Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

އަނިޔާ

Ramraba Level 1
October 21, 2024 6 Mins Read
0 Comments

އަޒީމާ އަކީ ވަރަށް އެކަނިވެރި އަންހެނެކެވެ. އާއިލާގައި އަޒީމާ އަށް އެހީތެރިވާނެ މީހަކު ނެތެވެ. އުމުރުން ނަވާރަ އަހަރުގައި ފެށި ދިރި އުޅުން ތިން ކުދިން ލިބުނު ފަހުން އަޒީމާ އަށް ވޭނަކަށްވީ ފިރިމީހާގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުންނެވެ. ފިރިމީހާ (އަޒީޒު) ދެކެ އަޒީމާ ވަރަށް ލޯބިވިއެވެ. ނަމަވެސް އަޒީޒު އެހެން އަންހެނަކާ ގުޅުން ބާއްވަމުންދާ ކަން އެންގުމުން އަޒީމާ އަށް ކެތެއް ނުކުރެވުނެވެ.

ރީތިގޮތުގައި އަޒީޒުއާއި ވާހަކަ ދައްކައިގެން އަޒީމާ އެމައްސަލަ ހައްލުކުރަން އުޅުނެވެ. ނަމަވެސް އެވާހަކަ ދައްކަން ފެށުމުން އަޒީޒު ގާތަށް އަންނަނީ ރުޅިއެވެ. އަޒީމާ އެވާހަކަ ދައްކާ ކޮންމެ ފަހަރަކު އަޒީޒު އަޒީމާގެ ބޮލުގެ އިސްތަށިގަނޑަށް ދަމާ، އަތުން ކަށްކަށިމަތީގައި ޖަހާ ތަޅާ ތަފާތު ކުދި އަނިޔާތަށްވެސް ކުރަންފެށިއެވެ. އަދި އެންމެ ފަހުން އަޒީޒު އަޒީމާ ވަރިކުރިއެވެ.

އިންސާނެއް ދިރިއުޅުން އަބަދު އެއްގޮތަކަށް ދެމިއެއް ނޯވެއެވެ. ކޮންމެ ދުވަހަކީ އާ ކަންތައްތައް ތަޖުރިބާ ކުރެވޭނޭ ދުވަހެކެވެ. ފުރަތަމަ ކައިވެނި ރޫޅުމުން އަޒީމާ ގަސްދުކުރީ ދެވަނަ ކައިވެންޏެއް ނުކުރުމަށެވެ. ނަމަވެސް އެގޮތުގައި އޭނާއަށް ދެމިހުރެވުނީ އެންމެ ހަމަސްދުވަސް ވަންދެނެވެ. އެކަނިމާ އެކަނި ބުރަ މަސައްކަތް ކޮށްގެން ތިން ކުދިން ބަލަން ޖެހުމުން އަޒީމާއަށް މަޖުބޫރުވީ ދެވަނަ ކައިވެންޏެއް ކުރުމާއިމެދު ވިސްނާށެވެ.

ހުޝާމަކީ ރަށުގެ ފަޅު ކޮނުމުގެ މަސައްކަތް ހިގަމުންދާގޮތް ބެލުމަށް އައިސްހުރި މީހެކެވެ. ރަށުގެ ފަޅުކޮނުމުގެ ހުރިހާ މަސައްކަތެއް ހިނގަމުން ދަނީ ހުޝާމުގެ ބެލުމުގެ ދަށުންނެވެ.

ޙުޝާމު ހުންނަނީ ރަށުގެ ކައުންސިލުގެ ރައީސްގެ ގޭގައެވެ. އަޒީމާ އެގެއަށް ދަނީ އެގޭގައި ކުރަންޖެހޭ ބައެއް މަސައްކަތްތައް ކުރުމަށެވެ. އެގޭގައި ކުރަންޖެހޭ މަސައްކަތްތައް ކޮށްގެން ދުވާލަކަށް ރަނގަޅު އާމްދަނީއެއް އަޒީމާ ލިބެއެވެ. އެގޭގެ މަސައްކަތުގެ އިތުރުން އަޒީމާ އިތުރަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ފަންގި ވިނުމާއި ރޯނުވެށުމުގެ އިތުރުން މަގު ކުނިކަހަށް ދިޔުމެވެ.

އަޒީމާ އުޅެމުންދާ ބުރަކަމާއި، ދަރިންގެ ދަރިންގެ ހައްގުގައި އޭނާ ވަމުންދާ ޤުރްބާނީ ހުޝާމުއަށް ފާހަގަ ކުރެވުނެވެ. ހުޝާމުގެ ހިތުގައި އަޒީމާއަށްޓަކައި އުފެދެމުންދިޔަ ހަމްދަރުދީ ދުވަހެއް ދުވަހަކަށް ދިޔައި އިތުރު ވަމުންނެވެ.

ކައުންސިލް ރައީސް ނަޝީދުގެ އަންހެނުން ލަމްހާއާއި ވާހަކަ ދައްކައިގެން ހުޝާމު އަޒީމާގެ އެކަނިވެރި ދިރިއުޅުމުގެ މައުލޫމާތު ހޯދިއެވެ. އެއަށްފަހު އޭނާދެން މަސައްކަތް ކުރަމުން ދިޔައީ އަޒީމާއާއި ވާހަކަ ދައްކާލެވޭނެ ރަނގަޅު ފުރުސަތެއް ހޯދުމަށެވެ. އަޒީމާއަށް ކަންތައް ދިމާވެފައިވާ ގޮތުން އެކަމަކީ އެހާ ފަސޭހަކަމެއް ނޫންކަން ހުޝާމަށް އެނގެއެވެ.

އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އަޒީމާ އިނީ އަތިރިމަތީގައި ވަންގިވިންނާށެވެ.  އޭނާގެ މޫނު މަތިން ފެންނަމުން ދަނީ ނާއުއްމީދުގެ ކުލަވަރެވެ. އަތިރިމަތީގައި ދުރުދުރުންވެސް އަޒީމާ ފިޔަވައި އިތުރު އެހެން މީހަކު ފެންނާކަށް ނެތެވެ. ވަރަށް ފަރިތަކަމާ އެކު އަޒީމާ ފަންގިވިންނަމުންދިޔައެވެ.

އޭގެ އިރުކޮޅެއް ފަހުން ހުޝާމު އެތަނަށް އައީ ނަޒީހުއާއި އެކުގައެވެ. ނަޒީހަކީ ހުޝާމުގެ ރަށްޓެއްސެކެވެ. ވަކި ހިސާބަކަށް އައިސްފައި ހުޝާމު ނަޒީހު ދުރަށް ފޮނުވާލިއެވެ،  ތަންކޮޅެއް ދުރުގައި އިރުކޮޅެއް ވަންދެން އަޒީމާގެ ހަރަކާތްތަށް ބަލަހައްޓައިގެން ހުޝާމު ހުއްޓެވެ. ދެން އޭނާ ލަސް ފިޔަވަޅު ތަކެއް އަޅަމުން އަޒީމާ އާއި ދިމާއަށް ހިނގަންފެށިއެވެ. އަޒީމާ އާއި ދާދި ގާތުގައި މަޑުކޮއްލަމުން ހުޝާމު އަޒީމާ އަށް ގޮވާލިއެވެ.

އަޒީމާ މަސައްކަތް ހުއްޓާލާފައި އިސް އުފުލައި ބަލާލިއެވެ. ހުޝާމު ފެނުމުން އަޒީމާ ޙައިރާން ވިއެވެ. “ހުޝާމު ކީއްކުރަން މިތަނަށް ތިއައީ؟… މީހަކަށް ފެނިދާނެ… އަވަހަށް މިތަނުންދޭ!” އަޒީމާ ބުންޏެވެ. ހުޝާމު މަޑުމަޑުން ހިނިތުން ވެލިއެވެ.

“މީހަކަށް ފެނިއްޖެއްޔާ ވާނީ ކީއް؟… މީހުން ކޮންމެ އެއްޗެއް ކިޔަސް އަހަރެންގެ މައްސަލައެއް ނެތް އަހަރެން ބޭނުން އަޒީމާ އާއި ވާހަކަ ދައްކަން”.

“ކޮން ވާހަކައެއް؟… އަހަރެން ގާތު ހުޝާމު ދައްކަންޖެހޭ ވާހަކައެއް ނޯންނާނެ… އަދި ބުނަންތަ؟ އަހަންނަކީ ފެންނަ ކޮންމެ މީހަކާ ވާހަކަ ދައްކާ އުޅޭމީހެއް ނޫން” ވާހަކަ ދައްކަމުން އަޒީމާ ކޮޅައް ތެދުވިއެވެ.

“އަހަންނަކީ ފެންނަ ކޮންމެ މިހެއްކަމުގައި ނުދެކޭ… މިހާރުން ފެށިގެން އަހަންނަކީ ގާތްރައްޓެއްސެއް ކަމުގައި ހީކުރޭ! އަހަންނާ ބެހޭ ހުރިހާ މައުލޫމާތެއްވެސް އަޒީމާއަށް ދީފާނަން…..

އަހަރެންގެ ފުރިހަމަ ނަމަކީ އަޙްމަދު ޙުޝާމު އަހަރެންގެ އުމުރަކީ ތިރީސްފަސް އަހަރު.. އަހަންނަކީ މާލޭގައި ގެދޮރު ހުރި މާލޭ މީހެއް، އަހަރެންގެ ދެދަރިން އެބަތިބި، އަހަރެންގެ އަންބެއް މިހާރު ނުހުރޭ، އަންހެނުން ވަރިކުރި ފަހުން ދެ އަހަރު މިވަނީ..” ހުޝާމު އަޒީމާއަށް އޭނާގެ ވަނަވަރު ކިޔާދިނެވެ. އެވާހަކަތައް އަޑުއަހަން ހުރެފައި، ހުޝާމަށް އެއްވެސް ޖަވާބެއް ނުދީ އަޒީމާ ހިނގައިގަތެވެ. ހުޝާމު ދެތިން ފަހަރަކު އަޒީމާ އަށް ގޮވާލިއެވެ. ނަމަވެސް އަޒީމާ ނުހުއްޓުނެވެ. އޭނާ ފަސް އެނބުރި ހުޝާމާ ދިމާލަށް ބަލައިވެސް ނުލައެވެ. އެދިޔަ ގޮތައްގޮސް އަޒީމާ ވަނީ ގެއަށެވެ.

ގޯތިތެރޭގައި ހައްދާފައި ހުރި  ބޮޑު ހިރުނދު ގަހުގައި އެލުވާފައި ހުރި އުނދޯލީގައި އަޒީމާ އިށީނެވެ. އަޒީމާ ވިސްނަމުން ދިޔައީ ހުޝާމުއާއި ދޭތެރޭގައެވެ. ހުޝާމު ދެއްކި ވާހަކަ އާއި ދޭތެރޭގައެވެ. ބަލާބެލުމަށް ހުޝާމަކީ ރަނގަޅު މީހެކެވެ. ވާހަކަ ދައްކަނީ ވެސް ވަރަށް ހިތްހެޔޮކަމާއި އޯގާތެރިކަމާއެކުގައެވެ. އަޒީމާއަށް ބަލާފައި ހުޝާމަކީ ރީތި މީހެކެވެ. މާލޭގައި ގެދޮރު ހުރި މުއްސަންޖެކެވެ. ހުޝާމުގެ ހަޔާތައް ދެވިއްޖެ ނަމަ  އެއީ އަޒީމާއަށް ލިބޭނެ ވަރަށް ބޮޑު ނަސީބަކަށްވާނެކަމެކެވެ.

ތަފާތު ގޮތްގޮތަށް ހުޝާމުއާއި ދޭތެރޭ ވިސްނެމުން ދިޔަވަރަކަށް އަޒީމާ އަށް ހުޝާމުއާއި ދޭތެރޭ ޝައުގުވެރިކަން އުފެދެން ފެށިއެވެ. ހަޔާތުގެ ބާކީ އޮތް ދުވަސްތައް ބޭކާރުކޮށް ނުލައި ހަޔާތުގެ ބައިވެރިއެއްގެ އެހީތެރިކަން އަޒީމާ ވެސް ބޭނުންވާނެއެވެ. ފިރިއެއްގެ އެހީތެރިކަމާ ނުލައި ދަރިންގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިރިއުޅުން ކުރިއަށް ގެންދިއުމަކީ އަންހެނަކަށް އެކަނި ކުރެވޭ ވަރަށްވުރެ އުނދަގޫ ބުރަ މަސައްކަތެކެވެ.

އަޒީމާ ވިސްނަން އިންދާ އުނދޯލީގައި އައިސް އިށީނީ އަޒީމާގެ ދޮށީ ދަރިފުޅު މަލާކު އެވެ. ” މަންމާ ކޮންކަމާކާ ތިވިސްނަނީ؟ “މަލާކު އަހާލިއެވެ. އަޒީމާ މަލާކުގެ މޫނަށް ބަލައިލި އެވެ. ވިސްނާ ކަންތަކުގެ ވާހަކަ މަލާކު ގާތުބުނަން އަޒީމާ ބޭނުންވި އެވެ. ނަމަވެސް އެހިތްވަރެއް އަޒީމާ އަކަށް ނުލިބުނެވެ.

“ކޮބާ ކޮއްކޮމެން؟ އަލީ ސުކޫލަށް ހިގައްޖެތަ؟” އަޒީމާ ދައްކަން ފެށީ އެހެން ވާހަކަ އެކެވެ. “އާނ! އަލީ ކޮއްކޮ ސްކޫލަށް ހިނގައްޖެ… އައިޝާ ކޮއްކޮ ގޭގައި އެބައިން… މަންމަ މިއަދު ކައުންސިލުގެ ރައީސް ގެއަކަށް ނުދަންތަ؟” މަލާކު ބުންޏެވެ. ނޫނޭ! މަންމަ އެގެއަށް ގޮސް ބައެއް މަސައްކަތްތައް ކޮށް ނިންމާފައި އަތިރިމަތީގައި ފަންގިވިންނަން އިނދެފަ މިއައީ…. ދަރިފުޅު މިހާރު ސައި ބޮއިފިންތަ؟” އަޒީމާ ބުންޏެވެ. އާނ! އަހަރެން ސައިބޮއިފިން… މަންމާ! އަހަރެން މިދަނީ ޒަހީމެންގެއަށް.. އެންމެ ރަނގަޅުތަ؟..”  މަލާކު އުނދޯލިންތެދުވި އެވެ. އާނ! އެންމެ ރަނގަޅު ދޭ! ގޮސް އަވަހަށް އަންނާތި!” އަޒީމާ އެހެން ބުނެފައި އުނދޯލިން ތެދުވެގެން ގެއާއި ދިމާލައް ހިނގައިގަތެވެ..

އަނެއްދުވަހުގެ ރޭގަނޑުގެ ވަގުތު ހުޝާމު އަޒީމާގެ ގެއަށް އަތުވެއްޖެއެވެ. އޭރު އަޒީމާގެ ހުރިހާ ކުދިން ގޭގައި ތިއްބެވެ. ހުޝާމު ވަރަށް ހިތްހެޔޮކަމާއެކު އަޒީމާގެ ހުރިހާ ކުދިންވެސް ވާހަކަ ދެއްކިއެވެ. ހުޝާމު އެގެއިން ނުކުމެގެން ދަމުން އަޒީމާ އަތަށް ސިޓީއެއް ދިނެވެ.

ހުޝާމު ދިއުމާއެކު އަޒީމާ އަވަހަށް ގޮސް ކޮޓަރިއަށް ވަދެ ސިޓީއުރަ ކަނޑާލިއެވެ. އެގްޒަމިނޭޝަންޕޭޑްގެ ގަނޑެއްގައި ލިޔެފައިވާ އެސިޓީ ފަށައިގެން ނިމެންދެން އަޒީމާ ކިއެވެ. ސިޓީގައި ހުޝާމު ލިޔެފައިވާ ކޮންމެ ޖުމްލަ އަކުން އަޒީމާ އަށް ވިސްނުނީ ޙުޝާމު އޭނާއަށް ހެޔޮއެދޭ މިންވަރެވެ. ސިޓީ ނިންމާލަމުން ހުޝާމު އެދިފައި ވަނީ އަޒީމާގެ ކައިވެންޏަށެވެ.

ހުޝާމުއާއި ކައިވެނި ކުރަން އަޒީމާ ނިންމީ ވަރަށް ވިސްނުމަށް ފަހުގައެވެ. އަޒީމާގެ އެންމެ ބޮޑުއެއް މަގުސަދަކީ ދަރިންނަށް އުފާވެރި މުސްތަގްބަލެއް ހޯދައި ދިނުމަށް އެދަރިންނަށް ރަނގަޅު ތައުލީމެއް ދިނުމެވެ. އަޒީމާގެ ދަރިންނަށް އަޅާލާ އެދަރިން  ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް އެދަރިންނަށް ރަނގަޅު ތައުލީމް އުނގަންނައި ދިނުމުގެ މަގު ފަހިކޮށްދޭނެ ކަމަށް ހުޝާމު ޝިފާ ގާތު ވަޢުދުވިއެވެ.

ހުޝާމުއާއި އަޒީމާ ގެ ކައިވެންޏަށް ދެމަސްވީ ފަހުން ހުޝާމު ނިންމީ އަޒީމާ ގޮވައިގެން މާލެ ދިއުމަށެވެ. ހުޝާމުގެ އެނިންމުމަށް އަޒީމާ އެއްބަސް ވިއެވެ.

އަޒީމާގެ ތިން ދަރިންނާއި އަދި އަޒީމާ ގޮވައިގެން ހުޝާމު މާލެ އައިސް ގެއަށް ވަނުމާ އެކު ހުޝާމުގެ ދެދަރިން އެމީހުންނަށް މަރުހަބާ ކިއެވެ. އަޒީމާގެ ހަޔާތުން ދުވަސްތައް ފާއިތު ވަމުން ދިޔައީ އުފަލާއި ހިތްހަމަ ޖެހުމާ އެކުއެވެ. ހުޝާމު އަޒީމާއަށް ވަރަށް ރަނގަޅުވެ. ވަރަށް ހެޔޮއެވެ. އަޒީމާގެ ދަރިންނާ ދެތެރޭވެސް ހުޝާމު ކަންތައް ކުރަނީ ވަރަށް ރަނގަޅަށެވެ. އަމިއްލަ ދަރިން ކަމަށް ދެކިގެންނެވެ. އެހެން ކަމުން އެކުދިންވެސް ތިބެނީ ވަރަށް އުފާވެފައެވެ.

ދުވަސްތައް މާޒީވަމުން ގޮސް އެއް އަހަރު ފަހެވެ. ހުޝާމު ކުރީގެ އަންހެނުން (ލައިލާ) ދަރިންނާ ބައްދަލު ކުރުމުގެ  ނަމުގައި ގިނަ ގިނަ އިން ގެއަށް އަންނަން ފަށައިފިއެވެ. ލައިލާ ގެއަށް އަންނަ ކޮންމެ ފަހަރަކު އަޒީމާއާ ދިމާއަށް ޖެއްސުމުގެ ކޮންމެވެސް ބަހެއް ބުނެލައެވެ. ފުރަތަމަ ކޮޅު އަޒީމާ އެކަމަށް އެހާބޮޑަށް ސަމާލުކަމެއް ނުދެ އެވެ. ނަމަވެސް ފަހުން ފަހުން ހުޝާމުވެސް ލައިލާއާއި ވާހަކަ ދައްކާތީއާ އަދި ލައިލާ އެކިގޮތްގޮތުން އަޒީމާށް އުނދަގޫ ކުރަމުން ދާތީ ލައިލާގެ ޝަކުވާ ހުޝާމު ގާތު ނުކޮށެއް އަޒީމާއަކަށް ނުހުރެވުނެވެ.

“ލައިލާ މިގެއަށް އަންނާތީ އަޒީމާ ކަންބޮޑު ވަނީތަ؟… ހަސަދަވެރި ވަނީތަ؟… ލައިލާ އަކީ އަހަރެންގެ ދެކުދިންގެ މަންމައޭ… ލައިލާ ގާތު މިގެއަށް ނާންނާށޭ  އަހަންނެއް ނުބުނާނަން… ދެން އަޒީމާ ތިބުނަނީ ލައިލާ ޖެއްސުން ކުރާ ވާހަކަ… އުނދަގޫ ކުރާ ވާހަކަ… އަހަރެން ތިވާހަކަ ޤަބޫލެއް ނުކުރާނަން…” ހުޝާމު ވަރަށް ރުޅި އައިސްފަ ބުންޏެވެ.

އަޒީމާ ވަރަށް ދެރަވިއެވެ. ހުޝާމުގެ އަޒީމާގެ ހަޔާތުން ގެއްލެން އުޅޭ ކަމުގެ އިހުސާސްތައް އަޒީމާއަށް  ކުރެވެން ފެށިއެވެ. ފުރަތަމަ ކައިވެނި ރޫޅުމުން އަޒީމާ ދެވަން ކައިވެންޏެއް ކުރީ ހަޔާތުގެ ބާކީ ދުވަސްތަކުގައި އުފަލާއި ލޯތްބާއި ހިތްހަމަޖެހުން އެކުލެވިގެންވާ ދިރިއުޅުމެށް އުޅުމަށެވެ. ނަމަވެސް އަޒީމާ ބަލަބަލާ ހުއްޓާ ދެވަނަ ކައިވެނިވެސް ރޫޅުމުގެ ސިގްނަލްތައް ލިބެން ފަށައިފިއެވެ. ފުރަތަމަ ކައިވެނިންވެސް އަޒީމާއަށް ތަހައްމަލް ކުރަން ޖެހުނީ ވޭނާއި ހިތާމައެވެ. ދެވަނަ ކައިވެނިވެސް އަޒީމާއަށް މިހާރު ލިބެމުންދަނީ އުފަލާއި ލޯބީގެ ބަދަލުގައި ވޭނާއި ހިތާމައެވެ. އަދި އަނިޔާއެވެ.

ހުޝާމުގެ ފަރާތުން ފެންނަ ކަންތައްތަކުގެ ސަބަބުން ކިތަންމެ ދެރަވިޔަސް އަޒީމާ ކެތްތެރިވެއެވެ. ހުޝާމު ރުޅި އަތުވެދާނެތީ އަޒީމާ ހުޝާމު އާއި ދެކޮޅަށް އެއްވެސް ބަހެއް ނުބުނެއެވެ. ހުޝާމު ކުރިން އަޒީމާގާތު ބުނެފައިވަނީ ވަނީ އޭނާ ލައިލާ ވަރިކުރީ ދެމީހުންގެ ދެމެދުގައި އުފެދުނު ޙިޔާލު ތަފާތު ވުމެއެއްގެ ސަބަބުން ކަމަށެވެ. އަދި ލައިލާ އަކީ ގޮތްދޫނުކުރާ ފިރިމީހާއަށް އިޙްތިރާމް ނުކުރާ އަމިއްލަ ގޮތުގައި ހިފަހައްޓާ އަންހެނެއް ކަމަށެވެ. ނަމަވެސް ލައިލާ ދެކެ ވަރަށް ލޯބިވާކަމަށް ހުޝާމު އަޒީމާ ގާތު ބުނެފައިވެއެވެ.

ހުޝާމު ދެވަނަ ފަހަރަށް ލައިލާއާ އަލުން ގުޅެން ބޭނުން ވެދާނެ ކަމަކަށް އަޒީމާ  ހިޔެއް ނުކުރެއެވެ. ނަމަވެސް ކަންތައްތައް ވަމުން ދިޔައީ އަޒީމާ ހީވެސް ނުކުރާ އަދި އުއްމީދުވެސް ނުކުރާ ގޮތްގޮތަށެވެ.

އަޒީމާ ވަރަށް އަވަދިނެތި ބަދިގޭގައި މަސައްކަތުގައި އުޅެނިކޮށް ހުޝާމު އައިސް އެދުނީ އަވަހަށް ކޮޓަރިއަށް އައިމަށެވެ. އަޒީމާ މަސައްކަތް ހުއްޓާލާފައި ހުޝާމުފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ. ހުޝާމު ކޮޓަރި ލައްޕާ ތަޅުލިއެވެ. ވާން މިއުޅެނީ ކީއްކަން ނޭނގޭތީ އަޒީމާ ހުރީ ބިރުގަނެ ވަރަށް ހާސްވެފައެވެ. ހުޝާމު އިރުކޮޅެއް ވަންދެން އަޒީމާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ދެން އޭނާ ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލިއެވެ. އަޒީމާ  ގާތު ބުނަން އެއުޅޭ ވާހަކަ ބުނަން ހުޝާމުއަށް ކުޑަކޮށް އުނދަގޫ ވެގެން އުޅޭހެން ހީވެއެވެ. އަޒީމާ ވަރަށް ކަންބޮޑުވެފައި ހުޝާމު މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. “އަޒީމާ!” އިރުކޮޅެއްގެ ހަމަހިމޭން ކަމަށްފަހު ހުޝާމު އަޒީމާއަށް ގޮވާލިއެވެ. އަޒީމާ މަޑު މަޑުން ބޯޖަހާލިއެވެ. އަޒީމާގެ ހިތްވަނީ އަވަސްވެފައެވެ. ހުޝާމު ބުނަން އެއުޅެނީ ކީކޭ ކަން ނޭނގޭތީއެވެ.

“އަހަރެން އަޒީމާ ވަރިކޮށްފިން…” ހުޝާމު އެހެން ބުނުމާއެކު ހީވީ އޭނާގެ ބޮލުގައި އެއްޗަކުން ވަރަށް ބާރަށް ޖެހި ހެންނެވެ. އޭނާ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ހުޝާމުގެ ދެފައިގައި ހިފައި އެތައް ޝަކުވާއެއް ކުރަމުން އަޒީމާ ރޯންފެށިއެވެ.  ނަމަވެސް ހުޝާމު ހުރީ އަޒީމާގެ ޝަކުވާތަކާއި އާދޭސްތައް އަޑު އަހާކަހަލަ މޫޑެއްގައެއ ނޫނެވެ.

“އަހަރެންގެ ކޮންކުށެއް އޮވެގެން  ހުޝާމު އަހަރެން ތި ވަރިކުރީ؟… ރޮމުން ރޮމުން އަޒީމާ ސުވާލު ކުރިއެވެ. “ “އަޒީމާގެ ކުށެއްނެތް……. އަހަރެން މިހާރު ބޭނުން ނުވަނީ އަޒީމާއާ ކައިވެނި ކޮށްގެން އުޅެން…. އަހަރެން ލައިލާއާ ކައިވެނި ކުރަން ނިންމައިފިން…. ލައިލާ އަހަންނާ ކައިވެނި ކުރަން އެއްބަސްވީ އަޒީމާ ވަރިކުރާނެ ކަމުގެ ޔަގީންކަން ދިނުމުން…. ލައިލާއަކީ އަހަރެންގެ ދެކުދިންގެ މަންމަ… އަޒީމާއަށް ވުރެ ބޮޑަށް އަހަންނަށް ލައިލާ މުހިންމު….” ހުޝާމު މިހެން ބުނެފައި ކުޑަ އިރު ކޮޅަކުވެސް މާޑުކޮށްނުލާ އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

އަޒީމާގެ މެޔަށް އުނދަގޫތަކެއްވާން ފޭށީއެވެ. އޭނާގެ ނޭވާ ހާސްވެ، ބޮލުގެ ރިހުން ގަދަވާން ފެށިއެވެ. އިރުކޮޅުއް ފަހުން މަލާކު ކޮޓަރިއަށް ވަން އިރު މަންމަ އިނީ އެނދުގެ ބިއްދޮށަށް އަރާ ދެފައި ވައްކޮއްލައިގެން ނެވެ. އަޒީމާގެ ބޮލުގެ އިސްތަށި ގަނޑު އޮތީ ހާވާލާ ފައެވެ. އޭނާގެ އަތުގެ އިނގިލިތައް ގުނަމުން މަޑު މަޑުން ކޮންމެވެސް އެއްޗެއް ކިޔަމުން ދިޔައެވެ.

މަންމަ އިންގޮތް ފެނުމުން މަލާކު ދެ ލޯ ފެންކަޅި ވިއެވެ. އޭނަ އަވަހަށް ގޮސް މަންމަގެ ގައިގައި ހިފަހައްޓާލިއެވެ. އެއާ އެކު އަޒީމާ ވަރަށް ބާރަށް ހެމުން މޮޔައަކުން ފަދައިން ހަމަނުޖެހޭ ވާހަކަތައް ދައްކަން ފެށިއެވެ. މަލާކު ބާރަށް ރޮއެގަނެވުނެވެ. އެއަޑަށް އަޒީމާ ދެންތިބި ކުދިން ދުވެފައި އައިސް ކޮޓަރިއަށް ވަނެވެ.

މަލާކު އަވަހަށް މަންމަ ގޮވައިގެން ޑޮކްޓަރަށްދައްކަން ދިޔައެވެ. ޑޮކްޓަރ ވަރަށް ރަނގަޅަށް އަޒީމާ ބެލުމަށްފަހު މަލާކު ގާތު ބުނީ މަންމަ އެއިނީ ކޮންމެވެސް ހިތާމަވެރި ޚަބަރެއްގެ ސަބަބުން ސިކުނޑިއަށް ޝޮކެއް ލިބި ބުއްދި ގޯސްވެފައި ކަމަށެވެ. މަލާކު މަންމަ ގޮވައިގެން ހޮސްޕިޓަލުން ގެއަށް އައުމާއެކު ހުޝާމު އެދުނީ މަލާކު މަންމައާއި ކޮއްކޮމެން ގޮވައިގެން ރަށަށް ދިއުމަށެވެ. ކަންތައްވީ ގޮތް މަލާކު އަށްވެސް އެނގުނެވެ. އެހެންކަމުން އެންމެ ހިނދުކޮޅަކަށް ވެސް މަންމައަށް އަނިޔާދިން ހުޝާމުގެ ހިޔާވަހިކަމުގެ ދަށުގައި ހުންނާކަށް މަލާކު ބޭނުމެއްނުވިއެވެ. އަދި ޖެހިގެން އައި ދުވަހު މަންމައާ ކޮއްކޮމެން ގޮވައިގެން މަލާކު ރަށަށްދާން ފުރައިފިއެވެ. ހުޝާމުގެ  ސަބަބުން މަންމައަށް ލިބުނު އަނިޔާ މަލާކު ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.

                                =ނިމުނީ=

Share Article

Follow Me Written By

Ramraba

Level 1

Other Articles

Previous

ވާނަމޭ އުމުރަށް އެކީ ޖާނާ………..3

Next

ނަފްސު

Next
October 21, 2024

ނަފްސު

Previews
October 21, 2024

ވާނަމޭ އުމުރަށް އެކީ ޖާނާ………..3



All Right Reserved!