އެ ޙަބަރުން……ހަޔާތް…..
އެ ޙަބަރު ލިބުމާއި އެކު އަހަރެންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލިއެވެ. އެއީ ފާއިތުވި ދުވަސްތަކުގައި އަހަރެން އެންމެ އަޑު އަހަން ބޭނުންވި ލަފުޒުތަކެވެ.ޑޮކުޓަރުގެ އަނގައިން ނިކުން ތިން ލަފުޒު އަހަރެން ދުވަހަކުވެސް ހަނދާނެއްނުނެތޭނެއެވެ. “މަރުޙަބާ! އާޔާ ބަނޑު ބޮޑު!”މި ލަފުޒު ތަކަކީ އަހަރެންގެ ވިރާނާ ވެފައިވާ ހަޔާތް ބަދަލު ކޮއްލި ލަފުޒު ތަކެކެވެ.އަހަރެންގެ ލޯބިވާ ފިރިމީހާ މަހުދީ އަށް މި ޙަބަރު ދިނުމަށް އަހަރެން އަވަސްވެގަތީމެވެ.އޭނާ މިހާރު ވާނީ އޮފީހުގައިއެވެ. މަހުދީއަކީ އޭނާގެ އަމިއްލަ ވިޔަފާރި ކުރާ މީހަކަށްވުމުން އެ އޮފީހަށް އަހަރެން ބޭނުން އިރަކު ދެވެއެވެ.
އަހަރެން އޭޑީކޭއިން ނިކުމެ ޓެކްސީއެއް ހޯދައިގެން މަހުދީގެ އޮފީހާ ދިމާލަށް މިސްރާބު ޖެހީމެވެ. ޓެކްސީ މަހުދީގެ އޮފީހު ކުރިމައްޗަށް ހުއްޓުނު އިރު އަހަރެންގެ ހިތް ނުހަނު ބާރަށް ތެޅެއެވެ. މަހުދީގެ އޮފީހުގެ ތެރެއަށް ވަދެގެން ދިޔައިރު އޮފީހުގެ މުއަޒަފުންގެ ފާރާތުން ހާސްކަން ފެންނަމުން ދިޔައެވެ. ނަމަވެސް އަހަރެންވެފައިވާ އުފަލުގެ ބޮޑުކަމުން އެކަން އަހަރެންނަށް އެހާ ބޮޑަށް ފާހަގައެއް ނުވެއެވެ. އަހަރެންގެ އުފާވެރިމޫނަ ފެނި ގިނަ މުއައްޒަފުން ގަދަކަމުން ނަމަވެސް ހިނިތުންވަމުން ދިޔައެވެ. މަހުދީގެ ކެބިންގެ ކުރި މަށްޗަށް ހުއްޓި އަހަރެން ފުން ނޭވާއެއްލީ އަހަރެންގެ ތެޅިތެޅިއޮތް ހިތަށް ހަމަޖެހުމެއް ހޯދުމުގެ ނިޔަތުގައިއެވެ. ނަމަވެސް އާހް!!އެވެ. މަހުދީގެ ކެބިންގެ ދޮރު ހުޅުވާލި ހިދު އަހަރެންނަށް ފެނުން މަންޒަރުން އަހަރެންގެ ހިތް ފުޑު ފުޑު ކޮއްލިއެވެ.ކަޅި ނުޖަހާ ބަލަހަށްޓައިގެން ހުރެވުނީ ޤަބޫލުކުރަން ދަތިވެފައިއެވެ.
މަހުދީގެ އުނގުތެރޭގައި އެއިނީ ފަންމިންޏެއް ކަހަލަ އަންހެން ކުއްޖެކެވެ. އަހަރެންގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަން ފެށިއެވެ. އަހަރެންގެ ދެ ލޮލުން އޮހިގަތީ ހިފެހެއްޓުމެއް ނެތް ކަރުނައެވެ. އަހަރެންގެ ކޯތާފަތްމަތީ ކަރުނައިގެ ސާލެއް ދެމޭކަމުގެ އިހުސާސް އަހަރެންނަށް ވުމާއި އެކު ފަސްއެބުރި ދުއްވައި ގަނެވުނީ އެއްވެސް އިހްތިޔާރަކާ ނުލައެވެ. މިހުރިހާ ކަމެއް ހިގައި ދިޔާއިރުވެސް މަހުދީގެ ކެބިން ތެރޭ އެކުވެފައި ތިބި ދެ ހަށިގަނޑަށް ހިލަމެއްވެސްނުވެއެވެ. އަހަރުންނަށް ރޮމުން ނިކުމެވުނީ އެ އޮފީހަށް ބަދެގެން އައި އާލިމުގެ ކުރިމައްޗަށެވެ. އާލިމް ދެ ފަހަރަކު އަހަރެންނަށް ގޮވާލިކަން އަހަރެންނަށް އިނގެއެވެ. ނަމަވެސް އެގަޑީގެއި އަހަރެން ހުރީ މަޑުކޮއް ވާހަކަ ދެއްކޭ ކަހަލަ ޙާލަތެއްގައެއް ނޫނެވެ.
އަހަރެންނަށް ދުވެފައި ގެއަށް ގޮސް އެނދުމަށްޗަށް ވެއްޓި ގަނެވުނެވެ. އަހަރެންނަށް އެހެން ރޮއެ ރޮއެ އޮވެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ.އެންމެ ފަހުން ވަރު ބަލިވެގެން އަހަރެންނަށް ނިދުނީއެވެ
އަހަރެންނަށް ލޯހުޅުވާ ލެވުނީ ކޮޓަރީގެ ދޮރުގައި މީހަކު ހިފިއަޑަށްށެވެ. އެއީ މަހުދީކަން އަހަރެންނަށް ޔަޤީނެވެ. އިތުރު މީހެއްގެ އަތުގައި ގޭގެ ތަޅުދަނޑިއެއް ނޯނާނެއެވެ.އަހަރެން ނިދާފައި ކަމަށް ހަދައިގެން އޮތީ ގަސްތުގައެވެ. މަހުދީއާ ކުރިމަތިލާނޭ ހިތްވަރެއް އަހަރެންގެ ގައިގައެއް ނެތެވެ، ފަހަކަށް އައިސް މަހުދީގެ ފަރާތުން ފެންނަމުންދާ ސިފަ ތަކަކީ އަހަރެންނަށް ދަރިން ނުލިބޭނެކަމަށް ޑަކުޓަރު ބުނިފަހުން އައިސްގެން އުޅޭ ބަދަލު ތަކެއްކަން އަހަރެންނަށް އިނގެއެވެ.ނަމަވެސް އަހަރެންގެ ނަޒަރުގައި ދަރިން ނުލިބުމަކީ ހިލޭ އަންހެނުން ގެންގުޅެން ޖެހޭ ސަބަބެއް ނޫނެވެ.
މަހުދީ ފާހަނައަށް ވަދެ ފެންވަރައިގެން އެނެއްކާވެސް ދިޔައީ ބޭރަށްށެވެ. އަހަރެން ނިދާފައި އޮތުމުން ނުގޮވީ ކަންނޭގެއެވެ. އަހަރެން ދެ ޅޯ ހުޅުވީ މަހުދީ ނިކުންކަން ޔަޤީން ކޮއްފައެވެ. އޭރު އަހަރެންގެ ބޮލުގައި ނުހަނު ގަދައަށް ރިއްސައެވެ.ނަމަވެސް މިހާރު އަހަރެން ގޮތެއް ނިންމާފީމެވެ. އަހަރެން މަހުދީ އާއެކު އުޅޭކަށް ބޭނުމެއްނޫނެވެ. އަހަރެންގެ ދަރިފުޅަށް އަހަރެން ދޭން ބޭނުންވާ ދަރުބިއްޔަތު މަހުދީ އާއެކު އުޅެގެން ނުދެވޭވެއެވެ. އަހަރެން ފޯނުނަގާ މަހުދީ އަށް ހުރިހާ ވާހަކައެއް މެސެޖެއްގެ ޒަރިއްޔާއިން ކިޔާދިނީމެވެ. އަހަރެންގެ ރިޕޯޓުގެ ފޮޓޯ އެއްވެސް ފޮނުވީމެވެ. އަދި މަހުދީގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ފޯނު ނިއްވާލީމެވެ. އަހަރެންގެ ދެތިން އެއްޗެއް ހިފައިގެން އެގެ ދޫކޮށް އަހަރެންގެ ރަށް ދިއުމަށްޓާކައި އެއަރޕޯޓަށް އަހަރެން ދަތުރު ފެށީ އަހަރެންގެ މާޒީ ފޮތެއްގެ ސިފައިގައި ރައްކާކުރަމުންނެވެ.
މިއީ އެންމެ ދުވަހެއްގެ ތެރޭގައި އަހަރެންގެ ހަޔާތް ބަދަލު ކޮއްލި ގޮތެވެ. އެންމެ ޙަބަރަކާ އެކު އަހަރެންގެ ހަޔާތަށް ގެނައި ތޫފަނެވެ. ނަމަވެސް އެއްވެސް ޝަކުވާއެއް ނެތެވެ.އަހަރެންގެ ނުއުފަން ދަރިފުޅުގެ ޙައްޤުގައި އަހަރެން ދިރިހުނަނާނަމެވެ. މަހުދީގެ ކިބައިން ފެނުން އެއްވެސް ނުކިއްސަރު އާދަ އެއް މި ތުއްތު ތުއްތު ފުރާނައިގައި ހަރުލިޔަކަ ނުދޭނަމެވެ. މީއީ އަހަރެންގެ އުންމީދެވެ.
