ވައުދޭ ވެވޭ މީ…38-39
އެޕިސޯޑް 38 ގައި ކުޑަ މައްސަލަ އެއް އުޅޭތީ އެބައި އަލުން ރަނގަޅޫ ކުރުމަށްފަހު 39 ވަނަ ބަޔާއި އެކު މިވަނީ ކިޔުންތެރިންނާ ހަމަޔަށް ގެނެސް ދެވިފައި …
” ނާއިފް އެ އުޅެނީ ވަރަށް އަވަހަށް ލާމަށް ދާން… ނައިރާ ހިޔެއް ނުވޭ އެކަމަކު ދާނެ ހެންނެއް.. އަހަންނަށް އިނގޭ އެއްޗަކީ ނާއި ވަރަށް ލައިކް ވޭ ޒިވްކޮ ދެކެ.. ” ”ހިނގަ ދޮންތިވެސް ފޮނުވާލަން ނާއިބެ އާ އެއްކޮށް އޭރުން އެދެމީހުން ކޮންމެވެސް މެޖިކް އެއް ޖަހާ ގުޅިދާނެ އެއްނުން… ” ޒައިހާ ބުނެލީ އިއަންގެ ސިކުނޑީގަ އޮތް ވާހަކަ އެކެވެ.
މަޑުމަޑުން ވިޝާމްގެ ހަނދާންތައް އެހިތުން ފޮހެވި އެ ލޯބި ދުވަހަކަށް ފަހު ދުވަހެއް ދަނީ ޒިވާގެ ހިތުން ފިލަމުންނެވެ. ހިތުގައި ކަނޑާނެގިފައިވި ވިޝާމްގެ ނަން މިހާރު ނުވާ ފަދައެވެ. އިންސްޓާއިންނާއި ފޭސްބުކް އިން މިޝްކާ އާއި ދެމީހުން އެކުއެކީ ހޭދަކުރަމުންދާ ވަގުތުތައް ފެނި ޒިވާގެ ހިތް ވަނީ ވިޝާމްއަށްޓަކައި ހަރު ހިލަޔަށް ވެފައެވެ. އެނާ ވިޝާމްދެކެ ލޯބި ވީ ދުވަސްތައްވަނީ މާޒީވެ މާދުރަށް ބެހިގެން ގޮއްސައެވެ. ވިޝާމް މަތިން ހަނދާންނައްތާލާ ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށް ޒިވާ ނިންމިއެވެ.
“ހެއި ޒިވް…” ކޮޓަރި އެނދުގެ ހެޑްބޯޑްގައި ލެނގިލައިގެން ފޯނުގައި ހުރި ވިޝާމް އާއި އޭނާގެ ފޮޓޯތައް ޑިލީޓް ކުރަން އިން ޒިވާ އޭނާ އަށް އައި ނާއިފްގެ ކޯލު ނަގައިލިއެވެ. އިވިގެން ދިޔައީ ނާއިފްގެ ހިސާބަކަށް މޮޅިވެފައިވާ އަޑެވެ. އެއްޗެއް ބުނަން ނޭނގިފައި ޒިވާ އަށް އިނދެވުނީ އޭނާ އަށް ނާއިފް ދުރުކޮށްލެވުނު ވަރު ވިސްނާލެވުމުންނެވެ. އެއާއި އެކު ޒިވާ އަށް ފުން ނޭވާއެއް ދޫކޮއްލެވުނެވެ.
” އަހަރެން މިއުޅެނީ މި ހުކުރު ދުވަހު ލާމަށް ފުރަން… މާދަން މާލެ ދާނަން… ހިޔެއް ނުވޭ ރަށަށް ގޮއްސަ އަވަހަކަށް ދެން މާލެކޮޅަށް އާދެވޭނެހެންނެއް.. ވަރަށް މިސްވާނެ.. އެންމެންމަތިންވެސް.. ” ޒިވާގެ ފަރާތުން އެއްވެސް އަޑެއް ނީވުމުން ނާއިފް ވާހަކަ ދައްކަން ފެށިއެވެ. އޭނާ ލާމަށް ދާން ފުރަން އުޅޭ ވާހަކަ ބުނުމުން ޒިވާ އަށް ތެޅިގަނެވުނެވެ. ވަގުތުން ކޮން އިރަކުތޯ އަހަން އަނގަ ހުޅުވާލަން އުޅުނު ވަގުތުވީ ނާއިފް އެ ހުރިހާ މައުލޫމާތެއް ދިން ވަގުތަށެވެ.
” އެހެން.. ހޭވް އަ ސޭފް ޓްރިޕް އިނގެ.. ހޯޕް ޓު ކީޕް އިން ޓަޗް.. އަދި ދިމާ ވާނެ އިންޝާ ﷲ” ނާއިފް ވާހަކަ ދައްކާ ނިމުމުން ބުނާނެ އެއްޗެއް ނޭނގުނު ޒިވާގެ ދުލަށް އެންމެ ފަސޭހައިން އެވަގުތު އައި ބަސްތައް ބުނެލިއިރު އެ އަޑުގައި ފުދޭވަރެއްގެ ތުރުތުރެއް އުފެދިފައި ވެއެވެ. ދެމީހުން ދެމެދު އިތުރު އެހެން ވާހަކަތަކެއް ނުދެކެވި ފޯނުކޯލު ކުރުކޮށްލަން ޖެހުނެވެ. ނާއިފް އަށްވެސް ދެން ދައްކާނެ ވާހަކަ އެއް ނޭނގުމުން ޝުކުރު އަދާކުރުމަށްފަހު އަދި ދިމާވާންވާނެ އޭ ބުނެ ފޯނު ކަނޑާލިއެވެ.
އެނދުގެ ފައިލާކޮޅުގައި އިށީންދެގެން އިން ނާއިފް އަށް ބަލަހައްޓައިގެން އިނދެވުނީ އޭނާގެ ފޯނަށެވެ. ވޯލްޕޭޕަރގައި އިން ޒިވާގެ ފޮޓޯއަށެވެ. ދަތުރުދިޔަ ދުވަހު ދޯނިމަތީގައި ނެގި އެ ފޮޓޯ އެއީ ނާއިފް އެންމެންނަށްވެސް ސިއްރުން އޭނާގެ ފޯނަށް ރައްކާކުރި ޒިވާގެ ހަނދާނެކެވެ. ކަޅު ބުރުގަލުގެ ތެރެއިން ފެންނަން އިން ދޮން މޫނު ވަނީ އިރުގެ އަލި ދޯދި ތަކުން ދިއްލިފައެވެ. އަޅައިފައިވި އަވި އައިނާއި ބީޗް ތޮފިން ކުޑަ ހިޔާ ކަމެއް ލިބިފައި ވިޔަސް ބަލައިލަން ނުހަނު ހިތްގައިމެވެ. މަޑު ފިޔާތޮށި ތުންފަތުގައިވި ލިޕްގްލޮސް ފިޔަވައި އެހެން މޭކްއަޕް އެއް އެ މޫނުގައި ނުވިޔަސް ވަރަށްވެސް ޗާލެވެ. އަވިން ހަންގަނަޑަށް އަރައިފައިވި މަޑު ފިޔާތޮށި ކުލަ އެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. ކުދި އަންނާރު އޮށްތަކެއްފަދަ ދަތްތަށް ފެންނާނެހެން ހީގަނެގެން އިން އިރު ދުނިޔެމަތިން ވާ އެއްވެސް ކަމަކަށް ވިސްނުން ހިންގާނުލާ ކުޑަކުއްޖެއްހާ ޒިވާ މައުސޫމެވެ. ފޯނު ސްކްރީނުގައި ވި އެ ފޮޓޮއަށް ބަލަހައްޓައިގެން އިނުމަށްފަހު ނާއިފް އޭނާ ޕެކު ކުރަން ފަށާފައިވި ފޮއްޓަށް ބަލައިލިއެވެ. ޒިވާ ދެން އަވަސް މުއްދަތެއްގައި ނުފެންނާނެކަން އިހުސާސްވުމުން ހިތުގައި މަޑު ރިހުމެއް އުފައްދާލިއެވެ. އަލުން ޒިވާ އަށް ގުޅާ އޭނާ އާއި އެކު ދާން ބުނަން ވެސް އެތައްހާސް ފަހަރަކު ބޭނުންވިއެވެ. ނަމަވެސް އޭނާ އެހެން އަހާނީވެސް ކޮން ހައިސިއްޔަތަކުން ހެއްޔެވެ.
މެންދުރު ނަމާދައްފަހު ބަދިގެއަށް އައިސް ވަތް އިއަން އަށް ބަދިގެތެރޭ ހުރި އިވާ ފެނި ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެތައް ދުވަހަކަށް ފަހު އިވާ އޭނާގެ ކޮޓަރިން ނިކުތް މީ ފުރަތަމަ ދުވަހެވެ. ކާން ހެދުމަށް އަޒްލީނާ އަށް އަތްގާތް ކޮށްދޭން ހުރި އިވާ އަށް އިއަން ފެނުމުން ލުއި ގޮތަކަށް ހީލުމަށް ފަހު ކާން އުޅޭށޭ ބުނެލިއެވެ. އެވަގުތުވީ މިސްކިތުން ފައިބައިގެން ނަވީލް ވެސް ގެ އަށް އައި ވަގުތަށެވެ. ކުޑަ ކުޑަ އާއިލާ އުފާވެރި މާހައުލެއްގައި މެންދުރުގެ ކެއުން ކައި ނިންމާލި އިރު ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުން ދަނީ ނުފިލާނެ ފަދަ ހިނިތުންވުމެކެވެ. އެތައް ދުވަހަކަށް ފަހު އެ އާއިލާ އަށް އުފާވެރިކަމެއް އައި ކަހަލަ އެވެ.
” އިވް… މީޓް މީ އިން އަ މިނިޓް.. ޕްލީޒް.. ” ތަށިތައް ދޮންނަން ހުރި އިވާ އަށް ގޮވާލުމަށް ފަހު އިއަން އިރުކޮޅަކުން އޭނާ އާއި ދިމާވެލަން ބުނެލިއެވެ. އިވާވެސް ބޯޖަހާލުމަށްފަހު އޭނާ ކުރަން ހުރި މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.
” އާ ޔޫ އޯކޭ މިހާރު؟” އިވާ އައިސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމުން އިއަން އަހާލިއެވެ. ހިނިތުންވެލާފައި ބޯޖަހާލަމުން އިވާ އައިސް އިއަންގެ މަގަތުގައި އިށީންދެލިއެވެ. އެނދުގެ ހެޑްބޯޑުގައި ލެނދިލާ ހަމަޖެހިލުމަށްފަހު އިވާ އިއަންގެ ކޮނޑުގައި ބޯ އަޅާލިއެވެ. ” ދޮންބެ… ކޮއްކި އެބަ ވިސްނަން ކިޔެވުން ފަށަން.. މިބުނީ.. ކޯހެއްގަ ބައިވެރިވާން.. މިގޮތުގައެއް ނޫޅެވޭނެއެއްނުން..”
މިލާ މޯޅިވެފައިވާ އިވާގެ މޫނުން ކުޑަ ނަމަވެސް ދިރުމެއް ފެންނަން ހުއްޓެވެ. އިވާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރި އިއަންގެ ހިތުގައި އެތަކެއް ޝަކުވާތަކެއް އަމިއްލަ ނަފްސާ ކުރެވުނެވެ. ކުރިމަތީ އެއިނީ އޭނާގެ ކޮއްކޮއެވެ. އެ ކޮއްކޮއަށް ބޭބެއެއްގެ ހައިސިއްޔަތުން ދެވުނީ ކޮން ހިމާޔަތެއް ހެއްޔެވެ. އެންމެ ލޯބިވީ ބައިވެރިޔާ ގެއްލިގެން ދިޔުމުގެ ހިތާމައިގައި އެ ކޮއްކޮ އޮޔާ ބެހެމުން ދިޔަ އިރުވެސް އޭނާ އަށް ކުރެވުނި ފަހެ ކީތް ހެއްޔެވެ. މިއަދު އަމިއްލަ ފައިމައްޗައްތެދުވެ ދިރިއުޅުމާއިގެން ކުރިއަށްދާން އެ ކޮއްކޮ އެހުރީ ގަދަ އަޒުމުގައެވެ. އެ ކޮއްކޮ އަށް ދެންވެސް ވެވެން އޮތް އެހީއެއް ވުމަށް އިއަން ނިންމިއެވެ. އިވާ އޭނަ އާއި ކޮއްކި ކިޔައިގެން އަބަދުވެސް ވާހަކަ ދައްކާނީ ކޮންމެވެސް ބޮޑު ކަމަކާ ޖެހުމުންނެވެ. އެއީ އެންމެ ކުޑައިރުވެސް އިވާ ކަންތައް ކުރާ ގޮތެވެ. އެދުވަހެކޭއެއްގޮތަށް މިއަދުވެސް އޭނާ އިއަންގެ ގާތަށް އައީ އެ ބޭބެގެ އެހީތެރިކަން އޭނާ އަށް ލިބޭނެކަމަށް އުންމީދުކޮށެވެ. ވީވެސް އޭނާ ހީކުރިފަދައިންނެވެ.
” އިޓްސް އޯކޭ ޕްރިންސެސް.. އިވްކޮ ބޭނުން ގޮތެތް… ” ހިނިތުންވެލާފައި އިވާގެ ބޮލުގައި ފިރުމާލަމުން އިއަން ބުނެލިއެވެ. އެދެމެދުގައި އިވާ ކިޔަވާނެ ދާއިރާ އަކާއި އެހެނިހެން ހުރިހާ މަޝްވަރާތައް ކުރެވިގެން ދިޔައެވެ.
” އަދި އެއް ވާހަކަ.. އިޔާޝް ރައްޓެހި ވެގެން އުޅޭ ސައިނާ އެބަ އާދެ މާލެ މި އަންނަ ހަފްތާގަ.. އޭނަ އަންނާނެ މިކޮޅަށްވެސް..” “ވެއިޓް ދޮންބެ އަށްވެސް އިނގޭ؟؟” “ޔާ ކީއްވެ ދޮންބެ އަށް ނޭގެން ވީ.. އިޔާޝް އެއީ މައި ބެސްޓީ އެއްނުން..” ” ދެން އަޅެ އެވަރުންވެސް އިވްކޮ ކައިރި ނުބުނެއޭ!!…” ” ދެން މިކޮޅަށް އައިމަ ދިމާކޮށްބަލަ އިޔާޝް ރުޅިއެއް ނާންނާނެ އިވްކޮ އޭނަ ބިޓުމަންޖެ އާ ވާހަކަ ދައްކައިގެންނެއް ހެހެހެ”
މިއަދުވެސް މާކިން އައިސް ފިހާރައަށް ވަނީ ކުރީދުވަހު ފެނުން އަންހެން ކުއްޖާ ފެނޭތޯއެވެ. ކޮންމެ ދުވަހަކުވެސް އެއްގަޑިއަކަށް އެ ފިހާރައަށް އޭނާ އަންނަނީ އެ އަންހެންކުއްޖާ ދެކި ލުމުގެ ބޭނުމުގައެވެ. ނަމަވެސް މުޅި ފިހާފަތެރޭ ހަ ބުރު ޖެހުނު އިރު މިއަދުވެސް އެ އަންހެން ކުއްޖާގެ ހަބަރެއް ނުވިއެވެ. ކަރު އެލުވާލުމަށްފަހު ކޯކު ދަޅަކާއި ލުއިކާނާ ޕެކެޓެއް ނަގައިގެން މާކިން އެޔަށް ލާރި ދެއްކުމަށްފަހު ފިހާރައިން ނުކުމެގެން ހިނގައިގަތެވެ. ސައިކަލަށް އެރުމަށްފަހު މާއިކް އޭނަގެ މިސްރާބު ޓްރެކް ސަރަހައްދަށް ބަދަލުކޮށްލިއެވެ. ހަވީރުގެ ވަގުތަށް ހިޔާދެމުން ދިޔަ އިރު އެ ހިސާބުގައި މޫދަށް އެރެން އައިސް ތިބި މީހުންގެ އަދަދު ފުދޭވަރަކަށް މަދެވެ. ޖެޓީ މަތީގައި ހަމަޖެހިލައިގެން އިށީންދެލައިން އިނދެ އޭނާ ގަތް ހަރިބޯ ޕެކެޓާއި ކޯކު ދަޅު މަޑުމަޑުން ބޮމުން ދިޔައިރު އޭނާގެ ހުރިހާ ސަމާލުކަމެއް ވަނީ ދުރުދުރަށް ދާންދެން ފެންނަން އޮތް ކަނޑަށެވެ. އޭރު އޭނާގެ ސިކުނޑިތެރޭ ހިނގަމުން ދިޔަ ހިޔާލުތަށް ދެނެވޮޑިގެން ވާނީ މާތް ﷲ އެވެ.
” ހަލޯ… އޯހ… އެބަ ދަން.. އާދެ އެ ހިފައިގެން.. މަ ދާނަން ބަލާ” އެކި ހިޔާލު ތަކުގައި އިން މާކިންގެ ސަމާލުކަން އޭނާގެ ޖީބުގައި އޮވެ ރިންގު ވަމުން ދިޔަ ފޯނަށް ހުއްޓުނެވެ. ގުޅަނީ އޭނާގެ ރައްޓެއްސަކަށް ވުމުން އަވަހަށް އެޔަށް ޖަވާބުދިނެވެ. ފޯނުގައި ހުރެ މާކިން ޖެޓީ މަތިން ފައިބާ އޭނާގެ އަތުގައި ހުރި ކުނިތައް އެތާ ހުރި ޑަސްބިނަށް އަޅާލުމަށްފަހު ސައިކަލާ ދިމާލަށް ދިޔައެވެ. ޕާކިންޒޯނުން ސައިކަލު ނެރެ މާކިން ފުރްޤާން މިސްކިތް ކައިރިއަށް ދިޔުމަށް މިސްރާބު ޖެއްސެވެ.
ފުރުޤާން މިސްކިތް ކައިރިއަށް ދިޔަ މާކިން އަށް ޕޭވްމެންޓު މަތިން މީހަކު ހަނާ އަޅާލިއެވެ. އެމީހަކަށް ބުމަ އަރުވާލުމަށްފަހު މާކިން އެތާ ކައިރި ހިސާބަކަށް ސައިކަލު މަޑުކޮށްލުމުން އެމީހާ އޭނާގެ އަތުގައި އޮތް ސިޓީއުރަ ހިފައިގެން އައިސް މާކިން އަށް ދިއްކޮށްލިއެވެ.
” ތީގަ ހުންނާނެ ބޭނުންވާ ހުރިހާ ސާމާނެއް… އެތަނުގެ އޮފީހަށް ގޮއްސަ ތީތި ހަވާލުކޮށްލާ އޭރުން އެމީހުން އެޕްލިކޭޝަން ފޯމްގެ ކަންތައް ނިންމާލާނެ” ” ތެންކްސް މޭން” މާކިން އެ ސިޓީ އުރައިގެ އެތެރެ ބަލައިލާފައި އޭގައި އޮތް ރީހެބް އެޕްލިކޭޝަން ސިޓީ ބަލައިލާ އޭނާގެ ކައިރި ހުރި އެކުވެރިޔާ އަށް ޝުކުރުއަދާކޮށްލިއެވެ. ސައިކަލު ސްޓާޓް ކޮށްލުމަށްފަހު އަދިވެސް އެއްފަހަރު މާކިން އޭނާގެ އެކުވެރިޔާއާ އަތާ އަތްޖަހާ ސަލާން ކޮށްލުމަށްފަހު ދުއްވާލިއެވެ.
އިމާދުއްދީން ސްކޫލްއިން ބާއްވާ ތުއްތު ކުދިންގެ ހަވީރަކަށް އެވަގުތު އެތަކެއް ބައެއް ދިޔައީ އެ ސްކޫލްދޮށަށް ޖަމާ ވަމުންނެވެ. މިސްކިތް ކައިރިން އޭނާގެ އެކުވެރިޔާ އާއި ބައްދަލުކޮށް ގެއާ ދިމާލަށް ދާން ދިޔަ މާކިން އަށް ފެނުނު ސޫރައަކުން ސައިކަލުން ކަހާ ނުލީ ކިރިޔާ އެވެ. ކޮންޓްރޯލުން ކެނޑިގެން ދިޔަ ސައިކަލު އަނބުރާ އޭނާ ކޮންޓްރޯލް ކޮށްލީ ހުށިޔާރު ކަމާއި އެކުއެވެ. ޕޭވްމެންޓް ކައިރިއަށް ސައިކަލު މަޑުކޮށްލާ މާކިން އަނެއްކާވެސް އޭނާ އަށް ފެނުނީ ރަނގަޅަށްތޯ ބަލައިލަން އަލުން އެދިމާއަށް ބަލައިލިއެވެ. އާނ އެކެވެ. މި ހުރިހާ ދުވަހު އޭނާ ހޯދަމުން އެ އައި ސޫރަ އެހެރީ އޭނާގެ ކުރިމަތީގައެވެ. ތުއްތު އަންހެން ކުއްޖަކު އުރާލައިގެން ހުރި އިރު އެ ދެމީހުންގެ މޫނުމަތިން ވަރަށް ވެސް އެއްގޮތް ވައްތަރެއް ޖަހައެވެ. މަޑު މުށި ކުލައިގެ ހެދުމަކާއި ހަމަ އެކުލައިގެ ޚިމާރް އެއް އަޅާފައި ވި އރު ބޮލުގެ ހުޅިއާއި ދިމާލުން އެއަށް ވުރެން ގަދަ މުށިކުލައެއްގެ ބޮވ ޓައި އެއް ޖަހާލާފައި ވެއެވެ. އާޝޯހު ވެފައި މާކިން އަށް އެ އަންހެން ކުއްޖާ އަށް ބަލަން ހުރެވުނެވެ. ހިތުގެ ތެޅުން އެހެން މިސްރާބަކަށް ބަދަލުވެގެން ދިޔަ އިރު އެ އަންހެން ކުއްޖާގެ ރީތިކަމަށް އެތަކެއް ލަފްޒު ތަކުން ހިތާ ހިތާ ތައުރީފް ކުރެވުނެވެ. އެ އަންހެން ކުއްޖާ ސްކޫލަށް ވަދެގެން ގޮސް ލޮލުކޮޅަށް ގެއްލެންދެން މާކިން އަށް ބަލަން ހުރެވުނެވެ. އެ އަންހެން ކުއްޖާ ފުރަތަމަ ފެނިލުމުންވެސް މާކިން އަސް ޖެހުނު ޖާދުލެއް ނޭނގެއެވެ. އަބަދުވެސް ބޭނުންވަނީ އެ ސޫރަ ލޮލުކުރިމަތިން ދުށުމެވެ. އެ އިހުސާސަކަށް އަމިއްލަ ބާރުފޯރުވުމެއް ނެތެވެ. އޭނާ ކުރިން އުޅުނު އެހެން އަންހެން ކުދިންނާ އެކު ވީ ދުވަސްތަކުގައި އެއިން އެއްވެސް ކުއްޖަކާމެދު މިފަދަ އިހުސާސެއް ނުވާކަން މާކިން އަށް ޔަގީންވިއެވެ.
ސައިކަލުގައި ގެއަށް ދާން ދުއްވާލަމުން އެއީ ކޮން އަންހެން ކުއްޖެއްތޯ ބަލަން އޭނާ އަޒުމް ކަނޑައެޅިއެވެ.
މަޣްރިބް ނަމާދުކޮށްގެން ކޮޓަރީގަ އިން ފެންފުޅިއަށް ފެން އަޅަން ވެގެން ބަދިގެއަށް ވަންނަން އައި ޒިވާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައީ އެތެރޭގައި ތިބި ބަޔަކު ދައްކަމުން ދިޔަ ވާހަކަ އޭނާގެ ކަންފަތަށް އަޑުއިވުމުންނެވެ. ދެކެވެމުންދަނީ އޭނާގެ ވާހަކަ ކަމުން އިތުރަށް އަޑުއެހުމުގެ ޝައުގުވެރިކަން އުފެދުނެވެ.
” ބައްޕާ… ދޮންތަ އަދިވެސް އެއްކޮށް މޫވް އޮން ކުރި ހެންނެއް ހިޔެއް ނުވޭ.. އަދިވެސް އެ ހުންނަނީ ވަރަށް މަޑުން.. މީ ކުރީގެ ދޮންތައެއް ނޫން.. އަޅުގަނޑަށް ފެންނަނީ ދެން ދޮންތަ މާހައުލު ބަދަލުކޮށްލަން ކޮންމެވެސް ތަނަކަށް ގެންދަން.. އަބަދު އެ އޮންނަނީ ގޭތެރޭގަ.. ހާލަކުން ފަހަރަކު ކިރިޔާ ކޮޓަރިން ނުކުމެލަނީ… އެވެސް ކޮންމެވެސް ކަމެއް ކުރަން ޖެހުނީމަ… ކުރީގެ ދޮންތަ ގެންނަން އަޅުގަނޑު ބޭނުން.. ” ” އެއީ ތެދެއް.. ޒައި އެބުނި ވާހަކަ އާ އަޅުގަނޑުވެސް ވަރަށް ތާއީދު…” ޒައިހާ އާއި ޒިހާން އެމީހުންގެ ބައްޕަ އާ ދައްކަމުން ދިޔަ ވާހަކަ އަޑު އިވި ޒިވާގެ ހިތުގައި ރިހުމެއް އުފައްދާލިއެވެ. އޭނާގެ މިޒާޖު ބަދަލުވުމާއި އެކު އޭނާގެ އެންމެ ގާތް މީހުންނަށް އޭގެން ހާދަ އަސަރެއް އެބާ ކުރުވައެވެ. ކުއްލިއަކަށް މިއަދު ނާއިފް ގުޅި ސަބަބު ހަނދާން ވުމުން ޒިވާ އޭނާ ކުރަން އައި މަސައްކަތް ބަހައްޓާފައި ކޮޓަރިއަށް ދިޔުމަށް އަވަސް އަވަހަށް ދުއްވައިގަތެވެ.
ފޮއްޓަށް އެއްޗިހި އަޅާ ނިމިގެން ފޮށި ބަންދުކޮށްލުމަށް ފަހު ވަރުބަލި ފިލުވާލަން އެނދުގައި އޮށޯވެލި ނާއިފް އަށް ސިހުން ގެނުވީ ރިންގުވާން ފެށި އޭނާގެ ފޯނެވެ. އަތް ދަމާލުމަށް ފަހު ފޯނު ނަގައި ގުޅަމުން ދިޔައީ ކާކުތޯ ބަލައިލި ހިނދު އޭނާ އަށް ހައިރާން ކަމެއް ގެނުވީ ސްކްރީނަށް އަރާފައިވީ ޒިވާގެ ނަން ފެނުމުންނެވެ. އިތުރު ވިސްނުމަކާއި ނުލައި ނާއިފް ފޯނު ނަގައި ހަލޯ އޭ ބުނެލިއެވެ. އޭރު އެ މޫނު މަތީގައި ވަނީ ބަޔާން ކުރަން ދަތި ހިނިތުންވުމެކެވެ. ފުރުމުގެ ކުރިން ދެން ޒިވާގެ ހަބަރެއް ނުވާނެ ކަމަށް ނިންމައިގެން ހުއްޓާ މި ލިބުނު ފޯނު ކޯލު އޭނގެ މުޅި މޫޑު ބަދަލުކޮށްލިއެވެ.
” ނާފް.. ލާމަށް ދާއިރު އަހަރެން ގޮވައިގެން ދެވިދާނެތަ؟..” ނާއިފް ހަލޯ އޭ ބުނުމާއިއެކު އިތުރު އެހެން ވާހަކަ ތަކެއް ދެއްކުމެއްނެތި ޒިވާ ބުނެލިއެވެ. އަޑު އިވުނީ ރަނގަޅަށް ކަން ޔަގީން ނުވުމުން ހައިރާން ވެފައި ނާއިފް އަށް ދެފަހަރަކުހެން ކީކޭ ހެއްޔޭވެސް އަހާލެވުނެވެ. ޒިވާ އޭނާ ކުރިން ބުނި އެތި ތަކުރާރުކޮށްލުމުން ނާއިފް އަށް އުފަލުން ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ.
” ޒިވްގެ މަންމަމެން އެއްބަސްވާނެތާ އަހަންނާ އެއްކޮށް ދާން…” ނާއިފް އެވަގުތު އޭނާގެ ހިތަށް އެންމެ ފުރަތަމަ އައި ސުވާލު ވަގުތުން ޒިވާ ކުރެން އެއްސެވެ. ޒިވާ އާނ އެކޭ ބުނެ ޖަވާބު ދިނުމުން ނާއިފްގެ ހިތަށް ލިބުނު ހަމަޖެހުމާއި އުފާވެރިކަން ކޮޅުން ލައިގެން ދިޔައެވެ. ތިޔަ ވީ އޭ ބުނެވުނު ހިނދު ޒިވާގެ މަޑު ހުނުމުގެ އަޑުވެސް ނާއިފް އަށް އިވުނެވެ. އެއި އެތަށް ދުވަހަކަށް ފަހު އޭނާ އެންމެ އަޑު އަހަން ބޭނުންވި މިއުޒިކެވެ. މިވަގުތު ފޮށި ޕެކު ކުރަނީ އޭ ބުނެ އަވަސް އަވަހަށް ޒިވާ ފޯނު ކަނޑާލުމުން ނާއިފް ޔެސް އޭ ކިޔާ ކުޑަކޮށް ހަޅޭއްލަވައި ގަތުމަށް ފަހު އޭނާގެ އެންމެ ކައިރިއަށް އޮތް ބާލީހުގައި ބައްދައިގަތެވެ.
– ތިރީސް ނުވަވަނަ ބައި-
ޒިވާ ގެ އެ ކުރު ފޯނުކޯލުން އޭނާ އަށް އެތަށް ދުވަހަކު ނުލިބި ހުރި ހިތްހަމަޖެހުން ދެމިނިޓުތެރޭ ގެނުވައިފި އެވެ. އޭނާ އާއި އެކު ޒިވާ ދިޔުން އެއީ ހުވަފެނުގައިވެސް ނުވާނެ ކަމަށް ނިންމައިގެން ހުއްތާ ކަނތަށް ބަދަލުވެގެން ދިޔަ ގޮތުން ނާއިފް އަށް އޮވެވުނީ އަދިވެސް ގަބޫލު ކުރަން ނޭނގިފައެވެ. އެހެން އޮވެފައި ފުންމައިގެން ތެދުވި ގޮތަށް ފޯނު ނަގާ އަލުން ޒިވާ އަށް ގުޅާލިއެވެ. ދެވަނަ ރިންގާއި އެކު ޒިވާ ފޯނު ނެގި އިރު ޒިވާ ގެ އަޑުން ވެސް އަވަސް އަރުވާލާފައި ވާ ކަން ހާމަވެއެވެ. އިތުރު ވަގުތު ތަކެއް ބޭކާރު ކުރުމެއް ނެތި ނާއިފް ޒިވާ ކުރެން އަސްލުވެސް އޭނާ އާއި އެކު ލާމަށް ދަނީ ހެއްޔޭ އަހާލި އެވެ.
” އަޅޭ!.. އާން އެކޭ ހަހަހާ!! ކިތައް ފަހަރު މިހާރު ތިހެން އަހައިފިން؟ މިހާރު މިހިރީ ފޮށި ޕެކު ކުރަން އެކޮޅުގަ ވަރަށް ގިނަދުވަހު މަޑުކުރަން އަހަރެން ބޭނުމީ.. ވީހާވެސް ގިނަ ދުވަހެއް!! ވަރަށް މަޖާ ކޮށްލަން އަހަރެން ބޭނުން!! އީހްހްހް” ޒިވާ ވާހަކަ ދެއްކި އިރު ކުރީގެ ޒިވާ އަލުން އެނބުރި އައި ކަހަލައެވެ. އެއް ނޭވައިން ވާހަކަ ދެއްކި އިރު އެ އަޑުންވެސް އޭނާ އެ ދަތުރު ދާ ހިތުން ކެތްމަދުވެފައި ވާ ކަން ހާމަވެއެވެ.
“އަހަހާ ޔަގީން ކޮއްލީ އޭ.. ނޭގޭނެ އެއްނުން ހަހާ.. ދެން އަވަހަށް ރެޑީވޭ.. މާދަން ބަނދަރުން ދިމާވާނަން ބާއި.. ގުޑްނައިޓް” އަމިއްލަ އަށް އިހުސާސް ކުރެވުނު އުފާވެރިކަން ފޮރުވާލަމުން ނާއިފް ޒިވާ އާއި ވާހަކަ ދެއްކުމަށް ފަހު ފޯނު ބޭއްވިއެވެ. އޭނާ ބޭނުން ވީ އެވަގުތުވެސް ދުވެފައި ޒިވާ ކައިރިއަށް ގޮސް އޭނާ ލޯބިވާ ވަރު ހާމަކޮށް އޭނާގެ މިލްކަކަށް ޒިވާ ހަދާށެވެ. ކޮންމެވެސް ދުވަހަކުން އެކަން ކުރާނެ ކަމަށް އަޒުމް ކަނޑައަޅަމުން ނާއިފް އަނެއްކާވެސް ފުންމައިގަތް ގޮތަށް އެނދަށް ވެއްޓިގަތެވެ. އެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމުން އޭނާ އުފާވެފައި ވާ ވަރު ހާމަވެއެވެ.
ދަތުރަށް ބޭނުންވާނެ އެހެނިހެން ތަކެތި ގަތުމަށްފަހު ޒިވާ އޭނާގެ މައިންބަފައިންގެ ކޮޓަރިއަށް ދިޔައީ އޭނާ ނާއިފް އާއި އެއްކޮށް ލާމަށް ދާނެ ވާހަކަ ބުނުމަށެވެ. އޭނާގެ ބައްޕަ އެކަމަށް ދެކޮޅު ނަހަދާނެކަމަށް ޒިވާއަށް ޔަގީނެވެ. އެހެންކަމުން މަންމަ ރުއްސުމަކީ މާކަށް އުނދަގޫކަމަކަށް ނުވާނެ ކަމަށްބަލައި ޒިވާ އެކޮޓަރި ދޮރުގައި ޓަކި ޖަހާލުމަށްފަހު ވަނެވެ.
” މަންމާ އަހަރެން ބޭނުން ނާއިފް އާ އެއްކޮށް ލާމަށް ދާން.. އެހެންވެ ފޮށި ވެސް ޕެކު ކޮށްފިން.. ޕްލީޒް ނޯ-” ކޮޓަރިއަށް ވަތްގޮތަށް އެތާނގައި ތިބީ ކޮން ބައެއްތޯ ބަލައިލުމެއްވެސް ނެތި ވާހަކަ ދައްކަން ފެށި ޒިވާ އަށް ހުއްޓުމެއް އައީ ކޮޓަރި ތެރޭ ތިބި އިއަން، ޒައިހާ، ޒީހާން އަދި ނާއިފް ފެނުމުންނެވެ. ހުއްޓުން އަރާފައި ޒިވާ އަށް ހުރެވުނީ އިއަން އާއި ނާއިފް އެ ކޮޓަރިތެރޭ ތިބީމައެވެ. އެންމެ ބޮޑު ހައިރާންކަމެއް އިވާ އަށް ގެނުވީ އެތާނގައި އިން ނާއިފް ފެނުމުންނެވެ. ލުއި ހިނިތުންވުމެއް މޫނުމައްޗަށް ގެނުވައިގެން އިން އިރު އޭނާގެ ނަޒަރު އެކީހެން ހުއްޓިފައިވަނީ ޒިވާ އަށެވެ.
” އާދެބަލަ މިކޮޅަށް” ހިނިގަނޑެއް ޖަހާލަމުން ޒިޔާނާ ބުނެލި އިރު އޭނާގެ މޫނުމަތިން ފެންނަނީ ލާނެތްކަމެވެ. އިތުރު އެއްޗެއް ބުނުމަކާއި ނުލައި ޒިވާ ޒިޔާނާ ކައިރީގައި އިޝީންދެލިއެވެ. ނާއިފް ހިނިތުންވުމަކާއިއެކު އިސްޖަހާލި އިރު އިއަން އޭނާގެ ފައިގައި ކޮއްޓާލިތަން ޝުހައިދުގެ ލޮލަކަށް ސިއްރެއް ނުވިއެވެ. އިއަންގެ މޫނުމަތީގައިވި ލާނެއްކަމާއި ނާއިފްގެ ފަރާތުން ފެނުނު ލަދުރަކިކަން އޭނާއަށް ކަމެއް ޝައްކު ވާން ފެއްޓިއެވެ.
ޝުހައިދުއާއި ޒިޔާނާ އޭނާ ނާއިފް އާއި އެއްކޮށް ލާމަށް ދާން އެއްބަސްވިކަން އެނގުމުން ޒިވާ ހުރީ ހައިރާންވެފައެވެ. އަދި އެދެމީހުން ޓިކެޓްގެ ކަންކަން ހަމަޖައްސާނެ ވާހަކަ ބުނުމުން ޒިވާގެ ހިތް އުފަލުން ނަށައިގަތެވެ. ބައްތިރީސް ދަތް އެއްކޮށް ފެންނަ ވަރަށް ހީގަނެފައި ޒިޔާނާ ގައިގައި އޮޅުލައިގަތް އިރު ޝުކުރުގެ ބަސްތައް ޒިވާގެ ދުލުން އޮހެމުން ދިޔައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޗެކިންސްގައި މަޑުކޮށްގެން ހުރި ނާއިފްގެ ލޮލުގައި މަޑު ހިނގުމެއްގައި އެދިމާލަށް އަންނަމުން ދިޔަ ޒިވާ އާއި އިއަން އަޅައިގަތެވެ. ހުރިހާ ތަނެއް ހޯދަމުން ބޯ ހޫރުވަމުން އައި ޒިވާގެ މޫނުމަތިން ނާއިފް ހޯދާކަމުގެ ކުލަވަރުތަށް ފެންނަމުން ދިޔައެވެ. އަޅިފެހި ފޮތިގަނޑެއްފައި ހުދު މާތަކެއް ޖަހާފައި ވި ސްކާޓަކާއި އޭގެ ދަށަށް ބެގީ ކޮށްފައިވި ހުދު ގަމީސްކޮޅާއި ސްކާޓާއި ގުޅުވައިގެން ބޮލުގައި އޮޅާލާފައިވި އަޅިފެހި ކުލައިގެ ޝޯލް އިން ރީތި ނަމަވެސް ސާދާ ގޮތެއް ޒިވާގެ ގައިން ދައްކައެވެ. އަވި އައިނަކުން ލޯ ފޮރުވާލާފައި ވި އިރު ޒިވާގެ ބޮލުގައި އަޅާފައިވި ބީޗް ތޮފި ފެނުމުން ނާއިފް ގާތަށް ކުޑަކޮށް ހިނި އައެވެ. އިއަން އާއި ޒިވާ އަށް އޭނާ ނުފެންނަހެން ހީވުމުން ކައިރީގައި ހުރި ޓޮރޮލީ ހިފައިގެން ނާއިފް ބޭރަށް ނުކުމެލާ އެދެމީހުންނަށް އޭނާ ފެންނާނެހެން އަތް ހޫރާ ހަނާ އަޅާލިއެވެ. ޒިވާ އަށް ނާއިފް ފެނުމުން ވަގުތުން އެދިމާލަށް ދިޔައިރު އިއަން ޒިވާގެ ފޮށި ހިފައިގެން ޒިވާގެ ފަހަތުން ހިނގައިގަތެވެ.
” އާދެވިއްޖެ ދޯ.. ހަހަހާ އަދި އެބައޮތް ދިހަމިނިޓު ޗެކިން ފަށަން” “ރަނގަޅެއްނުން ގަޑި ނުޖެހޭ ވިއްޔަ.. އޫހްހް.. މަ ހުވާ މީނަ އަކާ އެއްކޮށް ދެން ނުދާނަން ތާކަށް!.. އެއޮއްތާ އެކޮޅު ކޮޅުން ހިނގާފައޭ އަންނަންޖެހުނީ މިހިސާބަށް!! ލޯންޗު ދުއްވަން އިން ތުފައްޖަރު ކައިރި ވެސް ބުނާކަށް ނޭނގުނު ވިއްޔަ ޑޮމެސްޓިކް ޓާމިނަލް އަށް ލޯންޗު ކައިރި ކުރާށޭ..” ތުން ދަމާލަމުން އުނަގަނޑުގައި އަތް ވިއްދާލާފައި ޒިވާ ބުނެލި އިރު އޭނާގެ ނަޒަރު ވަނީ އިއަން އަށް ހުއްޓިފައެވެ. ބޮލުގެ ފުއްކިބައިގައި އަތް ހިންގާލާފައި އިއަން ތިމަންނާ އަށް އިނގޭނީ ކިހިނަކުން ހެއްޔޭ ބުނެލިއެވެ.
” އޮކޭ އޮކޭ!! ހިނގާބަލަ ދެންވެސް އެތެރެއަށް ވަންނަން ޗެކިން ފަށަން ވާއިރަށް.. އޭރުން އޭގެން ވެސް ތަންކޮޅެއް އަވަހަށް ސަލާމަތް ވާނީ” ޒިވާ އާއި އިއަން އާ ދެމެދު ދެކެވެމުން ދިޔަ ވާހަކަ މެދުކަނޑުވާލަމުން ނާއިފް ޗެކިން ކައުޓަރުތަށް ހުރި ދިމާލަށް ހިނގައިގަތެވެ. ހިނިގަނޑެއް ޖަހާލާފައި އިއަން ވެސް ޒިވާގެ ފޮށި ހިފައިގެން ނާއިފްގެ ފަހަތުން ހިނގައިގަތެވެ.
ޗެކިން ނިންމާލުމަށްފަހު އިއަން އާ ސަލާން ގަލާން ކުރުމަށްފަހު ނާއިފް އާއި ޒިވާ ފުރާމީހުންގެ ގޭޓް އިން އެތެރެއަށް ވަދެގެން ދިޔައީ ވެއިޓިން އޭރިއާގެ ގޮނޑިތަކުގައި ހަމަޖެހިލައިގެން ތިބުމުގެ ނިޔަތުގައެވެ. ފުރަން މާކަށް ގިނަ އިރެއް ނެތުމާއި އެކު ޒިވާވެސް އެކަމަށް އެއްބަސްވީ އިއަން ދެން ދާނީ މާލެ ކަމަށް ބުނުމުންނެވެ.
******
އެތަށް ދުވަހު މަސައްކަތް ކުރުމަށްފަހު ވެސް އެ އަންހެން ކުއްޖާ ނުފެނުމުން މާޔޫސް ވެފައިވީ ނަމަވެސް ދެދުވަހު ބޭރަށް ނުކުމެނުލާ ހުރުމަށްފަހު މާކިން މިއަދުވެސް ބޭރަށް ނުކުމެލީ އެ އަންހެން ކުއްޖާ ފެނޭތޯއެވެ. ދުވަހަކީ ސްކޫލް ދުވަހަކަށް ވުމުންނާއި މެންދުރުގެ ވަގުތަށް ވުމުން ސްކޫލް ގެ މެންދުރުފަހުގެ ދަންފަޅިއަށް ދިޔުމަށް ކުދިން ގޮވައިގެން ބެލެނިވެރިން އެކި ކޮޅުކޮޅަށް ދުއްވަމުން ދިޔައެވެ. އިމާދުއްދީން ސްކޫލް ކައިރި މަޑުކޮށްލައިގެން ހުރި މާކިން އަށް އިރު އިރުކޮޅަކާހެން ސްކޫލް ބޮޑުދޮރޯއްޓަށް ބަލައިލެވެނީ ބޭ އިޚްތިޔާރުންނެވެ. ސްކޫލް ކުދިންތަށް ކައިރި ހިސާބުގައި މަޑުކޮށްގެން ތިބި އިރު އެ ދިމާލަށްވެސް ބަލައިލެވެނީ ހިތް ބޭގަރާރުވެފައިވީލެއް ބޮޑުކަމުންނެވެ.
ކުދިންތަށް ސްކޫލްތެރެއަށް ވަދެގެން ދިޔަ ވަގުތު ތަންކޮޅެއް ދުރުން އެދިމާލަށް ކުޑަކުއްޖެއްގެ އަތުގައި ހިފާލައިގެން މަޑު ހިނގުމެއްގައި އަންނަމުންދިޔަ އެ ހިތުގެ ބައިވެރިޔާ ފެނި މާކިން އަށް ހަށިގަނޑު ސީދާ ކޮށްލެވުނެވެ. ކުރިން ފެނުނު ކުއްޖާ އަށް ވުރެން އުމުރުން ތަންކޮޅެއް ބޮޑުކޮށް ހުރި އެ ކުއްޖާވެސް އެ އަންހެންކުއްޖާ އާ ވަރަށްވެސް ވައްތަރެވެ. މައުސޫމް ކަން އެ މޫނުމަތީގައި ވާ އިރު ލައިފައިވި ބޮޑު ހެދުމާއި ޚިމާރް އިން އެނާގެ ފުރިހަމަކަން އިތުރު ކުރުވައެވެ. ސްކޫލް ދޮރާއި ހަމައަށް އާދެވުމުން ހީލާފައި އޭނާގެ ކޮއްކޮ އަށް ބާއި ކިޔާލަމުން އެ އަންހެން ކުއްޖާ އަތް ހޫރަލި އިރު ކޮލަށް އެޅުނު އަޑިކޮޅު ފެނި މާކިންގެ ހިތަށް ގޮތެއްވެލައިގެން ދިޔައެވެ. އެ ހިނިތުންވުން އޭނާގެ ހިތަށް ހަމަޖެހުމެއް ގެނުވައިފިއެވެ. އާވާރާވެފައި ވީ މީހަކު ފަދައިން އެ އަންހެން ކުއްޖާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައި މާކިން ސިހުނީ އެކުއްޖާ އޭނާ އާއި ދިމާލަށް ބަލައިލުމުންނެވެ.
ކޮއްކޮ ގޮވައިގެން ސްކޫލަށް އައުމަށް ފަހު ގެއަށް ދިޔުމަށް އެނބުރިލީ ޒޯޔާ އަށް އޭނާ އާއި ދިމާލަށް ބަލަން ހުރި ފިރިހެން މީހާ ފެނުނެވެ. އެއީ އޭނާ އަށް ދުވަސްކޮޅެއްކުރިން ފިހާރައެއްތެރޭން ފެނުނު މީހާ ކަން ޔަގީންވީ ލައިފައިވި ޓީޝާޓުންނެވެ. އެދުވަހުވެސް ބަލަން ހުރިގޮތަށް އޭނާ އާއި ދިމާލަށް ކަޑި ޖަހާލުމެއް ނެތި ބަލަން ހުރުމުން ޒޯޔާގެ ހިތަށް އެ މީހަކާއި މެދު ފޫހިކަމެއް ވެރިވިއެވެ. އަދި ހަމަ އެނާ ބަލައިލުމުން ނުޥާކަމަށް ހެދުމަށްފަހު ދުރުބަލައިލި ގޮތުން ޒޯޔާގެ ގާތަށް އައީކީ އަމަށަކު ފޫއްސެއް ނޫނެވެ. ފިރހެނުން އެގޮތަށް އަންހެންކުދިންނަށް ބެލުމަކީ އެއްގޮތަކަށްވެސް އޭނާ ގަޔާވި ކަމެއް ނޫނެވެ. އަދި އަމުދުން އެ ފިރިހެނާ ހުރި ގޮތުން ވެސް އޭނާގެ ހިތުގައި އުފެދިފައިވި ފޫހިކަން ބޮޑެވެ.
” ޒޯޔާ!!…” ގެއަށް ދިޔުމަށް ހިނގައިގަތް ޒޯޔާއަށް ފަހަތުން މީހަކު ގޮވާލިއެވެ. އޭނާއާއި އެއް އުމުރެއްގެ އަންހެން ކުއްޖެއް އޭނާ އާއި ދިމާލަށް އަންނަތަން ފެނުނެވެ. ޒޯޔާ އެކޭ އެއްފަދައިން ބޮޑުހެދުންލައިގެން ޚިމާރް އެއް އަޅައިގެން ހުރި އެ އަންހެން ކުއްޖާވެސް މީހަކު ބަލާ ފޫހި ނުވާނެހާ ރީއްޗެވެ.
“ސާބަހޭ އަޒޫ! މަގޭ ނަން މިތާ ތިބި އެންމެންނަށް އިއުލާނު ކުރަންތަ ތިއުޅެނީ ތިހާ ބާރަށް ގޮވައިގެން؟!..” ހިނިތުންވުމަކާއި އެކު ޒޯޔާ އޭނާ ކައިރިއަށް އައިސް ހުއްޓުނު އަޒްހާއާ ދިމާލަށް ބުންޏެވެ.
” ޒޯޔާ…” ހިތާ ހިތުން އެނަން ކިޔާލި އިރު މާކިންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ވާނިވެސް އެހެންތާއެވެ. އެތަށް ދުވަހެއްގެ މަސައްކަތަށްފަހު އެންމެފަހުން ގޮސް ނަންވެސް އެނގުނީތާއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން މާކިން ސައިކަލު ސްޓާޓްކޮށްލާ ބާރު ސްޕީޑެއްގައި އެތަނުން ދިޔައެވެ. ކުޑަކުއްޖެއް ނަށަން އުޅޭ ފަދައިން ބޯ ދެފަރާތަށް ހޫރަމުން ސައިކަލު ދުއްވަން އިން އިރު އޭނާގެ ތުންފަތްމައްޗަށް ވެރިވެފައިވި ހިނިތުންވުން ފެންނަން ހުއްޓެވެ.
” އަޒޫ.. މަ ބުނީމެއްނުން ކުރީ ދުވަހަކު ތި ގެ ކައިރި އިން ފިހާރަ އަށް މަ ވަތް އިރު އެތާ ހުރި މީހަކު ވަރަށް ބެލި އޭ…” ” ތިބުނީ އިސްތަށިގަނޑު ހަތާގަނޑަކަށް ހަދައިގެން ޕާޓޭ ސްޓައިލް އަށޭ ކިޔައިގެން ކީ މީހާ ތަ؟…” ” ޔެސް ޔެސް! ތިމީހާ!!.. އިނގޭތަ އޭނަ ހީވަނީ ޒޯ އަށް ފާރަލަނީހެން މިހާރު ވީކް އެއް މިވަނީ އޭނާ ޒޯ ފަހަތުން ނެއްޓެން ނޭގިގެން އުޅޭތާ.. ޒޯ ބެލްކަނީ އަށް ނުކުންނަ އިރު ފެނޭ ގޭ ދޮރުމަތީގަ މަޑުކޮށްގެން ހުންނަތަންވެސް… ނުވިތާކަށް ޒައިއްކޮ ސްކޫލަށް ލާން ދާއިރު އެތާ ވެސް ހުރޭ!.. ދެންމެ އެ ދިޔައީއެއްނުން ސައިކަލއެއްގަ ވަރަށް ބާރަށް މީހަކު.. އެއީ އޭނަ.. ދެންމެވެސް ހުރީ ވަރަށް ފާޑަކަށް ބަލަން.. ޒޯ ބަލައިލީމަ ނުވާކަމަށް ހަދައިގެން ދުރުބަލައިލީ.. ވަރަށް ފޫހިވޭ.. މި ހީވަނީ އަލަށްހެން އޭނަ ހަޔާތުގަ ވެސް އަންހެން ކުއްޖަކު ފެނުނީ..” ޒޯޔާ އަޒްހާ އަށް މާކިންގެ ވާހަކަ ކިޔައިދިން އިރު އެ މޫނުމަތިންވެސް ހިތްހަމަ ނުޖެހޭ ކަމާއި ފޫހިކަން ހާމަޔަށް ފެނަން ހުއްޓެވެ. ތުން ދަމައިގެން ހުރެ ވާހަކަ ދެއްކި އިރުވެސް ޒޯޔާގެ ރީތިކަމާއި މައުސޫމްކަން ފެނި ކޮންމެ މީހަކުވެސް ފިދާ ވާނެކަން ގައިމެވެ.
“ދެން ޒޯ ބުނެބަލަ ތި މީހަކާ ދިމާލަށް ޒޯ އާ ދިމާލަށް ނުބަލާށޭ ޒޯ ހިތްހަމަ ޖެހޭ ކަމެއް ނޫނޭ ޒޯ އާ ދިމާލަށް އެވަރަށް ބެލުމަކީ.. ” “ހުރޭ ދެން ދުވަހަކުން ފެނިއްޖެއްޔާ ބުނެލާނަން.. ”
ގޭގެ ސިޓިންގ ރޫމް ސޯފާގައި އިން އިވާގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ ލެޕްޓޮޕަށެވެ. އެކި އެކި ކޯސްތަށް ބަލަމުން ދިޔައިރު އޭގެން އޭނާއަށް ކަމުދާ އެކަތިވެސް ނެތް ކަހަލަ އެވެ. ޒިވާ ރަށުން ފުރުމާއި އަޔާނީވެސް ކައިރި ރިސޯޓަށް ވަޒީފާ އަށް ދާން ފެށުމުން އިވާ އަށް ޖެހެނީ އަބަދު ގޭގައި ހުންނާށެވެ. ކުރާނެ އިތުރު ކަންތައްތަކެއް ނެތުމުން އޭނާ ކުރިއަށް ދާން ނިންމާފައިވި ދާއިރާގެ ކޯސްތަށް ބަލަން ހުރީ އޭނާވެސް ދިރުއުޅުމުގައި ކަމެއް ކުރަން ފަށާށެވެ.
” އައްސަލާމް އަލައިކުމް” ބޭރުން މީހަކު ސަލާމް ގޮވާލިއަޑަށް އިވާ ވައަލައިކުމް ސަލާމް އޭ ބުނެ ގޭގެ ދޮރުމައްޗަށް ނުކުމެލިއެވެ. ދޮރާށި ދޮރުކައިރީގައި ހުރި އިއަން އިޔާޝް އަދި އޭނާ ދުވަހަކުވެސް ލޮލަށް ފެނިފައި ނުވާ އަންހެން ކުއްޖަކު ހުއްޓެވެ. ފައިތިލަ އާ ހަމަޔަށް އަރާ ހުދުކުލައިގެ ހެދުމަކާއި ބޮސްތޮށި ކުލައިގެ ޝޯލް އެއް އަޅާފައިވާއިރު ސާދާ ކަމެއް އެ އަންހެން ކުއްޖާގެ ގައިން ފެންނަން ހުއްޓެވެ. ހިތް ހެޔޮ ހިނިތުންވުމެއް ދީގެން ހުރި އިރު އިވާ އަށް އިޔާޝް އާއި އެ އަންހެން ކުއްޖާގެ ގުޅުވާލެވިފައިވި އަތަށް ބަލައިލެވުނެވެ. ދެލޯ ބޮޑުކޮށްލެވުނު އިވާގެ ދެ ތުންފަތް ދެމިލިއެވެ.
” ހަހާ.. އިވް އަށް އެނގިއްޖެ ދޯ؟.. އިނާ މީޓް މައި ކޮއްކޮ އިވާ.. އިވް ދިސް އިޒް ސައިނާ.. އިޔާޝްގެ ގާލްފްރެންޑް”
8 Comments!
Comments are closed.




dhonthi dhooni mi part vx vrh reethi Masha Allah ❤️❤️
I appreciate your hard work dharif…
lysssm 💋
thank you dhonthiii
Masha Allah mi part vx vrh reethi..
Vrh dhuvas kohlaafa mi vaahaka kiyaalan libunee ma vrh ufaa vejje😊
When’s next part???
Thank you!! 💞💞
Next part im thinking within two days submit kohleveyne kamah 😁 insha’Allah i will around next sunday ✨🌺
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Mageyyyyy dhooooni gandu!!!😘
Masha Allah hama slaying as always ingey!!😻😻
Dhonaa varah varah proud vey darling..🥹❤️
Keep it up dhoonyyaa..❤️
Love you lotsss💋💋💋
HAAAIIII DHONAAAAA!!! 😁😈😈
ALHEYY THANK YOUU!!!! 🫶💞
KALEYNEY INGEYTHA I MIULHENY BUSY KAMUN MANJE VAAHAKA ADHI KIYAA NULAA 😭😅
EKAM HUREYY NIDHAN OVEGEN VIYAS KIYAANAN!! Manje vaahaka ehnun dhw🌺💞✨
Anywaysss i love your support love you lotsss moreeeeee♥️✨✨
midhanee badhige ahhh 😛😛
Goodddd nightty
Hey whn next part?