Skip to content
އެސްފިޔަ

ފޮނި އުއްމީދު

ފޮނި އުއްމީދު

އިސްމާޢީލްޢަލީ ކަނދޮޅުދޫ

އަހަރެންގެ ލޯބީގެ ހުޅުކޮޅު ދިއްލުވާލަދިނީ ރީތިޒުވާނެކެވެ. ހަމަ އެންމެ ފެނިލުމަކުން އަހަރެންނަށް އެ ޒުވާނާ ދެކެލޯބިވެވުނެވެ. އޭނާގެ ބޮޑު ނޭފަތް އަހަރެންނަށް ވަރަށް އަސަރު ކުރުވިއެވެ. އަހަރެންކިޔާފައިވާ ފޮތްފޮތުން އެނގޭގޮތުގައި ނޭފަތް އުފުލިފައި ބޮޑުކޮށް ހުންނަމީހުން އަނބިންނަށް ވަރަށް ލޯބިކުރާނެއެވެ. ގިނަގިނައިން ބޮސްދީ ހަދާނެއެވެ. މިކަންހިތުގައިއޮތުމާއިއެކު އަހަރެން ޤަބޫލުކުރީ އެޒުވާނާއާއި ގުޅިއްޖެނަމަ އަހަރެންނަށް އުފަލުގައި ދިރިއުޅެވިދާނެ ކަމަށެވެ.

އަހަރެން އުޅެބޮޑުވީ މައިންބަފައިންގެ ލޯބިން މަޙްރޫމުވެގެން ކަމުގައިވާތީ އަހަރެންގެ  ދެން އޮތް އުއްމީދަކީ ލޯބިވެތި ފިރިއެއްގެ ދީލަތި އެހީތެރިކަމެވެ.

އަހަރެން ބޮޑުވީ މައިންބަފައިންގެ ލޯބިވެތިކަން ނުލިބިއެވެ. އެއީ  ކުޑައިރު އަހަރެންގެ  މައިންބަފައިން ވަރިވެފައިވާތީއެވެ. އަހަރެން ބަލައި ބޮޑުކުރީ މާމައެވެ. ނަމަވެސް މާމަ އަކީ އަހަރެންގެ ތަޢުލީމަށް އެހީތެރިވެދެވޭވަރަށްވުރެ މުސްކުޅިއެކެވެ. އެހެންކަމުން އަހަރެރންގެ ހަޔާތުގެ މުހިންމު އަހަރުތަކުގައި ކިޔެވުމުގެ ފުރުސަތު ނުލިބުނެވެ. މާމަ އަހަރެން ލައްވާ ނަމާދުކުރުވިއެވެ. މިކަން ހިމެނުނީ އަހަރެންގެ ޢަޒުމު ވަރުގަދަވި ކަމަކަށެވެ. ކަންކަމާއި ކެރިގެން ކުރިމަތިލުމުގެ ހިއްވަރު ލިބުނީ މިކަމުން ކަމަށް ވެދާނެއެވެ.

ފުރާވަރުގެ އަހަރުތަކުގައި މަންމަގެ ކިބައިން ސްކޫލަށް ދިއުމުގެ ފުރުސަތެއް ހޯދައިދިނުމަށް އެދުނެވެ.   މަންމަ އެކަމަށް އެއްބަސްވި ނަމަވެސް، އަހަރެންގެ ދޮންބައްޕަ ގެ ސަބަބުން ގޭގެ މާހައުލު ރަނގަޅު ނޫން ގޮތަކަށް ބަދަލުވެ، އެންމެ ފަހުން އަހަރެން އެތަނުން ނުކުމެ ރައްޓެއްސެއްގެ ގޭގައި ހުންނަން ޖެހުނެވެ. އެތާނގައި އަހަރެންނަށް ދިމާވީ ހިތްހެޔޮ އަދި ވިސްނުންތޫނު، ބޮޑު ނޭފަތެއް ހުރި ޒުވާނެކެވެ. އަހަރެމެން ދެމީހުން ކައިވެނިކުރިއެވެ. އަހަރެން އުންމީދުކުރީ އެހީތެރިވާނެ ފިރިއަކު ލިބުނީ ކަމަށެވެ.

ނަމަވެސް، އަހަރެމެންގެ ކައިވެނި އަހަރެން އުންމީދުކުރި ގޮތަކަށް ނުދިޔައެވެ. އަހަރެންނަށް ސަރުކާރުގެ ވަޒީފާއެއް ލިބުނު ނަމަވެސް، އަހަރެންގެ ފިރިމީހާ ގޭގައި ހުރެ އަހަރެންގެ އާމްދަނީން ދިރިއުޅެން ފެށިއެވެ. އަހަރެންގެ ފިރިމީހާ މަސްތުވާތަކެއްޗަށް ދެވިހިފައި، އެއްވެސް އެހީތެރިކަމެއް ނުދީ، ހުރިހާ ޒިންމާތަކެއް އަހަރެން އެކަނި އުފުލަން ޖެހުނެވެ. މިހާރު އަހަރެން ދިރިއުޅެނީ ދަރިފުޅާއިއެކުގައެވެ.ފިރިމީހާގެ އަނިޔާވެރިވަކިތަކުން ސަލާމަތްވީތީ ﷲ އަށް ޙަމްދު ކުރަމެވެ.

މި ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، އަހަރެން  މިދަނީ ކެތްތެރިކަމާއެކު ކުރިއަށެވެ. ހިތްވަރާއި، ކެތްތެރިކަމާއި، އަދި ދަތި އުނދަގޫ ހާލަތްތަކުގައިވެސް ރަނގަޅު މުސްތަޤްބަލަކަށްޓަކައި ފޮނިފޮނި އުއްމީދުތަކެއް ކުރެވެއެވެ.