އެހެނަސް ހަމަ ލޯތްބޭ ވެވެނީ -1
ފެންނަމުންދިޔަ މަންޒަރު ފުސްވެއްޖެއެވެ. މަޑުމަޑުން ހަށިގަނޑުގެ ބާރުވެސް ދޫވާހެން ހީވިއެވެ. އެއާއެކު ކަންފަތުގައި ޖެހުނީ ދަންނަ އަޑެކެވެ. “ރައިހާ ޕްލީޒް ބީ ސޭފް. އެމްބިއުލަންސް އެބަ އާދެޔޭ” އެއަޑުގައި ވޭނީ ރިހުމެއް ވިއެވެ. ހަށިގަނޑުގެ ތިރިން އޭނާއަށް އެއްވެސް އިހުސާސެއް ނުކުރެވުނެވެ. އެއްޗެއް ބުނެލަން އަނގަ ހުޅުވާލާފައިވެސް އެއްޗެއް ނުބުނެވި އޭނާގެ ހޭހުސްވެގެން ދިޔައީއެވެ. އެއިރު ދުރުން އެމްބިއުލަންސްގެ ސައިރަންގެ އަޑު އިވެއެވެ. “ރަ..އި..ހާ” ރައިހާގެ އަތުގައި ހިފައިގެން އިން ޒުވާނާ ބާރު އަޑަކުން ހަޅޭލަވައިގަތީ ޖޯޑުކޮށްލެވިފައިވި ރައިހާގެ އަތުގެ ބާރު ދޫވެގެން ދިޔުމުންނެވެ.
******
ލަތްކަކަށް އެނދުން ތެދުވެވުމާއެކު ރައިހާއަށް ފުންނޭވާތަކެއް ލެވުނެވެ. އޭރު އޭނާގެ ހިތް ހީވަނީ މޭ ފަޅާފައި ނުކުންނަން އުޅޭހެންނެވެ. ހުވަފެނުގައި ފެނުނު މަންޒަރު އަސްލަކަށް ނުވީތީ ހިތާހިތުން ހަމްދުކުރަމުން ގަޑިބަލާލިއެވެ. އަދި އިރުނާރާކަން އެނގުމުން އެނދުގައި ވަރުބަލި ކަމާއެކުގައި އޮށޯވެ ލެވުނީއެވެ. ނޭވާ ހަމައަކަށް އަޅުވަމުން ސައިޑް ޓޭބަލް މަތީގައި ހުރި ފެންތަށި އެެއްނޭވާއިން ހުސްކޮށްލިއެވެ. ފެނުނު ނުބައި ހުވަފެނުގެ ސަބަބުން އިތުރަށް ނުނިދޭނެކަން ރައިހާއަށް ޔަގީންވިއެވެ.
*****
ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން އެޒުވާނާ އެނދުން ތެދުވެލިއެވެ. މުޅި ކޮޓަރިއަށް ނަޒަރު ހިންގައިލެވުމާއެކު ކޮޓަރީގެ ނުސާފުކަމުން އިތުރު ބޮލުގަރިހުމެއް އޭނާއަށް ލިބިއްޖެއެވެ. އެހެނަސް އެކަމާ އުޅޭނެ ހިތްވަރެއް އޭނާގެ ހައްޓަކު ނެތެވެ. “ރުވާން.. އަވަހަށް ނުކުމޭ ކާން” ކޮޓަރި ދޮރުގައި ޓަކި ޖަހާލަމުން އަންހެނަކު ގޮވާލި އެވެ. “ލައްބަ މަންމާ މިދަނީ” އަޑުއިވޭ ވަރަށް އޭނާ ގޮވައިލިއެވެ.
ތިރިއަށް ފޭބިއިރު ކާމޭޒު ދޮށުގައި އެންމެން ހަމައަށް ތިއްބެވެ. ރުވާން ގޮސް ގޮނޑީގައި އިށީނުމުން އެންމެންގެ ނަޒަރު ރުވާންެއަށް ހުއްޓުނެވެ. ރުވާންގެ ރަތްވެފައިވީ ދެލޯ ފެނުމާއެކު އެންމެންގެ ހިތުގައިވެސް ހަމްދަރުދީ އުފެދިގެން ދިޔައެވެ. ރުވާންގެ މައިންބަފައިން (ޒުލްފާއާއި ރުހާމް) އެކަކު އަނެކަކަށް ބަލާލާފައި އިސްޖަހައިލިއެވެ. ރިއާނާއަށް އޭނާގެ ކޮއްކޮ އެހިތާމައިގައި އުޅޭތަން ބަލަން ނުހަނު ހިތްދަތި ކަމުގައި ވިޔަސް އެކަމުގައި އޭނާއަށް ކުރެވޭނެ ކަމެއް ނެތެވެ. “ވާން.. އޯކޭ ތަ؟” ރިއާނާއަށް އަހައިލެވުނެވެ. އެއްވެސް އަސަރެއްނެތް ހިނިތުންވުމެއް ދެމުން ހޫންއެއް ލައްވައިލިޔަސް ރިއާނާއަށް އޮޅުވައިލެވޭނެ ހެއްޔެވެ؟ ޒުލްފާ ބޮލުން ކޮށްލި އިޝާރާތާއިއެކު އެއެދުނީ އިތުރަށް އެކަމާ ބެހޭ ގޮތުން ވާހަކަ ނުދައްކަން ކަން ރިހާނާއަށް އެނގިއްޖެއެވެ.
****
“މިރޭވެސް ހަމަ އެހުވަފެނޭ މަންމާ” ބިރުގެންފައި އިން ފަދައަކުން ރައިހާ ބުނެލިއެވެ. “ހުވަފެނަކީ ބިލާހެކޭ ދަރިފުޅާ. އެކަހަލަ ބޭކާރު ކަންކަމާ ދެން ނުވިސްނަބަލަ” ޒަހީރާ ބުނެލިއެވެ. އެހެނަސް ރައިހާއަށް އެ ޚިޔާލުތައް އުނދަގޫ ކުރަމުން ދިޔައެވެ. ޖެހިޖެހިގެން 4 ރޭ އެހުވަފެން ފެނުމުން ނުބައެއް އުޅޭހެން ހީވަނީއެވެ. ކަންކަމާ ވިސްނަން ފެށުމާއެކު އޭނާގެ ބޮލަށް ބަރުވެ ބޮލުގައި ރިއްސައިގަތީ ކެތްނުކުރެވޭ ވަރަށެވެ. އެއާއެކު ބޮލުގައި އަތް އަޅާލަމުން އޭނާއަށް އެނދުގައި އޮށޯވެލެވުނީއެވެ. “ރައީ!! މާބޮޑަށް ތަދުވަނީތަ އަނެއްކާ؟” ކަންބޮޑުވުމާއެކު ޒަހީރާއަށް ބުނެވުނެވެ. “ނޫން މިހާރު އޯކޭ.. ބޭސް ކާލަނިކޮށް އޯކޭވާނެ” ރައިހާ ބުނެލިއެވެ. ޒަހީރާ އަވަސް އަވަހަށް ފެންޖަގުން ފެންފޮދެއް އަޅާފައި ރައިހާއަށް ދިނެވެ. “ދެން އެހާބޮޑަށް ކަންކަމާ ނުވިސްނާތި އިނގޭ.. އެކަހަލަ ހުވަފެން ފެނުނީމަ ތެދުވެލާފަ ނަމާދުކޮށްލީމަ ރަނގަޅުވާނެ.” ރައިހާގެ ބޮލުގައި ފިރުމާލަމުން ޒަހީރާ ބުނެލިއެވެ.
******
“ޒަހީ ހާސްނުވެބަލަ.. ޑޮކްޓަރު ބުންޏޭނުން ވަގުތު ނަގާނޭ އެކަމަށް” ރަމީޒު ބުނެލިއެވެ. “ރަމީޒު ބުންޏަކަސް ކިހިނެއް އަހަރެން އެކަމާ ނުވިސްނާނީ. އެހާދިސާއަށް މިވީ ދޮޅު އަހަރު. ކޮންމެ ވަގުތަކުވެސް ރައިހާގެ ހަނދާންތައް އައިސްދާނެކަމަށް ބިރުން މިތިބެން ޖެހެނީ” މޮޅިވެރިކަމާއެކު ޒަހީރާއަށް ބުނެލެވުނެވެ. “ހަނދާންތައް އިއާދަވާން އުޅޭކަމުގެ ކޮޅުމަތި ކަންނޭނގެ މިފެންނަނީ.” ޒަހީރާ އޭނާގެ އުދާސްތައް ބޭރުކޮށްލިއެވެ. “ހަނދާންތައް އިއާދަވިޔަސް ހުރިހާކަމެއް ރަނގަޅަށް ދާނީ އިންޝާﷲ” ރަމީޒު ބުނެލިއެވެ. “ކިހިނެއް ރަނގަޅުވާނީ.. ރައިހާ އެދަނީ މިހާރު ކައިވެންޏެއް ވެސް ކުރަން ތައްޔާރުވަމުން ވިއްޔަ ” ޒަހީރާ ނުރުހުންވިއެވެ. “ދެން އެކަމާ ނުވިސްނަ ނިދާބަލަ. ﷲ އަށް ވަކީލުކުރުން ނޫންގޮތެއް އެބައޮތްތަ؟” ރަމީޒު ބުނެލިއެވެ. އެދެމީހުންގެ ވާހަކައިން މާޒީގައި ބޮޑު ހާދިސާއެއް ހިނގާފައިވާ ކަން އެނގުނެވެ.
*****
ބީޗު ގޮނޑީގައި ރައިހާ އިންއިރު އެމޫނުން ހަމަޖެހުން ފެންނަމުން ދިޔައެވެ. “ނައުމާން ނުގުޅާތަ ފަހުން؟؟” ސަހާ އަހާލިއެވެ. “ނޫން.. މާދަމާ ހެކިވެރިން ފޮނުވާނަމޯ.. އެފެމިލީ ބައިވަރު މީހުން އާދޭ އަހަރެމެންގެ ވެޑިންއަށް” ހިނިތުންވެފައި އިނދެ ރައިހާ ބުނެލިއެވެ. މާދަމާ ރަން ކިޔުމަށް ފަހު ހަތަރު ދުވަސް ފަހުން ރައިހާއާއި ނައުމާންގެ ކައިވެނި ކުރެވޭނެއެވެ. ނައުމާން އާއި ރައިހާގެ އަހަރެއްވީ ލޯބީގެ ހަޔާތުގައި ކައިވެނީގެ ގޮށް ޖަހައިލަން ތައްޔާރުވަމުން ދިޔައިރު ރައިހާގެ ހަޔާތަށް ކޮޅިގަނޑެއް އައުން ވަނީ އެހާ ދުރުގައި ނޫންކަން އެކަކަށް ވެސް އިހުސާސެއް ނުކުރެވެ އެވެ. މީގެ އަހަރެއް ކުރިން އެދެމީހުން ކޮލެޖުން ދިމާވެ ލޯބީގެ ގުޅުން ފެށިއިރު އެއީ ލޯބީގެ ލާމަސީލު ނަމޫނާއެކެވެ.
*****
“ޔަގީންދޯ ވާން އަންނާނަންކަން؟؟” ވީޑިއޯ ކޯލުގެ އަނެއް ފަރާތުގައި އިން ރަވާނަށް ނިސްބަތްކޮށް ނައުމާން ބުނެލިއެވެ. “ޔޭސް ބޮސް.. އޭ.. ނެތްތަ ވާން އުޅޭ ފަހަރިގެ ފޮޓޯއެއްހާ ހިސާބު ވެސް ؟” ރުވާން ލާނެތް ގޮތަކަށް ހީނލައިގެން އިނދެ އަހައިލިއެވެ. “ނޫނޭ އެބަހުރި. އެކަމަކު ވާންއަށް ސަޕްރައިޒެއް ނުލިބޭނެދޯ މިހާރު ދެއްކީމަ!!” ހެނމުން ހެނމުން ނައުމާން ބުނެލިއެވެ. “އެޓްލީސްޓް ނަން..” ރުވާން އާދެސް ކުރުމުން ނަންވެސް ނައުމާން ނުބުންޏެވެ.
***
ޕެކްކުރަން ހުރެފައި ދޮރު ހުޅުވައިލި އަޑަށް ރުވާން ފަސްއެނބުރުނެވެ. “ދޮންތަ؟؟ ކިހިނެއްވީ؟” ދަން ގަޑިއެއްގައި ރިހާނާ އެކޮޓަރިއަށް ވަނުމުން ރުވާންއަށް އަހާލެވުނެވެ. “ކަމެއް ނުވޭ ؟؟ ވާން އަރ ޔޫ ޝުއަރ ޔޫ އޯކޭކަން؟؟ ޔަގީން ރާއްޖެދާން ބޭނުންތަ؟؟ އަދި އެވެސް..” ރިހާނާ ވާހަކަ މެދުކަނޑައިލިއެވެ. ” އެއީ އަހަރެންގެ ބެސްޓްފްރެންޑްގެ ވެޑިން.. ނުގޮސް ވާނެތަ އަހަރެންނަށް ؟؟ އޭނަ ބިޓުވެސް އަހަންނަށް ދައްކައިލީކީ އެއްނޫން..” ފާޑަކަށް ހީނލައިފައި ރުވާން ބުންޏެވެ. “އެނގޭދޯ އޭނަގެ ރަށަށްކަން ތިދެވެނީ” ކޮއްކޮގެ ނިންމުން ބަދަލު ކުރޭތޯ ރިހާނާ އަހަމުން ދިޔައެވެ. ރާއްޖެ ގޮސް އެކޮއްކޮގެ ހިތަށް އިތުރު ތަކުލީފެއް ލިބުން އޭނާއެއް ނޭދެއެވެ. “އައި ނޯ އެވްރިތިންގް ދޮންތާ.. ތި އެންމެންވެސް ދަމެންނު ވާން އެކީ؟ ަެަެއެހެންނޫނަސް ވާންހުރި ކަމެއް ނުހުއްޓުވޭނެ” ރުވާން އަސަރެއްނެތް ގޮތަކަށް ބުނެލިއެވެ. ފުން ހުވާހެއް ދޫކޮށްލަމުން ރިހާނާ ކޮއްކޮއަށް ބަލައިލި އެވެ. އެދެލޮލުގައިވީ ރިހުން އޭނާއަށް ވަންހަނާ އެއް ނުވިއެވެ.
******
ރަންކިޔުމުގެ ހަފްލާ ބޮޑުކޮށް ނުބޭއްވީ ރައިހާގެ އެދުމުގެ މަތީންނެވެ. ދެހާސް ވިހި ރުފިޔާއަށް ރައިހާ ރަން ކީއިރު އެދެމީހުންގެ ކައިވެނި އޮތީ ތިންދުވަސް ފަހުންނެވެ.
ހަވީރުގެ ފިނިފިނި ވަގުތު ރަށުގެ ގޮނޑުދޮށުގައި އެދެލޯބިވެރިން ތިބިއިރު ދެހިތުގައިވެސް ވަނީ ހަމަޖެހުމެވެ. “72 އަވަރސް. އެންޑް ޔޫ ވިލް ބީ މައިން” ރައިހާގެ ލޮލާއި ލޯ ސީދާ ކޮށްލަމުން ނައުމާން ބުނެލިއެވެ. ރައިހާ ލަދުން އިސްޖަހާލިއެވެ. އެއިރު އެކޯތާފަތަށް ޖަންބު ކުލަ ވެރިވެއްޖެއެވެ. ނައުމާންގެ އެ ބަލައިލުމުން ރައިހާއަށް ބަލި ހަނދާނެއް ވާން އުޅޭހެން ހީވިއެވެ. އެހެނަސް އޭނާގެ ބޮލަށްއެރި ތޫނު ތަދު އެކަމަށް ހުރަސް އެޅީއެވެ. ލުއިލުއިކޮށް ރައިހާގެ ނިތުގައި ބޮސްދީފައި ނައުމާން ރައިހާގެ އަތުގައި ހިފިއެވެ. އަދި އެއަތުގައި ހިފައިގެން ރާޅުޖަހާ ހިސާބަށް ދިޔައެވެ.
*****
ސިހާންގެ ޓައީ ރަނގަޅު ކޮށްލަދީފައި އާދައިގެމަތިން ޒައިނާ ސިހާންގެ ނިތަށް ބޮސްދިނެވެ. “ލަވްޔޫ ޒައި” އެއަމަލު ރައްދު ކޮށްލަމުން ސިހާންވެސް ބުނެލިއެވެ. އެއާއެކު ޒައިނާގެ ތުންފަތަށް ލަދުރަކި ހިނިިތުންވުމެއް ވެރިވިއެވެ. “ކޮބާތަ ޑެޑީގެ ލިޓްލް ޕްރިންސަސް” ސިހާން ސިޓިންރޫމަށް ނިކުންނަމުން ގޮވައިލިއެވެ. އެއާއެކު ދުވަމުން ދުވަމުން އައިސް ސިހާންގެ ފައިގައި އޮޅުލައިގަތީ އެދެމަފިރިންގެ ހަތަރު އަހަރުގެ ދަރިފުޅު ނައިރާއެވެ. ހީނލައިފައި އެކުއްޖާ އުރާފައި އޭނާ އެކީ ސަކަރާތް ޖަހަން ފެށިއެވެ. ދުރުގައި ޒައިނާ ހެވީފައި މަންޒަރު ބަލަން ހުރިއިރު ހިތާހިތުން އެ އުފާވެރިކަން ދެއްވީތީ ހަމްދުކުރިއެވެ.
******
ސާދަ ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ރުވާންމެންނަށް ރާއްޖެ އާދެވުނުއިރު މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. ކުޑަހުވަދޫއަށް ދިއުމަށް ފްލައިޓް އޮތީ މާދަމާގެ ހެނދުނު ކަމުން އެ އެންމެންވެސް ނިންމީ ގެސްޓްހައުސް އަކުން ކޮޓަރިއެއް ކުއްޔަށް ހިފައިގެން ތިބުމަށެވެ.
****
ކުޑަހުވަދޫއަށް ދެވުނު އިރު އެއަރޕޯޓްގައި ނައުމާން ހުއްޓެވެ. ޓަރމިނަލް އިން ނުކުމެގެން އައިއިރު ގިނަ ބައެއްގެ ނަޒަރު ރުވާންެއަށް ހުއްޓިފައި ވެއެވެ. ވާނީވެސް އެހެންތާ އެވެ. ރުވާންއަށް ބަލައިލައިފައި މީހަކު އެއީ ރާއްޖެ ކުއްޖެކޭ ނުބުނާނެެެއެވެ. އެއްލި ކަޅިއަކުން ރުވާންއަށް އޭނާ އެންމެ ދެކެން ބޭނުންވި ސޫރަ ފެނުނު ހެން ހީވިއެވެ. “ރައިހާ..” އިޚްތިޔާރަކާއި ނުލާ އޭނާއަށް ބުނެލެވުނެވެ. އެއާއެކު ސުވާލު އުފެދިފައިވާ ފަދައަކުން އަންހެންކުއްޖަކު ފަސްއެނބުރި އޭނާއާއި ކުރިމަތިލިއެވެ.
- ~ނުނިމޭ~



