެސް ‘މެހެފިލް ވިލާ’ ގޭ މީހުން ތަފާތެވެ. ހުދު ޔުނިފޯމުގައި އަތްތަކުގައި ތަނބަށްތައް ހިފައިގެން އެގޭގެ ވެރިންނަށް ޚިދުމަތްދިނުމުގައި ތިބި ނޯކަރުންގެ އަތްމަތި ވަރަށް ހަލުއްވެއެވެ. ހީވާގޮތުގައި އެގޭގެވެރިންގެ މަންޒިލުތަކާހަމައަށް ވާޞިލްވުމަށް އެޅޭ ހުރަހަކަށް އެމީހުންވާން ބޭނުންނުވާހަކަލައެވެ. އެހެންނުވާންވީ ވެސް ފަހެ ކީއްވެ ހެއްޔެވެ؟
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ‘މެހެފިލް ވިލާ’ އޭ ބުނުމުން ނޭނގޭނެ ދިވެހި ފަރުދެއް މުޅި މި ދިވެހިރާއްޖޭގައި ވެސް ނުހުންނާނެއެވެ. ރާއްޖޭގައި ހުރި އެންމެ މުއްސަނދި ވިޔަފާރިވެރިޔާ ޒާލިމް ޒާކިރުގެ މިލްކިއްޔާތުގެ އެއް ތަނބޭ ބުންޏަސް ރަނގަޅުވާނެއެވެ. ‘މެހެފިލް ވިލާ’ އަކީ ގެއަކަށްވުރެން ބޮޑަށް ގަނޑުވަރެކެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް އެގޭގެ މީހުންގެ ހައިބަތު ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ. އިސްކޮޅަށްވުރެން ވަރުގަދަ ބޮޑު ގޭޓުން އެތެރެވުމާއިއެކީ ފުރަތަމަ ވެސް ފެނިގެންދަނީ ތަފާތު މާމެލާމެލިން ފަރިވެ ފޮޅިފައިވާ މާތަކުގެ ހިތްގައިމު ބޮޑު ބަގީޗާއެކެވެ. މެދުން ކުރިއަށްދެވެން މަގެއް ހެދިފައިވާއިރު ގޭޓާއި އެ ގަނޑުވަރުގެ އެތެރެ މާލަމަށް ދެވެން ފުދޭވަރެއްގެ ބޮޑު ޖާގައެއް އޮވެއެވެ. ގާތްގަނޑަކަށް ތިން ހަރުފަތުގެ ސިޑިއެއް ކަނޑައްތުކުރުމަށްފަހު ގަނޑުވަރުގެ އެތެރެ މާލަމަށްވަދެވުމާއިއެކީ އަޖައިބުވާހާވެއެވެ. ބޮޑު ލިވިންގު ރޫމަކާއި މެހެމާނުންނަށް ޚާއްސަކުރެވިފައިވާ ޖާގައަށް ބަލައިލިކަމުގައި ވިޔަސް ދުލަކުން ގަލަމުން ބަޔާންކުރެވޭ ވަރަށް ވުރެން މާ ފުރިހަމައެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ޝާހީ ވައްޓަފާޅި ހާމަވެއެވެ. މާބަލް ތަޅުމުން ފެށިގެން ގޮސް އެތަނުގައި ބެހެއްޓިފައިވާ ހުރިހާ ތަކެއްޗަށް ދަންދެނެވެ. އަދި ކޮޓަރިތަކުގެ ހާލަކީތޯއެވެ. އެއިން ކޮޓަރިއެއް ބޮޑުމިން ލިވިންގ ރޫމެއްވަރުވެއެވެ. މުޅި އެ ގަނޑުވަރަކީ ޖުމުލަ 10 ބުރީގެ ގަނޑުވަރަކަށްވާއިރު އެ ގަނޑުވަރުގެ ކޮންމެ ވާރިސަކަށް ފުލޯއެއް ދެވިފައިވެއެވެ. ޚިދުމަތްދިނުމުގައި ތިބޭ ނޯކަރުންނަށް ވެސް ވަކި ބައެއްވާއިރު ގަނޑުވަރުގެ ވާރިސުންގެ ބަޔަށް ނޯކަރުންނަށް ނުވަދެވޭގޮތަށް ވަނީ ހަދާފައެވެ. ގަނޑުވަރުގެ ވާހަކަދައްކާއިރު މި ގަނޑުވަރުގެ ވާރިސުންނަކީ ތޯއެވެ. ‘މެހެފިލް ވިލާ’ ގަނޑުވަރަކީ ޒާކިރު ޒުލްފިކާރުގެ ލޮބުވެތި އަނބިކަނބަލުން ފަރުޙާނާ ފިކުރީއަށް އަޅައިދިން ލޯބީގެ ބިންގާއެވެ. ހަމައެކަނި ލޯބީގެ ގަނޑުވަރެއް އެޅޭނީ ޝާހު ޖަހަނަށް އެކަނި ނޫންކަން ޒާކިރު ޒުލްފިކާރުގެ ޢަމަލުތަކުން ސާބިތުކޮށްދީފިއެވެ.
ޒާލިމް ޒާކިރުއާއި ބަލްގިސް އަބްދުއްރަޙްމާނުގެ ތިބެނީ ދެކުދިންނެވެ. އެއީ އެގަނޑުވަރުގެ ވާރިސުންގެ ތެރެއިން ޒިވިއަން ޒާލިމާއި ޒާރާ ޒާލިމެވެ. ދެން އެ ގަނޑުވަރުގެ އަނެއް ވާރިސުންނަކީ ޒާލިމް ޒާކިރުގެ ލޮބުވެތި ކޮއްކޮ ޒޫނާ ޒާކިރުގެ ދެކުދިންކަމަށްވާ ޒާން ސަލީމާއި ޒޯޔާ ސަލީމެވެ. މި ރަސްކަލެއްފަދަ ގަނޑުވަރުގެ ވާރީސުންގެ ގޮތުގައި ޒިވިއަނާއި ޒާރާ އަދި ޒާން އާއި ޒޯޔާ ހަމަޖެއްސީ އެ ގަނޑުވަރުގެ ބާނީކަމަށްވާ ޒާކިރު ޒުލްފިކާރެވެ. އެހެނީ ޒާކިރުގެ ކާފަ ދަރިން ދެކެވާ ލޯބީގެ ރަމްޒެއްކަމުގައި މިކަންވެގެންދެއެވެ.
ޒާލިމް ޒާކިރުގެ ހިއްސާ ނޯންނަ އެއްވެސް ދާއިރާއެއް މުޅި ދިވެހިރާއްޖޭގައި ވެސް ނެތެވެ. ސިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ވެސް ޒާލިމް ޒާކިރުގެ ނަމަކީ ވިދާލާ ނަމެކެވެ. ރާއްޖޭގައި އެންމެ ފަހުން އެޅި ހަސްފަތާލުކަމަށްވާ ފޯރ ޒެޑް މެޑިކަލް ހޮސްޕިޓަލާއި ޒެޑް ފޯރ ކުންފުއްޏަކީ ޒާލިމްގެ މިންނެތް ބުރަ މަސައްކަތުގެ ނަތީޖާއެވެ. ހަމައެހެންމެ ޒާލިމްގެ ހިއްސާ އޮންނަ ރިސޯޓުތަކުގެ ނިސްބަތް ވެސް އެހާމެ ގިނައެވެ. މިއަދު ރާއްޖޭގެ ގިނަ ބަޔަކު ގަދަރުކުރާ އަދި މީސް މީޑިޔާގައި ނަން ވިދާލާ ޒާލިމް ޒާކިރުއަކީ ވަރުގަދަ ޝަޙުޞިއްޔަތެވެ. ވިޔަފާރީން އަތްދޮވެލައިގެން މިއަދު އަރާމުގައި މެހެފިލް ވިލާ ގަނޑުވަރުގައި ހުއްޓެއްކަމަކު އަދި ވެސް އެ ހުރިހާ ވިޔަފާރިތަކުގެ އެންމެ އިސް މޭސްތިރިއަކީ އެއީއެވެ.
ނަމަވެސް މިއަދު އެ ވިޔަފާރިތަކުގެ ހިއްސާދާރުންނަކީ މެހެފިލް ވިލާ ގަނޑުވަރުގެ ވާރިސުންނެވެ. އާދެ، މީސް މީޑިޔާތަކުގައި ޒާލިމް ޒާކިރުގެ ނަން ފަނޑުވަމުން ގޮސް މިއަދު ޚަބަރުތަކުގެ ފަލަ ސުރުޚީތަކުން ފެންނަމުންދަނީ ޒުވާން ވިޔަފާރިވެރިޔާ ޒާލިމް ޒާކިރުގެ ދޮށީ ދަރިކަލުން ޒިވިއަން ޒާލިމްގެ ނަމެވެ. އާދެ، މިއަދު އެއީ ރާއްޖެއަށް މަޝްހޫރު ފޯރ ޒެޑް ކުންފުނީގެ ސީއީއޯއެވެ. އެތައް އަންހެން ކުދިންގެ ހިތްތަކުގެ ރާޖާއެވެ. ޒިވިއަންގެ އެންމެ ބެލުމަކުން ވެސް ފިދާވާން ތައްޔާރަށް ތިބި އަންހެން ކުދިންގެ ލިސްޓު އެހާ ވެސް ދިގެވެ. ރާއްޖޭގައި އެންމެ ރަނގަޅަށް ސިއްޙީ ޚިދުމަތްދޭ ހަސްފަތާލުކަމަށްވާ ޒެޑް ފޯރ މެޑިކަލް ހޮސްޕިޓަލުގެ ސީއީއޯއަކީ މެހެފިލް ވިލާ ގަނޑުވަރުގެ ދެވަނަ ވާރިސުކަމަށްވާ ޒާން ސަލީމެވެ. ޒާންއަކީ ވެސް އަންހެން ކުދިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ޒުވާނެކެވެ. އިނގިރޭސިން ބުނާނަމަ އަންހެން ކުދިންގެ “ޕްރިންސް ޗާމިން” އެވެ. ޒިވިއަން އާއި ޚިލާފަށް ޒާންއަކީ ފްލާޓީ ސްޓައިލް ގެންގުޅޭ ޒުވާނެކެވެ.
ފޯރ ޒެޑް ކުންފުނީގެ ކުރިމައްޗަށް ހުއްޓާލި ކަޅު ކުލައިގެ ކާރުން ފޭބި ޒުވާނާއަށް ގިނަ ބައެއްގެ ނަޒަރުވަނީ ހުއްޓިފައެވެ. ރޭބަން އައިނަކުން އެ ހިތްގައިމު ލޯ ފޮރުވާލައިގެން ހުރި އެ ޒުވާނާ ލައިގެން ހުރީ ހުދު ގަމީހަކާއި ކަޅު ޓައީއެކެވެ. އަދި ތިރިން ކަޅު ފަޓުލޫނެއްލާފައިވާއިރު ގަމީސްމަތިން ކަޅު ސޫޓެއް ލާފައިވެއެވެ. ވައަތުގައި އެންމެފަހުގެ ގަޑިއެއް އަޅައިފައިވާއިރު އަރާފައިވަނީ އޮފުކަންގަދަ ކަޅު ބޫޓަކަށެވެ. އަދި އެއް ޖީބަށް އަތް ޖަހައިލައިގެން ފިރިހެންވަންތަ ހިނގުމެއްގައި އެ ކުންފުނީގެ މައި ދޮރުން ވަދެގެންދިޔައެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.



nice story
THANK YOU 🙂
Wow vv interesting feshumeh
Hope to be able to read the next part soon
You are a great writer 😊
Love you mysterious women 🧡
THANK YOU 🙂 WILL UPLOAD THE NEXT CHAPTER SOON ISNHA ALLAH..
wow vrh reethi mashallah vrh kiyaalaa hithun kiyaaleemi
when next part.curiously waitinggg…keep it up
love you so much mysterious women 💘😘
hehe thanks nd lots of love from – M.W 🙂
Ooooh that’s sum gud plot
thanks… 🙂