Skip to content
އެސްފިޔަ

ޢީރަމް

މިއަދަކީ ހޮނިހިރު ދުވަހެވެ. ހަފްތާ ބަންދު ދުވަހެއްކަމުން ޢީރަމް އާއި އީރަމްގެ އާއިލާ ދަތުރުދިއުމަށް ރާވާފައިވާތީ ފަތިހު ފަތިސް ނަމާދު ބަންގިއަށް ޢީރަމް ނިދާ ހޭލިއެވެ. ނިދާ ހޭލުމާއި އެކު ދުއާ ކިޔާލިއެވެ. އަދި އެނދު ތަންމަތި ނަގާ އެނދުމަތި ފޮޅާލިއެވެ. އެއަށްފަހު ފާހާނާއަށް ވަދެ ދަތް އުނގުޅާ ތާޒާ ވެލިއެވެ. އަދި ވުޞޫ ކޮށްލުމަށްފަހު ފާހާނާއިން ނިކުމެ ފަތިސް ނަމާދުކުރުމަށް ތައްޔާރުވިއެވެ. ނަމާދުކޮށް ނިމުމުން މަންމަ އާއި ބައްޕައަށް ނަމާދަށް ގޮވުމަށް ފަހު ކީރިތި ގުރުޢާން ކިޔަވާލިއެވެ. އެއަށްފަހު ހެނދުނުގެ ޒިކުރުތައް ކިޔާ ﷲ ތަޢާލާގެ ރައްކާތެރިކަން ހޯދިއެވެ. މިއީ ޢީރާމްގެ ކޮންމެ ދުވަހެއްގެ ދުވަހުގެ ފެށުމެވެ. ޢީރަމްގެ މަންމަ ޢީރަމް އެންމެ ކުޑައިރުން ފެށިގެން މިކަންކަމަށް އާދަކުރުވާފައިވާތީ، މިހާރު މިގޮތަށް ދުވަސްފެށުމަކީ އީރަަމް އަށް ވަރަށް ހިންހަމަޖެހުން ލިބޭ ކަމެކެވެ. ޢީރަމް އަކީ މަންމައާއި ބައްޕަގެ ބަސްއަހާ ކިޔަމަންތެރި ކުއްޖެއްކަމުން، އަދާކުރަންޖެހޭ ޒިންމާތަކާއި ވާޖިބުތައް މަންމަމެން ހަނދާން ކޮށްނުދެނީސް އެކަންކަން ކުރުމަށް ވަރަށްބޮޑަށް ސަމާލުކަން ދެއެވެ.

މިއަދުގެ ދަތުރަކީ އާދައިގެމަތިން ޢީރަމް އާއި ޢީރަމްގެ އާއިލާ މަޖާކޮށް އުފާކޮށްލުމަށް ރާވާފައިވާ ދަތުރެކެވެ. އާންމުކޮށް މިފަދަ ދަތުރުތަކުގައި ހެނދުނުގެ ސަޔަށް ތައްޔާރުކުރާ ތަކެތި ތައްޔާރުކުރުމުގައި ޢީރަމްގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބެއެވެ. ހާއްސަކޮށް ސޭންޑްވިޗް ތައްޔާރުކުރުމާއި ބިސް ކެއްކުމަކީ މިފަދަ ދަތުރުތަކުގައި ޢީރަމްގެ ވާޖިބެއް ކަހަލަ ކަމެކެވެ. ޢީރަމްއާއި އާއިލާ ޢީރަމްގެ ބައްޕަގެ ކުޑަ ޑިންގީގައި ދަތުރު ދިއުމަށް ރާވާފައިވަނީ ޢީރަމްގެ ރަށާއި ވަރަށް ކައިރީގައި އޮންނަ ފަޅު ރަށެއްކަމުގައިވާ ކުޑަވިލިގިއްޔަށެވެ.

ހެނދުނު ހަގަޑި ބައިވިއިރު އެންމެން ތިބީ ދަތުރަށް ތައްޔާރުވެފައެވެ. މިދަތުރުގައި ޢީރަމް އާއި ޢީރަމްގެ އާއިލާގެ 10 މެމްބަރުން ބައިވެރިވެއެވެ. ދަތުރު ފެށުމުގެ ކުރިން ދަތުރު ދުޢާ ކިއުމަށް ހުރިހާ ކުދިންނަށް ހަނދާން ކޮށްދިނީ ޢީރަމްއެވެ. އުޑު މަތި ސާފު ، ކަނޑު އާދަޔާއި ހިލާފަށް މަޑު ދުވަހެއްކަމުން އީރަމް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. 10 ވަރަކަށް މިނިޓްގެ ދަތުރަކަށްފަހު ކުޑަވިލިގިއްޔަށް ލެފުމާއެކު ދަތުރުގެ ބައިވެރިން ރަށަށް ފޭބިއެވެ.

ޢީރަމް ބޭނުންވީ ބައްޕައާއި އެކު މަސްބާނަން ދިއުމަށެވެ. އަތުގައާއި ހަށިގަނޑުގައި އަވި ލޯޝަން ހޭކުމަށްފަހު ބޮލުގައި ތާކިހާ އަޅައިގެން ދޮށިހިފައިގެން ބައްޕައާއި ކޮއްކޮއާއި އެކު މަސްބާނަން ދިޔައެވެ. ނަސީބު ރަނގަޅުކަމުން ވަރަށް ގިނަ ކުދި ކޮރަކަލި ބޭނުނެވެ.

ދަތުރުގެ އެންމެ މަޖާ ކަމަކަށްވީ ފައިގަތަޅާ ކުޅުމެވެ. ޢީރަމް ނުބައިނުވެ ވަރަށް ގިނައިރު ކޮށިތެރޭގައި ހިފަހައްޓާލިއެވެ. ޢީރަމް އަކީ ބާރަށް ދުވާ ކުއްޖެއްކަމުން ވަރުބަލިނުވެ ވަރަށް ހިތްވަރުކުރިއެވެ.

މިއަދުގެ ދަތުރަކީވެސް ޢީރަމްގެ ހަޔާތުން އުފާވެރިދުވަހެކެވެ. މިފަދަ އުފާވެރި ދުވަހެއް ދެއްވީތީ އަދި ލޯބިވާ މަންމަ އަދި ބައްޕަ ޢީރަމް ގެ ކަންކަމުގައި ބަހައްޓަވާ ހިތްހެޔޮކަމާއި ގާތްކަމަށް ﷲ އަށް އަބަދުވެސް ހަމްދުކުރެއެވެ.

 

Comments (3)

  1. Anonymous

    Oki I am the first one yay I also like ur story

  2. Anonymous

    Hiii

  3. Anonymous

    Cool 😎

Comments are closed.