Skip to content
އެސްފިޔަ

ތިބާގެ ނަސީބު

ތިބާގެ ނަސީބު

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ތިބާގެ މަންމައާއި ބައްޕަ ދުނިޔޭގައި ހުރިކަން އެއީ ތިބާގެ ނަސީބެވެ. އަވަހަށް އެދެމީހުންނަށް އަޅާލައި ކަމޭހިތުމަށްޓަކައި ކަމަރު ބަންނާށެވެ. އިހުތިރާމާއި ލޯބި ދީ އެދެމީހުންގެ ހިތް އުފަލުން ފޮޅޭހާވަރުކޮށްލާށެވެ.

ތިބާގެ މައިންބަފައިން މުސްކުޅިވީ ދުވަހު އަޅާނުލައި ދޫކޮށްނުލާށެވެ. އެގޮތަކީ ތިބާ ކުޑައިރު ތިބާ ކުޑަވީމައޭ ކިޔާ އެދެމީހުން ތިބާ ދޫކޮށްނުލައެވެ. މައިންބަފައިންނާއިއެކު އަބަދަށް ނޫޅެވިދާނެއެވެ. އެމީހުންނަށް ގިނަގިނައިން ގުޅާ ހަދާށެވެ. ޒިޔާރަތް ކުރާށެވެ. ކާފަމާމަދަރިންނާއި އެމީހުން ބައްދަލުވުމުގެ ފުރުސަތު ފަހިކޮށްދޭށެވެ. އެމީހުންގެ ވާހަކަތައް އަޑުއަހާށެވެ.

އެމީހުންގައި ބައްދާލާ އެމީހުންދެކެ ލޯބިވާކަން ހާމަކުރާށެވެ. އެމީހުން އެންމެ ކާހިތްވާ ކާނާ އެމީހުންނަށް ފޯރުކޮށްދޭށެވެ. ރީތި ފޭރާން ހޯދައިދޭށެވެ. ދަރިންކޮށްދޭ ކަންތަކުގެ ވާހަކަ ރަހުމަތްތެރިން ގާތު ފަޚުރުވެރިކަމާއި އެކު އެމީހުން ދައްކާނެއެވެ. ބުނާނެ މިއީ އަހަރެމެންގެ ސޮރު މިފަހަރު ފޮނުވި ލިބާހެކެވެ. ކިހާ ރީތިދޯއެވެ. ތިގޭމަންޖެ ދިޔަގޮތަށް އެކައްޗެއްވެސް ނުފޮނުވާދޯއޭ ބުނާނެއެވެ.

ދަރިން އަޅާނުލުމަކީ މައިންބަފައިން ވަރަށްހިތުގައިޖެހޭނޭ ކަމެކެވެ. ވަރަށް އަސަރު ކުރާނެއެވެ. ތިބާވެސް ޢުމުރުން ދުވަސްވާނެކަން ހަނދުމަ ކުރާށެވެ. އެދުވަހަކުން ތިބާވެސް ހިތުގައި ޖެހޭނެއެވެ. ދެރަވާނެއެވެ.ރޮވޭނެއެވެ.