ދޮން ބައްޕަ
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އަހަރެންނަށް ހޭލެވުނީ ވަރަށް ބޮޑަށް ފިނިވެގެންނެވެ. ހޭލެވުމާއި އެކު ކޮޓަރީގެ އެކި ފަރާތް ފަރާތަށް ނަޒަރު ހިންގާ ލީމެވެ. އަހަރެން އެންމެ ޙައިރާންވީ ކުޑަދޮރު ހުޅުވާފައި ހުރުމުންނެވެ. ކޮޅަށް ތެދުވެ ކޮޅަށް ތެދުވެ އެ ކުޑަދޮރާއި ދިމާއަށް ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. އަވަސް އަވަހަށް އެ ދޮރުގެ ތަންޑު އަޅުވާލާ ދޮރުފޮތި ކަހާލީމެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ ސިޓިންރޫމާއި ދިމާލުން އިވުނު ބާރު އަޑުފަށްގަނޑެއްގެ ސަބަބުންނެވެ.
ތުރުތުރު ލަމުން ދިޔަ ތުންފަތުގައި ދަތް އަޅާލަމުން ލޯ މަރާލީމެވެ. ދޮންބައްޕަ ގެއަށް އައިކަން އެނގުމުންނެވެ. ދެކަންފަތުގައި އަތްއަޅާ ބާރުކޮށްލީ މަންމަގެ ވޭނީ ގިސްލުމުގެ އަޑުއަހަން ބޭނުން ނުވާތީއެވެ. ކޮންމެ ރެއެއްގެ ހާލަތަކީ މިއެވެ. ދޮންބައްޕަ މަންމައާއި ކައިވެނިކޮށްގެން މިގެއަށް އަހަރެމެން ދެމައިންގެ ދިރިއުޅުން ބަދަލު ކުރި ފަހުން މަންމަގެ ޙަޔާތް ވަނީ އަނދިރި ވަޅުގަނޑަކަށް ވެއްޓިފައެވެ. އަހަރެންނަށް ކުރެވޭނެ އެއްކަމެއްވެސް ނެތްކަން އިޙްސާސް ކުރެވުމުން އެނދުގައި އޮށޯތީ ނިދާލުމުގެ ނިޔަތުގައެވެ.
އަނެއް ދުވަހު އަރައިގެން އައި އިރާއި އެކު އަހަރެން ތެދުވީމެވެ. ނަމާދަށް ފަހު ކޮޓަރިން ނުކުތް އިރު މަންމަ އަވަދިނެތި އުޅެނީ ހެނދުނުގެ ސައި ތައްޔާރު ކުރުމުގައެވެ. މިލާފައި ހުރި އެ މޫނު މައްޗަކު ހިނިތުންވުމެއް ނެތެވެ. އޮމާން ހަންގަނޑު ފަޅުފިލުވާލައިފައި ވަނީ ލަކުނުންނެވެ. ވައަތުގައި އޮޅާލައިފައިވާ ބެންޑޭޖުން ރޭގެ ހަމަލާ އެރިތަން ފާހަގަ ކުރެވުނެވެ. މުއްސަނދި ވިޔަފާރިއެއް ހިންގާ ދޮންބައްޕައަކީ ވަރަށް ރަޙުމުކުޑަ މީހެކެވެ. މަންމަ ކުރިމަތިލަމުންދާ ހިތްދަތި ކަމަށް ބަދަލެއް ގެނައުމަށް ފިޔަވަޅެއް އަޅަން މަސައްކަތް ކޮށްފިއްޔާ ދެ ގުނަ ނުބައި ވާނެ އެވެ.
ގޭތެރެ ސާފުކޮށް އޮފުއަރުވާލުމަށް ފަހު ބޭރަށް ނިކުމެލީ އެކުވެރިޔާގެ ގެއަށް ދިއުމަށެވެ. ނުވައެއް ޖަހަން ގާތް ވެފައިވީ އެ ވަގުތު އަވިގަދަ ކަމުން ލޯ ހުޅުވާލާލަން އުނދަގުލެވެ. އިރުގެ ހޫނު ގަދަ އަވިން މީހާ ފިއްސާލަފާނެހެން ހީވިއެވެ. އެކުވެރިޔާގެ ގެއަށް ވަދެ ވުމުން އޭނާ އާއި އެކު ކޮޓަރިއަށް ދިޔައީމެވެ. ގޭގެ ޙާލަތު ބޭރުން މީހަކަށް އެނގުނަސް އެނގޭނީ ސަނާއަށެވެ. “އީނާލް! މިހާރު ވެއްޖެއެންނު ދޮންބައްޕަގެ ކަންތައް ކަމާ ބެހޭ ފަރާތަކަށް އަންގަން.” ސަނާ ކޮޓަރީގެ ދޮރު ލައްޕާލަމުން ބުނެލިއެވެ. “ކާކު ޤަބޫލުކުރާނީ؟ ދޮން ބައްޕަ އަކީ ވަރަށް ނުފޫޒުގަދަ މީހެއް. ދެކޮޅަށް ދައްކާނެ ހެތްކެއް ނެތް.” އާރެއް ބާރެއް ނުވާ ޙާލު އަހަރެން ޖަވާބު ދިނީމެވެ.
ސަނާ އެ ވަރަކުން ހުއްޓާކަށް ނޫޅުނެވެ. ގޮތް ދޫނުކުރުމަކީ އޭނާއަށް ޚާއްސަ ސިފައެކެވެ. އެންމެ ފަހުން އަހަންނަށް ޖެހުނީ އޭނާގެ އެދުމަށް އެއްބަސް ވާށެވެ. ސަނާގެ ދައްތައެއްގެ އެހީގައި ދޮންބައްޕަ އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ފަށާށެވެ. އެދުވަހު ހަވީރު ބައްދަލުވާން އެއްބަސްވަމުން އަހަރެން ގެއަށް ދާން ހިނގައިގަތީމެވެ. ގެއަށް އައި އިރު މަންމަ ޙަރަކާތްތެރިވެ އުޅޭތަން ނުފެނުމުން މަންމަގެ ކޮޓަރިއަށް ވަނީމެވެ. ނިދިފައި އޮތް މަންމަގެ ބޮލުގައި ފިރުމާލުމަށް އަތްލައިފައި އަތަށް ކައްޓެއް ޖެހި ފަދައިން ދަމައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. މަންމަ އޮތީ ހުމާ ފިހި ފިހިއެވެ.
މަންމަ އަށް ގޮވާލުމުން ކުޑަކުޑަކޮށް ލޯ ހުޅުވާލިއެވެ. ވާހަކަ ދެއްކީ ބަލި އަޑަކުންނެވެ. މީހާ އޮތީ ހުދުވެފައެވެ. އަހަރެން އަވަސް އަވަހަށް ފޮތިކޮޅެއް ތެންމާލީމެވެ. ނަމަވެސް މަންމަގެ ގައިން އާވި އަރައަރާ ހުރި ކަހަލައެވެ. ހުން މަޑު ވާގޮތް ނުވުމުން ޕެނެޑޯލް ގުޅައެއް ދިނީމެވެ. ހާސްވެ ދާހިއްލައިފައި ހުރި ޙާލު ސަނާގެ މަންމަ ސުމާއަށް ގުޅާލީމެވެ. ސުމައްތަގެ އެހީއާއެކު މަންމަ ހަސްފަތާލަށް ގެންދިއުމަށް އަވަސްވެގަތީމެވެ. ހަސްފަތާލުން ޖެހުނީ މަންމަ އެނދުމަތި ކުރާށެވެ.
ސަނާއައީ ބައި ގަޑިއިރެއްހައި ވަގުތު ފަހުންނެވެ. އޭރު މަންމަގެ ޓެސްޓުތަކެއް ހެދުމަށް ޑަކުޓަރަކާއި ނަރުހުން އުޅުނެވެ. ސަނާއައީ ޚަބަރަކައިގެންނެވެ. އޭނާގެ ފަރާތުން ދޮންބައްޕައަކީ ކުރީގައި ޖަލަށްވެސް ލީ މީހެއް ކަން އެނގުނެވެ. އަދި ދޮންބައްޕަގެ މައްސަލަ ރިޕޯޓު ކުރި ވާހަކަ ވެސް ބުންޏެވެ. އިރުކޮޅެއް ފަހުން ސުމައްތަ އައެވެ. ސުމައްތަގެ މޫނުމަތި ހުރީ މިލާފައެވެ. ހިތް ރާސް ލައިފައި ދެކޮޅަށް ތެޅުމުން ދިޔަ ޙާލު ވީ ކީއްތޯ އެހީމެވެ. “އީނާލްގެ ލޭގެ ގުރޫޕަކީ ކޮބާ؟” ސުމައްތަ ކޮއްލީ ސުވާލެކެވެ.
“އޭ ޕޮޒިޓިވް” އަހަރެން ޖަވާބުގައި ބުނީމެވެ. ސުމައްތަ ބުނީ މަންމަގެ ގައިން ލޭ މަދުވެފައިވާ ވާހަކައެވެ. އަދި ވީހާވެސް އަވަހަކަށް ލޭ ހޯދަން ބޭނުންވާ ކަމެވެ. ދެން އިތުރު ވާހަކައެއް ނުދައްކާ ވެއިޓިން ރޫމުން ނިކުތެވެ. މަންމަގެ ލޭގެ ގުރޫޕަކީ އޭބީ ނެގެޓިވް އެވެ. އެ ވައްތަރުގެ ލެޔަކީ އެހާ ފަސޭހައިން ލިބޭނެ އެއްޗެއް ނޫނެވެ. މޫނު މަތީގައި އަތް އަޅާލަމުން އަހަރެން ސަނާގެ ގާތަށް ޖެހިލީމެވެ. އަހަންނަށް ރުޅިއާދެވުނީ ދޮންބައްޕަ ދެކެއެވެ. މަންމައަށް ޓަކައި އިންސާފު ހޯދާން ފެން ބޮވައިގަނެފައިވާ ޙާލު އަހަރެން ހުރީ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ޙާލަތެއްގައެވެ.
އަހަރެންގެ ހިތަށް ފިނިކަމެއް ލިބުނީ ސުމައްތަގެ ދޮށީ ދަރިފުޅު ހުންނަނީ އެ ވައްތަރުގެ ލޭކަން އެނގުމުންނެވެ. މަންމަ އަށް އެހީއެއް ލިބުމުން އަހަރެން މާތް ﷲ އަށް ޙަމްދު ކޮށްލީމެވެ. މަންމަ ހަސްފަތާލުން ދޫކޮށްލީ އެރެއެވެ. ގެއަށް އައިސް މަންމައަށް ކާންދީ ބޭސް ދިނުމަށް ފަހު ނިދަން ބޭއްވީމެވެ. ދެން އަހަރެން އުޅެގަތީ ދޮންބައްޕަގެ ސިއްރު ކޮޓަރިއަށް ވަންނާށެވެ. ކަނު އަނދިރިކަން ވެރިވެފައިވާ ކޮޓަރިއަށް އަހަރެން ވަނީމެވެ. ހޮޅިބުރި ޖައްސާލައިފައި އެ ބޮޑު ތަނުގެ ތެރެއަށް ނަޒަރު ހިންގާލީމެވެ.
އަހަރެންގެ ލޯ ދަމައިގަތީ ކުޑަދޮރު ކައިރީގައި ހުރި ކަބަޑަށެވެ. އެ ދިމާއަށް ގޮސް ކަބަޑުގެ ދޮރުފަތް ހުޅުވަން މަސައްކަތް ކުރީމެވެ. ތަޅުލައިފައި ހުރުމުން އެތަނަށް ވަނުމަށް އަހަރެން ބޭނުން ކުރި ތަޅުދަނޑި ފަތިން ތަޅުދަނޑި ބޭނުން ކޮށްގެން ހުޅުވަން މަސައްކަތް ކުރީމެވެ. ފަސްވަނަ ފަހަރުން ދޮރުފަތް ހުޅުވާލެވުމުން އަހަރެން މަސައްކަތް ކުރީ ދޮންބައްޕަ އާއި ދެކޮޅަށް ބޭނުން ކުރެވޭނެ އެއްޗެއް ފެނޭތޯ އެވެ. ފައިލަކަށް ފަހު ފައިލެއް ނަގަމުން ގޮސް އެންމެ ދަށުގައި އޮތް ފައިލު ނަގާ ހުޅުވާލީމެވެ. ނަމަވެސް ދެން އިވުނު ބަރު އަޑާއި އެކު އަހަރެން ހުރިތަނުގައި ގަނޑުވި ކަހަލައެވެ. އަތުގައި އޮތް ފައިލު ކުޑަ ދޮރުގެ ދެ ދޭތެރޭ އެއްލާލާފައި އެނބުރެލީމެވެ.
އަހަރެން ހީކުރި ގޮތަށް އެއީ ދޮންބައްޕަގެ އަޑެވެ. އޭނާގެ ކައިރީގައި ޖާނު ވަރުގަދަ ދެ ފިރިހެނުން ހުއްޓެވެ. ކަރުގައި ފަށްއަޅާ އިސްތަށިގަނޑު ދިގުކޮށްފައި ހުރުމުން ޕާޓޭއެއްގެ ވައްތަރު ޖަހައެވެ. އެތަނުން އެކަކު އަހަންނާއި ދިމާއަށް އަންނަން ފެށުމުން ކުޑަދޮރު ބޮޑަށް ހުޅުވާލާ އެތަނުން ބޭރަށް ފުންމާލެވޭތޯ މަސައްކަތް ކުރީމެވެ. އެއަށް ވުރެ އަވަހަށް އޭނާ އައިސް އަހަރެންގެ އަތުގައި ހިފާ ދަމައިގަތެވެ. ސަލާމަތް ނުވެވޭނެ ކަން އިޙްސާސް ކުރެވުމުން އަހަރެން ބާރަށް ރޮއި ގަތީމެވެ.
ދޮންބައްޕައަކީ ހިތުގައި ރަޙުމެއް ކުލުނެއް ހުރި މީހެއް ނޫނެވެ. ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. ބިރުވެރިކަން ހިތަށް ވަނުމުން އަހަރެން އެމީހާގެ ކިބައިން ސަލާމަތްވުމަށް ގަދަ ހެދީމެވެ. ގަދަ ހަދާހާ ވަރަކަށް އަހަރެންގެ ގައިގައި ހިފާ ބާރުކޮށްލައެވެ. އަހަރެން ސަލާމަތައް އެދި ހަޅޭއް ލުމަށް އުޅުމުން އަނގައިގައި އަތް އެޅިއެވެ. އަދި ގަދަކަމުން އެތަނުން ނެރެ ފެންޑާއަށް ނުކުތެވެ. “ކަލޭ ކޯއްޗެކޭ ހިތަށް އަރައިގެންތަ މަގޭ ވާހަކަ ފުލުހުންނަށް އެންގީ. އޭނ. ޖަވާބެއް ދީބަލަ” ދޮންބައްޕަ ހަޅޭއްލަވައިގަތެވެ.
ދޮންބައްޕަ އަހަންނާއި ދިމާއަށް އަންނަން ފެށިއެވެ. ނަމަވެސް ހުއްޓުނީ މަންމަ އައިސް މާވަށިގަނޑަކުން ދޮންބައްޕަގެ ބޮލުގައި ޖެހުމުންނެވެ. ދޮންބައްޕަ ދެން އެނބުރުނީ މަންމަ އާއި ދިމާލަށެވެ. އަދި މަންމަގެ ބުރުގާ ނަގާ ހާމަވެފައިވީ ފަން އިސްތަށިގަނޑުގައި ހިފާ ބިންމައްޗަށް ވައްޓާލިއެވެ. އަހަރެންނަކަށް އެ މަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. މަންމަ ގާތަށް ދެވޭތޯ މަސައްކަތް ކުރީމެވެ. އެހެން ނަމަވެސް ބާ މަތި ފުޅާ ވަރުގަދަ ތިން ފިރިހެނުން ކުރިމަތީ ކުރެވޭނީ އަހަރެން ކަހަލަ ނިކަމެތި އަންހެން ކުއްޖަކަށް ކުރެވޭނީ ކިޔެއް ހެއްޔެވެ؟
ދޮންބައްޕަ އަތަށް ވަޅިއެއް ނަގައިފައި މަންމަ ކުރިމައްޗަށް އެރި އެވެ. މަންމަ ސަލާމަތް ވާން ދުއްވައިގަތެވެ. ދެވަނަ ފިރިހެން މީހާ އެވަގުތު މަންމަ ގައިގައި އަޅާ ކޮއްޕާލައިފައި އަނގަވަތަށް ވައްޓާލިއެވެ. އެވަގުތު ހިތް ހިލަ ހަރު ދޮންބައްޕަ އައިސް މަންމަގެ ބަނޑަށް ވަޅި ހަރާލިއެވެ. އަހަރެންގެ ދެ ލޮލުން ހޯސްލައިފައި ކަރުނަތައް ފައިބައިގަތީ އެހެނެއް ނޫނެވެ. ބޮކި ބޮކި ލައިފައި މަންމަގެ ބަނޑުން ލޭ އޮހިގަތެވެ. މަންމަގެ އަނގައިން ބޭރުވަމުން ދިޔަ ވޭނީ “އާހް” ތަކަކަށް ދޮންބައްޕަ ނުބަލައެވެ. އެ ކުރަމުންދާ އަނިޔާ ފެނިފައި އަހަރެންގެ ހިތް ކުދިކުދި ވެގެން ދިޔަ ކަހަލައެވެ. އަހަރެން ގައިގައި ހިފަހައްޓައިގެން ހުރި މީހާގެ ކިބައިން ސަލާމަތް ވުމަށް މަސައްކަތް ކުރީމެވެ. ނަމަވެސް ދެކޮޅު ހަދާ ވަރަކަށް އޭނާ އަހަރެންގެ ބަނޑަށް ބާރު ކޮށްލާ ކޯލަށް ފިތާލައެވެ.
މަންމަ ފެންޑާގެ މުށިގަނޑު މަތީގައި އޮތް އިރު ކިރިޔާ ދުނިޔޭގައި ހުރި ކަހަލައެވެ އެވެ. ދޮންބައްޕަ ހޭބަލި ވެފައި ހުރި މީހެއް ފަދައިން މަންމަ ގައިގެ ފަހަރަކު ތަނަކަށް ވަޅި ހަރަމުން ދިޔައެވެ. މަންމަގެ ހެދުން ވަނީ ލެއިން ކަޅިވެފައެވެ. މީހާގެ ސިފަ ގެއްލިފައެވެ. މުށިގަނޑު މަތީގައި ވަނީ އެ ހަށިގަނޑުން ފައިބަމުން ދިޔަ ލެއިން ކޯރު ހައްދާލެވިފައެވެ. ދެރަވެ ހާސް ވެފައި ހުރި ވަރުން އަހަރެންގެ ގައިން ވަރު ދޫވަމުން ދިޔަ ކަމުގެ އިޙްސާސް ކުރެވުނެވެ. އެ އަނިޔާވެރީން އަހަންނަށް ސިފަކުރެވެނީ ނުލަފާ ވަލު ޖަނަވާރު ތަކެއް ފަދައިންނެވެ. ދުނިޔެއަށް މޮޔަވެގެން އުޅޭ ޝައިޠާނުން ތަކެއް ފަދައިންނެވެ.
މަންމަގެ އެންމެ ފަހު ނޭވާ ދޫކޮށްލުމުން ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ. އެއަށްފަހު ދޮންބައްޕަ އަހަރެންނާއި ދިމާލަށް އެނބުރުނެވެ. އަހަރެން ދޮންބައްޕަގެ ނުރައްކާތެރި ކަމުން ސަލާމަތް ވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އޭނާ އައިސް އަހަރެންގެ ގައިގައި އަތްލައިފައި އަޅައިގެން ހުރި ބުރުގާ ދަމައިގަތެވެ. ދޮންބައްޕަގެ ޙަރަކާތްތައް ހުއްޓުނީ ބޭރު ދޮރުގައި މީހަކު ތަޅައިގަތް އަޑު އިވުމުންނެވެ. ދޮރު ވައްޓާލައިފައި އެތެރެއަށް ވަނީ ފުލުހުން ތަކަކާއި އެކު ސަނާ މެންނެވެ.
އަހަރެންގެ ގައިގާ ހިފަހައްޓައިގެން ހުރި ފިރިހެނުން އުޅެގަތީ ފިލާށެވެ. ނަމަވެސް ފުލުހުންގެ ޙަރަކާތް މާ އަވަހެވެ. ދޮންބައްޕަ އާއި އެކު އެ ދެމީހުން އަތުލައިގަނެގެން ގެންދިޔައެވެ. ސުމައްތަ އާއި އަންހެން ފުލުހެއް ވެގެން މަންމަގެ ފުރާނަ ނެތް މަސްގަނޑު ނެގިއެވެ. އަހަރެންގެ ހޭ ހުސްވީ އެހިސާބުންނެވެ. ހޭވަރިކަން ވީއިރު އަހަންނަށް އެންމެ ފުރަތަމަ ވެސް ފެނުނީ މަގަތުގައި އިން ސަނާއެވެ. އަހަރެންގެ ލޯ ހުޅުވާލުމުން ސަނާ އަހަރެންނާއި ދިމާއަށް ބަލައިލީ ހަމްދަރުދީން ފުރިފައިވާ ނަޒަރަކުންނެވެ.
އަހަރެން މަންމަ މަތިން ހަނދާން ވިއެވެ. ފެންޑާގެ މުށިގަނޑު މަތީގައި ރޯ މަހެއް ހެން މަރަށް ތެޅުނު މަންޒަރު ލޯ މައްޗަށް ސިފަވިއެވެ. ދޮންބައްޕައާއި ދެކޮޅަށް ކަމެއް ނުކުރެވި ނިކަމެތި އަހަންނަށް ހުންނަން ޖެހުނު ކަމާއި އެކުގައެވެ. “ފިރުޒައްތަގެ ޖަނާޒާ އޮންނާނެ ފަހެއް ޖަހާއިރު.” ސަނާ އެންމެ ފަހުން ބުނެލިއެވެ. އަހަންނަށް އަޑުން އަޑު ނަގާ ރޮއިގަނެވުނެވެ. ފުރަތަމަ އަހަރެން ދޫކޮށްފައި ދުނިޔެއާއި އަލްވަދާޢު ކީ ބައްޕައެވެ. މިއަދު މަންމަ އެވެ. އަހަރެންގެ ޙަޔާތް ބަރުބާދު ވީ ކަމުގެ އިޙްސާސް ކުރެވުނެވެ.
މަންމަގެ މޫނު ފަހު ފަހަރަށް ބަލާލުމަށް އަހަރެން ތެދުވީމެވެ. އެ ހިސާބަށް ދެވުނުއިރު އަހަރެންގެ ހިތް ފަޅައިގެން ދިޔަ ކަހަލައެވެ. މަންމަގެ ސިފަ ގެއްލިފައިވާ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެވުނެވެ. ސަނާ އަހަރެންގެ ގާތަށް އައިސް ހިތްވަރު ދިނެވެ. އަހަރެން ރުއިން ހުއްޓާލީ ދެން ކުރެވޭނެ ކަމެއް ނެތްކަން އިޙުސާސު ކުރެވުމުންނެވެ. ފަތިސް ނަމާދަށް ފަހު އޮތް މަންމަގެ ޖަނާޒާ ގައި އަހަރެން ބައިވެރިވީމެވެ. މަންމައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި މާތް ﷲގެ ޙަޟްރަތަށް ދުޢާ ކުރަމުންނެވެ.
މަންމަގެ ޖަނާޒާ އަށް ހަފުތާއެއް ފަހެވެ. މިއަދު ދޮންބައްޕައަށް ޙައްޤު އަދަބު ދެވި މިހާރު ވީ އުމުރަށް ޖަލަށްލައިފައެވެ. އިތުރަށް ފުލުހުން ހޯދި ހޯދުމުގެ ތެރެއިން ދޮންބައްޕަ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ވެސް ކުރި މީހެއްކަން އެނގުނެވެ. އަހަރެންނާއި ޙަވާލުވީ ސުމައްތައެވެ. މަންމަ ގެއްލުމުން ހިތް ދަތި ވިޔަސް މަންމަ އާއި ނުލައި އުޅެވޭތޯ މަސައްކަތް ކުރީމެވެ. މާޒީގެ ކަޅު ސަފުޙާތަކަށް ނުބަލައި ކުރިއަށް ދާން އަޒުމް ކަނޑައެޅީމެވެ.
އޮއްސެމުން ދިޔަ އިރުގެ ރަން ދޯދިތަކަށް ގެއްލިފައި އިން އަހަރެންނަށް ހޭވެރިކަމެއް ވީ ސަނާ ގޮވާލުމުންނެވެ. ލަސްވާތީ ދިއުމުގެ ކުރިން އިރުގެ ދެން ފެންނަން ހުރި ހިސާބަށް ބަލާލީމެވެ. ހިތަށް އެރިއެވެ. ދެން އިރު އަރާނީ މާދަމާއެވެ. އާ ދުވަހަކަށް މަރުހަބާ ކިޔަމުންނެވެ. އާ ޚަބަރުތަކާއި ޙާދިސާތަކަކުންނެވެ. ޙަޔާތުގައި ތަފާތު ކުލަ ޖައްސަމުންނެވެ.
– ނިމުނީ –
4 Comments!
Comments are closed.







Vrh reethi mi story maasha Allah❤
Thnx butterflyyyyy
V reethi vhk eh. Kurimagu gai kaamiyabah edhen! 😊🥰
Thanks a lot Ekujjaa