އައުޅެން
ޙަޔާތުގެ ނައު
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ޙަޔާތުގެ ނައު ބެހިގެން ދިޔަ ނުދޭށެވެ.
ޙަޔާތުގެ ކޮންމެ ހިނދުކޮޅެއް ނުހަނު އަގުބޮޑެވެ.
ކޮންމެ ދުވަހަކު އެތައް ފުރުސަތެއް ލިބެއެވެ.
ރާޅު ނަގާވަގުތު ދުވެލި މަޑުކޮލާފައި ކުރިއަށް ދެއެވެ.
ގަދަކަނޑު ހުރަސްކޮށްފައި ދޯނި މަންޒިލަށް އާދެއެވެ.
ޙަޔާތުގެ ނައު އޮޔާދިޔަދެނީ ކީއްވެހެއްޔެވެ.
އީމާންކަމުގެ ނޫރުން ހިތްފުރާލާށެވެ.
ދިމާވާދަތިތަކަށް ކެތްތެރިވުމުގެ ބާރުލިބޭނެއެވެ.
ކުރިމަތިވާ ކޮންމެ ކަމަކީ އިމްތިޙާނެއް ކަމުގައިދެކޭށެވެ.
ފާސްވެއްޖެނަމަ ކާމިޔާބު ލިބުނީއެވެ.
ކޮންމެ ކަމެއްގެފަހަތުގައި އެތަކެއް ސިއްރުފޮރުވިފައިވެއެވެ.
އެންމެ މޮޅުގޮތް ދެނެވޮޑިގެންވަނީ ﷲ އެވެ.
ﷲގެ ރަޙުމަތްފުޅު ތަނަވަސް ވެގެންވެއެވެ.
