Skip to content
އެސްފިޔަ

ވެވުުނު ލޯބި

އާދައިގެ މަތިން މިއަދުވެސް އިރު ފެނުން މައްޗަށް ތޮޅެލީ ލައިބާ، ރާފިލް ގެ ހިޔާލުގައި އޮއްވައެވެ.ފަތިސް ނަމާދު ކުރީއްސުރެ ލައިބާ އެގޮތުގައި އޮންނަތާ މިހާރު 30 ހަކަށް މިނެޓު ވެދާނެއެވެ. އެހެންނަމަވެސް ތެދުވާހިތް ނެތީއެވެ. ކުއްލިޔަކައް އޭނާ އަށް ތެދުވަން މަޖުބޫރުވީ އެނާގެ މަންމަ ހަފީޒާ ދޮރުގަ ތަޅަން ފެށުމުންނެވެ.

ހަފީޒާ އަކީ ހީވާގި ކަނބަލެކެވެ. ފަތިހުގެ ހާލައް ހޭލާ ސަމަދު މަހަށް ދާންވާއިރަށް ސައިހަދާ ނިންމާނެއެވެ. ގޭތެރޭގެ މަސައްކަތުގެ އިތުރުން ދަރިން ތަރުބިއްޔަތު ކުރުމަށް ވެސް ހާއްސަ އަހައްމިއްޔަތެއެ ދޭނެއެވެ.

ކަންނެއް ކަމާއެކު އެނދުން ތެދުވެ ލައިބާ ހިނގައިގަތީ ދޮރު ހުޅުވަންނެވެ. ހަފީޒާ އައީ ފިހާރައަކަށް ދާން ލައިބާ އަށް ގޮވުމަށެވެ. ލައިބާގެ އަތަށް 50 ރުފިޔާ ދިނުމަށްފަހު މެންދުރަށް ކައްކަން ފިޔާ ކިލޯއެއް ގަންނަން ދިއުމަށް ބުންޏެވެ. އަވަހަށް ބުރުގާ އަޅައިގެން ލައިބާ ހިނގައިގަތީ ގެއާއި ފުދޭވަރަކައް ދުރުގައި ހުރި ވޭލާ މާރޓަށެވެ.

ދިޔަ މަގުމަތީގައި އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާ ޒޭނާ އާއި ދިމާވިއެވެ. ދެމީހުން އެއްކޮން ހިނގަމުން ދަނިކޮން ޖެހިގެން އޮތް ގޯޅިން ބައިސްކަލެއްގައި ނިކުތް ރާފިލް ފެނި ލައިބާ އަށް މަޑު ޖެހެވުނެވެ. މިތަން ފެނި ޒޭނާ އަށް ހީގަނެވުނެެވެ. ލައިބާ ލަދު ގަންނަވާލުމަށް ޒޭނާ ރާފިލް އަށް ގޮވާލާ ހާލު އަހާލިއެވެ. މި ހުރިހާއިރު ލަިބާ ހުރީ އިސްޖަހައިގެންނެވެ.

ރާފިލް ދިއުމުން ދެކުދިން ފިހާރައަށް ގޮސް ފިޔާ ގަނެގެން ގެޔަށް ދިޔައެވެ. ދެކުދިން ހިނދު ކޮޅަކާ ކޮންމެވެސް ވާހަކަ އެއް ދައްކާ ހީ ސަކަރާތް ޖަހަމުންނެވެ.

ލައިބާ، ޒޭނާ އަދި ރާފިލް އަކީ އެއް ކުލާހުގައި ކިޔަވަމުންދާ ތިން ކުދިންނެވެ. ރާފިލް އަކީ ސަކަ މިޒާޖެއްގެ ކުއްޖެއްކަމުން ކުލާހުގައި އެނާގެ ކަމަކީ ކުދިންނައް ކުދި އުނދަގޫ ތައް ކުރުމެވެ. މިހެން އުޅެމުން ގޮސް ލައިބާ އަށް ވެސް އުނދަގޫ ކޮއްލައެވެ. އޭނާގެ ފެންފުޅި ފޮރުވުމާއި، އިސްތަށިގަނޑަށް ދެމުމެވެ. ނަމަވެސް ރާފިލް އަށް ނޭނގުނު ކަމަކީ ރާފިލްގެ މި ކަހަލަ އަމަލުތަކުގެ ސަބަބުން ނޭނގިނަމަވެސް އޭނާއަށް ލައިބާގެ ހިތް ލެބެމުން ދާ ކަމެވެ.

ޒޭނާ އާއި ލައިބާ އަކީ އެންމެ ކުޑަ އިރުއްސުރެ ބެސްޓު ފުރެންޑްސް އެވެ. އެހެންކަމުން ލައިބާ އަށް މި އަންނަމުންދާ ބަދަލް ތައް ދެނެގަންނާކަށް ޒޭނާ އަށް އުނދަގުލެއް ނުވިއެވެ. ޒޭނާ މި ކަމާ ބެހޭގޮތުން ސުވާލު .ކުރުމުން ލައިބާ ގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނެވެ

އާ ދުވަހަކަށް އިރު އަރައިފިއެވެ. ލައިބާ ހުރީ ލޯގަނޑު ދޮށުގައި އިސްތަށިގަނޑު ގަތަންނެވެ. އޭނާގެ ސިކުނޑީގައި ވަށާލެވިފައިވަނީ ރާފިލް ގެ ހިޔާލު ތަކެވެ. ދުވަހަކީ ބަންދު ދުވަހެއް ކަމުން ލައިބާ ތައްޔާރު މި ވަނީ ޒޭނާ އާ އެކު އަތިރިއަށް ދިއުމަށެވެ. ލައިބާ ބަލައިން އެ ގެޔައް ވަތް ޒޭނާ އަށް ލައިބާ މި ހުރި ގޮތް ފެނި ޕޮއް ކިޔާ އޭނާ ސިއްސުވާލިއެވެ.

ޒޭނާ ގެ މި އަމަލުން ލައިބާ ފަހަތައް ނުވެއްޓުނީ ކިރިޔާއެވެ. ލައިބާ ޒޭނާ އަށް ކުދި ކިޔާލިއެވެ. ކުއްލިޔަކަށް ޒޭނާ ގެ މޫނަށް ސީރިޔަސް ކަން ގެނެސް ރާފިލްއާއި ބެހޭގޮތުން ލައިބާ އާ ސުވާލުތައް ކުރަން ފެށިއެވެ. މިފަހަރު ދެން ސަލާމަތް ނުވެވޭނެއޭ ހިތައް އަރާ ލައިބާ އޭނާގެ ސްޓަޑީ ޓޭބަލް ގެ ވަތް ގަނޑު ހުޅުވާ އޭގެން ޑައިރީ އެއް ނަގައި ޒޭނާ ގެ އަތައް ދިނެވެ.

ޑައިރީގައި:

ގުރޭޑު 8 ގެ ފަހު ޓާރމު ފެށުނު ފުރަތަމަ ދުވަހުއްސުރެ މި ހިތުގައި ނޭނގޭ ޖަޒުބާތެއް އުފެދިއްޖެއެވެ. އަހަރެންނަށް މި ވަމުންދާގޮތް ހުދު އަހަންނަށްވެސް ނޭނގެއެވެ. މިއަދާހަމައަށް ރާފިލް އަކީ އެކުވެރިއެއް ކަމަށް ދެކެވުނު ނަމަވެސް މިއަދު އޭނާ ފެންނަ އިރަށް އަހަންނަށް މިވާ ގޮތަކީ މީގެ ކުރިން ވީ ގޮތެއް ނޫނެވެ.

އަބަދުވެސް އޭނާ ފެންނަ ހިސާބުގައި ހުންނަން އެދެވެއެވެ. އޭނާ ނުފެންނަ ދުވަހެއްގައި އަހަރެންގެ މޫޑު ރަނގަޅެއް ނުވެއެވެ. އެހެންނަމަވެސް އެނާގެ ކައިރީގައި ހުންނަން ވެއްޖެނަމަ އަތްފައި ފިނިވެ ހިތް އަވަސްވެއެވެ.އޭނާ އާ ވާހަކަ ދައްކަން ހިތް އެދެވެއެވެ. ނަމަވެސް އޭނާ ކަިރިއަށް ދެވޭހިނދު ދައްކާނެ ވާހަކަ އެއް ނޭނގެއެވެ.

އަހަރެންނަށް މި ވަނީ ކީއްހެއްޔެވެ? މި ސުވާލާމެދު ވިސްނާ ވިސްނާވެސް މި ސިކުނޑިއަށް އަންނަނީ ހަމަ އެންމެ ޖަވާބެކެވެ. އެކަމް މި ހިތް އެ ޖަވާބު ގަބޫލު ކުރަން އުޒުރުވެރިވެއެވެ.

މި ހިސާބަށް ކިޔާ ނިމުނު އިރު ޒޭނާ އަށް އިނީ އޭނާގެ ޝައްކު ޔަގީންވެފައެވެ.

.ލޯތްބަކީ މީ! ޒޭނާ އަށް ބުނެވުނެވެ

ލައިބާ ބޭނުންވީ މި ލޯބި އޭނާގެ ހިތުގައި ފޮރުވާށެވެ. މި ލޯތްބާހެދި ރާފިލް އާ އޭނާ އާ ދެމެދު އޮތް ރަހުމަތްތެރި ކަމަށް އެއްވެސް ބުރޫއެއް ނާރަންނެވެ. އެހެންނަމަވެސް ރާފިލްގެ ހިތުގައިވެސް ވަނީ އެހެންކަމުގައި ވަނީނަމަ ކިޔަވާ ނިމުމުން ގުޅޭށެވެ.

ނިމުނީ