ދިރިއުޅުމުގެ ކާމިޔާބު
ހުޅުމާލެ ފޭސް 2 ގެ ފްލެޓެއްގެ ބެލްކަނީ ތެރޭގައި ކޮފީ ތައްޓެއް ހިފައިގެން މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން ހުރި އައިނީގެ މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރި ކަމުގެ ކުލަވަރެވެ. ބަލާބެލުމުން އައިނީ އަކީ ފިރިހެން ކުދިންގެ ހިތްތައް ކަތިލާފަދަ ސިފަތަކެއް ހުންނަ ޒުވާން އަންހެން ކުއްޖެކެވެ. ހިތިފަތުބުމަ އެކެވެ. ބޯ އެސްފިޔަ ތަކެވެ. މަޑު މުށިކުލައިގެ ކަޅިއެކެވެ. ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. އަދި ރާލުބާނީ އިސްތަށިގަނޑު ވަނީ ހުޅިއެއްގެ ތެރޭގައި ހައްޔަރު ކުރެވިފައެވެ. ނިއްކުރި މައްޗަށް ކުދި އިސްތަށިތައް ވައްޓާލާފައި ވެއެވެ. އަތުގައި ވާ ކޮފީ ޖޯޑުން ކޯވަރެއްގެ ފޮދު ބޮމުން ދިޔަ އެވެ. ހިނިތުން ވެލަމުން އެތެރެއަށް ވަތް އައިނީގެ ހިނިތުންވުން ފަނޑުވެގެން ދިޔައީ އައި ފޯނުކޯލެއްގެ ސަބަބުނެވެ. އަވަސް އަވަހަށް ތައްޔާރުވެގެން އައިނީ ނިކުތީ އޭނާގެ ވަޒީފާގެ މާހައުލަށް ދިއުމަށެވެ. އެއިރު އައިނީގެ ސިކުނޑި ތެރޭގައި ގުގުމާލަމުން ދިޔައީ މާޒީގެ ހަނދާން ތަކެވެ.
އުމުރުން 6 އަހަރުގެ ކުޑަކުޑަ އައިނީގެ ކުރިމަތީގައި ދެ ހަށިގަނޑެއް އޮތެވެ. ދެ ހަށިގަނޑު ވެސް ވަނީ ހުދުކުލައިގެ ފޮފިގަނޑަކުން ނިވާ ކުރެވިފައެވެ. ނަރުސް ކުއްޖާ އައިސް ކިރިޔާ ވެސް މޫނު ފެންނަ ވަރަށް އެ ދެ ފޮތިގަނޑުވެސް ތިރި ކޮށްލިއެވެ. އެއިރު ފެނިގެން ދިޔައީ އައިނީގެ މައިންބަފައިންއެވެ. އައި ވަގުތުން “މަންމާ!!! ބައްޕާ!!!” މިހެން ބުނެ ހަޅޭއް ލަވައިގަތެވެ. އަދި ދިޔަ ގޮތަށް ގޮސް ފުރާނަ ނެތް އޭނާގެ މަންމަ ގެ މަސްގަނޑު މަތީގައި އޮށޯއްވެލައިގެން އޮވެ ރޯންފެށިއެވެ. އެ ދުވަހު ހަވީރު އައިނީގެ މައިންބަފައިންގެ ޖަނާޒާ އާއި ވަޅުލުން ނިމުމުން އައިނީގެ ބައްޕަގެ ކޮއްކޮ ކަމަށްވާ ރައީފާ އާއި އެކު ރައީފާ މެން ގެއަށް ދިޔައެވެ.
ފުރަތަމަ ދެތިން ހަފްތާގެ ތެރޭގައި އައިނީ އަށް އުޅެވެމުން ދިޔައީ ވަރަށް އުފަލުންއެވެ. ނަމަވެސް ދެން އައި ހަފްތާ ގައި ރައީފާ އައިނީ އާއި މެދު އަމަލު ކުރަމުން ދިޔައީ ވަރަށް ވެސް ހަރުކަށިކޮށެވެ. ގޭތެރޭގައި މަސައްކަތް ކުރުއްވަ އެ ފަކީރު ގައިގައި ތަޅާ މަރަމުން ރައީފާ އެކުއްޖާ ބޮޑު ކުރިއެވެ. ރައީފާ ކަންތައް ކުރަމުން ދިޔަ ގޮތް ފެނި އޭނާގެ ދޮށީ ދަރިފުޅު އަކްމަލް ދިޔައީ ވެވުނު ވަރަކުން އައިނީ އަށް އެހީ ވަމުންއެވެ. އައިނީގެ އުމުރުން 13 އަހަރު ވުމުން ރައީފާ އައިނީ ސުކޫލިން ކަނޑައިލިއެވެ. މިކަމާހުރެ އަކްމަލް ހިތް ހަމައެއް ނުޖެހުނެވެ.
“މަންމާ! ކީއްވެ އައިނީ ސްކޫލުން ކަނޑައިލީ އެކުއްޖާ މުޖުތަމަޢު ތެރެއަށް ނިކުމެ ކުރާނީ ކީއް؟” އަކްމަލް ރައީފާ އާއި ދިމާލަށް ބުނެލިއެވެ.
“ދަރިފުޅާ އައިނީ އުޅޭނީ މި ގޭގެ ނޯކަރެއްގެ ގޮތުގަ މަންމަ ކޮންމެ މަހަކު އައިނީއަށް ފައިސާ ދޭ ނަން އެއީ މަންމަ ގެ ނިންމުން….. ދަރިފުޅު ވެސް މިހާރު ތިހުރީ ސުކޫލު ނިންމާފަ އެކަމަކު އަދިވެސް ވަޒީފާ އެއް ނުފެށޭ” ރައީފާ އަކްމަލް ގާތުގައި ބުނެލިއެވެ. އަކްމަލް އައި ރޅީގައި މޭމޭޒުގައި ޖަހާފައި އިށީނދެގެން އިން ގޮނޑި ނަގައި ހޫރުވާ ލިއެވެ.
” މަންމައަށް އެ ޔަތީމު ކުއްޖާ އަށް ހަރަދު ނުކުރެވޭ ކަމަށް ވަންޏާ އަހަރެން ކޮށްފާނަން މިއަދަށް ފަހު އަހަރެން ނުދެކެން ތީ އަހަރެން ގެ މަންމަ ކަމަކަށް” އަކްމަލް މިހެން ބުނުމަށް ފަހު އޭނާގެ ކޮޓަރި އަށް ގޮސް ފޮށި ނަގައި ފޮއްޓައް އެއްޗެހި ތައް އެޅުމަށް ފަހު އައިނީ ގޮވައިގެން ގެއިން ނިކުމެ ފަސް އެނބުރުމެއް ނެތި މާލެ ބަދަލު ވިއެވެ.
މާލެ ބަދަލު ވުމަށް ފަހު އަކްމަލް އެންމެ ފުރަތަމަވެސް އައިނީ ސުކޫލަކަށް ވެއްދީއެވެ. އަކްމަލް ވެސް ސްޓެލްކޯ އިން ވަޒީފާއެއް ހޯދައިގެން ވަޒީފާ އަދާ ކޮށް އައިނީ އަށް ހަރަދު ކުރަމުން ދިޔައެވެ. އައިނީ އަށް ހަރަދުކޮށް ކިޔަވައި ދިނުމުގެ ނަތީޖާ މިއަދު އަކްމަލް އަށް ފެނިއްޖެއެވެ. މިއަދު އައިނީއަކީ ރާއްޖެ ނުދެކޭ ފަދަ ކުޅަދާނަ ހިތުގެ ޑޮކްޓަރެކެވެ. އަކްމަލް 6 އަހަރުގެ ދުވަހު ކުރި މަސައްކަތުގެ އަގު ވަޒަން ކޮށްފިއެވެ.
އައިނީ ގޮސް ހޮސްޕިޓަލަށް ވަތް އިރު “ސަޕްރައިޒް” އޭ ކިޔާފައި މީހަކު ފުފުންމައިލިއެވެ. އެއީ އަކްމަލް ނޫން އިތުރު މީހެއް ނޫނެވެ. އަކްމަލް ހެޔޮ ރަހްމަތުގައި ދުނިޔޭގައި ހުރުމުން އައިނީ ﷲ އަށް ހަމއދުކޮށް އަކްމަލްގެ ގައިގައި ބައްދައިލިއެވެ. “ދެންވެސް ތި ބަލައިގެން ސައިކަލު ދުއްވާނީ” އައިނީ މިހެން ބުނުމުން އަކްމަލް ހިނިތުން ވެލަމުން “ޔެސް ދޮންބެގެ ޕްރިންސެސް” މިހެން ބުނެ ބޭރަށް ހިންގައިގަތެވެ. އައި އަކްމަލް ދިއުމުން އައިނީ ވެސް ވަޒީފާގެ މާހައުލު ތެރެއަށް ހިންގައިގަތެވެ.
(ނިމުނީ)
މި ވާހަކަ އަކީ އަހަރެން މިފަހަރު ޓެސްޓު ގައި ލިޔެފައި ވާ ކުރު ވާހަކައެއް 😁 އެންމެހައި ކިޔުންތެރިންނަށް ވެސް މި ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަން✨✨✨
3 Comments!
Comments are closed.


Mi part vex varha reethi Masha Allah ❤️
އަޅުގަނޑަށް މިހާރު ވަގުތެއް ނެތެވެ. އަތުގައި 365 އެޕިސޯޑްގެ މައްޗަށް ޑްރާމާ ސީރީސް އެއް ހެދިދާނެ ވަރުގެ އައިޑިޔާއެއް އެބައޮތެވެ… އެވާހަކަ އެއްކޮށް ނިންމާލާއިރު މިދިވެހިރާއްޖޭގެ ހުރިހާ ކަމެއް އޭގައި ހިމެނޭނެއެވެ. ލޯބި، ޚިޔާނާތް، ޖަރީމާ، ސިޔާސީބާރު، ގޭންގް، މިހެން ގޮސް ހުރިހާ ކަމެކެެވެ. މެއިން ކެރެކްޓަރ އަކީ ނަރުހެކެވެ. މަގުމަތިން ދުއްވާފައިދާ ކާރެއްގައި އިންނަ މުއްސަންޖަކަށް އޭނާ ފެނެއެވެ. ދެން ދެން ދެން…
ލިޔުންތެރިކަމާއިގެން ކުރިޔަށްދާށެވެ. ލިޔުމުގައި ޖާދޫގެ އަސަރެއްވެއެވެ. ހިތަށް އަންނަ މޮޅެތި ޚިޔާލުތައް ލަފުޒުތަކަަށް އަމުނާލެވޭނީ ހުނަރުހުރެގެންނެނެވެ. ލިޔުންތެރިކަމަކީ ފަންނީ ކަމެކެވެ. ކުރު އެންމެ ލަފުޒަކުންވެސް ދެން ތިބި މީހުންގެ ހިތާއި ކުޅެލެވޭނެއެވެ. ލިޔުންތެރިކަމަކީ ހަތިޔާރެކެވެ.