އައުޅެން
ބަދަލުވީ ޙަޔާތް
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ބައްދާލައި ބޮސްދީ ލޯބިކޮށް ހެދީމެވެ.
ދެހިތުގެ ޝުޢޫރުތައް ޙިއްސާ ކުރީމެވެ.
ވަޢުދާއި ހުވާގެ ބަސްތައް އަމުނާ ލެވުނެވެ.
އަނެކާގެ ރީތިސިފަތަކަށް ތަޢްރީފް ކުރެވުނެވެ.
ދިރިއުޅުން އެކަތިގަޑަކަށްހެދީ މުޅިއުމުރަށް އުޅުމަށެވެ.
ދިރިއުޅުމުގައި ދިމާވި ކަންކަން ހައްލު ކުރީމެވެ.
ދަރިން ހޯދައި ތަރުބިއްޔަތުކުރީ އެކުއެކީގައެވެ.
މީހެއްގެ އެސްފީނާ ޖެހުނީ މަތީއުމުރަށް ފަހުއެވެ.
ހަމަކުއްލިއަކަށް ފިރިމީހާގެ އުޅުން ބަދަލުވިއެވެ.
ގެއަށް ވަދެލަނީ ހާހަކުން ފަހަރަކުއެވެ.
ކުރިން ހުންނަ ކުލުނުވެރިކަން ނެތުނެވެ.
ބޭނުންވީ ޙަޔާތުގެ ބައްތި ނިއްވާލާށެވެ.
އަހަރެން ރޮއިހޭރި އާދޭސް ކުރީމެވެ.
ކުދިންގެ އާދޭހުގެ އަޑުވެސް ނީވުނެވެ.
ދެން އިވުނީ އެހެން ހަޔާތެއް ފެށި ޚަބަރެވެ.
އެކަންތައްވީ އަހަރެންގެ ނަފްސާނީބަލީގެ ފެށުމަށެވެ.
ކުދިންނަށް ނުބެލެހެއްޓޭ ހިސާބަށް ހާލަތު ދިޔައެވެ.
އެތަކެއް ދުވަހު ނަފްސާނީ ފަރުވާ ހޯދަން ޖެހުނެވެ.
ރަގަަޅުވެގެން އައި ދުވަހުފެނުނީ ގޮޑީގައި އިންމީހެކެވެ.
އަހަރެންނާއި ދިމާއަށް ފާޑަކަށް ބަލަނީއެވެ.
ގޮޑީގައި އިނީ އަހަރެންގެ ފިރިމީހާއެވެ.
ނުބައި އަންނެނަކު އަހަރެމެންގެ ހަޔާތަށް ވިހަލީއެވެ.
