އަލްޙަމްދުލިﷲ
އަލްޙަމްދުލިﷲ
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ތިބާ ހެއްދެވީ ﷲ އެވެ.ތިބާގެ ރިޒްޤާއި ގުޅޭ ހުރިހާ ކަމެއްއ ހިންމަވާ ދެއްވަނީ ﷲއެވެ.އެކަލާނގެ ތިބާއަށް ތެދުމަގު ދެއްކެވިއެވެ.ތިބާގެ އީމާންކަމުގެ ގަހަށް ފެންލިބޭނޭ އެތަކެއްގޮތް ދެއްކެވިއެވެ.ﷲގެ ނިޢުމަތްތައް ގުނާ އަދަދު ނުކުރެވޭހައި ގިނަގުނައެވެ.
ﷲއަށް ގިނަގިނައިން ޙަމްދުކުރާ މީހަކަށް ތިބާ ވާށެވެ.އޭރުން ތިބާގެ ޙަޔާތްއުޖާލާވަމުންދާނެއެވެ. ތިބާގެ ޙިއްސުތައް ސަލާމަތުން ލެހެއްޓެވިކަންމައްޗަށް ﷲ އަށް ޙަމްދާއި ޝުކުރު ކުރާށެވެ. އެއީ އި ންސާނަކަށް ލިބޭނޭ އެންމެ ބޮޑު ނިޢުމަތެވެ. އެ ނިޢުމަތްތަކުގެ އަގު އަދައެއްނުކުރެވޭނެއެވެ.
ތިބާއށް ފެނުމުގެ ނިޢުމަތް ލިބުނީތީ ﷲ މިދުނިޔޭގައި ލައްވާފައިވާ އެކިކުލަކުލައި ރީތި ތަކެތި ބަލާލައި ﷲގެ ކުޅަދުންވަންތަކަން އިޙްސާސް ކުރެވޭނެއެވެ.ތަންތަނަށް ފަސޭހަކަމާއިއެކުދެވޭނެއެވެ. ﷲގެ ފޮތް ކިޔަވައި ޢިލްމު އުނގެނުމުގެ ފުރުސަތު ފަހިވެގެން ދެއެވެ. ތިބާގެ މަސައްކަތުގައި ތިބާގެ ދެލޯ ވަރަށް މުހިއްމު ދައުރެއް އަދާ ކުރެއެވެ.
އަޑުއެހުމުގެ އަގުބޮޑު ނިޢުމަތަކީ ވަރަށް މުހިއްމު ގުނަވަނެކެވެ. އިންސާނުންގެ އެންމެ ޚާއްސަ އެއްސިފައަކީ ބަސްމޮށުންތެރިކަމެވެ.ބަސްބުނެ އުޅުމަށްޓަކައި އަނެކާ ދައްކާ ވާހަކަ އެނގެންޖެހެއެވެ. އެންމެ ފަސޭހައިން އެނގިގެން ދަނީ އަޑު އިވުމުގެ ހިއްސު ސަލާމަތުން ހުރެގެނެވެ. ކީރިތި ޤުރްއާންގެ މޫރިތި އާޔަތުގެ އަޑުއިވުމުން ވަރަށް ފުންއަސަރެއް ކުރެއެވެ.އުނގެނުމުގެ އެނމެ މުހިއްމު އެއްވަސީލަތަކީ އަޑުއެހުމެވެ.ވާހަކަދެއްކުމުގެ ބާރު ލިބިފައިވާނަމަ ތިބާގެ ހިތުގައި ހިގާ ޝުޢޫރުތައް އަނެކާއަށް ފާޅުކުރެއެވެ. ﷲ އަށް ޛިކުރުކުރާން ފަސޭހަވެގެންދެއެވެ. ވަސް ބެލުމުގެ ހިއްސާއި، ބީހިމުގެ އިހްސާސްއަކީ ވެސް ޢަޖާއިބު ކުރުވަނިވި ނިޢުމަތް ތަކެކެވެ.
އިންސާނާގެ ފުރިހަމަކަން ގުޅިފައިވަނީ ހިއްސުތަކާއެވެ. ހިއްސުތައް ސަލާމަތުން ހުރުމަކީ އަދަދު ނުކުރެވޭފަދަ ބޮޑެތި ނިޢުމަތް ތަކެކެވެ.މި ނިއުމަތްތަކުގެ އަގު ކުޑަކޮށްވެސް ވަޒަން ކުރެވެނީ އެ ނިޢުމަތެއް ބީވެ ދިއުމުންނެވެ.
ﷲ ދެއްވާފައިވާ ގިނަ ގުނަ ނިޢުތްތައް އަބަދުމެ ހަނދާންކުރާ ބަޔަކަށް ވަމާ ހިގާށެވެ. ރައްކާތެރި ގޮތުގައި ނިޢުމްތްތަކުގެ ބޭނުން ހިފާށެވެ. ފާފަތަކަށް އަރައިގަންނަ ވަސީލަތަކަށް ހިއްސުތައް ނުހަދާށެވެ.
