އައުޅެން
ޙަޔާތް ބަރުބާދުވެއްޖެއެވެ.
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
އެ ރީތި ސޫރަ މިހިތް ފަތަޙަކުރިއެވެ.
މަގޭ ހިތުގައި ލޯބީގެ ބައްތި ދިއްލުނެވެ.
ލޯބީގެފަރި އަދާއިން ހުޅުކޮޅު ބޮޑުވިއެވެ.
އަންހެނުންގެ ޖާދޫގައި ނުޖެހިވޭތޯ ބެލީމެވެ.
އަބަދުހެން ބީހިއުޅޭތީ ލަގަން އަތުން ދޫވިއެވެ.
އަހަރެންގެ ފެންވަރު އޮޅޭގޮތް ވީއެވެ.
އަހަރެންނަކީ ފުރިހަމަ މީހެއްނޫނެވެ.
ދިރިއުޅުމަށްޓަކައި އެހެންމީހުންގެ އެހީ ބޭނުމެވެ.
އެހާރީތި ކުއްޖަކު މަށަށްޓަކައި މަރުދެނީއެވެ.
މަސައްކަތެއް ނުކުރިޔަސްހެވޭ ބުންޏެވެ.
ތިޔަލޯބިވެތިކަމުން ހިތްފުރޭހާވޭ ބުންޏެވެ.
ވިނަދަނޑެއްފަދަ މޭމަތި ލިބުނީމާ ފުދޭނެއެވެ.
މަންމަ މިގުޅުމާއި މެދު ހިތްހަމައެއްނުޖެހެވެ.
ބޭވަފާތެރިވާ ދުވަހަކުން ދަރިފުޅު މޮޔަވެދާނެތީއެވެ.
އެދުވަހަކުން މަންމައަށް ޖެހޭނީ ރޯށޭ ބުނެލިއެވެ.
ޑިއުޓީގައި އިންނައިރު ލޯބީގެ މެސެޖް ފޮނުވާނެއެވެ.
ފަހުންފަހުން އައިސް އަބަދުވެސް ބިޒީ ވެއްޖެއެވެ.
ދެންލިބެންފެށީ އެހެންފިރިހެނަކާއި އެކުގައިވާ ފޮޓޯތަކެވެ.
އެ ދެމީހުންގެ ގައިގޯޅި ފޮޓޯތައް ހިތް ޒަޚަމުކުރިއެވެ.
އަހަރެންގެ ހިތް ކޮންޓްރޯލުން ނެއްޓިއެވެ.
ބޭވަފާތެރިޔާ އަށް ހަމަލާއެއް އަމާޒުކުރެވުނެވެ.
އަންހެންކުއްޖާގެ ޢާއިލާއިން އެމައްސަލަ ޖެއްސިއެވެ.
ފުލުހުން ގެއަށްވަދެ ހަޅޭއްލަވާހެދިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ.
މަސްތުގެ ހާލަތުގައި ހުރިކަމުގެ ތުހުމަތު ކުރެވުނެވެ.
މިއަދު އަހަރެން މިވަނީ މަރުކަޒަށް ގެނެވިފައެވެ.
މަންމަ ރޮއިލަރޮއިލާ އެއިނީ ގޭގައެވެ.
