
ހަޔާތުގެ ދަޅަ – 1
ދުވަހަކީ އިރުވައި މޫސުމުގެ އުޑުމަތިސާފު ދުވަހެކެވެ. އިރު މެދުޖެހިފައިވާ އެވަގުތު، އެހެން ދުވަސް ދުވަހާ ޚިލާފަށް ހޫނުކަން ތަންކޮޅެއް ގަދައެވެ. އާމުކޮށް މިދުވަސްވަރު އުތުރު ފަރާތުން ޖެހޭ ރޯޅިއެއް އަދަކު ނެތެވެ. އެހެންކަމުން އެހެންޏާ މަގުތަކުގެތެރެއަށް ފޫދިގެން އަންނަ ރޯޅިތަކުން ލިބޭ ފިނިކަމެއް ވެސް ނެތެވެ. ނަމަވެސް މިއަދު، މަސްވެރި މިރަށުގެ ހޫނުކަން، ރަށުގެ އަހުލުވެރީންނަށް އޮއްބައިދެމުން ދިޔައީ ރަށުގެ ގޯތިތަކުގެތެރޭގައާއި މަގުތަކުގެ އަރިއަރި މަތީ އިންދައި ހައްދާފައިވާ ވަރުވަރުގެ ގަސްތަކުންނެވެ. ބަނބުކޭލާ، ކުންނާރާ، އަނބާއި، ޖަނބުރޯލާއި އަދި އެހެނިހެން ބަގީޗާ ގަސްތަކުންނެވެ. އެ ބޮޑު ރަށުތެރޭގައާއި، ރަށުގެ ހޭޅީގައިވާ މިދިއްޔާއި، ފުނައާއި، ނިކައާއި، ހިރުނދު ދިއްގާ، ބިޔަ ގަސްތަކާއި، ރުއްފާތަކުންނެވެ.
މި ހޫނުކަން އެރަށު ޗަނބޭލީގޭ ގޯތިތެރޭ ހެލިފެލިވަމުން އަންނަ އަންހެނުންތަކަށް ވެސް އިޙުސާސް ނުވަނީ މިހެންވެކަން ޔަޤީނެވެ. 40 ހަކަށް އަންހެންވެރީން، އެ ބިޔަ ގޯތިތެރޭގައި އެދަނީ ފާތިހާއަކަށް ނުވަތަ ޕާޓީއެއް ފަދަ މުނާސަބަތަކަށް ބޮޑު ކެއްކުމެއް ކައްކަމުންކަން ގައިމެވެ. އެތާގައި ޒުވާންކުދީންނަށްވުރެ މެދުއުމުރުގެ އަންހެނުން ގިނައެވެ. މިވެރިން ތިބި ފަޅި ނޫން އަނެއް ފަޅީގައި، ފެންޑާއެއް ފާޑަށް ހުރިތާކު، ފަންގިން ހިޔާކޮށްފައިވާ އުނދޯއްޔަކާއި، އޭގެ ކައިރީގައިވާ ސަރަންފީ ގޮނޑިތަކަކު، އަދި އެއަށް ވުރެ ދޮށީއުމުރުގެ 7 ވަރަކަށް އަންހެނުން ވެސް ތިއްބެވެ. މިވެރީން ރަނބަތަޅަމުން ދުންގުޑުގުޑާ ދަމަމުން ދިޔައިރު މީގެތެރެއިން އެއްބަޔަކު ދިޔައީ އުނގުމަތީ ބެހެއްޓިފައިވާ ކުދި ލޯތަށިތަކަކަށް ފުވައް ކޮށަމުންނެވެ.
މަސައްކަތުގެ ފޯރި ގަދައީ ބަނބުކެޔޮގަސްތަކުގެ ދަށުގައި ކައްކަން ހިޔާކޮށްގެން ތިބި ދިމާގައިކަން އެ ހިސާބުގައި ގުގުމާފައިވާ ވާހަކަތަކާއި ހުނުމުގެ އަޑުތަކުން އިނގެއެވެ. އެއްބަޔަކު ޖަހާފައިވާ ދަރު އުނދުންތަކު ކައިރީ ބޮޑެތި ލޯ ތެލި ތާސްތަކަށް އުނދުޅި ދޭފަތް ލައިގެން، ކޮޅަށާއި ގޮނޑިއަޅައިގެން ތިއްބެވެ. އަނެއް ބަޔަކު ދާތަކުގައި ފުނޑަމުން، ހުނިގާނަމަނުން، ފިޔާއަލުވި ނޮޅަމުން، އެ ކޮށަމުން، ހަވާދު ނަގަމުން ދެއެވެ. މި މީހުން ދިޔައީ އެކަކު އަނެކަކާ ދިމާކޮށް، ކުރީގައި ހިނގާފައިވާ މަޖާ ކަންތައްތަކާއި، ޅައިރު ހިތާވި މީހުންގެ ވާހަކަތައް ދައްކައި، މީގެ ތެރެއިން މޮޔަގޮތްގޮތް ހުންނަ އަންހެނުންގެ އަނގަގޮއްވަމުންނެވެ.
އެމީހުންގެ ކަންކަމާ ހަވާލުވެގެން އެއިނީ ޗަނބޭލީގޭގެ ވެރިޔާ އާބިދާއެވެ. އޭނާ އިނީ ސަރަންފީ ގޮނޑިއަކު އުނގު މަތީ ތައްޓެއް ސަމާލުކޮށްލައިގެން ފިޔަލެއް ކޮށާށެވެ. އޭނަގެ ކައިރީގައި ބޮޑު ފޯއްތަބަކެއް ބަހައްޓާފައިހުރި ކުޑަ މޭޒެއް މަތީ އެހެރަ ރޭޑިއޯއަކުން އަންނަ ޕްރޮގްރާމަކަށް ސަމާލުކަން ދެވޭވަރަށްވުރެ މި އަންހެނުންގެ ވާހަކަ މާ އޮލައެވެ. ލައިގެން އިން ހެދުމާއި އަޅާފަހުރި ގަހަނާތަކުންވެސް އެއީ ހައިބަތުހުރި މުންސަނދި އަންހެނެއްކަން މީހަކަށް ނޯޅޭނެއެވެ.
ތެދެކެވެ. މި ޗަނބޭލީގެ ގެއަކަށް ހެދީ އާބިދާއެވެ. އޭނާ އެއީ އަސްލު މިރަށު މީހެއްނޫނެވެ. ގޭގެ ވެރިޔާ އުމަރު، އާބިދާގެ ރަށަށް ކުރި ވިޔަފާރި ދަތުރަކު އޭނާއާއި ހިތްކިޔައިގެން ، އިނދެގެން މިރަށަށް ގަނައިތާ މިހާރު މިވަނީ 29 އަހަރެވެ. އޭރު އުމަރަކީ ރަށާއި އަތޮޅުގައި ވެސް ބޮޑު ވިޔަފާރިވެރިޔެކެވެ. ދެ ތިން މަސް އޮޑީގެ ވެރިޔެކެވެ. މިހާރު ވިޔަފާރި ފުޅާވަމުންގޮސް އެމީހުންގެ 2 ރިސޯޓާއި ލާންޗު ފަހަރުތައްވެސް އިބަހުއްޓެވެ.
އެމީހުންގެ ތަނަވަސް ދިރިއުޅުން އިތުރަށް ފާގަތި ކުރުމަށްކަމަށް ބުނެ، މާލެ ބަދަލުވާން ކުރީކޮޅު އުމަރު އާބިދާގާތު ވަރަށް އެދުނެވެ. ނަމަވެސް އޭނާ ދިރިއުޅެންފެށި ހިޔާވަހި ދޫކޮށްލާފަ ދާކަށް އާބިދާއަކަށް އޭނަގެ ހިތެއް ނުރުއްސުނެވެ. އުމަރުގެ އެތައް އާދޭހަކާއި ވައުދަކަށް ވެސް އާބިދާ ގުޑާނުލީމާ އަމަރަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އެހެނީ މާލެ ދިޔަޔަސް އޭނާގެ ގެދޮރުގެ ވެރިޔަކަށް ވާނީ އޭނާގެ އަނބިމީހާތާއެވެ. އަނބިމީހާ ނުރުހޭތާކު އުފާ ފާގަތި ދިރިއުޅުމެއް އުޅެވޭނެހެއްޔެވެ؟
އެހެންނަމަވެސް މާލެއަކީ ކޮންމެހެން ނުގޮސް ނުވާނެ ތަނެއްކަމުން އުމަރު މާލެއިން ބޮޑުގެއެއް ގަނެ އެގެ ބުރިބުރިއަށް ހަދައި އެންމެ މަތީ ދެ ބުރި އެމީހުން ގޮސްއުޅެލުމަށް ބަހައްޓާފައި، ބާކީހުރި ބުރިތައްވަނީ ކުއްޔައް ދީފައެވެ. އެކަމަކު އާބިދާގެ ގޮތްދޫނުކޮށްގެން ނަމަވެސް މާލެ ބަދަލު ނުވެވުނީތީ އޭނާ މިހާރު އުފާކުރެއެވެ. އެހެނީ މިހާރު މާލެ ތޮއްޖެހެމުންދަނީ މީހަކަށް ހިތްހަމަޖެހިލައިގެން އުޅެވޭ ވަރަށްވުރެ މާ ބޮޑަށެވެ. ދުއްވާ އެއްޗެހިތަށް ގިނަވެ މަގުތަށް ހަލާކުވެ، މަގު ހިނގާ މީހުންނަށް ދަތިވެއްޖެއެވެ. ރަށުތެރޭގެ ވައި ނުސާފުވެފައިވަނީ އަޖައިބުވާހާ ބޮޑަށެވެ. 90 ގެ އަހަރުތަކަށް އެޅިއިރު މާލޭގައި 80 ގެ އަހަރުތަކުގައި ހުރި ހުރިހާ ރަށްވެހިކަމެއް މިވަނީ އެއްކޮށް ފިލާފައެވެ.
އެންމެ ބޮޑު މައްސަލައަކީ ފެނުގެ މައްސަލައެވެ. އުމަރުގަތް ގޭގެ ފެންވަޅުތަށް ލޮނުވެ ފެންނުބައިވީ ވެސް ބަލަލާހުއްޓާ ވަރަށް ކުޑަ ދުވަސްކޮޅެއް ތެރޭގައެވެ. ސަރުކާރުން ފެން ސަޕްލައިކޮށްދޭން ފެށިޔަސް އަދިވެސް އެއީ މީހުންނަށް ބޭނުންކުރަން މާ އެކަށީގެންވާ އެއްޗެއްކަމަކަށް އުމަރަކަށް ގަބޫލެއް ނުކުރެވެއެވެ. އުމަރަށް އެކަން ވިސްނުނުކަމަށް ޓަކައި އާބިދާ ޝުކުރުކުރެއެވެ.
އެ ދެމަފިރިންގެ ކައިވެންޏަށް 29 އަހަރު ވީއިރު 3 ދަރިން ލިބިފަ އިބަތިއްބެވެ. 2 ފިރިހެން ކުދީންނާ އަންހެން ކުއްޖެކެވެ. އާބިދާގެ ބޮޑުދަރި ޒިޔާދު، މީހަކާ އިނދެ އޭނާއަށް މިހާރު ވަނީ 2 ދަރީން ވެސް ލިބިފައެވެ. މިހާރު މި ބޮޑުގޭގެ ފަޅުފިލުވައިދެނީ މި މާމަ ދަރީންނެވެ. ޒިޔާދުގެ އަންހެނުން ޝާރުދާ އަކީ އާބިދާގެ ހިތްރުހޭފަދަ ހުރިހާ ސިފަތަކައެއް ލިބިފައިވާ ކުއްޖެކެވެ. ޝާރުދާގެ އާއިލާއަކީ ވެސް ރަށުގެ ޤަދަރުވެރި އާއިލާއެކެވެ. އެހެންކަމުން އޭނާ ޝާރުދާދެކެ އޭނާގެ އަމިއްލަ ދަރިއެއް ފަދައިން ލޯބިވެއެވެ.
އޭނަގެ އަންހެން ދަރިފުޅު ނީނާ މިހާރުވީ މެލޭޝިއާއަށް ކިޔަވާން ގޮހެވެ. ޗުއްޓީއެއް ލިބިގެން ދެން އޭނާއަށް އާދެވޭނީ ހައެއްކަމަސް ފަހުންނެވެ. އެއީ އޭނާގެ އެންމެ ހަގުދަރިއެވެ. ދެންހުރި ދަރިއަކީ ޝާހިދެވެ. އޭނާގެ އެންމެ ގިނަ އަޅާލުމައި ލޯތްބާ އަބަދުވެސް ހޯދާ ދަރިއެވެ. އެކަން އޭނާގެ އަނެއް ދެ ދަރީންނާއި ފިރިމީހާ ވެސް ފާހަގަކުރާނެއެވެ. މައިދާތަ އައިސާމަނިކެ ވެސް އާބިދާއާ ދިމާއަށް އެވާހަކަ ބުނާނެއެވެ. އެކަމު ރުޅިއައިސްގެންނެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އާބިދާއާ ސަމާސާ ކުރުމަށެވެ.
ކޮންމެ ގޮތެއްވިޔަސް ޝާހިދާއި، އޭނާގެ އަނެއް ދެކުދީންނާ ވަރަށް ތަފާތެވެ. ކުޑައިރު މާ ހަލަނިވެފައި ހިރުވައެވެ. ސްކޫލުގައި މާ ބޮޑަށްވެސް ސިޔާސައެވެ. ފުރާވަރަށް އަރައިގެން އައިއިރު އެ އުމުރުގެ އެންމެ ލާނެތް ކުދީންގެ ފުށުން ފެންނަ ހުރިހާ ސިފައެއް ޝާހިދުގެ ކިބައިގާ ހުރީ ވަރަށް ކުރީގައެވެ. އާބިދާއަކީ ދިރިއުޅުމުގެ ކަންކަމަށް ވިސްނައި، ދުނިޔޭގެ އޮޔައިވައި ދަންނަ ހަރުދަނާ އަންހެނެއް ކަމުން ޝާހިދުގެ މި މިޒާޖަށް، އާބިދާއަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވިއްޖެ ނަމަ އެ ލާނެއްކަން އެހެން ކަމަކަށް ބަދަލުވެގެން ހިނގައިދާނެކަން އޭނާ ވަރަށް އަވަހަށް ދެނެގަތެވެ.
އޭނަގެ ހުރިހާ ދަރިން ރަށުގެ ގްރޭޑް 7 އާ ހިސާބަށް ކިޔާވާފަ ގްރޭޑް 12 އާ ހިސާބަށް ކިޔެވީ މާލެއަށް ފޮނުވައިގެންނެވެ. ޒިޔާދާއި ނީނާ ކިޔެވީ އާބިދާ މާލެގޮސް އިނދެގެންނެއް ނޫނެވެ. ނަމަވެސް ޝާހިދު ގްރޭޑް 10 ގާ ކިޔެވި އަހަރާ 12 ގައި ކިޔެވި އަހަރު އާބިދާ އޭނާގެ ލޯބިވާ ހިޔާވަހި ދޫކޮށް މާލެ ބަދަލުވާން ވެސް ޖެހުނެވެ. އެހެން ކުދީންނަށްވުރެ ވަކީން ބޮޑަށް ޝަހިދު ދެކެ ލޯބިވާތީއަކީ ނޫނެވެ. އެއީ އޭނާ އިނިއްޔާ ޝާހިދަށް ބޭނުންހާ ގޮތަކަށް އުޅޭން ނުކެރޭނެތީއެވެ.
އޭނަގެ ދަރިން ކިޔެވާން ތިބީ މާލޭގައި އެކުދީންގެ އަމިއްލަ ގޭގައެވެ. ކުދިން ބެލުމުގެ ކަންކަމާ ހަވާލުވެހެން ހުރީ އުމަރުގެ ކޮއްކޮ ސަކީނާއެވެ. ސަކީނާ މީހަކާ އިނދެގެން މާލެ ބަދަލުވާން ބޭނުންވީމަ، އެގެއާ ކުދިން ބަލަހައްޓުމުގެ ކަންކަން އޭނާއާ ހަވާލުކުރީ އުމަރެވެ. ސަކީނާގެ ހުންނަނީ ޝާހިދު އުމުރުގެ އެންމެ ފިރިހެން ދަރިއެކެވެ. އާބިދާނެތަސް ސަކީނާ އާބިދާގެ ދަރިން ބަލަނީ އަމިއްލަ ދަރީންތަކެއް ފަދައިންނެވެ. ނަމަވެސް ސަކީނާއަކަށް ޝާހިދު އެއްގޮތަކަށް ވެސް ނުބެލެހެއްޓުނެވެ. ނަތީޖާއެއްގެ ގޮތުން ފަހަރި އާބިދާއަށް ޝާހިދުގެ އޯލެވެލް އަހަރާއި އަދި އޭލެވަލްގެ ފަހުއަހަރު އައިސްދިނުމަށް އޭނާއަށް އެދޭން ޖެހުނީއެވެ. އަނެއްކޮޅުން ޝާހިދާ އެއްބައިވެގެން އޭނަގެ އަމިއްލަ ދަރި ޔާސިރު ވެސް އިބިލީހެއް ހުއްޓެވެ.
” މަންމާ….” ދަމާލާފަ މީހަކު އޭނާއަށް ގޮވާލުމުން އާބިދާ ދިޔައީ ސިހިގެންނެވެ. އޭރު ކައިރީގައި ޖޫސްތައްޓެއް ދިއްކޮށްގެން އެނާގެ ޅީދަރިފުޅު ޝާރުދާ ހުއްޓެވެ. މިއޮށް ހުރިހާ އަންހެނުންގެ ސަކަ މަޖާ ވާހަކަ ތަކުގެތެރެއިން އޭނާއަށް އެހެން ފިކުރުތަކެއްގެ ތެރެއަށް ގޮސް ގެއްލެވުނީ ކޮންއިރަކު ކަމެއްވެސް ނޭންގުނެވެ. އޭނާ އަވަސް އަވަހަށް ޖޫސްތަށީގައި ހިފައި ކޯވަރެއް ދަމާލުމަށްފަހު އަނެއްފަރާތު އުނދޯލިމަތީއިން އޭނާގެ މައިދާތަ އައިސާމަނިކެއަށް ބަލާލިއެވެ.
” މާމަ ބޭސްކެއީތަ؟” .. ޝާރުދާ ގާތު އޭނާ އެހާލިއެވެ.
” އޯ.. އަހަރެން ހަނދާނެއްވެސް ނެތް ؟ މި ދަނީ ހަމަ މިހާރު…” ޝާރުދާ ހިނގައިގަތުމުން އާބިދާ ބޯހޫރާލިއެވެ. ކަމެއް ޝާރުދާގެ ބޮލުން ނައްޓާލާނީ ވަރަށް މަދުފަހަރަކުއެވެ. އާބިދާ ވިސްނާލިއެވެ. މިއަދު ޝާހިދު އަންނާތީ ތައްޔާރުވާން މި އުޅެވެނީ އަނެއްކާ މާ ބޮޑަށް ބާވައެވެ؟ އެއޮށް ބޮޑު ގޭގެ ގޯތިތެރެ އެއޮތީ ރަކަކަ ޖަހާލާފައެވެ. ކެއުމަށް އިންތިޒާމް ކުރެވިފައިވާ ގޭގެ ކުރިމަތީ، މައި ގޯތީގައި އޭނާގެ ބޮޑު ދަރި ޒިޔާދު ބޮޑަކަށް ހުރެ ފިރިހެން ކުދީންތަކަކާއެކު އެތަން ޒީނަތްތެރި ކުރުމުގައި އެޅޭ އަޑުފައްގަޑުވެސް މިހާރު ވަރަށް ގަދައެވެ.
އާއެކެވެ. އަތައް އަހަރަކަށްފަހު ޝާހިދު ރަށަށް އެއްކޮށް ބަދަލުވަނީއެވެ. ދޯންޏެއްގައި 20 އަކަށް މިނެޓް ރާސްތާއެއް ހުންނަ އެމީހުންގެ ރިސޯޓުގެ މެނޭޖަރެއްގެ މަސައްކަތަށް ގެންނަނީއެވެ. ވަޒީފާ ރިޒޯޓުގައި އަދާކުރިޔަސް ޝާހިދު އުޅެން ހަމަޖެހިފައިވަނީ މި ރަށުގައި، މިގޭގައެވެ. އެމީހުންގެ ލާންޗުތަށް ވެސް ހުންނާތީ ރަށަށް އައިސް ރިޒޯޓަށް ގޮސް އުޅެން އެއްވެސް ދައްޗެއް ނެތެވެ.
ނަމަވެސް މިކަންވެސް ކުރަން މިޖެހެނީ ޝާހިދުގެ ނުގަބޫލުގައެވެ. އިނގިރޭސިވިލާތުން ކިޔަވައިގެން އައިތާ ދޮޅުއަހަރު ވީއިރުވެސް ހަރުދަނާކަމެއް ނުފެނުނެވެ. މާލޭގައި ހުންނަން ގަދަހެދީމަ އެތާ އޮފީސް ހިންގަން އޭނާގެ ބައްޕަ އޭނާ ބެހެއްޓީ ވަރަށް އުންމީދާއެކުއެވެ. އެކަމު ރައްޓެހިންނާއެކު ބައިސްކޯފަށް ގޮސް، ޕާޓީތަކަށް ދިއުން ގިނަވެ، އަދި އަންހެން ކުދީންނާ ހިތާވެ އުޅޭ ވާހަކަ ސަކީނާ ބުނުމާއެކު އުމަރު އަމުރު ކުރީ ވަގުތުން ރަށަށް އައުމަށެވެ. އޭނާ ގެންދިޔަޔަ ނުދިނުމަށް އެދި އާބިދާއާ ގުޅާ ޝާހިދު އެތަށް އާދޭހެއް ކުރިއެވެ. ދެން ރަނގަޅުވާނެކަމަށް ބުނެ ވައުދުވިއެވެ. ނަމަވެސް ޝާހިދު ވާ ވައުދަށްވުރެ ކަނޑުގައި އަޅާ ރޮނގުވެސް ގިނަވަގުތު އޮންނާނެއެވެ. އެހެންކަމުން “ބައްޕަ ހުރީ ވަރަށް ރުޅިއައިއްސަ ކަމަށާއި، މިކަމުގައި މަންމައަށް ދެން ކުރެވޭނެ އެއްކަމެއްވެސް ނެތް” ކަމަށް އާބިދާ ބުނީ އަދި ރަށަށް ގެނައިމާ ވެސް ޝާހިދު ބޭނުންކުރާނޭ އުކުޅުތަކާމެދު ވެސް ވިސްނަމުންނެވެ. ކޮންމެ ގޮތަކަށް އުޅުނަސް އުމަރުގެ އަމުރާ ހިލާފުވާކަށް އެއްވެސް ދަރިއަކަށް ނުކެރޭނެކަން އާބިދާއަށް އިނގެއެވެ.
ޝާހިދު އަންނަ ދުވަހު، މި ބޮޑު ޕާޓީ ދޭން ވިސްނީ ވެސް އޭނާގެ ޝައުގުވެރިކަން ކޮންމެވެސް ވަރަކަށް ރަށަށް އުފެއްދުމުގެ މަޤުސަދުގައެވެ. ފަހަރުގައި ޕާޓީތެރެއިން އޭނާގެ ރަށުގެ ގިނަ ބަޔަކާއެކު އެކުވެރިކަން ބަދަހިވެއްޖެ ނަމަ މޫޑު ބަދަލުވެދާނެ ކަމަށް ވެސް ބަލާފައެވެ. ކޮންމެ ގޮތެއްވިޔަސް ކަންވާނެ ގޮތެއް ޖެހޭނީ ބަލާން އިންނާށެވެ. އެއްކަމެއް ނޭންގުނަސް އާބިދާއަށް އިނގޭ އެއްޗަކީ ޝާހިދުގެ ބޯ ވަރަށް ހަރުވާނެކަމެވެ. އަދިވެސް މާލެ ދާން ގަދަހަދާނެކަމެވެ.
242 Comments
Comments are closed.
Imma is my name nice meet you second imma
Mi part vex varha reethi
Unmeedhu kuran next part kiyaalan libeeney kama
Maasha Allah mi part vx varah varah reethi…. Kuriah huri baithah vx shaugu veri vefa reethi vaane kamah ummeedhu kuran….