ރަލިސް – 1 ވަނަ ބާބު
އިރު އޭގެ ވާޖިބު އެންމެ ފުރިހަމައަށް އަދާކުރުމަށް ފަހުގައި އޮއްސެމުން ދިޔަ ވަގުތެވެ. އުޑުމަތިން ފެންނަމުން ދިޔައީ ތަފާތު އެތައް ހާސް ކުލަވަރެވެ. މަޑު ފިޔާތޮށި ކުލައަކާއި ގަދަ އޮރެންޖު ކުލައެވެ. ވިލު ނޫކުލައަކާއި، މަޑު ރީތި ފެއްސެކެވެ. ލޭ ރަތްކުލާގެ އިތުރުން އަދިވެސް އެތައް ކުލައެކެވެ. ނުހަނު ހިތްގައިމު މަންޒަރެކެވެ. އެހާމެ ހިތްފަސޭހަ މާޙައުލެކެވެ. މަޑުމަޑުން ދަނބުކުލައިގެ ކޮރަލިމް މާތައް ފޮޅެން ފެށިއެވެ. ރީތި ވިދުވަރަކާއި އެކުގައި މަލުގެ ކަރުގަނޑު އުޖާލާވެފައި ވެއެވެ. އެކަށް ފޮޅިލައި ފުރިހަމަވުމުން ދިއްލިފައި ހުރި ކޮރަލިމްގެ މާތައް ބަލައި ފޫހިނުވާނެ އެވެ. އެއީ ކޮންމެ ތާކުން ފެންނާނެ ހިތްގައިމު ކަމެއް ނޫނެވެ. އަދި އެހެން އެއްވެސް މާޙައުލެއްގައި ކޮރަލިމް މަލެއް ނުފޮޅޭނެކަން ޔަޤީނެވެ. އެމާ ފަރިވެ ފޮޅެނީ އޭގެ ޙައްޤު މަޤާމުގައެވެ. އާދެ! ވަންހަނާވެފައިވާ ރަލިސްގައެވެ.
އެއީ ބޮޑު ސަހަރެކެވެ. ޤުދުރަތުގެ ފުރިހަމަ މިސާލެކެވެ. ބިޔަ ފެހި ގަސްތަކާއި އެތައް ސަތޭކަ ވާދީއެއް ރަލިސްގައި ވެއެވެ. ބިޔަ ކަނޑަކާއި ބޮޑެތި ގާތައް ރަލިސްގެ ހިމާޔަތުގައި ދުރުދުރަށް ފެތުރިލާފައި ވެއެވެ. ވިލާތައް ކަފަމުން އުދުހޭ ބިޔަ ދޫނިތަކާއި އަސްތަކަކީވެސް ރަލިސްގެ ފާރަވެރިންނެވެ. ހުދުކުލައާއި މަޑު ފިޔާތޮށި ކުލައެއްގެ ވިދުން ހުންނަ ދުމަކުން ރަލިސްގެ މަލަމަތި އިތުރަށް ހިތްގައިމު ކުރުވައެވެ. އަދި ލޯތައް ޙައިރާން ކުރުވަނިވި އެތައް މަންޒަރެއް އެ ސަހަރުން ފެންނާނެއެވެ.
އޮއްސެމުން ދިޔަ އިރަށް ބަލަން ހުރި މަލިޝްގެ ގަދަ ފިޔާތޮށި ކުލައިގެ ރީތި ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެހިނދު އަޅި ކުލައިގެ އެރީތި ކަޅިރަވައަށް އިތުރަށް ވިދުން ގެނުވިއެވެ. ރޭގަނޑެއް ފަދަ ކަޅާއި ނުލުން ޖަރީވެފައިވާ މަލިޝްގެ ދިގު ފަން އިސްތަށިގަނޑު ނަށަމުން ދިޔައީ ޖެހިލާ މަޑު ވައިރޯޅި ތަކުންނެވެ. ބަލައި ފޫހިނުވާނެ ސޫރައެކެވެ.
” ރައު..” ކުރިމަތިން ނޫއަލިފާން ބޯޅައެއް ދަތުރުކޮށްލުމުން ވަށައިގެން ނަޒަރު ހިންގައިލަމުން މަލިޝްގެ ދޫ ހަރަކާތް ކޮށްލިއެވެ. ހީކުރިގޮތާއި ޚިލާފަށް އެއްވެސް މީހެއްގެ ހިލަމެއް ނެތުމުން ދެބުމަ ގާތްކޮށްލެވުނެވެ. ހަލުވިކަމާއި އެކުގައި މަލިޝްގެ އަތް ހަރަކާތްކޮށްލީ ހެދުމު ފަސްބައިން ނިވާކޮށްފައި އޮތް ކަނޑިޔަށެވެ. އެހިނދު ހިތްގައިމު ފިރިހެންވަންތަ ހިނިތުންވުމެއްގެ އަޑު އިވުނެވެ. ގަހުން ފުންމާލުމަށް ފަހުގައި އެ ޒުވާނާ އެ އަންނަނީ ސީދާ މަލިޝްގެ ގާތަށެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި އެރީތި ޒުވާނާ ހުރީ މަލިޝްގެ ކުރިމަތީގައެވެ. އެއީ އިސްކޮޅުން ދިގު، ހަންގަނޑު އޮމާންވެފައި ނުހަނު ދޮން ޒުވާނެކެވެ. ހުދުކުލައިގެ ފަން އިސްތަށިގަނޑު ކަނދުރާއަށްވުރެ ތަންކޮޅެއް ދިގެވެ. ވިލު ނޫކުލައިގެ ތޫނު ކަޅިރަވައެކެވެ.
“ރައުލް” ފަނޑު ހިނިތުން ވުމަކާއި އެކުގައި މަލިޝް ކުރިއެކޭވެސް އެއްފަދައިން ހަމަޖެހިލުމަށް ފަހުގައި ކަނޑި ތިރިކޮށްލިއެވެ.
” ލަޝްކަރީގެ ހިމާޔަތެއް ނެތި، ބާރުގަދަ އިތުރު ހަތިޔާރަކާ ނުލާ.. ގަނޑުވަރާ އެތައް މޭލެއް ދުރުގަ، ރަލިސްގެ ރާނީ ކީއްތޯ ތިޔަ ކުރައްވަނީ..؟” އެއްމިޔަ ކުނުން ހީލަމުން ރައުލް ސުވާލުކޮށްލިއެވެ.
” މިވަގުތު ތިގޮތައް މުޚާތަބު ނުކުރޭ! ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަހަރެން ބޭނުންވަނީ އެހުރިހާ ކަމަކާ ދުރުވެލަން..” ފައި ކައިރީގައި ފަރިވެފައި އިން ކޮރަލިމް މާ ބިނދެލަމުން މަލިޝް ވާހަކަ ދެއްކިއެވެ.
“އެކަމަކު..މަލިޝްއަށް ވެސް އެނގެން ވާނޭނު އެކަނި އައީމަ ވެދާނެ ގޮތް. އަޅެ އަހަރެން ކައިރީގަ ބުނެލި ނަމަވެސް…” ކުޑަކޮށް ހިތްހަމަނުޖެހުނުކަން ރައުލްގެ އަޑުން މަލިޝްއަށް ދޭހަވިއެވެ.
“ރައުލް ކައިރީ ބުނި ނަމަ ނާދެވޭނެކަން ޔަޤީންވާ އިރު ބުނުމުގެ ބޭނުމެއް ނެތޭނު..” ސީދާ ރައުލްގެ ލޮލަށް ބަލައިލަމުން މަލިޝް ބުންޏެވެ.
” އެކަނި ނުފޮނުވިޔަސް އަހަރެން މަލިޝް މިތަނަށް ގެނެސްދޭނަން ބުނެލި ނަމަ.. މަލިޝްއަށް ގޮތެއް ވާކަށް އަހަރެން ނޭދެން.. ދެންވެސް ފިލައިގެން ނާންނާތި..” ކަކުލަށް ވުރެވެސް ތިރީގައި ދިގުވެފައި އޮތް މަލިޝްގެ އިސްތަށިގަނޑާ ކުޅެލަމުން ރައުލް ވާހަކަ ދެއްކިއެވެ. މަލިޝް ހިނިތުން ވުމަކުން ފުއްދާލިއެވެ. އޭރު މުޅިން އިރުއޮއްސި އަނދިރި ވެއްޖެއެވެ. ދިއްލިފައިވާ ކޮރަލިމްގެ މާތަކުގެ އަލިފިޔަވާ އެތާގައި ހުރީ ރައުލްގެ އަތުގެ އިޝާރާތުން ފޮނުވަމުން ދިޔަ ނޫކުލައިގެ އަލިފާން ބޯޅަތަކެވެ. ނުހަނު ހިތްގައިމެވެ.
” ދެން ހިނގާ ދާން. ލަސްވެއްޖާ ލަޝްކަރު ނިކުމެ މަލިޝް ހޯދަން ފަށާނެ. އަހަންނަށް ދިނީ އެންމެ ގަޑި އިރެއް މަލިޝް ގަނޑުވަރާ ހަމަޔަށް ގެންދިއުމަށް” އެވަގުތު ރައުލް ތުބުން ފުމެލުމާއި އެކުގައި ހުދު ކުލައިގެ އަހެއް އައިސް ކުރިމައްޗަށް ތިރިވިއެވެ. އޭގެ ފިޔަގަނޑާއި ބޯތިރިކޮށް މަލިޝްއަށް އިޙުތިރާމު އަދާކުރިއެވެ.
“ކުޑައިރުން ފެށިގެން ރައުލް ރިލްއަށް އެހެން ހަދަން ދަސްކޮށްދިނީމައޭ އަދިވެސް އެކަން އެކުރަނީ..” ޝަކުވާގެ ރާގުގައި މަލިޝް ބުނެލިއެވެ.
” އެއީ ކޮންމެހެންވެސް ދަސްކޮށްދޭން ޖެހޭ ކަމެކޭ. ގުޑް ބޯއި..” ރިލްގެ ކަރުމަތީގައި އޮތް ބޯ ކެހެރިގަނޑުގައި އަތް ހިންގައިލަމުން ރައުލް ބުންޏެވެ.
” ކޮބާ މަލިޝްގެ އަސް..؟” ރައުލް ސުވާލު ކުރަމުން މުޅިތަން ވަށައިގެން ހޯދާލިއެވެ.
” ފޮނުވާލީ..އެހެން ނޫނީ އަހަރެން ހޯދަން ފަސޭހަ ވާނެތީ..” މަލިޝްގެ ޖަވާބު އެހުމަށްފަހުގައި، ރައުލް އަހުގައި ހަމަޖެހިލަމުން މަލިޝް އެރުމަށްޓަކާ އަތްތިލަ ދިއްކޮށްލިއެވެ.
“ކީއްވެ އަހަރެން ކުރިޔަށް އަރަންވީ؟” ސުވާލުގެ ނަޒަރުން ރައުލްގެ އަތަށް ބަލަމުން މަލިޝް ހުއްޓުނެވެ.
” ރަލިސްގެ ރާނީ ފަހަތުގައި ބައިންދައިގެން އަހަންނަށް ދަތުރު ކުރެވޭނެތަ. ރާނީ ގެންދަން ޖެހޭނީ ފުރިހަމަ އިއްޒަތާ ރައްކާތެރިކަމުގަ.” ރައުލްއަށް ރައްދު ދިނުމެއް ނެތި އެއަތުގައި ހިފައިލަމުން މަލިޝް އަހަށް އެރުމަށްފަހުގައި ހަމަޖެހިލިއެވެ. ލަގަނުގައި ހިފައި ލަތްކެއް ޖަހާލުމުން ރިލްގެ ވަރަގަނޑު ހުޅުވައިލަމުން ވައިގެ ތެރެޔަށް އުދުހިލިއެވެ. އެވަގުތުކޮޅުގެ ހިތްގައިމު ކަމުން މަލިޝްއަށް ލޯމަރާލަމުން، ރައުލްގެ މޭގައި ލެނގިލެވުނީ އިޙުތިޔާރުން ބޭރުގައެވެ. ނޭނގޭ ހަމަޖެހުމެއް ރައުލްއަށް އިޙުސާސް ކުރެވި، އެހިނދުކޮޅު އިތުރަށް ދިގު ދެމިގެން ދާން ހިތް އެދުނެވެ. ސިހިފައި ލޯ ހުޅުވައިލަމުން މަލިޝް ރައުލްއަށް ބަލައިލިއެވެ.
” އެއީ މައްސަލައެއް ނޫނޭ..” ރީތި ހިނިތުންވުމެއް ހަދިޔާކުރަމުން ރައުލް ބުންޏެވެ.
” އަހަރެން އެކަނި އައިސްގެން އެކަމުގެ ވާހަކަ ދެއްކިއިރު، ރަލިސްގެ ދެވަނަ ބާރުގެ ފުރަތަމަ އަމީރު އަވަށާ އެތައް ހާސް މޭލެއް ދުރަށް އައިސްގެން ތި އުޅެނީވެސް އެކަންޏޭނު..” ވާހަކަ ބަދަލުކޮށްލުމުގެ ނިޔަތުގައި މަލިޝް ބުނެލިއެވެ.
” ގަނޑުވަރަށް ސިޓީ ފޮނުވުނީމަ..އަހަރެން ބޭނުންވީ މަލިޝް ހޯދަން އަހަރެން އަންނަން. އެހެން ނޫނަސް އަހަންނަށް އަމިއްލެ ނަފްސު ހިމާޔަތްކުރަން ފަސޭހަވާނެ..” ރައްދުގައި ރައުލް ބުންޏެވެ.
” ބައްޕަގެ ހާލު ކިހިނެއް މިހާރު؟ މާދަން ބައްޕަ ގާތައް ދާންކަމަށް މި ހުރީ..” މަލިޝް އަނެއްކާވެސް ސުވާލު ކުރިއެވެ. ވިލާގަނޑެއްގެ ތެރެއިން ރިލްގެ ފިޔަގަނޑު ތަޅުވައިލީވެސް އެވަގުތުއެވެ. އެހިނދު ވިލާގަނޑު އެކި ދިމަދިމާއަށް ބެހިގެން ދިޔައެވެ.
” ރަނގަޅެއް ނޫން. މަލިޝްގެ ވާހަކަ އަބަދު ދައްކާނެ..ބައްޕަ ނެތް ދުވަހަކުން މަލިޝް އެކަނި ވާނެ ވާހަކަ..” ރައުލްގެ އަޑުގައި ވޭނެއް އެކުލެވިގެން ވިއެވެ.
” އަހަރެން އެކަންޏެއް ނޫން..ރައުލް މެންވެސް..” އަހުގެ ލަގަނުގައި އޮތް، ރައުލްގެ އަތުގައި ހިފާލަމުން މަލިޝްގެ އަޑަށް ހިމޭންކަން ގެނުވިއެވެ. ރިލް ގަނޑުވަރަށް ތިރިކޮށްލީ އެވަގުތުއެވެ. ކޮޅުކޮޅަށް ހޭލަމޭލިވަމުން ދިޔަ ލަޝްކަރުގެ މީހުންތައް އައިސް މަލިޝްމެން ވަށައިލައިފިއެވެ. ހުރިހާ އެންމެންވެސް ލޮންސި ތިރިކޮށް ފަޔާއި، އަތް ހިމޭންކުރުމަށް ފަހު މަލިޝްއާއި ރައުލްއަށް އިޙުތިރާމު އަދާކުރިއެވެ.
މާހިޔާ ދުވަމުން އައިސް މަލިޝްގެ އަތުގައި ހިފާލިއެވެ. މޫނާއި އިސްތަށިގަނޑުގައިވެސް ފިރުމަމުން ގެއްލުމެއް ލިބިފައި ހުރިތޯ ބެލިއެވެ.
“ކަމެއް ނުވެޔޭ ދައްތާ..” މާހިޔާގެ އަތުގައި ހިފާލަމުން މަލިޝް ބުންޏެވެ. މާހިޔާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. މާހިޔާ އަކީ ރަލިސްގެ ނުވަހާސް ވަނަ ރަސްކަމަށް، މަލިޝްގެ ބައްޕަ އިޙްތާމް އެރީން ސުރެވެސް އެގަނޑުވަރުގައި އުޅުނު ބާންދީންގެ އެންމެ އިސް ބާންދީއެވެ. މަލިޝްގެ މަންމަ، ރަނިކަމަނާ ރަހިމާނާ ނިޔާވުމަށްފަހު މާހިޔާ މަލިޝް ގެންގުޅުނީ އަމިއްލެ ދަރިޔަކު ފަދައިންނެވެ. އެހެންކަމުން އެދެމެދުގައި ވަނީ ލޯތްބާއި ކުލުނު އުފެދިފައެވެ.
” ކަމަނާ.. ތަނަކަށް ވަޑައިގަންނަވަނީ ނަމަ އަޅުގަނޑުމެންގެ ހިމާޔަތުގައި ދުރުވުން މުހިންމު..” ލަޝްކަރުގެ އިސްކޮށް ހުންނަ މުފްތީޙު އަކީ މާހިޔާގެ ފިރިމީހާއެވެ. އަދި ހަމައެހެންމެ މަލިޝްގެ ބައްޕަ އެންމެ އިތުބާރު ކުރި އެކަކެވެ.
” އެންމެން ހަމަޖެހުމަށް އަންގާ.. ކޮންމެ މީހަކުވެސް އެމީހެއްގެ މަސައްކަތަށް އެނބުރިދޭ..” މަލިޝް ގޮވާލީ އެންމެނަށް އަޑުއިވޭ ގޮތަށެވެ.
“ދައްތާ.. ރައުލްއަށްޓަކާ ކޮޓަރި ތައްޔާރުކޮށް..ފުރިހަމައަށް މެހެމާން ދާރީ އަދާކުރުމަށް ބުނޭ.. ރައުލް ދާނީ މިރޭގެ ނާސްތާއަށް ފަހުގައި ދޯ ރައުލް..؟” ރައުލްއަށް ބަލައިލަމުން މަލިޝް އަސްލުގައި ކުރީ ސުވާލެއް ނޫނެވެ. އެނިންމުމާ ރައުލް ދެކޮޅުހެދި ކަމުގައި ވީނަމަވެސް މަލިޝް ޢަމަލު ކުރީހީ އެގޮތަށެވެ.
” ވިދާޅުވި ގޮތެއް” ލާނެތް ހިނިތުން ވުމަކާއި އެކުގައި ރައުލް ޖަވާބުގައި އެހެން ބުނެލީ ގަސްތުގައި މަލިޝް ރުޅިއަރުވާލުމަށެވެ. މާހިޔާގެ މޫނުމަތިވެސް އެހިނދު އުޖާލާވިއެވެ.
” އަބަދު އެހެން ވާހަކަ ނުދައްކާށޭ ބުނާއިރުވެސް އަޑެއް ނީވޭނެ. ތިހެން ކަންތައް ތަކުރާރު ކުރާނަމަ އަދަބު ލިބިދާނެ..” ހަރުކަށިވާން މަސައްކަތް ކުރަމުން މަލިޝްގެ ނިއްކުރިއަށް ރޫ އަރުވާލިއެވެ.
” ކަމަނާ ހިތްޕުޅާވި ގޮތަކަށް އަދަބު ލިބިގަތުމަށް މިއަޅާ ތައްޔާރު..” މޭގައި އަތް އަޅާލަމުން ރައުލް ކުޑަކަކޫ މައްޗަށް އިށީންދެލިއެވެ. މާހިޔާގެ ހިނިގަނޑު މަތައެއް ނުވިއެވެ. އިތުރަށް ރުޅިގަދަވި ނަމަވެސް މަލިޝްއަށް ހެވުނީއެވެ.
” ހަމަ ދެން..” ރައުލްގެ ކޮނޑުގައި ޖަހާލަމުން ތެދުވުމަށް އެދުނެވެ.
ރައުލްއަށް މެހެމާންދާރީ އަދާކުރުމަށްޓަކައި، ރައުލްގެ ޚިދުމަތުގައި ތިން ބާންދީން ހަމަޖެއްސިއެވެ. ގަނޑުވަރުގެ އެންމެ ފެންވަރު ރަނގަޅު ކޮޓަރިއެއް ރައުލްއަށް ޓަކައި ތައްޔާރު ކުރިއެވެ. އެއީ ނުހަނު ބޮޑު ގަނޑުވަރެކެވެ. މުޅިއެކު ފަސްސަތޭކައަށް ވުރެ ގިނަ ކޮޓަރި ހުންނަ އިރު ސަތޭކަ ފަންގިފިލާ ހުރެއެވެ. އޭގެ ތެރޭގައި ތަނަވަސް ބަދިގެތަކާއި، ކައިކޮޓަރިތަކުގެ އިތުރުން، މުނިފޫހިފިލުވުމަށާއި ރަސްމިއްޔާތުތަކާއި، ޚާއްސަ ބައްދަލުވުންތައް ކުރިޔަށް ގެންދާނެ ބޮޑެތި ހޯލުތައް ހިމެނެއެވެ. ބިއްލޫރިޔާއި ޖަވާހިރުން ގަނޑުވަރުގެ ހައިބަތު އިތުރުކޮށްދެއެވެ. އަދި ގަނޑުވަރުގެ ތަޅުމުގައި ޖަހައިފައި ހުންނަ ސަންގުމަރުމަރުން ވެސް ގަނޑުވަރު އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ގަނޑުވަރުގެ ގޯތިތެރެވެސް ނުހަނު ހިތްގައިމެވެ. ރަލިސްގައި ހުންނަ ރީތި ފެހި ވިނައިން ގަނޑުވަރުގެ ބިން ފަޅުފިލުވައިދޭއިރު، ކޮރަލިމް މާތަކުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކޮރަލިމްގެ އިތުރުން ގަނޑުވަރުގައި ތަފާތު އެތައް ވައްތަރުގެ މާމެލާމެލި ހައްދައިފައި ވެއެވެ. ރީތި ފެހި ގަސްތައް ގިނަވެފައި ބަލައިލަން ހިތްގައިމެވެ. އަދި އެކި ހިސާބުގައި ހުންނަ ފެންއަރުވާ ވަޑާންތައް އެހާމެ ޗާލެވެ. ގަނޑުވަރުގެ މައި ދޮރު ކައިރީގައާއި، އެކި ސަރަހައްދުގައި އަބަދުވެސް ގާޑުން ތިބެއެވެ.
ރައުލްއަށް ޓަކައި ރޭގަނޑުގެ ނާސްތާ އިތުރަށް ފުރިހަމަކޮށްފައި ވެއެވެ. ރަލިސްގެ އެންމެ ފެންވަރު ރަނގަޅު ކާނާތަކުން ކައިމޭޒުމަތި ފުރާލައިފައި ވެއެވެ.އަދި އެކި ބާވަތުގެ ތަފާތު ޖޫހާއި ސަރުބަތުތަކެވެ. އޭގެ ތެރޭގައި އެ ސަހަރުގައި ހެދޭ، މީރު މޭވާތަކާއި ތަރުކާރިވެސް ހިމެނެއެވެ. ވިއްސަކަށް ފޫޓުގެ އެ ދިގު މޭޒުގައި ހުސް ޖާގައެއް ނެތެވެ. ކައި މޭޒުދޮށުގައި ހަމަޖެހިލަމުން، ރައުލް މާހިޔާއަށް ހިނިތުން ވެލިއެވެ. އަދި ނާސްތާ ވަރަށް ފުރިހަމަކަމަށް ބުނެ ތަޢުރީފު ކުރިއެވެ. މަލިޝްއާއި ރައުލްއަށް އިޙުތިރާމް އަދާކޮށްފައި ނޯކަރުން އެއް ފަރާތަކަށް ޖެހިލައި ހިމޭންވިއެވެ.
” ފަށްޓަވާ..” ރައުލް ބުމަ އަރުވާލަމުން އިޝާރަތް ކޮށްލީ ސުފުރާއަށެވެ.
“ރައުލް ފަށާ..ތީ މިރޭ އަހަރެންގެ މެހެމާނެއް” އަތުގެ އިޝާރާތުން ރައުލްއަށް ކާން އަންގަމުން މަލިޝް ޖޫސްތަށީގައި ތުން ޖަހާލިއެވެ. ރައުލް ކިޔަމަންތެރި ކަމާއި އެކުގައި ނާސްތާއަށް އިންސާފު ކުރަންފެށިއެވެ.
“ކަމަނާ ފަރިއްކުޅު ނުބަށްލަވަންތޯ؟” ރައުލް ކުޑަކޮށް ހިނިތުން ވެލަމުން ސުވާލު ކުރިއެވެ.
“ބަށްލަވާ..މަނިކުފާނުގެ ޚިދުމަތުގައި ނޫންތޯ އަޅުގަނޑު މި އިންނެވީ..” މަލިޝްވެސް ރައުލްއާ ސަމާސާ ކޮށްލިއެވެ.
” ބައްޕައަށް ފަރުވާކުރުމަށްޓަކައި ފޮނުވުނު ބޭސްވެރިޔާއަކީ، ރަލިސްގައި ހުރި އެންމެ ކުޅަދާނަ ބޭސްވެރިޔާ. އަދި މިހާރު ރަލިސްގައި ނުހުރޫތުގެ ބާރު ލިބިފައި ހުރި ހަމައެކަނި މީހަކީ ޠާރިކް” މޭވާ ފޮތި ކައިލަމުން މަލިޝް ބުންޏެވެ.
” ނުހުރޫތުން ވެސް ބައްޕަ ރަނގަޅު ވާނެ ކަމެއް ނޭނގެ. ޖަލިގުގެ ބާރު ގަދަކަމުން ބައްޕަގެ ޙާލުދަނީ ގޯސްވަމުން. އެ ހަނގުރާމާގެ ފަހުން މިވީ ހަތަރު އަހަރުތެރޭގައި ވެސް، ޖަލިގުގެ އަސަރު ހުރި ހިސާބުން ފައި އަދިވެސް އޮތީ ފިހިފަ. ބޭސްވެރިން ބުނަނީ އޭގެ ސަބަބުން ވިހަވެފައި ވަނީ ކަމަށް.” ރައުލް ވާހަކަދެއްކީ އުންމީދެއް ނެތިއެވެ.
” ޖަލިގު އެއީ ދިރުންތައް ނެތިކުރާ އެއްޗެއް. ނަޞީބެއް ބައްޕަގެ ގައިގައި އެ އެކީގައި ނުޖެހުނުކަން. އެ ނުލަފާ ރާކިން ޖަލިގު ދޫކުރި ގަޑީގަ ރައުލް އެތަނުގަ ނެތް ނަމަ އެދުވަހު ބައްޕަ ސަލާމަތް ނުވީސް..” ހަނގުރާމައިގެ ހަނދާންތަކުގެ ތެރެއަށް މަލިޝް ކުޑަކޮށް ގެއްލުނެވެ.
ޖަލިގަކީ ރަލިސްގެ ދުޝްމަނުންގެ ތެރެއިންވެސް އެންމެ ބޮޑު ދުޝްމަން ސަހަރު ކަމަށްވާ، އިޣޮޔާ މީހުންނަށް ލިބިފައިވާ ބާރެކެވެ. ނުހުރޫތުގެ ބާރަކީ ބަލިތައް ފަސޭހަކޮށް ޝިފާ ލިއްބައިދޭ ބާރެއް ނަމަވެސް އެއީ ވެސް މަރު ބައްޔަށް ފަރުވާއެއް ނޫނެވެ. ރަލިސްގެ އަހުލުވެރިންނަށް ތަފާތު ބާރުތައް ލިބިފައި ވާއިރު، ރައުލްއަށް ވަނީ އެންމެ ބާރުގަދަ އީތުރުގެ ބާރު ލިބިފައެވެ. މަލިޝްގެ ހަމައެކަނި ބާރުތަކަކީ ކިރަޚާން ކަނޑިޔާއި، ހިނދުކޮޅަކަށް މަޚުލޫޤުންގެ ލޯތަކަށް ވަންހަނާ ވުމަށް ލިބިފައިވާ ބާރެވެ. ކިރަޚާން ކަނޑިއަކީ ހަމައެކަނި ރަލިސްގެ ރަސްކަމުގައި ހުންނަ މީހަކަށް އުފުލޭ ކަނޑިއެކެވެ. އަދި އެކަނޑީގެ ހޫނުކަން ތޭރަ ފޫޓު ދުރުންވެސް ދުޝްމަނުންނަށް އިޙުސާސް ވާނެއެވެ. އަދިވެސް މަލިޝް ދަނީ ހަނގުރާމައިގެ އުކުޅުތަކާއި ކަނޑީގެ ބާރުތައް ފަރިތަ ކުރަމުންނެވެ.


