
ހަޔާތުގެ ދަޅަ – 2
“އާބިދާ…އޭ އާބިދާ! އަހަރެމެންނާ އަނގައިން ނުބުނެ އިސްދަށަށް ޖަހައިގެން ތިޔަ އިންނަނީ އަނެއްކާ އަހަރެމެން ކުރާކަންތައް ކަމުނުދާތީތަ؟” އާބިދާ އަނެއްކާވެސް ސިހިގެންގޮސް ބަލާލިއިރު މިފަހަރު ކައިރީ ހުރީ، ކައްކާ ބައިގަނޑުގެ ވެރިޔަކަށް ހުރި ހަފީޒާއެވެ.
“މި ކައްކާ އެއްޗެހީގެ ވަސް ކަމުނުދަނީ ހޭ؟” ހަފީޒާގެ ރާގުން، މިތާ ތިބި އެންމެންނާ ދިމާކޮށް ނިމި މިހާރު އޭނާއާ ހިސާބަށް އައީކަން އާބިދާއަށް ވިސްނުނެވެ.
“ކިހިނެއްވީ؟ ..މިހާރު މަށާ ކޮންކަމަކާ ފޮށެން ތިއުޅެނީ؟” އާބީދާ މިހެން ބުނިއިރުވެސް މި އެންމެންތެރޭ އޭނާގެ އަނގަ ގޮއްވަން ކޮންމެ ފަދަ އެއްޗެއްވެސް ހަފީޒާ ބުނެފާނެކަން އިނގެއެވެ. މި ރަށުން އެކަހަލަ ސަމާސާއެއް އާބިދާއަށް ކޮށްލާން ކެރޭ މަދު މީހުންގެތެރެއިން އެކަކަކީ ހަފީޒާއެވެ. އަދި އޭނާ އެއީ އާބިދާގެ ވަރަށް އެކުވެރި ސިއްރުވެރިއެއް ވެސް މެއެވެ.
“ނޫނޭ.. އަހަރެމެންނަށް ތިޔަކަހަލަ ކަމެއް ކުރާން ކެރޭނެތަ؟ އެކަމަކު މި ހަދާ ތަކެތި ކަމުދޭތޯ ވެރިމީހާ ކުރެން އަހަން ވާނެއެއްނު؟ ނޭންގޭ ވިއްޔަ! އާބިދާ މިތަނުން ކުކުޅު ރިހަތެއްޔެއް ހުރި ކުލަ ކަމުނުދެޔޭ ބުންޔަސް އަހަރެމެންނަށް ޖެހޭނީ އާބިދާ އެބުނާ ކުލައެއް އެއަށް އަރުވާންވިއްޔަ!”…. އާބިދާގެ ދޮން މޫނު ދިޔައީ ރަތްވެގެންނެވެ. ހަފީޒާ ގެ އެ ބަހަށް އަންހެނުންތަށް ހޭންފަށައިގެން އިރަކު ހީވަނީ އެހެންކަމެއް ހެނެވެ. އޭނާ އެ ބަހުން ޖަހާލީ ވާހަކައަކީ ރަށު އެންމެން ދަންނަ ބޮޑު ވާހަކައެކެވެ. ވައްޓާލި ލިބާހާއެކު އާބިދާ އުމަރާ އިނދެގެން އައިސް، އޭނާ އިސްވެ ހުރެ މިގޭގައި ބޭއްވި ފުރަތަމަ ފާތިހާގައި ކެއްކި ކުކުޅުރިހައެއް މާ ދޮންވެގެން އެކަމާ އަޑުލާ ހެދީމަ އެވާހަކައެވެ. އެހެންމީހުންނާ ހިލާފަށް ހަފީޒާ އޭނާ ބުނެފާނެ އެއްޗަކަށް ބިރު ނުގަންނާނެކަން އިނގޭތީއައި، އަދި މި އެއެންމެން އަނގައިން ނާރާނެކަން ވެސް އިނގޭތީ، އާބިދާއަށް ވެސް ޖެހުނީ އެމީހުންގެ ހުނުމުގައި ބައިވެރިވާށެވެ.
************************************************
ކައްކާ އަންހެންވެރިން ތިބި ހިސާބާއި ތަންކޮޅެއް ދުރުގައި ގޭގެ ކިބަޅިފަރާތުގެ އިރުމަތީ މަގުފާރު ކައިރީގައި 3 އަންހެން ކުއްޖަކު ތިއްބެވެ. މިއީ ޅަފުރައިގެ ކުދިންކޮޅެކެވެ. މި ތިން ކުދީން ފިޔަވައި މި އުމުރުގެ އެހެން ކުއްޖަކު މިތާކުން ނުފެނެއެވެ. އެކުދިން ކުރަމުންދާ މަސައްކަތަކީ ހަނޑޫ ހޮވުމެވެ. އެކުދީން ބަލަމުން ދިޔައީ އަސުރުން ތިރިވުމުގެ ކުރިއަށް، ބަތް ތަވާތައް ހިންދާލެވޭ ވަރު ވަގުތު ހުއްޓާ މަސައްކަތް ނިންމާލެވޭތޯއެވެ. އާބިދާ ހަފީޒާ ފޮނުވައިގެން ރަށު އަންހެނުން ކޮޅަކަށް ކެއްކުމަށް މިގޭދޮށަށް ކީ އިރު، މިތަނުގައި އިން ހައްވަގެ ބޮޑުދައިތަ އަށް އާދެވޭން ނެތީމާ، ބަދަލުގައި ހައްވަ ފޮނުވީއެވެ. އޭނާއާއެކު ދެން ތިބި ދެ މީހުން އައީ އޭނާގެ ފަހަތު އަޅުވާލައިގެންނެވެ.
” ބަލަ މަންޖެ ތިހެން އަނގަ ހަދައިގެން އިންނަން ވެއްޖިއްޔާ އިރު ހުއްޓާ މިކަމެއް ނުވާނެ…” އެއީ ފާތުމާގެ އަޑެވެ. އޭނާ މިހެން ބުނުމާއެކު ޝަހުމާ އަވަސް އަވަހަށް ދޮލަނގުގަ ހުރި ހަނޑޫ ތަކުތެރޭ އަތް އުކައިގަތެވެ.
” މިއޮށް ބޮޑުގެ ފެނުނީމަ ކަލޭމެން ހަމަ ކޮހެއް ނުވޭތަ؟” ޝަހާދެތް އިނގިލިން، ލީ ދޮލަނގުގެ ކައިރިއަށް ދަމަމުން ޝަހުމާ އަހައިލިއެވެ.
“މީ ކަލޭ އަލަށް ދުށް ގެއެއްތަ ކުއްލިއަކަށް މިގޭގެ ބޮޑުވާހަކަ ތި ފެށީ؟ ކަލޭ މަންމައާއެކު މިގޭގައި އަޅާފައި އޮންނާތީ މަ ހީކުރީ މިހާރު ކަލެއް އޮންނާނީ މިގެ ކުޑަވެފާކަމަށް.” ފާތުމަ ބުނެލިއެވެ. މިއަށް އެއްޗެކޭ ނުބުނެ ޝަހުމާ އެޅީ ފާތުމައާއި ދިމާއަށް ލޮލެވެ.
” އެހެންނޫނަސް އަހަރެމެން ދެ މީހުން ތިކަމާވީ އުފާކުރާކަށް ނު؟ ހައްވަ އެ އުޅެނީ މިގެއަށް އަންނާން ވިއްޔަ! މިހާރު ޝާހިދުވެސް އެއޮށްގެން އައީ އެއްނު…” މިހެން ބުނުމުން ޝަހުމާ އަޅައިގެން ލޮލަށްވުރެ ވަރުގަދަ ލޮލެއް، ފާތުމައާއި ދިމާއަށް އަޅައިގަތީ ހައްވައެވެ. ފާތުމަ މި ބުނިއެއްޗެއް ޝަހުމާއަށް ފަހުމު ނުވިޔަސް ހައްވައަށް ވަރަށް ސާފެވެ. އެކަމަކު މި ދެ މީހުން ލޮލުން އަލިފާން ދޫންކުރިޔަސް ފާތުމައަށް ވަރިހަމައެވެ. އެކަކާދިމާއަށް ވެސް ބަލައިނުލާ އޭނާ ވެސް ބެލީ އެ ބޮޑު ގެއާ ދިމާއަށެވެ. އެމީހުން އެ ތިބި ހިސާބާ 70 ވަރަކަށް ފޫޓު ދުރުގައި ހުރި އެގެ ފުރަގަހުން ވެސް މި ރަށުގެ އެހެން ގެތަކަށްވުރެ މާ ޒަމާނީވެފައި ހަމަ ފުރިހަމައީއެވެ. ބިޔަ ގޯތީގެ މެދުގައި 2 ބުރިއަށް ހަދައިފާވާ އެގޭގައި ގައިމު 40 ހަކަށް މީހުންނަށް ހަމަ ޖެހިލައިގެން ދިރިއުޅެވޭނެއެވެ. މިކަން އޭނާއަށް ކަށަވަރު ވެސް މެއެވެ. އެއީ މީހުން މިގެއަށް އާންމުކޮށް ވަދެ ނޫޅުނަސް، އޭނާ އެގެއަށް ވަދެ ތަންތަން ރަނގަޅަށް ބަލާފައި އޮތުމުންނެވެ.
” އަނނނ… މިގޭ ހުސްއަރިބަޔަށް ހުރި ހަމައެކަނި ފިރިހެން ދަރިއަށް، މީނދަ ހައްވަގެ މަސައްކަތް ބާރު ނުކޮށްލަނީސް ޝަހުމާ އަވަހަށް މަންމަ ގާތު ބުނެގެން އެކަން ނިންމާން އުޅޭ! އެހެންނޫނީ ކަލެއަށް ކެވޭނީ ވައި.” ދަމާލާފައި މިހެން ވެސް ބުނި އިރަކު، ހައްވަ އެ އިނީ ފާތުމަ ގަޔަށް އަތްފޯރުވޭ ހިސާބުގައެކޭ ހިތަކަށް ނާރައެވެ. ހީވަނީ އެތާ ނެތް މީހެއްގެ ވާހަކައެއް ދައްކާހެނެވެ.
ހައްވަ އެއްޗެއް ނުބުނެއެވެ. ދެބުމަ ގޮށްޖަހައިގެން ބަލަހައްޓައިގެން އިނީއެވެ. އެއީ ފާތުމައެވެ. މީހަކު ހީކޮށްފާނެ އެއްޗަކަށް ނުބަލާނެއެވެ. ކިޔާފާނެ އެއްޗަކަށް ވެސް ނުވިސްނާނެއެވެ. ސިނކުނޑިއަށްވުރެ ބާރަށް ދޫ މަސައްކަތްކުރާ އަންހެނެކެވެ. އެހެންވީމާ އެއްޗެކޭ ބުނުމަށްވުރެ ނުބުނިއްޔާ މާރަނގަޅުވާނެއެވެ. އެހެންނޫނަސް އޭނަގެ އަނގަޔަކުން މީހަކަށް ނުވެސް އެރޭނެއެވެ. ތަޅުވަތަޅުވާފައި ވާޅުވީމާ ހުއްޓާފާނެއެވެ.
އެކަމަކު އޭނަގެ ހިތުގައި ސުވާލު އުފެދުނު އެއްކަމެއް އިބައޮތެވެ. އެ ދެމީހުންނަކީ އެންމެ ގާތް ދެއެކުވެރީންނަށް ވީއިރު ފާތުމަ އޭނާއަށް ވަރަށް ރަނގަޅަށް އިނގެއެވެ. އެހެންކަމުން ކުއްލިއަކަށް އޭނާ އެވާހަކައެއް ދައްކާންވީ ސަބަބެއް ނޭންގުނެވެ. މިގެއަށް އަންނާންވެގެން އޭނާގެ ފުލުގައި ފާތުމަ މިއަދު ޖެއްސީއްސުރެ، މިހިސާބަށް އަންނަން ނެގި ދިހަ ބާރަ މިނެޓް ތެރޭ ދުނިޔަމަތީ އޮތްހާ ވާހަކައެއް އޭނާއާއި ދެއްކިއެވެ. އެކަމަކު ޝާހިދޭ ކިޔައިގެން އެއްޗެކޭ ނުކިޔައެވެ. ޝަހުމާ ވެސް އިނީމާ ހައްވަ އެކަން ސާފުކުރާން އަދި ސުވާލުކުރާކަށް ބޭނުމެއް ނުވިއެވެ.
” އޭ..؟ އޭ ތެދެއްތަ؟… އަނެއްކާ ވެސް…؟” ފާތުމަގެ ވާހަކައިގާ ހަޤީގަތެއް ނެތްކަން ހައްވައަށް އިނގުނަސް، ޝަހުމާ އެހެން އެހިއިރު އިނީ ކޮސްވެފައެވެ. ހައްވަ ޝަހުމާ އާއި ދިމާއަށް ބަލާލީ “މޮޔަވީ ހެއްޔޭ” ބުނާ ކަހަލަ ގޮތަކަށެވެ.
“ކަލޭ ކޮންތާކުން މިހާރު ހޯދައިގެން އުޅޭ ވާހަކައެއްތަ ތީ؟” ޝަހުމާ އެހެން އެހުމުން އެންމެފަހުން ހައްވަ ގަސްތުކުރީ ފާތުމަކުރެން އަހާށެވެ.
“ހޯދި ތަނެއް ނުބަލާ، މީ ދޮގެއް ވިއްޔާ ދޮގެކޭ ބުނާން ނުކެރިގެން ތިއުޅެނީ ކީއްވެ؟” ފާތުމަ ދެ ލޯ ކުޑަކޮށްލައިގެން އިނދެ ރައްދުގައި ބުނެލިއެވެ.
“ތީ ކަނޑައެޅިގެން ދޮގެއް. ދެނޯ؟” ހައްވަގެ ސުވާލަށް ރައްދު ނުދީ ފާތުމައިނީ އަދިވެސް ބަލަހައްޓައިގެންނެވެ. “މަ ތިޔަ ޝާހިދެއް އެންމެ ފަހުން ދުށްތާ ވެސް ވީ ދުވަހެއް ނޭންގެ. އެހެން ނޫނަސް އަހަރެމެން ސުކޫލު ދައުރު ހިގާފައި އޮތްކަމެއް ހިނގި ގޮތަކަށް ހިނގައި ނިމިފައި އެ އޮތީ. އެއީ ކޮން ޒަމާނެއް؟ ކަލެއަށް ވުރެ ބޮޑަށް އެކަން އިނގޭ އެހެން މީހަކު ވެސް ނުހުންނާނެއެއްނު؟ އެހެންވީމަ މި އަހަނީ ކޮންތާކުންހޭ ތިޔަ ވާހަކައެއް އަހައިގެން ތިޔަ އުޅެނީ؟” ހައްވަ މިހެން އަހާފައި، ދެން އެއްޗެއް ވިސްނިގެން ކަހަލަގޮތަކަށް ބަލައިލީ މަސައްކަތް ކުރާން އުޅޭ އަންހެނުންތަކާ ދިމާއަށެވެ. މިތާ ހަނޑޫ ހޮވާން ފާތުމަ ހޭދަކުރި ވަގުތަށް ވުރެ އެތަނަށް ގޮސް އުޅުނު ވަގުތު ގިނަވާނެކަން އޭނައަށް ވިސްނުނެވެ. މި ވާހަކަ ފެށުމުގެ ކުރީން ވެސް އެއައީ ފެން ބޯންވެގެންނޭ ކިޔާފައި އެގޭ ގޭތެރެއަށް ވަދެފައެވެ. މާތްކަލާކޯ! އަނެއްކާ އެތާ އެކަހަލަ ވާހަކައެއް ދެއްކީބާއެވެ! ހައްވަގެ ހިތަށް ނުތަނަވަސްކަމެއް ވެރިވެގެން ދިޔައެވެ.
“ރޭ ހަފިއްތަ، ތިގޭ ދޮށަށް ގޮސް ބޮޑައްތަ ކައިރީ ކައްކަން އައިސްދޭށޭ ބުނި އިރު މަށަށް އެވާހަކަ އިވުނީ. ކަލޭ ޝާހިދާ ދުރުގައި ބައިންދައިގެން އުޅެއްޗޭ ކިޔާފަ ދިޔައީ.” އެންމެ ފަހުން ފާތުމައަށް އެ އަޑު އިވުން ގޮތުގެ ބުނެފިއެވެ.
“ދުރުގައި ބައިންދާށޭ! ކޮންކަމެއްވެގެން….” ހައްވަ ހައިރާން ކަމާއެކު ކުރަން އުޅުނު ސުވާލު ފުރިހަމަ ނުވަނީސް ޝަހުމާ ވާހަކަދައްކާން ފަށައިފިއެވެ.
“އޭ! މަންމަ ކީއްކުރަން ބޮޑައްތަ ކައިރީ އެހެން ބުނަންވީ! ތި ވާނީ ފާތުމައަށް ހީވިގޮތެއްކަމަށް.”
“މަމީ ބީރެއް ނޫން. އެހެން ނޫނަސް ކަލޭ މަންމަ މަޑުމަޑުން ބުނާ އެއްޗެއް އޮވޭތަ؟ ބަލާނީ ދައްކާ ހުރިހާ ވާހަކައެއް އަޑުގަދަކޮށްލާފަ ދެއްކޭތޯ.” އޭނާއަށް އަދި ހޮވައި ނިންމުނު ފުރަތަމަ ހަނޑޫ ދޮލަނގު، ހޮވާބައިއަޅާ ބޮޑުތެއްޔަށް ހުސްކޮށްލަމުން ފާތުމަ ބުނެލިއެވެ. ޝަހުމާ ވެސް ބޯ ޖަހާލީ މަންމައެއް ކަމަކު އެއީ ހަޤީގަތަށް ވާތީއެވެ. އޭނާއަށް ވުރެ ބޮޑަށް އެކަން ދަންނަ މީހަކު ވެސް ނުހުންނާނެއެވެ.
“ރޭ އިވުނު ވާހަކައެއް ކަލޭ ބަނޑުތެރޭ މިއޮށް ހުރިހާއިރުވާންދެން އޮތީމާ އަޖައިބުވެއްޖެ!” ހައްވަ ހަމަރަނގަޅަށް ވެސް އިނީ އަޖައިބުވެފައެވެ. ފާތުމައަކީ އޭނައަށް އިނގޭ ކަމެއް އެހާ ގިނަވަގުތު ސިއްރުކޮށްފައި ބާއްވާން ދަންނަ އަންހެނެއް ކަމެއް ހައްވައަކަށް މީގެ ކުރިއަކުން އިނގިފައެއް ނެތެވެ. އެކަމަކު ފާތުމައާއި ދިމާއަށް މިހެން ބުނި ނަމަވެސް އޭނަގެ ވިސްނުން އެނބުރެމުން ދިޔައީ ހަފިއްތަ ބޮޑައްތަ ގާތު އެހެން ބުނަން ޖެހުނު ސަބަބަކާ މެދުގައެވެ.
“އޭތް އިއޮށް އަންނަނީ…އަވަހަކަށް މަރެއް ވެސް ނުވާނެ. ޝަހުމާ ތިޔަ އަނގަގަނޑު މަޑުކޮށްގެން އިންނާތި!” ފާތުމަ އިންޒާރުދީ ނިންމިއިރު ހަފިއްތަ ޖޫހާއި، ބިސްކޯދު އަޅާފައިހުރި ތަބަކެއް ހިފައިގެން އައިސް އެމީހުންގެ ގާތު ހުއްޓިއްޖެއެވެ.
“ކޮބާ ނުނިމޭތަ ތިކަމެއް؟ މިހާރު މާ ބޮޑަށްވެސް އެހެރަ ލަސްވަނީ.” ހަފިއްތަ އެއް ޖޫސްތަށި ޝަހުމާއަށް އަނެއް ޖޫސްތަށި ހައްވައަށް ދިއްކޮށްލިއެވެ. އެއަށްފަހު ބިސްކޯދު ތަށި އެމީހުން އިށީންދެ ތިބި ކުނާ މަތީ ބެހައްޓައިފިއެވެ. ފާތުމައަކަށް ޖޫސްތަށްޓެއް ނުދިނެވެ.
“ޖޫސްބޮއިންގެ އަވަހަށް ހޮވައި ނިންމާލާ!” ދެން ފާތުމައާ ދިމާއަށް އެނބުރިފައި “ކަލޭއަށް ހުންނާނީ ޖޫސް ބޮވެފައި މިހާރު، ކައްކާ ދިމާލުން ވެސް މިހާރު ދެ ތަށި ބޮއިފި. ތިޔަހެން އެތަން މިތަނަށް ވަންނާންތަ މި ގޯއްޗަށް ތިއައީ؟” ހަފިއްތަގެ ތޫނު ނަޒަރު ހުއްޓާލައިފާވާ ފާތުމަ އަޅާކަހާ ވެސް ނުލައި އިނެވެ. އިތުރު ޖޫސްތައްޓެއް ނުދިނަސް ހެވެވެ. ބަލަބަލަ ހުއްޓާ ހައްވަގެ ދޮލަނގުމަތީން އަތް ގެންގޮސް، ހައްވައާއި ޝަހުމާއާ ދެމެދު ހަފިއްތަ ބެހެއްޓި ބިސްކޯދު ތަށިން ދެތިން ބިސްކޯދު ނަގައިފިއެވެ. އެއް ބިސްކޯދުގައި ދަތް އަޅައިގެން އަނެއް ދެ ބިސްކޯދު ދޮލަނގުތެރޭގައި ބާއްވާފައި، ނުހޮވާހުރި ހަނޑޫ ތެލީން އޭނާގެ ހުސް ދޮލަނގަށް ހަނޑޫ އަޅާންފެށިއެވެ. ހައްވަ ބަލާލިއިރު ހަފިއްތަ ރުޅިއައިސްގެން ދެތުންފަތްވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ.
“ގޮތެއް ނެތްކަން ދައްކާކަށް ވެސް ތަނެއް ތަނެއް ނޯވޭ! ލަދުގެ ކޮންމެސް ކަންފުޅެއް ވެސް މީހެއް ގައިގާ ވެއްޖިއްޔާ ހުންނާން ޖެހޭނެއެއްނު! އެކޮޅަށް ގޮސްވެސް އެތާ އަންހެންވެރީން ދައްކާ ވާހަކަތައް އަހަން ހުންނާންވީ ކީއްކުރާކަށްތަ؟ ތިމާޔާ އެއް އުމުރުގެ ބަޔެއް ނަމަވެސް އެންމެ ރަނގަޅޭ؟ ނުވިތާކަށް ފެންބޯށޭ ކިޔާފަގޮސް އެ ގޭތެރެއަށް ވެސް ވަދެފައޭ އެ ނުކުތީ! މިތާ ބޭރު އެހެރަ ފެން ކޫލަރުތަށް ވެސް ލޮލަށް ނުފެންނަ ކަމަކަށް ނުވޭ؟” ހަފިއްތަ ހުރިތާކު އެހެންމީހަކަށް ނޭންގުނަސް ފާތުމަކުރާ ހުރިހާ ކަމެއް އޭނާއަށް އިނގޭނެއެވެ. ފާތުމަ ބޯ ޖޫސްތަށީގެ އަދަދާ، ގިފިއްޔަށް ދާ އަދަދާ، ވަންނަ ތަންތަނަށް ދާންދެން ދާނީ ނޯޓުކުރަމުންނެވެ. މި ދެމީހުންގެ މި އޮންނަ ދުޝްމަނުކަމެއް އެކަކަށް ވެސް ނޭންގެއެވެ. އެ ހުރިހާ އެއްޗެކޭ ކީ އިރުވެސް މާ ވެގަނެގެން ފާތުމަ އެއިނީ ހަނޑުހޮވާށެވެ. ބިސްކޯދު ހަފައިލަ ހަފައިލައެވެ. ޝަހުމާ ވެސް މަންމަ ނަރުގަނޑުގަ ހުރީމަ، އޭނާއާ ދިމާއަށް ވެސް ރޯޅިއެއް އައިސްދާނެތީ ޖޫސްތަށީގައި ތުންޖެހި ގޮތަށް ތަށީތެރަށް ނޭވާލާން އިނެވެ. ޖޫސް ދަމާތަނެއް ނުފެނެއެވެ.
ނަސީބަކުން ހަފިއްތަ އިތުރު އެއްޗެކޭ ފާތުމައާ ދިމާއަކަށް ނުކިޔައެވެ.
“ހަނޑޫ ހޮވާ ނިންމައިގެން ގެއަށް ދަމުން އެކޮޅަށް އައިއްސަ ދާތި. ހުންނާނެ ބޮޑުބެއާ ކުދިވެރީންނަށް ރިހަކޮޅަކާ އެއްޗިހި ނަގާފަ. ކަލޭގެ ބޮޑައްތަ ބައްޔޭ ކިޔާފަ މަކަރު ހަދައިގެން ކަލޭ ފޮނުވާފަ އޮންނާނެ އަދިވެސް ދެފައިދަމަން. ފިރިއަކަށް ދަރިއަކަށް ކާއެތިކޮޅު ވެސް ދޭނެމޭ ހިތަކަށް ނާރާނެ. ކަލޭ މިތާ އިނިއްޔާ އޮންނާނީ އެއްކަމެއް ވެސް ނުކޮށް.” ހަފިއްތައަކީ ހައްވަގެ ބޮޑައްތަގެ އެއްބަފާ ކޮއްކޮ ކަމުން ބޮޑައްތަގެ ބަހަނާތައް ދަނެއެވެ. މި ދެ މީހުން ދައްކާ ވާހަކައެއް ދައްކާ، ބާއްވާ ގުޅުމެއް ބާއްވާ ހަދާނީ ބަޔަކު މަޖުބޫރުން ކުރުވާކަމެއް ގޮތަށެވެ. އެއްބަފައިވީމާ ފަރުނުޖެހިގެންނެވެ. ހައްވަގާތު މިހެން ބުނެފައި ފާތުމައާ ދިމާއަށް ލޯ ބޮޑުކޮށްލާފައި ހަފިއްތަ ހިނގައްޖެއެވެ.
“ހުއް! ނުބެހޭ ކަމެއް ވެސް ނޯވެޔޭ!” އޭނާ ދިޔަކަމެއް ނޭންގެއެވެ. އަނެއްކާވެސް ފާތުމަގެ އަނގަ ފަޅައިފިއެވެ.
(ނުނިމޭ)
17One Comment
Comments are closed.
Aww😍.. Vv reethi mi part vs Maasha Allah❤️.. Unmeedhu kuran next part vs avahah kiyaalan libeyne kamah 😊