ކާމިޔާބަށް ކުރި ދަތުރު
އަލްވާ އަކީ ވަރަށް ކުޑައިރުއްސުރެ މަދަޙަ އާއި ލަވަކިޔުމަށް ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. ނަމަވެސް އޭނާ ލަދުގަންނަ ވަރުން އެކަމަށް ތަން ދޭ ވަރެއް ނޫނެވެ. ނާސަރީއަށް ދާން ފަށާ ކުޑަކުޑަ އަލްވާ ކިޔެވުން ފަށައިފިއެވެ. އަލްވާ ފުރަތަމަ ދުވަހު ޕްރީސުކޫލަށް ގޮސް އެތެރެއަށް ވަންނަން ޖެހިލުންވެފައި ހުއްޓެވެ. އޭނާ އެތެރެއަށް ވެއްދީ ގަދަކަމުންނެވެ. އެހެން ކުދިން ބަލަން ފެށުމުން އަލްވާ މޫނުގައި އަތް އެޅިއެވެ. ޕްރީސުކޫލުގެ ދުވަސްތަކުގައި އޭނާ ކުދިންނާއި އެހާ އެކުވެރިއެއް ނޫނެވެ. ވާހަކައެއް ވެސް ނުދައްކައެވެ.
ޕްރީސުކޫލު ނިމިގެން އެކަކަށް ދިޔައިރު ވެސް އަލްވާގެ ލަދުގަންނަ މިޒާޖު ފިލާވަރެއް ނޫނެވެ. އެހެން ނަމަވެސް ވަރަށް ވަރުގަދަ އަޒުމަކާއި އެކު މަދަޙަ މުބާރާތުގައި ބައިވެރިވިއެވެ. މަދަޙައަށް ފަރިތަ ކުރުމުގައި އެ ބޮޑު އެހީތެރިކަމެއް ފޯރު ކޮށްދިނީ އަލްވާގެ މާމައެވެ. އަލްވާގެ މާމަ އަކީ ކުރީގައި ލަވަޔާއި މަދަޙަ ކިޔުމަށް މަޝްހޫރު މީހެކެވެ. އަލްވާ އަށް ހިތްވަރު ދެމުން މާމަ އަބަދުވެސް ބުނާނެއެވެ. “ކާމިޔާބަކީ އެހާ ފަސޭހައިން ލިބޭނެ އެއްޗެއް ނޫނެވެ. ކާމިޔާބު ވާނީ އެތައް ފަހަރަކު ނާކާމިޔާބީގެ ހިތިކަމާއި ކުރިމަތި ލުމަށް ފަހުއެވެ. އެންމެ ފުރަތަމަ ބޮކި އުފެއްދި މީހާ ކާމިޔާބުވީ އެއްހާސް ވަނަ ފަހަރުއެވެ.”
މަދަޙަ ކިޔާ ދުވަސް އައިސް ޖެހިއްޖެއެވެ. ސުކޫލު ޓީޗަރެއްގެ މަޤާމު އަދާކުރަމުންދާ މަންމަ ވެސް މުބާރާތް ބަލަން އައެވެ. އަލްވާ ގޮނޑިއެއްގައި އިށީނދެ ލައިގެން އިނީ އޭނާގެ ބުރު ޖެހެން ދެނެވެ. އިނގިލިތަކަށް ކުޅެލަމުން ދިޔައީ ނުތަނަވަސް ވެފައި ވުމުންނެވެ. އޭނާގެ ނަން ގޮވާލުމުން އިސްޓޭޖު މައްޗަށް އެރިއެވެ. އޭނާގެ އަތާއި ފައި ތުރުތުރު ލަމުން ދިޔައެވެ. ހިތް ނުހަނު ބާރަށް ތެޅުމުން ދިޔައެވެ. ނަމަވެސް ހިތްވަރު ކޮށްފައި ފެށިއެވެ. “ނެތުމުގެ ތެރެއިން މި ޢާލަމް… ނެރުއްވާ ކާކު އުފައްދާ” ބިރުގަނެ ހާސްވެފައި ހުރިވަރުން އޭނާ ކިޔަން އުޅުނު މަދަޙަ ވެސް ހަނދާން ނެތުނެވެ. އޭނާ މަދަޙަ ނުކިޔާ ސްޓޭޖުން ފޭބީ ލަދުން މަރުވާވަރު ވުމުންނެވެ.
މުބާރާތް ނުނިމެނީސް އަލްވާ އައީ ގެއަށެވެ. ގެއަށް އައިސް މާމަގެ އުނގުގައި ބޯ އަޅާލައިގެން ރޯން ދެ ގަޑިއިރު ވަރު އިނެވެ. މާމަ އަލްވާ ހަމައަކަށް އެޅެން ދެނެވެ. އެއްފަހަރު ނާކާމިޔާބުގެ ހިތި ރަހަ އަރުތެރޭ ލުމުން އަލްވާ އުންމީދު ކަނޑައެއް ނުލިއެވެ. ދެން ޖެހިގެން އައި ތިން އަހަރު ވެސް އަލްވާ އަކަށް ކާމިޔާބަށް ވާސިލެއް ނުވިއެވެ. މިކަމުގެ ސަބަބުން ހިތް ވަރު އެލޭގޮތްވި ނަމަވެސް މަސައްކަތް ކުރުން ހުއްޓައެއް ނުލިއެވެ.
ފަހެއްގައި އާއި މުބާރާތަށް އަލްވާ ފަރިތަކުރަން ފެށީ ވަރަށް ވަރުގަދަ އަޒުމަކާއި އެކުގައެވެ. މުބާރާތަށް އަރާ މި ފަހަރު އަލްވާއަށް މަދަޙަ ކިޔައި ނިންމާލެވުނެވެ. މިކަމުގެ އުފާ ބަޔާން ކޮށްދޭން ވެސް އަލްވާއަށް އުނދަގޫ ވިއެވެ. ނަތީޖާ އިޢުލާން ކުރިއިރު އަލްވާއަށް އެ ޢުމުރުފުރައިން ތިންވަނަ ލިބުނެވެ. މަންމަ އަލްވާއަށް އެދުވަހު ޖޫގޯ ދިނެވެ. އަލްވާ ދެން އަންނަ އަހަރު މިއަށްވުރެ ރަނގަޅު ވަނައެއް ހޯދުމަށް އަޒުމް ކަނޑައެޅިއެވެ.
ހަވަނަ އަހަރު ކޮވިޑް ނަވާރައިގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށުމުން ސަލާމަތަށް ޓަކައި ފުރަބަންދަށް ދިޔައެވެ. މިކަމުގެ ސަބަބުން މަދަޙަ މުބާރާތް ޖެހުނީ ފަސް ކޮށްލާށެވެ. ފުރަބަންދު ނިމުމާއި އެކު ސުކޫލުގެ ޤަވާޢިދުތަކަށް ވަރަށް ގިނަ ބަދަލުތަކެއް އައެވެ. އެހެންނަމަވެސް މަދަޙަ މުބާރާތް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހުނެވެ. އަލްވާ މިފަހަރު ދުރާލާ ތައްޔާރުވެގެން މަދަޙަ މުބާރާތަށް ފަރިތަކުރަމުން ދިޔައެވެ. މުބާރާތް ފަށައިފިއެވެ. އަލްވާ އަށް ކިޔަން ޖެހުނީ ރޭގަނޑުގެ ދަންފަޅީގައެވެ. އަލްވާ މިފަހަރު ވަރަށް ކެރިގެން މަދަޙަ ކިޔަމުން ދިޔައެވެ. ފަނޑިޔާރުން ވެސް އަލްވާގެ ހުށައެޅުމަށް ބަލަން ހުރީ އާޝޯޚުވެފައެވެ.
އަލްވާގެ ހުށައެޅުން ނިމުމުން ބަލަން ތިބި މީހުންގެ ހޫނު ތަރުހީބެއް ލިބުނެވެ. މަދަޙަ މުބާރާތް ނިމިއްޖެއެވެ. ދުވަހަކަށް ފަހު ދުވަހެއް ނިމިގޮސް ނަތީޖާ ފާޅުކުރާ ދުވަސް އައިސް ޖެހިއްޖެއެވެ. މަދަޙައިގެ ވަނަތައް އިޢުލާން ކުރަން ފެށިއެވެ. އަލްވާ ހުރީ ހިތް އަވަސްވެފައެވެ. “މުޅި މުބާރާތުން އެއްވަނަ ޢައިޝަތު އަލްވާ އަހްމަދު” މި ޖުމްލަ އިޢުލާން ކުރުމާ އެކު ހެން އަލްވާ އަށް ފުންމައިގެން ތެދުވެވުނެވެ. އެތައް ދުވަހެއްގެ މަސައްކަތައް ފަހު އަލްވާ އަށް ކާމިޔާބާއި ހަމައަށް ވާސިލްވެއްޖެއެވެ. އެކަމުގެ އުފަލުގައި އަލްވާގެ މަންމައާއި މާމަ ވެގެން އެރޭ އަލްވާއަށް ރެސްޓޯރެންޓަކުން ކާން ދިނެވެ. އެދުވަހު އުފާވި ވަރަށް އަލްވާ އުފާވި ހަނދާނެއް ނުވެއެވެ.
– ނިމުނީ –
4 Comments!
Comments are closed.







Varah salhi vaahaka eh ingey!! 👍
Thnx Alwaa
Vrh iburahtheri vaahakeh 💗💗
Thnx Mishy!