Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 18

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
August 29, 2022 9 Mins Read
1 Comment

ނަމަވެސް، މިލާންއަށް ނޭނގުނު ކަމަކީ މި ސަތާރަ ގަޑިއިރަށް ފަހު، އޭނާގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހޭނެ ކަމެވެ. އޭނާގެ މުޅި ޙަޔާތް ބަރުބާދުވެގެން ދާނޭ ކަމެވެ. މި ހުރިހާ ދުވަހަކު ޔައިނާއަށް ކުރި އިތުބާރާއި، ޔައިނާއަށްޓަައި އެ ހިތުގައި ވީ ފުން ލޯބި ވަޅުލާ، ކަފުން ކުރަން ޖެހޭނެ ކަމެވެ. ޔައިނާއާއި އެކީ ހޭދަވި ފަސް އަހަރު ދުވަހުގެ ދިގު ދަތުރު މާޒީގެ އަނދުރު ޞަފްޙާތަކަކަށް ވެގެން ދާނޭ ކަމެވެ. ބޯމަތިވާން އުޅޭ ތޫފާނުގެ ބާރު ހުރި މިންވަރު ނޭނގި، މިލާންގެ ދިޔައީ އޭނާގެ ހިތުތެރޭގައި އެތަކެއް ޚިޔާލީފޮލާތަކެއް ކައްކަމުންނެވެ. ޔައިނާއާއި އެކީގައި ދިރިއުޅުމުގެ ބާކީ އޮތް ބައި ހޭދަކުރާނެ ގޮތުގެ ވާހަކަ ލިޔަމުންނެވެ. ކައިވެނީގެ މަތިވެރި ގޮށުން އެ ގުޅުމުގައި ގޮށް ޖަހާނޭ ކަމަށް ހިތާހިތުން ވަޢުދު ވަމުންނެވެ. ނަމަވެސް……

*** ** ***

“މެރިޑާ…” ޔައިނާގެ އެޕާރޓްމެންޓަށް ވަދެގެން އައި ޝިޔަލް ގޮވައިލިއެވެ. “ސާބަސް.. ދެން ތިހެން ކިޔުން ހުއްޓާލަން ވެއްޖެ އެއްނު..” ޝިޔަލްގެ އަޑަށް ފޮތް ކިޔަން އިނދެފައި ޔައިނާ ކޮޓަރިން ނުކުތެވެ. “ހަހާ. ނުހުއްޓާނަން.. ތީ ހަމަ އަބަދުވެސް މަގޭ ޕްރިންސެސް މެރިޑާ..” ޝިޔަލް ޔައިނާގެ ކޮލުގައި ހިފާލިއެވެ. “ހަހާ އޭ ތިޔެއް ނޫނޭ.. ކީއްކުރާށޭ ތި އައީ..؟’ ޔައިނާ އެއްސެވެ. “އިޓްސް ޕިއްޒާ ޓައިމް..” އަތުގައި ހުރި ޕިއްޒާފޮށިތަކާއި، ދެ ކޯކު ފުޅި ދައްކާލަމުން ޝިޔަލް ބުނެލިއެވެ. “މިގަޑީގަ..؟” ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލައިލަމުން ޔައިނާ އެއްސެވެ. “ހޫމް.. ކީއްތަވީ..؟ ކާން ބޭނުންވީމަ ނޯންނާނެ ވަކި ގަޑިއެއް..” ގެނައި ޕިއްޒާ ދެފޮށި ހުޅުވާލަމުން ޝިޔަލް ބުނެލިއެވެ. “އަޅެ ދެން އެކަމް.. ދެންމެ ހަމަ މި ކެއީ..” ޔައިނާ ބުނުމާއި އެކު ޝިޔަލްގެ މޫނުމަތީގެ ކުލަ އޮއްސުނެވެ. ޔައިނާ އެ ޕިއްޒާ ނުކެޔަސް، ކޯކުފުޅި ނުބޮއެފިއްޔާ އޭނާގެ މޮޅު ރޭވުން އެކީ ފެނަށް ވެގެން ދާނެއެވެ. އެހެން ވެގެން ނުވާނެއެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް، ޔައިނާއަށް އެ ދޭން ޖެހޭނެއެވެ.

“ދެން އަޅެ މަ ހަމަ އެހާ ލޯބިން ޕިއްޒާ ގެނެސްދިނީމަވެސް ހަމަ ނުކާނަންތަ..؟ ޕްލީޒްޒް.. ދެން ދެމީހުން ވަކިވާކަށްވެސް ނެތެއްނު މާކަ ގިނަ ދުވަހެއް.. ޕްލީޒް ޔައީ ޕްލީޒް..” ޝިޔަލް އާދޭސްކުރަން ފެށިއެވެ. “ދެން މިރޭ ދޯ.. އިހަށް ފްރިޖުގަ ބަހައްޓާ..” ޔައިނާ ބުނެލިއެވެ. “ދެން އަޅެ ޕްލީޒް ޔައީ.. ހިނގާބަ ކާލަން.. ޔައިއަށް މީރުވީމަ ޕައިނެޕްލްވެސް އަޅައިގެންނޭ ގެނައީ.. މަށަށް ކިތަންމެ ނުބަޔަސް..” ޝިޔަލް އުޅެމުން ދިޔަ ގޮތުން ޔައިނާ ހައިރާން ވިއެވެ. ޕިއްޒާ ފޮއްޗެއް ނުކައިގެން މީހަކު މިވަރަށް އާދޭސް ކުރާ ތަން މި ފެނުނީ އަދި އަލަށެވެ. އެހެންޏާ ނުފެންނަ ސިފައެް ޝިޔަލްގެ ކިބައިން ފެނުމުން ޔައިނާ ހުރީ ހަމަ ހައިރާންވެފައެވެ. “ޔަލް.. ޔޫ ސީރިޔަސްލީ އޯޑަރޑް ޕައިނެޕަލް ޕިއްޒާ..؟” ޔައިނާއަށް އަހައިލެވުނީ މީގެ ކުރިންވެސް ޕިއްޒާ ގެންނަ ކޮންމެ ފަހަރަކު އޭނާ ޕައިނެޕަލް ޕިއްޒާ ގެންނަން އުޅޭތީ ޝިޔަލް ދެކޮޅު ހަދާ ވަރުންނެވެ. “ޔެސް.. ޖަސްޓް ފޯރ ޔޫ..” ޔައިނާއަށް އެއްފޮތި ދިއްކޮށްލަމުން ޝިޔަލް ބުނެލިއެވެ. “ޝުއަރ…” ކިތަންމެ ވަރަކަށް ކިޔަކަސް، ޝިޔަލް ކުރު ނުކުރާނެކަން އެނގޭތީ ޔައިނާ އެ ފޮތީގައި ހިފީ މި ކުރެވެނީ އޭނާގެ މުޅި ދުނިޔެ ހުއްޓުމަކަށް އަންނާނޭ ވަރުގެ ކަމެއްކަން ނޭނގޭ ޙާލުގައެވެ. ޔައިނާ އެ ފޮތި ނަގާ، ކާން ފެށުމުން ޝިޔަލްގެ ތުންފަތަށް ވެރިވީ މަކަރުވެރި ހިނިތުންވުމެކެވެ. ދެވަނަ ޕިއްޒާއިން ފޮއްޗެއް ނަގައި، ޝިޔަލްވެސް ކާން ފެށީ ޔައިނާއަށް އެއްވެސް ޝައްކެއް ކުރެވުނަ ނުދިނުމަށެވެ.

“ޔަލް.. ހާދަ ފާޑެއްގެ ރަހައެއް އެބަ ލައޭ ކޯކުގަ..” ޕިއްޒާ ފޮއްޗެއް ކައިލުމަށްފަހު، ކޯކޮޅެއް ބޮއެލާފައި، ޔައިނާ އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ. “ލާތަ..؟ މަށަކަށް ނުލާ..” ޔައިނާގެ ވާހަކައިން ކުޑަކޮށް ހާސްވެފައި އިނދެ ޝިޔަލް ބުނެލިއެވެ. “އަނެއްކާ އެކްސްޕަޔަރ ނުވެ ހުރިކަން ޔަގީންތަ..؟” ޔައިނާ އެއްސެވެ. “އާއެކޭ.. މަވެސް ދެން އެވަރު ބަލާނު.. ޖަސްޓް އެންޖޯއި..” ޝިޔަލްގެ އެދުމަށް ދެކޮޅު ހަދަން ނުކެރުމުން ޔައިނާވެސް ކޯކުފުޅި ބޯން ފެށިއެވެ. ޔައިނާ ކަމުން ދިޔަ ތަން ބަލަން އިން ޝިޔަލްގެ ތުންފަތުގައިވީ މަކަރުވެރި ހިނިތުންވުމެކެވެ.

*** ** ***

ފެންވަރާ، ތާޒާވެލައިގެން ފާޚާނާއިން ނުކުތް އަފާން ހުރީ ހަމައެކަނި ތުވާއްޔެއް އަނދެގެންނެވެ. އިތުރު އެއްވެސް އަންނައުނެއް ހަށިގަނޑުގައި ނުވާ އިރު، އެ ފިރިހެންވަންތަ، ކަސްރަތީ ހަށިގަނޑު ވަނީ ހާމައަށެވެ. ތެތްކޮށް އޮތް ފަންފަން އިސްތަށިކޮޅުން ފައިބަމުން ދިޔަ ފެންތިކިތަކުން އަފާންގެ ދެކޮނޑު ދިޔައީ ތެމެމުންނެވެ. އިސްތަށިގަނޑުގައި ހުރި ފެންތައް ފޮޅާލަމުން އަފާން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. އޭރު އަފާންގެ ގައިން ދުވަމުން ދިޔަ މީރު ޝަވަރޖެލްގެ ވަސް ވަނީ މުޅި ކޮޓަރި ތެރޭގައި ހިފާލާފައެވެ. ލޯގަނޑު ކުރިމަތީ ހުރެފައި، އަފާން މިރޭ އޭނާ ލުމަށް ޚާއްސަކޮށްފައިވާ ކަޅު ކުލައިގެ ގަމީހާއި ކަޅު ކުލައިގެ އޮފީސް ފަޓުލޫނު ލިއެވެ. އެއަށްފަހު މޫނު ރީތިކޮށްލުމަށްފަހު، އިސްތަށިކޮޅުވެސް ކްރީމްގެ އެހީގައި ތަރުތީބުކަމާއި އެކު އޮމާން ކޮށްލިއެވެ. ކަޅުކުލައިގެ ހިމަ ޓައީ ކަރުގައި އަޅާލަމުން އަފާން މުޅި ގަޔަށް ބޮޑީ ސްޕްރޭ ޖަހައިލިއެވެ. އެންމެ ފަހު ކަމަކަށް އަތުކުރީގައި ރިހި ކުލައިގެ އަޑި އަޅާލަމުން އަފާން އޭނާގެ ފޯނާއި، ކާރުގެ ތަޅުދަނޑި ހިފައިގެން ކޮޓަރިން ނުކުތެވެ.

ގެއިން ނުކުންނަމުން އަކްމަލްއަށް ގުޅާލާފައި މި ދަނީކަމަށް އަފާން ބުނެލިއެވެ. ފޯނުކޯލް ކުރުކޮށްލަމުން އަފާން ގޮސް ކާރަށް އެރިއެވެ. ކާރުގެ ލޯގަނޑުކޮޅުން ފަހު ފަހަރަށް އަމިއްލަ ސޫރައަށް ބަލައިލަމުން އަފާން އިސްތަށިކޮޅު ރީތިކޮށްލިއެވެ. “ސޯ ހޭންސަމް..” ހުސްވެސް އެއްވަރުގެ ފޮނި މީހުންނެވެ. މިލާންއެއް އަފާންއެއް ކިޔާނެ ކަމެއް ނެތެވެ. ލިބިފައިވާ ރީތިކަމާއި، ފިރިހެންވަންތަކަމާއި ދޭތެރޭގައި ފަޚުރުވެރިވާ މީހުންނެވެ. ނަމަވެސް، ތަފާތަކީ އެއިން އެއްވެސް ކަމަކާއި ބޮޑާވެ، ކިބުރުވެރިވުމުގެ ސިފައެއް އެމީހުންގެ ނެތް ކަމެވެ.

ކާރު ދުއްވާލި އަފާންގެ މިސްރާބު ހުރީ ހޮސްޕިޓަލާއި ދިމާއަށެވެ. އެއްވެސް ޚިޔާލެއް، ފިކުރެއް ނެތި، ކާރު ދުއްވަމުން ދިޔަ އަފާންއަށް ކުއްލިއަކަށް ބުރަކި ޖައްސައިލެވުނީ ފެނުނު މަންޒަރަކުންނެވެ. ދެންމެ އެ ފެނުނީ ރަނގަޅަށްކަން ޤަބޫލު ކުރަން އުނދަގޫ ވުމާއި އެކު، އަފާން ކާރު ހުއްޓައިލިއެވެ. ސީޓްބެލްޓް ނައްޓައިލުމަށްފަހު، ކާރުން ފައިބާ އަފާން ހިނގައިގަތީ ކުރިއަށެވެ.

ތެޅިފޮޅެމުން ގެއިން ނުކުތް ޒާރާ އަވަސްއަވަހަށް ގޮސް ސައިކަލަށް އެރިއެވެ. ނަމަވެސް، އޭނާގެ ނަސީބުވެސް ދެރައީއެވެ. ސައިކަލުން ވަނީ ޕެޓްރޯލް ހުސްވެފައެވެ. މިއަދު މެންދުރު ސައިކަލަށް ޕެޓްރޯލް އަޅަން ދާން އުޅެފައިވެސް އޭނާ ހަނދާން ނެތުނީއެވެ. ދެން ސައިކަލަށް ޕެޓްރޯލް އަޅައިގެން ގަޑި ޖެހުމުގެ ކުރިން ދެވޭނެ ގޮތެއްވެސް ނެތެވެ. “އާހްގްގް.. ޕިސް ޕިސް.. އަޅެ ދެން މިކަހަލަ ވަގުތުތަކުގަ މިކަހަލަ ކަންތައްވެސް ވާނީ.. ވަރަށް ފޫހިވޭ..” ކުދި ކިޔަމުން ޒާރާ ސައިކަލުން ފޭބިއެވެ. އެއަށްފަހު، ފޯނު ނަގައި، ޓެކްސީ ސެންޓަރަކަށް ގުޅޭތޯ މަސައްކަތް ފެށިއެވެ. ނަމަވެސް، ވަގުތުގެ ގޮތުން މިގަޑީގައި ޓެކްސީއެއް ހޯދުމަކީވެސް ފަސޭހަ ކަމެއް ނޫނެވެ. ހިނގާފައި ހޮސްޕިޓަލާއި ހަމައަށް ދާން ވެއްޖެ ނަމަ ގަޑި ޖެހޭނެކަމާއި ދޭތެރޭ އެއްވެސް ޝައްކެތް ނެތެވެ. އިތުރު ގޮތެއް ނެތުމުން ޒާރާ މަގުމަތިން ޓެކްސީއެއް އަތުޖެހޭތޯ އުޅުނެވެ.

“އެހެމް އެހެމް..” ކައިރިން މީހަކު ކަރުކެހެލި އަޑަށް ޒާރާއަށް ބަލައިލެވުނެވެ. އެވަގުތު ކައިރީގައި ހުރީ މިވަގުތު އޭނާ ދިމާވާން އެންމެ ބޭނުން ނުވެފައި ހުރި ފަރާތެވެ. ތަޤުދީރުގެ ނިޔާ ހަމަ އެހާވެސް މޮޅީއޭ ޒާރާގެ ހިތަށް އެރިއެވެ. “ސައިކަލުން ޕެޓްރޯލް ހުސްވެގެން ނުދެވިފަތަ..؟” ޒާރާއާ ކައިރިއަށް އެއްފިޔަވަޅު އަޅައިލަމުން އަފާން ބުނެލިއެވެ. “އަފާންއަށް ކިހިނެތް އެނގުނީ…؟” ޒާރާ ހިސާބަކަށް ހައިރާންވިއެވެ. “އަހަރެން އިރުކޮޅެއް ވެއްޖޭ މިތާ ހުންނަތާ.. ގަޑި ޖެހެންވާއިރަށް ހޮސްޕިޓަލަށް ނުދެވިދާނެތީނު ތެޅިފޮޅިގެން ތި އުޅެނީ..” އަފާންގެ ވާހަކައަށް ޒާރާ އެއްވެސް އެއްޗެއް ނުބުންޏެވެ. އެގޮތް އަފާންއަކަށް ކަމަކު ނުދިޔައެވެ. “މިހާ ދުވަސްވީ އިރުވެސް ޒާރާގެ ތި އާދައަކަށް ބަދަލެއް ނާދޭ ދޯ.. ގަޑި ޖެހިގެން ނޫނީ ތަންތަނަށް ދިޔުން.. އަބަދުވެސް ޖެހޭނީ ތެޅިފޮޅިގެން ދާން..” ޖީބަށް އަތް ޖަހައިލަމުން އަފާން ބުނެލިއެވެ. ދެންވެސް ޒާރާ އެއްޗެކޭ ނުބުނީ މިގަޑީގައި އަފާންއާއި ވާހަކަ ދައްކައިފި ނަމަ ފެށޭނީ ޒުވާާބެއްކަން އެނގޭތީއެވެ. އޭގެ ސަބަބުން މާޒީގެ ފޮނި ހަނދާންތައް އާވާކަށް ޒާރާ ބޭނުމެއް ނުވެއެވެ. “ޒާރާ.. ތިހެން ހުއްޓަސް މިގަޑީގަ ޓެކްސީއެއް ނުލިބޭނެ.. އާދޭ އަހަންނާ އެކީ ކާރުގަ ދާން..” ޒާރާ ގޮތްދޫނުކުރާނެކަން އެނގުމުން އަފާން ބުނެލިއެވެ. “ނޫން.. އަހަރެން ޓެކްސީއެއް ހޯދައިގެން ގޮސްފާނަން..” ޒާރާ ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. “މަސައްކަތް ކުރާ ތަނުގެ ސީއީއޯއަށް ދެކޮޅު ހެދުމަކީ ކިހާ ވަރެއްގެ ކަމެއް ކަން ޒާރާއަށް އެނގޭނެ.. ޒާރާ ބޭނުމިއްޔާ އަހަރެން ބުނާ ގޮތް ނުހެދިޔަސް އޯކޭ.. ދެޓް އިޒް… އަންލެސް ޔޫ ވޯނާ ގެޓް ފަޔަރޑް..” ހިނިގަނޑު މަތަކުރަން މަސައްކަތް ކުރަމުން އަފާން ބުނެލީ ދެން ޒާރާއަށް ދެކޮޅު ހަދަން ނުކެރޭނެކަން އެނގި ހުރެއެވެ. ކަން ވީވެސް އެހެންނެވެ. ދެލޯ ބޮޑުކޮށްލާފައި، އަފާންއާއި ދިމާއަށް ބަލައިލެވުނު އިރު، ޒާރާގެ ހިތް ތެޅިލައިގެން ދިޔައެވެ. “ވަޓް…؟” މަޑުމަޑުން ޒާރާއަށް އަހައިލެވުނީ އަފާން އެގޮތަށް އޭނާއަށް ބިރު ދެއްކުމުން ލިބުނު ހައިރާންކަމާއި، ވީ ދެރައާއި، އައި ރުޅި އެކުވެގެންނެވެ. “ޒާރާ ދާން ބޭނުން ނޫނިއްޔާ އޯކޭ.. އަހަރެން ގަޑި ޖެހޭ އެބަ.. ދަނީ…” އަފާން އަނެއް ފަރާތަށް އެނބުރި ހިނގައިގަތް އިރު، އެ ތުންފަތުގައި ކުޅެލާފައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ހަމަ ޔަޤީނުންވެސް ޒާރާ އޭނާގެ ފަހަތުން އަންނާނެއެވެ.

“އަފާން..” ޒާރާ ގޮވައިލުމުން އަފާން ފަހަތް ބަލައިލާ، އެއްބުމަ އަރުވައިލީ ކިހިނެތްވީހެއްޔޭ އަހާ ފަދައަކުންނެވެ. “އަހަރެން ދާނަން އަފާންއާއި އެކީ..” ހިންދިރުވައިލަމުން ޒާރާ ބުނެލީ މިވަގުތު ކަންތައް ކުރުން އެންމެ ބުއްދިވެރި ގޮތަކީ އެއީކަން އޭނާއަށް އެނގޭތީއެވެ. “އެންމެ ރަނގަޅު.. އާދޭ..” ހިނިތުންވަމުން އަފާން ޒާރާއަށް ޢިޝާރާތް ކޮށްލީ އައުމަށެވެ. ޒާރާ މަޑު ހިނގުމެއްގައި ހިނގާފައި ދިޔަ އިރު ދިޔައީ އަމިއްލަ ޙާލާއި ދޭތެރޭގައި ހިތާހިތުން ޝަކުވާ ކުރަމުންނެވެ.

ކާރުގެ ކުރީ ސީޓުގެ ދޮރުފަތް ހުޅުވައިދެމުން އަފާން ޒާރާއަށް އެރުމަށް ޢިޝާރާތް ކޮށްލިއެވެ. އެއްވެސް އެއްޗެއް ބުނުމެއް ނެތި ޒާރާ އަފާންގެ ކާރަށް އެރިއެވެ. ޒާރާ އެރުމާއި އެކު އަފާން އެ ދޮރު ލައްޕާާފައި ގޮސް ޑްރައިވަރ ސީޓަށް އެރިއެވެ. ކާރު ދުއްވާލުމާއި އެކު އެ ދެމެދަށް ވެރިވީ މަރު ފަދަ ހަމަހިމޭންކަމެކެވެ. ކާރުގެ ދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިން ޒާރާއަށް އަފާންގެ ނަޒަރު ދަތުރުކުރިއެވެ. ޒާރާ މިރޭ ލާފައި އިން މެރޫން ކުލައިގެ ފައިތިލައާއި ހަމައަށް އަރާ ހެދުން އެ ހަށިގަނޑާ ނުހަނު ގުޅެއެވެ. ފަސްބަޔަށް ފުޅާކޮށް ފަހާފައިވީ އެ ހެދުމުގައި އުނަގަނޑާ ހިސާބުން ހަމަ އެކުލައިގެ ބެލްޓެއް އަޅާފައި ވުމުން ޒާރާގެ ބައްޓަށް އެދިމާލުން ކޮންމެވެސް ވަރަކަށް އެނގޭހާވެއެވެ. އެކުލައަށްވުރެ ތަންކޮޅެއް މަޑު ފިޔާތޮށި ކުލައެއްގެ ޝޯލް ރީތި ގޮތަކަށް ބޮލުގައި އޮޅާލާފައި ވުމުން ޒަމާނީ ކަމަށް ދައްކައެވެ. މޫނުގައި ކޮށްފައިވި ލުއި މޭކަޕުން ޒާރާގެ މޫނު ފެންނަނީ ކުރިއަށްވުރެ އުޖާލާކޮށެވެ. ކަޅުކަން ގަދަ ސާފު، ރީތި ކަޅިއެއް ލިބިފައިވީ ޒާރާގެ ބޮޑު ދެލޮލުގެ އެސްފިޔަތަކުގައި މަސްކަރާ އަޅާފައި ވުމުން އިތުރަށް އެ އެސްފިޔަތައް ދިގު ކަމަށް ދައްކައެވެ. ޒާރާގެ އެ ރީތި ދެލޮލުން ފަށައިގެން ދެން އަފާންގެ ނަޒަރު ދަތުރު ކުރީ މެރޫން ކުލައިގެ ލިޕްސްޓިކަކުން ފަވާލެވިފައިވާ ޒާރާގެ އެ ތުނި ތުންފަތަށެވެ. ދުލުން ނުބުނި ކަމުގައި ވިޔަސް، ހިތާހިތުން އަފާންއަށް ޒާރާގެ އެ ރީތިކަމަށް އެތައް ފަހަރަކު ތަޢުރީފު ކުރެވުނެވެ.

ކާރުގައިވީ ހަމަހިމޭންކަމުން އުނދަގޫވުމުން އަފާން އެންމެ ފަހުން ރޭޑިޔޯ ޖައްސައިލިއެވެ. އެވަގުތު އަންނަން ފެށި ރީތި ދިވެހި ލަވައިން އަފާންއާއި ޒާރާގެ ހިތުގެ ތެޅުންވެސް އަވަސްވީ އެއީ ދެމީހުންގެވެސް ހިތުގެ ޙާލު ކަމަށް ވީތީއެވެ.

ކައިރިން ދާތީ ބަލަން

ރުހެވޭތީ ވީ އަހަން

ހިތް އެދޭތީ ބުނަން

ދެކޭ ހިތްވޭ ނިކަން

ދެކޭ ހިތްވޭ ނިކަން

އަންނާނީ ދެން ބަހާރް

ރުހެމުން ދާތީ މިހާރް

އެކުގައި ވީމަ ޔާރް

އުފާ ހިތްވޭ ނިކަން

އުފާ ހިތްވޭ ނިކަން

ތި ފަރި ހީލުމާ

ތި ލަދުރަކި ކަމާ

ހިތާ ކުޅެ ހަދާ މަސްތު އިހުސާސްތަކާ

ފުރާނައިން އެދޭ

ތި ލޯތްބަށްޓަކައި

ތިބާއޭ ވަނީ ގުޅި މި ހުވަފެންތަކާ

އަންގައިދޭން ހިތުގެ ޙާލް

ތި ކުރެވޭ ލޯބި ޚްޔާލް

މޫނޭ ތީ ފަރި ޗާލް

ދެކޭ ހިތްވޭ ނިކަން

ދެކޭ ހިތްވޭ ނިކަން

ނުނިދި އޮންނަމޭ

ކޮބައިތޯ ބެލޭ

މި ހިތުވިންދު މޭގައި އަވަސްކަން އެނގޭ

އަސަރު މޭ ތެރޭން

ފިލައިގެން ނުދޭ

މި ހިތުގައި ތި ހިތު ވިންދު ވާކަން އެނގޭ

ސިއްރުން ދޭތީ ޚަބަރް

ސީދާ ވީމާ ނަޒަރް

ފިރުމާލީމަ މިތުރް

އުފާހިތްވޭ ނިކަން

އުފާ ހިތްވޭ ނިކަން

ކައިރިން ދާތީ ބަލަން

ރުހެވޭތީ ވީ އަހަން

ހިތް އެދޭތީ ބުނަން

ދެކޭ ހިތްވޭ ނިކަން

ދެކޭ ހިތްވޭ ނިކަން

ހޮސްޕިޓަލާއި އަރާ ހަމަވި ވަގުތަކީ ލަވަ ނިމުނު ވަގުތެވެ. ބުރަކި ޖައްސައިލަމުން އަފާން ޒާރާއާއި ދިމާއަށް ބަލައިލިއެވެ. ވަގުތަކީ ޒާރާވެސް އަފާންއާއި ދިމާލަށް ބަލައިލި ވަގުތު ކަމުން ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އެހެން އިނދެފައި، އަފާން ޒާރާއާއި ކައިރިވާން ފެށިއެވެ. އަފާން ކައިރިވަމުން ދިޔަ ވަރަކަށް ޒާރާގެ ހިތުގެ ތެޅުން ދިޔައީ އަވަސްވަމުންނެވެ. އަތްފައި ފިނިވެ، ތުންފަތުގައިވެސް މަޑު ތުރުތުރެއް އުފެދުނެވެ.

ޒާރާއާއި ކައިރިއަށް ޖެހިލައި، އަފާން އޭނާގެ ދެއަތުން ޒާރާގެ ދެފަރާތުން ސީޓުގައި ހިފަހައްޓައިލިއެވެ. އެއަށްފަހު ޒާރާގެ އެ ފުން ދެލޮލަށް ނަޒަރު ހުއްޓައިލިއެވެ. އަފާން ބަލަން އިން ގޮތުން ޒާރާއަށްވެސް އަފާންގެ ދެލޮލަށް ބަލައިލެވުނެވެ. އެވަގުތު އަފާންގެ އެ އަސަރުގަދަ ދެލޮލަށް ގެނބިގެން ދިޔައީ ކިހިނެތް ކަމެއްވެސް ޒާރާއަކަށް ނޭނގުނެވެ. އަފާންގެ އެ ދެލޮލުން އެތައް ވާހަކައެއް ބުނެދެއެވެ. އެތައް އިޙްސާސްތަކެއް ބަޔާންކޮށްދެއެވެ. ދެރައީ، އެއީ ކޮން ވާހަކަތަކެއްކަން ދެނެގަންނަން ޒާރާއަށް ނޭނގޭތީއެވެ. އިރުކޮޅެއް އެގޮތުގައި ހޭދަވިއެވެ. ޒާރާއަށް ޚިޔާލީ ދުނިޔެއިން ބޭރުވާން އެނގުނީ އަފާން އޭނާގެ ސީޓް ބެލްޓް ނައްޓާލަދިނުމުންނެވެ. ޒާރާގެ ސީޓްބެލްޓް ނައްޓާލަދިނުމަށްފަހު، އަފާން ޒާރާއާއި ދުރުވެލީ، އިޙުސާސްތައް ކޮންޓްރޯލް ނުކުރެވިދާނެތީއެވެ. ޒާރާއާއި ކައިރީގައި މިގޮތަށް ހުރެވޭ ކޮންމެ ފަހަރަކު ޙިއްސުތައް ކޮންޓްރޯލް ކުރުމަކީ އަފާންއަށް ކުރަން އެންމެ އުނދަގޫ ކަންތަކެވެ.

އަފާން ދުރުވެލުމުން ޒާރާއަށް ހަމަބިމަށް އާދެވުނު ފަދައެވެ. އަވަސްއަވަހަށް ކާރުން ފޭބުމަށް އަވަސްވެގަތެވެ. “ޝުކުރިއްޔާއެކޭވެސް ނުބުނާނަންތަ.؟.” ޒާރާއާއި ދިމާއަށް ބަލައިވެސް ނުލާ އިނދެ، އަފާން އެއްސެވެ. “އަހަރެން ބޭނުން ވެގެންނެއްވެސް ނޫން އަފާން މި އޮފަރ ދިނީކީ.. އަހަރެން އިންކާރު ކުރީމަ ވަޒީފާ ގެއްލެނެއޭ ކިޔައިގެން.. ދެޓްސް ބްލެކްމެއިލިން..” ކާރުން ނުުމެ، ދޮރުފަތް ޖަހަމުން ޒާރާ ބުނެލިއެވެ. ޒާރާ ހަމަ އެހެން ބުނުމާއި އެކުހެން އަފާންވެސް ކާރުން ފޭބިއެވެ. އެއަށްފަހު، ގޮސް ޒާރާގެ އަތުގައި ހިފައި، ލުތްކެއް ޖެހި ގޮތުން ޒާރާ އައިސް ތަތްވީ އަފާންގެ އެ ތަނަވަސް މޭމަތީގައެވެ.

“ސީއީއޯއާވެސް ވާހަކަ ދައްކަނީ ތިހެންތަ..؟” އެއްމިޔަކަނިން ހިނިތުންވެލަމުން އަފާން އެއްސެވެ. އަފާންގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުންނާއި، އެ ކުއްލި ޢަމަލުން ޒާރާއަށް ފުރަތަމަ ދެލޯ ބޮޑުކޮށްލައިގެން ހުރެވުނު ނަމަވެސް، ދެވަނަ ސިކުންތުގައި އަމިއްލަ މީހާ ހަމައަކަށް އަޅުވައިލިއެވެ. “ސީއީއޯއަށް ތިގޮތަށް އެމްޕްލޯޔީއާ ދޭތެރޭގައި ކަންތައް ކުރެވޭ ކަމުގައި ވާ ނަމަ އެޕްލޯޔީއަށްވެސް ސީއީއޯއާއި އެގޮތަށް ވާހަކަ ދެއްކުމުގެ ހައްގު އޮންނަންވާނެ..” އެހެން ބުނެލުމަށްފަހު، ޒާރާ ގަދަކަމުން އަފާންގެ އަތުތެރެއިން ވީއްލިގަނެގެން ދިޔައެވެ. ޒާރާ ލޯކުރިމަތިން ދިޔުމާއި އެކު، އަފާންއަށް ބޮލުގައި އަތް ހިންގައިލެވުނެވެ. “އަދިވެސް ޒާރާ ބަދަލެއް ނުވޭ.. އެއްގޮތަކަށްވެސް ބަދަލެއް ނުވޭ..” މަޑުމަޑުން އެހެން ބުނެލުމަށްފަހު، ދެޖީބަށް އަތް ޖަހާލައިގެން ހުރެ، އަފާންވެސް ހިނގައިގަތީ ހޮސްޕިޓަލަށް ވަންނާށެވެ.

ރަސްމިއްޔާތަށް ހޮސްޕިޓަލުގެ ފަހަތު ގޯތިތެރޭގެ ހުސްކޮށް އޮތް ބޮޑު ޖާގަ ވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ. ރަސްމިއްޔާތަށް ވަކި ކަލަރ ކޯޑެއް ނެތުމުން އެކި ކުލަކުލައިގެ ހެދުން އަޅައިގެން ތިބި މީހުން ފެންނަމުން ދިޔައެވެ. ގަސްގަހުގައި ރަނާއި، ހުދުކުލައިގެ ފެއަރީ ލައިޓްސް އޮޅާފައި ވުމުން ރީތި ރަން އައްޔެއް މުޅި ތަނަށް ވެރިވެފައި ވެއެވެ. ހަނދުވަރުގެ ރިހި އައްޔާއި ގުޅިގެން ތަރިތައް ވިދާ ބަބުޅަމުން ދިޔަ ގޮތް ބަލާ ފޫހިނުވާހާ ފުރިހަމައެވެ.

ރަސްމިއްޔާތު ފެށިގެން ދިޔައީ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުންނެވެ. އެއަށްފަހު، އަކްމަލްގެ ފަރާތުން ވާހަކަ ދެއްކުން އޮތެވެ. އޭނާގެ ވާހަކައިގައި އެގާރަ އަހަރަށް ފަހު، އޭނާ މި މަޤާމުން ވަކިވާތީ އުފެދިފައިވާ ޝުޢޫރުތަކާއި، އަފާން މި މަޤާމާއި ޙަވާލު ވާތީ ކުރެވެމުން ދިޔަ އިޙުސާސްތައްވެސް ހިމެނިއެވެ. އެއަށްފަހު، ހޮސްޕިޓަލުގެ މުވައްޒަފުންގެ ފަރާތުން ވާހަކަ ދެއްކުންވެސް އޮތެވެ. އެ ވާހަކައިގައި އަކްމަލް އެހާ ދުވަސް ފަހުން ހޮސްޕިޓަލާއި ވަކިވާތީ އެކަމާއި ހިތާމަ ކުރާ ކަމާއި، އަފާންގެ ކިބައިން ހޮސްޕިޓަލު ހިންގުމާއި، އިތުރަށް ތަރައްޤީ ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއްވެސް ކޮށްދިނުމަށް އެދިފައި ވެއެވެ. އަދި އަފާން ފަދަ ޒުވާން ކުއްޖަކު މިހާ ބުރަ މަސްއޫލިއްޔަތެއް އަދާކުރާތީ އެކަމާއި އުފާ ކުރާ ކަމަށާއި، އެ އެންމެންގެ އުންމީދުތައް ގުޅިފައިވަނީ އަފާންއާއި ކަމަށްކަން އެތައް ފަހަރަކު ހަނދާން ކޮށްދިނެވެ. އަފާންއަށް މަރުޙަބާ ކިޔަމުން އެ ވާހަކަކޮޅުވެސް ނިމުނެވެ. އެއަށްފަހު، ރަސްމީކޮށް އަފާންއާއި އަކްމަލްގެ ސޮއެ ކުރުމާއި އެކު ހޮސްޕިޓަލު ރަސްމީކޮށް އަފާންގެ ނަން މައްޗަށް ބަދަލު ކުރުން އޮތެވެ. އެއަށްފަހު، އޮތީ އަފާންގެ ވާހަކަ ދެއްކުމެވެ. އަފާންގެ ވާހަކައިގައި މި މަޤާމު އޭނާއަށް ލިބުނީތީ އުފާ ކުރާ ވާހަކައާއި، މަޤާމުގެ ހުރިހާ މަސްއޫލިއްޔަތެއް ވަރަށް ފުރިހަމައަށް އަދާކުރާނެ ކަމުގެ ޔަޤީންކަން ދިނެވެ. އަފާންގެ ވާހަކައަށްފަހު، ދެގަޑިއިރަށް ދެމިގެން ދިޔަ އެ ރަސްމިއްޔާތު ނިމުނީ ބިލެތް މީރުކުރުމަކުންނެވެ.

*** ** ***

ޝިޔަލްއާއި އެކީގައި ޕިއްޒާ ކަމުން ދިޔަ ޔައިނާގެ ދެލޯ ހުއްޓިފައި ވަނީ އޭނާގެ އުނގުމަތީގައި އޮތް ފޮތަށެވެ. މިއަދުގެ ޕްރެކްޓިކަލްސްގައި ދިމާވި ކޭސްއަކާއި ގުޅިގެން ޝިޔަލްއާއި ދެމީހުން މަޝްވަރާ ކުރަމުން ދިޔަ އިރު ޝިޔަލްގެ ނަޒަރު ދިޔައީ އިރުއިރުކޮޅާ ޔައިނާގެ މޫނަށް ހުއްޓެމުންނެވެ.

“ޔަލް…” އިރުކޮޅަކަށްފަހު، ޔައިނާ އޭނާގެ ބޮލުގައި ހިފަހައްޓާލައިގެން އިނދެ، ޝިޔަލްއަށް ގޮވައިލިއެވެ. “ހޫމް.. ކީކޭ..؟” ޝިޔަލްގެ ޖަވާބު އައިލެއް ވަރަށް އަވަހެވެ. ވަރަށް ބޮޑަށް ބޮލަށް އެނބުރުން އަރާ އެބަ..” ބޮލުގައި ކުރިއަށް ވުރެ ބާރަށް ހިފަހައްޓާލައިގެން އިނދެ ޔައިނާ ބުނެލީ ބޮލުގައި ވަރަށް ގަދަޔަށް ރިއްސާ، ލޯމައްޗަށް ފުސްވާހެން ހީވުމުންނެވެ. “އެވާނީ މިއަދު މާ ބުރަކޮށް ދިޔައީމަ ބޮލަށް އެނބުރުން އަރަނީ ކަމަށް..” ޔައިނާގެ ދެކޮނޑުގައި ހިފަހައްޓާލައިގެން އިނދެ، ޝިޔަލް ބުނެލިއެވެ. “ވެދާނެ..” ޔައިނާގެ ޖަވާބު ވަރަށް ކުރެވެ. “ނިދާލަން ދާންވީނު.. ޕެނަޑޯލް ގުޅައެއް ކާލައިގެން ނިދާލަނިކޮށް ތަދު ފިލާފާނެ..” ޔައިނާއަށް ތެދުވަން އެހީވަމުން ޝިޔަލް ބުނެލިއެވެ. މިވަގތު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިގެން ޔައިނާވެސް ޝިޔަލްގެ އެހީއާއި އެކީ ސޯފާއިން ތެދުވިއެވެ. ޔައިނާގެ ދެކޮނޑުގައި ހިފަހައްޓާލައިގެން ހުރެ، ޝިޔަލް މިސްރާބު ޖެހީ ޔައިނާގެ ކޮޓަރިއާއި ދިމާއަށެވެ. “ޔަލް.. ދެން ނުހުރެވޭނެ..” ކޮޓަރިއާއި ހަމައަށް ނުދެވެނީސް، ޔައިނާގެ އަނގައިން އެ ލަފްޒުތައް ބޭރުވެ، ޝިޔަލްގެ އަތްމައްޗަށް ދެމުނެވެ. ވަގުތުން ޝިިޔަލް ޔައިނާ ނަގާ، އަތްދަނޑި މައްޗަށް އުފުލައިލަމުން ގޮސް ކޮޓަރިއަށް ވަނެވެ. ޔައިނާ އޭނާގެ އެނދުމަތީގައި ބޭއްވުމަށްފަހު، ޝިޔަލްގެ މަސައްކަތް ފެށިއެވެ.

އެންމެ ފުރަތަމަ ޝިޔަލްގެ ނަޒަރު ހުއްޓުނީ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށެވެ. މިހާރު ގަޑިން ރޭގަނޑު ދިހައެއް ޖެހީއެވެ. އޭނާ ޔައިނާގެ ކޯކުފުޅިއަށް އެޅި ބޭހުގެ އަސަރު ހުންނާނީ ހަތް ވަރަކަށް ގަޑި އިރު ވަންދެންނެވެ. ޒާރާ ބުނި ގޮތުން މިލާންއަށް އާދެވޭނީ ރާއްޖެ ގަޑިން ނަމަ މެންދަމު ދޭއް ޖަހާ އެހާކަށްހާ އިރަށެވެ. ކެނެޑާގައި ނަމަ އެއީ ފަތިހު ފަހެއް ޖަހާ އިރަށެވެ. ޔައިނާގެ ކޮޓަރިން ނުކުމެގެން ގޮސް، ޝިޔަލް އެޕާރޓްމެންޓުގެ މައި ދޮރު ތަޅު ނުލައި ހުރިތޯ ބަލައިލިއެވެ. އެއީ ތަޅު ލައިފި ނަމަ، މިލާންއަށް ނުވަދެވޭނެކަން އެނގޭތީއެވެ. އެއަށްފަހު، އަނެއްކާވެސް ގޮސް، ޔައިނާގެ ކޮޓަރިއަށް ވަނެވެ.

އެނދުމަތީގައި މައުސޫމްކޮށް ނިދާލާފައި އޮތް ޔައިނާއަށް ޝިޔަލްގެ ނަޒަރު ދަތުރު ކުރިއެވެ. މަކަރުވެރި ގޮތަކަށް ހީލަމުން ޝިޔަލް ގޮސް ޔައިނާގެ މަގަތުގައި އިށީނެވެ. “ޔައިނާ.. އަހަރެން ކުރި ވަރަށް ދިގު އިންތިޒާރެއްގެ ނިމުން މިރޭ އަންނާނެ.. ދެން ޔައިނާ އަހަރެންގެ ޙައްޤަކަށް ވާކަށް މާކަ ގިނަ ދުވަހެއް ނެތް.. ފުރަތަމަ ކަމަކީ މިލާންއާއި ޔައިނާ ދުރު ކުރުވުން.. އެކަނަތައް ވާކަށް ދެން ނެތް މާ ގިނަ އިރެއް.. އެއަށްފަހު، ޔައިނާ މީހެއްގެ އެހީތެރިކަމަށް ބޭނުންވާނެ.. އޭރަށް ޒާރާވެސް ނޭނގެ ޔައިނާ ކަހަލަ ބޭވަފާތެރިޔަކާ އެކުވެރިވާނެ ކަމެއް.. ދެން ހުންނާނީ އަހަރެން އެކަނި.. އެހިސާބުން ޔައިނާއަށް މަޖުބޫރު ވާނެ އަހަރެންގެ އެހީ ހޯދަން.. އެހެން ގޮސް ޔައިނާ އަހަންނަށް އިތުބާރު ކުރާނެ.. އެހިސާބުން ދެން ޔައިނާ އަހަރެން ދެކެ ލޯބިވާކަށް މާ ގިނަ އިރެއް ނުނަގާނެ..” ޔައިނާގެ މޫނުމައްޗަށް އެޅިފައި ހުރި އިސްތަށިކޮޅު އެއްފަރާތް ކޮށްލައިދެމުން ޝިޔަލް ބުނެލިއެވެ. އެވަގުތު ޝިޔަލްގެ އެ ރޭވުން އަޑު އަހަން ހުރި މީހެއް ނަމަވެސް ބިރުން ގޮސް ހަލާކު ވެދާނެއެވެ. “ޑޯންޓް ވޮރީ މައި މެރިޑާ.. އަހަރެން ޔައިގެ ގައިގަ އެގޮތަކަށް އަތެއް ނުލާނަމޭ.. އަދި ކެތް ކޮށްލާނީ.. އެހާ ވަރަށް އަހަރެން ޔައި ދެކެ ލޯބިވޭ..” ޔައިނާއާއި ވާހަކަ ދައްކަމުން ޝިޔަލް އެހެން ބުނި އިރު، ޔައިނާގެ ނުރުހުމުގައި އޭނާގެ ހަށިގަނޑު ބެލުމަކީވެސް ކުށެއްކަން ހަމަ ނޭނގެނީބާވައެވެ؟ އެއީ ބޮޑުވެގެންވާ ފާފައެއްކަން ޝިޔަލްގެ ހިތަށް ހަމަ ނުވިސްނެނީ ބާވައެވެ؟

ނިދިފައި އޮތް ޔައިނާއަށް ބަލައިލަމުން ޝިޔަލް ޔައިނާގެ އަންނައުނުތައް ގަޔާއި، ވަކިކޮށްލިއެވެ. އެއަށްފަހު، އެނދުމަތީގެ ބެޑްޝީޓުތަކާއި، ބާލީސްތައް އެކިތަންތަނަށް އުކާލާ، ތަރުތީބު ގެއްލުވައިލިއެވެ. އެއަށްފަހު ޝިޔަލް އޭނާ ލައިގެން ހުރި އަންނައުނުވެސް ބާލާ ޔައިނާގެ ކައިރީގައި އޮށޯތެވެ. ދެމީހުންގެ ގައިގައި ރަޖާ އަޅައިލަމުން ޝިޔަލް ޔައިނާގެ މެދުހަށީގައި ބައްދައިލިއެވެ. އެއަށްފަހު، ހިތްހަމަޖެހިގެން އޮވެ، ޝިޔަލް ދެލޯ މަރައިލީ މި ކުރެވެނީ ކިހާ ވަރެއްގެ ކުށެއްކަން އެނގި ހުރެއެވެ. ނަމަވެސް، ދުނިޔެވީ އެދުންތައް މާ ބޮޑަށް މުހިންމު ވުމުން ޝިޔަލްއަށްވެސް އެކަން ރޭކާނުލީއެވެ. ކޮންމެއަކަސް، ކުރިއަށް ވާން އޮތް ގޮތް ހިތަށް އަރުވައިލަންވެސް ދައްޗެވެ. މިލާންއާއި ޔައިނާގެ ދިރިއުޅުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެފުށް މިފުށަށް ޖެހޭނެ ގޮތް ވިސްނައިލަން އަދި އެއަށް ވުރެ ދައްޗެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ތިޔަ ލޯބީގައި… 01

Next

އެދުވަހު ލޯބިން 17

Next
August 29, 2022

އެދުވަހު ލޯބިން 17

Previews
August 29, 2022

ތިޔަ ލޯބީގައި… 01

One Comment

  1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 29, 2022 at 2:01 pm

    Brw brw brw br wbrwww…
    Alheyyyy whatttt u moya ehchaaa shiyal buraanchaaaa… Kaley magey athuga jehey dhuvas eii handhaan kuraathi kaleyge fahu dhuvas… Yai aa milaan dhurukurav ingey kaley thiulheny.. Handhaan kuraathi Eyah vure kurin mashah vegen vangnaa millu ah hurihaa vhk eh kiyaidheynan.. Shiyal nimuny ingey.. Ma lab akah dheegen Yai key pizza aa coke fulhi vx test kuraanan.. Eyrun yageen vee kuhveri aky kaley kan… Adhi balaabala kuri goih kuda kan..
    Meehehgge hashigandeh thi balailee ehcheh vx hithah naaraa.. Chee chee cheee.. Huri mududhaaru kan..

    Buro.. Zaaaraaaaaaaaa manje hama ehaa boa harytha hama.. Ey sorry ma aslu kury part ga hiy harey buny ehn neh noon.. Ma buny hithuge eduun manje ah gaboolu nukureveythy hiy hariyyey.. Aan kiyaa vehjje dhw dhen thimanna vx afaan ah hiy kiyaa kan gaboolu kuran.. Ey kibaa lau… Lau meehakaa innaakah noolhey tha. Ey hama milaan ah engey yai dheyny.. Laura geney mashah.. Ooopsss no no nooo.. I didn’t mean like thatttt… Mi buny lau dhee dhn konmes rangalhu ehn sorakah…
    Bye bye anyway.. Ma dhany update kiyan

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 19←


All Right Reserved!