Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަޔާތުގެ ދަޅަ – 3

Imma Ahmed Level 1
November 23, 2023 7 Mins Read
0 Comments

3 ވަނަ ބައި

ހަވީރުއްސުރެ ޕާޓީއަށް ނުދާން ހުރި ހައްވައަށް ހިތާދެކޮޅަށް ޕާޓީއަށް ދާން ޖެހުނީ ހެނދުނަށް ލައިގެންކާނޭ ކުކުޅު ރިހަކޮޅަކާ އެއްޗެހި ގެންނަން އަނެއްކާ ވެސް ބޮޑައްތަ ބުނުމުންނެވެ. އަސުރު އެގޭ ދޮށުން ގެނައި ރިހަކޮޅު ބޮޑައްތަގެ މަންމަ ލައިގެންކާނޭ އެއްޗެއް ހޯދަން އައުމުން ވަނީ އޭތިކޮޅު އެކަށް ދީފައެވެ. ހައްވަ ހެނދުނަށް ރިހަކައްކާ ވާހަކަ ބުނިނަމަ ވެސް ބޮޑައްތަ ބޭނުންވީ އެގޭ ދޮށުން ތަކެތި ގެނައުމަށެވެ. ބޮޑުކެއްކުމަކު ކައްކާ ތަކެތީގެ ރަހަ ތަފާތުވެފައި މާ މީރުވާނޭއޭ، އަދި އެންމެވެސް ހެނދުނަށް ކާތަކެތި ގެއަށް ގެންދާނީ އެގެއިންނޭ ބުންޏަސް، ކާތެކެއްޗާ ހަވާލުވެގެން އެގޭގައި އިންނަ ހަފިއްތަ ގާތު، އެދެން ހާދާނެގޮތެއް ހައްވައަށް މާ ބޮޑުވިއެވެ.

މައިންބަފައިން ޅަފަތުގައި ނިޔާވުމާއެކު ހައްވަ ބަލާ ބޮޑުކުރީ އޭނާގެ މަންމަގެ އެއްބަނޑު އެއްބަފާ ބޭބެ، ހުސޭނާއި، އޭނަގެ އަންހެނުން، މަރިޔަންފުޅެވެ. އެކަމާ ހައްވަ އަބަދުވެސް ޝުކުރުވެރިވެއެވެ. އެދެމަފިރިންނަށް 4 ދަރީން ލިބިފައިވަނީ ވެސް ހައްވަ ބަލާން ފެށިފަހުންނެވެ. 3 ފިރިހެން ކުދީންނާއި އަންހެން ކުއްޖެކެވެ. އޭގެތެރެއިން އެންމެ ދޮށީ ކޮއްކޮގެ އުމުރަކީ އަދި  12 އަހަރެވެ. އެންމެ ހަގީ އަންހެން ކޮއްކޮއެވެ. އޭނާއަށް މި ފުރުނީ 5 އަހަރެވެ. އިޝާއިން ފާބައިގެން 3 ފިރިހެން ސޮރާއެކު، ބޮޑުބެ ވީ ޕާޓީގައެވެ. ޗަނބޭލީގޭ “މަތުލަބު” މަސް އޮޑީގެ ފަޅުވެރިއެއް ކަމުން ބޮޑުބެއަށް ވަނީ ޚާއްސަ ދައުވަތެއް ދީފައެވެ. އެގޭ ހުރިހާ އޮޑިތަކާއި ފިހާރަތަކެއްގެ އެހެން މުވައްޒަފުންނާ އެއްފަދައިންނެވެ. ބޮޑައްތަ ޕާޓީއަށް ދާކަށް ބޭނުމެއް ނުވިއެވެ. ޗަނބޭލީގޭ ދޮށަށް ގޮސްއުޅުމަކީ ބޮޑައްތަ ގާޔާނުވާ ކަމެއްކަން ހައްވައަށް ފާހަގަކުރެވެއެވެ.

ކުލަބޮކިތަކުން ދިއްލާލާފައިވާ ޗަނބޭލީގޭގެ ބޮޑު ޕާޓީއަށް ހައްވައާއި ފާތުމައަށް ދެވުނު އިރު، ރޭގަނޑުގެ 9 ޖަހާ އިރުކޮޅެއް ހިނގައިފާނެއެވެ. އެ މީހުން ގޮސް ދޮރުން ވަނުމާއެކު ކަހަލަގޮތަކަށް ބޮޑުބެރު ޝޯ ފެށިއްޖެއެވެ. ވަގުތުގެ ގޮތުންކަންވެސް ނޭންގެއެވެ. އެ ވަގުތު ޕާޓީގައި ގިނައީ ޒުވާން ކުދީންނެވެ. އެންމެވެސް ތިބީ ވަރަށް ފުރިހަމައަށް ޒީނަތްތެރި ވެލައިގެންނެވެ. ހުރިހާ ކުދީން ވެސް ތިބީ އަތުގައި އޮތް އެންމެ ފުރިހަމަހެދުމެއް އަޅައިގެން އުފާވެރިކަމާއި ޖޯޝާއެކުގައެވެ. މިފަދަ ފުރިހަމަ ބޮޑެތި ޕާޓީތައް ބޭއްވުމަކީ ރަށުގައި މާ އާންމުކޮށް ކުރާކަމަކަށް ނުވާތީ ވަކީން ޙާއްސަކޮށް ޒުވާން އަންހެން ކުދީންތައް ތިބީ، ފުރުޞަތުގެ ބޭނުން ހިފައި އެކަކަށް ވުރެ ބޮޑަށް އަނެކަކު ނަލަހެދިލައިގެންނެވެ. ބައެއް ދިމަދިމާގައި ޒުވާން ޖޯޑުތައް ހީ ސަމާސާކުރާން ތިބެވެ. މިރޭ މިގޭތެރެއިން ލޯބީގެ އެތަށް މާތަކެއް ފޮޅިގެންދާނެކަން ގައިމެވެ.

އާދެވޭ އިރަށް ފާތުމަ، ހައްވައަކާއި ހައްވައެއް ދޫކޮށްލާފައި ހިނގައްޖެއެވެ. އޭނަ ދަންނަ އެކި ރައްޓެހީން ގާތަށް ގޮސް ވާހަކަތަށް ދައްކަމުން ޕާޓީތެރޭ ހިނގާންފެށިއެވެ. ޝަހުމާ ހޯދާށޭ ބުނެފައި މީހުންތަކުތެރެއަށް ގޮސް އޭނާ ގެއްލުނު އިރަކު، މިއީ ހައްވަ ބަލާ އެގޭދޮށަށް ގޮސް އޭނާ ލަސްވަތީ އެއްޗެތި ގޮވި މީހާހެނެއް ހިޔެއްވެސް ނުވެއެވެ. ތޮށްޖެހިފައިވާ މީހުންތަކުގެ ތެރެއިން އޭނާ ވާހަކަދައްކާ ހަދާ ރައްޓެހި މޫނެއް ނުފެނުމުން ހައްވަވެސް މަޑުމަޑުން ކާތެކި ހުރި ދިމާއަށް މިސްރާބުޖެހިއެވެ.

ނިމިގެން އެދިޔަ ބެރުގެ ފުރަތަމަ ލަވައަށް މީހުން ޖެހި އަތްތިލަ ބަޑިތައް ހިނދުނު ވަގުތު، އަންހެން ކުދީންތަކެއްގެ ރަނޑު ހިނިގަނޑުތަކެއް މާ ބާރަކަށް އިވުމުން، އަޑުއައި ދިމާއަށް ހައްވަ ބަލައިލެވުނެވެ. އެއީ ބެރުވެރިންނާ ތަންކޮޅެއް ދުރުގައި ކޯޅިއަކަށް ތިބި ހައެއްކަ އަންހެން ކުދީންނެވެ. އެ ކުދީންގެ ސަމާލުކަން ހޯދައިގެން ތިބީ ޒުވާން ދެ ފިރިހެން ކުދީންނެވެ. ދިގުކޮށް ހުރި ޒުވާނާ ހުރީ އަނެއް ސޮރުގެ ކޮނޑުގައި އަތްއެއްލައިގެން ހެވިލާފައެވެ. އެ ހިސާބުގެ ކުލަ ބޮކިތަކުގެ އަލި ފަނޑު ނަމަވެސް އެއީ ޝާހިދުކަން ހައްވައަށް ޔަޤީންވިއެވެ. މީގެ 4 އަހަރު ކުރީން އޭނާއަށް ފެނުނު އިރަށްވުރެ ބައިމަތި ފުޅަލެވެ. އިސްތަށިގަނޑު ހުރީ އެހެންޏާ ހުންނާތީ ފެންނަ ވަރަށްވުރެ ދިގުކޮށްނެވެ. ހުދުކުލައިގެ ގަމީހަކާއި، ކަޅު ފަޓްލޫނެއް ލައިގެން މުށިކުލައިގެ ބޫޓަކަށް އަރާފައި ހުރިއިރު، ޕާޓީގެ ޝަރަފްވެރިއަކީ އެއީކަން އިނގެއެވެ. އޭނާ ރޯކޮށްގެން ހުރި ސިނގިރޭޓް ބުރި ދަމާލުމަށް ފަހު، އެއްއަރިމައްޗަށް އިނގިލިކުރިން ވިއްސާލުމަށް ފަހު، މައްޗަށް ދުންބުރުވާލިއިރު ހުރިހާ އަންހެން ކުދީންގެ ކަތި ނަޒަރު ހުއްޓިފަ ހުރީ އޭނާއަށެވެ.

އެމީހުންނާ ވާވަރު އިތުރަށް ނުބަލައި، ހައްވަ މަޑުމަޑުން މީހުންތަކުގެ ތެރެއިން ހިނގަމުން ދަނިކޮށް އޭނާގެ އަތުގައި މީހަކު ހިފުމުން ދިޔައީ ސިހިގެންނެވެ. ބަލައިލިއރު، ގަދަ ފިޔާތޮށި ދޯޕައްޓާ ހެދުމެއްލައިގެން ނަލަހެދިލާގެން ހުރި ޝަހުމާއަށެވެ. ހެދުމުގެ ކުލައަށް ވުރެ މަޑު ފިޔާތޮށްޓެއްގެ ދޯޕައްޓައެއް އެއް ކޮނޑުމަތިން ގައިގެ ދެފަރާތަށް ވެއްޓޭގޮތަށް، ކޮނޑުގައި ދައްޗެއް ޖަހާލާފައިވާއިރު، އޭނާގެ ދިގު ރާޅުބާނީ އިސްތަށިގަނޑުގައި ރީތިގޮތަކަށް ހުދު ފިނިމަލެއް ހަރުކޮށްލާފައި ހުއްޓެވެ. ޝައްކެއްވެސް ނެތެވެ. އޭނާ މިރޭ ފެންނަނަނީ ކިތަންމެހާވެސް ފުރިހަމަކޮންނެވެ. ހައްވަގެ އަތުގައި އެހާ ފުރިހަމަ ހެދުން ނެތަސް، މާ އާދައިގެ ހެނދުން ގަނޑެއް ލައިގެން އާދެވުނީމަ އެކަމުގެ މޮޔަ އޭނާގެ ހިތަށްއެރިއެވެ. ޕާޓީއަށް އަންނަން އެންމެން މިހާ ޖަރީވާނޭކަމެއް އޭނާއަކަށް ނޭންގެއެވެ.

“ތިޔަ މީހުން ނައިސްގެން ހުރެ ހުރެ އަހަރެން ހާންތިވެއްޖެ! ޖޫސް ބޮއި ބޮއި ގޮސް ބަނޑު ވެސް ފަޅައިގެން މިއޮށް ދަނީ.” ޝަހުމާ ޝަކުވާކުރިއެވެ. އެއަށްފަހު ފާތުމަ ކޮބައިތޯ ސުވާލުކުރިއެވެ.

ހައްވައަށް ޝަހުމާ ކަމުދަނީ މިހެންވެއެވެ. އެ އުމުރުގެ އެހާ ރީތިކަން ލިބިފައި ތިބޭ އެހެން ކުދީންނާ ޚިލާފަށް އޭނާގެ ހިއްސާފުވެފައި، އަމިއްލަ ރީތިކަމާމެދު މާބޮޑު ފަރުވާލެއް ނުހުރެއެވެ.

“ނޭންގެ! އާދެވޭ އިރަށް ނައްޓާލާފި މިތާ އެތެރެއަށް.” ޝަހުމާކުރި ސުވާލަށް ޖަވާބުދެމުން ހައްވަ ބުނެލިއެވެ. އަދި އޭނާ ނުކަމުހޭ އަނެއްކާ ވެސް އަހާލިއެވެ.

“އާނ! މަންޖެމެން އަންނަންދެން މަ މި ހުރީ! ހިނގާ ދާން ކާ އެއްޗިއްސާ ދިމާލަށް. މަންމަ ވެސް އަހަރެން ކާން ނުގޮސްގެން އިރުއިރުކޮޅާ ވަރަށް ހޯދާ އިބަ. ހުރީ މާ މޫޑު ރަނގަޅަށް ހެނެއް ހިޔެއް ނުވޭ! އަވަހައް ހިނގާ.” ހައްވަގެ އަތުގައި ހިފައިގެން ޝަހުމާ ހިގައިގަތީ ގޭގެ ކިބަޅި ފަރާތާ ދިމާއަށެވެ. އެކަމު ހަފިއްތަގެ މޫޑު ސަކަރާތިއްޔާ މިޖެހުނީ އަނެއްކަންތަކެވެ. އޭނާ ކުރާން އައި ކަމު އެދޭން، ދެން އަމުދުވުންވެސް ނުކެރޭނެއެވެ.

ނަމަވެސް، ޝަހުމާގާތު އެވާހަކަ ބުނުމުން، ކާން އިނދެފައި ހައްވަ ގޮވަގޮވަ އޮއްވާ ގޮސް، 2 ވައްތަރެއްގެ ރިހަކޮޅަކާއެކު ސަޓަނިކޮޅެއް ވެސް ހިފައިގެން އައިއްސިއެވެ.

“މަންމަ އެއްޗިހި ކިޔާވަރު މަދުވެގެންތަ ތިޔަ އުޅެނީ؟..” ހައްވަ ކިޔާ އެއްޗަކަށް ނުބަލާ ހިނިގަނޑެއް ޖަހާލާފައި އޭނާ ފެށީ ކާށެވެ.

“މަންމަ މަށަށް އެތިވަރު ނުގޮވާގޮތަކަށް އެހެން ނޫނަސް ނޫޅެވޭނެ! ގޮވާއެއްޗެއް ގޮވައިގެން ވެސް، އެހެން ބައެއްގެ ބަނޑުފުރެންޏާ މަސައްލައެއް ނެތްތާ.” ބޮޑު ބަތް ސުވަލެއް އަނގައަށް ލަމުން ޝަހުމާ ބުނިއިރު ހައްވަ ބަލަހައްޓައިގެން އިނެވެ. ފާތުމައާއި ޝަހުމާއާއި ދެމީހުންގެ ހާސް ތަފާތު ހުއްޓަސް، މި ދެ މީހުންގެ ކިބައިގާ އެއްގޮތްވާ ކަންކަން ވެސް ވަކި މަދެއް ނޫނެވެ.

ކައިނިއްމައިގެން ޝަހުމާ ބޭނުންވީ މިހާރުވެސް ކުރިއަށްދާ ބޮޑުބެރު ޝޯ ބަލާން އަނެއްފަޅިއަށް ދާށެވެ. ނަމަވެސް ރިހަކޮޅު ލިބެންދެކަން ބޮޑައްތަ އިންނާނީ ނުކައެވެ. އެހެންކަމުން އެ އުޒުރު ދައްކާފައި ހައްވަ ބޭނުންވީ އަވަހަށް ގެއަށްދާށެވެ. އަދި ފާތުމަ ހޯދައިގެން ދާށޭ ބުނިއިރު އޭނާ އިނީ ހިތްހަމަނުޖެހިފައިކަން އިނގެއެވެ. އަކަމަކު އޭނާ ހިފަހައްޓާން އިތުރަށް މަސައްކަތް ނުކުރިކަން އެއީ ނަސީބުކަމަށް ބަލާފައި ހައްވަ ދާން ތައްޔާރުވިއެވެ. އަވަސްއަވަހަށް ގެއަށް ދިއުމަށް ގޭގެ އަރިމަތިން އަނެއްފަޅިއަށް ދެވޭން އޮތް ގޯޅިއަށް އެޅާލިއެވެ. އެޅިތަނާހެން އަނެއްފަޅިން އައިމީހަކު އޭނާގެ ގައިގާ ކޮނޑުގައި ވަރަށް ބާރަށް ޖެހިއްޖެއެވެ. ތަދުވިވަރުން އޭނާއަށް “އައު” އެއްވެސް ތަންކޮޅެއް ބާރަށް ލައްވާލެވުނެވެ. ރިހަކޮޅު ނުވެރުނީވެސް ހަމަކިރިޔައެވެ. ނަމަވެސް ތަށިތަކުގައި ހުރީ މަތިޖަހާއި ކޮތަޅަކަށް ލާފައިކަމުން ނަސީބަކުން އެތަކެތި އޭނާއަށް ސަލާމަތްކުރެވުނެވެ.

“ސޮރީ!…….” ޖެހިގަތް މީހާއާ ދިމާއަށް ނުރުހުމުގެ ބަހެއް ބުނާން ގަސްދުކުރި ހައްވައަށް، އެމީހަކާ ދިމާއަށް އަދި ބަލާވެސް ނުލެވިގެން އުޅެނިކޮށް، ޝާހިދުގެ އަޑު އިވުމުން ދިޔައީ ފިނިވެގެންނެވެ. ކިތައްމެ ދުވަހަކު އޭނާއާއި ބަހެއް ނުބުނެ ހުއްޓަސް އެއީ ޝަހިދުގެ އަޑުކަން އުނދަގުލަކާ ނުލާ ދެނެގަނެވުނުކަމަށް ޓަކައި އަމިއްލަ ނަފްސުދެކެ ވެސް ރުޅި އާދެވުނެވެ. އޭނާ ބުނާން އުޅުނު އެތި ކަރުތެރޭގައި ތާށިވެގެން ކޮށި ނޭރީވެސް ކިރިޔައެވެ.

“..ތަންތާ އުޅޭއިރު ކުޑަކޮށް ބަލައިގެން އުޅެން ދަސްކުރޭ!” އޭނާއަށް އިތުރު އެހެން ޚަރަކާތެއް ވެސް ނުގެނެވިގެން އުޅެނިކޮން، މިހެން ބުނެފައި ޝާހިދު ގޮސް ގޭތެރެއަށް ވަދެގެން ދިއުމުން ހައްވަހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. އޭނާ މިއުޅެނީ ޖެހޭނެ ނުޖެހޭނެ އެއްޗެއް ނޭންގިގެންނެއް ނޫނިއްޔާއެވެ. އަދި މީހަކު ގަސްތުގައި ކުރި ކަމެއްނަމަވެސް އެވަރު އެއްޗެއް ބުނާން އެންމެ ރަނގަޅެވެ.

*********************************************

މެންދަމުގެ ވަގުތެވެ. މާމަ ކޮޓަރީ ރޭޑިއޮލުން މިގަޑީގައި ގެންނަ ހިންދީ ލަވަ ޕްރޮގްރާމެއްގެ އަޑު، ދެވަނަބުރީގައި ހުރި ޝާހިދުގެ ކޮޓަރައަށް މަޑުމަޑުން އިވެއެވެ. ކޮޓަރީގެ ކުޑަދޮރުތަކާއި ބަލެކަނީ ދޮރު ހުޅުވައިގެން ސިނގިރޭޓަކަށް ފަހު ސިނގިރޭޓެއް ހުލިކުރަމުން ގެންދިޔަ އިރު، ކިޝޯރު ކުމާރާއި، ލަތާ މަންގޭޝްކަރުގެ ރީތި ލަވައެއްގެ ރާގު އިވިއިވި ހުއްޓެވެ.  ހެއްލޭ ގޮނޑިއެއްގައި އިނދެ، ބައެއް ފަހަރު ތެދުވެ ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔައިރު، އޭނާ ވަރުގަދަ ކަމަކާ ވިސްނަމުން ގެންދާކަން އިނގެއެވެ. ތެދެކެވެ. ޕާޓީ ބޭއްވިތާ ހަފްތާއެއްވީއެވެ. މަސައްކަތު ނުކުތްތާ 3 ދުވަހެވެ. އަދިވެސް އޭނާއަށް މި މާހައުލަކަށް ނުހޭނެވުނެވެ. މާލޭގެ ހިތްގައިމުކަމާއި، އެތަނުން ލިބޭ އުފާވެރިކަމެއް މިތާކު ނެތެވެ. ކުރާނެ ކަންތައްތަކާއި، ކުޅޭނެ ކުޅިވަރުތަކާއި، އެކުވެރިންނާއި، ސަމާއެއް ވެސް ނެތެވެ.

“ސަމާ” އޭނާ ފުންނޭވާއެއް ދޫކޮށްލާފައި އެނަން ކިޔާލިއެވެ.

އޭނާއާއި ސަމާގެ ގުޅުމަށް މަހެއްވެސް ނުވެގެން އުޅެނިކޮށް، ބައްޕަ ރަށަށް އަންނަން އެންގީ އެއްވެސް ވަރަކަށް އޭނާއާއި ވާހަކަދައްކާލުމެއް ނެތިއެވެ. ނަމަވެސް އޭގެކުރިން އޭނާއަށް، އޮފީހަށް ފަރުވާކުޑަކުރެވޭކަމާއި، މާގިނައިން ބޭރަށްގޮސް އިބަ އުޅެވޭކަން ހުދު އަމިއްލައަށް ވިސްނިފައި އޮތުމުން، ބައްޕަގާތު އިންކާރުކުރާކަށް ބުނާނެ އެއްޗެއް ނޭންގުނެވެ. އަދި ބޮޑުދައިތަ ބޮޑުކޮށްގެން ދައްކާ ހުރިހާވާހަކަތަކެއް ވެސް، އޭގެ ދެ ދުވަހެއް ކުރީން މަންމަ ފޯނުން ގުޅައިގެން، އޭނާއާ ދިމާއަށް ގޮވާފައި އޮތުމުން، ބައްޕަ ގާތު ދެއްކޭނެ ބަހަނާއެއްވެސް، ބައްޕަގެ ބަހާ ދެކޮޅު ހަދައިގެން ކުރާނެ ފައިދާއެއްވެސް މިފަހަރަކު އޭނާއަކަށް ނުފެނުނެވެ. ބައްޕަ އެންމެ ނުރުހުންވާ ކަމަކީ ދޮގުހެދުމާއި، މަސައްކަތައް ފަރުވާކުޑަކުރުންކަން އޭނާ ދަނެއެވެ. އަދި މީގެ ކުރިން މިހާ ހަރުކަށިގޮތަކަށް ބައްޕަ އޭނާއަށް އެންގުމެއް އަންގާފައި ނެތުމުންވެސް އޭނާ ހުރީ ކުޑަކޮށް ޖެހިލުންވެސް ވެފައެވެ. އެކަމަކު އޭނާގެ މި މަޖުބޫރީ ހަލާތު ސަމާއަށް ކިޔައިދިނަސް ގަބޫލުކުރާ ގޮތެއް ނެތެވެ.

ރަށަށް އަންނަން އަމުރު އައުމާއެކު، ވަގުތުން ބައްދަލުކޮށް ސަމާއަށް ކަންވާގޮތް ކިޔައިދިނެވެ. ކުޑަ ދުވަސްކޮޅެއް ފަހުން އަންނާނޭ ކަމަށް އޭނާގާތުގާ ވަނީ ވައުދުވެފައެވެ. ބައްޕަމެން ހައްލުކުރަން ކުޑަދުވަސްކޮޅެއް ނަގާނެކަމަށް ވިސްނައިދިނެވެ. ނަމަވެސް އައިތާ ދެ ދުވަސް ނުވަނީސް މިގޭ ފޯނަށް ވެސް ގުޅާންފަށައިފިއެވެ. ބައްޕަގެ ވިޔަފާރީގެ ކަންކަކަމުގައި ކޮންމެހެން ބޭނުންކުރާން ޖެހޭތީ ހުންނަ ފޯނެއްކަމުން، އެއާ ގުޅުމަކީ ކަންތައްތައް އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމެއްކަމަށް ބުންޏަސް، ސަމާ އެވާހަކަ އަހާގޮތެއް ނެތެވެ. މަންމަ މިހާރު ކޮންބޭނުމަކު ގުޅާ ކާކުތޯ ބަލަން އެއްފަހަރު އަހައިފިއެވެ. މި ފޯނުކޯލުތައް ތަކުރާރުވަންޏާ މާގިނަފަހަރަކު ދެން މަންމަ ނާހާނެއެވެ. ޝާހިދުގެ އަނގައިން ނުހޯދިއްޖިއްޔާ، ކަމުގެ ހަޤީގަތް އޮޅުން ފިލުވަން ކުރެވުނުހާ ކަމެއް މަންމަކުރާނެއެވެ.

ނަސީބަކުން ފޯނު ހުންނަނީ ގޭގެ ދެވަނަ ބުރީގައި ހުންނަ ބައްޕަގެ ކުޑަ އޮފީހުގައި ކަމަށްވެފައި، ބައްޕަ ގިނަވަގުތު ރިޒޯޓުގައި އުޅޭތީ ގުޅި ފަހަރަކުވެއްޖިއްޔާ ފޯނު ނެގުނީ އޭނާއަށެވެ. ނަންބަރު ސަމާއަށް ދެވުނު މޮޔައޭ ވެސް މިހާރު ހިތަށް އަރައެވެ. އެކަކު އަނެކަކު ދެކެ ކިތަންމެ ބޮޑަށް ލޯބިވިޔަސް، މި ގުޅުން ކައިވެންޏާ ހިސާބަށް ގެންދެވޭނީ ޝާހިދަށް އޭނާގެ މައިންބަފައިން ރުއްސައިގެންކަން ބުނެދެވުނު އަދަދެއް ނޭންގެއެވެ. މަންމައާއި މާމަ، މިހާރުވެސް އޭނާގާތު ފަހަރި ޝާރުދާ ކަހަލަ ކުއްޖަކާ ނޫނީ އިންނާކަށް ޤަބޫލެއް ނޫންކަމަށް ވަނީ ބުނެފައެވެ. ސަމާއަކީ ޒަމާނީ، ތަހުޒީބު ކުއްޖެކެވެ. ޝާހިދަށް ކަމުދަނީ އެގޮތެވެ. އެހެންކަމުން މަންމަމެންގެ ބޯދާ ފިކުރު ބަދަލުކުރަން ބޭނުމިއްޔާ ކޮންމެވެސް ވަރަކަށް ކެތްތެރިކަން ކުރިއަށް ނެރޭން ވާނެ ނޫންހެއްޔެވެ. ސަމާ ކިޔަވައިގެން ތަންދޮރު ފިލާފައި އިނަސް މިކަންކަން ނުވިސްނޭތީ އޭނާ ހައިރާންވެއެވެ.

މި އަނދަވަޅުން ސަލާމަތްވެގެން، މާލޭގައި ސަމާއާއެކު ދިރިއުޅުމެއް ފެށުމަކީ ހުދު އޭނާގެ ވެސް ހުވަފެނެވެ. އެކަމަކު ވަގުތާ ހާލަތު ބަދަލުވާނީ ޝާހިދުގެ ކިބައިން ވެސް ހަރުދަނާކަމާއި ޒިންމާދާރުކަން ދައްކައިދީގެންނެވެ. ބައްޕަމެންގެ އިތުބާރު އޭނާއަށް ދެން ލިބޭނީ އެގޮތަށް ދުވަސްކޮޅަކު ދެމިހުރެވިގެންނެވެ. އެހެންކަމުން އޭނާގެ އެންމެ ގާތް އެކުވެރިޔާ ޔާސިރަށް އަންގައިގެން ވެސް ސަމާއަށް ވިސްނައިދިނުމަށް އޭނާ ދަނީ މަސައްކަތްކުރަމުންނެވެ. ޔާސިރަކީ އޭނާގެ ބޮޑުދައިތަގެ ދަރިއެވެ. ސަމާއާއި އޭނާ ބައްދަލުކުރުވީ ވެސް ހުދު ޔާސިރެވެ. ވީމާ މިވަގުތު އެންމެ އިތުބާރާއެކު ކަންކަން ހަމަޖެއްސައިދެވޭނީ އޭނާއަށެވެ.

ގެއަށް ވެސް ޔާސިރު ގުޅައިފިއްޔާ އެއީ މަންމަމެންނަށް ސުވާލު އުފެދޭނެ ކަމެއް ނޫނެވެ. ޝާހިދު އިއްޔެ މާލެ ފޮނުވި ސިޓީ ޔާސިރުގެ ފުށުން ސަމާއާ ހިސާބަށް ގޮއްސިކަން، މިއަދު ރިޒޯޓުން ރަށަށް އައުމުގެ ކުރިން އޭނާއަށް ވަނީ އެނގިފައެވެ. މިކަމާ ކޮންމެވެސްވަރަކަށް އޭނާ ހިތްހަމަޖެހުނުމަވެސް، ކުރިމަތީ އޮތް ދިގު ރާސްތާ ކުރުކުރަން ބޭނުންނަނަމަ މިވަގުތައް އިތުރަށް ކެތްތެރިވާން ޖެހުމަކީ ތަކުލީފެކެވެ. އިންތިޒާރުކުރުމަކީ ހާދަހާވާ ބޮޑުކަމެކެވެ.

*********************************************

ޗަނބޭލީގޭ ‘މަތުލަބު’ ދޯނި ހާސް ބޭނައިގެން އަސުރުން ތިރިވިއިރު ލަފައިފިއެވެ. ރިޒޯޓަށް ކިރާބައި ވެސް ކިރައި ނިންމުމަށްފަހުއެވެ. ބައި އަޅައިގެން އުމަރަށް ލިބުނުބައި ކަނޑައި، މަސްކައްކައި، އެ ނެގުމުގެ މަސައްކަތުގައި ތަންގަނޑު ބައެއް އަންހެންވެރީން ގޮވައިގެން މަރިޔަންފުޅު އުޅެއެވެ. ހަވީރު ފެށި މަސައްކަތް އިޝާއިން އަވަދިވިއިރު ވެސް އަނާރުމަގޭގައި ދަނީ ބާރަށް ކުރިއަށެވެ. ކުދިވެރިންނަށް މަދަރުސާއިން ފިލާވަޅު ދީފައިހުރުމުން، ކުދީންނަށް އެހީތެރިވުމަށް ހައްވަ ވީ ގޭތެރެއަށް ފޮނުވާފައެވެ.

ނަމަވެސް، އިރުވާކޮޅަށް ދިޔަ މީހަކު ގާތު ބުނެގެން، އޭނާގެ އެއްބަފާ ކޮއްކޮ ހަފީޒާއަށް ފޮނުވާން ބެހެއްޓި މަސްކޮޅު ބަލާ އަދިވެސް ނާންނާތީ، އޭތިކޮޅަށް ހަދާނެގޮތަކާ މެދު މަރިޔަންފުޅު ދިޔައީ ވިސްނަމުންނެވެ. މިގެއަކީ އައިސްއަލަމާރިއެއް ހުރި ގެއެއް ނޫނެނެވެ. މި ހިސާބު ގަނޑަކު ވެސް އޭތިކޮޅު އައިސްކޮށްލަދެވޭނެ މީހަކު ނޫޅޭނެއެވެ. ރީތިކޮށް ކަނޑާ ސާފުކޮށްފައި ހުއްޓަސް ރޭވަންދެން ނުބެހެއްޓޭނެތީ ކައްކާލާންވީ ބާއޭ ހިތަށްއެރިއެވެ. މަރިޔަންފުޅު މި ފިކުރެއްގައި ހުއްޓައި ނަސީބަކުން، ހަފީޒާ، މީހަކާއެކު، ބަރޮލެއް ހިފައިގެން އައިސްވަދެއްޖެއެވެ. އެއީ،ކޮންމެސްތާކުން ދެކޭ މީހެއްހެން މަރިޔަންފުޅަށް ހީވެއެވެ.

“ކީއްވެގެން އެހާ ލަސްވީ މިރޭ؟ ދެން ގޮސްގެން މެންދަން ނުވަނީސް މި ކައްކައެއް ނުނިމޭނެ! މިގޭގައި ކައްކާލައިގެން ގެންދަމާ؟” މަރިޔަންފުޅު މިހެން ބުނީ ހަފީޒާއަށް ފަސޭހަކޮށްދިނުމަށެވެ.

“ނޫނޭ، އޭރަށް ކަމަކު ނުދާނެ.” ހަފީޒާ އެގޮތެއް ބޭނުމެއް ނުވިއެވެ. އޭނާ އޭރު ލައިގެން ހުރީ، އާ ދިގުހެދުމެއް ކަމުން މަރިޔަންފުޅަށް އޭނާ އެ އައީ ކޮންމެސް ގެއަކަށް ގޮއްސައިކަން އިނގުނެވެ. އަދި އެއީ ކޮންގެއެއްކަމެއް ވެސް އޭނާއަކަށް ނޯޅެއެވެ.

“ފަހުބައި ނަގަން މި އުޅެނީ މިހާރު…މީތިކޮޅު ކައްކާލާކަށް މާގިނަ އިރެއް ނުނަގާނެ ދެނެއް. ކައްކާލީމަ ތިހިރަ ލޯގަނޑަށް އަޅާލައިގެން ގެންދިޔައްޔާ މާފަސޭހަވާނެ. ދަރިފުޅާ، އުމަރު ކައިރީ މާދަން ފަތިހު މަހަށް ދަމުން ގަރުދިޔަކޮޅު ހަފީޒާގެއަށް ލާދޭން ބުނެލާ.” މިހެން ބުނީ އުނދުންކައިރީ ހުރި މަރިޔަންފުޅުގެ މަންމައެވެ.

“ނޫނޭ، މިރޭ ތީތިކޮޅު އާބިދަގޭ ފުރިޖަށް ލާފައި ބަހައްޓާނީ. މާދަމާ ހެނދުނުގެ މަސައްކަތް ނިންމާފައި މަ ކައްކާލަނީ.” ހަފީޒާގެ ދޮންމަންމައަށް އަބަދުވެސް ވާހަކަ ދައްކާ ފިނިރާގުގައި ބުނެލިއެވެ.

މަރިޔަންފުޅުގެ ބައްޕަ ހަފީޒާގެ މަންމައާއި އިނީ ދެއަތްބަށް، މަރިޔަންފުޅުގެ މަންމަގެ ނުރުހުމުގައެވެ. ނަމަވެސް އެ ކައިވެންޏަށް ލިބިފައި ތިބި ކުދީންނާމެދު މަރިޔަންފުޅުގެ މަންމަ އެއްވެސް ހިތްބަރުކަމެއް ނޯވެއެވެ. ބައްޕަ ނިޔާވިތާ މިހާރު 15 އަހަރު ވީއިރުވެސް، އެ ކުދީންނާ ދިމާވެއްޖެ ނަމަ ވާހަކަދައްކައި، ކޮއްދެވޭވަރު ކަމެއް އޮތިއްޔާ ކޮއްދީ ހަދާނީ ހިތްހަމަޖެހުމާއެކުއެވެ. ނަމަވެސް ހަފީޒާގެ މަންމައާއި، އެ ފަރާތު އާއިލާގެ އަކަކުވެސް މަރިޔަންފުޅާއި އޭނަގެ މަންމައަށް، ހިތްހެޔޮކަމާއެކު ބުނެލިބަހެއް މަރިޔަންފުޅުގެ ހަނދާނަކު ނެތެވެ.

“އަހަރެމެންގޭ އައިސް އަލަމާރި ތަންކޮޅެއް ކުޑަވީމާ، އެގެއަށް މަސްކޮޅު ގެނެންނައިސް ބަހައްޓާށޭ ބުނީ އާބިދާ އަމިއްލައަށް.” ހަފީޒާ އިތުރަށް އާބިދާގެ ނަން ލައިގެން ސާފުކޮށްދިނީ، ބޮޑާކަމެއް އެކުލެވޭ ރާގެއްގައެވެ.

މަސްކެއްކުމުގައި އެހީތެރިވެދޭން ތިބި އަންހެންވެރީންގެ ތެރޭ އާބިދާ ފަދަ މުއްސަނދި ގަދަރުވެރިއަކާއި، އެކުވެރި ގުޅުމެއް އޮތުން އެއީ ނަސީބުގަދަ ކަމެއްކަން ދެކޭ މީހުންވެސް ތިބުމާއެކު، ހަފީޒާ އެކަންފާޅުކޮށްލަން ބޭނުންވީއެވެ. ރަށުގެ އެންމެންނަށް ވެސް އިނގިފައި އޮންނަނީ އާބިދާއަކީ ދީލަތި ނަމަވެސް، މާ ރައްޓެހީން ގިނަކޮށްގެން ގެންގުޅޭ މީހެއްގޮތަކަށް ނޫނެވެ. ވީމާ ހަފީޒާއަށް ގާތްމީހެއްގެ ދަރަޖަ އާބިދާ ދިނުމުން، ރަށުމީހުން އޭނާއާއި މެދު ދެކޭގޮތްވެސް ކޮންމެވެސްވަރަކަށް ތަފާތުވެފައިވާކަން މަރިޔަންފުޅަށް ފާހަގަވެއެވެ.  އެހެންކަމުން އޭނާ އިތުރު އެއްޗެއް ނުބުނެއެވެ. ހަފީޒާ ގެނައި މީހާ ހިފައިގެން ހުރި ބަރޮއަށް، ނަގާފައި ހުރި މަސްކޮޅު އަޅާންފެށިއެވެ. އާބިދާގެ ނަން ލައިގެން ނޫނީ ހަފީޒާ ކަރުތެރެއަށް މިހާރު ކާއެތިކޮޅު ދާ ހެނެއްވެސް މަރިޔަންފުޅަކަށް ހިޔެއް ނުވެއެވެ. މިގެއަށް ވެސް އާދެވޭ ދުވަހަކު ވާހަކަ ފަށާނީ ވެސް އަބަދު އެގޭ ކަމަކު އުޅުނު ވާހަކައަކުން، ނޫނީ އާބިދާއާއެކު ދިޔަ ތަނެއްގެ ވާހަކައަކުންނެވެ.

އިހައްދުވަހު ޗަނބޭލީގޭ ބޭއްވި ޕާޓީއަށް ކައްކަން ކިޔަން އައިރަކު ވެސް، އޭނާގެ ކޮއްކޮ ހައްވަ އެގެއާ ދުރުކުރާށޭ ކިޔައި ކޮންހާ ވާހަކެއް ދައްކާކަށް ހެއްޔެވެ؟ ހައްވައަކީ ރަށުތެރޭ ގިނަވެގެން އުޅޭ ބައެއް އަންހެންކުދީންހެން ދުވަހަކުކޮޅުން ވެސް އުޅުނު ކުއްޖެއްނޫނެވެ. އަދި އަމުދުން އެގޭ ޝާހިދާ މެދު އެފަދަ ގޮތަކަށް ވިސްނާނޭ ވެސް ކުއްޖެއް ނޫނެވެ. އެމީހުންނަކީ އެ އާއިލާއާ އަރާއަރުނުފޯދޭ ބައެއްކަން، ކޮންމެހެން ހަފީޒާ ފޮނުވައިގެން އާބިދާ ނުބުންޏަކަސް، އެކން އޭނާއަށް އިނގެއެވެ. އުމަރަށް އެހެން ގޮތެއް އޮތްނަމަ، އޭނާއަށް ވެގެންވަންޏާ އެގޭ އޮޑީގައި އުމަރު މަހަށްދިޔަކަ ވެސް ނުދޭނެއެވެ. އެކަމަކު 4 ދަރިންނާއި، ހައްވައާއި، ބަލަހައްޓާން ޖެހޭ މުސްކުޅި މަންމައެއް ހުރުމަކީ އޭނާގެ މަޖުބޫރެވެ. އުމަރަކީ އެ ދޯނީގެ މާކެއޮޅަކަށް ލީ މީހެއް ނަމަވެސް، ދުވަސްކޮޅެއް ފަހުން އާދައިގެ ފަޅުވެރިކައަކަށް ބަދަލުކުރި ހަނދާނެއް ވެސް މަރިޔަންފުޅުގެ ހިތަކުން ފިލައިގެނެއް ނުދާނެއެވެ.

Share Article

Follow Me Written By

Imma Ahmed

Level 1

Other Articles

Previous

ހުޅުކޮޅު – ޓްރެއިލަރ

Next

ހުޅުކޮޅު – އެއްވަނަބައި

Next
November 23, 2023

ހުޅުކޮޅު – އެއްވަނަބައި

Previews
November 23, 2023

ހުޅުކޮޅު – ޓްރެއިލަރ



All Right Reserved!