Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަކުޑަކުދިންގެ

ކާފަގެ ނަޞޭޙަތް

Queenquill Level 210 Stories100 Login
May 21, 2023 3 Mins Read
0 Comments

އީތަންއަކީ ޢުމުރުން 9 އަހަރުގެ، ވަރަށް ފަޤީރު ކުއްޖެކެވެ. އެހެނަސް ބަސްއަހާ އަޚްލާޤު ރަނގަޅު ކުއްޖެކެވެ. އީތަން ދިރިއުޅެމުން ދިޔައީ، މުސްކުޅިވެފައިވާ އީތަންގެ ބަލި ކާފަޔާއި އެކުގައެވެ. މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުން ކާފަޔަށް ހިނގެނީވެސް އަސައެއްގެ އެހީގައެވެ. އީތަން ސުކޫލަށް ދިއުމުން ކުދިންގެ މަލާމަތް ރައްދުވެއެވެ. އަދި ޖެއްސުންތަކުންނާއި އިހާނެތި ބަސްތަކުން އީތަން ރޮއްވާލައެވެ. އީތަންއަށް ޙަމްދަރުދީވެ އަޅައިލާނެ އެއްވެސް އެކުވެރިޔަކު ނުވަތަ މުދައްރިސަކު ވެސް ނެތެވެ. އީތަން އަބަދުވެސް މިކަމާއި ދެރަވެގެން ކާފަ ގާތުގައި ޝަކުވާކުރެއެވެ.

”  ފަހުން ލިބެން ހުރި ރަޙުމަތް ބޮޑީކަމަށް ވާނީ. ކެތްތެރިވޭ ދަރިފުޅާ. ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކު.” އީތަންގެ ކާފަ އަބަދުވެސް ބުނެއެވެ.

އެއްދުވަހެއްގެ ހަވީރެވެ. އީތަން އާއި އީތަންގެ ކާފަ ދިޔައީ އާދައިގެ މަތިން އަތިރިމަށްޗަށެވެ. ދިޔަ މަގުމަތީގައި ވަރަށް ތަނަވަސް ބޮޑު ގެއެއް ފެނުނެވެ. އެ ގޭގެ ރީތިކަމުން، އީތަން ހުއްޓިލައިގެން ހުރެ އެގެޔަށް ބަލަމުން ދިޔައެވެ.

“ދަރިފުޅާ..ކިހިނެއްވީ؟” އީތަންގެ ކާފަ ސުވާލު ކުރިއެވެ.

“ކާފާ އަޅުގަނޑުވެސް ބޭނުމީ މިކަހަލަ ރީތި ގެޔެއް. އެހެން ކުދިން ލައި ރީތި ގަމީސްތަކާ، އެކުދިން ކައި މީރު އެއްޗެހި ފެނުމުން އަޅުގަނޑު ދެރަވޭ. އަޅުގަނޑު ވެސް ބޭނުމީ މުއްސަނދި ދިރިއުޅުމެއް.” އީތަން ވަރަށް ދެރަވެލައިފައި ބުންޏެވެ.

” ހިނގާ ދަރިފުޅާ، ކާފަ ދަރިފުޅަށް ވާހަކައެއް ކިޔައިދޭނަން.” އީތަންގެ ކާފަ ހިނގައިގަންނަމުން ބުނެލިއެވެ. އީތަން ބަސްއަހައިގެން ކާފަޔާއި އެކުގައި ދިޔައެވެ. އަތިރީގައި ހުރި ޖޯއްޔެއްގައި އިށީންދެލަމުން ކާފަގެ ވާހަކަ ފެށިއެވެ.

” ދަރިފުޅަށް އިނގޭތަ ފަޤީރުކޮއެ އާއި ރަސްގެފާނުގެ ވާހަކަ؟” ކާފަ ސުވާލު ކުރުމުން އީތަން ބޯހޫރުވާލަމުން ނޫނެކޭ ބުންޏެވެ.

” އެއީ ވަރަށް ނުލަފާ ދަހި ރަސްކަލެއް. އެ ރަސްގެފާނުގެ ބޮޑު ގަނޑުވަރަކާ، ބައިވަރު ފައިސާޔާއި ރަންރިހި ވެސް ހުރޭ. އެކަމަކު ފަޤީރުންނަށް އެއްވެސް އެހީއެއް ނުވޭ. ދެން އެއް ދުވަހަކު އެ އަވަށަށް މި އަންނަނީ ވަރަށް ފަޤީރު މީހެއް..” ކާފަގެ ވާހަކަޔަށް ނުހަނު ސަމާލުވެގެން އީތަން އަޑުއެހިއެވެ.

” އެއީ ފަޤީރުކޮއެތަ؟” އީތަން ސުވާލު ކުރިއެވެ.

” އާން ދަރިފުޅާ. އެއީ ފަޤީރު ކޮއެ. ދެންމި ފަޤީރު ކޮއެ އެހީއަކަށް އެދިގެން ރަސްގެފާނުގެ އަރިހަށް ދިޔަ. އޭރު އޭނާ ހުރީ ބަޑުހައިވެ ހަކަތަ ނެތިފަ. ފަޤީރުކޮއެ ރަސްގެފާނުގެ ގާތަށް ގޮސް ކާނެ އެއްޗެއް ދެއްވާތޯ ސަލާން ޖެހި. އެކަމަކު އެއްކަލަ ނުލަފާ ރަސްގެފާނު ބުނީ، އޭނަގެ އަތުގައި ފަޤީރުންނަށް ދޭނެ އެއްވެސް އެއްޗެއް ނެތް ކަމަށް.” ކާފަގެ ވާހަކަ މެދު ކަނޑައިލީ ކެއްސަން ފެށުމުންނެވެ.

” ކާފާ، އެކަމަކު ކާނެ އެއްޗެއް ނުލިބެންޏާ ވާނީ މަރެއްނު.” ކުޑަކުޑަ އީތަން ބުނެލިއެވެ.

” ރަސްގެފާނު ކާނެ އެއްޗެއް ނުދިނުމުން ފަޤީރުކޮއެ ޖަންގައްޔަށް ގޮސް އެތަނުން މޭވާ ކަހަލަ އެއްޗެހި ކައި އުޅުނީ. އަދި ނިދީވެސް އެތަނުގަ. އެކަމަކު ދަރިފުޅަށް އެނގޭތަ. އެހާ ދަތި ޙާލުގައިވެސް ފަޤީރުކޮއެ ދުވަހަކުވެސް ޝަކުވާއެއް ނުކުރެ. އަދި އަބަދުވެސް ނަމާދުކޮށް ﷲއަށް ޙަމްދު ކުރޭ. ލިބިފައިވާ ނިޢުމަތަށް ޝުކުރުކޮށް ކެތްތެރިވޭ.” ކާފަ ހިނިތުން ވެލިއެވެ.

” އޭގެ ދުވަސްކޮޅެއް ފަހުން އެއްކަލަ ދަހި ރަސްގެފާނު ވަރަށް ބޮޑަށް ބަލިވެއްޖެ. އެކި ތަންތަނުން މޮޅެތި ބޭސްވެރިން ގެނެސްގެންވެސް ރަސްގެފާނު ރަނގަޅެއް ނުކުރެވުނު. ދެން ވީގޮތް އިނގޭތަ ދަރިފުޅާ؟” ޝައުޤުވެރިވެފައި އިން އީތަންގެ ކުރެން ކާފަ އަހާލިއެވެ.

” ދެންވީ ކިހިނެއްތަ ކާފާ؟” އީތަން އަވަހަށް އަހާލިއެވެ.

” ފަޤީރުކޮއެއަށް ރަސްގެފާނު ބަލިވެގެން އުޅޭ ޚަބަރު ލިބުމުން އެތަނަށް ދިޔައީ. އެދުވަހުވެސް، އެ ޙާލުގައިވެސް ރަސްގެފާނު ފަޤީރުކޮއެއަށް އެއްޗެހި ކިޔާ ފޮނުވާލަން އުޅުނު. އެކަމަކު ފަޤީރުކޮއެ އެދުނީ ބޭހަށް ބޭނުންވާނެ ތަކެތި ހޯދައި ދިނުމަށް. ފަޤީރުކޮއެ އަކީ މޮޅު ބޭސްވެރިއެއް ކަމަށް ބުނި. ދެން އެންމެފަހުން މި ރަސްގެފާނު އެއްބަސް ވުމުން ގަނޑުވަރުގެ ވަޒީރުން ބޭސް ހެދުމަށް ބޭނުން ވާނެ ސާމާނު ގެނެސް ފަޤީރުކޮއެއަށް ދީފި.

ﷲގެ ހެޔޮ ރަޙުމަތްފުޅުން، އެބޭސް ބޭނުން ކޮށްގެން ރަސްގެފާނު މުޅިން ބަލިން ރަނގަޅު ވެއްޖެ. ރަސްގެފާނު ވަރަށް ދެރަވެފައި ފަޤީރުކޮއެއާއި މެދު ކަންތައް ކުރެވުނު ގޮތުން މަޢާފަށް އެދުނު. އަދި އެހާމޮޅު ބޭހެއް ހެދީ ކިހިނެއްތޯ ސުވާލު ކުރި. ޖަވާބުގައި ފަޤީރުކޮއެ ބުނީ އޭނާގެ ބޭހަށް ބޭނުން ކުރީ ދުޢާ އާއި އީމާންތެރިކަން ކަމުގައި. އަދި ކޮންމެ މީހަކަށްވެސް ޝިފާ ދެއްވަވާނީ މާތްﷲ ކަމަށް.” ކާފަ ކުޑަކޮށް ވާހަކަ މެދުކަނޑައިލިއެވެ.

” އެންމެފަހުން އެ ރަސްގެފާނަށް ހެޔޮ ވިސްނުން ލިބި، ފަޤީރުންނަށް އެހީވެދީ އަޅުކަމުގައި ހުރިހާ ވަގުތެއް ހޭދަ ކުރަންފެށި. އެދުވަހު ރަސްގެފާނަށް ވިސްނުނު ހަޤީޤަތުގައި މުއްސަންޖަކީ އެ ފަޤީރު މީހާ ކަމާއި އެންމެ ބޮޑު ފަޤީރަކީ ރަސްގެފާނުކަން.” ކާފަ ފުން ނޭވާއެއް ބޭރުކޮށްލަމުން އީތަންއަށް ބަލައިލިއެވެ.

“އެކަމަކު ކާފާ..ފަޤީރަކު އަތުގައި އެއްވެސް އެއްޗެއް ނެތްއިރު ކިހިނެއް މުއްސަނދި ވާނީ؟” އީތަން ޙައިރާން ވިއެވެ.

” ދަރިފުޅާ. މުއްސަނދި ކަމަކީ ގިނަ ފައިސާތަކެއް ލިބުމެއް ނޫން. ޙަޤީޤީ މުއްސަންޖަކީ ﷲގެ ޙަޞްރަތުގައި ތަނަވަސް މީހާ. އެކަން ފުރިހަމަ ކުރެވޭނީ ﷲއަށް ފުރިހަމަޔަށް ކިޔަމަންވެ އެ ކަލާންގެ އަމުރުފުޅުތަކަށް ތަބާވެގެން. ފަޤީރުކޮއެ އެއްވެސް ޝަކުވާއެއް ނުކޮށް އޭނަގެ ޙާލަތައް ކެތްތެރިވެ ޝުކުރު ކުރީމަ ފަހުން ﷲ އޭނަޔަށް އެ ދެއްވެވީ ކޮންފަދަ ބޮޑު ނަޞީބެއް. ރަސްގެފާނުގެ ގިނަ އިނާޔަތްތައް ލިބި، ފުދި އިތުރުވެސްވި. ދަރިފުޅާ ދުނިޔެއަކީ ވަގުތީ ތަނެއް. މިތަނުގައި ކެތްތެރިވެ ޝުކުރުވެރިވާ އަޅުންނަށް ހެޔޮކަން ހުރި. އެހެންވީމަ ދަރިފުޅުވެސް ކެތްތެރިވެ، ލިބިފައިވާ އެއްޗަކާއި މެދުގައި ޝުކުރުވެރިވޭ. އިރާދުކުރެއްވިއްޔާ ދަރިފުޅަށް ބާއްޖަވެރި ޙަޔާތެއް ލިބޭނެ.” ކާފަގެ މި ނަޞޭޙަތް ހިތާއި ސިކުނޑިން ޤަބޫލުކޮށް، އެދުވަހަށް ފަހުގައި އީތަން ބަދަލު ވެއްޖެއެވެ. ޝަކުވާކުރުން މަދުކޮށް ޝުކުރުކުރުން ގިނަކޮށްފިއެވެ.

ފަރުޟު ފަސްނަމާދު ޤާއިމްކޮށް، ޤުރުއާން ކިޔެވުމުގައި އީތަން ވަގުތުތައް ހޭދަކުރިއެވެ. އެންމެފަހުން ރަނގަޅު ނަތީޖާ ލިބި މޮޅު ކުއްޖަކަށް ވެވުނެވެ. އެންމެން އިޙުތިރާމްކުރާ ހަރުދަނާ މީހަކަށް ވެވުނެވެ. އީތަންއަށް މިހާބޮޑު ކާމިޔާބީއެއް ލިބުނީ ކާފަގެ ނަޞޭޙަތް ޤަބޫލުކޮށް އެގޮތައް ޢަމަލު ކުރީތީއެވެ. ވީމާ ހުރިހާ ކުދިންވެސް މައިންބަފައިންނާއި، މުދައްރިސުން އަދި ހެޔޮއެދޭ އެންމެންދޭ ނަޞޭޙަތް ޤަބޫލު ކުރާށެވެ. ލިބޭ އެއްޗަކާއި މެދުގައި ޝަކުވާނުކޮށް ޝުކުރުވެރި ވާށެވެ. ބާއްޖަވެރިކަން ހުރީ އޭރުންނެވެ.

-ނިމުނީ-

Share Article

Follow Me Written By

Queenquill

Level 210 Stories100 Login

Tales of Heart...

Other Articles

Previous

ޢީދު

Next

ރަލިސް – 1 ވަނަ ބާބު

Next
May 21, 2023

ރަލިސް – 1 ވަނަ ބާބު

Previews
May 20, 2023

ޢީދު



All Right Reserved!