Skip to content
އެސްފިޔަ

ޢީދު

މާމަލުގެ މީރު ހުވަނދުން، މުޅި ޖަށްވުގައި އަތަރުލާ

  މާތަކުގެ ފަރިއެރާނީ ،ބަނދެލައި އެޔަށް ވެދުންލާ

ރާގަށް ފެތޭނެ ގޮތުގައި، ޢީދަށް ޅެމެއް ގަތައިގެން

  ރާގަށް އެޅެން ކިޔާލުން، އެވަނީ އުފާ ކުރުމުގާ

މާގަސްތަކަށް ދިރުންލިބި، ވެފައޭވަނީ އެރޯޝަން

  މާޙައުލު އެކުއެކީގާ، ޢީދުގެ ޖަރީ އަޞަރުގާ

ހާމަވެ މިދާ މުނާސަބު، ފާހަގަކުރުން އަދައިގެން

 މާލަސްވެގެންމި ނުދަނީސް ޢީދުގެ ވެދުން ސަލާމާ

 

 

ވަކިވަކިން އެންމެންގެ ނަން ލިޔެފައި އަރިސް ނުކުރެވުނަކަސް

  ވަކިވަކިން އަރިހަށް ސިޓީއެއް ޢީދު ވެދުމަށް ނުލިޔުނަސް

ވަކިނުކޮށް ހުރިހާ ކަތުން ހިމެނޭނެހެން ލިޔަމޭ މިޅެން

  ވަކިތަފާތެއް ނުކުރަމޭ އެންމެން މިތާ ޝާމިލްވެގެން

އަރިއަހަށް ޢީދުގެ ވެދުން  އުފަލާ އެކީ ފޮނުވާލަމުން

  އަރިހުގައި ނުހުރެވުނަކަސް އުފަލުގަ އެކީ ބައިވެރިވަމުން

ތަރިތަކާ ޖަށްވާ ފަޒާ އެކުގައި ޡަނާތަށް އިއްވުމުން

  އައިކަމުން ޢީދުގެ އުފާ ބާރަކްމުބާދު އަރީސް ކުރަން

 

 

ޢީދު ހެޔޮ އެދުމާއެކީ ވެދުމާ ސަލާމްތައް ފޮނުވަމޭ

  ޢީދުގައި އުފަލާއެކީ ބައިވެރި މަވާކަން އަންގަމޭ

ޢީދު އައު ހެދުމާއެކީ ޒީނަތްވެގެން ހެވިފާތިބޭ

 ޢީދު ކުޅިވަރުތައް ފަށާ މަޖަލާއެކީ ކުރިއަށްދެޔޭ

ޢީދުގާ ވަކި މީހަކާ ވަކި ފަންތިއެއް ބެލުމެއްނެތޭ

 ޢީދުގާ އުފަލާ އެކީ އެންމެން އެކަކު ކަމުގާވެދޭ

 

 

 

ޢީދަށް އެހަނދު އެރީމާ، ލޮންސިން އެ އިރު އެރީމާ

  ޢީދުގެ މިތަހުނިޔާތައް، ފޮނުވަން އަވަސް ވެލީމާ

ޢީދުގެ ސަލާމްގަލާންކޮށް އުފަލުގަ ގުޅުން ބަދަހިކޮށް

  ޢީދަށް ވެދާނެ ގޮތުގައި ގުޅިގެން ކަތުން އެކީގާ

ޢީދަށް ހެދުން އަޅައިގެން ކުޅިވަރުތަކަށް ވެ ޙާޒިރް

  ޢީދަށް އެފޯރި ގަދަވާ ގޮތުގައި ދުވަސް ބަހާލާ